ޙުސައިން ޢާމިރު   
(09 ޑިސެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

އެނީމިއާގެ ޢަލާމާތްތައް

އެނީމިއާ ޖެހިފައިވާކަން ދެނެގަތުމަކީ ބައެއްފަހަރު އުނދަގޫކަމެކެވެ. ގިނަފަހަރަށް އެނީމިއާއަށް ވާސިލުކުރަނީ އެތައް ދުވަހެއްގެ ތެރޭގައި މަޑުމަޑުންނެވެ. މޫނުމަތިން ކުލަ ފަނޑުވެފައި ހުރުމަކީ އެނީމިއާގެ ޢަލާމާތަކަށް ވެދާނެއެވެ. އެއީ ލޭނާރުތަކުގެ ތެރެއިން ދަތުރުކުރާ ލޭގައި ރަތްސެލްތައް މަދުވުމުގެ ސަބަބުންނެވެ. ހިތުގެ ވިންދު އަވަސް ވުމަކީ ވެސް އެނީމިއާ ހުރިކަން ދޭހަކޮށްދޭ ސަބަބަކަށް ވެދާނެއެވެ. އެއީ ހަށިގަނޑުގައި ދައުރުކުރާ ލޭގައި ހިމެނޭ އޮކްސިޖަން މަދުވުމުގެ ސަބަބުން ހަލުވި މިނެއްގައި، ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދިނުމަށް ހިތުން ލޭ ޕަންޕުކުރާލެއް އަވަސްވަނީއެވެ. އެއާގުޅިގެން ވިންދުޖަހާލެއްވެސް ހަލުއިވަނީއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
އެނީމިއާ ޙާލަތުގެ ސަބަބުން މީހާގެ ޞިއްޙަތު ދަށަށްދާ ވަރަކަށް އާދަޔާ ޚިލާފަށް ވަރުބަލިވާކަމާއި ނޭވާ ކުރުވާކަން އިޙްސާސްވާން ފަށާނެއެވެ. ސިޑިން އަރާއިރު ނުވަތަ ބޭރުގައި ހިނގާލައި އުޅޭއިރު މިކަން ބޮޑަށް ފާހަގަ ކުރެވޭނެއެވެ. ބޮލުގައި ރިއްސުމަކީވެސް އެކަށީގެންވާކަމެކެވެ. ދަގަނޑުގެ ބާވަތް މަދުވެގެން އެނީމިއާގެ ޙާލަތަށް ވާސިލުކުރާ މީހުން، ވަކިކަމަކަށް ފޯކަސް ކުރުމަށާއި، ފިލާވަޅު ދަސްކުރުމަށާއި، ހަދާން ބެހެއްޓުމަށްވެސް އަސަރުކުރާނެއެވެ.
އެނީމިއާއަކީ ގައިންގަޔަށް އަރާ ބައްޔެއްނޫނެވެ. އެހެންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެއްވެސް ޙާލެއްގައި މިބައްޔެއް ނާރާނެއެވެ.
ޑޮކްޓަރުންގެ ދައުރަކީ ކޮބައި؟
އެނީމިއާ ހުރިކަމަށް ޝައްކުވެގެން ޑޮކްޓަރަށް ދައްކާނަމަ އާދައިގެ އުޞޫލުން ކަށިގަނޑުއަޅާ ބަލައި ހަދާނެއެވެ. ހަމައެގޮތަށް އެމީހަކަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ސުވާލުކުރާނެއެވެ. މިސާލަކަށް ގިނަގިނައިން ވަރުބަލިވޭތޯ، ބޮލުގައި ރިއްސާތޯ އެހުންފަދަ ސުވާލުތަކެވެ. ހަމައެފަދައިން ޢާއިލާ އެހެން މީހުންގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުންވެސް ސުވާލުކޮށްފާނެއެވެ.
ކެއުން ބަހައްޓާގޮތާ ގުޅޭގޮތުންނާއި އަންހެން ކުއްޖެއްނަމަ ޙައިޟުގެ ކަންކަން ހުންނަގޮތާ ބެހޭގޮތުންވެސް ސުވާލުކުރާނެއެވެ. މިސާލަކަށް  ފުރަތަމަ ފަހަރު ޙައިޟުވީއިރު ލޭ އައިސްފައިވަނީ ކިހާ މިންވަރަކަށްތޯ، ޢާއްމުކޮށް ޙައިޟުގެ ދުވަސްވަރު ހޭދަވަނީ ކިހާ ދުވަހެއްތޯ އަދި ދެޙައިޟު ދެމެދު ވަނީ ކިހާ މުއްދަތެއްތޯ ފަދަ ސުވާލުތަކެވެ.
އެއްވެސް މީހެއްގައި އެނީމިއާ ހުރިކަމަށް ޑޮކްޓަރަށް ޝައްކު ކުރެވިއްޖެނަމަ އެކަން ޑޮކްޓަރުން ނިންމާނީ ލޭ ތަޙުލީލުކޮށް ބެލުމަށް ފަހުގައެވެ.
އެނީމިއާއަށް ފަރުވާކުރެވޭނީ އެމީހަކަށް ދިމާވެފައިވާ އެނީމިއާގެ ސަބަބަކީ ކޮބައިކަން ދެނެގަތުމަށް ފަހުއެވެ. އެއީ ދަގަނޑުގެ ބާވަތް މަދުވުން ކަމުގައިވާނަމަ އުނިވާބައި ފުރިހަމަ ކުރުމަށްޓަކައި ދުވާލު އެކިފަހަރުމަތިން ކެއުމަށް އަޔަން ކެޕްސޫލް ނުވަތަ ގުޅަބޭސް، ސިޓީގައި ލިޔެދީފާނެއެވެ. ދުވަސްކޮޅަކު ފަރުވާ ކުރުމަށްފަހު ރަތްސެލްތަކަށް އަންނަ ބަދަލު ބަލަން އަލުން ލޭ ތަޙުލީލުކުރާނެއެވެ. މިގޮތަށް ތަޙުލީލުކޮށް ބަލާއިރު އެނީމިއާގެ ޙާލަތު ރަނގަޅުވާކަމަށް ފެނުނު ނަމަވެސް އިތުރު މުއްދަތަކަށް މި ކެޕްސޫލް ނުވަތަ ގުޅަބޭސް ކެއުމަށް ޑޮކްޓަރުން ނަޞޭހަތްތެރި ވެދާނެއެވެ. އެހީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން އުނިވިތަން އަލުން ބިނާކުރުމަށްޓަކައެވެ.

