ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ދިރިއުޅުމަކީ ފުޅާ މާނައެއްގައި ބޭނުން ކުރެވޭ ބަހެކެވެ. ދުނިޔޭގައި އުޅުމެވެ. ނުވަތަ އުމުރު ވޭތުކުރުމެވެ. އެހެންކަމުން ދުނިޔެގައި އުޅޭ އިރު އިންސާނާ ނުލާހިކު ގިނަ ކަންކަމާ ކުރިމަތި ލާނެއެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. ނުވަތަ މުސްތަޤްބަލް އުޖާލާކުރުމަށް ކުރާ ކަންތައްތަކެވެ. ނުވަތަ ދިރިއުޅުމުގެ ހަމަޖެހުމަށާއި މުނިފޫހިފިލުވަން ކުރާ ކަންތައްތަކެވެ. މި އުސޫލުން ދިރިއުޅުން ވޭތުކުރާއިރު ބައެއް ކަންކަމަށް ހުންނަނީ އާދަވެ ފަރިތަ ވެފައެވެ. އަމިއްލަ ފާޑުވެރިކަމެއްގެ ތެރެއިންނެވެ. ކަން މިހެން އޮތްއިރު، ބައެއް ފަހަރަށް ނުރަނގަޅު އާދަތައް ވެސް ކަށީގައި ހިފައިފައި އެބަހުރެއެވެ. މިފަދަ އާދަތަކުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ގެންލުން ލިބޭނީ ކިހާ މިންވަރަކަށްތޯ ވިސްނައިލީމު ހެއްޔެވެ؟ ޞިއްޙަތަށް ނޭދެވޭ އަސަރުތައް ކޮށްފައިހުރީ ކިހިނެއްތޯ ބަލައިލީމު ހެއްޔެވެ؟ އެކަން ރަނގަޅުކުރުމަށް ޢަޒުމް ކަނޑައެޅީމު ހެއްޔެވެ؟
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. ވިޔަފާރިއަށް ވެސް އިންޓަރނެޓެވެ. މަޢުލޫމާތު ހޯދުމަށްވެސް އިންޓަރނެޓެވެ. ބައެއް މެސެޖްތައް ފޮނުވުމަށާއި، ލިބޭ މެސެޖްތައް ބެލުމަށް ވެސް ބޭނުން ކުރަނީ އިންޓަރނެޓެވެ. އަދި ފޫހިފިލުވުމަށް ވެސް އިންޓަރނެޓެވެ. އިންޓަރނެޓް ބޭނުންކުރުމަކީ މިހާ އާންމު ކަމަކަށް ވާއިރު ކޮންޕިއުޓަރު ނުވަތަ ލެޕްޓޮޕް ބޭނުން ކުރާމީހުން ހަމަ ޔަޤީނުން ވެސް 98 އިންސައްތައަށް އަރާނެއެވެ. މީގެ އިތުރުން ޓީވީ އަކީވެސް ހުރިހާ ގެއެއްގައި އާންމުކޮށް ބޭނުންކުރާ ވަސީލަތެކެވެ. ސުވާލަކީ މިފަދަ އިލެކްޓްރޯނިކް ތަކެތި ބޭނުންކުރަނީ އެ ބޭނުންކުރަންވީ އެންމެ ރަނގަޅު ގޮތުގައި ހެއްޔެވެ؟ މި ކަންކަމާ މެދު ވިސްނައިލީމު ހެއްޔެވެ؟ މައުސް ގައި ހިފަން ޖެހެނީ ވަކި ގޮތަކަށެވެ. ކީބޯޑުގައި ޓައިޕްކުރަން ޖެހެނީ ވަކި ގޮތަކަށެވެ. އިށީންނަ ގޮނޑި ހުންނަން ޖެހެނީ ވަޑިފަތި ކޮށެވެ. އިށީނދެ އިންނަން ޖެހެނީ ވަކި އުސްމިނެއްގައެވެ. އަލި މިން ބަހައްޓަން ޖެހެނީ ވަކި މިންވަރަކަށެވެ. އަދި އިސްކިރީނަށް ބަލަން ޖެހެނީ ވަކި ދުރުމިނަކުންނެވެ. މިފަދަ ކަންކަމުގެ މައުލޫމާތު ހޯދައި، އެކަމަށް ސަމާލުވެތިބެ ކޮންޕިއުޓަރު ނުވަތަ ޓީވީގެ ބޭނުންކުރަނީ ހާހަކުން އެކަކަށް ވުރެ ވެސް މަދު