ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު 26 ވަނަ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ "ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް" ކަމުގައެވެ. އެ ދުވަހު ތަޖުރިބާކުރި ބިރުވެރި ސުނާމީގެ ހިތްދަތި ހަނދާންތަކާއެކީގައެވެ. އެ ދުވަހު ދިވެހީންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އިއްޔެއަކީ އެ ދުވަހެވެ.

ދިވެހީން އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 10 އަހަރު ފުރިފައިވާއިރު އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިއްމު ކަމަކީ އެއްބައިވަންތަކަމަކީ ދިވެހި ޤައުމިއްޔަތުގެ މުޅި އޮނިގަނޑުކަމުގައެވެ. ދިވެހީންގެ އެއްބައިވަންތަކަމާ ނުލައި ދިވެހި ޤާއުމިއްޔަތަކަށް ދެމި ނޯވެވޭނެ ކަމެވެ. ޤައުމިއްޔަތުގެ ކޮންމެ ރުކުނެއް ބިނާޥެފައި އޮތީ އެއްބައިވަންތަކަމުގެ ބިންގަލާއެކީގައިކަމެވެ.
އާދޭހެވެ! ދިވެހީންނަކީ އެތައް ހާސް އަހަރެއްގެ ދިގު މާޒީއެއް އޮތް ބަޔެކެވެ. ފަޚުރުވެރި ތާރީޚެއް ލިޔެފައިވާ ބަޔެކެވެ. ހަރުދާނާ ޤައުމިއްޔަތެއްގެ ވެރި ބަޔެކެވެ. މި ފަޚުރުވެރި ޤައުމިއްޔަތު ބިނާވެފައިވަނީ ވަރުގަދަ ތަނބުތަކެއްގެ މަތީގައިކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ.
ދިވެހިޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް ރުކުނަކީ މާތްވެގެންވާ އިސްލާމްދީނެވެ. އިސްލާމްދީނުގެ ބަދަހި ގުޅުމުން ދިވެހީންގެ ހިތްތައް މީގެ އަށްސަތޭކަ އެތައް އަހަރެއްގެ ކުރީއްސުރެ ވަނީ ގުޅުވައިފައެވެ. ދިވެހި ޤައުމިއްޔަތަށް ލޮޅުމެއް ނާރައި ޤައުމިއްޔަތު ހިފެހެއްޓިފައި މި ވަނީ އިސްލާމްދީނަށްޓަކައި ދިވެހީންގެ ހިތްތަކުގައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ. ދީނީ އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އިޖުތިމާޢީ އެއްބައިވަންތަކަމުގެ ބަދަހި ގުޅުން ދިވެހިންގެ މެދުގައި ދަމަހައްޓައިދެނީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީންގެ މެދުގައި މި އޮތް ދީނީއެއްބައިވަންތަކަމަށް ލޮޅުމެއް ނާރާހާ ހިނދަކު، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހީނަރެއް ނުވާނެއެވެ. ސިޔާދަތަށް ބަލިކަށިކަމެއް ނާންނާނެއެވެ. މިނިވަންކަމަށް ބުރުލެއްވެސް ނާރާނެއެވެ. އަޅުގަނޑުމެންގެ މެދުގައި ދީނީ ބައިބައިވުން އުފެއްދުމަށް ދުޝްމަނުން ކެނޑިނޭޅި މަސައްކަތްކުރާ ސަބަބަކީ މިއީ އެވެ. ތަފާތު ނަންނަމުގައި އަޅުގަނޑުމެން ބައިބައިކުރުމަށް މަސައްކަތްކުރަނީ މި ސަބަބަށްޓަކައެވެ. 
