މި ފޮތަކީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް އިބްރާހީމް ވަޙީދު މާތޮޑާ(މާތޮޑާ ވަޙީދު) ގެ ދަތުރުނާމާއެއްގެ މައްޗަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. އަލްފާޟިލް އިބްރާހީމް ވަޙީދަކީ ދަތުރުނާމާ ލިޔުއްވުމަށް ވަރަށް ޝައުޤުވެރިވެލައްވާ ބޭކަލެކެވެ. މި ދަތުރުގެ ނޯޓުތައް އޭނާ އެއްކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެހެން ކަމުން މި ދަތުރުނާމާ ލިޔުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވިއެވެ. މި ދަތުރުނާމާ އަޅުގަނޑު އެއްކޮށްލީ 1974 ވަނަ އަހަރުގެ ތެރޭގައެވެ. މި ދަތުރުނާމާ އަޅުގަނޑު ޝާއިޢުކުރީ 1974 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މޫންލައިޓްގައެވެ.

އިސްބަސް

މި ފޮތަކީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް އިބްރާހީމް ވަޙީދު މާތޮޑާ(މާތޮޑާ ވަޙީދު) ގެ ދަތުރުނާމާއެއްގެ މައްޗަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

އަލްފާޟިލް އިބްރާހީމް ވަޙީދަކީ ދަތުރުނާމާ ލިޔުއްވުމަށް ވަރަށް ޝައުޤުވެރިވެލައްވާ ބޭކަލެކެވެ. މި ދަތުރުގެ ނޯޓުތައް އޭނާ އެއްކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެހެން ކަމުން މި ދަތުރުނާމާ ލިޔުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވިއެވެ. މި ދަތުރުނާމާ އަޅުގަނޑު އެއްކޮށްލީ 1974 ވަނަ އަހަރުގެ ތެރޭގައެވެ.
މި ދަތުރުނާމާ އަޅުގަނޑު ޝާއިޢުކުރީ 1974 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މޫންލައިޓްގައެވެ.

11 ޖަނަވަރީ 2009

ޢަބްދުﷲ ޞާދިޤް-

* * *

މި ދަތުރުނާމާގެ މަޢުލޫމާތުދެއްވީ
އިބްރާހީމް ވަޙީދު(މާތޮޑާ)

އަލްފާޟިލް އިބްރާހީމް ވަޙީދަކީ (މާތޮޑާ ވަޙީދަކީ) ގ.ދ. އަތޮޅުގެ ވަރަށް މުހިއްމު ޝަޚްޞިއްޔަތެކެވެ. މި ފަދަ ފާހަގަކޮށްލެވޭ އެތައް ދަރިޔަކު އަތޮޅުތަކުގައި އެބަ ތިއްބެވިއެވެ. އަދި އެ ފަދަ އެތައް ދަރިންނެއް އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި ވެސް ވެއެވެ.

އާދެ، މާތޮޑާ ވަޙީދަކީ އެއް ނަޒަރަކުން ބަލާނަމަ ރަނގަޅު މާލިމީއެކެވެ. އުމުރުން 13 އަހަރުން ފެށިގެން އުޅުއްވީ ދަތުރުކުރެއްވުމުގައެވެ. މި ގޮތުގައި 22 އަހަރު ވަންދެން އެ މަސައްކަތުގައި އުޅުއްވިއެވެ. ދަތުރުކުރެއްވީ މާލެ، އައްޑޫ، އައްޑޫ މުލައް މިތަންތަނަށެވެ. އަދި ކޮޅުނބާ މާލެޔާ ދޭތެރޭގައި ވެސް ދަތުރުކުރެއްވިއެވެ. މި ދަތުރުތަކުގައި ހުންނަވަނީ ކުޑަމާލިމީއެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވާގޮތުގައި އޭރު ބޮޑުމާލިމީންނަށް ތިއްބަވަނީ، މަޝްހޫރު މުޞްޠަފާ މަންޞޫރު، އަސޭދޮންކަލޭފާނު، ބިހުގޭ ޢަބްދުﷲ، ހުސެންފުތުގެ އާދަންފުތު މި މާލިމީންނެވެ.

