ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށް އުޅޭ ހުރިހާ ލަފުޒުތަކެއް އެއް ފޮތަކަށް ޖަމާކުރެވިދާނެއެވެ. މިގޮތުން  ބަހެއްގައި އެ ހިނދަކަށް ހުރި ހުރިހާ ލަފުޒުަކުގެ ޢަދަދު ކަޑައެޅިދާނެއެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު އެކަކަށްވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މިފަދަ ކިތަންމެ ސަބަބުތަކަކާހުރެއެވެ.

ބަހުގައި އެކުލެވޭ ޖުމުލައިގެ ޢަދަދު ކަނޑައަޅަން ނޭނގުނަސް ޖުމުލަ އުފެދޭ ގޮތާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތަކަކީ ކަނޑައެޅި ބަޔާންވެފައި އޮންނަ އެއްޗެކެވެ. އަދި ޖުމުލައެއް އެތުރިފައި އޮންނަ ގޮތުގެ އުޞޫލުތަކުގެ މައްޗަށް ވެސް ވާހަކަދެކެވިދާނެއެވެ. ޖުމުލައިގައި ލަފުޒުތައް އެތުރޭގޮތުގެމައްޗަށް ބަލައި ހޯދާ ޢިލްމަށް ބަހަވީޢިލްމުގަި ކިޔައި އުޅެނީ ސިންޓެކްސް އެވެ.

ދިވެހި ބަހުގެ ޤަވާޢިދު(1984) ގައި ބަޔާންކޮށްފައިވާ ގޮތުން ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އަތުރައިލެވިފައިވާ ބަސްތަކަކަށް ކިޔާނަމެކެވެ. ބޭރުގެ ބައެއް ބަސްވާރުން ބަޔާންކޮށްފައިވާ ގޮތުގައި ޖުމުލައަކީ މައިގަނޑެއް ނުވަތަ މައިގަނޑުތަކެއްގެ މައްޗަށް އެކުލެވިފައިވާ، ގަވާއިދުގެ ކުޑަ ބަޔަކަށް ކިޔާ ނަމެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޖުމުލައޭ މި ކިޔަނީ މާނަ ދޭހަވާގޮތަށް އަތުރައިލެވިފައިވާ ލަފުޒު ސެޓަކަށެވެ. މާނައެއް ދޭހަނުވާ ގޮތަކަށް އާދެ ފުރިހަމަ މާނައެއް ދޭހަނުވާގޮތަށް އަތުރައިލެވިފައިވާ ލަފުޒު ސެޓަކީ ޖުމުލައަކަށް ނުވެއެވެ. ޖުމުލައިން ވެސް މާނައެއް ދޭހަވާނީ މާނައެއް ދޭހަވާ ލަފުޒުތަކެއް ހިމަނައިގެންނެވެ. އޮއްޓަރުގެ ލަފުޒުތަކުގެ މަސައްކަތަށް އެހީތެރިވެދޭ މަސައްކަތު ލަފުތަކަކުން އެކަނި މާނައެއް ދޭހައެއް ނުކުރެވޭނެއެވެ.

އޮއްޓަރުގެ ލަފުޒުތަކަކީ އެލަފުޒެއްގެ ބޭރުފުށުން މާނައެއް ފެންނަން އޮންނަ ލަފުޒުތައް ކަމަށް، މަޝްހޫރު ބަސްވާރެއް ކަމުގައިވާ އެޑްވަޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވެއެވެ. ބަހުގައި ހުންނަ ދެ ވައްތަރުގެ ލަފުޒުތަކުގެ ތެރެއިން ދެން ހުންނަ ބާވަތަކީ މަސައްކަތުގެ ލަފުޒު ނުވަތަ އެހީތެރިވެދޭ ލަފުޒުތަކެވެ. މިބާވަތުގެ ލަފުޒުތަކަކީ އެ ލަފުޒެއް އެކަނި އޮންނައިރު މާނައއް ދޭހަނުވާ އެކަމަކު އޮއްޓަރުގެ ލަފުޒުތަކާގުޅިގެން ޖުމުލައެއްގައި އައުމުން (އެ ޖުމުލައަކުން) ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. މިސާލަކަށް: އާއި، އެވެ. ވުރެ، އަށް މިފަދަ ލަފުޒުތަކެވެ. ދިވެހިބަހުގެ ގަވާއިދުގައި މިބާވަތުގެ ލަފުޒުތަކަށް ކިޔަނީ އަކުރުކަން ތިޔަ ބޭފުޅުން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާނެއެވެ.)