މީހެކެވެ. ގިނަ ބައެއްގެ ކިބައިގައި މި ނުރަނގަޅު އާދަ ހަރުލުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ މިކަމުން ލިބޭ ގެއްލުމާ ކުރިމަތި ލާން ޖެހިފައެވެ. ކުޑަހުޅުގައި ރިއްސުމާއި، އިނގިލިތަކުގެ ކަށިތައް ސީދާ ނުކުރެވުމެވެ. މައިބަދައިގައި ރިއްސުމާއި، ކަނދުރާގައި ހަރުލައިފައި އެ ހުންނަ ރިހުމެވެ. އަދި ލޮލުގައި ރިއްސުމާއި، ލޮލުން ފެންއައުން ފަދަ ބަލިތަކެވެ. މިއީ ކިތަންމެ އާދައިގެ ކަމެއްކަމަށް ހީވިއަސް މިއީ ވަރަށް ސީރިއަސް މައްސަލަތަކެކެވެ. އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމުގައި އެ ބޭނުންކުރަންވީ ގޮތަށް ބޭނުން ނުކުރެވިއްޖެ ނަމަ ސިއްހަތަށް އެ ލިބޭ ގެއްލުންތަކަކީ މަދު ގެއްލުންތަކެކޭ ބުނެވޭކަށް ނެތް، އެހެންނޫންތޯއެވެ.

ކެއިން ބުއިމަކީ ކޮންމެ މީހަކުވެސް ކުރާކަމެކެވެ. ކުރާނެވެސް ކަމެކެވެ. އެއްބަޔަކު ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކެއުންތައް މަދުކުރުމަށް މަސައްކަތް ކުރާއިރު، އަނެއްބަކަކު ހަމައެއް ލަމައެއްނެތި ހިތު ހުރިހާ މިންވަރަކަށް ކަނީއެވެ. ހަށިގަނޑު ހިއްކުމުގެ އެދުން ހިތުގައި އުފެދިފައިވާ މީހުން އާންމުކޮށް ކުރާ އެއްކަމަކީ ރޭގަނޑު ނުކައި ހުރުމެވެ. ނުވަތަ ޑައެޓް ކާނާ ބޭނުން ކުރުމެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ބައިވަރެވެ. ގަޑިން ގަޑިއަށް ނުކައި ހުރުމުގެ ސަބަބުން ބަނޑުގައި ގޭސް އުފެދި، ބޯ އަނބުރާ ގޮތް ދިމާވެއެވެ. އަދި ފެންމަދުވެ ކުދަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދެއެވެ. ޑައެޓް ކާނާ ބޭނުން ކުރާ މީހުންނަށް ވެސް ވަކި ރައްކާތެރިއެއް ނޫނެވެ. ޑައެޓް ކާނާގެ ގޮތުގައި އުފައްދާފައި ހުންނަ ތަކެތީގައި ހިމެނޭ ‘އާރޓިފިޝިއަލް ސްވީޓްނަރ’ގައި އެކުލެވޭ ‘ސެކަރީން’ ކިޔާ މާއްދާގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. މި މާއްދާ ހުންނަ ތަކެތި ކޮންމެ ދުވަހަކު ބޭނުން ކުރާނަމަ ކެންސަރަށް މަގުފަހިވުން ގާތެވެ. މީގެ އިތުރުން ޑައެޓް ކާނާގެ ސަބަބުން ބޭރަށް ހިންގުން، ކިޑްނީގެ މައްސަލަތައް، ބައިގެން ދިއުން ފަދަބޮޑެތި ބަލިތައް ޖެހެއެވެ. މިފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ގޮތަށް ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށް ކުރެވޭ މަސައްކަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ދިރިއުޅުމުގައި އާދަވެފައިވާ ކަމެކެވެ.
