00079.8.8 ހ. ވީ ހޯމަ ދުވަހު ހަވީރު 5 ޖެހިއިރު ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް އިބްރާހީމިއްޔާގައި އޮތެވެ. ރިޔާސަތުގައި އިންނެވީ، މަޖްލިސްގެ ރައީސް ص.س ألفاضل أحمد زكى އެވެ. ގަޑިޖެހުމުން ފުރަތަމަ އޮތީ ޞަވަލާތް ކިޔެވުމެވެ. ދެން އެޖެންޑާގައި އޮތީ، މައްޗަންގޮޅީ މެމްބަރު އަލްފާޟިލް ކުޑަ ދަހަރާގޭ އިބްރާހީމް ދީދީ އަވަހާރަވުމުން އޭނާގެ ބަދަލުގައި، المحترم عبد اللّطيف حسين މަނިކު އެއަވަށުގެ ރައްޔިތުން އިންތިޚާބު ކޮށްފިކަން ރައީސް މަޖްލިސްއަށް އެންގެވުމެވެ. 3 ވަނަ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

79.8.8 ހ. ވީ ހޯމަ ދުވަހު ހަވީރު 5 ޖެހިއިރު ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް އިބްރާހީމިއްޔާގައި އޮތެވެ. ރިޔާސަތުގައި އިންނެވީ، މަޖްލިސްގެ ރައީސް ص.س ألفاضل أحمد زكى އެވެ.
ގަޑިޖެހުމުން ފުރަތަމަ އޮތީ ޞަވަލާތް ކިޔެވުމެވެ. ދެން އެޖެންޑާގައި އޮތީ، މައްޗަންގޮޅީ މެމްބަރު އަލްފާޟިލް ކުޑަ ދަހަރާގޭ އިބްރާހީމް ދީދީ އަވަހާރަވުމުން އޭނާގެ ބަދަލުގައި، المحترم عبد اللّطيف حسين މަނިކު އެއަވަށުގެ ރައްޔިތުން އިންތިޚާބު ކޮށްފިކަން ރައީސް މަޖްލިސްއަށް އެންގެވުމެވެ. 3 ވަނަ ނަމްބަރަކަށް އޮތީ المحترم عبد اللّطيف حسين މަނިކާއި މިހާތަނަށް ޤާނޫނީ އިޤްރާރު ނުކުރައްވާ ތިއްބެވި މެމްބަރުން އިޤްރާރު ކުރެއްވުމެވެ.
އެންމެ ފުރަތަމަ އިޤްރާރު ކުރެއްވީ ރަދުންގެ ممبر ص.س. ألفاصل أحمد حلمى ދީދީއެވެ. ދެން، ހއ. ممبر ألفاضل محمّد إبراهيم ديدى އެވެ. ތިންވަނައަށް އިޤްރާރު ކުރެއްވީ، އ. ممبر ألفاضل عبدالمجيد ماهر އެވެ. އޭގެ ފަހުގައި އިޤްރާރު ކުރެއްވީ، މައްޗަންގޮޅީ އައު ممبر ألمحترم عبداللطيف حسين މަނިކެވެ. އެޖެންޑާގެ ހަތަރުވަނައަށް އޮތީ ވޭތުވެދިޔަ ދައުރުގެ އެންމެފަހު ދެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމެވެ. ދެން ހުށަހެޅުނީ، މަޖްލިސްގެ زعيم ص.د.الفاضل إبراهيم ناصر زعيم ކަމުން އިސްތިޢުފާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެކެވެ. މި ސިޓީއާމެދު މަޖްލިސްގެ އިއްތިފާޤުން ފާސްވީ އިސްތިޢުފާ ޤަބޫލު ކުރުމަށެވެ. ދެން އޮތީ އައު ޒަޢީމަކު އިންތިކާބު ކުރުމެވެ. 21 ވޯޓުގެ އަޣުލަބިއްޔަތަކުން މަޖްލިސްގެ އައު ޒަޢީމަކަށް އިންތިޚާބުވީ، ގަލޮޅު ممبر ص.س النبيل حسن زريز އެވެ. އެޖެންޑާގައި ހަވަނައަށް އޮތީ ވަޒީރުލްއަޢުޒަމް، މަޖްލިސްއަށް އަންގަވަން ބޭނުންފުޅު ވާހަކައެއް އެންގެވުމެވެ. މިވާހަކަ އެންގެވީ ވަޒީރުލްއަޢުޒަމްގެ ބަދަލު ألفاضل إبراهيم رشيد އެވެ. ވަޒީރުލްއަޢުޒަމްގެ އެންގެވުމުގެ ނަކަލު އަޅުގަޑުމެން ތިރީގައި މިބަޔާން ކުރަނީއެވެ.

