ޙުސައިން ޢާމިރު

(21 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ބަލިހުރިކަން އެނގޭނީ ކިހިނެއް؟

އެބޯލާ ވައިރަހަށް މީހާ ހުށަހެޅޭ ވަގުތުން ފެށިގެން އެބަލި ހުރިކަމުގެ އަލާމާތްތައް ފާޅުވާން، ދެ ދުވަހާއި އެކާވީސް ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާފާނެއެވެ.

އެބޯލާ ޖެހުމުން ފުރަތަމަކޮޅު ފާޅުވާ އަލާމާތްތަކުގެ ތެރޭގައި:

•ހުންއައުން

•ބޮލުގައި ރިހުން

•ހުޅުހުޅާއި މަސްތަކުގައި ރިހުން

•ވަރުބަލިވުމާއި ވަރުދެރަވުން

•ކަރުތެރެ ހިރުވުމާއި ދުޅަވުން

•ހީކެރުވުމާއި ތުރުތުރުއެޅުން ހިމެނެއެވެ.

 

ބަލީގެ ޙާލަތު ގޯސްވާން ފެށުމުން ބައެއްފަހަރު:

•އެތެރެހަށްޓަށާއި ބޭރަށް ލޭފޭބުން

•ބަލި ޙާލަތު އިޙްސާސް ވާލެއް ބޮޑުވުމާއެކު ހޮޑުލެވުން

•ބޭރަށްހިންގުން

•ހަމުގައި ބިހިނެގުން

•މޭގައި ރިހުމާއި ބަނޑުގައި ރިހުން

•ނޭވަޔަށް ދަތިވުމާއި (ކާނާ) ދިރުވަން އުނދަގޫވުން

އެބޯލާގެ އެންމެފަހު މަރުޙަލާތަކަށް ވާސިލުވުމުން ނުރައްކާތެރި ދަރަޖައަކަށް ލޭފޭބުން، ޝޮކުޖެހުން، ކޯމާގައި (ހޭނެތިފައި އޮތުން)، ގުނަވަންތައް ފޭލްވުން، އެންމެ ފަހުން ފުރާނަދިޔުން ހިމެނެއެވެ.

ޑޮކްޓަރުންގެ ދައުރަކީ ކޮބައި؟

އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ އެބަލި ޖެހިފައިވާކަން އަވަހަށް  ދެނެގަތުމެވެ. އެބޯލާއިން ސަލާމަތްވުން ގޮންޖެހުމަކަށްވާ އެންމެ ބޮޑު ސަބަބަކީ އެބޯލާގެ ފުރަތަމަ މަރުޙަލާއިން ފެންނަ އަލާމާތްތަކަކީ ޢާއްމުގޮތެއްގައި ވަރަށްގިނަ އެހެން ބަލިބަލިންވެސް ފެންނަ އަލާމާތްތަކެވެ. އެހެންކަމުން އެބޯލާ ވައިރަހުގެ އަސަރު ކޮށްފައި ހުރެދާނެކަމަށް ބެލެވޭތަނަކަށް ހިނގައްޖެ މީހެއްގެ ކިބައިން ދެންނެވުނު ފަދަ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު ހަމަ ވަގުތުން އެހެން މީހުންނާ ދުރުކުރަންވާނެއެވެ. ހަމައެފަދައިން ބަލިމީހުން ބެލުމުގައި ޞިއްޙީފަރުވާދޭ ފަރާތްތައްވެސް އަމިއްލަ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ފަރުވާތެރިކަމާއެކު އަޅަންވާނެއެވެ.

އެބޯލާ ޖެހިފައިތޯ ދެނެގަތުމަށް ޑޮކްޓަރުން ތަފާތު ޓެސްޓުތައް ހަދައެވެ. ފުއްޕާމޭގެ ވަޒީފާތަށް ހަމައަށް އަދާކުރޭތޯ ބަލާ ޓެސްޓުތަކާއި، ލޭގެ ޓެސްޓުތަކެވެ. އެބޯލާ ޖެހިފައިވޭތޯ ބަލަން ހަދާ ލޭގެ ޓެސްޓުތަކަކީ ތަޙުލީލުކުރާ ކޮންމެ މަރުކަޒަކުން ހެދޭ  ޓެސްޓުތަކެއް ނޫނެވެ. އެހެންކަމުން އެފަދަ ލޭގެ ޓެސްޓުގެ ނަތީޖާ އަވަހަށް ހޯދުންވެސް ވަނީ ގޮންޖެހުމަކަށްވެފައެވެ.

އެބޯލާ ޖެހިފައިވާ މީހަކަށް ފަރުވާ ކުރެވޭނީ އެކަމަށް ޚާއްޞަ އާލާތްތައް ހުރި އައިސީޔޫ އެއްގައެވެ. އެއީ ހޮސްޕިޓަލުގައި ނުވަތަ ހޮސްޕިޓަލުން ބޭރުގައިވާ ޚާއްޞަ މަރުކަޒެއްކަމުގައި ވިޔަސްމެއެވެ. އެބޯލާ ޖެހިފައިވާ މީހުންނަށް ޑޮކްޓަރުންދޭ ފަރުވާގެތެރޭގައި:

•ހަށިގަނޑުން ފެން މަދުވެދާނެތީ ދިޔާތަކެތި ގިނައިންދިނުން

•އޮކްސިޖަން ލެވެލް ހަމައަށް ހިފެހެއްޓުމާއި، ލޭގެ ޕްރެޝަރުގެ ވަޒަން ހަމަކޮށް ހިފެހެއްޓުން.

