ޑރ. ޢަބްދުލްޣަފޫރު ޢަބްދުއް ރަޙީމު ގ.މަންޒިލް
މިއީ ފިލްމް "ސީ.އައި.ޑީ." (1956) ގެ "ޔެހި ބޮމޮބޭ މެރި ޖާން" (މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!) މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގައި ބަލައިލެވިފައިވަނީ ދިރިއުޅުމުގެ މަސައްކަތުގައި ހޭބޯނާރާ އެންމެން މަސައްކަތް ކުރަމުންދާއިރު ބައެއްފަހަރު ހަމައެކަނި މާއްދީ މަސްލަހަތާއި ފައިދާއަށް ބެލި އެހެން ހުރިހާ އަގުތަކެއް، ވަކީން ޚާއްސަކޮށް އަޚުލާގީ އަގުތައް، ގެއްލިދާތަނެވެ. މާއްދީ ފައިދާހޯދުމުގެ ގޮތުން ކޮންމެ ކަމެއްވެސް ކުރުން އެންމެރަގަޅުވެގެންދަނީއެވެ. ވައްކަން ކުރުމާއި ފޭރުންވެސް އެންމެރަގަޅުވެގެންދަނީއެވެ.
 
އެހެންމީހުންނަށް މަކަރު ހެދުމާއި ކެހިދިނުމަކީވެސް ވިޔަފާރީގެ އުކުޅަކަށް ވެގެންދަނީއެވެ. އެކަންކަމުން މާއްދީ ފައިދާއެއް ލިބެން އޮތްނަމަ، މަރާމާރީ ހިންގުމާއި މީހުން މެރުންވެސް އެންމެ ރަގަޅުކަމަކަށް ވެގެންދަނީއެވެ. އަމިއްލަ ތަރައްގީގެ މަސައްކަތްތަކުގައި އެންމެން އަވަދިނެތި އުޅުމުގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ފަދަ އަޚުލާގީ މާތްސިފަތައް އެއީ އެއްވެސް އަގެއް ބުރަދަނެއް ދެވޭ ސިފަތަކެއް ނޫނެވެ. އެހެންމީހުންނަށް ކަމޭހިތުމާއި އަޅާލުން، ދީލަތިވުމާއި އެހީތެރިކަން ފޯރުކޮށްލުން ފަދަ އިންސާނީމާތްސިފަތަކަށް ރިއާޔަތްކޮށްލުމެއް ނެތެވެ. އާދެ! މިރަށުން މުދަލާއި ފައިސާ ލިބިދާނެއެވެ. ނަމަވެސް ރަށުގެ މީހުންގެކިބައިގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި މަރާމާރީ ހިންގުމާއި މީހުން މެރުންފަދަ ލާއިންސާނީ އަމަލުތައް ހިންގާލުމަކީ މާބޮޑުކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ، އެފަދަ ކަންކަން އާއްމުވެފައި ވުމުން އެއީ އާއްމުން ބިރުގަންނަވާ ސިއްސުވާލާކަންކަމެއްވެސް ނޫނެވެ. އެކަންކަމަށް އެންމެންވަނީ ހޭނިފައެވެ. އާދައިގެ ކަމަކަށްވެފައެވެ. މެއްސެއް، މަދިރިއެއް މަރާލުންފަދަ ކަމަކެވެ.

މިލަވަ ދިވެހި ތަރުޖަމާއާއެކު އަޑު އައްސަވާލައްވަންބޭނުންފުޅުނަމަ މިއެޑްރެހަށް ޒިޔާރަތް ކޮށްލައްވާށެވެ.
http://www.youtube.com/watch?v=Xqhxw1xxDz0

 

(ފިރިހެން އަޑު)
އޭ ހިތާއެވެ ، މިތާ ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ!
މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

މިތާ އިމާރާތްތައް އެބަހުއްޓެވެ އަދި ކާރާއި ޓުރޭމާއި ކާރުޚާނާތައްވެސް އެބަހުއްޓެވެ.
މިހުރިހާއެއްޗެއްވެސް މިތަނުން ލިބިދާނެއެވެ. އެހެންނަމަވެސް މިތަނަކުން ހިތެއްގެ އުފަލެއް ނުލިބޭނެއެވެ.
ހަލަބޮލިބޮޑުކަންބޮޑު މިރަށުގައި އިންސާނިއްޔަތުކަމުގެ ކުޑަކަންފުޅެއްވެސް ފެންނާކަށްނެތެވެ.
އޭ ހިތާއެވެ! މިތާ ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި އުޅެންއެގެއްޗެވެ! މިއީ ބޮމްބޭއެވެ!

