ދިވެހިރާއްޖޭގައި ފުޅިބައްތި އުފެއްދި الفاضل ކުނިމަސް ދޮން موسیފުޅު

ކުރީގައި ރާއްޖޭގައި ރޭގަނޑު ބައްތި ދިއްލާ އުޅެނީ ލިބޭ މީހުން ވަރަށް ޚަރަދު ބޮޑު ގޮތެއްގައެވެ. އެއީ، ބިގަރު، ފާނޫޒު، ފަސްލޭނު ބައްތި މިކަހަލަ ތަކެތިންނެވެ. ނުލިބޭ މީހުން ބައްތި ދިއްލާ އުޅެނީ، ވަރަށް އުދަގޫ އަދި ނުރައްކާވެސް ގޮތެއްގައެވެ. އެއީ ތައްޓަކަށް، ނުވަތަ ވޮށަކަށް ކާށިތެޔޮ އަޅާފައި ފުކެއް ލާފައި ރޯކޮށްލަނީއެވެ. ދެން ފަހަކަށް އައިސް އަތްބައިތިއެވެ. އޭގައިވެސް ހުޅުގަޑު ނިވާކޮށްލެވޭނެ ގޮތެއް ނޯވެއެވެ. އަދި ދުން ނުބުރާނެ ގޮތެއްވެސް ވަރަށް ނޯވެއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މި މަސްއަލައަކީ، އޭރު މާކުޑަ މަސްއަލައެއް ނޫނެވެ. ގޭގޭގައި ބައްތި ދިއްލުމުގައި ދިމާވާ ނުރައްކާތެރިކަން ބޮޑީއެވެ. ތެޔޮފޮދު ބަންޑުންވެ އެއްޗެތީގައި ރޯވުމާއި، ވައި ޖެހުނީމައި ހުޅުކޮޅު ނިވުމާއި، ދުންބުރުމާއި މިކަހަލަ އުދަގޫތަކާއި އަދިވެސް އެތައް ކަމެކެވެ.

މި މަސްއަލަ ލުއި ފަސޭހަ ގޮތަކަށް ޚަރަދުވެސް ކުޑަ ގޮތަކަށް ހަމަޖެއްސޭތޯ މާލޭ މީހަކު ވަރަށްބޮޑަށް ފިކުރު ކުރިއެވެ. އެމީހަކީ، އަލްފާޟިލް ކުނިމަސް ދޮން މޫސާފުޅެވެ. އޭނާ އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. މިހާރު ވަރަށް މުސްކުޅި ވެއްޖެއެވެ. ގައިބާރު ދެރަވެއްޖެއެވެ. ނަމަވެސް އަދިވެސް އޭނާ އަމިއްލަ ދެއަތުން އެކި ފާޑުގެ މަސައްކަތް ކުރައްވައެވެ. އޭނާ ބުނުންވި ގޮތުގައި މިހާރު އޭނާގެ ޢުމުރުން 85 އަހަރުވަރު ވެދާނެއެވެ.
އަލްފާޟިލް ދޮން މޫސާފުޅުގެ ބައްޕައަކީ، އަލްފާޟިލް އަލްމަރްޙޫމް ކުނިމަސް އިބްރާހީމްފުޅެވެ. މަންމައަކީ އަލްފާޟިލާ އަލްމަރުޙޫމާ ފަހާ ޙަސަން ކަލޭގެފާނުގެ ތުއްތުއެވެ. އޭނާ ބުނުއްވާ ގޮތުގައި……. ފުރަތަމަ އޭނާ އުޅުނީ މީސްމީހުންގެ ކައިރީގައި މަސައްކަތް ކުރުމުގައެވެ. އޭރު ކައްކާ އުޅެންވެސް ޖެހެއެވެ. އެހެން އައިސް ކަފަތަޅާ، ކަފަ ވިއްކުމުގެ މަސައްކަތް ފެށިއްޖެއެވެ. އެއީ، ކަރައިން ގެނެސްފައި ހުންނަ ކަފަ، ބާލީހެއްގެ މަތީގައި ބާއްވައިގެން ފަނުން ހަދާފައި އޮންނަ ދެމަޅި ދެއަތުން ހިފައިގެން އެއިން ތަޅަނީއެވެ. އެހެން ތަޅައި ނޫސް ކަރުދާހެއްގެ ބޮޑު މިނުގައި ކަފަގަޑުގަޑު ހަދަނީއެވެ. މީހުން މަރުވީމައި ކަފުމަށް ބޭނުން ކުރަނީއެވެ. އެކަހަލަ ކަފަ ގެންދާނީ މޮޅު މީހުން ކަފުން ކުރުމަށެވެ. 3 ގަޑުން ކަފުން ކުރެވޭނެއެވެ. އެކަމުގައި އުޅުއްވީ ދޮން މޫސާފުޅާއި އަތިރީ އާދަނު ކިޔާ މީހަކާ ދެމީހުންކަމަށް ބުނުއްވިއެވެ. އަދި އެކަމުން ވަރަށް ފައިދާވާ ކަމަށްވެސް ބުނުއްވިއެވެ.