އެދެވޭ މިންވަރަށް ދަގަނޑުގެބައި ހޯދުން

ހުސްބަނޑާހުރެ އަޔަން ކެޕްސޫލް ބޭނުންކުރުމަކީ ބައެއް މީހުން ބަލިވާކަމެކެވެ. އެހެން ވެއްޖެނަމަ ކާނާއާއެކު އެ ކެޕްސޫލް ބޭނުން ކުރެވިދާނެއެވެ. ހަށިގަނޑުގައި ދަގަނޑުގެބައި އިތުރު ކުރުމަށް ބޭސް ބޭނުންކުރާނަމަ އެއާއެކު ވިޓަމިން ސީ ބޭނުންކުރުމުން ނެރެދޭ ނަތީޖާ ރަނގަޅުވާނެއެވެ. އެއީ ވިޓަމިންސީއަކީ ދަގަނޑުގެ މާއްދާ ހަށިގަނޑަށް ފޯރުވައި ދިނުމަށްޓަކައި އެހީތެރިވެދޭ ވިޓަމިނެކެވެ. އެހެންކަމުން އޮރެންޖު ފަންޏާއި ޖުމްހޫރީ މޭވާ ފަންޏަކީ އަޔަން ކެޕްސޫލާއެކު ބޭނުންކުރުން ރަނގަޅު އެއްޗިއްސެވެ.
ހަށިގަނޑުން ދަގަނޑުގެ ބާވަތް މަދުވާތީ އުޅޭ މީހުން ކާނާއާއެކު ކަޅުސައި ބުއިމަކީ ރަނގަޅު އާދައެއްނޫނެވެ. އެއީ ކަޅުސައިގައި ހުންނަ ޓެނިން ކިޔާ މާއްދާގެ ސަބަބުން ކާނާގައި ހުންނަ ދަގަނޑުގެބައި ހަށިގަނޑަށް ނެގުމުގައި ހުރަސްއަޅާތީއެވެ.
ދަގަނޑުގެބައި އެކިމީހުންނަށް ބޭނުންވާނީ އެކިމިންވަރަށެވެ. އާއްމުކޮށް ފިރިހެނުންނަށް ވުރެ އަންހެނުންނަށް މިމާއްދާ ގިނައިން ބޭނުންވާނެއެވެ. ޙައިޟުގެ ދުވަސްވަރު ގިނައިން ލޭބޭރުވާ އަންހެނުންނަށް މަދުން ލޭފައިބާ އަންހެނުންނަށް ވުރެ ދަގަނޑުގެ ބާވަތް ގިނައިން ބޭނުންވާނެއެވެ.
ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބާވަތް ފުރިހަމަށް ހޯދުމަށްޓަކައި ވަޒަން ހަމަކޮށް ދުވަހުގެ ކާނާކެއުން އާދަކުރާށެވެ. ހެނދުނުގެ ނާސްތާއަކީ މުހިއްމު އެއްޗެކެވެ. އެހެންކަމުން ނާސްތާގައި ދަގަނޑުގެ ބާވަތްތައް ހިމެނޭ ކާނާ ބޭނުންކުރާށެވެ. ސީރިއަލް، ޕާން، ރޮށި، އެއްގަމު މަސް، ހިކި މޭބިސްކަދުރު، ބޯވެލިފަތް، ބިސް، ތަރުކާރީ ތޮޅި އަކީ ދަނގަޑުގެ ބާވަތް ލިއްބައިދޭ ކާނާއެވެ.
މީހެއްގައި އެނީމިއާ ހުންނަ ސަބަބަކީ ދަގަނޑުގެ ބާވަތް މަދުވުން ފިޔަވައި އެހެން ސަބަބެއް ކަމުގައިވާނަމަ އެ ސަބަބު ނެތިކޮށްލާނެ ފަރުވާ ކުރުމަށް ޑޮކްޓަރުން ކުރިމަތިލާނެއެވެ. މިފަދަ ފަރުވާ ހޯދުމަށް ބައެއްފަހަރު ހިމަޓޮލޮޖިސްޓަކަށް ބޭނުންވެދާނެއެވެ. އެނީމިއާއަކީ މިހާރު ފަރުވާ ހޯދުން ދަތި ބައްޔެއްނޫނެވެ. މިފަދަ ފަރުވާއިން ގިނަމީހުންނަށް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި އެމީހުންގެ ހަކަތަ އަނބުރައި ގެނެވޭނެއެވެ.
————————————-
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
World Health Organization
http://www.who.int/topics/anaemia/en
WebMD
http://www.webmd.com/a-to-z-guides/understanding-anemia-basics
Centers for Disease Control and Prevention
http://www.cdc.gov/nchs/fastats/anemia.htm

About the author