حقيقۃއަކީ ކޮބައިތޯއެވެ؟

عبدالرشيد نزار

ހެންވޭރު ގުލްދަމްގޭ އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. މޮޅު ޅެންވެރިއެކެވެ. އޭނާގެ ދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކަށް އޭނާ ވަނީ ލިޔުއްވައި ޅެން ހައްދަވައިފައިވެއެވެ. އަދި ޚާއްޞަ މުނާސަބާތަކާ ގުޅިގެން ޅެން ހައްދަވައިވެއެވެ.

އޭނާގެ އަދަބީ ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދެއްވުމުގެ އިނާމު 1989 ވަނަ އަހަރު، ދައުލަތުން ވަނީ ދެއްވާފައެވެ.


އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރަކީ، ސަރުކާރުގެ މުހިންމު ވަޒީފާތަކެއް އަދާކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒާއި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

މާތްﷲ، އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ.
މިއީ، މީގެ 54 އަހަރުކުރީން އޭނާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން ނަކަލުކޮށްފައި މިވަނީ ދުވަހު ނޫސް ” މިދުވަސްވަރު ” ގެ 8 ނޮވެމްބަރ 1959 (އާދީއްތަ) ދުވަހުގެ ޢަދަދުން ނެވެ.  

މިލިޔުން ނަކަލުކުރުމުގައި ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.


حيران ވާހާވެއެވެ. އެ حيران ން އަންތަރީސް ވާހާވެއެވެ. ކީއްވެގެންތޯއެވެ؟ އަޅުގަޑުމެން ހަދަންވީގޮތެއް އަޅުގަޑު މެންނަށް ވެސް ނޭގޭތީއެވެ. އަޅުގަޑުމެން އުޅެންވީ ކިހިނެއްކަން އަޅުގަޑުމެންނަށް ވެސް ނުވީސްނޭތީއެވެ. އާދޭހެވެ! حيران ވާހާ ވެއެވެ. އެ حيران ން އަންތަރީސް ވާހާވެއެވެ.

މި ރޮގުން ކިތަންމެ ކުރު ނަމަވެސް مضمون އެއް ލިޔަނީ ضميیر مجبور ކޮށްގެންނެވެ. ފެންނަ މަންޒަރުތަކުގެ ބާވަތުންނެވެ. އިވޭ އަޑުތަކުގެ ރާގުންނެވެ. ކުރެވޭ ކަންތަކުގެ ………. ތެދުފުޅެކެވެ. ދުނިޔެއަކީ ދުނިޔެއެވެ. އަބަދު އެއްގޮތެއްގައި ނުއޮވެއެވެ. ދުނިޔެއެވެ. ކޮންމެ ދެމިނެއްޓެއްމެ، އަދި ކޮންމެ ދެސުކުންތެއްމެ ތަފާތު ގޮތެއްގައި ނޫނީ ނުދައްކާވޭތޯ މަސައްކަތްކުރާ ދުނިޔެއެވެ. ވީއިރު އަޅުގަޑުމެންގައިވެސް އަދި އަޅުގަޑުމެންގެ خيال އާއި حرکات ތަކުގައިވެސް دور ކުރުން ހުންނާނޭކަމީ ޝައްކެއްނެތް ކަމެކެވެ. ނަމަވެސް…… އާދެ! އެމީހެއްގެ ހުރި ހަރުދަނާ ކަމެއްގެ ނިސްބަތުންނެވެ. އެމީހެއްގެ نفسގެ މައްޗަށް އެމީހަކަށް ދެވޭ إعتبار އެއްގެ މިންވަރަކުންނެވެ.

