ޙުސައިން ޢާމިރު  

އެނީމިއާ އަކީ ކޮންއެއްޗެއް؟
އަޅުގަނޑުމެން ބައެއްފަހަރު އާދަޔާ ޚިލާފަށް ވަރުބަލިވެއެވެ. ވަޒީފާގެ ކަންކަން ބެލެހެއްޓުމާއި، ގޭތެރޭގެ ކަންތަކާއި، ދަރިންގެ ކަންތަކާއި އެހެނިހެން ވެސް ކަންކަމުގައެވެ. ނަމަވެސް ބައެއް މީހުން މިފަދަ ބުރަބޮޑު ކަންކަމާ ނުލައިވެސް އާދަޔާ ޚިލާފަށް ވަރުބަލިވާ ސަބަބަކީ އެނީމިޔާ ހުރުންކަމުގައި ވެދާނެއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އެނީމިއާއަކީ ކޮބައިކަން ދެނެގަތުމަށް ފުރަތަމަ ފަށަންވާނީ ނޭވާލުމުގެ ވާހަކައިންނެވެ. އަޅުގަނޑުމެންގެ ނޭވާ، ހަށިގަނޑުގެ ތެރެއަށް ފޮނުވާ އޮކްސިޖަން ފުއްޕާމެއާ ހިސާބަށްގޮސް ހުއްޓެނީއެއްނޫނެވެ. އެއީ ހަށިގަނޑުގެ ހުރިހާ ބައިތަކަށް ބޭނުންވާ ކާނާ އެންދުމަށް ބޭނުންވާ ދަރެވެ. އޮކްސިޖަނަކީ ސިކުނޑިއާއި އެހެނިހެން ގުނަވަންތަކާއި ޓިޝޫތަކަށް ކޮންމެހެން ބޭނުން ގޭހެކެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން ވާސިލު ކޮށްދެނީ ލޭގެ ޒަރީޢާއިންނެވެ. ޚާއްޞަކޮށް ލޭގެ ރަތް ސެލްތައް މެދުވެރިކޮށެވެ.

ލޭގެ ރަތް ސެލްތައް މަސައްކަތްކުރަނީ އުޅަނދުފަހަރުގެ ގޮތުގައެވެ. ލޭގެ ކަނޑުގައި އޮކްސިޖަން ބަރާކޮށްގެން ދަތުރުކުރެއެވެ. ރަތް ސެލުގައި ހީމޫގްލޯބިން ކިޔާ ޕްރޮޓީނެއްހުރެއެވެ. އޮކްސިޖަން އުފުލަނީ މި ޕްރޮޓީނެވެ.

އެކަށީގެންވާ ޢަދަދަކަށް ހީމޫގްލޯބިން އުފެއްދުމަށްޓަކައި ހަށިގަނޑަށް ފުދޭމިންވަރެއްގެ ދަގަނޑުގެ މާއްދާ ބޭނުންވެއެވެ. ރަތް ސެލްތައް އުފައްދަން ބޭނުންވާ ދަގަނޑުގެ ބާވަތާއި އަދި އެހެނިހެން ބޭނުންތެރި މާއްދާތައް އަޅުގަނޑުމެންނަށް ލިބެނީ ފައިދާހުރި ކާނާއިންނެވެ.

އެނީމިއާ ހުރިކަމަށް ބުނަނީ މީހެއްގެ ލޭގައި ޢާއްމުގޮތެއްގައި ރަތް ސެލް ހުންނަންވާ މިންވަރަށްވުރެ މަދުން ހުރުމުންނެވެ. އެހެންވާންޖެހޭ މައިގަނޑު ތިން ސަބަބެއްވެއެވެ.
1.    ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ ރަތް ސެލް ހަށިގަނޑުން ގެއްލިގެން ދިއުން.
2.    ހަށިގަނޑަށް ރަތް ސެލް ބޭނުންވާ ވަރަށްވުރެ ތައްޔާރުކުރެވޭލެއް ލަސްވުން.
3.    ހަށިގަނޑު އަމިއްލަ ޒާތުގައި ރަތް ސެލްތައް ހަލާކުކުރުން މިއެވެ.

މިއިން ކޮންމެ ސަބަބަކާ ގުޅިގެން ދިމާވާ އެނީމިއާގެ ވައްތަރުވެސް ތަފާތުވާނެއެވެ. ކޮންމެ ވައްތަރެއް ދިމާވެފައި ވިއަސް އެނީމިއާ ޖެހިފައިއޭ ބުނެފާނެއެވެ.