އެހެން އައިސް މީހުނާ އިންނަން ފެށުނީމައި ކުރިން އުޅުނު އަލްފާޟިލް އަލްމަރްޙޫމް ދުންބޮއިތަ ޢަލިފުޅުގެ ކައިރިއަށް އައިސް ދިގުހަރު ލިއުން، ހަނު ހެދުން، ޖަސްތުގެ މަސައްކަތް (ދާނީ، ފެންދޭ އެތިގަޑު ހެދުން ފަދަ ކަންތައްތައް) ކުރަން އޭނާއާ އެކީގައި އުޅުނީއެވެ. އެ ޢަލިފުޅަކީ އެމަސައްކަތަށް ވަރަށް މޮޅު މީހެކެވެ. ޖަސްތު ބެއްދުމަށްޓަކާ މަޑިތަރު ކައްކަން ދަސްކުރީވެސް އޭނާގެ ކައިރިން ކަމަށާއި، ނަމަވެސް މިހާރު އެއަށްވުރެވެސް ރަގަޅު ގޮތަކަށް މަޑިތަރު ކައްކަން ދަސްވެއްޖެކަމަށް ދޮން މޫސާފުޅު ބުނުއްވިއެވެ. އަދި އެ އެދުވަސްވަރު ލިޔެލާޖެހުމާއި، ދަގަޑު ތަޅަންވެސް ދަސްކުރެއްވީއެވެ.
ދެން މޫސާފުޅުގެ ޢުމުރުން 19 އަހަރުގައި އަމިއްލައަށް މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ. އެގޮތުން ފުރަތަމަ ފެއްޓެވީ އޮޑިހަނާއި ހަނުލާހަނު ތެދުމުގެ މަސައްކަތެވެ. އޭރު އޮޑިހަނެއް ހަތަރު އަނާ، ބައިރުފިޔާ، އެއްރުފިޔާ މިކަހަލަ ވަރަކަށް ވިކެއެވެ. ހަނުލާ ހަނެއް -/5ރު. -/7ރު އަށް ވިކެއެވެ.
އޭރުވެސް މާލޭގައި އަތްބައްތި ހަދާ އުޅެއެވެ. މާފަންނު ކޮޅުގައި އުޅޭ މީހަކު އެމަސައްކަތް ކުރެއެވެ. ނަމަވެސް 3 ގޮށިލީ ބައްތިއެއް ނުހަދައެވެ. ހަދަނީ، ވައްތަރަކަށް ތަޑިއެއްލާފައިވާ ބައްތިއެކެވެ.
ދެން އައީ ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރެވެ. އޭނާ ބުނުއްވިއެވެ. “ތެޔޮ އަގުބޮޑު ވެއްޖެއެވެ. ތެޔޮ ނުލިބިގެން ފިކުރު ބޮޑުވެއްޖެއެވެ. އޭރު ގެންގުޅެނީ ފަސްލޭނު ބައްތި، ބިގަރު، ފާނޫޒު މިތަކެއްޗެވެ. ވީމައި ތެލުގެ ޚަރަދު ބޮޑުކަމުން ކޮންމެވެސް ގޮތެއް އޮތްތޯ ވަރަށްބޮޑަށް ފިކުރުކުރަން ފަށައިފީމެވެ. އެއީ ރަގަޅު ދިއްލާ އެއްޗެއް ހެދޭތޯއެވެ. އެގޮތުން ވިސްނަ ވިސްނާފައި ހިތަށް އައީ، ތައްޓަކަށް ކާށިތެޔޮ އަޅާފައި ފުއްގަޑު ޖެހީމައި ދިއްލޭ މިސާލުގައި ސާފުތެޔޮ އަޅައިގެން ދިއްލޭނެ ގޮތަކާ ދޭތެރޭގައި ގޮތެއް ވެދާނެ ކަމަށެވެ.”
