މިއީ ލިޔުންތެރިކަމުގެ ތެރެއިން ހިމެނޭ ދަތުރުނާމާއެވެ. މިބާވަތުގެ ދަތުރުނާމާގައި ލިޔުމުގެ ރަހަ ރަނގަޅުކޮށް ކިޔާމީހާގެ ޝައުޤުވެރިކަން އަތުލައިގަތުމަށް މަސައްކަތްކުރާނެއެވެ. މިބާވަތުގެ ދަތުރުނާމާތަކުގެ ތެރޭގައި ގަދީމީ ގުރީކުގެ މަޝްހޫރު ޅެންވެރިޔާ ހޯމާރގެ "އޮޑިސީ" އާއި މަޝްހޫރު އިނގިރޭސި އަދީބު ޖޯސެފް ކޮންރާޑް ލިޔުއްވި "ހާޓް އޮފް ޑާރކްނެސް" ފާހަގަކުރެވެއެވެ. ދިވެހިބަހުގެ ލިޔުންވުންތަކުގެ ތެރޭގައި އަލްއަމީރު މުޙައްމަދު އަމީންދީދީ ލިޔުއްވި "ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް" އާއި "ކަނޑުން ފިރުކެމުން ވައިން އުދުހެމުން" އާއި ޙުސެން ޞަލާޙުއްދީން ލިޔުއްވި "އައްޑޫ މީދޫ ކަޅިހާރު އޮޑި ބެހިގެން އެފްރިކާއަށް ދިޔަ ވާހަކަ" އާއި މުޙައްމަދު ޖަމީލް ދީދީ ލިޔުއްވި "މާލެދާން ކެލަޔަށް" އާއި ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި "އަރުމާދު ރައިވަރު" ފަދަ ފޮތްތައް ފާހަގަކޮށްލެވެއެވެ.

(24 ފެބްރުއަރީ 2016 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)

Maathodaa Waheed & Father 2(ށ) އަދަބީ ދަތުރުނާމާ
މިއީ ލިޔުންތެރިކަމުގެ ތެރެއިން ހިމެނޭ ދަތުރުނާމާއެވެ. މިބާވަތުގެ ދަތުރުނާމާގައި ލިޔުމުގެ ރަހަ ރަނގަޅުކޮށް ކިޔާމީހާގެ ޝައުޤުވެރިކަން އަތުލައިގަތުމަށް މަސައްކަތްކުރާނެއެވެ. މިބާވަތުގެ ދަތުރުނާމާތަކުގެ ތެރޭގައި ގަދީމީ ގުރީކުގެ މަޝްހޫރު ޅެންވެރިޔާ ހޯމާރގެ “އޮޑިސީ” އާއި މަޝްހޫރު އިނގިރޭސި އަދީބު ޖޯސެފް ކޮންރާޑް ލިޔުއްވި “ހާޓް އޮފް ޑާރކްނެސް” ފާހަގަކުރެވެއެވެ.

ދިވެހިބަހުގެ ލިޔުންވުންތަކުގެ ތެރޭގައި އަލްއަމީރު މުޙައްމަދު އަމީންދީދީ ލިޔުއްވި “ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް” އާއި “ކަނޑުން ފިރުކެމުން ވައިން އުދުހެމުން” އާއި ޙުސެން ޞަލާޙުއްދީން ލިޔުއްވި “އައްޑޫ މީދޫ ކަޅިހާރު އޮޑި ބެހިގެން އެފްރިކާއަށް ދިޔަ ވާހަކަ” އާއި މުޙައްމަދު ޖަމީލް ދީދީ ލިޔުއްވި “މާލެދާން ކެލަޔަށް” އާއި ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި “އަރުމާދު ރައިވަރު” ފަދަ ފޮތްތައް ފާހަގަކޮށްލެވެއެވެ.

