ޑރ. ޝީޒާ ޢަލީ
އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ، ހަމައެކަނި އޭގެ ޒާތުގައި ހަކަތަ ލިއްބައިދޭ މީރު ބުއިމެއް ކަމަށް ގިނަ ބަޔަކަށް ހީވާ ކަހަލައެވެ. އެއީ ބޭރަށް ހިންގާ މީހުންނަށް ދޭ "ލޮނުޕެކެޓު" ފަދަ، އެކަމަކު ލޮނުޕެކެޓަށްވުރެ އިތުރަށް ހަކަތަ ލިއްބައިދޭ، މޮޅު އެއްޗެއް ކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ. ވާނީވެސް އެހެންނޫންތޯއެވެ. އެނާރޖީ ޑްރިންކެއް ބޯލުމުން ވަގުތުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލަދެއެވެ. މީހާގެ މާހައުލާއިމެދު ހޭލުންތެރިކަން އިތުރު ކުރުވައެވެ. އަދި ނިދިވެސް ފިލުވާލަދެއެވެ.
ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތައް ބާޒާރުތަކަށް ތައާރުފު ވެގެންއައީ ދުނިޔޭގެ އެކި ގައުމުގައި އެކި ދުވަސްވަރެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މިފަދަ ބުއިންތައް މިފަހަކަށް އައިސް ދަނީ ދުވަހެއް، ދުވަހަކަށްވުރެ އިތުރު ވަމުންނެއެވެ. ދުނިޔޭގެ ބާޒާރުތަކުގައި މަޝްހޫރު ބްރޭންޑްތަކާއި މަޝްހޫރުނޫން ބްރޭންޑްތަކުގެ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ފެންނަމުން ދާލެއް ވަނީ ގިނައެވެ. ހެލިކޮޕްޓަރާއި މަތިންދާބޯޓު ފަދަ އުޅަނދު ބޭނުން ކޮށްގެން އިޝްތިހާރު ކުރާ ބްރޭންޑް ތަކާއި، ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އިޝްތިހާރު ކުރާ ބްރޭންޑްތައް އަޅުގަނޑުމެންގެ ބާޒާރަށްވެސް ވަނީ ތައާރުފު ވެފައެވެ.

މިދެންނެވި ބްރޭންޑްތަކުގެ މޮޅު އިޝްތިހާރުތައް އަޅުގަނޑުމެންގެ ތެރެއިން މަދުނޫން ބަޔެއްގެ މަގުބޫލު ކަމާއި ޝައުގުވެރިކަން ހޯދައިފިއެވެ. އަދި މިފަދަ އިޝްތިހާރުތަކުގެ ސަބަބުން ގިނަ ބަޔެއްގެ ތެރޭގައި، އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި، ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ މޮޅުބުއިންތަކެއްގެ ގޮތުގައި ތަޢާރުފު ވެގެން ހިނގައްޖެއެވެ.

ހަމަ ހަގީގަތުގައިވެސް އެއީ އިޝްތިހާރުތަކުގައި އެދައްކައިލާހާ މޮޅު އެއްޗަކީ ތޯއެވެ؟ މިސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހުންނަނީ ކޯޗެއްތޯ ބަލައިލަމާތޯއެވެ؟ އެފަދަ ހުރިހާ ބުއިންތަކެއްގައި ހުންނަނީކީ އެކައްޗެއްނޫނެވެ. އެހެންކަމުން ހުރިހާ ބުއިންތަކަކީ އެއް ރަހައެއްދޭ އެއްޗިއްސެއްވެސް ނޫނެވެ. އަދި ދަޅުދަޅާއި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ޖޫސް ފަދަބުއިންތަކާއި ހަކަތަ ލިއްބައިދޭ ކަމަށް ބުނާ ބުއިންތައް ތަފާތުވަނީ އެފަދަ ބުއިން ތަކުގައި އެކުލެވިގެންވާ މާއްދާތަކުގެ ސަބަބުންނެވެ.

އާއްމުގޮތެއްގައި ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހުންނަނީ “ކެފެއިން”، “ގުވަރާނާ”، “ޓައުރައިން”، ވިޓަމިން ބީ ގެބާވަތްތަކުގެ އިތުރުން “ގިންގކޯ” އާއި “ޖިންސެންގ” ފަދަ އެކިއެކި ބާވަތުގެ ފަތްޕިލާވެލިން ނަގާ މާއްދާތަކާއި، ހަކުރެވެ. މީގެތެރެއިން ގިނަ ބާވަތްތަކަކީ އިންސާނާގެ ސިކުނޑި “ސްޓިމިއުލޭޓް” ކުރުވާ ނުވަތަ ހޭލުވައިލާ ބާވަތް ބާވަތެވެ. ސިކުނޑި “ސްޓިމިއުލޭޓް” ވުމުން ވަރުބަލިވުމުގެ އިހްސާސްތައް ކަޑުވައިލައިދީ، ނިދި ފިލުވައިލައިދީ، އަދި ހަކަތަ ލިބޭކަމުގެ އިހްސާސްތަކެއް ކުރުވައެވެ. މީގެ އިތުރުން ހަކުރަކީ ހަށިގަނޑަށް ނުސީދާ ގޮތުގައި ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. “އެނަރޖީ ޑްރިންކް” މިނަން ނިސްބަތް ވަނީ މިފަދަ ގޮތްގޮތުން، ވަގުތުކޮޅަކަށް ނަމަވެސް، ގައިގައި ވަރުޖައްސައިދޭކަމަށް އިހްސާސް ކުރުވާ ބުއިން ތަކަށެވެ. 

ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހިމެނޭ ބާވަތެއް ކަމުގައިވާ “ކެފެއިން” އަކީ ބައެއް ގަސްގަހުގައަޅާ މޭވާގައާއި މޭވާގެއޮށުގައި އަދި ފަތުގައި އެކުލެވިގެންވާ މާއްދާއެކެވެ. މިއީ ކޮފީ އާއި ސައި ގައި އަދި ކޯލާ ފަދަ ބުއިން ތަކުގައިވެސް ހިމެނޭ މާއްދާއެކެވެ. ހަކަތަ ލިއްބައިދޭކަމަށް ބުނާ ބައެއް ބުއިންތަކުގައި “ކެފެއިން” ހުންނަނީ ކޯލާފަދަ ބުއިމެއްގައި ހުންނަ ވަރަށްވުރެން އެތައް ގުނައެއް އިތުރަށެވެ. މިސާލެއް ދަންނަވާނަމަ 8 އައުންސް ކޮކާ ކޯލާ ގައި ހުންނަނީ 23 މިލިގްރާމް “ކެފެއިން” އެވެ. ނަމަވެސް 8 އައުންސް “ރެޑް ބުލް” ގައި 76 މިލިގްރާމް  “ކެފެއިން” އަދި 8 އައުންސް “މޮންސްޓަރ އެނަރޖީ ޑްރިންކް” ގައި 80 މިލިގްރާމް “ކެފެއިން” ހުރެއެވެ. އާދައިގެ (އިންސްޓަންޓް) ކޮފީތައްޓެއްގައި 8 އައުންސް ގައި ހުންނަނީ 57 މިލިގްރާމް “ކެފެއިން” އެވެ. 8 އައުންސަކީ ގާތްގަޑަކަށް 230 މިލިލީޓަރ (އެމް.އެލް.) އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ 8 އައުންސަކީ ގާތްގަޑަކަށް ޖޯޑެއްގެ ދިޔާއެއްޗިއްސެވެ.

ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބައެއް ބުއިންތަކުގެ 20 އައުންސުގެ ދަޅެއްގައި ނުވަތަ ފުޅިއެއްގައި 500 މިލިގްރާމް “ކެފެއިން” ހުރެއެވެ. ބައެއް ވައްތަރުގެ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހަކުރުވެސް އާދަޔާ ހިލާފަށް ގިނައިން ހުރެއެވެ. މިވައްތަރުތަކުގެ 16 އައުންސް ހުންނަ ދަޅެއްގައި 13 ސަމުސާ ހަކުރު ހުންނަކަމަށް ވެއެވެ. 