ވަޙީދު ވިދާޅުވީ މިހެން މިކަން ހުރި ނަމަވެސް މާލެއާ ރަށާ ދޭތެރޭ އަމިއްލައަށް ކުރެއްވުނު ދަތުރުތައް ހައެއްކަ ދަތުރަށް ވުރެން މަދެއް ނުވާނެ ކަމުގައެވެ. އަދި އެދަތުރުތަކުގައި ދަތުރުގެ ހިސާބު ބަލަހައްޓަވަނީ އޭނާ ކަމުގައެވެ. ކޮޅުނބުދަތުރުގައި ވެސް ހިސާބު ބަލަހައްޓަވަނީ އޭނާ ކަމުގައެވެ.

އެދުވަސްވަރު ދަތުރުކުރަނީ ފިލާއަޅައިގެންނެވެ. ފިލާއަޅަން ގެންގުޅެނީ ސިކިސްތާނެއެވެ.

ފިލާއެޅުމޭ ބުނެފައި ދޫކޮށްލައިފި ނަމަ މީހާރުގެ ކުދިންނަށް އެއީ ކީއްކުރަންކަމެއް، ކިހިނެއް ކުރާ ކަމެއް ކަމެއް އޮޅުމެއް ނުފިލާނެއެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެއީ ޖީ.ޕީ.އެސް މެދުވެރިކޮށް މިހާރު އެކުރާ ކަންތައްތައް ކުރުމެވެ. އެމަޢުލޫމާތުތައް ސާފުކުރުމެވެ.

ފިލާ އެޅުމުގައި ބަލާނީ އުޅަނދު ހުރި ތަނެވެ. މިއީ ހިސާބުތަކެއް ހަދައިގެން ސާފުކުރާ މަޢުލޫމާތެކެވެ. އޭގައި ޢަރުޟާއި ޠޫލު(ލެޓިޓިއުޑާއި ލޮންޖިޓިއުޑް) ދެނެގަތުމަށްޓަކައި ސިކިސްތާނު ނުވަތަ ގޮއިދޮރުވާނުން، އިރަށް ނުވަތަ ތަރިއަށް ބަލައިގެން ހިސާބެއް ކުރަނީއެވެ. މި ދެންނެވި ގޮތަށް ފިލާއަޅާއިރު ދެމީހުން ފިލާ އަޅަންޖެހެވެ. އަދި ދެމީހުންގެ ހިސާބު ސީދާވާންޖެހެއެވެ.

ވަޙީދަކީ އެއް ރޮނގަށް ވުރެ ގިނަ ރޮނގުން އަތޮޅަށާއި ރަށަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހަރުދަނާ ބޭކަލެކެވެ.

* * *

ދަތުރުނާމާ

ދަތުރުނާމާޔާ ބެހޭ މި ލިޔުމަކީ އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޖަމީލް ލިޔުއްވާފައިވާ ލިޔުމެކެވެ. މިލިޔުން މި ފޮތުގައި ޝާއިއުކުރުމުގެ ހުއްދަ ދެއްވިކަމަށްޓަކައި އޭނައަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ.
* * *

ޢަބްދުﷲ ޖަމީލް މިލިޔުން މި ފޮތުގައި ޝާއިޢުކުރެއްވުމަށް ދެއްވުމުން ދޭހަވަނީ އޭނާއަކީ މި ބާވަތުގެ ކަންކަމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް ކަމެވެ. ފަށްފަށުން ޝުކުރިއްޔާ.

ދަތުރުނާމާއަކީ ދަތުރެއްގައި ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށް ލިޔާ ލިޔުމެކެވެ. ބައެއް ލިޔުންތެރިން ވިދާޅުވާގޮތުގައި ދަތުރުނާމާ އަކީ އޭނާ އެލިޔާއިރު އެތަނެއްގައި ކަންތައްތައް ހުރި ގޮތް އަންގައިދޭ ފޮޓޯއެއް ކަހަލަ އެއްޗެކެވެ. މި ގޮތުން ދަތުރުނާމާއެއް ލިޔާއިރު ދަތުރުކުރާމީހާއަށް ފެނުނު ކަންތައްތަކާއި ތަޖުރިބާކުރެވުނު ކަންތައްތަކާ އިވުނު އަޑުތަކުގެ މައްޗަށާއި އިޙުސާސްކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލައިލަންވާނެއެވެ. ދަތުރުކޮށްގެން ލިބުނު ތަޖުރިބާއާ ފެނުނު ކަންތައްތައް ކިޔާ މީހާގެ ކުރިމަތީގައި ފޮޓޯއެއް ފަދައިން ތަޞައްވުރުކޮށްދޭންވާނެއެވެ.