ސިޔާސީ ބައިބައިވުމަކީ ވަގުތީ ކަމަކަށް ވިޔަސް ދީނީ ގޮތުން މުޖުތަމަޢުގައި ބައިބައިވުން އުފެދިއްޖެ ނަމަ، އެ ފަދަ ދެކޮޅުވެރިކަމަކީ މައިތިރިކުރާން ފަސޭހަ ކަމަކަށްނުވާނެ އެވެ. ކައިރި ކަރަކަޔާއި ދުރު ޤައުމުތަކުން މިފަދަ މިސާލުތައް ފެނެއެވެ. ޢަމުދުން އަޅުގަނޑުމެންފަދަ ވަކިވަކި އެކަހެރި ރަށްތަކެއްގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅޭ އެންމެން ދަންނަ މުޖުތަޢެއްގައި މިފަދަ ބައިބައިވުމެއް އުފެދިއްޖެ ނަމަ އެކަމުގެ ގެއްލުން އިޙުސާސްކުރަން ނޭގޭހާވެސް ބޮޑުވާނެއެވެ. ވީމާ، ޤައުމިއްޔަތު ހަރުދަނާ ކުރުމަށް މަސައްކަތަކުރާ އިރު ދިވެހީން އެންމެ އިސްކަމެއް ދޭންވީ އަޅުގަނޑުމެންގެ މެދުގައި މި އޮތް ދީނީ އެއްބައިވަންތަކަން ބަދަހިކުރުމަށެވެ.
ޤައުމިއްޔަތުގެ ދެވަނަ ތަނބަކީ ދިވެހިބަހެވެ. ދިވެހީންގެ  މާދަރީ ބަހެވެ. މާދަރީ ބަހަކީ ދިވެހީން މުޢާމަލާތު ކުރާން ބޭނުންކުރާ ވަސީލަތެއް އެކަންޏެއް ނޫނެވެ. އެއީ ދިވެހި ތާރީޚާއި ސަގާފަތު އެއްޖީލުން އަނެއް ޖީލަށް ވާޞިލުކޮށްދޭ ސަވާރީ ވެސް މެއެވެ. އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ އެންމެ ބޮޑު އެހީތެރިޔަކީ ބަހެވެ. ދިވެހީންގެ މަތިވެރި ޙަޟާރަތު އަޅުގަނޑުމެންނަށް ވާޞިލުކޮށްދެނީ ބަހުގެ ވަސީލަތުންނެވެ. އިސްލާމްދީނުގެ މަޢުލޫމާތު ފަތުރައި ދީނީ ގޮތުން އެއްބައިވަންތަ ބަޔަކަށް ހެދުމުގެ މެދުވެރިޔަކީ ދިވެހިބަހެވެ. ދިވެހި ކާބަފައިންގެ އަގުހުރި ޚިދުމަތްތައް އަޅުގަނޑުމެންނަށް އަންގައިދެނީ ބަހުގެ ޒަރީޢާއިންނެވެ. ކާބަފައިންގެ ސަގާފަތާއި އާދަކާދަތައް ދެނެގަނެވެނީ ބަހުގެ ވާސިޠާއިންނެވެ. ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށްދިނުމުގެ އެންމެ ޚާއްސަ މެދުވެރިޔަކީ ބަހެވެ. އެހެންވީމާ ދިވެހިބަހަށް ލިބޭ ކޮންމެ ހީނަރުކަމަކުން ދިވެހި ޤައުމިއްޔަތަށް ލޮޅުންއަރާނެ އެވެ. ވީމާ ޤައުމީ ރޫޙެއް ހުރި ދިވެހި ކޮންމެ ހިތެއްގައި ދިވެހިބަހަށް ޚާއްޞަ މަޤާމެއް ދޭންޖެހޭނެކަން ކަށަވަރެވެ.
