މަޑަވެލީ ޢަލީ ނަސީރު
(ސަމާލުކަމަށްޓަކައި: މިސުރުޚީގެ ދަށުން، ލިޔެފައިވާ ދެބަޔާނާއި، މިހާރު މިލިޔާ ތިންވަނަ ބަޔާނާއި، މީގެފަހަތަށް ލިޔާ ބަޔާންތައް ލިޔުމުގައި "ދިވެހިރާއްޖޭގެ ރަހުނާއި، ރަނިން" މިފޮތާއި، ދިވެހި ތާރީޚުގެ ފަތްފުށްތައް ބަލާފައި ވާނެ އެވެ. މިނޫން އެހެން ފޮތެއް ބެލިނަމަ، އެކަން ވެސް ބަޔާންކުރާހުށީ މެވެ.)
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ގައުމިއްޔަތު ބިނާކުރުން: ތީމުގޭ ދަރިކޮޅުގެ 17 ބޭފުޅުން ރާއްޖޭގައި ރަސްރަނިކަން ކުރެއްވި އެވެ. ފޯކުލޯރުތަކުން އެނގޭ ގޮތުގައި މިއީ އަވައްޓެރި ސިލޯނާއި ގުޅިފައިވާ (ތީމުގޭ ކޮއިމަލާ ކަލޯ އަށް ނިސްބަތްވާ) ދަރިކޮޅެކެވެ. މިދަރިކޮޅުން ރަސްކަން ކުރެއްވި މަހާބަރަނަ ރަދުންނާއި، މުޙައްމަދު ބިން ޢަބްދުﷲ ގެ ޚިދުމަތުގެ ވާހަކަ ކުރީގެ ދެ ބަޔާނުގައި ލިޔެފީމެވެ. ތާރީޚުގެ އަހުލުވެރީން ލަފާކުރައްވަނީ، މިދަރިކޮޅުން ތިންވަނަ އަށް ރަސްކަން ކުރެއްވި އައްސުލްޠާން މުތެއި ކަލަމިންޖާ އާއި، ހަތަރުވަނައަށް ރަސްކަންކުރެއްވި އައްސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ) ވެސް ރާއްޖޭގެ ރަށްތައްކުގެ އަހުލުވެރީންނަށް އިސްލާމް ދީން އުނގަންނަވައި ދެއްވުމުގެ ބުރަ މަސައްކަތް ކުރައްވި ކަމަށެވެ. ގަމު ލޯމާފާނު (95/1194މ) އިސްދޫ ލޯމާފާނު (96/1195މ) ދަނބިނދޫ ލޯމާފާނު (97/1196މ) ލިޔެފައި ވަނީ، ފަސްވަނައަށް ރަސްކަންކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާގެ ރަސްކަމުގަ އެވެ. މިރަދުންނަކީ، ދިވެހި ރާއްޖޭގައި އިސްލާދީން ޤާއިމުކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބަޠަލެކެވެ. އެގޮތުން ރާއްޖޭގައިހުރި ބުދުދީނުގެ ބައެއް ފައްޅިތައް ނަންތަވާލައްވައި، އެތަންތަނުގެ ތަރަހަތަކުގެ މަތީގައި މިސްކިތްތައް، މިރަދުން ބިނާކުރެއްވިކަން މިދެންނެވި ލޯމާފާނު ތަކުން އެނގެ އެވެ. އަދި އެމިސްކިތްތަކަށް ތަންތަން ވަޤްފުކޮށް ދެއްވައި، ދައުލަތުގެ ވަޒީރު ބޭފުޅުން އެކަމަށް ހެކިކުރެއްވިކަން ވެސް އެ ލޯމާފާނު ތަކުން އެނގެ އެވެ. އިސްލާމް ދީނާއި، ދުނިޔޭގެ ހަމަތަކުން ބަލާއިރު، މިއީ ނުހަނު ޢަދުލުވެރި ބޭފުޅުން ކަމަށް ފެންނާތީވެ، އެބޭބޭފުޅުންގެ ނަންފުޅުތަކާއި، މަޤާމުތައް ތިރީގައި ލިޔެފައި އެވަނީ އެވެ.