ދަންނަވަން މިއުޅޭ އެއްޗެއް ދެންނެވުމުގެ ކުރިން އަޅުގަޑާއެކު ماضیގެ ދުވަސްތަކަކަށް ނަޒަރު ހިންގަވާ ލެއްވުން ކީއްތޯއެވެ؟ ފެންނާނީ ގާތްގަޑަކަށް މީގެ 10 ވަރަކަށް އަހަރުގެ ކުރިއެވެ. އަޅުގަޑު ދަންނަވަން މިއުޅޭ އެއްޗެއްގެ ތެދުކަން إحساس ކުރެއްވުމަށްޓަކައި نادى އިން ނުވަތަ دارالعلوم ން ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް އެންމެ ރަގަޅެވެ. ނުވަތަ ރަސްމީ ބޯޅަ ބިމަށް ޒިޔާރަތް ކޮށްލެއްވިޔަސް ހަމަ އެންމެ ރަގަޅެވެ. ނޫންނަމަ އެހެން ތަނެއްގައި އޮތް ތަންކޮޅެއް އާދައިގެ ޖަލްސާއަކަށް ނަޒަރު ހިންގާލެއްވިޔަސް އެންމެ ރަގަޅެވެ. އެކިއެކި ތަންތާގެ ރަޖިސްޓްރީ ތަކުގައި އަތްޕުޅު ނުލެއްވި ނަމަވެސް ނުކުންނަ ނޫސްތަކާއި مجلّۃ ތަކުގެ صفحۃ ތައް ބައްލަވާ ލެއްވިޔަސް އެންމެ ރަގަޅެވެ. އާދޭހެވެ. މިދެންނެވި ރޮގުރޮގުން ބޭނުންފުޅު ކޮންމެ ކަމެއް ކުރެއްވިޔަސް އެންމެ ރަގަޅެވެ. ހަމަ އެންމެ ރަގަޅެވެ. ހެކިވެ ވަޑައިގަންނަވަން ޖެހޭނީ އަޅުގަޑުގެ ބަހުގެ ތެދުކަމުގެ މައްޗަށެވެ.

ފެނިވަޑައިގަތީ ކޮން މަންޒަރެއްތޯއެވެ؟ އެގިވަޑައިގަތީ ކޮން އެއްޗެއްތޯއެވެ؟ ހިތުގެ އަޑިން ނަމަވެސް ނުވަތަ ހިތާ روح ދިމާ އިދިކޮޅަށް ނަމަވެސް ނުވަތަ ނޭގި ތިބެނަމަވެސް ދީފައިވާ ترحيب ގެ މަތިވެރި ކަމެވެ. إجتماعى جلسۃ ތަކަށެވެ. أدبى خدمۃ ތަކަށެވެ. رياضی روح އަށެވެ. އަދިވެސް…

ޝައްކެއްނެތެވެ. މިދެންނެވި ދުވަސްވަރު ކުރެވޭ ޖަލްސާ ތަކުގައި حال އަކުން ހުސްގޮޑިއެއް ހުރި ނަމަވެސް ގިނަވާނީ مہمان ންނަށް ހުޅުވިފައި ހުންނަ ޢާއްމު ގޮޑިބަރިވެސް ފުރޭ ފަހަރެވެ. ޖޯޝީ ކުޅިވަރެއް ކުޅެނީއަކީ ނޫނެވެ. ކުޅަދާނަ مقرّرރެއްގެ تقرير އަހާލުމަށް ޓަކައެވެ. މަތިވެރި ދެތިން أديب އެއްގެ ވިރެމުން އޮހެމުން އަންނަ ފަށުއި عبارات ކޮޅަކުން روح ދިރުވާލުމަށްޓަކައެވެ. އާދޭހެވެ! ހަމަ “ހިތުގެ އަޑީން” ނެވެ. ކިތައްމެ މަޖާ ކުޅިވަރެއް އޮތަސް ދޫކޮށްފައިވެސް މެއެވެ.

