ޑރ. މުޙައްމަދު ރަޝީދު
އަހަރެންގެ މިތުރު، ރޯދަ ތަހުނިޔާ ކިޔެވެ. މިދިޔަ ތިރީހަކަށް އަހަރުވެސް އޭނާ ކަންކުރި ބީދައިންނެވެ. އެންމެ އަހަރެއްވެސް ވައްޓައިނުލައެވެ. އެކަމަކު މިފަހަރު ބުންޏެވެ. ރޯދަ މަހާއި ގުޅިގެން ލިޔުމެއް ލިޔެލައި ދީބަލާށެވެ. ޞިއްޙަތާ ގުޅޭ ލިޔުމެއް ނިކަން ލިޔެލަ ބަލާށެވެ.  ބުނީމެވެ. ލިޔާންވީ ކޮން ކަމެއްގެ ވާހަކަހެއްޔެވެ؟ ކޮން މައުޟޫޢަކަށް ހެއްޔެވެ؟ ބުންޏެވެ. ކޮންމެ ވާހަކައެއް ވިޔަސް ވަރިހަމައެވެ. ކޮންމެ މައުޟޫޢެއްވިޔަސް ހެވެވެ. ބުނީމެވެ. އެހެންވީއިރު ބަނޑުފުރައި ކެއުމުގެ ވާހަކަ ދައްކަން އަންނާށެވެ. އަޑުއަހާށެވެ!
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
*****************
ކާތަކެތީގެ ހަޖަމުގެ ބައި ފެށެނީ އަނގައިގެ ތެރެއަށް ލައި ހަފައިގަންނަން ފަށާހިސާބުންނެވެ. ކުޅުގައި ހިމެނޭ އެންޒައިމްތައް ކާނާޔާ އެކުވުމުންނެވެ. ކުނޑިވެ، އޮލަވެފައިވާ ކާތަކެތި  ގުޅަގުޅަޔަށް، ބޯޅަ ބޯޅަޔަށް އަރު ތެރެއިންލާފައި، ތިރިޔަށް ދެއެވެ. “އިސޯފެގަސް” oesophagus ނަމަކަށް ކިޔޭ ހޮޅިތެރެއިން ލައިގެން ދަތުރުކޮށްފައި މައިދާއަށް ވާސިލު ވެއެވެ. މި ހޮޅިއަކީ، ވިއްސަކަށް، ފަންސަވީހަކަށް ސެންޓިމީޓަރު ދިގު ހޮޅިއެކެވެ. ގޮސް ގުޅެނީ މައިދާއާއެވެ. މައިދާ stomach އަކީ، ކުޑަ ކޮތަޅެކެވެ. ކީސާއެއް ނުވަތަ މަޑިސީލައެއް ކަހަލަ އެއްޗެކެވެ. ކާތަކެތި ހަޖަމު ކުރުމުގެ މައިގަނޑު މަސައްކަތް ހިނގަނީ މައިދާތެރޭގައެވެ. މިކަމަށް، ލައްކަ ޒާތްޒާތުގެ ލޮންޖާއި، ދިޔައާއި، އެސިޑް ބޭނުންވެއެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެސިޑަކީ، ހައިޑްރޯ ކްލޮރިކް އެސިޑް އެވެ. ވަޅު ފެހި ފިލުވަން ވަޅަށް އަޅާ ކްލޮރީން ކަހަލަ ބާރުގަދަ އެސިޑެކެވެ. ޖެހުނުތަނެއް ހަލާކުކޮށް ފާރުކޮށްލާ ޒާތުގެ ބާރުގަދަ އެސިޑެކެވެ. އެހެންކަމުން، މައިދާގެ އެތެރެބިތް ވަނީ އެތައް ފަށަލަޔަކުން ބަތާނަލެވި، ވަރުގަދަ ކުރެވިފައެވެ. އުސޫލެއްގެ ގޮތުން މި އެސިޑް އަބަދުމެ ހުންނަންޖެހޭނީ، މައިދާތެރޭގައެވެ. މި ބާރުގަދަ އެސިޑަށް މައިދާއިން ބޭރުވާން ޖާގައެއް ލިބިގެންނުވާނެއެވެ.