1. ޖުމުލައިގެ ބާވަތްތައް:

ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ދެގޮތަކަށް ބަލައިލާންޖެހެއެވެ. އެއީ ޖުމުލައިގެ ބޭނުމާއި މަޤްޞަދަށް ބަލައިގެން ޖުމުލައިގެ ބާވަތް ކަނޑައެޅުމާއ ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ކަނޑައެޅުމެވެ.

1.1ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ޖުމުލައިގެ ބާވަތްތައް:
ދިވެހިބަހުގެ ޤަވާޢިދު(1984) ގައި ވާގޮތުން ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ޖުމުލަ ބެހެނީ ދެ ބަޔަކަށެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައެވެ. ނަމަވެސް ދުނިޔޭގެ މަޝްހޫރު ބަސްވާރެއް ކަމުގައިވާ އެޑްވަޑް ފިނެގަން (999) ބަޔާންކުރައްވާ ގޮތުގައި ޖުމުލަ ރޭވިފައިވާ އޮނިގަނޑަށް ބަލާއިރު ތިން ބާވަތެއްގެ ޖުމުލަ ހުރެއެވެ. އެއީ (ހ) ސާދާ ޖުމުލައާއި (ށ) އެކުވި ޖުމުލައާއި (ނ) ކޯނި ޖުމުލައެވެ. މި ގޮތުން ބަލާއިރު ދިވެހި ބަހުގައިވެސް މި ތިން ބާވަތް ފެންނަން އެބަހުއްޓެވެ. ނަމަވެސް ދިވެހި ބަހުގެ ޤަވާޢިދުގައި މިހާތަނަށް ބަލަމުން އައިސްފައިވަނީ އެކުވިޖުމުލައާއި ކޯނި ޖުމުލައަކީ އެއް ބާވަތެއް ކަމުގައެވެ. އެހެން ނަމަވެސް މި ދެ ވައްތަރުގައި ތަފާތުތަކެއް ހުރުމާއެކު ދިވެހި ބަހުގައިވެސް މި ދެ ބާވަތް ވަކިކުރުން މުހިއްމުކަމުގައި ދަންނަވަންޖެހެއެވެ.

(ހ ) ސާދާ ޖުމުލަ:
ސާދާ ޖުމުލައަކީ އިސް ބަޔަކާއި ޚަބަރެއްގެ މައްޗަށް އެކުލެވިފައިވާ ޖުމުލައެވެ. ނުވަތަ ކަންކުރާ އަކާއި ކަމެއް އެކުލެވޭ ޖުމުލައެވެ. މިވައްތަރުގެ ޖުމުލަ ބިނާވެފައި އޮންނާނީއެންމެ މައިގަނޑެއްގެ މައްޗަށެވެ. މިސާލު: (1) މިއީ މަދަރުސާއެކެވެ. (2) ޢަލީ ނިދަނީއެވެ.

