ވާދޫ ގައްދަނޑު މަނިކުފާނު

ޢަބުދުﷲ ޙިލްމީ
ކޮނޑޭ މޫސާ މަނިކުފާނާއި، އޭނާގެދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނުގެ ރަށަކަށް ވާނީ ކޮން ރަށެއްތޯ ބެއްލެވުމަށް "ރަށް ސާބިތުކުރާ ފޯމު" ހުށަހެޅުއްވުމުގެ ކަންތަކާ އަޅުގަނޑުމެންގެ ގާތް ބޭފުޅަކު އުޅުއްވަނިކޮށް އަނެއްކާ އަޅުގަނޑުމެންގެ ގާތް އެހެން ބޭފުޅަކު ވެސް އެފަދަ ފޯމެއްގެ ކަންތަކާ އުޅުއްވާކަމަށް ވެއްޖެ އެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މި ބޭފުޅެއްގެ ފޯމުގައި ވާދޫ ދަންނަ ކަލޭގެފާނާއި، ވާދޫ އަބޫބަކުރު ފަނޑިޔާރުތަކުރުފާނާއި، މީދޫ ޙަސަން ނާއިބާއި، ފޮނަދޫ ޚަޠީބު ތަކުރުފާނާއި، ފިޔޯރީ މާރާދަ ކަލޭގެފާނާއި، މުލަކު މުޙައްމަދު މަނިކުފާނާއި، ވާދޫ ގައްދަނޑު މަނިކުފާނާއި، ހިތަދޫ ޙަސަން މަނިކުފާނާއި، އިސްދޫ އިބްރާހިމް ޝާހު ބަންދަރާއި، މީދޫ ޔޫސުފް ނާއިބު ތަކުރުފާނާއި، މި ކަހަލަ ބޭފުޅުންކޮޅެއްގެ ނަންފުޅު ވެސް އޮތްކަމަށް ވެއެވެ. ރަށް ސާބިތުކުރުމާ ބެހޭ މި ކަހަލަ ކަމެއް ހިނގާނަމަ ފިޔޯރީ ދޮންދީދީ، ފިޔޯރީ ތުއްތީދީ، ސިންގަޕޫރު މަނިކުފާނު، ކާބުލް ޙަސަން ކަލޭގެފާނު، ގައްދޫ ޢަލިކަލޭގެފާނު، ފަދަ ބައެއް ބޭފުޅުންގެ ރަށަކަށް ވާނީ ކޮން ރަށެއްތޯ ބައްލަވަން ބޭނުންފުޅުވާނޭ ބޭފުޅަކު ހުންނެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މީހެއްގެ ރަށަކީ މިވެނި ރަށެކޭ، މީހެއްގެ ރަށަކީ މިވެނި ރަށެއް ނޫނޭ، ބުނާ ބުނުމާއި އަދި އެބުނާ ބުނުން ޤަބޫލުކުރުމާއި ނުކުރުމުގައި އެއް ގޮތްކަމެއް ނުފެނި ތަފާތު ބޮޑުވެގެންދާ ސަބަބަކީ މީހެއްގެ ރަށަކީ ކޮބައިކަމާ މެދު ޤަބޫލުކުރަންޖެހޭ މިންގަނޑަކީ ކޮބައިކަން އެނގެންނެތުމުން ކަމަށް ވެދާނެއެވެ. އަދި މި ކަމުގައި އެކި މީހުން އެކި މިންގަނޑުތަކުން ބަލާތީކަމަށް ވެސް ވެދާނެ އެވެ. އެ މީހެއްގެ ރަށަކަށް ވާނީ އެ މީހަކު އުފަންވި ރަށެއްތޯ، ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރި ރަށެއްތޯ، މަރުވިއިރު ހުރި ރަށެއްތޯ، މަރުވެ ވަޅުލެވުނު ރަށެއްތޯ، ނުވަތަ އެމީހަކާ އެމީހެއްގެ މަންމައާއި ބައްޕައާއި މާމައާއި މާފަ (މަންގެބައްޕަ) އާއި މުންނަ (ބައްޕަގެމަންމަ) އާއި ކާފައާއި މީގެ ތެރެއިން ގިނަ މީހުން ނިސްބަތްވާ ރަށެއްތޯ މި ކަން ނިންމާނެގޮތެއް ވެސް ނޭނގޭތީ އެވެ.

މި ކަހަލަ ކަމަކާ ގާތް ބޭފުޅުންކޮޅެއް އުޅުއްވާއިރު އަޅުގަނޑުމެންނަށް ވީވަރަކުން އެ ބޭފުޅުންނަށް މަޢުލޫމާތުގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ރަނގަޅުކަމަކަށް ވާނެއެވެ. “ފޯމު”ގެ މަސައްކަތް ހަލުވިވާނީ ވެސް އޭރުންނެވެ. އަޅުގަނޑުމެންނަށް ލިބިހުރި މަޢުލޫމާތުގެ ކޮށިކަމެއްހުރުން އެއީ މުޅިން އެހެންކަމެކެވެ. އެބޭފުޅުން އެކަމަށް ވިސްނަވާނެ އެވެ.