“މި ޚިޔާލު އައިސްގެން، އޭރު މާލޭގައި އެބާވަތުގެ ކަންތައްތަކަށް އެންމެ އަރާ ހުންނެވި ބޭކަލަކާއި ޚިޔާލު ބަދަލުކޮށްލީމައި ބުނުއްވީ “ތިޔައުޅެނީ ރަށުން ފުރައިގެން ދާންވެގެންނެވެ. ރަށެއް އަންދާލައިގެން އެކަމުގެ ކުށުގައި ތިޔަ އުޅެނީ ރަށުން ދާންވެގެންނެވެ.” އޭނާ އެހެން ބުނުއްވީމައި، އަޅުގަޑު އެކަމާ މޮޅިން އިސްދަށަށް ޖަހާލައިގެން ލައްކައިރު އިނީމެވެ. ނަމަވެސް އަޅުގަޑުގެ ހިތަކުން އެކަމެއް ނުފިއްޔެވެ. ﷲ މިންވަރު ކުރައްވާފައިވަނީ އެކަން އަޅުގަޑުގެ ހިތަށް މިންވަރު ކުރެއްވުން ކަމުން އެކަމުގެ ފިކުރު ހަމަ އަބަދު ކުރެވެނީއެވެ.”
ދޮން މޫސާފުޅު ބުނުއްވިއެވެ.
“އޭރު އަޅުގަޑު އިންނަނީ ބާޒާރުގައި ފިހާރައެއް ކުއްޔަށް ހިފައިގެންނެވެ. އެފިހާރައިގައި އިދެގެން ޖަސްތުގެ މަސައްކަތް ކުރަނީއެވެ. ދެން ހެދިގޮތަކީ، ކޮޓޫރަ ދަޅަކަށް ތެޔޮ އަޅާފައި، ވައް ފޮއްޗެއް ލައިގެން ތުނބެއް ހަދާފައި ހޮޅިއެއް ލައިގެން ބައްތި ތުނބެއް ތައްޔާރު ކުރީއެވެ. އެއީ ތެލުގެ ނުރައްކާތެރިކަމުން ސަލާމަތް ކުރުމަށްލީ ފޮއްޗެކެވެ. ދެން އެދަޅުގައި ބައްތިއެއް ހަދާފައި، ދިއްލައިގެން ފިހާރައިގައި ބެހެއްޓީއެވެ. ހެދުނު ދިއްލާފައި، އަޖުމަ ބަލާލަން ބަހައްޓައިގެން ބަލާލީއެވެ. އެ ބައްތިން އެއްވެސް ގެއްލުމެއް ނުލިބުނީމައި މާމުއި ހުސްކުރި ފުޅިއަކަށް ތެޔޮ އަޅާފައި ތުންލައިގެން ބައްތި ދިއްލީއެވެ.”
“އެގޮތަށް ހެދީމައި މުޅިން ރަގަޅުވެއްޖެއެވެ. ނުރައްކަލެއް ނެތެވެ. އެކަމަކު ތުނބުގެ ކައިރީގައި ލީފޮތި ހިމެނުނީ ސުންޕާ އެއްޗަކަށެވެ. އެއީ، އޭގެ މަތީގައި ތެޔޮ ހުރީމައި ހުޅު ހިފާލެއް އަވަސްވީއެވެ. ވީމާ، އެފޮތި ނަގާފައި ހަމައެކަނި ހޮޅި ބޭންދީއެވެ.”
“ދެން ހެދިގޮތަކީ ފިހާރައިގައި މީހުންނަށް ދައްކަން ތުންބޮޑިއެއް ހަދާފައި ބޭއްވީއެވެ. އަދި ވިއްކަންވެސް ފެށީއެވެ. ފުރަތަމަ ތުން ބައްލަވައިގަތީ “މާބަގީޗާގެ” އަށެވެ. އެތަނަށް 10 ތުން ގެންދެވިއެވެ. ދެން ފުޅިބައްތިތައް މާލޭގައާއި ރާއްޖެ ތެރޭގައި ގިނަވެއްޖެއެވެ.”
ދޮން މޫސާފުޅު ބުނުއްވިއެވެ.
“މިކަމުގެ އިތުރުން ޒިންކު ތެލީގެ ފޫއެޅުމުގެ މަސައްކަތްވެސް އަޅުގަޑު ކުރީމެވެ. ކުރީގައި، ތެއްޔެއްގައި ލޯވަޅެއް އެޅިއްޖެނަމަ، އެތެލި އެއްލާލަނީއެވެ. އަޅުގަޑު އެކަމާމެދު ފިކުރު ކޮށްފައި ގޮޑުމަތިން ތެލިހޮވައިގެން ގެނެސް ފޫއަޅައިގެން ވިއްކަން ފެށީއެވެ. އޭރު ގޮޑުމަތިން ހޮވާ އެއްޗިއްސަކީ ހޮވާ ބައެއްގެ އަމިއްލަ އެއްޗިއްސެވެ.”
އެގިފައިވާ ގޮތުގައި މިހާރު މިގެންގުޅޭ ގޮތަށް މަށަންދަތި އީޖާދު ކުރެއްވީވެސް ދޮން މޫސާފުޅެވެ. ކުރީގައި ހުންނަނީ އެތިގަޑަކަށް މޮހޮރު ޖަހައިގެން ހަދާފައި ހުންނަ މަށަން ދައްޗެވެ. ދޮން މޫސާފުޅު ހެއްދެވީ، މިހާރު މިގެންގުޅޭ މަށަން ދައްޗެވެ. އެއީ، ދަގަޑު ބަންދުފަދަ އެއްޗެތިން ދަތްކަޑައިގެން ތައްޔާރުކުރާ މަށަން ދައްޗެވެ.
ދޮން މޫސާފުޅު މިހާރުވެސް މަސައްކަތް ކުރައްވައެވެ. އޭނާގެ އަމިއްލަ ގޭގައެވެ. އޭނާ ބުނުއްވާ ގޮތުގައި އޭނާ މިފުޅި ބައްތި ހެއްދެވީމައި އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. ރަގަޅޭވެސް ނުވަތަ ނުބަޔޭވެސް އޭނާގެ ކައިރިއަކު ނުބުނެއެވެ. އޭނާ ކުރެން މި ސުވާލު ކުރީމައި ބުނުއްވީ “ދެން އެމީހުން އެމީހުނަށް ރަގަޅޭ ނުވަތަ ނުބަޔޭވެސް ކިޔާނެ ތޯއްޗެކެވެ. އަޅުގަޑު އުޅުނީ އެކަން އެންމެނަށް ދަސްކޮށްދެވޭތޯއެވެ.”
ދޮން މޫސާފުޅު އެކިފާޑުގެ މަސައްކަތް ކުރައްވާތާ މިހާރު 70 ވަރަކަށް އަހަރުވެދާނެ ކަމަށް ބުނުއްވައެވެ. އޭނާއަށް 12 ކުދިން ލިބިއްޖެއެވެ. މިހާރު ދުނިޔޭގައި ތިބީ 4 ކުދިންނެވެ. ކޮންމެ ކުއްޖަކުވެސް މިފާޑުގެ މަސައްކަތް ކުރެއެވެ. އޭނާގެ ޔޫނުސް އަދި މާރަގަޅުކަމަށާއި ދޮން މޫސާފުޅަށް ވުރެވެސް ރަގަޅަށް މި މަސައްކަތް ކުރައްވާ ކަމަށާއި، މިހާރު އޭނާވީ ބޯޓެއްގައި ކަމަށް ބުނުއްވިއެވެ. އަދި އޭނާގެ ޖަޢުފަރުވެސް ޖަސްތުގެ މަސައްކަތް ކުރާކަމަށް ބުނުއްވިއެވެ.