ދަތުރުނާމާ އަދަބީ ލިޔުމަކަށް ވަނީ ކިހިނެއް؟
ތާރީޚުތަކާއި ހިނގާފައިވާ ކަންތައްތަކެއް ތަރުތީބުން އަތުރާފައި ހުރުމަކުން އަދަބީ ދަތުރުނާމާއަކަށް ނުވެ ހިނގައިދާނެއެވެ. އެޔާ ޚިލާފަށް ދަތުރުނާމާއަކަށް ވަނީ އެލިޔެފައިވާ ގޮތަކުންނެވެ. އަދަބީ ދަތުރުނާމާއެއް ކަމުގައިވާ ނަމަ އަޚުލާޤީ ކަންތަކާއި އިޖްތިމާޢީ ކަންތައްތައް ހުންނަން ވާނީ ހިތްދަމައިގަންނަ މަޖާ ގޮތަކަށެވެ. މީހުން ކިޔާހިތްވާ ގޮތަކަށެވެ. ލިޔުމުގައި ބަހުގެ ފޮނިކަމާއި އަދަބީ ރީތިކަން ހުންނަންޖެހޭނެއެވެ.

ދަތުރުނާމާއެއް ފުރިހަމަކުރުމަށް މައިގަނޑު ދެކަމެއް ބޭނުންވާކަމަށް މުޙައްމަދު އިސްމާޢީލް ދީދީ ލިޔުއްވައެވެ. އެއީ

1. ލިޔާމީހާގެ ދަތުރު ދުރުވެފައި ދިގު ދަތުރަކަށްވުން

2. އެމީހާ ދިޔަ ރަށުގެ ޚަބަރުތައް ފިސާރި އޮޅުން ފިލާނޭހެން ސާފުކޮށް ލިޔުން. މީގައި މިސާލަކަށް، އެރަށެއްގެ ޖޯގުރަފީއާއި އަޚުލާގު، ކިޔަވައިދިނުން އާދަކާދަ، ވިޔަފާރި، މޫސުން، އެރަށެއްގެ ހުރި އަޖައިބުތައް ހިމެނެއެވެ.

އަދަބީ ދަތުރުނާމާއެއް ލިޔާނީ ކިހިނެއް؟

1. ލިޔުމުގެ އޮނިގަނޑު

ޢާންމު ގޮތެއްގައި ދަތުރުނާމާ ފަށަންވާނީ އޮރިއެންޓޭޝަނަކުން (ތަޢާރަފަކުން) ނެވެ. މި ތަޢާރަފުގައި ކާކު، ކޮންކަމަކު، ކޮން ރަށަކަށް، ކިހިނެއް ކުރި ދަތުރެއްކަން ބަޔާންކުރަންވާނެއެވެ.

 ނިންމަން ވާނީ ތިމާކުރި ދަތުރު ނިމުމަކަށް އަތުވެއްޖެކަން ކިޔުންތެރިޔާއަށް އެނގޭ ފަދަ ޖުމްލަ (closing statement) އަކުންނެވެ.

 ދަތުރުނާމާއަށް ސުރުޚީ ދޭންވާނެއެވެ. ސުރުޚީވާން ވާނީ ކިޔާ މީހުން ހިތްދަމައިގަންނަ ފަދަ ސުރުޚީއަކަށެވެ. (މިސާލަކަށް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވި “މާލެދާން ކެލަޔަށް” މި ވާހަކައިގެ ނަން މިސާލަކަށް “އެފްރިކާއަށް އަޅުގަނޑު ކުރި ދަތުރު” މި ފަދަ ގޮތަކަށް ގެންނެވި ނަމަ މީހުންގެ ޝައުގުވެރިކަން ކުޑަވީހެވެ.)

 ހާދިސާތައް ގެންނަން ވާނީ ހަމަޖެހޭ ތަރުތީބަކުން (chronological order) ނެވެ. ނޫން ނަމަ ކިޔާ މީހުންނަށް އޮޅުން އަރައިފާނެއެވެ.

 ދަތުރުނާމާ ލިޔާއިރު ތިމާގެ އަމިއްލަ ޚިޔާލާއި އިޙްސާސް އިތުރުކުރަންވާނެއެވެ.

 ޢާއްމު ގޮތެއްގައި ލިޔެފައި ހުންނާނީ ފުރަތަމަ މީހާގެ ނަޒަރުންނެވެ.

 ދައްކާ ވާހަކައިގެ މަޢުޟޫއު ބަދަލުކޮށްލަން ވުމުން ނުވަތަ އާ ވާހަކައެއް ނުވަތަ އާ ދުވަހެއްގެ ވާހަކަ ފަށަންވުމުން އާ ޕެރެގްރާފަކުން ފަށަންނާނެއެވެ.