•    ހެނެވިރަސް (ކޮމާންޑަރ އިން ޗީފް) މި ވަޒީރަކީ، ފެހެންދޫގެ ޕެސިޕުރަ ޢާއިލާގެ ބުދިސިރު،
•    ފާމުލަދޭރި (ގަނޑުވަރުގެ ޚަޒާނާ ބަލަހައްޓަވާ ވަޒީރު) މިވަޒީރަކީ، ކެންދޫ އުތުރު ޢާއިލާގެ އައިސިރު،
•    މާޕަސަގި ގަނޑުވަރުގެ ރެކޯރޑްތައް ބަލަހައްޓަވާ ވަޒީރު) (މިވަޒީރަކީ، ކެލާ މޮވަނު ޢާއިލާގެ ބަބިރުސުރު،
•    މަލަނާއިކަ (ކަނޑުމަތީ އުޅަނދުތަކާއި ޙަވާލުވެ ހުންނަވާ ވަޒީރު) މިވަޒީރަކީ، މާލެ ޢާއިލާގެ ސަތިސުރުޕާތިކަ،
•    އަނިއަންގަ (ރަދުންގެ ބަސްފުޅު އަންގަވާ ވަޒީރު) މިވަޒީރަކީ، ފެހެންދޫ ބަބިރުސުރު
•    ވަތުނަ ބަނޑޭރި (ގަހަނާތައް ބަލަހައްޓަވާ ވަޒީރު) މިވަޒީރަކީ، ވައޮތި ޢާއިލާގެ އިރުނުކިތިސުރު،
•    ޑަންޑަނާއިކަ (އިންޞާފު ހިންގަވާ ވަޒީރު) މިވަޒީރަކީ، އިސްދޫ ވެލާލު ޢާއިލާގެ މަލުސިރު،
•    މޭނާއިކަ (؟) މިވަޒީރަކީ، ވަތުރު ޢާއިލާގެ ޝަދިސިރު،
•    މާރާދައިން (؟) މިވަޒީރަކީ، މުލަކު ޢާއިލާގެ ސަދިސުރު،
•    ކޮށަރި ބަނޑޭރި (؟) މިވަޒީރަކީ، ސަގުރަސް ޢާއިލާގެ ދެއިސުރު،
•    އުތުޕަޑިޔާރި (އިސް ފަނޑިޔާރު/ވަޒީރު) މިވަޒީރަކީ، ސަގުރަސު ޢާއިލާގެ ރަކިސިރު،
•    ޕަޑިޔާރި (ފަނޑިޔާރު) މިވަޒީރަކީ، ސިވަދިވުކަލު ޢާއިލާގެ ސަތިސިރު،

އާދެ!ލިޔެވިދިޔަ މަޤާމުތަކަށް ބަލާއިރު އޭރު ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމަކީ، މިޒަމާނުގައި މިކިޔާ ދިމިޤްރާޠީ ނިޒާމާއި ގާތްކުރާ ނިޒާމެކެވެ. ހަމައެކަނި ތަފާތަކީ، ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ، ރައީސަކަށް ނުވާ ކަމެވެ. ނަމަވެސް ރަސްކަމުގެ އޮނިގަނޑުގެ ތެރޭގައި، ރައްޔިތުންގެ ދަވްރެއް އޮންނަކަން، ދިވެހިތާރީޚުން އެނގެ އެވެ.  ހަމަ އެފަދައިން އެކިއެކި ނަންނަމުގައި ދައުލަތުގެ ކަންކަން ހިންގަވަން (މިހާރެކޭ އެއްގޮތަށް) އޭރު ވެސް ވެރީން ތިއްބަވަ އެވެ. މިހާރު މިތިއްވަނީ، މިނިސްޓަރުންނާއި، ޑިޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އަދި މިނޫން ވެސް އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނެވެ. އަދި ރައީސަކާއި، ނާއިބެކެވެ. އޭރު ތިއްބަވަނީ، ހަވަރު ބޮޑުބޭކަލުންނައި، ފުރަދާނައިންނާއި އަދި މިނޫނަސް މިފަދަ ބޭބޭ ކަލުންނެވެ. އެއީ ވަރަށްދިގު ލިސްޓެއްކަމށް ވުމާއި، އަދި މިމައުޟޫޢާ ގުޅޭ ވާހަކަތަކެއް ނޫންކަމަށްވާތީ، އެބައި އެބައި ނުލިޔެ ދޫކޮށްލީ އެވެ.

