ޢަބްދުﷲ ޞާދިޤް
ކުދިންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކޮށްދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަން ވަރަށް ފަހުން ހާމަކުރި ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި އިންޑިޔާގައި ވިހައިގެން 40 ގަޑި އިރުގެ ތެރޭގައި ތިން ލައްކަ ކުދިން މަރުވެއެވެ. އެއީ ދުނިޔޭގައި މި ގޮތަށް މަރުވާ ކުދިންގެ އޮނަތިރީސް އިންސައްތައެވެ.

ރިޕޯޓުގައި ބުނެފައިވެއެވެ. މައިންނަށް ކުދިން ތަރުބިއްޔަތުކުރަން އެންމެ އުނދަގޫ ތަނަކީ ޖުމްހޫރިއްޔާ ކޮންގޯއެވެ.

ރިޕޯޓުގައި ބަޔާންކުރާ ގޮތުން މަޔަކަށް ވުމަށް އެންމެ ރަނގަޅު ތިން ޤައުމަކީ ފިންލެންޑާއި، ސްވީޑެންއާއި ނޯރވޭއެވެ. މި އިދާރާއިން 176 ޤައުމުގެ މައިންގެ ސިއްހަތާއި ކުދިން މަރުވާ ގޮތާއި ތައުލީމާއި، އާމްދަނީއާއި މަސައްކަތްތައް ދިރާސާކޮށްފައިވެއެވެ.

ސޭވް ދަ ޗިލްޑްރަންގެ ފަރާތުން ހާމަކުރި ރޭންކުގެ އެންމެ ފަހަތުގައި އޮތް ދިހަ ޤައުމަކީ ސަބް ސަހާރާ އެފްރިކާއާ ގުޅުންހުރި ޤައުމުތަކެވެ. އެތާނގައި ކޮންމެ ތިރީސް އަންހެނުންގެ ތެރެއިން އެއް އަންހެނަކީ ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތަކުގެ ސަބަބުން މަރުވާ މީހެކެވެ. އަދި ކޮންމެ ހަތް ކުއްޖެއްގެ ތެރެއިން އެއްކުއްޖަކީ 5 ވަނަ އުފަންދުވަހުގެ ކުރިން މަރުވާ ކުއްޖެކެވެ.

ޖުމްހޫރީ ކޮންގޯގައި ހަނގުރާމައާއި ފަގީރުކަމުގެ ސަބަބުން މައިންގެ ދިރިއުޅުމަށް އަންނަ އެންމެ އުނދަގޫ ވަގުތުގައި ހާލު ބަލައިލާނެ މީހުން ނުވުމާއި  ލިބޭ ކާއެތިކޮޅުގެ މަދުކަމާއި ހަށިގަނޑުގެ ނިކަމެތިކަމުން މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ވަނީއެވެ.

މައިންނަށް ދެވަނައަށް އެންމެ ނުބައި ޤައުމުތަކަކީ ސޮމާލިއާ، ސެރަލިއޯން، މާލީ، ނައިޖަރު، ގެމްބިއާ، ނައިޖީރިއާ، އައިވަރީ ކޯސްޓެވެ.

ސޭވް ދަ ޗިލްޑްރަންގެ ރިޕޯޓުގައިވާގޮތުން ސަބް ސަހާރާ އެފްރިކާގައި ވިހާ މައިންނާއި ލިބޭ ކުދިން މަރުވުމުގެ އެންމެ ބޮޑު ސަބަބަކީ ލިބޭ ކާއެތިކޮޅުގެ މަދުކަމެވެ. އެއާ ޚިލާފަށް ފިންލެންޑަކީ މައިންނަށްޓަކައި އެންމެ ރަނގަޅު  ޤައުމެވެ. އެތާނގައި މާބަނޑު 12200 މީހުންގެތެރެއިން މަރުވަނީ ހަމަ އެންމެ މީހެކެވެ. ކުޑަ ކުދިން ގާތްގަނޑަކަށް ސަތާރަ އަހަރު ވަންދެން ރަސްމީ ތަޢުލީމު ހާސިލު ކުރެއެވެ.

ރިޕޯޓުގައި ބުނާގޮތުން އިންޑިޔާ ގައި ކޮންމެ އަހަރަކު ތިން ލައްކައަށް ވުރެ ގިނަ ކުދިން އުފަންވާތާ ސައުވީސް ގަޑި އިރުގެ ތެރޭގައި މިދުނިޔެ ދޫކުރެއެވެ. މާހިރުން ބަޔާންކުރާ ގޮތުން އެހެން އެވަނީ  ސިޔާސީ އަޒުމުގެ ބަލިކަށިކަމާއި ސިއްހަތު ރައްކާތެރި ކުރުމުގެ ނިޒާމުތައް ހުރިލެއް ދޯހަޅި ކަމުންނެވެ.

މި އިދާރާ ބުނާގޮތުން ޕާކިސްތާނުގައި މި އަދަދު 60،000 ށް އަރައެވެ. ބަންގްލަދޭޝްގައި 28،000 ށް އަރައެވެ. މިގޮތަށް މަރުވުމުގެ އެންމެ ބޮޑު ސަބަބަކީ މައިންނަށް އެކަށީގެންވާ ކާނާ ނުލިބުމެވެ.

ރިޕޯޓުގައިވާގޮތުން ދުނިޔޭގެ 26 އިންސައްތަ އާބާދީ ދިރިއުޅެނީ ދެކުނު އޭޝިޔާގައިކަމަށް ވާއިރު، އެތަނުގެ މަރުގެ ރޭޓާއި އެތާނގެ ޅަކުދިން މަރުވާ އަދަދު އެކަށީގެންވާ ވަރަށްވުރެ މާ ގިނައެވެ. މި އިދާރާއިން ބުނާ ގޮތުން 26 ގަޑިއިރުގެ ތެރޭގައި މަރުވާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ ދެކުނު އޭޝިޔާ ކުދިންނެވެ. މުޅި ޖުމްލައިގެ ތެރެއިން 29 އިންސައްތަ ކުދިންނަކީ އިންޑިޔާގައި މަރުވާ ކުދިންނެވެ.

މި އިދާރާގެ އިލާގާއީ ޑައިރެކްޓަރ މައިކް ނޮއެލްއާ ހަވާލާދީ ބުނަނީ، ހާލަތަށް ބަލާއިރު މި އަދަދު ރަނގަޅުކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ދެން ވެސް ޕާކިސްތާނާއި ބަންގްލަދޭޝްގައި ކޮންމެ ދުވަހަކު، އެއް ހާހަށްވުރެ ގިނަ ކުދިން އޮޅުން ފިލާފައި ނެތް ސަބަބުތަކަކަށްޓަކައި މަރުވެގެން އެބަ ދެއެވެ.

މި އިދާރާއިން ބަޔާންކުރާ ގޮތުގައި މި މަރުގެ މައިގަނޑު ތިން ސަބަބެއް ވެއެވެ. އޭގެ ތެރޭގައި ވިހެއުމުގެ ތެރޭ ދިމާވާ ތަފާތު އުނދަގޫތަކާއި ވަގުތަށް ވުރެ ކުރިން އުފަންވުމާއި އިންފެކްޝަނާއި މައިންނާއި ކުދިންގެ ސިއްހަތު ރައްކާތެރިކުރުމުގެ އެކަށީގެންވާ ނިޒާމެއް ހަމަޖެހިފައި ނެތުން ހިމެނެއެވެ. މި ބައިބައި ރަނގަޅުކުރެވިއްޖެ ނަމަ، ކުދިން މަރުވާ ރޭޓް 75 އިންސައްތައަށް މަދުކުރެވިއްޖައީހެވެ. ނަމަވެސް އިދާރާއިން ބުނާ ގޮތުން ސިޔާސީ އަޒުމުގެ ބަލިކަށިކަމުންނާއި ސިއްހަތު ރައްކާތެރިކުރުމުގެ ނިޒާމް ރަނގަޅުކުރެވޭނެ ގޮތެއް ނެތުމާއެކު އިންޑިޔާގައި ކޮންމެ އަހަރަކު ވިހެއުމުގެ ތެރޭގައި 56،000 އަންހެނުން މަރުވެއެވެ. އެއީ ދުނިޔެއަށް ނިސްބަތް ކުރާއިރު އެންމެ މަތީ ރޭޓެވެ.

އިންޑިޔާގައި ވިހަންޖެހޭ އަންހެނުންގެ ތެރެއިން ދެބައިކުޅައެއްބައި ވިހަނީ ގޭގައެވެ. ރަނގަޅަށް ހޭނިފައިވާ ހެލްތު ވޯކަރުން އެހައި މަދެވެ. މިއީ ދަތިތައް މެދުވެރިވާ ބައެއް ސަބަބެވެ. އެތައް ހިސާބެއް ދުރަކަށް ދަންދެން ހުރި އަވަށްތަކުގައިވެސް ޑަކްޓަރުންނެއް ނެތެވެ. އަދި ހެލްތު ސެންޓަރެއްވެސް ނެތެވެ. އޭގެ ސަބަބުން ކުދިންގެ ފުރާނަ ބިރުވެރިކަމުގެ ތެރެއަށް ވެއްޓެން  ދިމާ ވަނީއެވެ.

—————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.