2. ބަހުގެ ބައިތައް

 ޖުމުލަތައް ހުންނަން ވާނީ ނިމުނުކަމާއި ނިމިނިމުނު ކަމުގެ ގޮތުގައި.

 ވަގުތު ދޭހައަކަށް ގުޅުވާއަކުރު ބޭނުން ކުރުން. (މިސާލަކަށް ދެން، އޭގެ ފަހުން، އެއަށް ފަހު، ޖެހިގެން އައި ދުވަހު)

 ސިފަކޮށްދޭ ބަސްކޮށާރާއި ނަން އިތުރު ބޭނުން ކުރުން.

 މަޖާޒީ މިސާލާއި ހިނިއަންނަ ފާޑުގެ ސިމިލީސްތަކާއި މެޓަފަރ ބޭނުން ކުރުން

 ފަށްފަށްކުރުމުގެ ބަސް ބޭނުން ކުރުން (މިސާލަކަށް ހީނހީނ، ދަތުރުފަތުރު، ތެޅެމުން ފޮޅެމުން)

 ސީދާ ސާދާ ޖުލައާއި ކަންކުރި ފަރާތް ދޭހަކޮށްދޭ ޖުމުލަ (active voice) ބޭނުން ކުރުން

 މާނަ ފުން ބަސްތަކާއި ޑައިލޮގު ނުގެނައުން

* * *

މިއީ ހަޤީޤީ ހާދިސާއެއް

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު

ހަވަރުތިނަދޫން މާލެއައުމަށް
އެއީ 1378 (މީލާދީން 1958) ވަނަ އަހަރު ޖުމާދަލް އައްވަލު މަހު 18 ވަނަ ދުވަހެވެ. ވަގުތަކީ 9:00 ވީއިރެވެ. އަޅުގަނޑުމެން ހަވަރު ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ކުޑައޮޑި ފަތުޙުލް މަޖީދުގައި މާލެ ދިއުމަށް ހަވަރުތިނަދޫ ބަނދަރުން ފުރައިފީމުއެވެ. ދުއްވަމުން ގޮސް ހޫޓިކަނޑާއި ހަމަވީ 12:30 ގައެވެ. ކަނޑުން ނިކުންނަން އުޅެ، އެތެރެ އޮއި ބާރު ކަމުން ކަނޑުން ނިކުމެވޭނެ ގޮތެއް މެދުވެރިއެއް ނުވިއެވެ. ދެން 1:14 ވީ އިރު އޮޑި އަނބުރާލައި ގިއޮޅު ބާނާ ކަނޑާ ދިމާއަށް މިސްރާބު ޖަހައިފީމުއެވެ. ގަޑިއަކު 3 މޭލު ދުއްވަމުން ގޮސް ކަނޑާއި ހަމަވީ 2:20 ގައެވެ. މާލަހެއް ނުވެ އަޅުގަނޑުމެންނަށް ކަނޑުން ނިކުމެވިއްޖެއެވެ.

ތަންކޮޅަކަށް ދެވޭ އިރަށް ވައިރޯޅި މަޑުވެއްޖެއެވެ. ވީމާ، ދަތުރުކުރާން ބަހައްޓަން ނުކެރިގެން އޮޑި އަނބުރައި ދިގުވަރުމާކަނޑުން ވަނުމަށް ޤަޞްދުކޮށް ދުއްވާން ފަށައިފީމެވެ. ދުއްވަމުން ގޮސް ފަތިހު 5:30 ވީއިރު، ކަނޑާއި ހަމަވެ ކަނޑުން ވަދެ އޮޑި މިޞްރާބުޖެހީ ވިލިގިނއްޔާ ދިމާއަށެވެ. އެހެން ނަމަވެސް ބޯއްޑުއާއި ހަމަވުމުން މުޞްތަފާ މަންޞޫރު(ބޮޑުމާލިމީ) އަށް ފެނިލެއްވީ އިރުއޮއްސުމާއިއެކު އޮޑި ބޯއްޑޫގައި މަޑުކޮށްލުމަށެވެ. ދެން އަވަސް އަވަހަށް ރިޔާތައް ދޫކޮށް ބޯއްޑޫ ބޭރުގައި އޮޑި އަޅައިފީމެވެ. ރެއަކީ އެމަހުގެ 19 ވިލޭރެއެވެ.

