އަޙްމަދް ސަމީރު ޢަލީ
އިންޑިޔާގެ ސަރަހައްދެއް ކަމުގައިވާ އަންޑަމަން އެންޑް ނިކޯބާރަކީ ގާތްގަނޑަކަށް ފަސްސަތޭކަ ބާހަތްތަރި ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ، ދިވެހި ރާއްޖޭގެ ރަށްތައް ކަހަލަ ރީތި، ބިންތިރި ރަށްތަކެކެވެ.  ޖޯގްރަފީ ގޮތުން މިޔަންމާ، ތައިލޭންޑް، މެލޭޝިޔާ ގެ އިތުރުން އިންޑޮނީޝިޔާ އާއި މިރަށްތައް މާކައިރި ނަމަވެސް މިއީ އިންޑިޔާގެ ސަރަހައްދެކެވެ. އިންޑޮނީޝިޔާގެ މައި އެއްރަށް، ސުމާޓްރާގެ އެންމެ އުތުރު ކޮޅުގައިވާ (2004 ގެ ބިންހެލުމާއި ސުނާމީ ފެށުނު ހިސާބު) އަޗޭ ސަރަހައްދުން (ކުރީގެ ބަރުމާ) މިހާރުގެ މިޔަންމާ އަށް ދެވޭ ގޮތަށް މާ ކުރީ ޚިޔާލީ ޒަމާނެއްގައި އަޅާފައިވާ ދިގު މާސިންގާ ޚިޔާލީ ފާލަމެއް ފުނޑުފުނޑުވެ ކަނޑަށް ވެއްޓިފައިވާ ކަމަށް ޚިޔާލު ކޮށްލައްވާށެވެ. މިއީ، އިހުޒަމާނުގެ ނަމުންނަމަ އަންޒަމާނުކަރައެވެ!
 

މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވައިލާނީ އަންޒަމާނު ޖަޒީރާ ތަކުގެ ތެރެއިން އެ ރަށްތަކުގެ މެދުތެރޭ ހިސާބުގައި އެންމެ ހުޅަނގަށް އޮތް (28 އަކަމޭލުގެ) މާރަށަށެވެ. އެއީ އުތުރު ސެންޓީނަލް ޖަޒީރާއެވެ. މިއީ ވާ ފިސާރި ބޯހަރު ގޮތްދޫނުކުރާ ބަޔަކު އުޅޭ ރަށެކެވެ! އަދިވެސް މިރަށަށް އަރައި، އެމީހުންނަށް ހަދިޔާ ދީ، ރަހުމަތްތެރިވެ އުޅުމަކީ ހަމަ މުސްތަހީލު ކަމެކެވެ! އެމީހުންގެ ދިރިއުޅުމާއި، އާދަ ކާދަޔާއި، ވާހަކަ ދައްކައި އުޅޭ ބަހާއި ބެހޭ ގޮތުން ވެސް އެނގޭ މިންވަރަކީ އެމީހުންގެ އެކަހެރި ކަމުގެ ސަބަބުން އެހިސާބުގެ އެހެން މީހުންގެ ބަހާއި މި މީހުންގެ ބަހާއި ހުރި ބޮޑު ތަފާތެވެ! އެމީހުން ގެދޮރު ބިނާ ކުރާ ގޮތަކާއި އިޖްތިމާއީ އާދަ ކާދަ ފަދަ،   މިއިން އެއްވެސް މައުލޫމާތެއް މިޒަމާނުގެ އިލްމުވެރިންނަށް އަދި ލިބިފައެއް ނެތެވެ! މައުލޫމާތެއް ލިބޭނީ ‘ހާލު ކިހިނެއްތޯ’ ވެސް  އަހައިލެވިގެން ނޫންތޯއެވެ؟ އެވަރުގެ ފުރުސަތެއް އަދިވެސް ނުލިބެއެވެ! އެކާވީސް ވަނަ ގަރުނުގައި މުވާސަލާތީ ގޮތުންނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފަސޭހަކަމުގެ ސަބަބުން މުޅި ދުނިޔެ ‘ކުނބުރަކަށް’ ވެފައިވާއިރު، ފޯނެއް، ރެޑިއޯއެއް، ކާރެއް، ގަޑިއެއް ހަމަ އެއް ގޮތަކަށް ވެސް ފެނިފައި ނުވާނެ ބަަޔަކު މިހާރު ވެސް މި ދުނިޔޭގައި އުޅެމުންދާ ކަމަށް ގަބޫލު ކެރެވޭތޯއެވެ؟ އާދޭހެވެ! އެފަދަ ބަޔަކު ހަމަ މިހާރުވެސް މީގެ ފަސްދޮޅަހަކަށް ހާސް އަހަރު ކުރިން އެމީހުންގެ ކާބަފައިން މި ރަށުގައި ވަޒަންވެރިވި ގޮތަށް  އުޅެމުން އެބަ އާދެއެވެ!  ގޮވައިލާންދާން އެންމެ އުނދަގޫ ރަށް ކަމުގައި މިރަށް މަޝްހޫރުވެފައިވަނީ މިމީހުން، އެހެން އެއްވެސް ބަޔަކާއި އެއްވެސް ބާވަތެއްގެ ގުޅުމެއް ބާއްވަން ބޭނުން ނުވާތީއެވެ! އިލްމުވެރިން ގަބޫލު ކުރައްވާގޮތުގައި މިމީހުންނަކީ، މީގެ ފަސްދޮޅަހަކަށް ހާސް އަހަރު ކުރިން، އެފްރިކާދުއް ހަނަފަސްކަމުން ސަލާމަތްވުމަށް ރަތްކަނޑު ހުރަސްކޮށް އޭޝިޔާ ބައްރަށް ހިޖުރަކުރި މަދު މީހުންގެ ދަރިފަސްކޮޅެކެވެ! މިމީހުން ދިރާސާ ކުރުމުގެ ބޭނުމުގައި މިރަށަށް އަރައި މިމީހުންނާއި ރަހުމަތްތެރިވެ، ބޯ ގުނެވޭނެ ގޮތެއް ނެތުމުން، ސެންޓީނަލް ރަށުގައި ދިރިއުޅެނީ ފަންސާސް މީހުން ކަމެއް ނުވަތަ ފަސް ސަތޭކަ މީހުންކަމެއްވެސް ކަނޑަ އެޅޭނޭ ގޮތެއް އަދިވެސް ނެތެވެ! އުތުރު ސެންޓީނަލަށް ބަޔަކު އެ އަރަނީ ރަހުމަތްތެރި ކަމުގައިތޯ ނުވަތަ ނުބައި ނިޔަތެއްގައިތޯ އަހާކަށް، ނުވަތަ ބަލާކަށް މިމީހުން ނުތިބެއެވެ. މަސްވެރިޔަކަށް އޮޅިގެން އެ ރަށާއި ކައިރިވެވުނަސް، އިންސާނީ ނަސްލު ދިރާސާ ކުރާ އިލްމުވެރިންގެ ފައުޖެއް އައި ނަމަވެސް، ލިބެނީ “ފިސާރި ހޫނު” މަރުހަބާއެކެވެ! ލޮންސި ވަރުގެ ދިގު ދުނިދަނޑިތަކެއް ރަށަށް އަރަން އުޅޭ ބަޔަކާއި ދިމާއަށް ފޮނުވައިލައެވެ! މީރު ކާނާ އާއި އަންނައުނާއި އެނޫންވެސް އެކި ވައްތަރުގެ ހަދިޔާ އަކަށް މި ބޯހަރު މީހުނެއް އަދިއެއް ނުގުޑައެވެ! 2004 ވަނަ އަހަރުގެ ވަރުގަދަ ސުނާމީ ބޮޑުރާޅު އަރައިގެން އަންޒަމާނުގެ ރަށްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބުނެވެ! ބިންހެލުން އައިސް ސުނާމީ ބޮޑު ރާޅު ފެށުނު ހިސާބާއި ކައިރި ކަމުގެ ސަބަބުންނެވެ! އިންޑިޔާގެ ކަނޑުގެ ލަޝްކަރުން އަންޒަމާނުގެ އެހެން ރަށްރަށަށް އެހީ ފޯރުކޮށްދިން ބީދައިން އުތުރު