ދިވެހީންގެ މެދުގައި 

ދިވެހިބޭހުގެ ޝައުޤުވެރިކަން ކުޑަވެގެން ދިޔައީ ކީއްވެގެންހެއްޔެވެ؟

 
މުޙައްމަދު އިސްމާޢީލު ފުޅު  މއ. މާފުނަ
އިންސާނީ ނަސްލު އުފެދުނު ހިސާބުން ފެށިގެންވެސް ބޭސްފަރުވާގެ ޚިދުމަތަށް އިންސާނާ ބޭނުންވާނެކަން ކަށަވަރެވެ. އަދި މުޖްތަމަޢުގެ އެހެން ޚިދުމަތްތަކެކޭ އެއްފަދައިން ބޭސްވެރިކަމުގެ ޚިދުމަތްވެސް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ކުރިއަރާ، އައު ޚިދުމަތްތައް ތަޢާރަފްވެ، އައު އީޖާދުތައް ކުރެވެމުންދާނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކެވެ. އެހެންކަމުން ކޮންމެ ޚިދުމަތަކަށް ބަލައިލިނަމަވެސް އެދާއިރާއަކުން އެދުވަސްވަރަކަށް ލިބެންހުންނާނީ އެދާއިރާއަކުން އެދުވަސްވަރަކަށް ލިބެންހުންނާނެ އެންމެ ރަނގަޅު ޚިދުމަތެވެ. އިއްޔެގެ ޚިދުމަތްތައް އިއްޔެއަށް ރަނގަޅެވެ. މިއަދަށް ރަނގަޅުވާނީ މިއަދުގެ ޚިދުމަތްތަކެވެ. 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 މިދެންނެވި ހަމަތަކާ އުޞޫލުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ބޭސްފަރުވާގެ ޚިދުމަތްތަކަށް މިއަދު މިވަނީ ވަރަށް ވަރުގަދަ އިންޤިލާބެއް އައިސްފައޭ ދެންނެވިދާނެއެވެ. ޝައްކެއްނެތެވެ! ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެކެވެ. މީސްކޮޅުވެސް މަދެވެ. ނަމަވެސް ދިވެހިރާއްޖެއަކީ ދިގު މާޒީއެއް ޙިއްޞާކުރާ ފަޚުރުވެރި ތާރީޚެއް ލިބިފައިވާ، ޝަރަފުވެރި ޤައުމެކެވެ. އެހެންކަމަށްވާނަމަ ބޭސްވެރިކަމުގެވެސް ދިގުމާޒީއެއް ދިވެހިރާއްޖެއަށް ލިބިފައިވާނެކަމީ ދެބަސްނުވެވޭނެ ކަމެކެވެ. ކަންމިހެން ހުރިއިރު  ދިވެހިރާއްޖޭގެ ފުރަތަމަ ރަށްވެހީން ރާއްޖެއަށް ތަޢާރަފްކުރީ ކޮންފެންވަރެއްގެ ކޮންބާވަތެއްގެ ބޭސްވެރިކަމެއްކަން ނޭގި ހިނގައިދާނެއެވެ. ނަމަވެސް މީލާދީން 18 ވަނަ ޤަރުނާއި ހަމަޔަށް އައިދެވުނުއިރު ރާއްޖޭގެ ފުރަތަމަ ރަށްވެހީން ރާއްޖެއަށް ގެނައި ބޭސްވެރިކަން ވަނީ ދިވެހީންގެ އަމިއްލަ ބޭސްވެރިކަމެއްގެ ގޮތުގައި  ނުހަނުބޮޑަށް ކުރިއަރާ ތަރައްޤީ ވެފައެވެ. އަދި އެބޭސްވެރިކަމަކީ ގިނަ ބަލިތަކަށް ރަނގަޅު ފަރުވާތަކެއް ލިބިދިން ބޭސްވެރިކަމެއްކަމަށް ދިވެހީން އޭރުވަނީ ޤަބޫލުކޮށްފައެވެ. ދިވެހިބޭސްވެރިކަމުގެ މޮޅުކަމާއި ފައިދާގެ ވާހަކަ ބޭރުގެ ބައެއް ލިޔުންތެރީން އޭރުވަނީ އެމީހުންގެ ބައެއް ފޮތްތަކުގައި މިވާހަކަތައް ލިޔެ ހަދާފައެވެ.  