ހަކަތަ ލިއްބައިދޭކަމަށް ބުނާ ބައެއް ބުއިންތަކުގައި ހުންނަ ބައެއް މާއްދާތަކަކީ ކެފެއިން އާއި އެކުވެގެން ހަށިގަނޑަށް ނުރަގަޅު އަސަރު ކުރުވައިފާނެ ފަދަ މާއްދާތަކެކެވެ. އަދި މިފަދަ ބުއިންތަކުގައި ހުންނަ މާއްދާތައް ބައެއް ކަހަލަ ބޭހާ އެކުވުމުން، ނުވަތަ ބައެއް ކަހަލަ ބޭސް ބޭނުން ކުރާމީހުން މިފަދަ ބުއިންތައް ބޭނުންކުރުމުން ހަށިގަނޑަށް އޭގެ ނުރަގަޅު އަސަރު ވަރަށް ފަސޭހައިން ކުރުވައިފާނެއެވެ. މީގެ އިތުރުން ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހުންނަފަދަ މަތީ އަދަދަކަށް، ގިނަގިނައިން ކެފެއިން ބޭނުންކުރުމަކީ ކެފެއިން ވިހަވުމާއި ކެފެއިން އަށް ހަށިގަނޑު ހޭނުމާއި   އަދި މި ނޫނަސް އިތުރު ނުރަގަޅު އަސަރުތަކެއް ހަށިގަޑަށް ކުރުވައިފާނެ ކަމެކެވެ. މިފަދަ ބުއިންތަކުގައި ހިމެނޭ ބައެއް މާއްދާތަކަކީ އެ މާއްދާތައް ބޭނުން ކުރުމުން އިންސާނުންނަށް ކުރުވައިފާނެ އަސަރުތަކާމެދު، އަދި އެމާއްދާތައް އެކަތި އަނެކައްޗާއި އެއްކޮށްގެން ބޭނުންކުރުމުން ކުރުވައިފާނެ އަސަރުތަކާމެދު ސައިންޓިފިކް ގޮތުން މާ ތަފްޞީލީ ދިރާސާތަކެއް އަދިވެސް ކުރެވިފައިވާ މާއްދާތަކެއް ނޫނެވެ. އެހެންކަމުން މިފަދަ ވަކިވަކި ބުއިންތަކުގައި ހުންނަ މާއްދާތަކާއި އެމާއްދާތައް ބޭނުން ކުރުމުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ދުނިޔޭގެ އެތައް ލެބޯޓްރީއެއްގައި މިހާރުވެސް އަންނަނީ ތަހުލީލުތައް ކުރެވެމުންނެވެ. އަދި ވަރަށް ގިނަޑޮކްޓަރުން މިކަމާގުޅޭ ދިރާސާތައްވެސް އަންނަނީ ކުރަމުންނެވެ.   

ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުން އިންސާނާގެ ހަށިގަނޑަށް ކުރުވާ ނުރަގަޅު އަސަރުތަކުގެ ތެރޭގައި ނުނިދުމާއި ރުޅިގަދަވުމާއި ހާސްވުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުމައި ހަށިގަނޑުން އާދަޔާ ޚިލާފަށް ފެން މަދުވުމާއި ބޮލުގައި ރިއްސުމާއި ހިތުގެ ވިންދުގެ މައްސަލަޖެހުމާއި ކަންކަމާދޭތެރޭ ހިތްހަމަ ނުޖެހުމާއި ކަންކަމަށް ކޮންސެންޓްރޭޓް ކުރަން އުދަގޫވުމާއި ހިތް ބިރުގަތުމާއި މޫޑު ގޯސްވުމާއި ބަރުދަން އިތުރުވުން ހިމެނެއެވެ. އަދި ބައެއް ފަހަރު ނަމަވެސް ފިޓުޖެހިގެން ހޮސްޕިޓަލުތަކަށް ގެންދެވޭ މީހުންނަކީ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިން ބޭނުންކުރުމުން ފިޓުޖެހިގެން ގެންދެވޭ މީހުންކަމަށް ލަފާކުރެވޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ޚާއްޞަކޮށް ހިތުގެ މައްސަލަ ހުންނަ މީހުންނާއި، ލޭމައްޗަށްދާ މިހުންނާއި ސިކުނޑީގެ ބަލިތަކުގެ މީހުން މިފަދަ ބުއިންތައް ބޭނުން ކުރުމުން ނޭދެވޭ އަސަރު ކުރާލެއް ގިނައެވެ. މި ދެންނެވި އަސަރުތައް ކުރުވަނީ އެކި މީހުންނަށް އެކިވަރަށެވެ. އަދި މިފަދަ ބުއިންތައް އެކިވަރަށް ބޭނުން ކުރުމުންނެވެ.    