ސެންޓީނަލް ގެ ރައްޔިތުންނަށްވެސް ކާނާ އާއި އެހެނިހެން ތަކެތި ހެލިކޮޕްޓަރުން ތިރިކޮށް ބައެއް އަސާސީ ތަކެތި ފޯރުކޮށްދިނެވެ. ނަމަވެސް މިމީހުން އެ ހެލިކޮޕްޓަރަށްވެސް ދިގު ދުނިން ހަމަލާދިނެވެ! ފަހުން އެނގުނު ގޮތުގައި، ސުނާމީ ބޮޑު ރާޅު އައުމުގެ ކުރިން އެމީހުން އުސް ހިސާބު ހިސާބަށް އަރައި ރައްކާތެރިކަން ހޯދައިފިއެވެ! އެމީހުންނަށް ސުނާމީގެ ސަބަބުން ގެއްލުމެއް ލިބުނުކަމަކަށް ލަފައެއް ނުކުރެވެއެވެ. އެމީހުންނަށް ގޮވައިލާން އެރަށަށް ދާ މީހުންނަށް ” ހޫނު މަރުހަބާ ” ކިޔާ ދިގު ތީރުތަކުގެ ކޮޅުގައި ތޫނުކޮށް ހަރުކޮށްފައިވާ ދަނގަނޑު ބޯ ފިޔަވައި އެމީހުން ހިފައި ގެންގުޅޭ އެއްޗެތީގައި މައުދަނު ބޭނުން ކުރާކަމެއް އެނގިފައެއް ނެތެވެ. މި ދެންނެވި ތީރުބޯ، ތަޅައި ފަރުމާ ކުރަނީ އެމީހުންގެ ފުއްޓަރަށް އުރޭ ބޯޓުފަހަރުން ވަކި ކުރާ ދަގަނޑު ކޮޅުކޮޅުންނެވެ! މިމީހުން ގެންގުޅޭ އެއްގަސް ބޮއްކުރާ އަކީ ބިޔަ ރާޅު ތަކުގެ ތެރޭގައި ދުއްވަން ފަރުމާ ކޮށްފައި ހުންނަ އުޅަނދު އުޅަނދެއް ނޫނެވެ. އެ އެއްޗެތީގައި ތިބެ މަސްބާނަނީ އެމީހުންގެ ފަޅުތެރެއިންނެވެ! އިންޑިޔާގެ މަދު އިލްމުވެރިންނަށް މިހައިތަނަށް ލިބިފައިވާ މައުލޫމާތަކީ، މި އުތުރު ސެންޓީނަލްގެ އަހުލުވެރިން ދަނޑުވެރިކަން ނުކުރާކަމެވެ. އެންމެ އިހުގެ ހޮވައި ކައި، ޝިކާރަ ކޮށް އުޅުނު މީހުން ގޮތަށް މި މީހުން އަދިވެސް އުޅެނީ، ވަލު އޫރާއި، ބޮޑެތި ބޮނޑާއި ބޯ ޖަންގަލީގައި އުޅޭ އެކިވަރުގެ ދޫނި ޝިކާރަ ކޮށްގެންނެވެ. ރަށާއި މާ ދުރަށް ނުގޮސް ކުރެވޭ މަސްވެރިކަން ކޮށް އުޅޭކަމެވެ. އަމިއްލައަށް ދަނޑު ހައްދައި ނުއުޅުނު ނަމަވެސް ދަނޑިއަލުވި ކައްޓަލަ ފަދަ ފަލަމަޑީގެ ބާވަތް ކައިއުޅޭކަން އެނގެއެވެ. ވަލުތެރެއިން ލިބޭ މާމުއި އެއީ އެމީހުންގެ ވަރަށް ޚާއްސަ ކެއުމެކެވެ. އެމީހުން ވާހަކަ ދައްކާ ބަހަކާއި ގެދޮރު އަޅައި އުޅޭ ގޮތުގެ މައުލޫމާތެއް އަދިވެސް ހޯދިފައެއް ނެތެވެ! މި މީހުންނަކީ ސިޔާސީ ގޮތުން އިންޑިޔާގެ ބައެއް ނަމަވެސް މި މީހުންނަށް އިންޑިޔާ ވެސް އެނގޭނެ ގޮތެއް ނެތެވެ! 