ތަރުޖަމާ: އަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
މި ލަވަޔަކީ ފިލްމް 'މޭރާ ނާމް ޖޯކަރު'ގެ 'ޖީނާ ޔަހާނ މަރްނާ ޔަހާނ' މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ފިލްމު މޭރާ ނާމް ޖޯކަރ އަކީ ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ އާއިލާ، އާދެ، 'ކަޕޫރ' އާއިލާގެ  ޕޭޓްރިއާކް ރާޖްކަޕޫރު އުފައްދައި ފިލްމުގެ ބަޠަލުގެ ބައި ކުޅެފައިވާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ ވާހަކަ ގުޅިފައި ވަނީ ރާޖްކަޕޫރުގެ އަމިއްލަ ހަޔާތާއެވެ. 1970 ގައި ނިކުތް ޖޯކަރު ގެ ބައެއް ހާދިސާތައް ބިނާވެފައި ވަނީ ރާޖުކަޕޫރުގެ އަމިއްލަ ހަޔާތުގެ އެކިއެކި މަރުހަލާތަކާއެވެ. އަދި ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން މަސައްކަތް ކުރެވިފައިވާ މެސެޖު، ހަޔާތަކީ ކޮބައިކަން ގުޅެނީ އޭނާގެ އަމިއްލަ ހަޔާތުގެ ފަލްސަފާއާ އެވެ.
 
މި މެސެޖު މި ލަވައިން ވަރަށް ސާފުކޮށް އެނގެއެވެ. އިންސާނާއަށް ހަމައެކަނި ދިރިހުރުމުގެ ފުރުޞަތު އޮތީ މި ދުނިޔޭގައެވެ. އިންސާނާގެ ސުވަރުގެއާ ނަރަކަ ވެސް އޮތީ ހަމަ މި ދުނިޔޭގައެވެ. އޭނާގެ ދިރިހުރުމަށް އުނިކަން ގެނެސްދެނީ ދަހުރެވެ. ޒަމާނެވެ. ރޭދުވާ ދައުރުވެ ތަކުރާރުވުމެވެ. މި ތަކުރާރުވުން އިންސާނާ އޭނާގެ ޙަޔާތުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ގެންގޮސްދެއެވެ. އުފަންވުމެވެ. ތުއްތު ދުވަސްވަރެވެ. ޅަފަތެވެ. ޒުވާން ޝަބާބުގެ ދުވަސްވަރެވެ. ދެން މުސްކުޅިވެ އަނަރޫފަވެ ހަޔާތުގެ ޚަރީފުމޫސުމެވެ. ދެންމަރުވެ މި ދުނިޔެއާއި ވަކިވެ ދިއުމެވެ. އާދެ! ދަހްރީންގެ ހަޔާތުގެ ފަލްސަފާއެވެ. އިންސާނާ، ޚާއްސަކޮށް، އޭނާގެ ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ އިރު ދުނިޔެއާ ވަކިވެ ހިނގައިދާނެކަމުގެ އިޙުސާސުކުރެވި ހަޔާތުގެ މާނައާ ދޭތެރޭ ސުއާލު އުފެދެއެވެ. އަދި ވަކީން ޚާއްސަކޮށް އުފަލާއި އަރާމުގައި ހަޔާތް ވޭތުކުރަމުންދާ ނަމަ މި ފަދަ އިހުސާސުތަކަކީ ދުނިޔަވީ ޙަޔާތުގެ އުފަލާއި މަޖަލަށް ކިލަނބުކަން ގެނެސްދޭ ކަމެކެވެ. އެހެންވެ، އެ ފަދަ ވަގުތުތަކުގައި ހިތަށް ތަސައްލީ ދީ އެންމެ ފަހު ވަގުތާ ޖެހޭންދެން ވެސް މަޖަލުގައި ވަގުތުތައް ހޭދަކޮށްލުމަށްޓަކައި ޙަޔާތުގެ މި ކަހަލަ ފަލްސަފާއެއް ގެންގުޅެން ޖެހެއެވެ.