ވަޒީރުލްއަޢުޒަމްގެ އޮފީސް
     މާލެ،

ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެމްބަރުން.
ވެދުން ސަލާމަށްފަހު އިޙްތިރާމާއެކު ދަންނަވަމެވެ. އަޅުގަޑު މަޖްލިސްގެ މެމްބަރުންނަށް މިދަންނަވަނީ، ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެބޮޑު މައްސަލަ ކަމުގައިވާ އައްޑޫ މައްސަލައާ އިގިރޭސި ދަވްލަތާއި، ދިވެހި ދަވްލަތާ ދެމެދުގެ އެގްރިމެންޓްތަކުގެ މައްސަލަ ދިވެހި ރައްޔިތުންގެ ޢާއްމު ވޯޓުން وزير الأعظم ص.د.ألفاضل إبراهيم ناصر އަށް ދީފައިވާ އިޚްތިޔާރުގެ މަތިން އެމައްސަލަ ހަމަޖެއްވުމަށްޓަކައި އެމަނިކުފާނު ސިލޯނުގައި ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެވެ.

1960 މ ފެބްރުއަރީ 1 ވީ ހޯމަ ދުވަހު ކޮޅުބުގައި ރަމްޒު ޖެހުނު އެގްރިމެންޓްގެ ޝަރުޠުތަކެއްގެ މަތިން، ދިވެހި ސަރުކާރު އިގިރޭސި ދަވްލަތަށް ގަތުގައާއި އަދި އައްޑޫ އަތޮޅުގެ ތެރޭގެ ބައެއް ބޭނުން 30 އަހަރު ދުވަހު ކުޅައުމަށް ހަދިޔާ ކުރައްވައިފިއެވެ.
ދިވެހި ބޮޑުވަޒީރުގެ މި ދީލަތި ދެއްވުން އިގިރޭސި ސަރުކާރު ބަލައިގަތީ ނިހާޔަތަށް ޝުކުރުވެރި ވަމުންނެވެ. ދެ ދަވްލަތް ދޭތެރޭގެ އެހެން ހުރިހާ މައްސަލަތަކާމެދުވެސް ފުރިހަމަ އެއްބަސް ވުމަކަށް އާދެވިއްޖެއެވެ.
އައު އެގްރިމެންޓްއެއް ލިޔެވި އަދި އޭގައި ދެސަރުކާރު ދޭތެރޭގެ ގުޅުންތައް އާކޮށް ތަފްޞީލުކުރުމާއެކު ދިވެހިރާއްޖެ ދިފާޢުކުރުމަށް އިގިރޭސި ދައުލަތަށް، ވާޖިބުވާ ކަންތައްތައް އަލުން ޔަޤީން ކޮށްދެއެވެ. ދިވެހި ސަރުކާރުގެ އިޤްތިޞާދީ އަދި ތަހްޛީބީ ދަޑުތަކުގައި އެސަރުކާރުގެ އަމިއްލަ ބޭރުގެ ގުޅުންތައް ހިންގުމަށް އެގްރިމެންޓްއިން ތަންދެއެވެ. ދިވެހި ސަރުކާރުން އިގިރޭސި ސަރުކާރުގެ ވަކީލަކު މާލޭގައި ބެހެއްޓުމަކީ، ރުހިވަޑައި ގަންނަވާ ކަމެއްކަންވެސް އަންގަވައިފިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުން، ރާއްޖެތެރޭގެ މުވާޞަލާތު ކުރިއެރުވުން، ތަޢުލީމާއި ޞިއްޙަތު ފަދަ އެކިއެކި ރޭވޭ މަޝްރޫޢުތަކުގެ މައްޗަށް މަސައްކަތް ކުރެއްވުމަށްޓަކައި އިގިރޭސި ދަވްލަތުގެ ފަރާތުން 8،50،000 ފައުނު ދިވެހި ސަރުކާރަށް ދިނުމަށް ކަޑައަޅައިފިއެވެ. މީގެ ތެރެއިން 1،00،000 ފައުނު މިއެގްރިމެންޓްގާ ސޮއިކުރުމާއެކު ދިވެހި ދަވްލަތްއަށް ދޭނެއެވެ. ބާކީ 7،50،000 ފައުނު އެއީ ކުރީބައިގާ ބުނެވުނު ފަދަ އެކިއެކި ރޭއްވެވުންތަކުގެ މައްޗަށެވެ.
އިގިރޭސި ސަރުކާރުގެ ފަރާތުން އެސަރުކާރުގެ ޛަރީޢާއިން ދިވެހި ސަރުކާރުގެ އަމުރުވެރިކަން އައްޑޫ އަތޮޅަށް ހިންގައި ދެވޭތޯ ދެންނެވި ދެންނެވުން ދިވެހި ސަރުކާރު ޤަބޫލު ކުރައްވަފިއެވެ. އަދި، ދެސަރުކާރު އެއްބަސްވާ ގޮތުގައި މިއީ މަޑުމަޑންގޮސް ޞުލްޙަވެރި ކަމާއެކު ހަމަޖެހޭނެ މައްސަލާއެކެވެ.
ކޮމަންވެލްތް ރިލޭޝަންސް އޮފީހުގެ ދައުލަތުގެ ވަޒީރު މިސްޓަރ.ސީ.ޖޭ.އެމް.އޯލްޕޯރޓް މާލެއަށް ފެބްރުވަރީމަހު 14 ދުވަހު ދިވެހި ބޮޑުވަޒީރު މިސްޓަރ އިބްރާހީމް ނާޞިރުގެ ދައުވަތަކަށް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ވަޑައިގަންނަވާނެއެވެ.
14 ފެބްރުވަރީ 1960މ މި ދުވަހުގެ އިގިރޭސި ދައުލަތާއި ދެމެދު ރަސްމީ އެގްރިމެންޓް އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ހަމަޖެއްސޭނެއެވެ. މިހާތަނަށް ހަމަޖެހިފައިވާ ގޮތުން މި އެގްރިމެންޓްގައި، ދިވެހި ދައުލަތުގެ ފަރާތުން ސާއިކުރައްވާނީ ދިވެހި ދައުލަތުގެ وزير الأعظم ص.د.ألفاضل إبراهيم ناصر އެވެ. އިގިރޭސި ދައުލަތުގެ ފަރާތުން ސާއިކުރައްވާނީ ކޮމަންވެލްތް ރިލޭޝަންސް އޮފީހުގެ ދައުލަތުގެ ވަޒީރު މިސްޓަރ.ސީ.ޖޭ.އެމް.އޯލްޕޯރޓްއެވެ. އަދި އެގިފައިވާގޮތުން އެމަނިކުފާނު މާލެވަޑައިގަންވާނީ ފެބްރުއަރީން 14 ވަނަ ދުވަހު މާލެ އަންނަ އިގިރޭސީންގެ މަނަވަރެއްގައެވެ.
ވަޒީރުލްއަޢުޒަމްގެ އެދިވަޑައިގަތުމުގެ މަތިން ހުށަހެޅި މި ބަޔާން ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް ސާފުވެ ވަޑައިގެންފާނޭ ކަމަށް އަޅުގަޑު ޔަޤީންކުރަމެވެ.”
10 شعبان 1379ه
08 ފެބްރުވަރީ 1960م

خادمكم    
ސޮއި: إبراهيم رشيد ”

ދެންއޮތީ ވަޒީރުލްއަޢުޒަމް ޤަވާޢިދުން ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. މި މައްސަލަ ޤަވާޢިދުން ހުށަހެޅީ އިދާރާގެ ފަރާތުންނެވެ. މައްސަލައިގެ ޢިބާރާތް ތިރީގައި މިބަޔާން ކުރަނީއެވެ.
”ސަރުކާރުގެ ވިޔާފާރިއާ ގުޅޭ ތަންތަން ނޫން އެހެން ތަންތަނުން ދަވްލަތުގެ ކަންކަމަށް ޚަރަދު ކުރުމަށް ކަރައިން ގެންނަ ތަކެތިން މަޢުމޫލު މަޢާފުކުރުން. މިހެނީ، އެފަދަ ތަކެތިން މަޢުމޫލު ނެގުމުން ދަވްލަތުގެ ބަޖެޓްގެ ޚަރަދުގެ ބައާއި ލިބޭ ތަކެތީގެ ބައި އިތުރުކޮށް ދެއްކުން ފިޔަވާ އެހެންކަމެއް އޮތްކަމަކަށް ނުފެނެއެވެ.”
މި މަސްއަލަ ހުށަހެޅުމުން ށ. ممبر ألفاضل إبراهيم رشيد އިޞްލާޙެއް ގެންނެވިއެވެ. އެ އިޞްލާޙު ތިރީގައި މި ބަޔާންކުރަނީއެވެ.
”އަދި ބޭރުން މާލެއަށް އަންނަ ވަކީލުން ކުރެއް، ދައުލަތަށް ފެނުނު ބައެއްގެ އަމިއްލަ ބޭނުމަށް ގެންނަ ތަކެތީން މަޢުމޫލު މަޢާފުކުރުން”
މި އިޞްލާޙާއެކު މި މައްސަލަ ފާސްވީ މަޖްލިސްގެ އިއްތިފާޤުންނެވެ. އެޖެންޑާގެ 8 ވަނަ ނަންބަރަކީ މަޖްލިސްގެ 3 ވަނަ ދައުރު އަންނަ ޛުލްޤަޢިދާމަހުގެ ފަހު ދިހައަށް ލަސްކޮށްލުމެވެ. މިގޮތަށް ފާސްވީ މަޖްލިސްގެ އިއްތިފާޤުންނެވެ.
މަޖްލިސްގެ އެޖެންޑާ މިނިމުނީއެވެ. އެހެންކަމުން މަޖްލިސްގެ ރައީސް އެންގެވީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅު މެމްބަރަކު ހުށަހެޅުއްވުމެވެ. މިހެންވެ، ވަޒީރުލްއަޢުޒަމްގެ ފަރާތްޕުޅުން الفاضل إبراهيم رشيد ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. މައްސަލައަކީ ދަވްލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން މަޙްކަމަތުލް އަޝްޣާލާއި، މަޙްކަމަތުލް އިރުޝާދު އުވާލެއްވުމަށް ވަޒީރުލްޢައުޒަމްއަށް ފެނިވަޑައިގެން ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލަ ފާސްވީ މަޖްލިސްގެ އިއްތިފާޤުންނެވެ. ދެން އެހެންކަމެއް ނެތުމުން ޖަލްސާ ނިމުނީއެވެ. ނިމުނީ 6.05 ގައެވެ. ޙާޟިރުވެ ވަޑައިގަތީ 30 މެމްބަރުންނެވެ.
__________________________________________________
14 ފެބުރުވަރީ 1960 (އާދީއްތަ) ދުވަހުގެ ”މިދުވަސްވަރު” ނޫހުން ނަކަލު ކޮށްފައި.

About the author
Leave Comment