ދަތުރުނާމާ ހިމެނެނީ ރިކައުންޓުގެ ތެރޭގައެވެ. ރިކައުންޓަކީ ކަމެއް ހިނގާގޮތް ތަރުތީބުން ބަޔާންކޮށްދިނުމެވެ.

ދަތުރުނާމާ ފެށިގެން އައީ ކިހިނެއް؟
އިންސާނާ އުފަންވީ ދަތުރުވެރިއެއްގެ ގޮތުގައި ކަމުގައި ބުނެވެއެވެ. އެހެންކަމުން ކަންކަން ބަލާ ހޯދާ ދެނެގަތުމަކީ އިންސާނީ ޠަބީޢަތުގައި ހިމެނޭ ކަމެކެވެ. މި ގޮތުން ގަދީމީ ޒަމާނުގެ މީހުން އެކި ތަންތަނަށް ދަތުރުކޮށް ހޯދުންތައް ހޯދުމަށް ޝައުގުވެރިކަން އުފެދިފައިވެއެވެ.

ދަތުރުނާމާ އުފަންވުމުގެ މާކުރިން ވެސް އިންސާނުން ކުރި މި ފަދަ ދަތުރުތަކުގެ ވާހަކަ ލިޔާނެ ގޮތަކާ މެދު އެމީހުން ދިޔައީ ވިސްނަމުންނެވެ. މި ގޮތުން މީލާދުގެ ކުރީން 1504 ހާތާނގައި މިސުރުގެ ހަތުޝަބުސޫތު ކިޔާ ރަށުގައި ވެރިކަންކުރި މިސުރުގެ 18 ވަނަ ޢާއިލާގެ މަލަކާ ސޯމާލިއާއަށް ކުރި ދަތުރެއްގައި ބޭނުންކުރި ނާތަކެއްގެ ކުރެހުންތައް ދާރުލްބަޙުރި ކިޔާ ފައްޅިއެއްގެ ފާރުތަކުގައި ކުރަހާފައިވެއެވެ. މިއީ ދަތުރުނާމާގެ ފެށުންކަމުގައި ބެލެވިދާނެއެވެ.

މީލާދުގެ ކުރީން 5 ވަނަ ގަރުނުގެ ތެރޭގައި އުޅުނު ގުރީކުގެ ހަރުދޯތަސް މިސުރު، ސީރިޔާ، ފިނީޝިޔާ، އީރާން، ފޮސްފަރާސް(ތުރުކީ)އަށް ދަތުރުކޮށް އުޅުނުކަމަށް ވެއެވެ. މީނާ ލިޔުނު ފޮތްވެގެން ދިޔައީ މަޝްހޫރު ތާރީޚީ ދަތުރުނާމާއެއް ކަމުގައެވެ. ހަރުދޯތަސް މަޝްހޫރުވެފައި ވަނީ “ތާރީޚު އިލްމުވެރިންގެ ބައްޕަގެ” ގޮތުގައެވެ.

މީގެ ފަހުން ޢަރަބި ވިޔަފާރިކަމުގައާއި އިސްލާމްދީން ފެތުރުމަށް ދަތުރުކުރިއެވެ. މި މީހުން އެއްގަމު މަގުންނާއި ކަނޑު މަގުން ނާފަހަރުތަކުގައި ދުނިޔޭގެ ތަންތަނަށް ކުރި ދަތުރުތަކުގައި އޭޝިޔާއަށް އައިސްފައިވެއެވެ. ރާއްޖެ އިސްލާމްކުރެއްވި އަބުލްބަރަކާތުލް ބަރުބަރީއަކީ މިގޮތުން ދަތުރުކުރި ކުރުމުގައި ރާއްޖެ އައިސްފައިވާ މީހެކެވެ. މިދުވަސްވަރު ޢަރަބިން ލިޔެފައިވާ ފޮތްތަކުގެ ތެރޭގައި ސިންދުބާދުލް ބަޙުރީ (ޚިޔާލީ ވާހަކައެއް) ފާހަގަކޮށްލެވެއެވެ. މިއީ ވެސް ދަތުރުނާމާއެކެވެ.