މީލާދީން 18 ވަނަ ޤަރުނާއިހަމަޔަށް އައިއިރު ދިވެހި ބޭސްވެރިކަމަށް މިފަދަ ކުރިއެރުންތަކެއް ލިބިގެންދިޔައިރު ދިވެހިބޭސްވެރީން ވަނީ ރަނގަޅު އުޞޫލުތަކެއްގެމަތީގައި ބޭސްވެރިކަމުގެ ފަންނު އެކުލަވާލާ ޕްލޭންކޮށް އޭގެ ބައެއް ހަމަތަކާ އުޞޫލުތައް ތަޢާރަފްކޮށްފައެވެ. މިގޮތުން ދިވެހި ބޭހުގެ ބާވަތްތައް މައިގަނޑު 7 ބަޔަކަށް ވަނީ ބަހަލާފައެވެ. އޭގެތެރޭގައި ހިމެނެނީ:  1- އޮށްބޭސް އަރޮޅި، ބުރޮޅި، އެސްމާ، ބޯބިލި، ތަނބިވައް2- މިނާބޭސް އޯބަތް، އަސަޅިޔާ، ކަޅުދިރި، ހިތިދަމުއި، ފަރިހިދަމުއި، ބޮޑުދަމުއި،(ދިވެހިބޭހާބެހޭގޮތުން ލިއުއްވާ ބައެއް ބޭފުޅުން ދިރި، ދަވިއްގަނދު، ކޮތަބިރި، އަސޭމިރުސް މިބައިގެތެރޭގައި ލިއުއްވާފައިހުއްޓާ ފެނެއެވެ.)3- މަތިކަރާބޭސް ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ހިކިއިނގުރު، ބަޒަބާޒު، ކައްބާބު، ވަކިފޫ،                ތަކޫވައް4- ހުވަނދުބޭސް ކޮއްޗޭފަތް، ފޮނިމާ، ފޮތިހުވަނދު، ރަސްހުވަނދު، ހުއިސުން،    ކުމުންޒާނި،ކެލާ، ބޮކަރު، ކަލަނގާރި، ލާދަން، މަހުލަނބުއޮށް، ހަބަރު އަފިހުން ވަށަނގުލި، ގަނދުރަހަ، ލާމި5- އަސްކަނުބޭސް     ހަބަރު، އަފިހުން، ވަށަނގުލި، ގަނދުރަހަ، ލާމި6- ތަދުބޭސް ނުވަތަ ވިހައިގެ ބޭސް ހިއްތަން، ތާވައްކާށި، ހުދުފިހި ހުދުހިލަފާޖާރު، ހުދުރަންކަރު، ހަރުފަމުތް،  މަސްދަތް7- ވަކިބޭސް ނުވަތަ މަސްހުނިބޭސް ކުރިން ބުނެވިދިޔަ ބައިތަކުގައި ނުހިމެނޭ ބޭހުގެ ބާވަތްތަކާއި، އަދި ކުރިން ބުނެވިދިޔަ ބޭސްތަކުގެތެރެއިން އެއްބައި އަނެއްބަޔާ މަސްހުނިކޮށްގެން ހަދާބޭހެވެ. މީގެ އިތުރުން ދެން ހިމެނެނީ ފަތްޕިލާވެލީގެ ބާވަތްތަކެވެ.  މީލާދީން 18 ވަނަ ޤަރުނު ނިމި 19 ވަނަ ޤަރުނާ ދިވެހިބޭސްވެރީން ކުރިމަތިލީވެސް  ދިވެހިބޭހުގެ ނަމުގައި ވަރަށް އަމިއްލަވަންތަ ބޭސްވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް އެހިސާބުން ފެށިގެން ދިވެހި ބޭސްވެރިކަމަށް އަންނަމުންދިޔަ އެކިއެކި ބަދަލުތަކާއި ގުޅިގެން  ހަމައެކަނި ދިވެހިބޭސްވެރިކަމޭ ނުބުނޭވޭ ހިސާބަށް ކަންތައްތައް މިހާރު މިވަނީ ބަދަލުވެފައެވެ.  