އެއްކަލަ، އިސޮފެގަސް ގޮސް މައިދާއާ ގުޅޭ ހިސާބުގައި މަތައެއް sphincter ލެވިގެންވެއެވެ. މިބައި އެންމެ ވައްތަރުވާނީ، ފުޅާ ބަންނަ ރަބަރަކާއެވެ. މި ރަބަރު ބޭންޑުގެ ސަބަބުން އިސޯފެގަސްގެ ނިމޭހިސާބު، ނުވަތަ މައިދާއަށް ފެށޭ ހިސާބު ހުންނާނީ ލެއްޕި ބަންދު ކުރެވިފައެވެ. ބޭނުމަކީ، މައިދާތެރޭގައި ހުންނަ، އެސިޑް ބޭރުވިޔަނުދީ ހިފެހެއްޓުމެވެ. ދިރުވައިލާ ސުވާ، މަޑުމަޑުން ތިރިޔަށް ގޮސް މައިދާގެ ތުނބާ ހަމަވުމުން އެއްކަލަ ރަބަރު ފަށަށް ދޫޖެހި، މައިދާގެ ތުން ހުޅުވިދެއެވެ. އެތެރެވުމުން ވާންވެ ލެއްޕިދެއެވެ. ބާރުގަދަ އެސިޑާ އެކުވެ މެކިގެން، އެ ސުވަޔަށް ވާގޮތެއް ދެންވާނީ މައިދާތެރޭގައި އޮވެގެންނެވެ. މައިދާ އޮންނަން ޖެހޭނީ ލެއްޕިފައެވެ. ކީސާއެއް ނުވަތަ މަޑިސީލައެއްވެސް ލެއްޕިފައި އޮންނާނޭ ބީދައިންނެވެ.
ކަން މިހެން އޮތަކަސް، ބައެއްފަހަރު މައިދާގެ ތުން މޮހި، ދޫވެ، އެތެރޭގައި ހުންނަ ތަކެތި މައްޗަށް އަރައި ބޭރުވާ ތަން ވެސް އާދެއެވެ. އެތަކެތި މައްޗަށް އަރައިގެން ދެންދާނީ އައި ކޮޅަށެވެ. އިސޮފެގަސް ތެރެއަށެވެ. ކުރިން ބުނިފަދައިން، އެހައިރުން އެތަކެތީގައި ހުންނާނީ ބާރުގަދަ އެސިޑު އުނގުޅި މެކިފައެވެ. އިސޮފެގަސް ތެރެ ތައްޔާރު ކުރެވިފައި ހުންނަނީކީ، އެސިޑް ގެންގުޅެވޭ ގޮތަކަށެއް ނޫނެވެ. މައިދާގައި ހުންނަހެން، އެތާކު، އެހާބައިވަރު ލޮންޖެއް، ދަވައެއް ނުހުރެއެވެ. އެހެންކަމުން، އާޚިރު ނަތީޖާއަކަށް ވަނީ، އެސިޑު އުނގުޅޭހިސާބު، އަނދާން ފެށުމެވެ. ފާރުވެދިއުމެވެ. މިއަނިޔާ ޢާންމުކޮށް ލިބޭނީ، އިސޮފެގަސްގެ ތިރީބަޔަށެވެ. މައިދާޔާ ގުޅޭ ހިސާބަށެވެ. މިހެން ކަންދިމާވުމަކީ ބައްޔެކެވެ. އެ ބައްޔަށް ކިޔެނީ، “ގާސްޓްރޯ އިސޮފޭޖިއަލް، ރީފްލަކްސް ޑިޒީޒް” Gastro Oesophageal Reflux Disease އެވެ. ކުރުކޮށް ކިޔެނީ  GORDއެވެ. މޭ އެންދުން ނުވަތަ ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކުގައި ކަރުން އެރުވުމޭ ކިޔަނީ މިހެން ވުމަށް ކަމަށް ލަފާކުރެވެއެވެ. މިގޮތަށް ކަރުން އަރުވާނަމަ އިހުސާސް ކުރެވޭނީ، މޭދަށުން ދިލަ ހޫނެއް މައްޗަށް އަރައިގެން ދާހެންނެވެ. މޭގަނޑު އަންދާހެންނެވެ.
