ޚާއްޞަ މުރާސިލު
މިއަދަކީ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. 1436 ވަނަ އަހަރު ރަބީޢުލްއައްވަލުމަހު ފުރަތަމަ ދުވަހެވެ. މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ތިޔަ ހުރިހާ ބޭފުޅުންނަށާއި ދިވެހި ލޮބުވެތި ހުރިހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.
 
ޤައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތައް ފެށުނީ މިއަދު ހެނދުނު 6:00 ގައެވެ. ޖުމްހޫރީ މައިދާނުގައި އޮތް، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރީންނަށާއި މުވައްޒިފުންނަށް ދަޢުވަތު ފޮނުއްވި ކަމަށް ވެއެވެ. މިކަން އެނގުނީ އެ ރަސްމިއްޔާތު ނިމުނު ފަހުން، މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ވެރިޔަކާ ބައްދަލުވެ ވާހަކަދައްކައިލުމުގެ ތެރޭގައެވެ.
 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 ރަސްމިއްޔާތުން އަޅުގަނޑަށް، ފެނުނީ ދެ ވަޒީރެކެވެ. ދެތިން ސްޓޭޓް މިނިސްޓަރެކެވެ. މިނިސްޓަރުންގެ ނާއިބުން ކުރެ ހައެއްކަ ބޭފުޅުންނެވެ. މިނިވަން މުއައްސަސާތަކުގެ އެންމެ އިސް ވެރީންކުރެ ދެތިން ބޭފުޅެކެވެ. ޔުނިފޯރމް އެޅި މުއައސަސާތަކުގެ ބޭފުޅުން ޚާއްޞަކޮށް ސިފައިންނާއި ފުލުހުންގެ ގިނަ ޢަދަދެއްގެ ބޭފުޅުންނެވެ. ކަސްޓަމްސްގެ ބޭފުޅުންނެވެ. އިމިގްރޭޝަނެވެ. ކަރެކްޝަނަލް ސަރވިސްއެވެ. މީގެ އިތުރުން ދައުލަތުގެ އެހެން އިދާރާތަކުގެ 100 ވަރަކަށް މުވައްޒިފުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރަކުވެސް އެތާކުން އަޅުގަނޑަކަށް ނުފެނުނެވެ. ޤައުމިއްޔަތުގެ ވާހަކަ ޓީވީތަކުންނާއި ރޭޑިއޯތަކުން ވަރަށް ގިނައިން ދައްކަވާ ބޭފުޅުން ވެސް ފެނެއެވެ. އެ ފަދަ މޫނުތައް އެ ރަސްމިއްޔާތުން ނުފެނުނީތީ ހިތާމަކުރަމެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަންނަވާ ރަސްމިއްޔާތަކަށް ވާތީ ދިމާވި ކަމެއްބާވައެވެ. އެހެންކަމަށްވާނަމަ، ހިތާމަވެރިކަން މާ ބޮޑެވެ. ސަބަބަކީ ޤައުމީ ރޫޙަކީ ދެއްކުންތެރިކަމެއް ނެތި، އިޚުލާޞްތެރިކަމާއެކު އެ މީހެއްގެ ހިތުގައި އުފެދޭން ޖެހޭނެ އެއްޗެއް ކަމަށް ވާކަމެވެ. އަނެއް ކޮޅުން މިއަދުގެ ބޮޑެތި މީހުންނަކީ ޒުވާނުންނާއި ކުޑަކުދީންނަށް ނަމޫނާ ދައްކާން ޖެހޭ މީހުން ނެވެ. އަޅުގަނޑުމެން މިއަދުގެ ޖީލުތަކުން މިފަދަ ނަމޫނާ ނުދެއްކިއްޖެ ނަމަ، މާދަމާގެ ޒުވާނުންނަށް ލިބޭނީ ކޮން ފިލާވަޅެއްތޯ ވިސްނައިލާން ޖެހެއެވެ. އަދި މިއަށްވުރެ މާ ހިތާމަވެރި ޚަބަރެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިފަހަރު ހޯމް މިނިސްޓްރީ އިން ދައުލަތުގެ އިދާރާތަކަށް ދަޢުވަތު ފޮނުއްވީ ސިޓީއަކުންނެވެ. އެ ސިޓީ ލިބުމުން ދައުލަތުގެ މިނިވަން މުއައްސަސާއަކުން ކަންކުރެއްވި ގޮތާ މެދު ދެރަވެގެން އެތާގެ މުވައްޒިފަކު ކިޔައިދިނެވެ. “ހޯމް މިނިސްޓްރީގެ (ދަޢުވަތު) ސިޓީ ލިބުމުން ހުރިހާ މުވައްޒިފުންނަށް އެކަން އަންގާން ވެގެން ވެރިޔާ އަށް ދެންނެވުމުން ވިދާޅުވި އެވެ. ‘އަޅައިލާނެ ކަމެއް ނެތެވެ. ސިޓީ ބާއްވާށެވެ’.” މިއީ ޙަޤީޤަތް ކަމަށްވާ ނަމަ ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އާދައިގެ މުވައްޒިފުންނަށް ވެރީން މިފަދަ ނަމޫނާ ދައްކަވާނަމަ މުސްތަޤުބަލު ހާދަހާ ބަނައެވެ. އެ މުވައްޒިފުގެ ވާހަކަ ތެދުކަން އެނގެނީ، އެ މިނިވަން މުއައްސަސާގެ އެއްވެސް ވެރިޔަކު ނުވަތަ މުވައްޒިފަކު މިއަދުގެ ރަސްމިއްޔާތުން ނުފެނުނީތީ އެވެ. މިއީ ޤައުމީ ދުވަހެއްގައި، ޤައުމީ ރޫޙު އާލާކުރުމުގެ ވާހަކަދައްކާއިރު، ދައުލަތުގެ މަސްއޫލުވެރީން އިތުރަށް ސަމާލުކަންދެއްވާން ވެއްޖެ ކަމެއް ކަމަށް ފެނެއެވެ. މިކަން އިޞްލާޙުކުރުމަށް މަސައްކަތްތަކެއް ކުރާންވެއްޖެ އެވެ. ފަތިހު ތެދުވުމުގެ އާދަ އަށަގެންނެވުމަށްޓަކައި އަވަހަށް ނިދާން ފަރިތަކުރާން އެބަޖެހެއެވެ. ޤައުމިއްޔަތުގެ އެއްބައި ކަމަށްވާ ދިވެހި ރީތި ސަގާފަތް އަލުން އާލާކުރާން އެބަޖެހެއެވެ. ޤައުމީ ކަންކަމަށާއި ޤާއުމީ އިޙުތިފާލުތަކަށް ސަމާލުކަންދީ ޤައުމީ ޖޯޝް ވަރުގަދަކުރާންއެބަޖެހެއެވެ. ޤައުމިއްޔަތު ހަރުދަނާކުރުމަށްޓަކައި މިއީ މުހިއްމު ކަންކަމެވެ. ތަރައްޤީގެ މަގުގައި ޤައުމަކަށް ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އެޅޭނީ ޤައުމިއްޔަތު ހަރުދަނާވެގެންނެވެ. ޤައުމިއްޔަތު ހަރުދަނާކުރެވޭނީ ޤައުމީ ކަންކަމަށް އަޅުގަނޑުމެން އެންމެން ދޭ ސަމާލުކަން އިތުރުކޮށްގެންނެވެ. މިއީ މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތު، ފޮޓޯނަގާން އެތަނަށް ގޮސްފައި އަޅުގަނޑުގެ ހިތުގައި އުފެދުނުގެ ޝުޢޫރުތަކެކެވެ. ޤައުމާ މެދު ވިސްނާ މީހެއްގެ ހައިސިއްޔަތުންނެވެ. ޤައުމީ ރޫޙު އާލާކުރާން ބޭނުންވާ މީހަކަށް ވާތީއެވެ. މިކަމާމެދު ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ވިސްނައިވަޑައިގެން އިޞްލާޙީ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ އުއްމީދުގައެވެ. ————————————-

About the author