އަވައްޓެރި އެހެން ޤައުމުތަކުގެ ބޭސްވެރިކަމާ ދިވެހިބޭސް މިހާރު މިވަނީ ވަރަށްބޮޑަށް މަސްހުނިވެފައެވެ. ޔޫނާނީ ބޭސްވެރިކަމާއި އަޔޫރުވެޑިކް ބޭސްވެރިކަންވެސް އޭގެތެރެއަށްވަދެ އެކުވެފައެވެ. މިހިސާބުން އުފެދޭ ސުވަލަކީ ދިވެހީންގެތެރޭގައި ނުހަނު މަޤްބޫލުކަމާއެކު ކުރިއަރަމުންއައި މިދެންނެވި ދިވެހިބޭސްވެރިކަން، މިއަދު މަޑުޖެހިލާ ، ދާއިރާ ހަނިވެ ، ދިވެހީންގެ ޝައުޤުވެރިކަމާއި އިތުބާރު ގެއްލިދިޔައީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. މިސުވާލަށް ޖަވާބެއްދޭނަމަ ދަންނަވަންޖެހެނީ މިކަމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރިކަމުގައެވެ. އޭގެތެރޭގައި ހިމެނޭ މުހިންމު އެއްސަބަބަކީ ދިވެހިބޭސްވެރިންގެ ތެރޭގައި އުފެދުނު މޮޅެތި ބޭސްވެރީން، އެމީހުން ކުރަމުންގެންދިޔަ ކާމިޔާބު ބޭސްވެރިކަމުގެ މަޢްލޫމާތު އެހެން ބަޔަކަށް އުނގަނައިދިނުމަށް ފަސްޖެހުނު ކަމެވެ. ނުވަތަ އުނގަނައިނުދީ އަޅުގަނޑުމެންނާ އެފަދަމީހުން ވަކިވެގެންދިޔަކަމެވެ. އަދި އެފަދަ ބޭސްފަރުވާގެ މަޢްލޫމާތު އެކަށީގެންވާ ގޮތެއްގައި ލިޔެ ރައްކާކޮށްފައިވެސް ނެތްކަމެވެ. މިހެންދަންނަވާއިރު ކޮންމެ ދިވެހިބޭސްވެރިޔަކުވެސް ބޭސްފަރުވާއާއި ގުޅޭ ފޮތްބޮޑިއެއް ނުގެންގުޅެޔެކޭވެސް ދެންނެވޭކަށް ނެތެވެ. ނަމަވެސް ލިޔެފައިހުރި ޒަމާންވީ މިފަދަ ގިނަ ލިޔުންތަކަށް ބަލާއިރު، އޭގެތެރޭގައިހުރި ގިނަ ލިޔުންތައް ހުރީ އެހެންމީހަކަށް އޭގެ ރަނގަޅު މަޢްލޫމާތާއި މަފްހޫމު ދޭހަނުކުރެވޭވަރަށް އޮޅުންބޮޅުން ވެފައެވެ. ދެންހުރި ގިނަ ލިޔުންތައް ހުރީ ހުތް ގިނަވެފައިހުރި  ދެލިދަވާދުން ލިޔެފައެވެ. ނަތީޖާއެއްގެގޮތުން ދެލިދަވާދުގެ ގިނަ ލިޔުންތައް ހުރީ ކިޔަން ނޭގޭވަރަށް ހަލާކުވެ ގޮސްފައެވެ. ނަމަވެސް މިދެންނެވި ލިޔުންތަކުގެތެރެއިން ކިޔާލަން ލިބުނު ގިނަ ލިޔުންތަކަށް ބަލާއިރު އެބޭސްތައް ނަކަލުކޮށްފައި ހުރީ ދުނިޔޭގެ މޮޅެތި މޮޅެތި ޙަކީމުންގެ ބޮޑެތި ބޮޑެތި ފޮތްތަކުންކަމަށް މިފަދަ ލިޔުންތައް ދިރާސާކުރައްވާ ތަޖްރިބާކާރުން އެއްބަސްވެވަޑައިގަންނަވައެވެ. އޭގެތެރޭގައި އިބްނުސީނާގެ “އަލްޤާނޫނު” އާއި، އިބުނުނަފީސްގެ “ތަޞްރީޙުލްޤާނޫނު” އާއި، އައްސުޔޫޠީގެ “ކިތާބުއްރަޙްމާ” އައި، ދާއޫދުލްއިންތާކީގެ “ތަޒުކިރަތުލްއިންތާކިއްޔާ” ފަދަ ފޮތްތައް ހިމެނެއެވެ.   