ޢަބްދުﷲ ޞާދިޤު
ބައެއް މީހުންގެ ނަޒަރުގައި ކަސްރަތަކީ އެހައި މުހިއްމު ކަމެއް ނޫނެވެ. އެއީ ވަގުތު ނަގާލުމެކެވެ. ބައެއް ފަހަރު ޑަކްޓަރުން އެވެނި މިވެނި ކަސްރަތު ހެނދުނު ނުވަތަ ހަވީރު ކުރަން ބުނީމާވެސް ބަލިމީހާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ކަންހުރީ މިހެންނެވެ. ދެން މިވާހަކަކޮޅު ކިޔާލާށެވެ. އަދި މިކަމާމެދު ޚިޔާލުކޮށް، ފިކުރުކޮށްލާށެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތުގެ ވަރަށް ގިނަ އަދަދެއްގެ ބަލިމީހުން މެދުވެރިކޮށް ދިރާސާއެއް ކުރެވުނެވެ. އެ ދިރާސާގެ ނަތީޖާއިން އޮޅުން ފިލީ ކަސްރަތުގެ މުހިއްމުކަމެވެ. ކަސްރަތަކީ، ހިތުގެ ބަލިމީހުންނާއި ވާގިނެތޭ ބަލީގެ ބަލިމީހުންނާއި މިފަދަ އެތައް ބަލިމީހުންނަކަށް ދެވޭ ބޭހާ ފަރުވާއާ އެއްވަރަށް ފައިދާކުރާ ކަމެއް ކަމުގައެވެ.

ޑަކްޓަރީ ސައެންސްވެރިން މި ދިރާސާ ކުރަމުން ދިޔައިރު މި ބަޔާންކުރި ބާވަތުގެ ތިން ލައްކަ ބަލިމީހުން ދިރާސާގައި ހިމެނިއެވެ. މީގައި އެމީހުން ކާ ބޭހާއި އެމީހުން ލައްވައި ކުރުވޭ ކަސްރަތާ އަޅައި ބެލުނެވެ. ނަތީޖާއެއްގެ ގޮތުން ތިލަވެގެން އައި ހަޤީގަތަކީ ހިތުގެ ބަލިމީހުންނަށް ކަސްރަތު އެކަމުގެ ބޭހާއި އެއްވަރަށް ފައިދާކުރާކަމެވެ. އަދި ވާގިނެތޭ ބަލީގެ ބަލިމީހުންނަށް އެކަމުގެ ބޭހަށްވުރެވެސް ކަސްރަތުގެ ފައިދާ ބޮޑުކަމެވެ.

ދިރާސާކުރި މީހުން ބުނަނީ، މިނަތީޖާއަށް ބުރަވާއިރު ބޭސް ސިޓީގައި ކަސްރަތު ހިމަނާފައި އޮންނަން ވާނެކަމުގައެވެ. ކަސްރަތު އެހައިވެސް މުހިއްމު ކަމުގައެވެ. އަދި ކީއްހެއްޔެވެ؟ އެތަނުން ހަމައެކަނި ބޭސް ހިމަނާފައި ބޭއްވުން ބުއްދިވެރި ނޫންކަމުގައިވެސްމެއެވެ.

ސައެންސުގެ ފަސޭހަތަކުގެ މިއޮއް ދުވަސްވަރު ބޮޑެތިމީހުން ކަސްރަތުކޮށް އުޅެނީ ވަރަށް މަދުންނެވެ. އެއީ ހެލިފެލިވެ އުޅުމާއި ހަރަކާތްތެރިވެ އުޅުމުގެ ބަދަލުގައި ނުހަނު ފަސޭހަކަމާއެކު ކަންކަން ކޮށްލެވެން ހުންނާތީއެވެ. ނަތީޖާއެއްގެ ގޮތުން ދެން ޖެހޭ ބަލިބައްޔަށާއި އެކި ކަންކަމަށް ޒާތްޒާތުގެ ބޭސް ކެއުން ޖެހެނީ ގިނަކުރާށެވެ.

މި ދިރާސާގައި ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް، ހާރވާރޑް މެޑިކަލް ސްކޫލް އަދި ސްޓޭންފާރޑް ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އާއި ގުޅުން ހުރި މުހައްގިގުން ނުވަތަ ރިސާރޗަރުން ބައިވެރިވިއެވެ.