ރަތް ސެލް ތައްޔާރު ކުރަނީ ކިހިނެއް؟

ރަތް ސެލް ތައްޔާރުކުރަނީ ބޯން މެރޯގައެވެ. އެހެން ގޮތަކަށް ބުނާނަމަ ކަށީގެ މަދުގައެވެ. އަސާސީގޮތެއްގައި މައިކަށީގެ ބަދަތަކުގެ ތެރޭގައިވާ ކާރުޚާނާގައެވެ. ތަނެއް ކެނޑުންފަދަ ސަބަބަކާހުރެ މީހެއްގެ ހަށިގަނޑުން މަދު ލޭފޮދެއް ގެއްލުމުން އޭގެ ބަދަލުގައި ކަށީގެ މަދުގައި ތައްޔާރުކުރާ ރަތް ސެލްތަކުން ފުއްދާލައެވެ. އޭރުން އެމީހަކީ އެއްވެސް ވައްތަރެއްގެ އެނީމިއާގެ ޙާލަތުގައިވާ މީހެއްކަމުގައި ބަލާނެ ޖާގައެއް ނޯންނާނެއެވެ. ނަމަވެސް ކުއްލިއަކަށް ވަރަށްގިނަ އަދަދެއްގެ ލޭ ބޭރުވެއްޖެނަމަ ބޭނުންވާ އަވަސް މިނުގައި ކަށީގެ މަދުގައި ރަތް ސެލް ތައްޔާރެއް ނުކުރެވޭނެއެވެ.

މަދުއަދަދެއްގެ ލޭ ދިގުމުއްދަތެއް ތެރޭގައި ގެއްލުނަސް އެނީމިއާގެ ޙާލަތަށް މީހާ ވާސިލުކޮށްފާނެއެވެ. މިއީ ޙައިޟުގެ ދުވަސްވަރު ބައެއް އަންހެން ކުދިންނަށް ދިމާވާކަމެކެވެ. ޚާއްޞަގޮތެއްގައި އެކުދިން ކާބޯތަކެތީގައި ދަގަނޑުގެ ބާވަތް މަދުނަމައެވެ.


ދަގނޑުގެ ބާވަތް މަދުވުމުން ޖެހޭ އެނީމިއާ

އެނީމިއާގެ ވައްތަރުތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ޖެހެނީ ދަގަނޑުގެ ބާވަތް މަދުވުމުން ދިމާވާ އެނީމިއާއެވެ. އެއީ ކާނާގައި ދަގަނޑުގެ ބާވަތް މަދުވުމުގެ ސަބަބުންނެވެ. މީހެއްގެ ހަށިގަނޑުގައި ރައްކާކުރާ ދަގަނޑުގެ ބާވަތް މަދުވުމަކީ އެމީހަކު އެނީމިއާގެ ޙާލަތަށް ވާސިލުކޮށްފާނެ ފުރަތަމަ ސަބަބެވެ. ޢާއްމުގޮތެއްގައި ދަގަނޑުގެ ބާވަތް މަދުވާނަމަ ހަށިގަނޑުގައި ހީމޫގްލޯބިންގެ މިންވަރު ދަށްވާނެއެވެ. މީހެއްގެ ގައިގައި ލޭގެ ރަތް ސެލާއި ހީމޫގްލޯބިން ހުންނަންވާ މިންވަރަށް ނުހުންނަ ނަމަ އެމީހަކަށް އެނީމިއާ ޖެހުނީއޭ ކިޔޭނެއެވެ. އެނީމިއާ ޖެހިފައިވާ މީހުން ފެންނާނީ މޫނުމަތީގެ ކުލަ ފަނޑުވެ އަބަދު ވަރުބަލިވެފައި ވަނިކޮށެވެ.

ހަށިގަނޑަށް ބޭނުންވާ ރަތް ސެލް އެކަށީގެންވާ މިންވަރުގައި ނުއުފެއްދޭ ސަބަބުތަކުގެ ތެރޭގައި ބޭނުންތެރި އެހެނިހެން ކާނާގެ ބާވަތްތައް މަދުވުންވެސް ހިމެނެއެވެ. ރަތް ސެލް އުފެއްދުމަށްޓަކައި ބީ12 ވިޓަމިނާއި ފޯލިކް އެސިޑް ބޭނުންވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކެއިން ބުއިމުގައި މިފަދަ މާއްދާތައް އެކުލެވޭ ކާނާ ހިމެނެން ވާނެއެވެ. ކަށީގެ މަދުގައި ސެލް އުފެއްދުމުގެ މަސައްކަތް އޭގެ ފުރިހަމަގޮތުގައި އަދާނުކުރުމަކީ ވެސް އެނީމިއާގެ ޙާލަތަށް މީހާ ގެންގޮސްދޭ ސަބަބެކެވެ. އިންފެކްޝަނެއްގެ ސަބަބުން، ދާއިމީ ބައްޔެއްގެ ސަބަބުން ނުވަތަ ކީމޯތެރަޕީފަދަ ފަރުވާއެއް ކުރުމުގެ ސަބަބުންވެސް ކަށީގެ މަދުގެ މަސައްކަތަށް ގެއްލުން ލިބިދާނެއެވެ.