ކަންމިހެންހުރިއިރު މިދެންނެވި ލިޔުންތައް ނަކަލުކޮށް ލިޔެފައިހުރި ގިނަ ބޭސްވެރީންނަކީ ބޭރު ބަސްބަހުގެ އަހުލުވެރީންކަމުގައި ނުވީތީ އާއި، އަދި އިތުބާރުހުރި ރަނގަޅު ލިއުންތެރީންކަމުގައި ނުވީތީ، ނަކަލުކޮށްފައިހުރި ގިނަލިޔުންތަކަށްވަނީ ނޭގުމުގެތެރޭގައިނަމަވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. ނަތީޖާއެއްގެގޮތުން ބައެއް ބޭހުގެ ނަންތަކާއި، ފަތްޕިލާވެލީގެ ބާވަތްތަކާއި،  ބޭސް އެއްކޮށް ފަރުވާ ކުރިޔަށް ގެންދާނެ ގޮތްތަކާއި، މިފަދަ މަޢްލޫމާތުތައް ވަނީ އޮޅޭގޮތް ވެފައެވެ.    ދިވެހީންގެމެދުގައި ދިވެހިބޭސްވެރިކަމުގެ މަޤްބޫލުކަން ގެއްލިގެންދިޔަ އަނެއް ސަބަބަކީ ދިވެހިބޭސް ތައްޔާރުކުރުމަށް ބޭނުންވާ ފަތްޕިލާވެލި ފިޔަވާ، އެނޫން ގިނަ ބާވަތްތަކުގެ ބޭސްތަކަކީ ރާއްޖޭގައި ހެދޭ ނުވަތަ ހައްދާ ތަކެތިކަމުގައި ނުވާތީ އެފަދަ ތަކެތި ރާއްޖޭން ބޭރުން ގެންނަން ޖެހުނުކަމެވެ. އަދި ކުރީޒަމާނުގައި ދަތުރުފަތުރާއި މުވާޞަލާތު ގެ ދަތިކަން ހުރިގޮތުން ފަސޭހަކަމާއެކު އެތަކެތި ބޭރުން ރާއްޖެއަށް ގެނެވޭނެ މަގެއްވެސް އަދި އިންތިޒާމެއްވެސް ރޭވިފައި ނެތްކަމެވެ. މީގެ އިތުރުން ދިވެހިބޭސް ތައްޔާރުކުރުމުގައި އުފުލަންޖެހޭ ތަކްލީފު ، އެއީވެސް ދިވެހިބޭހުގެ ޝައުޤުވެރިކަން ދިވެހީންގެ މެދުގައި ކުޑަވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ. ބޭހަށް ބޭނުންވާ ފަތްޕިލާވެލި ހޯދުން އެހާ ދަތިކަމަކަށްވާއިރު އެފަދަ ތަކެތި ދެނެގަންނަން އެނގޭ މީހުންވެސް މިހާރު ދިވެހީންގެތެރޭގައި މިވަނީ ވަރަށް މަދުވެފައެވެ. ބޭސްވެރިޔާއަށްވެސް މިކަމުގައި އޮޅުންއަރާގޮތް ދިމާވަނީ މަދެއްކޮށްނޫނެވެ.  ދިވެހިބޭސްވެރިކަމުގެ މަޤްބޫލުކަން މިދެންނެވި ސަބަބުތަކާއި ގުޅިގެން ދިވެހީންގެމެދުގައި ކުޑަވެގެންދިޔައިރު ދިވެހި ބޭސްވެރީން މުޖްތަމަޢުން ބަލައިގަތުމުގައިވެސް އުނިކަންތައްތަކެއް ހުރިކަން އެއީވެސް މިފުރްޞަތުގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ގިނަރަށްރަށުގައި ބޭސްވެރީން މުޖްތަމަޢަށް ތަޢާރަފްވަމުން ގޮސްފައިހުރީ ސިލްސިލާ ބޮޅުތަކެއް ފަދައިން އެއްޢާއިލާތަކެއްގެ ތެރެއިންނެވެ. ކަން މިހެން ހުރިއިރުވެސް ތަޖުރިބާކާރު ބޭސްވެރި ބައްޕަ އޭނާގެ ދަރިފުޅު މުޖްތަމަޢުގެ ކުރިމައްޗަށް ބޭސްވެރިއެއްގެ ގޮތުގައި ނެރެފައިވަނީ އެބައްޕަޔަށް ލިބިފައިހުރި ބޭސްވެރިކަމުގެ މުހިންމު މަޢްލޫމާތާއި އަގުހުރި ތަޖްރިބާ އެދަރިފުޅަށް ކިޔައިދީ އުގަނައިދީފައެއް ނޫނެވެ. އެދަރިފުޅު ދިވެހި ބޭސްވެރިޔަކަށް ވެފައިހުރީ ބައްޕަކުރަމުންދިޔަ ބޭސްވެރިކަން ބަލަންހުރެގެން އެދަރިއަށް އެއްކުރެވުނު މަދު މަޢްލޫމާތުކޮޅަކާ އެކުގައެވެ. ދެންއޮތީ ބައްޕައިންގެފަރާތުން ދަރީންނަށް މިފަދަ ގޮތަކަށް ކަންތައް ދިމާވީ ކީއްވެތޯ އުފެދޭ ސުވާލެވެ. މިއީވެސް ޖަވާބުދޭން މާދަތި ސުވާލެއްނޫނެވެ. އުމުރުން ދުވަސްވީ ބައެއް މީހުން މަޢްލޫމާތު ދިންގޮތުގައި މިފަދަ މަޢްލޫމާތު އެދުވަސްވަރު ބައްޕައިންގެފަރާތުން ދަރީންނަށް ކިޔައިދީ އޮޅުންފިލުވައި ދެވިފައިނުވަނީ ބައްޕަގެ މަޤްބޫލުކަން މުޖްތަމަޢުގައި ކުޑަވެދާނެކަމަށް ކުރެވުނު ކުށް ހީތަކެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނޫނީ މިފަދަ ކަންކަން ކިޔައިދީ ބުނެދިނުމުގެ ލިޔާޤަތްތެރިކަމާއި، ޤަބިލުކަން އެފަދަ ބައްޕައިންގައި ނެތީކަމަށްވެސް ވެދާނެއެވެ.  ކޮންމެއަކަސް މިދަންނަވައިލެވުނީ ދިވެހިބޭސްވެރިކަމާމެދު ދިވެހީންގެ ޝައުޤުވެރިކަމާއި އިތުބާރު ގެއްލުމަށް މެދުވެރިވި  މުހިންމު ބައެއް ސަބަބުތަކުގެ ވާހަކައެވެ. މިކަންކަމާއި ގުޅިގެން ދިވެހިބޭސްވެރިކަން އިތުރަށް ހަރުދަނާކުރެވޭތޯ އެކިދުވަސްވަރު އެކި މަސައްކަތްތައް ސަރުކާރުން ކުރައްވަމުންގެންދެވިއެވެ. ތަފާތު ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަމުންވެސް ގެންދަވާފައި ވެއެވެ. ނަމަވެސް ދިވެހިބޭސްވެރިކަމާ ގުޅޭ ކަންތައްތައް ކުރީގެ ދުވަސްތަކުގައި ރޭވި ހަމަޖެހިފައިހުރީ އެއަށްވުރެ މާ ދަތިކޮންނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ދިވެހި ބޭސްކުރާ ކޮންމެ މީހަކީ އެކަމުގެ ސަނަދު އޮންނަންޖެހޭ މީހަކަށް ވުމަށް ސަރުކާރުން ލާޒިމުކުރި ދުވަސްވަރެއް ދިޔައެވެ.  