ހަށިގަނޑަށް ލިބިފައިވާ އެންމެ އަޖައިބު ކުރުވަނިވި ޚާއްސަ އެއް ސިފަޔަކީ، ގުނަވަންތަކުގައި ބަތާނަ ލެވި، އެބަތާނައިގެ މަތިން ދުލިފަށްތައް ލެވި ނިވައިކުރެވިގެންވާ ފުރިހަމަކަމެވެ. މިބުނިއެއްޗެއް އޮޅުން ފިލުވަމާ ބަހީއެވެ. ޚިޔާލަށް ގެންނާށެވެ! ދަތްދޮޅީގައި އިނގިލީގެ ބަނޑުފުށް ޖައްސައިގެން، ތިރީ ތުންފަތާ ދިމާއަށް އިނގިލި ހިންގައިލައި، އަނގަތެރެއަށްގެންގޮސް، ކަރުތެރެއާ ހަމައިން އެތެރެވެގެން، އިސޮފެގަސްގެ ތެރެއަށް ގޮސް، އެންމެ ފަހުން މައިދާއާ ހަމައަށް އިނގިލި ހިންގައިލާށެވެ. އެއިރުން އެތަންތާނގައި ބަތާނަ ލެވި ނިވައިކުރެވިގެންވާ ގޮތް އިހުސާސް ކުރެވޭނެއެވެ. ދަތްދޮޅީގައިހުރީ، އާދައިގެ ހަމެވެ. ތުންފަތުގެ ބޭރުފުށުގައިވެސް ހަމަ އާދައިގެ ހަމެވެ. އެކަމަކު ތުންފަތުގެ އެތެރެފުށުގައި ތަންކޮޅެއް މަޑުހަމެކެވެ. އަރުތެރެއަށް ޖެހިލައިފިނަމަ އެއަށްވުރެ މަޑުހަމެކެވެ. އެތެރެއަށް ދިޔަދިޔަހެން، ހަން ތުނިވެ، ނާޒުކުވަމުންދެއެވެ. މިގޮތުން، މައިދާގެ އެތެރޭގައި ލެވިގެންވާ ދުލިފަށާއި، އިސޮފެގަސްގެ އެތެރޭގެ ދުލިފަށް އުފެދިފައިވާ ގޮތް ވަރަށް ބޮޑަށް ތަފާތެވެ. މައިދާގެ ދުލިފަށް އުފެދިގެންވަނީ، ބާރުގަދަ އެސިޑް ޖެހުނަސް ނުވިރޭ ބީދައަކުންނެވެ.
ކަން މިހެން އޮތަކަސް، ކުރީން ބުނިހެން، ކަރުން އަރުވަންފަށައިފިނަމަ ނުވަތަ މޭއަންދާ ބަލި ޖެހިއްޖެނަމަ، އިސޯފެގަސްގެ ބަތާނައާއި، އޭގައި ލެވިގެންވާ ދުލިފަށް ބަދަލުވެދެއެވެ. އެސިޑާއި މުޢާމަލާތުކުރަން ޖެހުމުން ހަންބޯވެލާންވެގެންނެވެ. ކުރަންޖެހޭ މަސައްކަތަކާ ގުޅިގެން އަތުގެ ހަންވެސް ބޯވެ، ވަރުގަދަ ވާ ފަދައިންނެވެ. ޚިޔާލަށް ގެންނަން މިސާލެއްގެ ގޮތަށް، ޖިންސުއްލަޠީފެއްގެ އޮމާން މަޑު އަތްތިލައާއި،  މަސައްކަތް ކޮށްކޮށް ކުރަކިވެ، ހަރުވެފައިވާ  ފިރިހެނެއްގެ އަތްތިލައިގެ މަތިން ހަނދާންކޮށްލާށެވެ. މި ދެމީހުންގެ އަތްތިލަވެސް، ކުޑައިރު ހުންނާނީ ކިހާ އެއްގޮތަކަށް ހެއްޔެވެ؟ ކުރަންޖެހުނު މަސައްކަތުގެ ސަބަބުން ފިރިހެނާގެ އަތްތިލައިގެ ހަން ބޯވެ ބަދަލުވެގެން ދިޔައީތާއެވެ.
