ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
'އައިމެރޭ ޕިޔާރީ ވަތަން' (އަހަރެންގެ ލޯބިވާ ވަތަނާއެވެ!) އަކީ ފިލްމް 'ކާބުލިވާލޭ' (1961) ގެ ލަވައެކެވެ. ގިނަ ނާގިދުންގެ ނަޒަރުގައި މިލަވަޔަކީ  ވަތަނީ ލޯބީގެ މައުޟޫއުގެމައްޗަށް ލިޔެވިފައިވާ އެންމެރީތި ހިންދީ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.
 

ލަވައިގައި ބަޔާން ކުރެވިފައިވަނީ އޭނާގެ އަމިއްލަ ވަތަނާ ދުރުގައި އުޅެން ޖެހިފައިވާ އަފްޣާނިސްތާނުގެ ކާބުލުގެ މީހާގެ (ކާބުލިވާލޭ) ހިތުތެރޭގައި ހިނގާ ވަތަނީ ލޯބީގެ އިހުސާސުތަކުގެ ވާހަކައެވެ. އޭނާގެ އަބުރާއި އިއްޒަތް އަދި ޝަރަފާއި ކަރާމަތް ގުޅިފައިވަނީ އޭނާގެ ވަތަނާއިކަމެވެ. އަބަދުވެސް އޭނާ، އޭނާގެ ވަތަންމަތީން، ހަނދާކޮށް އަދަބު އިހުތިރާމު އަދާކުރުންމަތީ ދެމިހުންނަވާހަކައެވެ. އާދެ! ވަތަނާއި ދުރުގައި އުޅެންޖެހިފައިވިޔަސް، ވަތަންގެ އިއްޒަތާ ޝަރަފަށް ގެއްލުންވާކަހަލަ ކަންތައްތައްކުރުމުން ދުރުހެލިވެ އަބަދުވެސް ވަތަނަށް ވަފާދާރު ވަތަންގެ ޝަރަފު ދަމަހައްޓަން މަސައްކަތް ކުރާމީހެއްގެ ގޮތުގައި ދެމިހުންނަވާހަކައެވެ. މިލަވަ ދިވެހި ތަރުޖަމާއާއެކު އަޑުއައްސަވާލައްވަން މިގުޅުމަށް ފިއްތަވާލައްވާށެވެ.
https://www.youtube.com/watch?v=6nmhQe9MDTk

———————————————-

އަހަރެންގެ ލޯބިވާ ވަތަނާއެވެ، އަހަރެންގެ ގެއްލިފައިވާ ގުލްޒާރެވެ!
އަހަރެންގެ ހިތް ކަލާއަށްޓަކައި ގުރުބާން ކުރަމެވެ.
އަހަރެންގެ ހިތުގެ އެދުމަކީ ކަލާއެވެ.
އަހަރެންގެ އަބުރާއި އިއްޒަތަކީވެސް ކަލާއެވެ.
ކަލާއަކީ އަހަރެންގެ ފުރާނައެވެ.

ކަލާގެ ބިމުގައި ދަތުރުކޮށްދާ ވައިރޯޅިއަށް އަހަރެން ސަލާންކޮށް އަދަބު އިހުތިރާމުއަދާކުރަމެވެ.
އެދުލުން ކަލާގެނަންގަތް ކޮންމެ ދުލެއްގައި އަހަރެންބޮސްދޭނަމެވެ.
އެންމެރީތި ފަތިހުގެ މަންޒަރުތަކާއި ކުލަކުލައިންފުރިގެންވާ ރަންގީނު ހަވީރުގެ މަންޒަރުތައް ލިބިފައިވަނީކަލާއަށެވެ.
އަހަރެންގެ ހިތް ކަލާއަށްޓަކާ ގުރުބާން ކުރަމެވެ.

ބައެއްފަހަރު މަންމަގެހިތްހެން ކަލާއައިސް އަހަރެންގެ މޭގައި ތަތްކޮށްލައެވެ.
އަދި އަނެއްބައިފަހަރު އަހަރެންގެ ހިތަށް ކަލާފެންނަނީ އަހަރެންގެ ކުޑަކުޑަ އަންހެންދަރިފުޅު ހެންނެވެ.
ކަލާހަނދާންވިވަރަކަށް އަހަރެންގެ ހިތުގެވޭން އިތުރުވެއެވެ.

ކަލާގެ ބިން ދޫކޮށް އަހަރެން މިވަނީ އަމިއްލަގެދޮރާއި ވަރަށްދުރުގައެވެ.
އެއިން ކަލާގެ ޖައުހަރު އެކުލެވި އުފެދިގެންވީ ހުރިހާ ޒައްރެއް ހެކިކޮށް ބުނަމެވެ.
އަހަރެންގެ އެދުމަކީ އަހަރެންއުފަންވި ބިމުގައި އަހަރެން އެންމެފަހު ނޭވާލައި ނިމިދިޔުމަށެވެ.

އަހަރެން، އަހަރެންގެ ހިތް، ކަލާއަށްޓަކައި ގުރުބާން ކުރަމެވެ.
އަހަރެންގެ ލޯބިވާ ވަތަނާއެވެ. އަހަރެންގެ ގެއްލިފައިވާ މާބަގީޗާއެވެ.
އަހަރެންގެ ހިތް ކަލާއަށްޓަކައި ގުރުބާން ކުރަމެވެ.

———————————

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.