19 ވިލޭރޭގެ ހަނދު އުދަރެހުން ހަމަ ދައްކާލުމާއިއެކު މަންޞޫރު ބުނުއްވީ އޮޑީގެ ނަގިލި ނަގައި އަވަހަށް އޮޑިއާއިގެން ފުރުމަށެވެ.

ހަމަ އިސާހިތަކު އޮޑީގެ ނަގިލި ނަގައި ރިޔާތައް ވެސް ނަގައިފީމުއެވެ. އެއީ އެރޭގެ 10:30 ވީ އިރެވެ. އޭރު، ހުޅަނގުން ރީތި ރޯޅިއެއް ވެސް ވެއެވެ. އެހެން ކަމުން އޮޑި މިޞްރާބު ޖެހީ ވިލިގިނލީ ކަނޑާ ދިމާއަށެވެ. ކޮންމެއަކަސް މިރޭ ފަތިހު 4:15 ވީއިރު އަޅުގަނޑުމެން ވިލިގިނލީ ކަނޑުން ނިކުމެއްޖައީމުއެވެ. ކަނޑުން ނިކުތުމަށް ފަހު، ފަރު އޮތްގޮތަށް ގަހާއަށް ދުއްވަމުން ގޮސް މާމުޓާ އާއި ހަމަ ނުވަނީސް ފަޖުރުގެ އަލިކަން ފާޅުވެ ފަތިހުގެ އުޖާލާކަން “ދުނިޔެ މައްޗަށް ވެރިވެ” މުޅި ދުނިޔެ އިސާހިތަކު އަލިކޮށްލައިފިއެވެ.

ނުރައްކާތެރި އޮއިވަރެއް
މިނަންގަތް މިޞްރާބަށް ދުއްވަމުން ގޮސް އެދުވަހު މެންދުރު 12 ޖެހިއިރު ވައިރޯޅި މުޅީން ހިނދިއްޖެއެވެ. ހަމަ އެވަގުތު އޮޑިވެސް އައްޔޫގު އީރާނަށް ދީލިއްޖެއެވެ. ދެން އޮޑީގެ ކުޑަމާލިމީ އާދަމް ޙަލީމް ބުނުއްވީ އޮޑި އަނބުރައި އައްޔޫގު އަސްތަމާނަށް ދުވަންޏާ އޮޑީގެ ކުދިން ފަލިޖަހައިލައިފި ނަމަ، ހައްދުންމަތި އަތުވާނޭ ކަމަށެވެ.

މާލިމީ ހަމަ އެހެން ބުނުއްވުމުން އޮޑީގެ ރިޔާ އަނެއް ފަރާތަށް ފުރޮޅައިލައި އައްޔޫގު އަސްތަމާނަށް އޮޑި ހަމަ ނެގުމާއެކު، އަޅުގަނޑުމެން ފަލިޖަހަން ފަށައިފީމުއެވެ. ޖަހަމުން ޖަހަމުން ގޮސް އެދުވަހު 5 ޖަހަންދެން ހުއްޓުމެއް ނެތި ފަލިޖެހީއެވެ. ދެން ކުދިން ވަރުބަލިވުމާއެކު ކުޑަކޮށް އަރާމުކޮށްލަން ތިއްބާ ކާން ވެސް ތައްޔާރުކޮށްފިއެވެ. ދެން ފެނިގެން ދިޔައީ އޮޑީގެ ހުރިހާ މީހުން ކެއުމާއިގެން މަޝްޣޫލުވެގެން ތިބި ތަނެވެ.

