ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު،  ގ. މަންޒިލް

މިއީ 1961 ނިކުތް ހިންދީ ފިލްމު 'ގަންގާ ޖަމުނާ' ގެ 'އިންސާފު ކީ ޑަގަރު ޕޭ' މިލަވައިގެ ދިވެހި ތަރުޖާއެކެވެ. 'ގަންގާ ޖަމުނާއަކީ' ފާހަގަ ކޮށްލެވޭ ފިލްމެކެވެ. ބުނެވޭ ގޮތުގައި މި ފިލްމަކީ މުޅިހިންދީފިލްމީ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމަނައިލެވޭފިލްމެކެވެ. މިފިލްމުވަނީ އެތައް 'ފިލްމްފެއަރ އެވޯރޑް' އަކަށް ހުށަހެޅި އަދި ގިނަ ވަނަތަކެއްވެސް ކާމިޔާބު ކޮށްފައެވެ.
ފިލްމުގެ ވާހަކައިގެ މައިގަނޑު މައުޟޫޢަކީ އަދުލު އިންސާފުގެ ވާހަކައެވެ. އަދުލު އިންސާފު ހިންގައިލުމުގައި މުޖުތަމަޢުގެ އެންމެންގެ މެދުގައި ހަމަހަމަކަން ގެންގުޅުމުގެ ވާހަކައެވެ. ފިލްމުގައި ފެނިގެންދަނީ އެއްބަނޑު އެއްބަފާ ދެބެން ގާނޫނުގެ ދިމާ އިދިކޮޅު ދެފަރާތުގައި ވާތަނެވެ. ޖަމުނާ ކިޔަވައިނިމުމަށް ފަހު ސިފައިންގެ މީހެއްގެ ގޮތުގައި، އާދެ! ގާނޫނުތަކަށް އިޙުތިރާމުކޮށް ނަގަހައްޓައި، ގާނުނުތައް ހިންގާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަންފެށިއެވެ. އަނެއްކޮޅުން ގަންގާ، އޭނާގެ ޙަޔާތުގެ މަގުކަމުގައި ޚިޔާރުކުރެވުނީ ކުށްކުރުމުގެ މަގެވެ. އޭނާވީ މުޖުރިމަކަށެވެ. ޖަމުނާއަށް ޖެހެނީ އޭނާގެ އަޚު ގަންގާގެ މައްޗަށް ގަވާއިދުތަކާއި ޤާނޫނުތައް ހިންގާށެވެ. އޭނާ ހުއްޓާށެވެ.

‘އިންސާފުކީ ޑަގަރު ޕޭ’ (އިންސާފުގެ މަގުގައި)  މިލަވަ ފިލްމުގެ މައިގަޑު މައުޟޫއުއާ ގުޅިފައިވެއެވެ. މިލަވައިގައި އަދުލު އިންސާފުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. ޅަފަތުގައި ކިޔަވާ ކުދީންގެ ހިތްތަކުގައި މިކަން ބިންވަޅު ނަގައިދިނުމަށް މަސައްކަތްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެވިފައިވެއެވެ. ވަކިވަކި ފަރުދުންގެ ހަގީގީ އަގު ބިނާވަނީ އެމީހުންގެ މާތް އަޚުލާގީ ސިފަތަކުގެ މައްޗަށް ކަމަށްވާއިރު، މުޖުތަމައެއްގެ ހަޔާތާއި ދެމިއޮތުން ބިނާވަނީ އެމުޖުތަމައުގެ އަދުލު އިންސާފުގެ ނިޒާމުގެމައްޗަށްކަން ލަވައިގައި ފާހަގަ ކުރެވެއެވެ. ތަނެއްގެ އަދުލުއިންސާފުގެ ނިޒާމު ހަލާކުވެ އަދި އެނިޒާމާދޭތެރޭ އޮންނަންޖެހޭ އިތުބާރު ގެއްލިއްޖެނަމަ މުޅިތަން ހައިޖާނުވެ އެއްވެސް ޖެހިލުމެއް ނެތި ކުށްތަކަށް އަރައިގަނެ އެތަނުގައި ކުށްކުރުން ގިނަވެދެއެވެ. އަދި އާޚިރު ނަތީޖާއަކަށްވަނީ މުޅި މުޖުތަމައު ހަލާކުވެ ނެތިދިއުމެވެ. އެހެންވެ، ލަވައިގައި ކިޔަވާ ކުދިބައެއްގެ ގާތު މުދައްރިސު ވިދާޅުވަމުންގެންދަވަނީ އިންސާފުގެމަގުގައި ފައިތިލަސާބިތުކޮށްތިބެ ހިނގުމަށެވެ. މުސްތަގުބަލުގައި ގައުމާއިގެން ކުރިއަށްދާނެ ވެރީން އުފެދޭނީ އެކުދީންގެ ތެރެއިންކަމަށްވާތީއެވެ. އަބަދުވެސް ހައްގަށް ލޯބިކޮށް ހައްގަކީ އެކުދީންނަށް މަދަދުވެރިވެ ހިތްވަރުދީ މަގުދައްކާ ފަރާތްކަމުގައި ހެދުމަށް ނަސޭހަތްތެރިވެއެވެ. އެހެނީ ހަގީގީ އިއްޒަތާ ކަރާމަތް އިންސާނުންނަށް ލިބޭނީ އަދުލު އިންސާފު ގާއިމުކުރެވިގެންނެވެ. މީގެ އިތުރުން ހައްގުގެ މަގުގައި ހިނގުމަކީ ފަސޭހަ ކަމެއް ނޫންކަން، ލަވައިގައި، ހަނދާންކޮށްދެއެވެ. ސަބަބަކީ އިންސާފުގެ މަގުގައު ހިނގަމުން ދާއިރު ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭނެތީއެވެ. ގާތްތިމާގެ މީހުންގެ މައްޗަށް ގާނޫނުތައް، ހިތްހަމަނުޖެހޭ ނަތީޖާތަކާއެކު ވެސް، ހިންގައިލާންޖެހުމެވެ. އަމިއްލަ ފައިދާއާއި އަމިއްލަ މަސްލަހަތުތައް އިސްނުކޮށް ގާނޫނުތައް ހިންގައިލާންޖެހުމެވެ. ރިޝްވަތާއި ‘ހަދިޔާ’ ގަބޫލު ކުރުމުން އެއްކިބާވެހުރެ އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ގާނޫނުތައް ހިންގައިލާންޖެހުމެވެ. މި ސަބަބުތަކަށްޓަކައި އިންސާފުގެ މަގުގައި ހިނގާ އިރު ކުރިއަށްދާންވާނީ އަބަދުވެސް ސަމާލުވެހުރެ، ހަވާނަފުސުގެ ގޮވުންތަކަށް ބޯނުލަބައި، ވަރަށް ބަލައިގެންނެވެ.

