ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު
މިއީ 1966 ގައި ނިކުތް ހިންދީ ފިލްމު 'ދޯ ބަދަން' ގެ 'ރަހަ ގަރްދިޝޯނމޭ ހަރްދަމް' ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަޔަކީ ހިތާމަވެރި ލަވަޔެކެވެ. ލަވައިގައި ޝާއިރު ފާޅުކޮށްފައިވާ ޝުޢޫރަކީ ލޯބީގައި އަބަދުހެން ނާކާމިޔާބާ ކުރިމަތިލާން ޖެހޭ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކެކެވެ. އޭނާގެ ލޯބީގެ ހަޔާތުގައި އަބަދު ނާކާމިޔާބާ ކުރިމަތިލާން ޖެހުނަސް އެކަން މެދުވެރިވާންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. މި ގޮތަށް ކަންތައް ދިމާވާން އޮތް ހަމަ އެކަނި ސަބަބަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ ނަސީބު ދެރަކަމެވެ.
 
ތަޤްދީރުގައި އޭނާ އަށް އެމީހެއްގެ ލޯބި ލިބެން ނެތް މީހަކު ދެކެ ލޯބިވެވުނީތީ އެވެ. އަދި އެ ކަމުގެ ސަބަބުން ހިތަށް ކިތަންމެ ވޭނަކާއި އަސަރެއް ކުރި ކަމަކު އޭނަޔާ ދުރަށްދާނެ ހިތްވަރުނުލިބުނީތީއެވެ. މި ލަވަ އަޑުއައްސަވާލައްވަން ބޭނުންފުޅުނަމަ ތިރީ މިވާ ގުޅުމުގައި ކޮށްޓަވައިލައްވާށެވެ.
http://www.youtube.com/watch?v=wt7T2-1GnV4

*********************

އަބަދުމެ (އޭގެ) ނާރެހުގެ ވަށައިގެން (އަހަރެންގެ ލޯބީގެ ތަރި) އެބުރެނީއެވެ.
އަހަރެންގެ ލޯބީގެ ތަރި (ކާމިޔާބުގެ އައްސޭރިޔަށް ވާސިލުނުވެވި) އަބަދުވެސް އޭގެ ނާރެހުގެ ވަށައިގެން އެބުރެނީއެވެ.އަހަރެންގެ ލޯބީގެ ތަރި އެވެ. (ލޯބީގައި އަބަދުވެސް އަހަންނަށް ކުރިމަތިވަނީ ނާކަމިޔާބެވެ)

ބައެއް ފަހަރު، (އަހަރެންގެ ލޯބީގެ) ނަވަށް (ކުރިމަތިވާ ރާޅެއްގެ ސަބަބުން) ލޮޅުންއަރައެވެ. އަނެއްބައި ފަހަރު އަހަންނަށް އޮންނަނީ ސަލާމަތުގެ ބަދަރު ގެއްލި (ލޯބީގެ ނައު އެބަނދަރާ ހަމަޔަށް ނުގެންދެވި) ފައެވެ.
(އަހަރެންގެ ލޯބީގެ ތަރި) އަބަދުމެ (އޭގެ) ނާރެހުގެ ވަށައިގެން އެނބުރެނީއެވެ.
(ލޯބީގެ ހަޔާތުގައި ދިމާވާ މައްސަލަތައް ބަޔެއް ފަހަރު ހައްލު ކުރެވުނަސް، ލޯބީގައި އަހަންނަކަށް ކާމިޔާބެއް ނުލިބެއެވެ.)

އެކަކު ލޯބީގެ މިކުޅިގަނޑާއި ލޯބީގެ ބާޖުމެރުންތަކަށް (ވަރަށް ސަމާލުވެ) ބަލަން ހުރެއެވެ. (2)
(މިކުޅިގަނޑުގައި އެޅުނު) ކޮންމެ ފިޔަވަޅެއް އޭނާ ކާމިޔާބުކުރި އެވެ. ކޮންމެ ފިޔަވަޅެއްގައިމެ  އަހަންނަށް ކުރިމަތިވީ ނާކާމިޔާބެވެ.
އަބަދުމެ (އޭގެ) ނާރެހުގެ ވަށައިގެން (އަހަރެންގެ ލޯބީގެ ތަރި) އެނބުރެނީ އެވެ.
އަހަރެންގެ ލޯބީގެ ތަރި (ކާމިޔާބުގެ އައްސޭރިޔަށް ވާސިލުނުވެވި) އަބަދުމެ އޭގެ ނާރެހުގެ ވަށައިގެން އެނބުރެނީ އެވެ.

މި (ނާކާމިޔާބުގެ ސަބަބަކީ) އަހަރެންގެ  ބަދުނަސީބު ނޫންނަމަ ދެން އެކަމަށް އޮތް އެހެން ސަބަބަކީ ކޮބާހެއްޔެވެ؟ (3)
އަހަރެންގެ މިލްކަކަށް ވާން ނެތް ފަރާތަކަށް އަހަރެންގެ މުޅި ހަޔާތްދެވި ތަކުރީ ސުކުރެވުނީތީ އެވެ.
އަބަދުމެ (އޭގެ) ނާރެހުގެ ވަށައިގެން (އަހަރެންގެ ލޯބީގެ ތަރި) އެނބުރެނީއެވެ.
އަހަރެންގެ ލޯބީގެ ތަރި (ކާމިޔާބުގެ އައްސޭރިޔަށް ވާސިލުނުވެވި) އަބަދުމެ އޭގެ ނާރެހުގެ ވަށައިގެން އެނބުރެނީ އެވެ.

ހިތާމަތަކާ ކުރިމަތިލާންދިމާވުމުން، ލޯބީގެ އަވައިގައި، އޭގެ ތެރެއަށް ދީލާލައި ތަސްލީމު ކުރެވުނީތީ އެވެ. (2)
އާހް! ނަމަވެސް ދިރިހުރުމާއި ދުރަށް ދުވެދާ މީހަކަށް، މަރު ވެސް މަރުހަބާއެއް ނުކިޔައެވެ!
އަބަދުމެ  ނާރެހުގެ  ވަށައިގެން އެނބުރެނީއެވެ. އަހަރެންގެ  ލޯބީގެ ތަރި އެވެ.

ބައެއް ފަހަރު، (އަހަރެންގެ ލޯބީގެ) ނަވަށް (ކުރިމަތިވާ ރާޅެއްގެ ސަބަބުން) ލޮޅުންއަރައެވެ. އަނެއް ބައި ފަހަރު އަހަންނަށް އޮންނަނީ ސަލާމަތުގެ ބަނދަރު ގެއްލި (ލޯބީގެ ނައު އެ ބަނދަރާ ހަމަޔަށް ނުގެންދެވި) ފައެވެ.
އަބަދުމެ، (ކާމިޔާބުގެ އައްސޭރިޔަށް ވާސިލުނުވެވި، އަހަރެންގެ ލޯބީގެ ތަރި އޭގެ) ނާރެހުގެ ވަށައިގެން އެނބުރެނީ އެވެ.

——————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.