ކައި އަވަދިވެގެން ކުޑައިރުކޮޅަކު، އަރާމުކޮށްލުމަށް ފަހު އަނެއްކާ ވެސް ފަލިޖަހާން ފަށައިފީމުއެވެ. އޭރު ގަޑިން 8:00 އެވެ. އެރޭގެ ފަތިސްވަންދެން މެދުކެނޑުމެއް ނެތި ފަލިޖެހީއެވެ. ފަތިހު 5 ޖެހިއިރު އޮއިވަރެއްގެ އަޑު އިވޭން ފަށައިފިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއޮއިވަރު އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިއެވެ. އޭރު، އިރުމަތީ ފަރާތުން އިރުގެ އަލިކަން ފާޅުވަމުން އައިސް ކުޑަ ހިނދުކޮޅެއް ވެސް ނުވަނީސް އިރު އޭގެ ފުރިހަމަ މޫނައިގެން ދުނިޔެ މައްޗަށް ދައްކާލައިފިއެވެ. ދެން އޮޑީގެ ކުދިން އެގޮތް މިގޮތަށް ވާހަކަދައްކައި އޮޑިއައިގެން އަތޮޅުވަންނަން ޚިޔާލު ފާޅުކޮށްފިއެވެ. ނަމަވެސް މަންޞޫރަށް ފެނިލެއްވީ 12 ޖެހުމަށް ފަހު ފިލާ ސާފުވީމާ، ދަތުރަށް ގޮތެއް ހެދުމަށެވެ. އެގޮތް އެއީ ރަނގަޅު ގޮތެއް ކަމަށް އެންމެން ވެސް އެއްބަސްވެއްޖެއެވެ. ކޮން ފަރާތަކަށް ދަމާ އޮއިވަރެއްކަން ނޭނގޭ ފަދަ ޙާލެއްގައި ތިބެ އެންމެން ވެސް އިންތިޒާރުކުރަނީ 12:00 އަށެވެ. ސަބަބަކީތޯއެވެ. ފިލާ ސާފުވިމާ އޮޑި ޖެހުނީ ކޮން ފަރާތަކަށް ކަން އޮޅުން ފިލާނެތީއެވެ. ކޮންމެ އަކަސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރަކީ ދެމާލިމީންއެކީ ފިލާ ހިފައިގެން ނިކުމެ ހިޔާމަތީ ތިބި ތަނެވެ.

ގާތްގނަޑަކަށް 15 ވަރަކަށް މިނިޓްގެ ތެރޭގައި، އެބޭކަލުން އެކަމުން ނިމިލައްވައި ހިޔަލުގެ ތެރެއަށް ވަންނަވާ ފިލާ ސާފުކުރައްވައި ބުނުއްވީ އަވަހަށް އޮޑި އަނބުރައި މުރިނގަށް އޮޑި ދުއްވުމަށެވެ. އެގޮތުން މުރިނގަށް ގަޑިއެއްގެ އިރު ދުއްވުމަށް ފަހު މަންޞޫރު ބުނުއްވީ ކުއްޖަކު ކުނބަށް އެރުމަށެވެ. ހަމަ އެވަގުނު ކުއްޖަކު ކުނބަށް އަރައިފިއެވެ. އޭނާ ބުނީ ކުރިމަތިން ވިލިގިނލިފެންނާން އެބަ އޮތް ކަމުގައެވެ. ދެން ހަމަ އެ މިޞްރާބަށް ދުއްވަމުން ގޮސް އިރުއޮއްސި އެރޭގެ 9:00 ވީއިރު ވިލިގިނލި ކަނޑުން ވަދެގެން ގޮސް ވިލިނގިލީގެ ބޭރުގައި ނަގިލި ޖައްސައިފީމުއެވެ.

ރެއަކީ 20 ވިލޭރޭއެވެ. އޮޑި ޖެއްސުމަށް ފަހު ކުޑަ އިރުކޮޅެއް ވީތަނާ މަންޞޫރު 6 މީހުން ގޮވައިގެން ބޮއްކުރާގައި ވިލިގިނޔަށް ފައިބަންނަވައިފިއެވެ. އަނެއް ދުވަހު 9 ޖެހިއިރު މަންޞޫރު އޮޑިއަށް ދުރުވެއްޖެއެވެ. ދެން އޮޑީގެ ބޮއްކުރާ ނަގައި އޮޑީގެ ތެރޭ ރަނގަޅަށް ބަހައްޓައި ހެދުމަށް ފަހު، އޮޑީގެ ނަގިލި ނަގައި ހުރިހާ ރިޔާތައް ނަގައި އޮޑި މިޞްރާބު ޖެހީ ރިނބިދޫ މާކަނޑާއި ދިމާއަށެވެ. ދުއްވަމުން ގޮސް ހަވިރު 3:00 ވީއިރު ރިނބިދޫ މާކަނޑުން ނިކުމެ ގަހާއަށް ދުއްވާން ފަށައިފީމުއެވެ.