•ހަށިގަނޑުން ލޭފައިބާ ޙާލަތްތަކުގައި ލޭއެޅުން

•އެކިއެކި އިންފެކްޝަން ޖެހިފައިވާ ޙާލަތްތަކުގައި އެކަމަށް ފަރުވާކުރުން ހިމެނެއެވެ.

އެބޯލާއަށް ފަރުވާއެއް ހޯދުމުގެ މަޤްޞަދުގައި  ބައެއް ޖަނަވާރުތައް ބޭނުންކޮށްގެން ތަޖުރިބާތައް ކުރެވިފައިވެއެވެ. ނަމަވެސް މިތަޖުރިބާތަކަކީ އަދި، މީހުންނަށް ފަރުވާކުރުމަށް ރަސްމީ ސިފައެއްގައި ހުއްދަކުރެވިފައިވާ ތަޖުރިބާތަކެއްނޫނެވެ.

އެ ބޯލާއިން ރައްކާތެރިވާނީ ކިހިނެއް؟

އެބޯލާއިން ރައްކާތެރިވެވޭނެ ވެކުސިނެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެފަދަ ވެކުސިނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ޢިލްމުވެރިން އެބަކުރައްވައެވެ. މިބަލިން ރައްކާތެރިވާން އެންމެ އުނދަގޫވާ ސަބަބަކީ މިބަލި ކުއްލިއަކަށް ފެތުރެނީ ކިހިނެތްކަން ޑޮކްޓަރުންނަށް އަދިވެސް މުޅިން ދެނެ ނުގަނެވޭތީއެވެ.

މިބަލިން ރައްކާތެރިވާން އޮތް އެންމެ ރަނގަޅުގޮތަކީ އެބޯލާ ވައިރަސް ފެތުރިދާނެހެން ހީވާ ތަނަކާއި ވީވަރަކުން ގާތްނުވުމެވެ. ހުޅަނގު އެފްރިކާއާއި އަދި މިބަލި މިހާރު ފެތުރެމުންދާ އެފްރިކާގެ އެހެން ގައުމަތަކަށް ދިއުމަކީ ނުރައްކަލެއް ކަމަށް ދެކެނީ އެހެންވެއެވެ. އެބޯލާގެ މަޢުލޫމާތުދޭ ޚާއްޞަ ވެބްސައިޓުތައްވެސް މިހާރު އިންޓަނެޓުގައި ޝާއިޢުކުރެވިފައިވެއެވެ. 

މީޑިއާގެ ޚަބަރުތަކާއި ޑޮކްޓަރުންގެ ރިޕޯޓްތަކުން އެނގޭގޮތުގައި އެބޯލާއަކީ މިހާތަނަށް ފެނިފައިވާ ބަލިތަކުގެ ތެރެއިން ފުރާނައަށް ނުރައްކާކުރާ، މިހާރު އެންމެ ބޮޑަށްފެތުރެމުން އަންނަ ބައްޔެވެ. ނަމަވެސް މިބައްޔާ ގުޅޭގޮތުން ޑޮކްޓަރުންނަށް އެނގޭ މަޢުލޫމާތުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ޢިލްމުވެރިންގެ ހޯދުންތަކަށް ކުރިއެރުން ލިބެމުންދާތީ ފަރުވާއެއް އަތުޖެހުމުގެ އުއްމީދުވެސް އެބައޮތެވެ.

މިފަދަ ބަލިތަކުން އަހަރެމެން ފިލާވަޅު ދަސްކޮށް ޢިބުރަތް ހާސިލްކުރަން ޖެހެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި މިބައްޔަކީ ބަލިޖެހިފައިވާ މީހެއްގެ ދިޔަ ސީދާގޮތެއްގައި ނުވަތަ އެފަދަ އެއްޗެއް ހޭކިފައިވާ އާލާތެއްގައި ބީހިގެން މެނުވީ ޖެހޭ ބައްޔެއްނޫނެވެ. މިއީ ރޯގާ ޖެހޭފަދައިން ވައިގެތެރޭގައި ދަތުރުކުރާ ވައިރަހަކުން ޖެހޭ ބައްޔެއްނޫނެވެ. މިއީވެސް އަހަރެމެންގެ މައްޗަށް އޮތް ﷲ ގެ ރަޙްމަތާއި އޯގާވެރިކަމުގެ ބޮޑުކަމެވެ. ނަހަލާލު ގުޅުންތަކާ ދުރުހެލިވުމާއި، ފަރުވާދިނުމުގައި ރައްކާތެރިވުމާއި، ބަލިޖެހިފައިވާ މީހުން ތިބެދާނެ ތަންތަނާ ގާތްނުވުމަކީ މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ. 

—————————————–

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

World Health Organization

http://www.who.int/mediacentre/factsheets/fs103/en

WebMD

http://www.webmd.com/a-to-z-guides/ebola-fever-virus-infection

Centers for Disease Control and Prevention

http://www.cdc.gov/vhf/ebola

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.