ނަމަވެސް ދިވެހިބޭސްވެރިކަމާ ގުޅޭ ރަނގަޅު މަޢްލޫމާތު ހޯދައި ލިބިގަންނާނެ ގޮތްތަކެއް އޭރު ރޭވި ހަމަޖެހިފައެއް ނެތެވެ. މިކަމާގުޅޭގޮތުން ބަލައިލާނެ ފޮތެއްވެސް އޭރު ޗާޕުވެފައެއް ނެތެވެ. އެހެންކަމުން ސަނަދު ހޯދުމަށް އެދޭ މީހާއާ ސުވާލުކުރާނީ ކިހިނެއްކަން، އެކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކަށްވެސް ދެނެގަންނާކަށް ނޭގުނެވެ. ބައެއްފަހަރު އެއްބައްޔެއްގެ ފަރުވާއާއި ބެހޭގޮތުން 2 މަޤާމެއްގައި އެއްސުވާލުކޮށް އެއްޖަވާބެއް ދެވިއްޖެނަމަ އެއީވެސް ފާސްވުމެއްކަމުގައި ބައްލަވާފައި އެބަހުއްޓެވެ. ނޫނީ އަތޮޅުވެރިޔާއަށް ފެނިވަޑައިގަންނަވައިގެން އެއަތޮޅަކުން ސަނަދު ދިނުމަށް އެދި ފޮނުއްވާ ލިސްޓުގައި ހިމެނޭ ކޮންމެމީހަކަށްވެސް އިތުރު ސުވާލުކުރުމެއްނެތި ސަނަދު ދޫކޮށްދޭގޮތަށް ހަމަޖައްސައި އެކަން އެގޮތަށް ނިންމަވާފައިވެސް އެބަހުއްޓެވެ. ކޮންމެއަކަސް 2 ވަނަ ބޮޑުހަނގުރާމައާއި ހަމަޔަށް ދިވެހީން ދަތުރުކުރީ ދިވެހިބޭސްވެރިކަމުގެ ތެރޭގައެވެ. ނަމަވެސް 2 ވަނަ ބޮޑުހަނގުރާމަ ނިމި ހަމަޖެހުމަކަށް އައިއިރު ދިވެހީންގެތެރޭގައި، ވަނީ ވެސްޓަން މެޑިސިން ނުވަތަ ޑޮކްޓަރީ ބޭސް ތަޢާރަފްވެފައެވެ. މިގޮތުން ފުރަތަމަ ދިވެހީންގެތެރެއަށް ތަޢާރަފްވީ ވަރަށްމަދު ބާވަތެއްގެ ޑޮކްޓަރީ ބޭހެވެ. އޭގެތެރޭގައި: ރަތް ހުންބޭސް، އޮރިއެންޓަލްބާމު، ބުމްބާމަލަން، މުށިދަޅުބޭސް، ޖަމޭކާޖިންޖަރ ހިމެނެއެވެ.   މިދެންނެވި ޑޮކްޓަރީބޭހުގެ ބާވަތްތައް ރާއްޖެއަށް ތަޢާރަފްވިތާ މާގިނަދުވަސްތަކެއްނުވެއެވެ. 11 ޖަނަވަރީ 1948 ދުވަހަކީ، ރާއްޖޭގެ ފުރަތަމަ ހަސްފަތާލު ކުޑަކުޑަ ކްލިނިކެއްގެ ސިފައިގައި، ރައްޔިތުން މަޖްލިސްކުރާގެ މިހާރު އެހުރި ތާންގައި، އޭރު އެތާހުރި ކަނބާގަނޑުވަރުގައި ހުޅުވުނު ތާރީޚީ ދުވަހެވެ. ދިވެހިބޭސްވެރިކަމުގެ ކުލަވަރު ރާއްޖޭގައި މަޑުމަޑުން ފަނޑުވެ ޑޮކްޓަރީބޭހުގެ ޝައުޤުވެރިކަން ދިވެހީންގެތެރޭގައި އާއްމުވާން ފެށީ އެހިސާބުންނެވެ. ފުރަތަމަ މާލޭގައެވެ. އޭގަފަހުން ރާއްޖެތެރޭގައެވެ. މިއަދު ރާއްޖޭގެ ހުރިހާހިސާބެއްގައިވެސް ބޭސްފަރުވާގެ ގޮތުގައި ބޭނުންކުރެވެމުންދަނީޑޮކްޓަރީ ބޭހޭ ދެންނެވުން އެއީ ކުށަކަށް ނުވާނެއެވެ. ނަމަވެސް މިފަހަކަށްއައިސް ދިވެހިބޭހާބެހޭގޮތުން ޚިޔާލުކުރާ އެކަމުގެ ޝައުޤުވެރިކަން ފަޅުކުރާމީހުން އިތުރުވަމުންދެޔޭ ހީވާފަހަރުވެސް އެބައާދެއެވެ.———————————————

About the author