ނޫން، ކުޅިވަރަށް ދެވިފައިވާ ترحيب އެންމެ ތަންކޮޅެއް ވެސް ކުޑައީއަކީ ނޫނެވެ. ކުޅިބަލާ މީހުން އެންމެ މަދުން حاضرވާ (މިރަށުގައި) ކުޅިވަރެއް ކަމުގައި އަޅުގަޑަށް ހީވެފައިވަނީ ކްރިކެޓްއެވެ. ނަމަވެސް ކްރިކެޓް މެޗްތައް ކުޅެވުމުން ދާއިރު ވެސް، މެންދުރުގެ އެންމެ ގަދަ އަވީގައިވެސް ދަޑުގެ ވަށައިގެން ހިސާބަކަށް މީހުން ނެތްއިރެއް ނުދެއެވެ. ބޯޅަގެ ކައިރީގައި ހުންނަ ގޮޑިތަކުން عزّت ތެރިން ފެންނަލެއް ނުހަނު ގިނައެވެ. ކުޅިބަލާގެއާއި ވަށައިގެންވާ ފާރުމަތި އޮންނަނީ ފުރިފައެވެ. ފުޓްބޯޅަ، ހޮކީ، އަދި ރަގަފަދަ ކުޅިވަރެއް ކުޅެނީނަމަ، މުޅި އެހިސާބު އޮންނަނީ ތޮއްޖެހިފައެވެ. ކުޅުން ފަށާ ފަހުން އެތަނަށް ދާމީހަކަށް ކުޅޭ ބިން ފެނުމަކީ، ވަރަށް ދަތިކަމެކެވެ. މަނާކުރަނީއަކީ ނޫން އިގޭތޯއެވެ. މީސްތަކުންގެ ޢަދަދު ގިނަކަމުންނެވެ. އަދި ކޮބައިތޯއެވެ؟ ހަމައެކަނި ބަލަން ތިބެނީއަކީ ނޫނެވެ. އޭގެ ފޯރީގައި ލޭވެސް ކެކި އުތުރެނީއެވެ. އަދި مہمانى  ބިދޭސީ ޓީމަކާ ބައްދަލުވެއްޖެނަމަ……

އަޅުގަޑު قصد ކުޅަ ވަރަށްވުރެ ކުޅިވަރުގެ ރޮގުން މިހާރުވެސް ގިނަ ވާހަކަ ދެއްކިއްޖެއެވެ. އެހެންކަމުން ދެން ނޫހެއް ނުވަތަ މަޖައްލާއަކަށް ސަމާލުކަން ދެމާތޯއެވެ؟ ނޫހެއްގެ صفحۃ ތައް އުކާލާއިރު، ކިޔައިފައި ނުކިޔާނެ އެއްޗެއް ނުއޮވެއެވެ. އެއްވަރުގެ އަހާ ހިތްވާ ރީތި مضمون އެވެ. ފަށުވި ޅެމެވެ. ތާޒާ خبرއެވެ. މަޖައްލާއެއްގެ فہرست އެކަނި ބަލާލިއަސް ހިތްހަމަ ޖެހޭހައިވެއެވެ. ކީއްވެގެންތޯއެވެ؟ ދިވެހި ބިންގަޑުގައިވެސް އެކަށީގެންވާ ޢަދަދަކަށް أديب ންނާއި أديبہއިން شاعرންނާއި شاعرۃއިން އެބަތިއްބެވިކަން އަދި އުފެދެމުން އެބަދާކަން قبول ކުރެވޭތީއެވެ. ހަމަކަށަވަރުންވެސް أدبی ރޮގުން مستقبل ނުހަނު روشنی ކަމުގައި إحساس ކުރެވޭތީއެވެ.

ނަމަވެސް އަދު އޮހޮރަން ޖެހިފައިވަނީ ހިތި ކަރުނައެވެ. ލޭކަރުނައެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ سؤال ކުރައްވާއިރުވެސް ރަގަޅަށް އެގިވަޑައި ގަންނަވާނެއެވެ. ތެދު قبول ކުރައްވާށެވެ. އަދު އެންމެ ހޫނުގަދަ އެންމެ جوشى މެޗްތައް ކުޅެވެމުން ދާއިރުވެސް حال އަކީ ކޮބައިތޯއެވެ. وزارةالّداخليّۃ އިން އަންގަވައިގެން إنعام ދެއްވުން ފަދަ ކަމަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ އިތުރުން ފަހަރެއްގައި ދެބޭފުޅަކު، ގިނައްޔާ ބައިގަޑިއެއް ހައިއިރު މަޑުކޮށްލައްވަފާނެއެވެ. ކުޅި ބަލާގެތަކުން އެކި ދިހަމަތިން ފެންނަ جنس لطيف ންގެ ޖުމްލަ ދިހަބާރަ ވަރު ވެދާނެއެވެ. މިދެންނެވި މަދު عدد ގެ އިތުރަށް ދަޑުފެންނަ ހިސާބުގައިވެސް ދެން ތިބޭނީ ޓީމްތައް ފިޔަވައި ތިރީހަކަށް މީހުންނެވެ. އާދޭހެވެ. ކުޅިވަރުގެ روح “ކަށީގައި ހިފައިގެން” އިހަށް ލޭކެކުނީ މީސްތަކުން އަދު……….