ހީމޯލައިޓިކް އެނީމިއާ

ހީމޯލައިޓިކް އެނީމިއާގެ ޙާލަތު މެދުވެރިވެރިވެފައިވާ މީހުންގެ ރަތް ސެލްގެ ޢުމުރު އާދައިގެ މީހުންގެ ރަތް ސެލްގެ ޢުމުރަށްވުރެ ކުރުވާނެއެވެ. ރަތް ސެލް އަވަހަށް މަރުވުމުން ބޭނުންވާވަރަށް ކަށީގެ މަދުގައި ރަތް ސެލް ނުއުފެއްދެނީއެވެ. މިކަން ދިމާވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. ސިކްލްސެލް އެނީމިއާ ކިޔާ ވައްތަރެއްގެ އެނީމިއާއެއްގެ ސަބަބުންވެސް މިކަން ދިމާވެއެވެ. ބައެއްފަހަރު ހަށިގަނޑުގެ ދިފާޢީ ނިޒާމުވެސް ރަތް ސެލްތައް ހަލާކުކުރެއެވެ.


ފުރާވަރުގެ ކުދިންނަށް އެނީމިއާ ޖެހެނީ ކީއްވެ؟

ފުރާވަރަށް އަޅައިގެން އަންނަ ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ދުވަސްވަރެކެވެ. އެހެންކަމުން ހަށިގަނޑުގައި ދަގަނޑުގެ ބާވަތް މަދުވުމުން ދިމާވާ އެނީމިއާގެ ޙާލަތު ފުރާވަރު ކުދިންނަށް ދިމާވެދާނެއެވެ. ހަށިގަނޑު ބޮޑުވަމުން އަންނަ ދުވަސްވަރު ހުރިހާ ވައްތަރެއްގެ ރަނގަޅުކާނާއަށް ބޭނުންޖެހެއެވެ. އޭގެތެރޭގައި ދަގަނޑުގެ ބާވަތްވެސް ހިމެނެއެވެ.

ބާލިޣުވުމަށްފަހު ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިންނަށް އެނީމިއާގެ ޙާލަތު މެދުވެރިވުން ގާތެވެ. އެއީ ޙައިޟުގެ ދުވަސްވަރު އެކުދިންގެ ގައިން ބޭރުވާ ލޭގެ ސަބަބުންނެވެ. އެހެންކަމުން އެކުދިންގެ ހަށިގަނޑުން މަދުވެގެންދާ ދަގަނޑުގެ ބައިތައް ކާނާގެ ޒަރީޢާއިން ފުރިހަމަކުރެވޭތޯ ބަލަންވާނެއެވެ. ބަލިވެ އިނުމަކީވެސް އަންހެނުންނަށް އެނީމިއާ ޖެހިދާނެ ސަބަބެކެވެ. ހަމައެއާއެކު އެކިއެކި ޑައިޓްގައި އުޅޭ ޒުވާން ކުދިން އެކުދިންގެ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބާވަތްތައް ފުރިހަމައަށް ލިބޭތޯ ފަރުވާ ބަހައްޓަންވާނެއެވެ.

ތަރުކާރީގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި ނުހަނުގިނަ ވިޓަމިނާއި މިނެރަލްތައް ހޯދައިދޭ އެއްޗެއްކަމުގައި ވިޔަސް ހަށިގަނޑުގައި ދަގަނޑުގެ ބައިތައް އިތުރުކުރުމަށް ބޭނުންވާއިރު އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކަށް ބޭނުންވެއެވެ. ރަތްކުލައަށްދާ އެއްގަމު މަސް ގެރިބަކަރި ފަދަތަކެތިން ގިނަ އަދަދެއްގެ ދަގަނޑުގެ ބާވަތްލިބެއެވެ. ގޮވާމުގެ ވައްތަރުތަކުންނާއި މޭވާއިން ވެސް ދަގަނޑުގެ ބާވަތް ކޮންމެވެސް ވަރަކަށް ލިބެއެވެ.

(ނުނިމޭ)
About the author