މިގޮތަށް ދުއްވަމުން ގޮސް އިރުއެރިއިރު ކަނޑު ބެދިއްޖެއެވެ. ނަމަވެސް އޭރަކު އެއްވެސް ތަނެއް ނުފެނެއެވެ. އިރުއަރާ ހަތެއް ޖެހިއިރު ހުޅަނގުފަރާތުގައި ކަތިރިޔަލުގެ ތިން ރިޔާ ނެގި ކޮންމެވެސް އުޅަނދެއް އަޅުގަނޑުމެންނަށް ފެންނާން ހުއްޓެވެ. ދުއްވަމުން ގޮސް ކައިރިކޮށްފާ ބެލިއިރު އެއި މާފުށިން ސ.އަތޮޅު މޫސާ ނޫރު ގޮވައިގެން ދާ ދޯންޏެކެވެ. އެމީހުންގެ މާލިމީއެއް ނެތުމާއެކު، އައިސް އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމީހުން ސުވާލުކުރީ އަތޮޅު ވީ ކޮން ފަރާތެއްގައި ތޯއެވެ. އެވަގުތު މަންޞޫރު ބުނުއްވިއެވެ. އަތޮޅުވަނީ، އިރުމަތީ ފަރާތުގައެވެ. ކަލޭމެން ވިހާވެސް ބޮޑަކަށް ވަޔަށް ދުއްވާށެވެ. ދެން އެމީހުންނަށް އޮޑިޔާއިގެން، މާދުރަށް ނުދެވިގެން އުޅެނިކޮށް، އޮޑީން ކުނބަށް އެރި ކުއްޖަކު ރަށެއް ފެންނަ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އެކުއްޖަކަށް ވެސް މާރަނގަޅަކަށް ނޭނުނެވެ. ދެމާލިމީން ބުނުއްވި ކޮޅުމަޑުލު ކަނޑުދޫ ކަމަށެވެ.

އެއް ވެސް ތަނެއް ނުފެނޭ
ދެން ކޮންމެ އަކަސް އެއްކަލަ ދޯނި ވައިމައްޗަށް ގޮސް އިރު އޮއްސުނު އިރު އަޅުގަނޑުމެންނަށް ގެއްލިއްޖެއެވެ. މިރެއަކީ 21 ވިލޭރެއެވެ. ދެން އޮޑި ދުއްވީ އައްޔޫގު އީރާނަށެވެ. މާލިމީންގެ ބަހަކީ އިރުއެރުމުގެ ކުރިން ނިލަންދު އަތޮޅު ދެކުނު ބުރި ފެންނާނެއެވެ.

ނަމަވެސް އިރުއެރިއިރު އެއް ވެސް ތަނެއް ފެންނާކަށް ނެތެވެ. މިގޮތުގައި އައްޔޫގަށް ދުއްވަމުން ގޮސް 23 ވަނައަށް ވީ ދުވަހު މެންދުރު ފިލާ ނިލަންދު އަތޮޅު އުތުރުބުރީގެ އުތުރުކޮޅަށް އަރައްޖެއެވެ. މިހާރު އުތުރަށް ދުއްވަމުން އައި އޮޑި ދެކުނަށް އަނބުރައި ގަލްބު އީރާނަށް ދުއްވާން ފަށައިފިއެވެ. އެރޭގެ 10:00 ވީ އިރު ވިއްސާރައިގެ އަނދިރިކަން ދުނިޔެ މައްޗަށް އަތުވެއްޖެއެވެ. އިރުކޮޅަކުން ވިދާ ގުގުރާން ވެސް ފަށައިފިއެވެ.

ހިތާމަ ހުއްޓެވެ! އަޅުގަނޑުމެންނަށް ރާއްޖޭގެ ހުޅަނގު ފަރާތުގައި ގަދަ ވިއްސާރައިގައި ހޭރިޔާ ކުޜަން ޖެހުނީއެވެ. 24 ވަނަ ދުވަހު މެންދުރު ދުނިޔެވެސް ތަންކޮޅެއް އަލިވެ ސާފުވާތަން ފެނިއްޖެއެވެ. މެންދުރު ވީމާ މާލިމީން ފިލާއަޅައި، ސާފުކޮށްފައި ބުނުއްވިއެވެ. އަރިއަތޮޅު އޮތީ ޠޫލުން ސައުވީސް މޭލު ދުރުމިނުގައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ! އަތޮޅު ކީއްކުރަންތޯއެވެ. ރާއްޖެ ވެސް އޮވެގެން ދުރުވަނީއެވެ.