އިނގިރޭސި ބަހުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހި ބަހުގައި ކަމެއް ނެތި ހަމައެކަނި ނަމުގެ ޖުމުލަ ހުއްޓަސް އިނގިރޭސި ބަހުގެ ކޮންމެ ޖުމުލައެއްގައި ކަމެއް އޮންނާނެއެވެ. މިދެންެވި ބޭބޭފުޅުންނަށް ނުހަނު އިޙުތިރާމްކުރުމާއެކު ނުހަނު މައާފަށް އެދެމުން، އަޅުގަނޑު ދަންނަވަން ޖެހެނީ އިނގިރޭސި ބަހުގައި ވެސް ކޮންމެ ޖުމުލައެއްގައި ކަމެއްނޯންނަވާހަކައެވެ. މިސާލަކަށް: ލޮޮހްސ އ ސި ސިހޓ މި ޖުމުލައިގައި އޮތް ކަމަކީ ކޮބައިތޯއެވެ? ތިޔަ ވިދާޅުވާއެއްޗެއް އަޅުގަޑަށް އެބަ ވިސްނެއެވެ. ތިޔަ ވިދާޅުވަނީ ސި  އެއީ ކަމެއް ނުވަތަ ވަރބް ޓު ބީ އެއް ކަމުގައި ނޫންތޯއެވެ? އަޅުގަނޑު ވެސް އެއް ބަހެވެ. ނަމަވެސް ސި އެއީ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ސަބަބަކީ، ކަމަކީ އެ ލަފުޒަކުން ކޮންމެވެސް ޢަމަލެއް ދޭހަވާ ލަފުޒުތަކެވެ. މި ލަފުޒުން ދޭހަވަނީ ކޮން ޢަމަލެއް ތޯއެވެ? މަތީގައި އެވާ އިނގިރޭސި ޖުމުލައިގައި އެ އޮތް  އަދާކޮށްދޭ ވާޖިބު އަންނަނިވި ޖުމުލައިގައި އެއޮތް އީ މި އަކުރުންވެސް އަދާކޮށްދެއެވެ. މިއީ މަދަރުސާއެކެވެ.  އެހެންވީމާ ސާދާ ޖުމުލަ ބަޔާންކުރުމުގައި ކޮންމެހެން ކަމެއްގެ ވާހަކަ ދައްކާކަށް ނުޖެހެއެވެ. އިސް ބަޔަކާ ޚަބަރެއްގެ މައްޗަށްއެކުލެވޭ (އެއްމައިގަނޑު ހިމެނޭ) ކޮންމެ ޖުމުލައަކީ ސާދާޖުމުލައެކެވެ.

(ށ) އެކުވި ޖުމުލަ:
އެކުވި ޖުމުލައަކީ (ކަމްޕައުންޑް ސެންޓެންސް އަކީ) އެ ޖުމުލައެއްގައި ދެ މައިގަނޑެއް އެކުލެވިފައިވާ ޖުމުލައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެ ޖުމުލައަކުން ވަކި ދެ ޖުމުލަ ހެދިދާނެ ޖުމުލައެވެ. ދިވެހި ބަހުގައި މިފަދަ ޖުމުލަތައް އުފައްދައިފައި ހުންނަނީ ނަމަވެސް، އިރު، ގޮތުން ފަދަ ކޮންމެވެސް ގުޅުވާއަކުރަކުން ސާދާ ޖުމުލައިގެ ދެ ޖުމުލައެއް ގުޅުވައިގެންނެވެ. މިސާލަކަށް: (1) އޭނާ އެހެން ބުނި ނަމަވެސްް މުޙައްމަދު އެކަން ޤަބޫލެއް ނުކުރެއެވެ. (2) އެމީހުން އައިއިރު ހަސީނާ އޮތީ ނިދައިފައެވެ. (3) އޭނާ އެކަން ކުރި ގޮތުން އަހަރެން ލަދުން މަރުވާވަރުވިއެވެ.

އެކުވި ޖުމުލައިގައި އޮންނަ ދެ ބުނުން ވަކި ކޮށްލިޔަސް ކޮންމެ ބުނުމަކުންވެސް ވަކި މާނައެއް ދޭހަވާނެއެވެ. ވަކި މުސްތަޤިއްލު ދެ ޖުމުލަ އުފެއްދޭނެއެވެ.  މިސާލަކަށް  1.1 ގެ (ށ) ގެ 3 ވަނަ ޖުމުލައަށް ބަލައިލަމާތޯއެވެ? އޭނާ އެކަން ކުރި ގޮތުން އަހަރެން ލަދުން މަރުވާވަރުވިއެވެ. މި ޖުމުލައަށެވެ. މި ޖުމުލައިގައި ހިމެނޭ ގުޅުވާ އަކުރު (ގޮތުން) އެ ޖުމުލައިން އުނިކޮށްލައިފިނަމަ ވަކި ދެޖުމުލައެއް އެބަ އުފެއްދެއެވެ. އޭނާ އެކަން ކުރި  އާއި އަހަރެން ލަދުން މަރުވާވަރުވި އެވެ. މި ދެޖުމުލައެވެ. މި ދެ ބުނުމުންވެސް ފުރިހަމަ މާނަ ދޭހަވެއެވެ. އެހެންވީމާ އެކުވި ޖުމުލައަކީ ސާދާޖުމުލައިގެ ދެ ޖުމުލަ ގުޅުވާ އަކުރަކުން ގުޅުވާލައިގެން އުފައްދާ ޖުމުލައެވެ.

(ނ) ކޯނި ޖުމުލަ:
ކޯނި ޖުމުލައަކީ މައިގަނޑު ބުނުމެއް އޮތުމާއެކު އެ ބުނުމަށް ބާރުދޭ އެހެން ބުނުމެއް ނުވަތަ ބުނުްތަކެއްގެ މައްޗަށް އެކުލެވޭ ޖުމުލައެވެ. މިފަދަ މައިގަނޑުތައް ވާނީ އެއް މައިގަނޑު އަނެއް މައިގަނޑަށް ބަރޯސާ ކުރާ އަދި ގުޅިލައިމެހިފައިވާ މައިގަނޑުތަކެއް ކަމުގައެވެ. މިސާލަކަށް: ޚަލީލާ އައިހާ އަވަހަކަށް އެކަންކުރާނަމެވެ. މި ޖުމުލައިގައި މައިގަނޑު ދެ ބުނުމެއް (ދެ މައިގަނޑެއް) ވެއެވެ. އެއް މައިގަނޑަކީ ޚަލީލާ އައިހާ އަވަހަކަށް މިއެވެ. އަނެއް މައިގަނޑަކީ އަހަރެން އެކަން ކުރާނަމެވެ. މި ޖުމުލައިގެ މައިގަނޑު ބުނުމަކީ އަހަރެން އެކަންކުރާނަމެވެ. މިއީއެވެ. މި ބުނުމުން މާނައެއް ދޭހަވެއެވެ. ދެން އޮތް، ކަލީލާ އައިހާ އައިހާ އަވަހަކަށް މިއީ ޖުމުލައިގެ މައިގަނޑު ބުނުމަށް ނުވަތަ އަސާސީ މައިގަނޑަށް ބާރުދޭ މައިގަނޑެކެވެ. ބުނުމެކެވެ.  މި ބުނުން ވަނީ އަނެއް ބުނުމަށް ބަރޯސާވެގެންނެވެ. އެހެންވީމާ ޖުމުލައިގެ މައިގަނޑު ބުނުން ނެތި މި ބުނުން އެކަނި އޮވެގެން މާނައެއްވެސް ދޭހައެއް ނުވާނެއެވެ. މިއީ ޖުމުލައިގައިވާ އަނެއް ޖުމުލައަށް ބާރުދޭ ގޮތެއްގައި އެ ބުނުމުގެ މައްޗަށް ބަރޯސާވެފައިވާ ބުނުމެކެވެ. އެހެންވީމާ އެކުވި ޖުމުލައާއި ކޯނި ޖުމުލައަކީ ތަފާތު ދެބާވަތެއްކަން ވަރަށް ރަނގަޅަށް އެބަ ހާމަވެއެވެ.

