ޙުސައިން ޢާމިރު
 
އެބޯލާ އަކީ ކޮންއެއްޗެއް؟
 
ތިޔަ ހީކުރެއްވި ފަދައިން އެބޯލާއަކީ ވައިރަހެކެވެ. އޭގެ ސަބަބުން އެޖެހޭމީހާ އިންތިހާއަށް ބަލިވާ އަދި ބައެއްފަހަރު މަރާ ކުރިމަތިލާންޖެހޭ ނުރައްކާތެރި ވައިރަހެކެވެ. މި ދުވަސްވަރު ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދޭ ޚަބަރުތަކުން އެނގެނީ މިބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ އެފްރިކާ ގައުމުތަކުގައިކަމެވެ. ޚާއްޞަކޮށް ހުޅަނގު އެފްރިކާގައެވެ.
 

އެހެންކަމުން އެގައުމާ ކައިރީގައިވާ އެހެން ގައުމުތަކަށާއި، ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް މިބަލީގެ ބިރުވެރިކަން އެބައޮތެވެ. ދުނިޔޭގެ ހުރިހާތަނެއްގައިވެސް ޞިއްޙީ ތަޖުރިބާކާރުން ދަނީ އެބޯލާ ޖެހޭމީހުންނަށް ފަރުވާދެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި މިވައިރަސް ފެތުރެމުން އަންނަ ހަލުއިކަމާއި ނުރައްކާތެރިކަމުގެ ސަބަބުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ އެތައްފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބޯލާއަށް Ebola hemorrhagic fever މިހެންވެސް ކިޔައެވެ. އެއީ ހުންއައިސް ހަށިގަނޑުން ލޭ ފައިބާތީއެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ. މި ވައިރަސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ގަޑުބަޑުކޮށްލައެވެ. ނަތީޖާއެއްގެގޮތުން ހަށިގަނޑުން ލޭ ފޭބުމާއި ގުނަވަންތައް ފޭލްވުމާއި އަދި އެންމެފަހުން މަރާކުރިމަތިލުން ގާތެވެ. އެބޯލާ ވައިރަސް ޖެހިފައިވާ މީހާގެ ބަލި ރަނގަޅަށް ދެނެގަނެވި، އެހެން މީހުންނާއި ވަކިކުރެވި، އެމީހުންނަށް ދޭންވާ އަޅާލުން ދެވިއްޖެނަމަ މިބަލި ފެތުރުން މަދުކުރެވޭނެއެވެ. އެބޯލާ ޖެހުމުން ވަނީ ކިހިނެއް؟ އެބޯލާ ޖެހުމުން ފުރަތަމަ ހުންއަންނަން ފަށައެވެ. ދެން ބޮލުގައި ރިހެއެވެ. އާދައިގެ ރޯގާހުން ޖެހުމުން ވާކަހަލަ ގޮތަކަށެވެ. އެއަށްފަހު މީހާގެ ޙާލަތު ދަށަށްގޮސް ނުރައްކާތެރި  މިންވަރަކަށް ހަށިގަނޑުން ލޭފައިބަން ފަށައެވެ. އަދި ވަރަށް ބޮޑަށް ނޭވާއަށް ދަތިވެއެވެ.  އެބޯލާގެ ސަބަބުން ބަލިވާ މީހުންނަށް ވަގުތުން ފަރުވާ ލިބެންވާނެއެވެ. މިފަދަ މީހުންނަށް ފަރުވާކުރާ ފަރާތްތައް، ޑޮކްޓަރުންނާއި ނަރުހުންނަށް ބަލިމީހުންގެ ގައިން ވައިރަސް އަރާފާނެތީ ރައްކާތެރިވާންވާނެއެވެ. ހަމައެފަދައިން ބަލިމީހުންގެ ގާތްތިމާގެ މީހުންނާއި އެބަލި ޖެހުނު މީހުން ދިރިއުޅޭ މުޖްތަމަޢުގެ އެހެން މީހުން ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަންވާނެއެވެ. އެބޯލާޖެހެނީ ކިހިނެއް؟ އެބޯލާ ޖެހެނީ އެބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ދިޔަ (ލެޔާއި ކުޅާއި އެހެނިހެން ދިޔާތަކެތި) ސީދާގޮތެއްގައި އެހެން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެހެންކަމުން މިބަލި ޖެހިފައިވާ މީހެއްގެ ލޭތިއްކަކުން، ކުޑަކަމުދާ ތަކެތިން، ކުޅުން، ނުވަތަ އެހެންވެސް ހަށިގަނޑުގެ ދިޔާތަކެތިން ބަލިޖެހިދާނެއެވެ. ހަމައެފަދައިން މިފަދަ ދިޔާއެއްޗެއް ހޭކިފައިވާ އެއްޗަކާއި ލާމެހިގެންވެސް ބަލިޖެހިދާނެއެވެ. ޢާއިލާގެ މީހަކަށް އެބޯލާ ޖެހިއްޖެނަމަ އެޢާއިލާގެ ދެންތިބި މީހުންނަށް މި ބަލި ވަރަށް ފަސޭހައިން ފެތުރިދާނެއެވެ. ހަމައެފަދައިން ފަރުވާދޭ މަރުކަޒުތަކުގައިވެސް އެކަށީގެންވާވަރުގެ ރައްކާތެރިކަމެއް ނުބެހެއްޓިއްޖެނަމަ އެހެން މީހުންނަށް ބަލި ފެތުރިދާނެއެވެ. އެހެންކަމުން މި މަރުކަޒުތަކުގައި ޞިއްޙީ ފަރުވާދޭ މީހުންގެ ބޮލުން ފެށިގެން ނިގުލަށް، ސަލާމަތީ ކަންކަމަށް މުހިއްމުކަން ދޭންވާނެއެވެ.  ބައެއް ވައިރަހާ އެއްގޮތަށް ކާނާއާއި ފެނުގެ ސަބަބުން އެބޯލާ ވައިރަހެއް ނުފެތުރޭނެއެވެ. ހަމައެފަދައިން ރޯގާ ފެތުރޭގޮތަށް ވައިގެ ތެރެއިންވެސް މި ވައިރަސް ފެތުރިގެނެއް ނުދާނެއެވެ. މިއީ ކިހާ އިރެއްވަންދެން ފެތުރޭ ބައްޔެއް؟ އެބޯލާ ވައިރަހަށް މީހާ ހުށަހެޅޭ ހިސާބުން ފެށިގެން އެމީހެއްގެ ހަށިގަނޑުގައި ބަލީގެ ވައިރަސް ހުރި ކޮންމެ ހިނދެއްގައި އެހެން މީހެއްގެ ގަޔަށް މިބަލި އަރާފާނެއެވެ. ބަލިމީހާއަށް ޝިފާލިބި އޭގެ ހަފްތާތަކެއް ވަންދެންވެސް މީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެދާނެއެވެ. މީގެ މާނައަކީ މިބަލިން މިންޖުވެފައިވާ މީހެއްގެ ގައިން އޭގެ އެތައް ދުވަހެއް ފަހުންވެސް އެހެން މީހަކަށް ބަލިޖެހުމުގެ ފުރުޞަތު އޮވެދާނެއެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހުން ބަލިން ރަނގަޅުވީކަމަށް ހީވާފަހުންވެސް ޞިއްޙީފަރުވާ ދަމަހައްޓަން ވާނެއެވެ. އަދި އެމީހުން ބައިތިއްބަންވާނީ އެހެން މީހުންނާ ވަކިންނެވެ.(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.