2006 ގެ ފަހުން އެމީހުންނާއި ގުޅުމެއް އުފެއްދޭނެ ގޮތެއް އަދި އެއް ނެތެވެ. އެންމެ ފަހުން މާޔޫސް ވެގެން އިންޑިޔާ ސަރުކާރުން ނިންމެވީ، އެމީހުން އެ އުޅޭ ދިރިއުޅުމަކާއިގެން އުޅެން ދޫކޮށްލުމެވެ. އެއް ސަބަބަކީ  އައު ބަޔަކު އެމީހުންގެ ތެރެއަށް ގޮސް އުޅެން ފަށައިފި ނަމަ، ޒަމާނީ ބަލިތައް އެ މީހުންނަށް ޖެހި، އެފަދަ ބަލިތަކުން ދިފާއު ވާނޭ ގުދުރަތީ ދިފާއީ ބާރެއް އެމީހުންގެ ކިބައިގައި ނެތުމުން، މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުންގެ އާބާދީ އެކީގައި ހުސްވެދާނެތީއެވެ! މިހާރު މި ރަށާއި  ތިން މޭލަށްވުރެ ކައިރިވުން ފަތުރުވެރިންނަށާއި، ޑޮކިޔުމެންޓްރީ ފިލްމު ހަދާ މީހުންގެ އިތުރުން ދިރާސާ ކުރާ މީހުންނަށް ވެސް މަނަލެވެ.  އިނގިރޭސީން އިނޑިޔާ އިސްތިއުމާރު ކޮށްގެން އުޅުނު ދުވަސްވަރު ”އިނގިރޭސި ސަރުކާރުން ހިތްޕުޅާ ނުވާ މީހުން”   އަންޒަމާނުގެ ބައެއް ރަށްރަށުގައި (އަރުވާލާމީހުން) ބައިތިއްބިއެވެ. އެގޮތުން އަންޒަމާނުކަރައިގެ ރަށެއްގައި ރަށުބަންދުގައި ހުރި މީހަކު ކަނދު ފައްޗެއްގައި ފިލައިގެން ދާން އުޅުމުގެ ތެރޭގައި އޮޅިގެން ދެވުނީ މިދެންނެވި ސެންޓީނަލް ޖަޒީރާއަށެވެ. ފިލައިގެން ދިޔަ މީހާ، އިނގިރޭސީން ހޯދަމުން އެހިސާބު ބަލަމުން ދިޔުމުގެ ތެރޭގައި އެމީހާ ފެނުނީ އުތުރު ސެންޓީނަލްގެ އަތިރި މަތީގައި، މުޅި ގަޔަށް ތޫނު އެއްޗެތިން ހަމަލާ ދީ، ކަރު ކަނޑާލައި އެއްލާލައިފައި އޮއްވައެވެ! 1974 ގައި އިންޑިޔާގެ ބަޔަކު ސެންޓީނަލް ޖަޒީރާގެ މީހުންނާއި ބެހޭ ޑޮކިޔުމެންޓަރީ ފިލްމެއް ހަދަން އެރަށަށް ދިޔައެވެ. ރަށަށް ލަފާފައި، ބައެއް ހަދިޔާ ބަދިޔާ، ހާމައަށް އޮތް އަތިރި މަތީގައި ބަހައްޓާފައި އެމީހުން ދިޔަ ބޮއްކުރާގައި މައި އޮޑިޔަށް އަރަން އަވަސްވެގަތެވެ. ނަމަވެސް އުފާކުރުމުގެ ބަދަލުގައި، ރަށުމީހުން ކުރިކަމަކީ ހަދިޔާތައް ފެނިގެން އައިސް، އެ ތަކެތި ބެއްޓި މީހުންނާއި ދިމާއަށް ދުނިޖެހުމެވެ. އެމީހުން އަންނަތަން ފެނިގެން ބޮއްކުރާގައި ތިބި މީހުން ފަލިޖެހުން ބާރު ކުރިއެވެ. ނަމަވެސް އެމީހުންގެ ތީރުހެވިންގެ މީހަކު ފޮނުވައިލި ދިގު ތީރު، ވަނީ ބޮއްކުރާގައި އިން ފިލްމުގެ ޑިރެކްޓަރުގެ ފައި