2.1  ޖުމުލައިގެ މަޤްޞަދަށް މައްޗަށް ބަލައިގެން ޖުމުލައިގެ ބާވަތްތައް:
ބަސްވާރުން ވިދާޅުވާ ގޮތުގައި ޖުމުލައިގެ ބޭނުމަށް ބަލައިގެން ގެ ބާވަތް ކަނޑައަޅާނަމަ 4 ބާވަތެއްގެ ޖުމުލަ ބަހުގައި ހުރެއެވެ. އެއީ (1) ޤަރާރުގެ ނުވަތަ ބަޔާނުގެ ޖުމުލަ، (2) ސުވާލުގެ ޖުމުލަ، (3) އަންތަރީހުގެ ނުވަތަ އިސްތިޙުސާނުގެ ޖުމުލަ (4) އަމުރުގެ ޖުމުލަ، މި 4 ބާވަތެވެ. ދިވެހިބަހާއ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިއުކުރައްވައިފައިވާ ދިވެހިބަހުގެ ގަވާއިދު (1984) ގައި ޖުމުލައިގެ ބާވަތްތައް ބަޔާންކުރައްވައިފައިވަނީ އަންތަރީހުގެ ޖުމުލަ ނުހިމަނުއްވައެވެ. ނަމަވެސް ޙައިރާން މާކު ޖަހަންޖެހޭ ތަންތަން ބަޔާންކުރުމުގައި ދެއްވައިފައިވާ މިސާލުތަކުން ފެންނަނީ އަންތަރީހުގެ ޖުމުލައެވެ.

(ހ )ބަޔާނުގެ ޖުމުލަ:
ބަޔާނުގެ ޖުމުލައަކީ ކަމެއް އޮތްގޮތް ބަޔާންކުރުމަށްޓަކައި ނުވަތަ ތަނާއި ވަގުތާއި ޒަމާނާއި މީހަކާއި ނުވަތަ ކަމަކާމެދު އެއްޗެއް އަންގައިދިނުމަށް ބުނާ ބުނުމެކެވެ. ނުވަތަ ކަނޑައަޅާ ކަނޑައެޅުމެކެވެ.
މިސާލު: ކޮކާކޯލާއަކީ ޞިއްޙަތަށް ފައިދާ ހުރިއެއްޗެއް ނޫނެވެ.

(ށ)ސުވާލުގެ ޖުމުލަ:
ސުވާލުގެ ޖުމުލައަކީ ކަމެއް އޮޅުންފިލުވުމުގެ ގޮތުން ޖަވާބު ބޭނުންވެގެން އަހާ އެހުމެކެވެ.
މިސާލު: ކޮލެޖްގެ 3 ވަނަ ސެމެސްޓަރ ފެށޭނީ ކޮން ތާރީޚެއް ގައިހެއްޔެވެ؟

(ނ)އަންތަރީހުގެ ޖުމުލަ:
އަންތަރީހުގެ ޖުމުލައަކީ ޙައިރާންކަމާއި އިސްތިޙުސާންގެ ޝުޢޫރުތައަް ހާމަކޮށްދޭ ޖުމުލައެވެ. މި ވައްތަރުގެ ޖުމުލަ ބަޔާނުގެ ޖުމުލައަށް ވުރެ ބާރުގަދަވާނެއެވެ.
މިސާލު: ފަތިކުގެ ފިނިކަމަކީ ހާދަހާވާ އަރާމު ފިނިކަމެކެވެ.

(ރ) އަމުރުގެ ޖުމުލަ:
އަމުރުގެ ޖުމުލައަކީ ކަމެއް ކުރުމަށް ނުވަތަ  ނުކުރުމަށް އެންގުމަށްޓަކައި ބުނާ ބުނުމެކެވެ.
މިސާލު: ހަމަ މިހާރުމިތަނުން ތެދުވާށެވެ!