ދިރާސާކުރަމުން ދިޔައިރު ފަރުވާއާއި ކަސްރަތާ ބޭނުންކުރާ ބޭހާ ބެހޭ ގޮތުން ވަރަށް ގިނަ ހަޤީގަތްތަކެއް ހާމަވިއެވެ.

ހިތުގެ ބަލިމީހުނަށް ބޭސް ނުހަނު މުހިއްމެވެ. އެމީހުން ކާން ކަނޑައެޅިފައިވާ ބޭސް ހަމަ ގަވާއިދުން ކަމުން ގެންދަން ޖެހޭނެއެވެ. “ހިތުގެ ބަލި ޖެހިފައިވާ މީހުން ނުވަތަ ހިތުގެ ބަލި ޖެހިދާނެކަމުގެ ބިރުހީވާ މީހުން މިކަމުގެ ފަރުވާގައި ކަސްރަތު އެއީ ކިހައި ބޭނުންތެރި ކަމެއްތޯ ޑަކްޓަރު ކުރެން އަހާ އޮޅުން ފިލުވާށެވެ.”                     
                      އެމީ ޓޮމްސަން – ބްރިޓިޝް ހާރޓް ފައުންޑޭޝަން

ރިސާޗަރުން މި މަސައްކަތުގައި މިފދަ ތިން ސަތޭކަ ފަސް ތަޖުރިބާ ކުރިއެވެ. މި ތަޖުރިބާގައި ހިތުގެ ބަލިމީހުންނާއި ވާގިނެތޭ ބަލީގެ ބަލިމީހުންނާއި ހަކުރުބަލީގެ މީހުން ހިމަނާފައިވެއެވެ. އެމީހުންގެ މި ހުރިހާ މައުލޫމާތުގެ މައްޗަށް އިޖުމާލީ ގޮތެއްގައި ބަލާލާއިރު ބެލެވެނީ މިފަދަ ބަލިމީހުން އެކަމުން ސަލާމަތް ކުރުމުގައި ކަސްރަތާއި ބޭހާ ދާދި އެއް ހަމައެއްގައި އެހީތެރިވެދޭކަމަށެވެ.

ބްރިޓިޝް ހާރޓް ފައުންޑޭޝަންގެ ސީނިއާރ ނަރުސް އެމީ ޓޮމްސަން ބުނެއެވެ. ތެދެކެވެ. ކަސްރަތުން ސިއްހަތަށް ނުހަނު ބޮޑު ފައިދާ ކޮށްދެއެވެ. އެހެންކަމުގައި ވިޔަސް ބޭނުންކުރަން ޖެހޭ ބޭހާއި އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް ކަސްރަތުން ފައިދާކުރާ ކަމުގައި ސީދާ ބުނަން ކެރޭވަރުގެ ހެއްކެއް އަދި މުޅިން ސާބިތުވެފައި ނެތް ކަމުގައި ބުނާން ޖެހެއެވެ.

ސްޓްރޯކް އެސޯސިއޭޝަނުގެ ޑަކްޓަރު، ޕީޓަރ ކޮލްމޭން ބަޔާންކުރާ ގޮތުގައި ބޭނުންކުރާ ބޭހާއެކުއެކީގައި ކަސްރަތު ކުރުމަކީވެސް އިންތިހާއަށް މުހިއްމު ކަމެކެވެ. މިކަމާ ބެހޭގޮތުން އިތުރު ހޯދުންތައް ހޯދާންވެސް ވަނީ ޖެހިފައެވެ. އޭނާ ބުނާ ގޮތުގައި ބަރާބަރަށް ކަސްރަތު ކުރުމާއި މިން ހެޔޮ ކާނާ ކެއުމާއި ސިނގިރޭޓް ބުއިން ފަދަ ވިޔާނުދާ އާދަތަކުން ދުރުހެލިވުމާއި މިފަދަ ކަންކަމަކީ ހައްތާވެސް އިސްވެ ބަޔާންކުރެވުނުފަދަ ބަލިތަކުގެ ބިރުވެރިކަން ކުޑަކުރެވިދާނެ ކަންކަމެވެ.

މިހުރިހައި ކަމަކަށް ވިސްނާއިރު ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމަކީ މިފަދަ ބަލިތަކުން ސަލާމަތްވުމާއި ރައްކާތެރިވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި މެނުވީ ނުވާނެކަން އެބަ އޮޅުން ފިލުވައިދެއެވެ.

———————————-
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.