1 ޖެހި އިރު ދިމާ އުތުރުން ނެގި ވިލާގަނޑެއްގައި ވައި އައިސް ޖެހުމުން އޮޑި ތީރު އީރާނަށް ދީލިއްޖެއެވެ. ނަމަވެސް ރާއްޖެ ހުރަސްވާނޭ ކަމުގެ ޔަޤީނުގައި އޮޑި ދުއްވީ ހުރިހާ ރިޔަލުގައި ދުއްވަން ކެރޭ އެންމެ ބާރުމިނުގައެވެ. މިދުވަހު އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބީ ހަމަ ގައިމު ވެސް ރާއްޖެ އަތުވާނެކަމަށެވެ. ނަމަވެސް ހިތާމަ ހުއްޓެވެ! އެދުވަހަކު ވެސް އެއްވެސް ތަނެއް ނުފެނުނެވެ. އެކަމަކު ރާއްޖެއާއި ވަރަށް ކައިރިވެއްޖެކަމަށް ވަރަށް ބޮޑަށް ހީކުރެވުނެވެ. މިކަހަލަ ހާލެއްގައި 5 ރޭ 5 ދުވާ ވަންދެން ރާއްޖޭގެ ހުޅަނގު ފަރާތުގައި ހޭރިޔާ ކުރަނީއެވެ. މިހާރި އޮޑީގެ ކުދިންގެ ހިތްވަރު ބަލިވެ ހަކަތަވެސް ނެތޭގޮތްވާން ފަށައިފިއެވެ. 26 ދުވަހާއި 27 ދުވަހަކީ އެއް ގޮތަކަށް ވެސް އިރުގެ އަލިކަމެއް ނުފެނި ފިލާނޭޅި ދިޔަ ދެ ދުވަހެވެ.

ރާއްޖެ އޮބީއެވެ
ހިތާމަ ހުއްޓެވެ! ރާއްޖޭގެ އަސަރެއް ވެސް މި 27 ވަނަ ދުވަހު ފެންނާކަށް ނެތެވެ. ކުރާނީ ކީއްތޯއެވެ. ޤުދުރަތީ އޮއިވަރުގެ މައްޗަށް ޚިޔާލު ދޫކޮށްލައިގެން ހިމޭނުން ތިބުން ނޫން ދެވަނަ ކަމެއް ކުރެވޭކަށް ނެތެވެ. ތަޤްދީރު ނިޔާކުރި ގޮތުން ލޯބިވާ ރާއްޖެއާ އަލްވަދާޢު ކިޔަން ޖެހެނީއެވެ. ހިތާމައިގެ ކަނޑުގައި ފަތަން ޖެހެނީއެވެ. ދެން އޮޑިވެރި މަންޞޫރު އާއި މާލިމީ އާދަމް ޙަލީމް އާއި ދެބެއިކަލުން އޮޑީގެ ކުދިންނަށް ހިތްވަރުދީ ދަތުރު ވެސް އޮޅުން ފިލުވައިދީ ހެދިއެވެ. މަންޞޫރު ބުނުއްވަނީ ދެން އެންމެ ކައިރީގައި އޮތީ ސިސެލްކަމުގައެވެ. ނޫން ނަމަ ޒަންޖަބާރު ކަމުގައެވެ. އެކަމަކު ގަހާއަށް އޮޑި ދުވަނީވިއްޔާ އިންޑިޔާގެ ކޮންމެވެސް ރަށެއްގައި ޖެހިދާނެ ކަމަށް ވެސް ބުނުއްވިއެވެ. ކާބޯތަކެއްޗަށް ފިސާރި ފަރުވާ ބަހައްޓައިގެން އުޅުމަށް އެންގެވިއެވެ.
އެކުރެއްވި އަމުރަށް އަޅުގަނޑުމެން ތެދުވެރިކަމާއެކު ބޯލެނބީމުއެވެ. މައިންބަފައިން ވެސް ދޭނީ އެވަރުގެ ހެޔޮ ނަސޭހަތެއްކަމަށް ޤަބޫލުކުރީމުއެވެ. އަދި މަންޞޫރު އެ ވަގުތު ޢަރަބި ޅެންބައިތެއް ކިޔުއްވައި އަޅުގަނޑުމެންނަށް ހިތްވަރު ދެއްވިއެވެ. އޭގެ މާނައަކީ ޒަމާނުގެ ތެރޭގައި އައިސް ޖެހޭ ކަންތަކާ ހިތްވަރު ކުރާނީ ހަނގުރާމައިގެ ބަޠަލުން ހިތްވަރުކުރާ ފަދައިންނެވެ. މިއެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތިގެން އިންޑިޔާގެ ރަށަކާ ދިމާވޭތޯ ގަހާއަށް ދުއްވަނީއެވެ.