މީލާދީން 9 ވަނަ ގަރުނުގައި ސުލައިމާން ނަމަކަށް ކިޔާ މީހަކު އިންޑިޔާ ކަނޑާއި ޕެސިފިކު ކަނޑުގައި ދިރިއުޅޭ މަސްމަހާއި މުތީއާއި ކަނޑުތަކުގެ ދިރުމާ ބެހޭ ވާހަކައާއި ކަޅުކަނޑާއި ރަތްކަނޑާއި އެޓްލާންޓިކު ކަނޑާއި ޢަރަބި އައްސޭރީގައި ދިރިއުޅޭ މީހުންގެ ވާހަކަ ލިޔެފައިވެއެވެ.

މިނޫނަސް ޢަރަބީން ލިޔެފައިވާ ވާހަކަތަކުގައި ދިރިއުޅުމުގެ ތަރައްގީއާއި ޢުމްރާނީ ތަރައްގީ ސިފަކޮށްދީފައި ހުރެއެވެ.

ދަތުރުނާމާގެ ވައްތަރުތައް
ދަތުރުނާމާގެ މައިގަނޑު ދެ ވައްތަރެއް ހުރެއެވެ. އެއީ

1. ޚިޔާލީ ދަތުރުނާމާ (FICTIONAL)
2. ޙަޤީޤީ ދަތުރުނާމާ (NON-FICTIONAL)

1. ޚިޔާލީ ދަތުރުނާމާ
މިއީ ޙަޤީޤަތުގައި ހިނގާފައިނުވާ ދަތުރެއްގެ ވާހަކަ އަމިއްލަ ޚިޔާލުން ނެރުމެވެ. މި ގޮތުން މީލާދީން 1321 ގައި ޝާއިޢު ކުރެވުނު ޑާންޓްގެ “ޑިވައިން ކޮމެޑީ” އާއި 1726 ގައި ޝާއިޢު ކުރެވުނު ޖޮނަތަން ސްވިފްޓްގެ “ގަލިވަރސް ޓުރެވެލް” އާއި ގަލަމީ ނަމަކަށް ‘ޑަކުޓަރ ރާލފް’ ބޭނުންކުރައްވައިގެން މަޝްހޫރު ފަރަންސޭސި ފަލްސަފާވެރިޔާ ވޮލްޓެއަރ ލިޔުއްވައި 1759 ގައި ޝާއިއު ކުރެވުނު “ކޭންޑީޑް” އަކީ މިގޮތުން ލިޔެފައިވާ މަޝްހޫރު ދަތުރުނާމާތަކެވެ.

މިބާވަތުގެ ދަތުރުނާމާއެއް ވާހަކައަކާ ގާތްކުރާ ފަދަ ގޮތަކަށް ގެނެވިދާނެއެވެ. މީގެ އިތުރުން ލޮނުރަހަ ހެޔޮވަރުކޮށްލުމަށް ދެކެވޭ ވާހަކަ ގެނެވިދާނެއެވެ. ޚިޔާލީ ދަތުރުނާމާގައި ކިޔުންތެރިޔާ އުޅެންޖެހެނީ ޙަޤީޤީ މާޙައުލުން ބޭރުގައި ކަމަށް ވާތީ މަންޒަރާއި މީހުންނާއި ތަންތަން ސިފަކޮށްދިނުމަށް ބާރު އަޅަންވާނެއެވެ.

2. ހަޤީޤީ ދަތުރުނާމާ
މި ވައްތަރު ދަތުރުނާމާ މައިގަނޑު ދެ ވައްތަރަކަށް ބަހައިލެވެއެވެ.

(ހ) ތާރިޚީ ދަތުރުނާމާ
މިއީ ތާރީޚީ ހޯދުންތައް ހޯދުމަށް ދަތުރުކުރާ މުއައްރިޚުން އެމީހުން އެއްކުރާ މަޢުލޫމާތުތަކާއި ފެންނަ ފެނުންތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ދަތުރުނާމާއެވެ. މިބާވަތުގެ ދަތުރުނާމާގައި ލިޔުންތެރިކަމަށް އަދި އަދަބިއްޔާތަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލިޔެފައި ހުންނާނީ ދަތުރުވެރިޔާއަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ވާހަކަތަކާއި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް ތީރީޚީ މަޢުލޫމާތުތަކެވެ. މި ގޮތުން އިބްނި ބަޠޫޠާ ރާއްޖެއަށް ކުރި ޒިޔާރަތުގެ ވާހަކަ ލިޔުއްވި ދަތުރުނާމާއާއި ޕިރާޑު ލިޔުއްވި ދަތުރުނާމާ ފާހަގަކުރެވެއެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment