ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
މިއީ 1952 ގައި ނިކުތް ހިންދީ ފިލްމު 'ބައިޖޫ ބާވްރާ' ގެ 'ބަޗް ބަންކީމޮހައްބަތު ކޯ ދިލްސޭ ނަޖުދާކަރުނާ' ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވައިގެ މައިގަޑު މައުޟޫއުއަކީ އަތުން ބީވެގެން ދިޔަ ލޯބި އަލުން އަބުރައި ލިބުމުގެ އެދުމުގެ މައުޟޫޢެވެ. ޅެންވެރިންގެ އާއްމު މައުޟޫއެކެވެ. މި މައުޟޫއުގެ މައްޗަށް ދިވެހި ޝާއިރަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެއް ހަނދާނަށް އާދެއެވެ. "އަތުން ދޫވިގުމްރީފަދަ އަލި ޤަމަރު ދުށުންއެދެމެ ސާފުކޮށް އަދި އެއްފަހަރު" މިބައިތެވެ.
 
ޑޮން ގިބްސަންގެ ‘ޖަސްޓް ވަން ޓައިމް (އަދި އެއްފަހަރަ) މިއީވެސް މި މައުޟޫގެމައްޗަށް ލިޔެވިފައިވާ ލަވައެކެވެ. ‘ބަޗް ބަންކީމޮހައްބަތު ކޯ ދިލްސޭ ނަޖުދާކަރުނާ’ (އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަނުދެއްޗެވެ) މި ލަވައިގައި ފާޅުކުރެވިފައި ވަނީ ޅަފަތުގައި ލޯބީގެ ގޮތުންގުޅި ކައިވެނި ކުރެވި އަދި އެއަށްފަހު ވަކިވެ ދިޔަ ދެ ލޯބިވެރިޔެއްގެ ވާހަކައެވެ. އެކަކު ކައިވެނި ރޫޅިގެންދާކަށް ބޭނުމެއް ނުވެއެވެ. ޅަފަތުގައި ފެށުނު ލޯތްބަށް ނިމުމެއް އަންނާކަށް ނޭދެއެވެ. ލޯބިވެރިޔާ ވަކިވެގެން ދިޔުމުން އޭނާގެ ހިތުގައި ވަނީ ހިތާމައާއި އެކަނިވެރިކަމެވެ. އެހެންވެ ކައިވެނީގެ ހަޔާތުގެ ދެބަސްވުންތަކަށް ހައްލެއް ގެނެސް އެ ލޯބި އަލުން ދިރުވައި އާލާކުރެވޭތޯ ބަލަން އޭނާ ބޭނުންވި އެވެ. މިލަވައަޑުއައްސަވާލައްވަން ބޭނުންފުޅު ނަމަ މި ގުޅުމުގައި ކޮށްޓަވާލައްވާށެވެ.
http://www.youtube.com/watch?v=-jrSQfEHlCE

——————————-
(އަހަރުމެން ވަކިވެގެން އެކަކު އަނެކަކާ ދުރަށް ދިޔަޔަސް،)
އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަ ނުދެއްޗެވެ.
އަހަރެންގެ މަތިން ހަދާންވާ ވަގުތު، އަލުން އަހަރުމެން ބައްދަލުވޭތޯ ދުއާކުރާށެވެ. (2

ކަލާ އަހަރެން ދޫކޮށްލައިފައި ދިޔުމުން އަހަންނަށް (ހަމައެކަނި) އޮތީ (ކަލާގެ ލޯބި އަލުން ލިބިދާނެ ކަމަށް) އުއްމީދުކޮށްލައިގެން ގޭގައި ހުރުމެވެ. އަދި ކަލާ ވަކިވެގެން ތިޔަ ދިޔައީ އަހަރެންގެ ހަޔާތުގެ (ހަމަ އެކަނި) ލޯބި ނިގުޅައިގެން ހިފައިގެންނެވެ.

ކަލާ ވަކިވެގެން ތިޔަ ދަނީ، ބަރުދާސްތު ނުކުރެވޭ، އެތައް ހިތާމައެއް އަހަންނަށް ދީފައެވެ.
އަހަރެން އާދޭސްކޮށްފައި ބުނަމެވެ. އެ ހިތާމަތަކަށް އޮތް ބޭހާއި ފަރުވާ އަހަންނަށް ހޯދައިދޭށެވެ.

އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަ ނުދެއްޗެވެ.   
އަހަރެންގެ މަތިން ހަނދާންވާ ވަގުތު، އަލުން އަހަރުމެން ބައްދަލުވޭތޯ ދުއާކުރާށެވެ.

ވާރޭވެހި ދޫނިތައް (އުފަލުން) ގޮވަމުންދާ ވަގުތު ކަލާ މަތިން ހަނދާންވާނެއެވެ. (އަހަރުމެން އެކީގައި އުފަލުގައި ހޭދަކޮށްލި ދުވަސްތައް މަތީން ހަނދާންވާނެއެވެ.)
ކަލާ އަހަންނާ ވަކިވެ ދިޔުމުން (ލިބިދިން ވޭނާއި ހިތާމައިގެ) ޝަކުވާގެ ލަވަ “އެ ދޫނިތަކަށް” އަހަރެން ކިޔައިދޭނަމެވެ.
އަދި އަހަރެންގެ (ލަވައިގެ) އަޑު އަހައި (ކަލާގެ ހިތުގައި ނިވިދިޔަ ލޯބީގެ ހުޅުކޮޅު) އަލުން ރޯވެ ދޭތޯއެވެ.

އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަނުދެއްޗެވެ.   
އަހަރެންގެ މަތިން ހަނދާންވާ ވަގުތު، އަލުން އަހަރުމެން ބައްދަލުވޭތޯ ދުއާކުރާށެވެ.

———————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. lllll

    :zzz 😮 😮

    (0)(0)