އަލްފާޟިލް ދޮން މޫސާފުޅު މިހާރުވަނީ ވަރަށްބޮޑަށް މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. ނަމަވެސް މިހާރުވެސް އޭނާ އޭނާގެ މަސައްކަތުގެ ޢުމުރުގެ އެންމެ ޒުވާން ދުވަސްވަރު ހިތަށް ގެންނަވައިގެން މަސައްކަތް ކުރައްވައެވެ. އޭނާގެ ރޮގުގެ މަސައްކަތުގައި އެންމެގިނަ މީހުން އެންމެ ތަޢުރީފުކުރަނީ އަދިވެސް ދޮން މޫސާފުޅަށެވެ. ރާއްޖޭގެ ހުރިހާ ފުޅި ބައްތިތައް “ޝުކުރު އަދާކުރަނީ” ވެސް ދޮން މޫސާފުޅަށެވެ.
(9 ޑިސެންބަރު 1977 (ހުކުރު) ދުވަހުގެ “މޫންލައިޓް” ނޫހު “މޮޅުކަރުދާސް” ޞަފުހާއިން ނަކަލުކޮށްފައި)
________________________________
ނަކަލުކުރި ފަރާތުގެ ނޯޓެއް:
އަޅުގަނޑު، ކުޑައިރު އަލްފާޟިލް ކުނިމަސް ދޮން މޫސާ ފުޅު ދެކެމެވެ. ހަލާކުވެފައި ހުންނަ ތެލީގެ ފޫއަޅަން، އަޅުގަނޑުގެ ޅިޔަނަކާއެކު މޫސާ ފުޅުގެ ގެއަށް ދާ ހަނދާން ހުރެއެވެ. އަދި ފަހުން އެގޭގައި ރ.ރަސްގެތީމު ދާއޫދު އިސްމާޢީލް ހިންގެވި ވަޑާން ގެއަކަށްވެސް ގޮސް އުޅެމެވެ. މި ލިޔުން ސައިޓަށް ފޮނުވުމުގެ ކުރިން ދާއޫދާ ފޯނުން ގުޅައި އެގޭގެ ނަމާއި އެއީ މޫސާފުޅުގެ ގެތޯ ޔަޤީންވެސް ކޮށްލީމެވެ. އެއީ، ހ.ކަނޑުމާގެއެވެ. ހުންނަނީ، ހެންވޭރު ސަހަރާގެ އިރުން އޮންނަ މުޝްތަރީމަގުގައި ހ.އަނދުންގޭގެ ދެކުނުންނެވެ.
________________________________

About the author
1 Comment
  1. سمير

    އަލް މަރްޙުމް ދޮން މޫސާފުޅުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލިބުމަށް އެދި ދުއާ ކުރަމެވެ. މިހާރު އެއީ ކުޑަކަމެއް ކަމުގައި މިހާރުގެ ބައެއް ޒުވާނުންނަށް ޙިވުން އެކަށީގެންވެއެވެ. ނަމަވެސް ގިނަ ގޭގެ ދުނބުރި ދަނޑިންނާއި ހިކި ފަނުން އެޅިފައިވާ ދުވަސްވަރެއްގައި ގޭތެރެއަށް އަލިކުރެވެން އޮތީ ހާމަ އަށް ހުރި ހުޅުކޮޅަކުން ކަމަށް ވާނަމަ އެއީ ކިހާ ބިރުވެރި ކަމެއްތޯއެވެ. ކޮންމެއަކަސް، ކޮންމެ އީޖާދެއްވެސް ފެށެނީ އެކަމަކަށް ބޭނުން ޖެހުމުންނެވެ. ކޮންމެވެސް ދަރިއަކު ހޭލާ އިނދެ ކުރާ ފުން ވިސްނުމެއްގެ ސަބަބުންނެވެ. އޭނާގެ އީޖާދު މިހާރު ފެންނާނީ ދާރުލް އާސާރުންނެވެ. ނަމަވެސް އޭނާގެ މިންނަތް މަސައްކަތުން ރޭގަނޑުގެ އަރާމު ނިދި އެތަކެއް މައިން ބަފައިންނަށް ހޯދައި ދެއްވިކަން ޔަގީނެވެ! ފަށްފަށުން ޝުކުރިއްޔާ!

    (1)(0)