ތަރުޖަމާ: އަބްދުލްޣަފޫރު ޢަބްދުއްރަޙީމު
މި ލަވަޔަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މުޅިދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އިނގިރޭސިވިލާތުގެ ބޭންޑެއްކަމުގައިވާ 'ކުއީން'ގެ ލަވައެކެވެ. 'ކުއީން'ގެ 'ދޯސް އާ ދަ ޑޭސް އޮފް އަވަރ ލައިވްސް'، 'އަހަރުމެންގެ ހަޔާތުގެ ދުވަސްތަކަކީ އެއީއެވެ.' މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަ ލިޔުނީ 'ކުއީން'ގެ ރޮޖަރ ޓެއިލަރ އެވެ. އިންސާނީ ހަޔާތާ މެދު އޭނާއަށް ކުރެވި ދިޔަ އިޙުސާސުތަކެކެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ހަޔާތުގެ ދުވަސްތައް ފާއިތުވެދާލެއް އަވަސްކަމެވެ. ޒުވާންދުވަސްވަރު މަޖާކުރުމާއި ސަކަޖެހުމުގައި އުޅޭއިރު މިކަން ފާހަގަ ނުކުރެވޭކަމެވެ. ނަމަވެސް އުމުރުން ދުވަސްވުމުން މާޒީ ހަނދާންކޮށް އަލުން ޒުވާންކަމުގެ ދުވަސްތައް ހަނދާންވެހަނދާންވެ ހުރެއެވެ. ހަޔާތުގެ ހަގީގީ ދުވަސްތައް ކަމަށް ބެލެވޭ ޒުވާންކަމުގެ ދުވަސްތައް އެނބުރި އަންނާނެނަމަޔޭ ބައެއް ފަހަރު ހިތަށް އަރައެވެ.  ނަމަވެސް މިއީ ދުނިޔޭގެ ކަން ހިނގާ ގޮތެއް ނޫނެވެ. ނަމަވެސް ދެން އުމުރުން ބާކީ އޮތް ދުވަސްތައް ވެސް އުފަލުގައި ހިތްހަމަޖެހޭ ގޮތުގައި ހޭދަކޮށްލެވިދާނެ އެވެ. ދަރީންނާއި އަދި ކާފަދަރީންނާ އެކުގައެވެ. އެ ކުދީންގެ ސުހުބަތުގައެވެ. އެ ކުދީންގެ އުފާތަކަށް ހިއްސާކޮށްގެންނެވެ. އެ ކުދީންގެ ހިތާމަތައް ފޮހެލައިދޭން މަސައްކަތްކޮށްދީގެންނެވެ. އެ ކުދީންގެ ކާމިޔާބުތަކުން އުފާ ލިބިގެންނެވެ.

މި ލަވަ ކިޔައިފައިވަނީ އެބޭންޑުގެ އިސްލަވަކިޔުންތެރިޔާ ފްރެޑީމާ ކިޔޫރީ އެވެ. އޭނާ އެއިޑްސް ބަލީގެ ޝިކާރައަކަށްވެ، ވަރަށް ބަލިވެ އުޅެއެވެ. އެހެންވެ، މި ލަވަޔަކީ ރޮޖަރ ޓެއިލަރ އޭނާ ހަޔާތާ ބެހޭގޮތުން ކުރެވުނު އިހުސާސުތަކަކާ ގުޅުވައިގެން ހެދި ލަވަޔެއްކަމަކު، ފްރެޑީ މާކިޔުރީ، މި ލަވަ އޭނާ މަރުވުމުގެ ތިން މަހެއްހާ ކުރީން، އާދެ، 1991 ގެ މެދެއް ހާހިސާބު، ކިޔައިފައިވުމުން އިތުރު މާނައެއް މި ލަވައިގައި އެކުލެވިފައި ވެއެވެ. އޭނާގެ ނިމުން ވަރަށް ކައިރިވެއްޖެކަމުގެ ވާހަކައެވެ. އަދި މިލަވަ ފާހަގަކުރެވިފައި ވަނީ ވަކިވުމުގެ ކުރީން އޭނާގެ ރަހުމަތްތެރީންނާއި އޭނާގެ ލަވަޔާއި މިޔުޒިކަށް ލޯބިކުރާ މީހުންނަށް އެންމެ ފަހުގެ ސަލާންކޮން އަލްވަދާޢު ކިޔާ ލަވަޔެއްގެ ގޮތުގައެވެ. މި ލަވައިގެ ވީޑިޔޯ ނެގިފައި ވަނީ ހުދާއި ކަޅުންނެވެ. އޭނާގެ ބަލި ހާލަތު ފާޅުވެ ދިޔަ ނުދިނުމަށެވެ. މި ލަވަ އަޑުއައްސަވައިލައްވަން ބޭނުންފުޅު ނަމަ މިގުޅުމުގައި ކޮށްޓަވައިލައްވާށެވެ! http://www.youtube.com/watch?v=sDUmT3wm-0A
********************************
(އަހަރެންގެ ހިތަށް)ދޭތެރެދޭތެރެއިންމިއިހުސާސުތައް ވެރިވެއެވެ.
އަހަރެން އެބުރި އިހުގެ، މާކުރީގެ، މާޒީވެ ގޮސްފައިވާ (އުފާވެރި) ދުވަސްތަކުގެތެރޭ އުޅުނު (ހަދާންތަކުގެ އިހުސާސުތަކެވެ).
އަހަރުމެން އުމުރުންޅަ ކުޑައިރުގެ ހަދާންތަކެވެ.
(އެދުވަސްވަރު) ހުރިހާކަމެއްވެސް (ފެނުނީ) މުޅިންފުރިހަމަކޮށެވެ. ކަލާއަށް (މިބުނާ އެއްޗެއް) އެގޭނޫންހެއްޔެވެ؟
(އެއިރުގެ) ދުވަސްތައް ފެނުނީ ނިމުމެއްނެތް ދުވަސްތަކެއްހެންނެވެ.އަހަރުމެން ޅަވެފައި އެހާވެސްމޮޔަމެއެވެ.
(އެއިރުގެ) ދުވަސްތައް އަބަދުމެ އަލިވެފާ އުޖާލާއެވެ – އަހަރުމެން އުޅުނީ މަޖާކޮށްސަކަޖެހުމުގައެވެ.
(ނަމަވެސް) ފަހަކަށް އައިސް ބައެއްފަހަރު (މާޒީވެދިޔަ ދުވަސްތަކަކީ ހަގީގަތެއްކަމާއިދު) ޝައްކުއުފެދޭކަހަލައެވެ.
(އެހެނީ) އަހަރެންގެ ހަޔާތުގެ ފާއިތުވެ ދިޔަ ދުވަސްތައް (ދެތިންގަޑިއިރުގެ) ޝޯއެއް ކަހަލައެވެ. (ދާދިއަވަހަށް ނިމިގެން ހިގައްޖެއެވެ.)
އެދުވަސްތަކަކީ އަހަރުމެންގެ ހަޔާތުގެ (އެންމެ އފާވެރި) ދުވަސްތަކެވެ.
ހަޔާތަށް (ކިލަބުކަންގެންނަ) ނުރަގަޅުކަންތައްތައް (އެދުވަސްވަރުގައިދިމާވަނީ) ވަރަށްވެސް މަދުންނެވެ.
އެހުރިހާ (އުފާވެރި) ދުވަސްތައް މިހާރު މުޅީން މާޒީވެ ހިގައްޖެއެވެ.
އެހެންނަމަވެސް، އެއްކަމެއް (ބަދަލުނުވެ) އެކަން ހުރިގޮތުގައި އެބަހުއްޓެވެ.
(މާޒީއަށާއި ހާޒިރަށް) އަހަރެން ނަޒަރު ހިންގާލާއިރު އަހަންނަށް ފާހަގަކުރެވެއެވެ.
އަދިވެސް ކަލާދެކެ އަހަރެން ލޯބިވަމެވެ.

