ޙުސައިން ޢާމިރު
" 1866 ވަނަ އަހަރު Dr. Langdon Haydon Down ނަމަކަށް ކިޔާ ޑޮކްޓަރަކު ނަފްސާނީގޮތުން ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ އިނގިރޭސި ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އޭނާއަށް ފާހަގަކުރެއްވުނީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ވަރަށް ގިނަމީހުންގައި ޖިސްމާނީގޮތުން އެއްގޮތް ސިފަތަކެއް ހުރިކަމެވެ. މި ސިފަތަކަކީ ޑޯން ސިންޑްރޯމްގެ ޙާލަތު މެދުވެރިވެފައިވާ މީހުންނާއި ކުދިންގެ ހުންނަކަމަށް ބެލެވޭ ސިފަތަކެވެ. މި ޙާލަތަށް ނަންދެވިފައިވަނީ މި ޑޮކްޓަރުގެ ނަމަށް ނިސްބަތްކޮށެވެ. އޭރު ޑޮކްޓަރ ޑޯންއަކަށް މިކަމުގެ ސަބަބެއް ދެނެއެއް ނުގަނެވުނެވެ. ގާތްގަނޑަކަށް ސަތޭކަ ވަރަކަށް އަހަރު ފަހުން ފަރަންސޭސި ޢިލްމުވެރިއެއްގެ ހޯއްދެވުމުން އެނގިގެން ދިޔައީ މިޙާލަތު ދިމާވުމުގެ އަސްލަކީ ވިރާސީ ސަބަބެއްކަމެވެ."

 ޑޯން ސިންޑްރޯމް ގެ ޙާލަތު ހުންނަ ކުއްޖަކު ފެނުނީމާ ފާހަގަކޮށްލަން އެނގޭވަރު ވާނެއެވެ. އެއީ އެފަދަ ކުދިންގެ މޫނުމަތިންނާއި ހަށިގަޑުން ފާޅުވާން ހުންނަ ޖިސްމާނީ ސިފަތަކުގެ ސަބަބުންނެވެ. މިސާލަކަށް މޫނު ކުޑަކޮށް ފަތާކޮށް ހުރުން، ލޮލުގެ ކަޅި މައްޗަށް އެއްއަރިއަކަށް ގޮސްފައިހުރުން، ދޫބޮޑުކޮށް ހުރުންފަދަ ސިފަތަކެވެ. މިފަދަ ކުދިންގެ ޞިއްޙީ މައްސަލަތައްވެސް ހުރެދާނެއެވެ. މިގޮތުން މިކުދިންގެ ހިތް އުފެދުމުގައި އައިބުތައް ހުރުން ގާތެވެ. ޢާއްމު ގޮތެއްގައި މިފަދަ ކުދިން ބުއްދީގެ ގޮތުންވެސް ދަށްވުން ހުންނާނެއެވެ. ނަތީޖާއެއްގެ ގޮތުން އެއްޗެހި ދަސްކުރުންފަދަ ކަންކަން މި ކުދިންނަށް އުނދަގޫވާނެއެވެ. ނަމަވެސް މި ކުދިންނަށްވެސް އެހެންކުދިންނާއެކު އާދައިގެ ސްކޫލަށް ގޮސް، ރައްޓެހިންނާ ލާމެހިގެން އުޅުމާއެކު ޙަޔާތުގެ އުފާވެރި ވަގުތުތައް ހޭދަކުރެވޭނެއެވެ. ހަމައެއާއެކު ބޮޑުވެ ތަޞައްރަފުފުދި ޢާމްދަނީ ހޯދާނެ މަސައްކަތެއް ދަސްކޮށްގެން ދިރިއުޅެވޭނެއެވެ. ޑޯން ސިންޑްރޯމް (ބައެއް މީހުން އަޑުވީއްލާގޮތުން ޑައުން ސިންޑްރޯމް) ގެ ޙާލަތު ދިމާވަނީ ކީއްވެކަން ދެނެގަތުމަށްޓަކައި ކްރޮމޮޒޯމާއި ބެހޭގޮތުން ކުޑަވާހަކަކޮޅެއް ދަންނަވާލާނަމެވެ. ކްރޮމޮޒޯމަކީ ކޮބާ؟