ކެއިން ބުއިމުގައި ވަކި މިންވަރެއްނެތި ކާ މީހުންނަށް ޖެހޭ ބަލިތަކަކީ ވެސް ކުދި އަދި މަދު ބަލިތަކެއް ނޫނެވެ. މިފަދަ މީހުންގެ ހަށިގަނޑަށް ތެޔޮ އިތުރުވެ ބާރު އިސްޕީޑެއްގައި ހަށިގަނޑަށް ކޮލެސްޓްރޯލް އިތުތުވެގެން ދެއެވެ. ނަތީޖާއަކީ ކޮބައި ތޯއެވެ. ސަރުބީގެ ސަބަބުން ޖެހޭ ހުރިހާ ބަޔެއްގެ ދޮރު ހުޅުވިގެންދިއުމެވެ. މިކަމުގެ ސަބަބުން އެންމެ އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ހާޓްއެޓޭކާއި، ލޭމައްޗަށް ދިއުމާއި، ހަކުރު ބަލި ހިމެނެއެވެ. މި ބަލިތަކަކީ އިންސާނާއަށް ކުއްލި މަރާ ކުރިމަތި ކުރުވާ ބަލިތަކެކެވެ. ތަފާސް ހިސާބުން ދައްކާ ގޮތުން ގިނަ ޤައުމުތަކުގައި ކޮންމެ ފަސް ސަތޭކައަކުން އެކަކަށް ވަނީ ކޮލެސްޓްރޯލް އިތުރުވުމުގެ ސަބަބުން ޖެހޭ ބަލިތަކާ ކުރިމަތިލާން ޖެހިފައެވެ.
ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނިދުމަކީ ކޮންމެހެން ލާޒިމު ކަމަކަށް ވާއިރު، ނިދުމުގައި ފަރުވާކުޑަކުރެވި ބަލިތަކުގެ ތަޖުރިބާ ކުރަންޖެހޭ މީހުންގެ އަދަދު ވެސް މަދެއްނޫނެވެ. އިންސާނާ އޭނާގެ ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލާއިރު މަދުވެގެން ދުވާލަކު 8 ގަޑިއިރު ނިދަންޖެހޭ ކަމީ ވަންހަނާވެ، ފޮރުވިފައިވާ މަޢުލޫމާތެއް ނޫނެވެ. އެހެންނަމަވެސް ރޭގަނޑުގެ ވަގުތުގައި އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގެ އާދަ ބައެއް މީހުންގެ ކިބައިގައި ހަރުލައިފައި ވުމުގެ ސަބަބުން އެ މީހުންނަށް 8 ގަޑިއިރުގެ ނިދި ނުލިބުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމަށް ވާނަމަ އެ މީހުންނަށް ކުރިމަތިވާ ބަލިތަކަކީ އިންސާނާގެ އުމުރު ކުރުކޮށްލާފަދަ ބަލިތަކެކެވެ. އޭގެތެރޭގައި ކެއުމާ ގުޅުންހުރި ބަލިތައް ވެސް ހިމެއެވެ. އެއީ ހާޓްއެޓޭކާއި، ލޭމައްޗަށް ދިއުމާއި، ހަކުރު ބައްޔެވެ. މީގެ އިތުރުން، ބޯއެނބުރުމާއި ކަންކަމާ ގަޔާނުވުމުގެ އިތުރުން ފަލަ ބައްޔަކީ ވެސް ނިދި މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ގިނަ މީހުންނަށް ހީވެފައިވާ ގޮތާއި ޚިލާފަށް 6 ގަޑި އިރަށްވުރެ އިންސާނާގެ ނިދި މަދުވެއްޖެ ކަމަށް ވާނަމަ އޭނާގެ ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) އަށްވުރެ އޭނާގެ ބަރުދަން އިތުރުވެއެވެ. އެހެންކަމުން ރަނގަޅު ޞިއްހަތެއްގައި ހުރުމަށްޓަކއި ނިދުމުގެ އާދަވެސް ވަނީ ތަފާތު ގޮތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައެވެ.
އިންސާނާގެ ކަށީގައި ހިފައިފައިވާ، ޞިއްޙަތަށް ގެއްލުންވާ ކަންކަން ކިޔައި ކޮޅަކުން ނުލާނެއެވެ. ގުނައި އަދަދެއް ނުކުރެވޭނެއެވެ. މި މަޒުމޫނުގައި މަދު ކަންކަމަކަށް ބަލައިލިކަމުގައި ވިއަސް ކޮންމެ މީހަކުވެސް ދިރިއުޅުމަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށްޓަކައި ތިބާގެ ނުރަނގަޅު އާދަތަކާމެދު ވިސްނައިލަމާތޯއެވެ! ބަލިތަކުން ދުރުހެލިވުމަށް އެ އާދަތައް އެހެން ގޮތަކަށް ބަދަލުކުރަމާތޯއެވެ!
——————————-

About the author