އިއްޔެ ގެނައިގޮތަށް މޭޒުމަތީގައި ބާއްވަވާފައި އެވާ މަޖައްލާގެ فہرست ބައްލަވާލައްވަ ބައްލަވާށެވެ. ފެންނަނީ ހައެއްކަ އަށެއްކަ ނަމެވެ. ގިނައްޔާ އޮތީ ދޮޅަހަކަށް موضوع އެވެ. ތިޔަ ނޫސް ދައްކަވަ ބައްލަވާށެވެ. އާ خبرއެއް ނެތެވެ. މިއޮތީ ތިޔަ މަޖައްލާގައިވެސް އޮތް ޅެމެކެވެ. އަދި ރޭގައި އަޅުގަޑުގެ އަތަށްއެރި ސިނަމާގައިވެސް ހަމަ މިޅެން އޮތެވެ. معاف ކުރައްވާށެވެ. حال ހުރިގޮތެވެ. أدبی ދުރުމިން އަޅުގަޑުމެން އިހަށްދުށް مستقبل ގެ ރޯޝަންކަން އަދު ބަދަލުވެފައި ވަނީ ކަޅު އަދިރި ނާމާން ކުލަތަކަށެވެ.

ދެން ޖަލްސާތަކަށް ބަލާލަމާ ހިންގަވާށެވެ. ދެންނެވޭހިދު އެއްވެސް ވިސްނުމެއް ފަރުވާއެއްނެތި ސޮއިކޮށް ލެއްވުމަކީ، ދަތިކަމެއް ނޫނެވެ. ނަމަވެސް ޖަލްސާގެ ގަޑި އައިސް ޖެހޭއިރު ދެބައިކުޅަ އެއްބައަށްވުރެވެސް ގިނައިން ހުސް ގޮޑިއެވެ. خاصّކޮށް عزةّ ތެރީންނަށްޓަކައި ބެހެއްޓިފައި ހުންނަ ގޮޑިބަރިތައް މުޅީން ހުހޭ ދެންނެވިޔަސް މާބޮޑު ދޮގަކަށް ނުވާނެއެވެ. حاضرވެ ވަޑައިނުގަންނަވަނީ ކަމެއްވެގެނެއްވެސް ނޫންމެއެވެ. ފަހުން سؤال އެއް ކުރެވިއްޖެނަމަ جواب ވަރަށް އަވަސްމެއެވެ. އާދެ! ކުއްލިއަކާ ދިމާވި ކަމަކާހުރެ ނުދެވުނީއެވެ. އަޅުގަޑު حيران ވާންޖެހެނީ، އެ “ކުއްލި ދިމާވުން” ދިމާނުވާ ފަހަރެއް މިހާރަކަށް އައިސް ނާންނާތީއެވެ. ފަރުވާ ކުޑަކަމުން ހަދަން މެދުވެރިވާ ދޮގުތައް ހަދަމުންދާއިރު އެހެން މީހުނަށް ވިސްނޭނޭ ފަހަރެއްގައިވެސް ހީނުވަނީ ކަންނޭގެއެވެ.