އެއްބަޔަކު ކުޅެނީލޮޓަރީއެވެ. އަނެއްބަޔަކު ބާޖުމަރައެވެ.
އަނެއްބަޔަކު ވަންކަންކުރެއެވެ. އަނެއްކޮޅުން އެއްބަޔަކު ބަނޑަށްޖެހެނީއެވެ.
އަނެއްބަޔަކު (ފަރުވާއެއްނުލިބި) އެކިއެކި ވޭންތައް ބަރުދާސްތުކުރަނީއެވެ. އަނެއްބަޔަކު ހިތާމަތަކުގައި ނިމިދަނީއެވެ.
އެހެންނަމަވެސް ކަމެއްނުކޮށް ބޭކާރުކޮށްތިބޭ މީހުށް ކުރާނެ މަސައްކަތްތައްވެސް މިތަނުގައި އެބަހުއްޓެވެ.
މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!
އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ. މިހަލަބޮލިމާހައުލުގައި އުޅެންއެގެއްޗެވެ. މިއީ ބޮމްބޭއެވެ!
 
މިރާއްޖޭގައި ގެދޮރުނެތި އުޅެންޖެހުމުން އާވާރާވެ އުޅެނީއޭ ކިޔާހަދައެވެ.
އަނެއްބަޔަކު މީސްތަކުންގެ ކަރުކަނޑަމުންދާއިރު އެއީ ވިޔަފާރިއޭވެސް ކިޔައިއުޅެތެވެ.
ތަފާތުނަންނަން ކިޔެއްކަމަކު މިކަންކަން މިއޮތީހަމަ އެއްކަހަލަ ކަންކަމަށްވެފައެވެ!
ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި އުޅެންދަސްކުރައްޗެވެ! މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!
އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ. މިހަލަބޮލިމާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

(އަންހެން އަޑު)
ކަލާ ތިބުނަނީ ދުނިޔެއަކީ ހަމައެއް އިންސާފެއް ނެތްތަނެކޭ ހެއްޔެވެ؟
ތިހާ ވަރަށް ކޮސްނުގޮވާށެވެ! އަދިދަންނާށެވެ! ކަލާއަށްކާން ލިބޭނީ ކަލާ އިންދި ގަހެއްގެ މޭވާއެވެ!
ހަގީގަތަކީ މިއީއެވެ. ބިރުދައްކައިގެން މިތާކު ކަމެއްނުވާނެއެވެ.
މިއީ ބޮމްބޭއެވެ. މިއީ ބޮމްބޭއެވެ. މިއީ ބޮމްބޭއެވެ.  މަގޭ ހިތާއެވެ!

(ފިރިހެން އަޑު)
އޭ ހިތާއެވެ ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ! މަގޭ ހިތާއެވެ!

(އަންހެން އަޑު)
އޭހިތާއެވެ ދިރިއުޅުމަކީ ދާދި ފަސޭހަކަމެވެ!
އަޑުއަހާށެވެ! ބޭފުޅާއެވެ، އަޑުއަހާށެވެ! ރަހުމަތްތެރިޔާއެވެ. މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

(ފިރިހެން އަޑު)
އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުދަގޫކަމެކެވެ!
ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ!

———————-
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
  1. ކަނީރު

    ހިތްގައިމު އާ ޚިޔާލެއް. ޝުކުރިޔާ ޢަބުދުލް ޣަފޫރު

    (0)(0)
  2. ޝާކިރު

    ޑރ. ޣަފޫރުގެ މުހިންމު ހަދިޔާއެއް އަނެއްކައިވެސް ލިބުމުން ވަރަށް އުފާކޮށް ޝުކުރު ދަންނަވަމެވެ. އަދި މިލަވަ ބަލައިލުމުން ފެނުނު [ދުނިޔެއޭ އަހަރެމެން މިކިޔާއެއްޗެއް މިހެން އެބަބުނެއެވެ.] މިލަވަޔަކީވެސް ވަރަށް ވަރަށް ޢިބްރަތްތެރި ލަވައެކެވެ. ދިވެހި އަދަބިއްޔާތަށް މިފަދަ އައު ޚިޔާލުތައް ގެނެސްދެއްވާތީ ޝުކުރު ޙައްޤެވެ. ކުރިޔަށް ވަޑައިގެން ދެއްވާށެވެ. އަދި އެގޮތަށް ތަރުޖަމާއާއެކު ލަވަ ހިމަނުއްވައިދެއްވުމަކީވެސް ވަރަށް ހިތްގައިމު ކަމެކެވެ. ފަށްފަށުން ދަރުމަހުއްޓެވެ.

    (0)(0)