އާދެ! މިރާއްޖޭގައި ތީމުގޭ ދަރިކޮޅުގެ ރަސްކަން ފެށުނު އިރު، އޭރު އަދި ދުނިޔޭގެ ޤަވްމުތަކަށް ވެސް (މިހާރު މިއޮތް ސިފައިގައި) ޖުމްހޫރީ ނިޒާމު ތަޢާރަފު ނުވެ އެވެ. މިސިފައިގައި ދުނިޔޭގެ ޤަމަކަށް ޖުމްހޫރީ ނިޒާމު އެންމެ ފުރަތަ ތަޢާރަފުކުރީ 1792 ވަނަ އަހަރާއި 1804 އަހަރާއި ދެމެދު ފުރާންސުގަ އެވެ. ނަމަވެސް މީލާދީން ހަތްވަނަ ޤަރުނުގައި އާދެ! އިސްލާމީ ޚިލާފަތުގައި އިސްލާމީ އުންމަތަށް ޖުމްހޫރީ ނިޒާމު ވަނީ، ތަޢާރަފުކުރައްވާފަ އެވެ. އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ ޢުމުރުގެފާނު އަވަހާރަވުމުގެ ކުރިން، އެކިއެކި ބޭބޭކަލުންގެ އަރިހަށް މާތް ޞަޙާބީއެއްކަމަށް އަބޫޢުބައިދާ ފޮނުވައިގެން ވޯޓު ނަންގަވައި “އިސްލާމީ އުންމަތުގެ ވެރިކަން” ޢުޘްމާނުގެފާނާއި ޙަވާލުކުރެއްވެވި އެވެ. ޖުމްހޫރީ ނިޒާމަކީ، އެއީ އެވެ.

އިތުރު ދޭހައެއް: ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުމާއި ގުޅިގެން ނެރުނު ފޮތުގައި ލިޔުއްވާފައި އޮތީ، ހަވަރު ހެއްދެވީ ބޮޑުތަކުރުފާނު ކަމަށް ލަފާކޮށްފަ އެވެ. ކޮންމެއަކަސް ހަވަރުގެތެރެއިން އެއްވަރަކީ “ފާމުލަދޭރިވަރު” އެވެ. މީގެ މާކުރީ ޒަމާނުގައި ވެސް ފާމުލަދޭރިވަރު ފެންނަން އޮތުމާއެކު މިއީ ވިސްނާލަންޖެހޭ ނުކުތާއެއް ކަމަށް ފެންނާތީވެ، އެވާހަކަ ލިޔުނީ އެވެ.

ތީމުގޭ ދަރިކޮޅުން ރަސްކަންކުރެއްވި އެހެން ބޭބޭފުޅުންގެ ޚިދުމަތްތަކާއިބެހޭ ގޮތުން އެހާގިނަ މަޢުލޫމާތުތަކެއް އެނގޭކަށް ނެތެވެ. ހަމައެފަދައިން ހަމަނުޖެހުންތަކެއް ހިނގާފައިވާކަން އެނގޭކަށެއް ނެތެވެ. އަދިހަމަ އެހެންމެ، ބޭރުދުނިޔެއާއި، ދިވެހިރާއްޖެއާއި ދެމެދު ކަންކަން ހިނގާގައި އޮތް ގޮތެއް ވެސް އެނގޭކަށެއް ނެތެވެ. އެޒަމާނަކީ، ލިޔެކިޔުންތައް ކުރިއަރާފައިވާ އަދި އެކަމަށް އަހުލުވެރި ޒަމާނެއްވެސް ނޫނެވެ. ވުމާއެކު، ގިނަގުނަ ހަނގުރާމަތަކެއް ހިނގައިފައި ވީނަމަވެސް، ލިޔެކިއުންތަކުން އެކަންކަން އެނގެންނެތުން އެއީ އެންމެ ބޮޑަށް ލަފާކުރެވޭ ގޮތެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ބޭރުގެ ބާރުތަކުން ރާއްޖެއަށް އަތްގަދަކުރަން މަސައްކަތް ނުކުރާ އަދި ދިވެހީންގެ ބަޔަކު، މިފަދަ ކަންކަމަށް، ބޭރު މީހުންގެ ފަރާތުން ނޭދޭ ދުވަސްވަރެއް ރާއްޖޭގެ ތާރީޚު ދެކެފައި ނެތްކަމެވެ. އޭރުވެސް އަދި މިހާރުވެސް މެއެވެ. ކަށަވަރުކަމާއެކު ޤަބޫލުކުރަން ޖެހޭ އެއްކަމެއް އެބަ އޮތެވެ. އެކަމަކީ، މިރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް އިސްލާމް ދީން ފަތުރުއްވަވަން މަސައްކަތްޕުޅު ކުރެއްވީ، ދަރުމަވަންތަ ރަދުންނާއި އެރަދުންގެ ފަހަށް އެދަރިކޮޅުން ރަސްކަންކުރެއްވި ބޭބޭފުޅުން އިސްވެ ތިއްބަވައިގެން ކަމެކެވެ. (ދިވެހިތާރީޚުން އެނގޭ ގޮތުގައި ތީމުގޭ ދަރިކޮޅު ބޭފުޅުންނަކީ، އަވައްޓެރި ސިރިލަންކާއިން މިރާއްޖެއަށް ހިޖްރަކުރި ބައެކެވެ.)