އަތްތިލަޔަށް މިހެން ދިމާވުމަކީ މައްސަލައެއް ކަމުގައި ނުވިޔަސް، އިސޮފެގަސްގެ އެތެރޭގެ ހަން ބޯވުމަކީ، ބައްޔެކެވެ. ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް ކިޔެނީ، Barrett’s oesophagus ބަރެޓްސް އިސޮފެގަސް އެވެ. ހަންބޯވުމަކީ، އިސޯފެގަސްގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. ހަންބޯވެފައިވާ އިސޮފެގަސްއަކަށް ކެންސަރު ޖެހުމުގެ ފުރުސަތު އެނޫން މީހަކަށްވުރެ ސަތޭކަފަންސަވީސް ގުނަ އިތުރުކަމަށް ވެއެވެ. އޮޅުވައި ނުލައްޗެވެ. މީގެ މާނައަކީ، މި މީސްމީހުންނަށް ކަނޑައެޅިގެން ކެންސަރު ޖެހޭނޭ ވާހަކައެއް ނޫނެވެ. ޖެހުމުގެ ފުރުސަތު ބޮޑުވާހަކައެވެ.
މި ދެއްކި ހުރިހާ ވާހަކައެއް ޚުލާޞާ ކުރަމާ ހިނގާށެވެ. މައިދާގެ ތުން މޮހުމުން، އެސިޑް ނިކުމެ، އިސޮފެގަސްގެ އެތެރެ ފިހުމުން، އޭގެ ހަން ބޯވެއެވެ. ނަތީޖާއެއްގެ ގޮތުން އިސޮފެގަސްއަށް ކެންސަރު ޖެހުމަށް މަގުފަހިކޮށްދެއެވެ. މިހުރިހާ ކަމެއްގެ ފެށުމަކީ، ލެއްޕިފައި އޮންނަންޖެހޭ މައިދާއެއްގެ ތުން ހުޅުވުމެވެ. ތުން ހުޅުވުމަށް ދިމާވާ ސަބަބުތަކެއްވެއެވެ. އޭގެތެރެއިން އަހަރެން މިތާނގައި ހާމަކުރާން ބޭނުންވަނީ އެންމެ ކަމެކެވެ. ހެސް ކިޔައިފައި ކައި ބަނޑުފުރައިލުމެވެ.
ރޯދަވީއްލަންކަމަށް، އަތްގުޅި ނުކާވަރުގެ ތަށްޓެއް ފުރައިކައި، ބަނޑު ފުރާލައިފިނަމަ މައިދާގެ ތުން ދޫވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ރޯދަވީއްލުން އެންމެ ރަނގަޅީ ލުއިއެއްޗަކުންނެވެ. އެއަށްފަހު، މައިދާއަށް ވަގުތުކޮޅެއް ދިނުމަށްފަހު، މައި ކެއުން ކާން އެންމެ ރަނގަޅީ މަޣުރިބު ނަމާދުން އަވަދިވެގެންނެވެ. ނަބަވީ އިރުޝާދެއްގައި އިޝާރާތް ކުރެވިފައިވާ ފަދައިންނެވެ. ކީރިތި ރަސޫލާގެ ޙަދީސެއްގެ މާނައިގައި ވެއެވެ. “އިންސާނާ، އޭނާގެ މައިދާއަށްވުރެ ނުބައިކަން ބޮޑު ކަންވާރެއް ފުރައެއް ނުލައެވެ. ކެއުމަކީ، ނުކޮށް ނުވާކަމަކަށް ވާހިނދު، އެކަންކުރުން އެންމެ ރަނގަޅީ އަންނަނިވި ގޮތަށެވެ. އެއީ، ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކެއުން، އަނެއް ތިންބައިކުޅަ އެއްބަޔަށް ފެންބުއިން އަދި، ބާކީ ތިންބައިކުޅަ އެއްބައި، ފަސޭހައިން ނޭވާލުމަށްޓަކައި ހުހަށް ބޭއްވުމެވެ.
———————
About the author