ސީދާ ނުވަތަ ނުސީދާ ގޮތަކަށް ނަމަވެސް މިފަދަ ނޭދެވޭ އަސަރުތަކެއް ކުރުވަނިވި ބުއިންތަކަކީ އަޅުގަނޑުމެން އެހާ މަގުބޫލު އެއްޗަކަށް ހަދައިގެން ވާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަދި އަމުދުން އަޅުގަނޑުމެންގެ ތުއްތު ދަރިންނަށާއި ބޮޑެތި ވަމުން އަންނަ ޅަފުރާގެ ދަރިންނަށް ހަކަތަ ލިއްބައިދޭކަމަށް ބުނާ ބުއިންތައް ދިނުމަކީ ރަގަނޅުކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލު ކޮށްގެންވާނެ ކަމަކަށް އަޅުގަޑު ނުދެކެމެވެ. އެހެންނަމަވެސް ހިތާމަހުރި ކަމަކީ ބައެއް ކުދިންނަކީ އަދި ބައެއް ޒުވާނުންނަކީ މިފަދަ ބުއިންތައް ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކުހެން ބޭނުންކުރާ ބަޔެކެވެ. ބައެއް ސްކޫލް ކުދިންގެ އިންޓަވަލަށް ހަކަތަ ލިބިދޭކަމަށްބުނާ ބުއިންތައް ގެންދަނީ އެއީ މީރު ރަހައެއްލާ އެއްޗަކަށް ވެފައި، އެ ބޮއިލުމުން ގައިގައި ވަރުޖައްސައިލައިދޭކަމަށް އެކުދިންނަށް ގަބޫލު ކުރެވޭތީއެވެ. ކުޅިވަރު ކުޅެ ވަރުބަލިވުމުންނާއި މިނޫން ވެސް ގޮތަކުން ގައިގެ ވަރު ދެރަވެއްޖެނަމަ ހަކަތަ ލިބިދޭކަމަށް ބުނާ ބުއިމެއް ބޮއިލުމަކީ ބައެއް ކުދިންނާއި ޒުވާނުން ފަރުވާއެއްގެ ގޮތުގައި ދެކޭ ކަމެކެވެ. ނަމަވެސް ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ އެއްވެސްކަމެއްގެ ފަރުވާއެއް ނޫނެވެ. 

ޅައުމުރުގައި މިފަދަ ބުއިންތަކަށް ހަށިގަނޑު ހޭނުމަކީ މުސްތަގުބަލުގައި ކޮށްފާނެ ނޭދެވޭ އަސަރުތައް އިތުރުވެގެން ދާނެ ކަމެކެވެ. ވިމާ އަޅުގަނޑުމެން ކުޑަކުދިންނަށް ކޮފީ ނުވަތަ ކޯލާ ފަދަ ބުއިންތައް ނުދިނުމަށް ބާރުއަޅާ ފަދައިން ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތައްވެސް ނުދިނުމަށް ބާރުއަޅަމާތޯއެވެ! އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޒުވާނުން މިފަދަ ބުއިންތައް ބޭނުން ކުރުމަކީ އާދައެއް ކަމަށް ނަހަދަމާތޯއެވެ!  

——————–
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.