ރާއްޖޭގައި އިސްލާމްދީން ދެމިއޮތުމަކީ، އެނޫން ދީންތަކުގެ މީހުންގެ ހިތްތަކަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ. ރާއްޖޭގެ ވަށައިގެން މިއޮތް މީސްގިނަ އަދި ބޮޑެތި ޤަވްމުތަކުގައި ތަފާތު އެތައް ދީންތަކެއް އޮތް އިރު، މިފަދަ ޟައީފު، އެހާމެ މީސްކޮޅު މަދު، ޤަވްމަށް އެގޮތުގައި އާދެ! އިސްލާމް ދީނުގައި އެއޮވެވެނީ ކީއްވެގެންތޯ، އެކަން ބަދަލުކރުމަށްޓަކައި، ކުރަންޖެހެނީ، ކިހާވަރެއްގެ ޚަރަދެއްތޯ، އެހެން ދީންތަކުގެ މީހުން ސުވާލު އުފައްދަ އެވެ. އަދި މީގެ އިތުރަށް އެކަމަށް ހެއްލި، މާއްދިއްޔަތަށް އަޅުކަންކުރާ ދިވެހީންނަށް، ދީލަތިކަމާއެކު، އެފަރާތްތަކުން ތާއަބަދު އެހީތެރިކަން ފޯރުކޮށްދެ އެވެ. މިހާރު މިކިޔާ މާއްދީ މިނިވަން ކަމާއި، ފިކުރީ މިނިވަން ކަމަކީ ވެސް އެޒާތުގެ އެހެންކަހަލަ އުކުޅު ތަކެކެވެ. ކުށްކުރާ ފަރާތްތަކަށް އޮތުމަށް އެދޭ ލުއިފަސޭހަ ތަކާއި، ޙިމާޔަތާއި، ޢިނާޔަތްތަކާއި ބައެއްކަހަލަ ކޮމިޝަންތަކާއި، ޖަމްޢިއްޔާ ތަކަކީ ވެސް ވައްޓަފާޅި ބަދަލުކޮށްފައިވާ، އެހެން ނަމަވެސް އެކަމަށް އަމާޒުހިފާފައިވާ ކަންކަމާއި، ތަންތަނެވެ.
ގައުމިއްޔަތު ފަނާކުރުން: ޤާނޫނު އަސާސީ އެއް (1932 ވަނަ އަހަރު) ހެދުމުގެ ކުރިން ރާއްޖޭގައި އޮތީ، ރަސްރަނީންގެ ދޫފުޅުތަކުން ވިދާޅުވާ (ހަމައެކަނި އެބޭބޭފުޅުންނަށް ފައިދާ ލިބިވަޑައިގަންނަވާ) ނިޒާމެކޭ، ޖުމްހޫރީ ނިޒާމެއް (1953 ވަނަ އަހަރު) ޤާއިމުވުމުގެ ކުރިން އޮތީ، އަނިޔާވެރި ރަސްކަމެކޭ، މިހާރު މިތިއްބެވި ދަންނަބޭކަލުން ވަޑައިގަތުމުގެ ކުރިން ތިއްބެވި ބޭބޭފުޅުންނަކީ، އެހާމޮޅު ބޭފުޅުންނެއްނޫނޭ ބުނެ، ހަސަދަވެރިވެ، މިރާއްޖެއަށް އެބޭބޭފުޅުން ތަޢާރަފު ކުރެއްވި ރަނގަނޅު ގޮތްތައް ދޫކޮށްލުމަކީ، ގައުމިއްޔަތު ފަނާކުރުން ނޫންތޯ؟މިރާއްޖެއަކީ، އިސްވެދިޔަ ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ވާޞިލުކޮށްދީފައިވާ ޤަވްމެކެވެ. ޙަޤީޤަތަކީ، މިއީ ނޫންތޯ އެވެ؟

(ނިމުނީ)

About the author