ޝައްކެއް ނެތް ގޮތުގައި ދަހްރީންގެ މި ފަލްސަފާ މުއުމިނުންގެ ޙަޔާތުގެ ފަލްސަފާއާ ފުށުއަރައެވެ. މުއުމިނުން ދެކޭ ގޮތުގައި އާޚިރަތެއް، އެހެން ދުނިޔެއެއް އޮތްކަމީ އެ މީހުންގެ ދީނީ އިއުތިގާދުގެ ތެރެއިން ވާކަމެކެވެ. އަދި ބުއްދި ލާޒިމު ކުރާކަމެއް ވެސްމެއެވެ. އިންސާނުންގެ ޢަމަލުތައް ބެލެވި ހިސާބުކުރެވޭނެ ދުވަހެއް ނެތްކަމަށް ވަންޏާ އަޚުލާޤިއްޔާތުގެ މާނައެއް ނެތެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު އަދި ލަފަޔާއި ނުލަފާ މި ވާނީ ހަމަހަމަ ކަންކަމަށެވެ. ދަހުރީންގެ ވާހަކަ އަކީ ތެދު ވާހަކައަކަށް ވަންޏާ ދުނިޔެ އަކީ އެ މީހަކު ބޭނުން ގޮތަކަށް އުޅެ، ރަނގަޅަސް ނުރަނގަޅަސް، އެ މީހަކު ބޭނުން ކަމެއް ކުރަން އޮތް ތަނެކެވެ. މިއީ ހަމަ ހަގީގަތްކަމުގައި ވާނަމަ ހަޔާތުގެ އެއްވެސް މާނައެއް ނެތެވެ. މި ފަދަ ދިރިއުޅުމެއް ވާނީ ފިލްމުގައި ބުނެފައިވާފަދައިން ތާކުންތާކު ނުޖެހޭ ކަމަކަށެވެ. ‘ޖޯކަކަށެވެ.’ އިންސާނުން ވާނީ މާނައެއް ނެތް ބޭކާރު ދިރިއުޅުމެއް އުޅޭ ޖޯކަރުންނަށެވެ. ނަމަވެސް މުއުމިނުން ދެކެނީ ހަޔާތުގެ މަގުސަދެއް ވާކަމެވެ. އަދި އެ މީހަކު ކުރިކަމެއްގެ މަސްއޫލިއްޔަތު، އާޚިރަތުގައި، އެ މީހަކު އުފުލަން ޖެހޭނެ ކަމެވެ. ހަޔާތަކީ މާނައެއް އޮތް ކަމެކެވެ. އާޚިރުގައި ކާމިޔާބު ލިބުން އެދި މަސައްކަތް ކުރާން ލިބިފައޮތް ވަގުތެވެ.

މި ލަވަ އަޑުއައްސަވައިލައްވަން ބޭނުންފުޅު ނަމަ ތިރީގައި މިވާ ގުޅުމުގައި ކޮށްޓަވައިލައްވާށެވެ!

http://www.youtube.com/watch?v=19GVnfF-jpg

**************************

ދިރިއުޅެން ވެސް އޮތީ މި ތަނެވެ. މަރުވާން ވެސް އޮތީ މި ތަނެވެ. މިތަން ފިޔަވައި ދާން އޮތީ ދެން އެހެން ކޮން ތަނެއް ހެއްޔެވެ؟ (2)
ކަލާ އަހަންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!
އަހަރެން މި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.
އަހަރެންގެ ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.
މި ތަން ފިޔަވައި ދާން އޮތީ ދެން އެހެން ކޮން ތަނެއް ހެއްޔެވެ؟

މިއީ އަހަރެންގެ (ހަޔާތުގެ) ލަވަތަކެވެ. އަހަރެންގެ ހަޔާތުގެ މިޔުޒިކެވެ.
މާދަމާ މި ލަވަތައް ކިޔައި މި މިޔުޒިކު ކުޅޭނީ އެހެންމީހެކެވެ.(2)
(ދިރިއުޅުމަކީ ހަމަ އެއް ތަމްސީލެކެވެ. ހަމައެކަނި ބަދަލުވަނީ އެކްޓަރުންނެވެ.)
(އެ އާ) ޖޯކަރު އެހެން މޫނަކައިގެން އައުމުން ދުނިޔެ ހީނ މަޖާ ކޮށް ހަދާނެ އެވެ.
ސުވަރުގެ ވެސް ވަނީ މި ތާނގައެވެ. ނަރަކަ ވެސް ވަނީ މި ތާނގައެވެ.
މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟
ކަލާ އަހަންނަށް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!
އަހަރެން މިހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.
އަހަރެންގެ  ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.
މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

މާދަމާގެ (ދިރިއުޅުމުގެ) ކުޅިގަނޑު ކުޅޭން އަހަރެން ނުހުރެދާނެ އެވެ.
(އެހެންނަމަވެސް) ތަރިތައް އޭގެ ނާރެހުގައި އުޑުމަތީ ހިނގަހިނގައި އަބަދަށް ހުންނާނެ އެވެ. (2)
ކަލޭ ވެސް ހަނދާންނެތޭނެ އެވެ. އެ މީހުން ވެސް ހަނދާންނެތޭނެ އެވެ.
އެހެންނަމަވެސް އަހަރެން ކަލާގެ މިލްކެއްގެ ގޮތުގައި ދެމިހުންނާނަމެވެ.
އަހަރެންގެ ނިޝާންތައް –ހަނދާންތައް – މިތާ ދެމިހުންނާނެ އެވެ.
މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟
ކަލާ އަހަންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!
އަހަރެން މި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.
އަހަރެންގެ ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.
މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

މާދަމާގެ (ދިރިއުޅުމުގެ) ކުޅިގަނޑު ކުޅޭން އަހަރެން ނުހުރެދާނެ އެވެ.
ތަރިތައް އޭގެ ނާރެހުގައި އުޑުމަތީ ހިނގަހިނގައި އަބަދަށް ހުންނާނެ އެވެ. (2)
ކަލޭވެސް ހަނދާން ނެތޭނެ އެވެ . އެ މީހުން ވެސް ހަނދާންނެތޭނެ އެވެ.
އެހެންނަމަވެސް އަހަރެން ކަލާގެ މިލްކެއްގެ ގޮތުގައި ދެމި ހުންނާނަމެވެ.

—————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.