2. ޖުމުލައިގެ ބައިތައް:

ޖުމުލައަކީ އަޅުގަނޑުމެން އެންމެން އެއްބަސްވާ ފަދައިން މާނަ ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒުސެޓެކެވެ. މިއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެކެވެ. މިކަން އެނގުނު ނަމަވެސް ޖުމުލައެއްގައި ހިމެނޭ ލަފުޒުތައް ވަކިކޮށް އެ ޖުމުލައެއްގައި އެ ލަފުޒު އަދާކުރާ ދައުރު ދެނެގަތުމަކީ މާ ފަސޭހަކަމެއް ނޫނެވެ. ދިވެހި ބަހުގެ ޖުމުލަތައް ބައިބަޔަށް ބަހައިލުމުން މައިގަނޑު 8 ބާވަތެއް ފާހަގަކުރެވެއެވެ. އެއީ (1) ނަން (2) ކަން (3) ނަންއިތުރު (4) ކަންއިތުރު (5) ނަންއިތުރުގެ ނަން (6) މަސްދަރު (7) އިތުރު (8) އަކުރު މި ބައިތަކެވެ. މިއިނޤް ކޮންމެ ބަޔަކީ ބަހަވީ ޢިލްމުން ބަލާއިރު ކޮންސްޓިޓުއަންޓެކެވެ. ކޮންސްޓިޓުއަންޓަކީ ޖުމުލައެއްގައި އެކުލެވޭ އެންމެ ކުޑަ ޔުނިޓެވެ.

 

ޖުމުލައެއްގައި އެކުލެވޭ ކޮންސްޓިޓުއަންޓްސް (ލަފުޒުތައް) އެ ޖުމުލައިގައި އަދާކުރާ ދައުރު ދެނެގަނެވޭނީ ދިރާސާއެއް ހަދައިގެންނެވެ. މިފަދަ ދިރާސާއަށް ކިޔަނީ ކޮންސްޓިޓުއންޓް އޮނިގަނޑުގެ ދިރާސާ ނުވަތަ ކޮންސްޓިޓުއަންޓްސް ސްޓްރަކްޗަރަލް އެނޭލިސިސް އެވެ. ނުވަތަ ޓްރީ އެނޭލިސިސްއެވެ. މި ފަދަ އެނޭލިސިސް އެއް ނުވަތަ ދިރާސާއެއް ހެދުމުން ޖުމުލައިގައި ހިމެނޭ އެކި ބައިތަކުގެ މެދުގައިވާ ގުޅުން ވަރަށް ރީތިކޮށް ދައްކުވައިދެއެވެ. މި މަައްކަތަށް ބަހަވީ ޢިލްމުގައި ކިޔައިއުޅެނީ ަރސިންގ އެވެ. އެހެންވީމާ ޕާރސިންގ އަކީ ޖުމުލައެއްގައިވާ މައިގަނޑު މައިތަކުގެ މައްޗަށް ޖުމުލަ ބަހައިލައި ބަހުގެ ޤަވާޢިދާއި ހަމަތަކުގެ މަތީން ބަޔާންކޮށް ބުނެދިނުމެވެ.

ޖުމުލައެއް ގަވައިދުގެ ބައިތަކަށް ބަހައިލައި އެނޭލިސިސްއެއް ހެދުމުން ޖުމުލައިގެ ވަކިވަކި ބައިތައް ފާޅުވެއެވެ. އަދި ކޮންސްޓިޓުއަންޓްސްތަކާއި އެކަހެރި ލަފުޒުތަކުގެ ގަވާޢިދުވެސް ފައުޅުވެއެވެ. އަދި ކޮންމެ ލަފުޒެއްގެ މަސައްކަތްވެސް ވަރަށް ސާފުކޮށް ހާމަވެއެވެ. މި ފަދަ އެނޭލިސިސް އެއް ހެދުމަށް ބޭނުން ކޮށްއުޅޭ އެންމެ ޢާއްމު އެއް ގޮތަކީ ގަސްހޫލައިގެ ބޭނުން ހިފުމެވެ.

3. ގަސްހޫލަ:

ގަސްހޫލައަކީ އެއްޗެއްގެ ތަފްޞީލީ ބައިތައް ބެހިފައިވާ ގޮތް ދައްކައިދޭ ކުރެހުމެކެވެ. މިފަދަ ކުރެހުމެއްގައި މައިގަނޑަކުން ދެކަތްޕަށް ނުވަތަ އެޔަށްވުރެ ގިނަ ކަތްޕަށް ކަފިވެފައިވާތަން ދައްކުވައިދޭނެއެވެ. މިއިން ކޮންމެ ކަތްޕެއް އިތުރު ދެކަތްޕަށް ނުވަތަ ގިނަ ކަފިކަތްޕަށް ބެހިފައިވާތަން ދައްކުވައިދޭނެއެވެ. ގަސްހޫލައަކީ ހަމައެކަނި ބަހަވީ ޢިލްމުގައި ބޭނުންކުާއެއްޗެއް ނޫނެވެ. ކީމިޔާޢިލްމާއި އިޖްތިމާޢީ ޢިލްމާއި ހިސާބު ޢިލްމުފަ ތަފާޓު އެތައް މާއްދާއެއްގައި ގަސްހޫލައިގެ ބޭނުން ހިފިދާނެއެވެ. އެހެންނަމަވެސް މި ލިޔުމަކީ ބަހާ ބެހޭ ލިޔުމެއްކަމަށް ވާތީ އަޅުގަނޑުގެ މި ލިޔުމުގައި ކުރު ގޮތަކަށް ބަލައިލާނީ ބަހަވީ ޢިލްމުގައި ގަސްހޫލަ އަދާކުރާ ދައުރުގެމައްޗަށެވެ.

 1.3ބަހަވީ ޢިލްމުގައި ގަސްހޫލަ:
ބަހަވީ ޢިލްމުގައި ގަސްހޫލައަށް ވަރަށް ގިނަ ނަންނަން ކިޔައިފައިހުރެއެވެ. މިސާލަކަށް ނިޒާމީ ހޫލަ(ސިސްޓެމެޓިކް ޑައިގްރަމް) ، ދަރަޖަ ގަސް(ހައިރާކީ ޓްރީ)، ޓްރީ އެނޭލިސިްސް، އެނެލެޓިކަލް ޓްރީ، ަރސް ޓްރީ، ކޮންކްރީޓް ސިންޓެކްސް ޓްރީ އަކީ މި ދެންނެވިފަދަ ބައެއް ނަންނަމެވެ.
ކޮންމެއަކަސް ބަހަވީ ޢިލްމުގައި ގަސްހޫލައަކީ ބަހެއްގައި ޖުމުލަ އަދާކޮށްދޭ ދައުރާއި ޖުމުލައިގައި ލަފުޒުތައް ައަދާކުރާ ވަޒީފާއާ ބެހޭ ގޮތުން ދިރާސާކޮށް އެނަލައިޒްކުރުމަށްޓަކައި ބޭނުންކުރާ ކުރެހުމެކެވެ. މިކުރެހުމުން ޖުމުލަ ރޭވިފައިވާ ގަވާއިދުގެ (ސިންޓެކްސްގެ) އެކި ބައިތަކުގެ މައުލޫމާތު ހާމަކޮށްދޭނެއެވެ. އާއްމު ގޮތެއްގައި ގަސްހޫލައިން ދައްކައިދެނީ ޤަވާއިދުގެ 3 ބާވަތެއްގެ މައުލޫމާތެވެ. އެއީ:

(ހ) ޖުމުލައިގައި ލަފުޒުތައް އެތުރިފައިވާ ތަރުތީބު
(ށ) ޖުމުލައިގައި ގަވާއިދުގެ ބައިތައް ތަރުތީބުވެފައިވާ ގޮތް
(ނ) ގަވާއިދުގެ ބައިތަކަށް ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތް. މި ތިން ބައެވެ.

މި ބައިތައް ގަސްހޫލައިން (ކުރެހުމުން) ދެއްކުމުގެ ޤާބިލުކަން ކޮންމެ ބަހަކަށް ވެސް ލިބިގެންވެއެވެ. އެހެނީ ކޮންމެ ބަހެއްގައި ވެސް ލަފުޒާއި ޖުމުލައިގެ މައިގަނޑުތަކާއި (ފްރޭޒް) ޖުމުލަވެސް ހުރެއެވެ. އަދި ކޮންމެ ބަހެއްގައިވެސް ގަވާއިދެއްވެއެވެ.