ކްރޮމޮޒޯމްއަކީ ސެލްގެ ތެރޭގައި އެކުލެވިފައިވާ ނިއުކްލިއަސްގެ އެތެރޭގައިވާ ރޮދިފަށްތަކެއް ފަދަ އެއްޗެކެވެ. ޖީންއެކުލެވިފައިވަނީ މިފަށްތަކުގައެވެ. މީހެއްގެ ހެދިބޮޑުވުމާއި އަދި އެނޫންވެސް ހުރިހާ ސިފަތަކެއް ކަނޑައަޅަނީ ޖީންތަކެވެ. މިގޮތުން އިސްތަށީގެ ކުލައާއި ދަރިއަކު އުފެދޭއިރު އެއީ އަންހެން ކުއްޖެއްކަން ނުވަތަ ފިރިހެން ކުއްޖެއްކަންވެސް ކަނޑައެޅެނީ މިގޮތުންނެވެ. ގިނަމީހުންގެ އިންނާނީ 23 ކްރޮމޮޒޯމްގެ މައްޗަށް އެކުލެވިފައިވާ ޖޯޑެކެވެ. އެގޮތުން ޖުމްލަ 46 ކްރޮމޮޒޯމެވެ. ނަމަވެސް ޑޯން ސިންޑްރޯމް ހުންނަ ކުއްޖެއްގެ ކްރޮމޮޒޯމް ސެޓުގައި އެއްކްރޮމޮޒޯމް އިތުރަށް އިންނާނެއެވެ. އެއީ 46 ކްރޮމޮޒޯމް ގެ ބަދަލުގައި 47 ކްރޮމޮޒޯމެވެ. ހަށިގަޑު ހެދިބޮޑުވަމުން އަންނައިރު މައްސަލަތައް ކުރިމަތި ކުރުވަނީ އިތުރަށްއިންނަ މި ކްރޮމޮޒޯމެވެ. ޞިއްޙީ މައްސަލަ ދިމާވުމަކީ ޢާއްމުކަމެކެވެ.މިފަދަ ކުއްޖަކަށް ޞިއްޙީ މައްސަލަތައް ކުރިމަތި ވުމަކީ ޢާއްމުކަމެކެވެ. ޑޯން ސިންޑްރޯމް ހުންނަކުދިން ބޮޑުވާނީ އެހެންކުދިންނަށްވުރެ ތަންކޮޅެއް ލަހުންނެވެ. އެގޮތުން އެކުދިން ހިގަންފަށާ ޢުމުރުވެސް ޢާއްމުކުދިންނަށްވުރެ ފަސްވާނެއެވެ. މިކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައިކުދިންގެ ހިތް އުފެދުމުގައި މައްސަލަ އުޅޭނެއެވެ. ވީމާ އެހެންމީހުންނާ ޚިލާފަށް ހިތުގެ މައްސަލަތައް ވެސް އުޅޭނެއެވެ. މިމައްސަލަތައް އޮޕަރޭޝަންކޮށްގެން ގިނަފަހަރަށް ރަގަޅު ކުރެވޭނެއެވެ. ބައެއްކުދިންގެ ބަނޑުގައިވެސް މައްސަލަ ހުރެދާނެއެވެ. މިގޮތުން ބަނޑު ހަރުވުމުގެ މައްސަލަތަކާއި، ބޮޑުކަމު ދިޔުމަށް އުނދަގޫވުން ހިމެނެއެވެ. ހަޖަމުކުރުމުގެ މައްސަލަތަކާއި ކާނާއިން ފައިދާ ހޯދުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ޑޯން ސިންޑްރޯމް ހުންނަކުދިން ޢާއްމު ގޮތެއްގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކާވެސް ގާތްވާނެއެވެ. ވީމާ ފުއްޕާ މެޔަށް އުނދަގޫވުމާއި ނޭވަޔަށް ދަތިވުން އުޅޭނެއެވެ. މިކުދިންނަށް އެއްވެސް ވައިރަހެއްގެ އިންފެކްޝަން ލައްވާލައިފިނަމަ އެކަން ރަގަޅުވާންވެސް ގިނަދުވަސް ނަގާނެއެވެ. ހަމައެގޮތަށް މިކުދިންނަށް ލޮލުގެ މައްސަލަތަކާއި ކަންފަތުގެ މައްސަލަތައްވެސް ދިމާވުން ގާތެވެ. މި ޙާލަތު ހުންނަ ބައެއް ކުދިންގައި ލުކީމިޔާވެސް (ލޭގެ ކެންސަރު) ހުރެދާނެއެވެ. ޑޯން ސިންޑްރޯމް ހުންނަ ކުދިންވެސް އެއްކުއްޖެއްގެ ޙާލަތާއި އަނެއް ކުއްޖެއްގެ ޙާލަތު ތަފާތެވެ. މިބުނެވުނު ހުރިހާކަމެއް ނުވަތަ އެންމެ ކަމެއްވެސް އެކުދިންގެ ތެރެއިން ކުއްޖެއްގެ ގައިގައި ހުރެދާނެއެވެ. ޑޯން ސިންޑްރޯމް ހުންނަމީހުން ނުވަތަ ކުދިން ބަލާލީމާ ފެންނަން ހުންނަ ބައެއް ސިފަތައް ކުރިންވެސް ފާހަގަކޮށްލައިފީމެވެ. މިގޮތުން ލޮލާއި މޫނުގެ ސިފަތަކުގެ އިތުރުން  ކަންފަތުގައި އައިބުތައް ހުރުން ނުވަތަ ކަންފަތް ވަރަށް ކުޑަވުން ހިމެނެއެވެ. ހަމައެގޮތަށް އަތުގެ އިނގިލިތަކުގައިވެސް އައިބު ހުންނާނެއެވެ. ނަމަވެސް ހަދާން ބަހައްޓަންވީ ޑޯން ސިންޑްރޯމް ހުންނަ ހުރިހާ ކުދިން އެއްގޮތް ނުވާނެކަމެވެ.  