ޝައްކެއްނެތެވެ. މިނިވަނާގެ ވަޢުދަކީ އެމީހާގެ މައްޗަށްވާ ދަރަންޏެއްކަން އަޅުގަޑުމެން އެންމެންވެސް ދަންނަމުއެވެ. قبولކުރަންމެއެވެ. އެހެން ނަމަވެސް އެ وعد އާއި خلاف ވުން تكرارވަމުން ދާއިރުވެސް އެއްވެސް އެއްޗެއް ހިތަކަށް ނާރައެވެ. މީސްތަކުންގެ ކުރިމަތީގައި ކެޑެމުންދާ ތިމާގެ إعتبارގެ މައްޗަށްވެސް ފަރުވާއެއް ނުބެހެއްޓެއެވެ. އެކިއެކި ޖާފަތަށް دعوت ދެވޭ ހިދުވެސް…… އާދެ، ނަތީޖާއަކީ ހަމަ މިއީއެވެ. ހުސްގޮޑިތައް ގިނަކަމުން دعوت ދިން މީހާއަށް ލިބޭނޭ ގެއްލުން ފަހަރެއްގައިވެސް إحساس ނުކުރެއްވެނީ ކަންނޭގެއެވެ. އޭނާއަށް އެކަމުން އަސަރެއް ކުރާނޭކަން އެގިވަޑައި ނުގަންނަވަނީ ކަންނޭގެއެވެ. وعدވެ ސޮއިކުރެވެއެވެ. ނަމަވެސް…….

ކޮންމެއަކަސް އަޅުގަޑު ވިސްނި ވިސްނުމުގައި އެހާރާއި މިހާރުގެ ތަފާތަކީ، ހަމައެކަނި رياسۃ ފަޅުފިލުވޭ ފަރާތްތަކުގެ ތަފާތެވެ. އިހަށް އެގޮޑިން ފެންނަފަދަ މަތީ ދަރަޖައިގެ ވެރިއަކު މިހާރު އެގޮޑިން ފެނުމުގެ بدلގައި …….. ނަމަވެސް حقيقۃ އަކީ މިއީ ކަމުގައި ވަނީނަމަ، އަޅުގަޑުމެންގެ “ކަށީގައި ހިފާފައިވާ” ކަމުގައި އިހަށް އެ دعوایކުޅަ روح އަކީ، ދެއްކުނު ދަޅައެއް ނޫންތޯއެވެ؟ އެ دعوایތަކަކީ ހުސްދޮގުގެ މައްޗަށް ބިނާކޮށްގެން ކުރެވުނު ދަޢުވާތަކެއް ނޫންތޯއެވެ؟ ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟ ދެއްވާނެ جواب އެއް ދެއްވާށެވެ.

ތެދުތެދަށް ދަންނަވަނީނަމަ އަޅުގަޑުމެންގެ حال ހުރީ މިފަދަ ގޮތެއްގައެވެ. އެއިރަކު ހުންނެވި އެންމެމަތީ ވެރިއަކު ފެންނަތަނަށް ގިނަގިނައިން ދެވޭނެއެވެ. އެ سرحّد އެއްގައި ގިނަ ބުރުތަކެއް ޖެހޭނެއެވެ. އެވެރިޔަކު އެންމެބޮޑަށް ترحيب ދެއްވާ ކަމެއް އެއީ، އަޅުގަޑުމެންވެސް، “އެންމެ ލޯބިވާ” ކަންތައް ކަމުގައި ހެދޭނެއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ހެންވޭރުގެ ކޮންމެވެސް މިސްކިތަކަށް ނަމާދަށް ދިޔަ މީސްތަކުންގެ عدد އާދަޔާ خلافފަށް ގިނަވީކަމުގެ ސިއްރަކީވެސް ހަމަ މިއީއެވެ. ނޫންނަމަ، ……. حققيقۃ އަކީ ކޮބައިތޯއެވެ؟

ކޮންމެއަކަސް حيران ވާހާވެއެވެ. އެ حيران ން އަންތަރީސް ވާހާވެއެވެ. ކީއްވެގެންތޯއެވެ؟ އަޅުގަޑުމެން ހަދަންވީ ގޮތެއް އަޅުގަޑުމެންނަށްވެސް ނޭގޭތީއެވެ. އަޅުގަޑުމެން އުޅެންވީގޮތެއް އަޅުގަޑުމެންނަށްވެސް ނުވިސްނޭތީއެވެ. އާދޭހެވެ. حيران ވާހާވެއެވެ. އެ حيران ން އަންތަރީސް ވާހާވެއެވެ.

———————————–
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.