މި ކުޑަކުޑަ ދިވެހި ޤައުމު މިނިވަންކަން މަތީ އެތައް ޤަރުނެއްވަންދެން ދަމަހައްޓައިދިނީ ދިވެހި ކާބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކުގެ ސަބަބުންނެވެ. އެ މަތިވެރި އަބްޠާލުންނާއި އެ ލޮބުވެތި އަޖުދާދުންގެ ވަރުގަދަ ހިތްވަރުންނެވެ. މިކަންކަމުން ޢިބްރަތް ޙާޞިލުކުރުމަކީ ޤައުމީ ރޫޙާއި ޖޯޝް ވަރުގަދަކުރުމަށްޓަކައި ކުރުން ލާޒިމުކަމެކެވެ. މިކަންކަން ޙާޞިލުކުރުމަށް ދާން އޮތް މަގަކީ ދިވެހި ތާރީޚެވެ. ވީމާ ދިވެހި ތާރީޚާމެދު އިތުރަށް ސަމާލުވެ ދިވެހީންގެ ތާރީޚު ޚިމާޔަތްކުރުމަކީ ޤައުމިއްޔަތަށްޓަކައި ކުރާންޖެހޭ ކަމެކެވެ. އެއްވެސް ޝައްކެއް ނެތެވެ. ދިވެހީންގެ ތާރީޚަކީ ފަޚުރުވެރި ތާރީޚެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ވަރަށް ވަރުގަދަ ތަނބެކެވެ.
ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރި ކަމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަންކަމެވެ. ދިވެހީންގެ މަތިވެރި އަޚުލާޤާއި ރީތި ސުލޫކު ވަނީ ސައްޔާޙުންގެ ޔައުމިއްޔާތަކުން ޖާގަ ހޯދައިފައެވެ. ކެތްތެރިކަމާއި ޢަޤީދާގެ ހަރުދަނާކަމާއި މެހުމާނުދާރީ އަދާކުރުމާއި ސާފުތާހިރުކަމަކީ ކާބަފައިންގެ ދިރިއުޅުމުގެ މަތިވެރިކަމުގެ ރަމްޒެވެ. މިއީ ދިވެހީންގެ ސަގާފަތެވެ. އެހެންވީމާ ދިވެހީންގެ ފަޚުރުވެރި ޤައުމިއްޔަތުގެ ވަރަށް މަތިވެރި ޙިއްސާއެއް ދިވެހި ސަގާފަތް އަދާކުރާކަން ކަށަވަރެވެ.
ވީމާ ދިވެހި ޤައުމިއްޔަތު ބަދަހިކޮށް ހަރުދަނާ ކުރުމަށްޓަކައި އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކޮށް ޙިމާޔަތްކުރާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ޤައުމީ ބަހަށް އާދެ! ދިވެހި ބަހަށް އިސްކަންދޭން އެބަޖެހެއެވެ. ދިވެހިބަހަށް ހީނަރުކަން އަޔަނުދީ އެ ބަސް ތަރައްޤީކޮށް ކުރިއަރުވާން އެބަޖެހެއެވެ. ދިވެހިބަސްދެކެ ލޯބިވާން އެބަޖެހެއެވެ. ދިވެހި ތާރީޚު އުނގެނި ދަސްކޮށް ދިރާސާކުރާން އެބަޖެހެއެވެ. ދިވެހި ސަގާފަތް ދިރުވައި އާލާކުރާން އެބަޖެހެއެވެ. ދިވެހި ޤައުމިއްޔަތު ވަރުގަދަކުރެވޭނީ ޤައުމިއްޔަތުގެ އަސާސްތައް ވަރުގަދަކޮށްގެންނެވެ. މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީންގެ ފަޚުރުވެރި ދިވެހިބަހެވެ. ދިވެހީންގެ އަގުހުރި ތާރީޚެވެ. ދިވެހީންގެ މުއްސަނދި ސަގާފަތެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ 4 ރުކުނަކީ މިއީ އެވެ. ވީމާ، ދިވެހީންގެ ފަޚުރުވެރި ޤައުމީ ދުވަހު ޚާއްޞަ ގޮތެއްގައި މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ފަށަމާތޯއެވެ؟ ދިވެހި ޤައުމަށްޓަކައެވެ. ޤައުމީ އެއްބައިވަންތަކަމަށްޓަކައެވެ. ދިވެހި މިނިވަންކަމާއި ސިޔާދަތަށް ޓަކައެވެ. ޤައުމުގެ ސަލާމަތަށްޓަކައެވެ. ———————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.