އިންސާފުގެ ނިޒާމުގެ މުހިއްކަމުގެ އިތުރުން ލަވައިގައި ފާހަގަކޮށްލެވޭ އަނެއްކަމަކީ ތައުލީމާއި ތަރުބިއްޔަތުގެ ދައުރެވެ. މައުލޫމާތާއި ހުނަރުތައް އުގަންނައިދިނުމުގެ އިތުރުން، ތައުލީމާއި ތަރުބިއްޔަތު އަދާކުރާ މުހިއްމު ދައުރެއް، ލަވައިގައި ފާހަގަކޮށްދެއެވެ. އެއީ މުޖުތަމައު ގަބޫލުކުރާ އަގުތަކާ އަދި އަޚުލާގީ ހަމަތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމުގައި ތައުލީމީ ނިޒާމު އަދާކުރަންޖެހޭ ދައުރެވެ. މުޖުތަމައު ބޭނުންވާ، އަދި މުޖުތަމަޢަށް ފައިދާ ކުރާ ދަރީންތަކެއް އުފެއްދޭނީ ތައުލީމީ މަންހަޖުތަކުގެ ތެރެއިން މިފަދަ އަގުތަކާއި އަޚުލާގީ ހަމަތައް ކިޔަވާ ކުދީންނަށް ފޯރުކޮށްދެވިގެންނެވެ.

މިލަވަ ދިވެހިތަރުޖަމާއާއެކު އަޑު އައްސަވައިލައްވަން ބޭނުންފުޅުނަމަ ތިރީގައިވާ މި އެޑްރެހަށް ޒިޔާރަތް ކޮށްލައްވާށެވެ.  

 

http://www.youtube.com/watch?v=TGc-4Tj_RfU&feature=youtu.be

********************************

 

ކުދީންނޭވެ، އިންސާފުގެ މަގު ޚިޔާރުކޮށް، އެ މަގުގައި ފައިތިލަ ސާބިތުކޮށް، ހިނގާށެވެ!

މިއީ ތިޔަ ކުދީންގެ އަމިއްލަ ގައުމެވެ. ތިޔަކުދީންނަކީ، ގައުމާއިގެން ކުރިއަށްދާންތިބި، ގައުމުގެ މާދަމާގެ ވެރީންނެވެ.

ކެތްތެރިކަމާއެކު ދުނިޔޭގެ ދަތިތަކާ ކުރިމަތިލައި، އެ ކަންކަން ތަހައްމުލުކުރަން ދަސްކުރާށެވެ!

އަދި އެކަންކަމާމެދު ޝަކުވާގެ ބަހެއް އަނގައިން ނިކުތަ ނުދެއްޗެވެ.

ހައްގަކީ ތިޔަކުދީންގެ މަދަދުގާރު ކަމަށްދެކިގެން އިންސާފުގެ މަގުގައި ހިނގަމުންދާށެވެ.

ކޮންމެވެސް ދުވަހަކުން އިސްލާހީ ބަދަލެއް މި ދުނިޔެއަށް ތިޔަކުދީންނަށް ގެނެވޭނެއެވެ.

ކަލޭމެންނަށް ކަމުގައިވިޔަސް ނުވަތަ އެހެންބަޔަކަށް ކަމުގައިވިޔަސް، އިންސާފު ލިބިދިނުމުގައި އަބަދުވެސް އެންމެން ހަމަހަމަ ކުރައްޗެވެ.

އަދި މި ކަމުގައި އަބަދުވެސް ސަމާލުވެތިބެ ތިޔަ ކުދީންނަށް ނުއަތު ފިޔަވަޅެއް އެޅުނަ ނުދެއްޗެވެ.

އިންސާފުގެ މަގުން ހިނގުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ އެ މަގުގައި ހިނގަންވާނީ ވަރަށް ބަލައިގެންނެވެ.

އިންސާފުގެ މަގުގައި ހިނގައި އިންސާނިއްޔަތުގެ ބޮލުގައި އިއްޒަތުގެ ތާޖެއް އަޅުވައިދޭށެވެ.

ކަލޭމެން ކުދީންގެ ހަށިތަކާއި ފުރާނަތައްދީ ގުރުބާންވެ، ކަލޭމެން ކުދީންގެ ގައުމުގެ އިއްޒަތާއި އަބުރު ރައްކާކުރާށެވެ.

(ގައުމަށްޓަކައި) ކަލޭމެން ކުދީންގެ ހަށިތައް ގުރުބާންކޮށްލުމުން ކަލޭމެން ކުދީންނަށް އާ ޙަޔާތެއް ލިބޭނެއެވެ.

———————
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.