އާދަމް ނަޞީރު އިބްރާހީމް
އެމެރިކާގެ ލިޔުންތެރިއެއްކަމުގައި ވާ ސިލްވީ ބްރާންޗު  Sylvie Branch   އަކީ ތުއްތު ކުދީންނަށް އުނގަންނައި ދިނުމުގެ މާހިރެކެވެ. ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އާލާ ކުރެވި ދާނެ 8 ގޮތެއް އޭނާ ހުށައަޅުއްވައެވެ. އަޅުގަނޑުގެ މި ލިޔުން ބިނާ ކޮށްފައި މި ވަނީ އޭނާ ހުށަހަޅުއްވައިފައި ވާ 8 ނުކުތާގެ މައްޗަށެވެ.
     
ސިލްވީ (2012) އޭނާގެ ލިޔުން ފަށްޓަވަނީ އަންނަނިވި އިބާރާތްތަކުންނެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިއީ އިންތިޚާބުގެ އަހަރެވެ. ކުޑަ ކުދީންގެ ހިތްތަކަށް ފަސޭހަކަމާއެކު ނުރަނގަޅު އަސަރުތައް ފޯރުމުގެ ފުރުޞަތު ބޮޑު ވާނެ އަހަރެކެވެ.  ޓީވީއާ ރޭޑިޔޯގެ ބަހުސުތަކުންނެވެ. އެކި ޕްރޮގްރާމުތަކުގައި ދެކެވޭ ވާހަކަތަކުންނެވެ. އެހެނީ އިންތިޚާބީ ވާދަވެރިކަމުގައި ގިނަ މީހުން ދައްކަނީ  ނުރަނގަޅު  ވާހަކަތަކެވެ. ޤައުމާއި މުޖުތަމައަށް ދޭނެވޭ އަސަރު ފޯރާނެ ވާހަކަތަކެވެ. މި ފަދަ ފަނޑިވަޅަކީ ތިބާގެ ޤައުމުގެ އަގުކުރުންތައް ގެއްލި ދިޔުމުގެ ނުސިޔާނު ފުރުޞަތަކަށް ވިޔަ ދީގެން ނުވާނެއެވެ. ވީމާ، ޤައުމުގެ ފަޚުރުވެރި ތާރީޚާއި ޤައުމީ މުހިންމު ޙަޤީޤަތްތަކަށް އެ ކުދީންގެ ހިތްތަކުގައި ލޯބި ޖައްސާށެވެ. ކުދީންނަށް ހެޔޮ ވިސްނުން ގެނެސް ދޭށެވެ. ތިބާގެ އާއިލާއާ ހަމައިން އެ ޒިންމާ ކޮނޑު އަޅައި މަސައްކަތް ފަށާށެވެ. 

 

މި ކަމުގައި އަންނަނިވި އުކުޅުތަކުގެ ބޭނުން ހިފިދާނެއެވެ.

ޤައުމީ ލަވަތައް ދަސްކޮށް ދޭށެވެ.
         

އުފާވެރިކަމުގެ ތެރެއިން ޤައުމިއްޔަތު ފޯރު ކޮށްދެވިދާނެއެވެ. އެންމެ ތުއްތު އިރުއްސުރެ ފެށިގެންނެވެ. ކުދީންބައިވެރިކޮށްގެން ޤައުމީ ރީތި ލަވަތައް ކިޔާށެވެ. އެ ލަވަތައް އެ ކުދީން ހިތު ދަސް ކުރުވާށެވެ. އެ ލަވަތަކުގެ ޅެންް ލިޔުއްވާށެވެ. ބޭން ޖެހުން ފަދަ ކަންކަން އޮންނަ އިރު އެ ތަންތަނަށް އެކުދީން ގެންދާށެވެ. އަދި  އެ ފަދަ ހަރަކާތްތަކާއި އަދި ޤައުމީ ލަވަތަކުގެ ބޭނުންތެރިކަމާ ބެހޭ ގޮތުން އެ ކުދީންނާ ޚިޔާލު ބަދަލު ކުރާށެވެ. ސުވާލު ކުރާށެވެ. އޭރުން  އެފަދަ ކަންކަމުގެ ފުން މާނަތަކުގެ ތެރެއަށް އެ ކުދީންގެ ވިސްނުން ފޯރާނެއެވެ. ޤައުމުގެ ތާރީޚު ކުދީންނަށް ދަސްވަމުން ދާނެއެވެ.
ޤައުމީ ދިދައާ ރަޙްމަތްތެރި ކުރުވާށެވެ.
       

ދިދައަށް ފަރިތަ ކުރުވާށެވެ.

 

ޤައުމީ ދިދަ ފެނުނީމާ ކުދީންނަށް ޚާއްޞަ އުފަލެއް ލިބެން ވާނެއެވެ. އެހެން ވީމާ ޤައުމީ ދިދަ ވިހުރުވުމުގެ ފުރުޞަތު ކުދީންނަށް ދޭށެވެ. އަސްކަރީ ފައުޖުތައް ދިދައަށް އަދާ ކުރާ ޙުރުމަތް ދައްކައި ދޭށެވެ. އަސްކަރީ ފައުޖުތަކުގައި ދިދަ ބޭނުން ކުރެވޭ މަންޒަރު ދައްކައި ދޭށެވެ. އޭރުން ކުދީން ވެސް ދިދަ ގެންގުޅޭ ހިތް ވާނެއެވެ. އެއީ ޤައުމުގެ ކިހައި މަތިވެރި ރަމްޒެއްކަން އިޙްސާސް ކުރެވޭނެއެވެ. ދިދައާ މެދު އެ ކުދީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބެއް ޚާއްޞަ ޝައުޤެއް އުފެދޭނެއެވެ.
ވަށައިގެން ވާ މުޖުތަމަޢަށް އަހުލުވެރި ކުރުވާށެވެ.
      

ކުދީން ގޮވައިގެން މުޖުތަމަޢުގެ ތެރެއަށް ނިކުންނާށެވެ. އެންމެން ގުޅިގެން ކުރާ ކަންކަމުގައި ކުދީންނާއެކު ބައިވެރި ވާށެވެ. އިޖުތިމާޢީ ބައްދަލުވުންތަކުގައެވެ. އާއްމު މަސައްކަތްތަކުގައެވެ. އޭގެ އިތުރަށް ސަރުކާރުގެ ރަސްމީ މުއައްސަސާތައް ކުދީންނަށް ދައްކާށެވެ. އެ ތަންތަނާ އެ ތަންތަނުން ކުރާ މަސައްކަތްތައް ކުދީންނަށް  އޮޅުން ފިލުވައި ދޭށެވެ. {ރާއްޖޭގައި ނަމަ، އަޅުގަނޑު ހިތުން އޮޑި ދޯނިފަހަރު އެހެލުމުގައްޔާއި، ރަށު އަވަށު މަސައްކަތްތަކުގައި ކުދީންނާއެކު ބައިވެރި ވެވިދާނެއެވެ. ސިފައިންގެއާއި ފުލުސް އޮފީހާއި އިސްލާމީ މަރުކަޒާއި ސްޕުރީމް ކޯޓު  އަދި ހޮސްޕިޓަލް ފަދަ ތަންތަން ކުދީންނަށް އޮޅުން ފިލުވައި ދެވިދާނެއެވެ.}

އިސް މީހުން ނަމޫނާ ދައްކާށެވެ!
       

މިއީ ވޯޓުގެ ވަގުތެވެ. ކުދި އިންތިޚާބުތަކާއި ޤައުމީ އިންތިޚާބުގެ ވެސް ވަގުތެވެ. ހަނދާން ކުރާށެވެ. ފަރުވާތެރި ވާށެވެ. އަނެކުންނަށް ކަމޭ ހިތުމާއި ރީތި ނަމޫނާ ދެއްކުން ކުރިޔަށް ނެރޭށެވެ. ދައްކާ ވާހަކައިގައެވެ. ކުރެވޭ ބަހުސުތަކުގައެވެ. ދޭ ޖަވާބުތަކުގައެވެ. ބަހާއި އަމަލުންނެވެ. {އަޅުގަނޑު ހިތުން މިއީ ވެސް އަދުގެ ދިވެހީން ދަސްކުރާން ވެއްޖެ، ދައްކައި ދޭން ވެއްޖެ ހަމަތަކެކެވެ}

މަޢުލޫމާތު ހިއްސާ ކުރާށެވެ!
   

ކުތުބުޚާނާތައް ބަލާށެވެ. ކުދީންނަށް އެންމެ ފަސޭހައިން ނެގޭ ހިސާބުގައި، އެންމެ ފަސޭހައިން ކުދީންގެ ލޯ އަޅައި ގަންނަ ހިސާބުގައި ވަކި ކަހަލަ ފޮތްފޮތް ހުންނާން ވާނެއެވެ. ކުދީންގެ ޢަޤީދާ ހަރުދަނާ ކުރާނެ ފޮތްފޮތެވެ. ޤައުމުގެ ތާރީޚާއި ސަގާފަތް އަންގައި ދޭނެ ފޮތްފޮތެވެ. އެ ފަދަ ޑްރާމާތަކާއި ފިލްމުތައް ހިމެނޭ ވީޑިޔޯ / އޯޑިއޯ ސީޑީއެވެ.

އާއިލީ ދަތުރުތައް އިންތިޒާމު ކުރާށެވެ.
  

އާއިލާގެ އެންމެ އެކުގައި  ހިނގައިލާން ދާށެވެ. ނުވަތަ ކުދި ކުދި ލުއި ދަތުރު ކުރާށެވެ. ޤައުމީ ތަރިކައިގެ ގޮތުގައި ހިމެނޭ ތަންތަނަށެވެ. {ރާއްޖޭގައި ނަމަ ދަތުރު ހަދައިލައިފައި އުތީމަށް ޒިޔާރަތް ކޮށްލެވިދާނެއެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ކުދީންނަށް ދައްކައި ލާށެވެ. މާލޭގައި ނަމަ އަލިރަސްގެފާނުގެ ޒިޔާރަތާއި ހުކުރު މިސްކިތް ފަދަ މިސްކިތްތައް ވެސް އެހެރީއެވެ. ދާރުލްއާސާރުވެސް އެހެރީއެވެ. މި ތަންތަނާ ގުޅިފައި ވާ ޤައުމީ ބަޠަލުންނާއި ރަސްރަސްކަލުންގެ ސީރަތު އެ ކުދީންނަށް ދަސްވާނެއެވެ. ޤައުމަށް ދިމާވި ބޮޑެތި ހާދިސާތަކާ މެދު އެކުދީންގެ ޝުޢޫރުތައް ހިލިގެން ދާނެއެވެ. ނަމަވެސް … ޤައުމީ ދުވަހެއް ފާއިތުވެ ހިނގައްޖެއެވެ. ޤައުމަށްޓަކައި ޝަހީދުވެ އަލިރަސްގެފާނުގެ ޒިޔާރަތް ބަލައިލާން ދިޔުން ކީއްތޯއެވެ. އިއްޔެ އަޅުގަނޑު އެ ތަން ބަލައިލި އިރު ޒިޔާރަތު ގޯތިތެރޭގައި  ‘ކަކުލާ ހަމައަށް’ ކުނި އެބަ އޮތެވެ.}

ތިބާގެ ތަޖުރިބާ ހިއްސާ ކުރާށެވެ.
   

ތިބާގެ އަމިއްލަ ތަޖުރިބާތައް ކުދީންނަށް ކިޔައި ދޭށެވެ. ތިބާގެ ދަރިކޮޅެވެ. ކާފަ މާމަގެ ވާހަކަތަކެވެ. މާޒީގައި ތަޙައްމަލު ކޮށްފައި ވާ ދަތިތަކެވެ. ޤައުމީ ގޮތުން ތިބާ ބައިވެރިވެފައި ވާ ބޮޑެތި މަސައްކަތްތަކެވެ. އެކަމުގައި ހުރި ފޯރީއެވެ. ސަބަބަކީ ޤައުމިއްޔަތުގެ ލޯބި ހިތްތަކުގައި އުފެދޭނީ އެ ޤައުމެއްގެ މާޒީ ދަރީންނަށް އެނގުނު މިންވަރަކުންނެވެ.

ކަމޭ ހިތުމުގެ މިސާލު ދައްކާށެވެ!
       

ތިބާ އަނެކާއަށް ކަމޭ ހިތާ މަންޒަރު ދައްކާށެވެ. ތިބާ ތިބާގެ ޤައުމުގެ އަގުތައް ހިފަހައްޓާ މަންޒަރު ދައްކާށެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރުން ފަދަ ކަންކަމުގައި ތިބާ ބައިވެރިވާތަނެވެ. ޝުކުރުވެރިވާން ޖެހޭ ފަރާތްތަކަށް ތިބާ ޝުކުރުވެރި ވާތަނެވެ. މި ކަން ކަން އާއިލާއާ ހަމައިން (ގޭ ތެރެއިން) ފަށާށެވެ.

————————-
About the author
1 Comment
  1. ފޮދި

    😳 😆 😀 😀

    (2)(0)