ވަރަށްގިނަ ކުދިން ޑޯންސިންޑްރޯމް ހުރޭތަ؟ކޮންމެ 800 ކުއްޖަކުންކުރެ އެއްކުއްޖަކު ވިހާއިރު ޑޯންސިންޑްރޯމް ހުންނަ ކަމަށްވެއެވެ. މިއީ އެމެރިކާގައި ފާހަގަކުރެވިފައިވާ ނިސްބަތެވެ. ދުނިޔޭގެ އެހެން ތަންތަނުގައި މި ނިސްބަތް މިއަށްވުރެ މަތިވުން ނުވަތަ ދަށް ވުންވެސް އެކަށީގެންވެއެވެ. ނިސްބަތުގައި ތަފާތު ހުރެދާނެކަމަށް ޤަބޫލުކުރެވުނު ނަމަވެސް މިއީ ވަކިގައުމަކަށް، ވަކި ނަސްލަކަށް، ވަކިކުލައަކަށް ޚާއްޞަ ކަމެއްނޫނެވެ. މިއީ އެއްވެސް ޙާލެއްގައި ގައިންގަޔަށް އަރާބައްޔެއް ނޫނެވެ. މިއީ އުފަންވާއިރު ހުންނަ ޙާލަތެކެވެ. ވިހެއުމަށްފަހު އޭގެފަހުން ޙަޔާތުގެ އެއްވެސް ދުވަސްވަރެއްގައި މި ޙާލަތު ދިމާވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ޑޯންސިންޑްރޯމް ޖެހެނީ ކްރޮމޮޒޯމެއްގެ ސަބަބުން ކަން މިހާރު ދެންނެވިއްޖެއެވެ. އެއީ  މަންމައާއި ބައްޕަގެ  ފަރާތުން ވާރުތަވާ އެއްޗެކެވެ. 23 ޖޯޑް ކްރޮމޮޒޯމްގެ ދެބައިކުޅައެއްބައި އަންނަނީ މަންމަގެ ފަރާތުންވެ. އަނެއްބައި ބައްޕަގެ ފަރާތުންނެވެ. ބައެއްކުދިންނަށް ކްރޮމޮޒޯމްގެ މައްސަލަ ދިމާވަނީ ކީއްވެކަމެއް ޑޮކްޓަރުންނަކަށްވެސް ނޭގެއެވެ. ކޮންމެ މީހަކަށްވެސް ޑޯންސިންޑްރޯމް ޖެހިފައިވާ ކުއްޖަކު ލިބިދާނެއެވެ. ނަމަވެސް ޢުމުރުން ދުވަސްވެފައިވާ މައިންނަށް މިފަދަ ކުއްޖަކު ލިބުން ގާތްކަމަށް ބެލެވެއެވެ. ފަރުވާއެއް އެބައޮތްތޯ؟ތަންކޮޅެއް ކުރީގެ ޒަމާނުގައި ޑޯންސިންޑްރޯމް ހުންނަކުދިން ޅައުމުރު ފަހަނަޅާ ދަންދެން ދިރިހުރުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އެއީ އެކުދިންނަށް ދިމާވާ އިންފެކްޝަން ތަކުގެ ސަބަބުން ނުވަތަ ހިތުގެ މައްސަލަތަކުގެ ސަބަބުންނެވެ. ވިހެއުމުގެ ތެރޭގައި ނުވަތަ އޭގެފަހުން ނަމަވެސް ދިމާވާ މައްސަލައެއްގައި އެކުދިން ދުނިޔެ ދޫކުރަންޖެހޭތަން އާދެއެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަން ކުރިއެރުމުގެ ސަބަބުން މިފަދަ ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާކޮށްގެން އެކުދިން ބާލިޣުވާ ޢުމުރަށް އަޅައި ބޮޑެތިމީހުންގެ ގޮތުގައި ދިރިއުޅުމުގެ ފުރުޞަތު ބޮޑެވެ. މިކުދިންނަށް ދިމާވާ އިންފެކްޝަން ތަކަށް ބޭސްފަރުވާ ކުރެވެއެވެ. އަދި ހިތުގެ އައިބުތަކާއި، ބަނޑާއި، ގޮހޮރުގެ އޮޕްރޭޝަންތައް ކޮށްގެން ރަގަޅު ކުރެވެއެވެ. ލޭގެ ކެންސަރު ޖެހިފައިވާ ކުއްޖެއް ނަމަވެސް ކެންސަރުގެ ފަރުވާތައް މިހާރު ކުރިއަރާފައިވަނީ ބޭސްކޮށްގެން މުޅީން ކާމިޔާބާއި ހަމައަށް ދެވޭ މިންވަރަކަށެވެ. ޑޯންސިންޑްރޯމަށް ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އެ ޙާލަތު ދިމާވެފައިވާ މީހެއްގެ މުޅިޢުމުރަށްވެސް އެކަން ދެމިހުންނާނެއެވެ. ނަމަވެސް ޢިލްމުވެރިންގެ އުއްމީދަކީ މިކުދިންނަށް ދާއިމީ ފަރުވާއެއް ލިބި އެކަމުން މުޅިން މިންޖުވާނެ ދުވަހެއް ދުށުމެވެ.  ނުވަތަ އެކުދިންގެ ޙާލަތު މިހާރަށްވުރެ ރަގަޅު ކުރެވޭނެ އެކަށީގެންވާފަރުވާއާ ހަމައަށް ވާސިލުވާނެ މަގެއް ފެނުމެވެ. ޑޯންސިންޑްރޯމް ޖެހިފައިވާ ކުދިން ޙަޔާތް ވޭތުކުރަނީ ކިހިނެއް؟ޑޯންސިންޑްރޯމް ޖެހިފައިވާ ގިނަކުދިން އާދައިގެ ސްކޫލަށްގޮސް ޢާއްމު ކްލާސް ތަކުގައ ތަޢުލީމު ޙާސިލްކޮށް ހަދައެވެ. ނަމަވެސް ބައެއް ކުދިންނަށް ޚާއްޞަ އެހީއަށް ބޭނުންވާހިނދު މައިންބަފައިންނާއި މުދައްރިސުން ގުޅިގެން އެކުދިންގެ ފިލާވަޅުތައް ގެންދެވޭނެ ގޮތެއް ރޭވުމުން އެކަމުގެ އެދެވޭ މޭވާ ލިބެއެވެ. މިސާލަކަށް އަޑު އިވުމާއި ފެނުމުގެ މައްސަލަތައް ހުންނަ ކުދިންނަށް އެކަމަށް ބޭނުންވާ ޚާއްޞަ ކުލާހެއްގައިވެސް ކިޔެވުން ކުރިއަށް ގެންދެވިދާނެއެވެ. ހަމައެއާއެކު ކުޅިވަރު ކުޅުމާއި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެގެން އެކުދިންނަށް އުޅެވޭނެއެވެ. މިކުދިންނަކީ ބަލާބެލުމަށް އެހެންކުދިންނާ ތަފާތު ސިފަތަކެއް ހުންނަ ކުދިންކަމުގައިވާތީ ބައެއްކުދިންގެ ޖެއްސުމާއި ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. އަހަރެމެންގެ ދަރިންނަށް ދަސްކޮށްދޭންވީ އަހަރެމެންގެ ޙަޔާތަކީ އެންމެންނަށް ވެސް ޖާގައޮތް އޯގާވެރި އަޅާލާ ބަޔަކަށް ވުމަށެވެ. މިފަދަ ކުދިންނަކީ ބޮޑެތިވެގެން އެކިއެކި ވަޒީފާތަކުގައި ވަރަށް ކެރިގެން މަސައްކަތް ކުރާތީ ފެންނަބަޔެކެވެ. މި ކުދިން ބޮޑެތިވެގެން މަސައްކަތުގެ މައިދާނަށް ނިކުތުމުން ތެދުވެރިކަމާއި އިޚްލާސްތެރިކަން ފެންނަކަމަށް މަސައްކަތްދޭ ފަރާތްތަކުން ފާހަގަކުރެއެވެ.———————————–
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:National Down Syndrome Society:http://www.ndss.org/Down-Syndrome/What-Is-Down-SyndromeNational Association for Down Syndrome:http://www.nads.org/pages_new/facts.htmlCenters for Disease Control and Prevention: http://www.cdc.gov/ncbddd/birthdefects/downsyndrome.html

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.