އެކަކަށްވެސް ގަޑީގެ ކަށި އަބުރައެއް ނުލެވޭނެއެވެ. އެކަކަށް ވެސް (މާޒީވެ ދިޔަ) ޒަމާން އަލުންއަބުރައެއް ނުގެނެވޭނެއެވެ. ކިހާދެރަދޯއެވެ!
(ކުޑަކުދީންގެ ޕާކުތަކުގައި ހުންނަކަހަލަ) އެބުރޭބޯޓަކަށް “ރޯލަކޯސްޓަރ”އަރައި މާޒީވެދިޔަ ދުވަސްތަކުގެ ތެރެއަށް އަދިއެއްފަހަރު އެބުރި ދާން އަހަރެން ބޭނުމެވެ.
ހަޔާތަކީ (އުފަލާ މަޖަލުންފުރިފައިވާ) ކުޅިގަޑެކެވެ. (މިހެންވިނަމައެވެ)
“(ނަމަވެސްއަހަރެން ހިތާހިތާ ބުނީމެވެ) ކަލޭ ތިހެންއިދެ މާޒީވެގޮސްފައިވާ ދުވަސްތަކާދޭތެރޭ ވިސްނުމުގެ ބޭނުމެއްނެތެވެ.
އަރާމުކޮށްލައި ކަލޭގެ ކުދީންގެ (ދިރިއުޅުމުގެ އުފަލުން) އުފާލިބިގަނެވެން އޮތްއިރުއެވެ.”
(ނަމަވެސް) ފަހަކަށް އައިސް ބައެއްފަހަރު އަހަންނަށް ހީވެއެވެ.
(މިހެންކަންތައްތަކާ ދޭތެރޭވިސްނުމަށްވުރެ ޒަމާނުގެ) އޮއިވަރާއެކު (ހަޔާތުގެ ކަންތައް) ދާން ދޫކޮށްލައިގެން ހުރުން މާރަގަޅުވާނެއެވެ.

އެހެނީ މިއީ އަހަރުމެންގެ ހަޔާތުގެ ދުވަސްތައް (ދައުރުވެ) ހިގާދާގޮތެވެ. (މިކަމަކަށް ބަދަލެއްނުގެނެވޭނެއެވެ.)
ޒަމާނުގެ ހަލުވި ދުވެއްޔާއެކެފާއިތުވެ (ހަޔާތުގެދުވަސްތައް) ދެއެވެ.
އެހުރިހާ (އުފާވެރި) ދުވަސްތައް މުޅީން މާޒީވެ ހިގައްޖެއެވެ.
(މާޒީއަށާއި ހާޒިރަށް) އަހަރެން ނަޒަރު ހިންގާލާއިރު އަހަންނަށް ފާހަގަކުރެވެއެވެ.
މިހަގީގަތަކަށް ބަދަލެއްނުގެނެވޭނެއެވެ.

އަހަރުމެންގެ ހަޔާތުގެ (އެންމެ އުފާވެރި) ދުވަސްތަކަކީއެއީއެވެ. އާއެކެވެ، (އެއާމެދު އެއްވެސް ޝައްކެއް ނެތެވެ).
ހަޔާތަށް (ކިލަބުކަންގެންނަ) ނުރަގަޅުކަންތައް (އެދުވަސްވަރުގައި) ވަރަށްވެސް މަދެވެ.
އެހުރިހާ (އުފާވެރި) ދުވަސްތައްމިހާރު މުޅީން މާޒީވެ ހިގައްޖެއެވެ.
އެހެންނަމަވެސް، އެއްކަމެއް (ބަދަލުނުވެ) އެހުރިގޮތުގައި އެބަހުއްޓެވެ.
(މާޒީއަށާއި ހާޒިރަށް) އަހަރެން ނަޒަރު ހިންގައިލާއިރު އަހންނަށް ފާހަގަކުރެވެއެވެ.
އަދިވެސް ކަލާދެކެ އަހަރެން ލޯބިވަމެވެ.
ކަލާދެކެ އަހަރެން އަދިވެސް ލޯބިވަމެވެ.

————————-

About the author