މިހާރު މިއީ ރަށުން ފުރިފަހުން 11 ވަނައަށް ވީ ދުވަހެވެ. ދުންފަތްކޮޅާއި ފޯއްކޮޅުވެސް ހުސްވަނީއެވެ. މަންޞޫރު އޭރު ވަރަށް ހެއްވާ ޒާތުގެ ގުޑުގުޑާއެއް ވެސް ހައްދަވައިގެން އުޅުއްވައެވެ. ގުޑުގުޑާއަކީ ބޮޑުކާއްޓެއްގެ އެތެރެ ސާފުކޮށްލައިގެން އެއިން ހަދާފައިހުރި ގުޑުގުޑާއެކެވެ. ސިލުނބު ހަދާފައި ހުރީ ކަނދުގަނޑަކުންނެވެ. ބައެއް ކުދިން އެއިން ދުން ބޮއިވެސް ހަދައެވެ.

އޮޑީގެ ތެރެއަކުން ހިތްފަސޭހަކަމެއް ނުފެނެއެވެ. މިހާރު ބޯފެން ވެސް ކާޑު ހަދައިފިއެވެ. ކޮންމެ ފަހަރަކު ކައިގެން ކުޑަ ނާއްޓެއްގެ ފެން ލިބެއެވެ. ކައިއުޅެނީ 13 މީހުންގެ މައްޗަށް 1 އިރަށް ހަނޑޫ ނާޅިއެކެވެ. އަނެއް އިރަށް ކަނީ، ކާއްޓާ މަހާ ހެދިކާ އެއްޗިއްސެވެ. މިގޮތުގެ މަތިން ގަހާއަށް ދަތުރުކުރަމުން ގޮސް ރާއްޖޭގެ ކޮޅާއި ހަމަވި ރެއަކީ، ޖުމާދަލްއާޚިރު މަހު ހަނދުބެލި ރެއެވެ. އަޅުގަނޑުމެންނަށް ހަނދު ފެނުނީ ހޮނިހިރު އެކެއްކޮށެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ޙަސަން ޝާކިރު މުޙައްމަދު

    ''ފަތުޙުލްމަޖީދުގެ ބެހުނު ދަތުރު'' މި ސައިޓަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި ލިޔުންތެރިންގެ ގުޅުމުގެ އެއް މުއައްސިސް އަދި މުސްތަޝާރު އަލްމުޙްތަރަމް ޢަބްދުﷲ ޞާދިޤަށް ޝުކުރު ދަންނަވަމެވެ. މި ކުރީގެ ދުވަސްވަރެއްގެ ތާރީޚްގެ ހަނދާނީ ސޮފުހާތަކެކެވެ. މި ލިޔުން ސައިޓަށް ތިލަކޮށް ދެއްވުމަށް އަލުން ޓައިޕުކުރެއްވުމުގައި ލިޔުންތެރިންގެ ގުޅުމުގެ މުއައްސިސެއްކަމުގައިވާ އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކު ކުރެއްވި މަސައްކަތް ވެސް ފާހަގަކޮށްލަމެވެ. މިކަމުގައި ހިމެނުނު އެންމެހައި ޝާމިލުންނަށް ޝުކުރިއްޔާއެވެ! ދަރުމަހުއްޓެވެ!

    (0)(0)
Leave Comment