މަޢާފުކުރެއްވުން އެދެމެވެ. ގަސްހޫލައަކީ ކޮބައިކަމާއި ގަސްހޫލައިގެ ތަފުޞީލުތައް ގެނައުމަކީ މި މަޒުމޫނުގައި އަޅުގަނޑުގެ މަޤްޞަދެއް ނޫނެވެ. އަޅުގަނޑު މި، މަސައްކަތްކުރީ ޖުމުލައިގެ ބާވަތަށް ބަލާއިރު ސާދާ ޖުމުލައާއި އެކުވި ޖުމުލައާއި ކޯނި ޖުމުލަ ދިވެހި ބަހުގައިވެސް ހުންނަކަން ފާހަގަކޮށް ހާމަކުރެވޭތޯއެވެ. އަދި ޖުމުލައިގެ މަޤްޞަދަށް ބަލާއިރު ބަޔާނުގެ ޖުމުލައާއި ސުވާލުގެ ޖުމުލައާއި އަންތަރީހުގެ ޖުމުލައާއި އަމުރުގެ ޖުމުލައާއި މި 4 ބާވަތް ހިމެނޭކަން ހާމަކުރެވޭތޯއެވެ. އަދި ޖުމުލައިގެއި ހިމެނޭ ކޮންމެ ބަޔަކީ ކޮންސްޓިޓުއެންޓެއްކަމާއި ޖުމުލަ އެތުރިފައިވާ ގޮތްބަލައި ދިރާސާ ކުރެވޭނީ ޖުމުލައިގެ އޮނިގަނޑު ދިރާސާކޮށްގެންކަމަށް ދަންނަވައިލުމަށެވެ. މިފަދަ ދިރާސާތައް ކުރާނެ ކިތަންމެ ގޮތެއް ހުންނަކަމާއި މިކަމަށް އެންމެ ޢާއްމުކޮށް ބޭނުންކުރާ އެއް ވައްތަރަކީ ގަސްހޫލަ ކުރަހައިގެން ޖުމުލައިގެ އެންމެ ކުދިކުދި ތަފްޞީލުތަކަށް ބަލައިލުން ކަމަށް ވެސް ފާހަގަކުރުމެވެ.

——————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. سمير

    ވަރަށް ކިޔާހިތުން ކިޔާލައިފީމެވެ. އަރަބި ބަހުގެ ބަސްފޮތް މުޢުޖިޒާތަކަށް ނުވެ، ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވީ ވެސް ލަފުޒު އަތުރާލެވުމެގެ ބަލާޣަތްތެރިކަމުންނެވެ. ދިވެހި ރަދީފަށްވުރެ ދިވެހި ވާހަކަ ގިނައިން ވިކެނީވެސް ލަފުޒުތައް އަތުރާލެވޭ ތަރުތީބަކުން އުފެދޭ ފޮނިކަމެއްގެ ސަބަބުންނެވެ. އިނގިރޭސި ޑިކްޝަނަރީއަށްވުރެ ގިނައިން މޮޅެތި އަދީބުންގެ ފޮތްތަށް ގަނެވޭސަބަބަކީވެސް ހަމަ އެއްކަލަ ބަސްފޮތުގައި ހުރި ބަސްތައް ކުޅަދާނަ ލިޔުންތެރިން އަތުރައިލާ އަތުރާލުމެއްގެ ހުނަރުވެރިކަމުންނެވެ.
    އަދި އެންމެ އަސަރުގަދައީ މާމަމެން، މަންމަމެން ނާނާ ކިޔައިދިން މާދަރީ ބަހުގައެވެ. ވީމާ އަޅުގަނޑުމެނަށް ލިބުނު އުފާ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެމާތޯއެވެ!

    (6)(0)