ފަލަމަސްގަނޑަށެވެ! ހެރުނު ތީރު 6 ފޫޓަށްވުރެ ދިގު ކަމަށް ވެއެވެ! މިދެންނެވި ހާދިސާގެ ބައިބައި ޔޫ ޓިޔުބުން ބެލެން އެބަހުއްޓެވެ. އިންޑިޔާ މީހުން ތައްޔާރު ކުރި ޑޮކިޔުމެންޓްރީ ފިލްމު Man in Search of Man ގައިވެސް މިދެންނެވި ހާދިސަގެ ބައެއް ހިމަނާފައިވެއެވެ. އުތުރު ސެންޓީނަލް ޖަޒީރާގައިއުޅޭ މީހުންގެ ދިރިއުޅުން ދިރާސާ ކުރެވޭތޯ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭކަލަކީ އިންސާނުންނާއި ބެހޭ އިލްމުވެރި ) anthropologist ( T N Pandit އެވެ. 1980 ގެ ފަހު އަހަރުތަކުގައްޔާއި 1990 ކުރީކޮޅުގައި ޕްރޮފެސަރ ޓީ އެން ޕަންޑިޓް، އިންޑިޔާ ސަރުކާރުގެ އެހީ އާއި ފުރިހަމަ އެއްބާރުލުން ލިބިލައްވައިގެން އަންޒަމާނުކަރައިގެ އުތުރު ސެންޓީނަލަށް ދަތުރުތަކެއް ކުރެއްވި ކަމަށްވެއެވެ. އެ ރަށުގެ ރައްވެހީން ދުލެއް ދީފިއްޔާ ކުރިޔަށް ދެވޭތޯ ބަލަމުން، ރުޅި މޫނު ދެއްކި ފަހަރެއްގައި ފަހަތަށް ޖެހެމުންނެވެ.  މިފަދަ ދަތުރެއްގެ  ތަޖުރިބާ އަކާއި ބެހޭގޮތުން ޕްރޮފެސަރ ޓީ އެން ޕަންޑިޓް ލިޔުއްވިއެވެ، ” ބައެއް ފަހަރު އެމީހުން އަހަރުމެނަށް ފުރަގަސްދީ، ( ބަރަހަނާވެ) އަތިރިއަކަށްދާން އިށީންނަ ގޮތަށް އިށީނދެވެސް ހެދިއެވެ! މިއީ އަޅުގަނޑުމެނަށް މަރުހަބާ ނުކިޔާނެ ކަން އެންމެ ފާޅުގައި ދައްކައި އަޅުގަނޑުމެނަށް އެންމެ ދަށު ދަރަޖައިގެ އިހާނެތިކަން ދެއްކުމަށް އެމީހުން ކުރާ އެއްކަމެވެ! “ ޕްރޮފެސަރ ޓީ އެން ޕަންޑިޓްގެ ގަލަންކޮޅުން ނޯޓު ކުރެއްވި އެހެން ހާދިސާއެއްގައި ކުރީގެ ހާދިސާ އާއި ޚިލާފަށް، އުންމީދީ ރާގެއްގައި ލިޔުއްވާފައިވެއެވެ، ” 1991 ވަނަ އަހަރުގެ ޖަނަވަރީން 4 ވަނަ ދުވަހު، ހަމަ ކުއްލިއަކަށް އެމީހުންގެ އަށާވީހަކަށް އަންހެނުންނާއި ކުޑަ ކުދިންނާއި ފިރިހެނުން އަމިއްލައަށް ފެނިގެން އަޅުގަނޑުމެނާ ބައްދަލު ކުރަން އަޅުގަނޑުމެން ތިބި ހިސާބަށް އައެވެ! މަތިމަތިން ފެންނަ ގޮތުގައި މިއީ ވަރަށް ކުޑަކުޑަ ކަމެކެވެ. ނަމަވެސް މިކަން އަޅުގަނޑުމެނަށް (އުފަލުން) އެވަގުތު ގަބޫލު ކުރަންވެސް ދަތިވިއެވެ! ”  އެ ފަހަރު އެގޮތަށް ދިމާވެ، ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސ ފަނަރަވަރަކަށް އަހަރު ފަހުުން، 2006 ގައި ( އެންމެ ފަހުން އެ ރަށު މީހުންނާއި މި ޒަމާނުގެ މީހުން ބައްދަލުވި ފަހަރު ) އެ ރަށުގެ ފަޅުތެރޭގައި މަސްބާނަން އުޅުނު އަންޒަމާނުގެ އެހެން ރަށެއްގެ ބަޔަކު، ސެންޓީނަލް މީހުންގެ ދިގު ދުނިން ހަމަލާ ދީ މެރިކަމަށް ވެއެވެ! ބައެއް އިލްމުވެރިން ދެކޭ ގޮތުގައި އެމީހުން އެ އުޅެމުންދާ ގޮތަކަށް އުޅެން ދޫކޮށް، އަޅައިނުލައި ބައިތިއްބަންވީއެވެ. އަޅުގަނޑުމެންގެ ތެރޭގައި އެނބުރޭ ތަފާތު ބަލި އެކި ފަހަރު މަތިން ޖެހި، އަޅުގަނޑުމެން މިހާރު މިތިބީ އެކިބައްޔަށް އެކިވަރަށް ހޭނިފައެވެ. ނަމަވެސް އުތުރު ސެންޓީނަލްގެ އަހުލުވެރިން އެފަދަ ބަލިބަލީގެ ކުރިމަތީގައި ވަރަށް ނިކަމެތިވާނެއެވެ.  އެމީހުން އަދިވެސް އެމީހުންގެ ގޮތުގައި ތިބިކަމީ، އެމީހުން އެ ގެންގުޅޭ ނޭއްގާނީ ކަމުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. މިމީހުންގެ ދިރިއުޅުން ކުޑަކޮށް ނަމަވެސް ދިރާސާ ކުރާނެ ފުރުސަތެއް ލިބިލެއްވި އިލްމުވެރިން އެންމެ ހައިރާންފުޅުވާ ކަމަކީ، ” އެމީހުން އަޅުގަނޑުމެންގެ ފަރާތުން ކުޑަވެސް އެހީތެރިކަމެއް ބޭނުން ނުވަނީ އަޅެ ކީއްވެ ބާއެވެ؟” ބާރުގަދަ ގޫގުލް ގެ އެހީގައިވެސް އަންޒަމާނު ކަރައިގެ މި ސެންޓީނަލް ޖަޒީރާއިން އަޅުގަނޑަށް، ޖިފުޓި ގަނޑެއްވެސް ފެންނަ ގޮތެއް ނުވިއެވެ! މުޅި ރަށުގައި ފެތުރިފައިވާ ބޯ ޖަންގަލީގެ ސަބަބުންނެވެ! މިއީވާ ފިސާރި ބޯހަރު ބައެއްތާއެވެ! ކަނޑުން އަރައި އެމީހުންގެ ހާލު ބަލައިލައި ހެޔޮހިތުން، އުދައްޔެއް ކަތިވަޅިއެއް ވެސް ދިއްކޮށްލެވޭނެ ގޮތެއް ނެތެވެ. މަތިމަތިން ސިއްރު ސިއްރުންވެސް ރަށުތެރެ ބަލައިލެވޭނެ ގޮތެއް ނެތެވެ! އަނެއްކާ އެމީހުންގެ ރަށަށް އަޅުގަނޑުމެން ކިޔަނީ އުތުރު ސެންޓީނަލް ކަންވެސް އެމީހުން ނުދެނަހުއްޓެވެ! ހާމައަށް ފެންނަން އޮތީ އަޅުގަނޑުމެންގެ ރަށްތަކުގެ ގޮނޑުދޮށްވެސް މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ސަބަބު ކަމުގައިވާ،  ދެލޯ ތަރަތަރަ ޖަހާ ކަހަލަ، ރީތި ސާފު ބޯކިރުފޮދެއްފަދަ ދޮންވެއްޔެވެ!————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.