ވާދޫ ގައްދަނޑު މަނިކުފާނަކީ ފުވައްމުލަކު އެދުރުއެދުރުންގެ ކިބައިން ޢިލްމު އުނގެނިވަޑައިގަތުމަށް ފަހު ހުވަދޫ ވާދުވަށް ވަޑައިގެން މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ ޢިލްމީދަންމަރުގެ އަލިކަން ފަނޑުވިޔަނުދެއްވައި ހިފެހެއްޓެވި ޢިލްމުވެރި ވިސްނުންފުޅު ތޫނު ޢިލްމުވެރިޔާ އެވެ. ކުދީންނަށް ޢިލްމު އުނގަންނައިދެއްވުމުގެ އިތުރަށް ބޮޑެތި މީހުންނަށް ވެސް ޢިލްމީ މައިދާން އިތުރަށް ފުޅާކޮށްދެއްވި އެވެ. އެ ދުވަސްވަރުގެ ރަސްކަމުގެފަރާތުން ގައްދަނޑު މަނިކުފާނާއި ވާދޫގެވެރިކަން މަތިކުރެއްވި ފަހުން ވެސް ތަޢުލީމީ ޚިދުމަތުގައި އޭނާ އުޅުއްވިކަމަށް ހުވަދޫ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ލިޔުއްވުންތަކާއި ހުވަދޫގެ ޚާއްޞަކޮށް ވާދޫގެ ހަރުދަނާ މުސްކުޅިންގެ ފަރާތުން ކުރިއްސުރެ އެނގެއެވެ. ގައްދަނޑު މަނިކުފާނަކީ ވާދޫގެ ތާރީޚުގައި އެ ރަށު އެންމެން ބޯލެނބި އެންމެން އިޙުތިރާމްކުރި ހަމައެކަނި އެރަށުގެވެރިޔާ ކަން ވެސް ފާހަގަކުރެވެއެވެ. “ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލެއްވި” މަޝްހޫރު ޢިލްމުވެރިޔާ ވާދޫ ގައްދަނޑު މަނިކުފާނަކީ އޭނާގެ ދުވަސްވަރު މާލޭގެ ރަސްކަމުގައި ތިއްބެވި ރަސްކަލުންނާއި ރަސްކަމުގެ ބޮޑުންނާއި ހުވަދޫ ވާރުވެރިކަންކުރެއްވި ހުރިހާ ފަރާތްތަކާ ދެކުނު ތިން އަތޮޅުގެ ކަމުވޮށިންނާ ވެސް ގުޅުންބޮޑު ހަރުދަނާ ބަސްވިކޭ ބޭފުޅެކެވެ. ދިމާވާ ބޮޑު ކަންކަމުގައި އޭނާ ދެއްވާ މަޝްވަރާއާއި ނަޞޭޙަތް “ކަމުފޮޅައި ދިޔަ” ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ.

ގައްދަނޑު މަނިކުފާނު ވާދޫއަށްވަޑައިގެން އެ ރަށުން ދަނޑުބިމެއް ބައްލަވައިގެން އެ ތާނގައި ގެއެއް އެޅުއްވި އެވެ. “ގަތް ދަނޑުގެ” އެވެ. ނުވަތަ އަޅުގަނޑުމެން މިކިޔާ “ގައްދަނޑުގެ” އެވެ. ވާދޫގެ ކުރީގެ ޢާއިލާތަކުގެ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ ވާދޫ ބިއްލޫރިޖެހިގޭ އަލްފާޟިލާ ޢާއިޝާ ދީދީ ވިދާޅުވަނީ ވެސް ގައްދަނޑު މަނިކުފާނަކީ ފުވައްމުލަކުން ވާދޫއަށް ވަޑައިގެން އެ ރަށުން ދަނޑުބިމެއް ބައްލަވައިގެން އެތާނގައި އެޅުއްވި ގޭގައި ހުންނެވި މޮޅު ބޭފުޅެކެވެ.
ވާދޫ ގައްދަނޑު މަނިކުފާނަކީ މުޡުހިރުއްދީން ރަދުންގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނުގެ ދަރިކަލެކެވެ. މުޙައްމަދު މަނިކުފާނެވެ. ބައްޕައަކީ ޢުސްމާނު މަނިކުފާނެވެ. ޢާއިޝާ މަނިކުފާނުގެ ފިރިކަލުންނަށް “މަނިކުފާނު” ކިޔާފައިވަނީ ރަސް ދަރިކަނބަލަކާ އޭނާ ކައިވެނިކުރެއްވުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސްކަލެއްގެ ބޭފުޅުންނާއި ކައިވެނިފުޅުކުރައްވާ ބައެއް ބޭފުޅުންގެ ނަންފުޅުތަކަށް އެ ދުވަސްވަރު އެކަހަލަ މާތްކުރުމުގެ ދަރަޖަ ގެނެވިފައި ހުރެއެވެ.

މުލަކު “ކަރިއްޔަ” އިން މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ދެކެވަޑައިގަތް ލިޔުމެއްގައި ވަނީ “ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން” މިހެންނެވެ. މިލިޔުމުގައި އެވާ ބޮޑު ޢާއިޝާފާނަކީ ޢާއިޝާ މަނިކުފާނެވެ. ބޮޑު ކިލެގެފާނަކީ މުޡުހިރުއްދީން ރަދުންނެވެ. މި ރަދުންގެ ފިރިހެންބޭފުޅަކަށް “މަނިކުފާނު” ކިޔާފައި އަންހެން ބޭފުޅަކަށް މަނިކުފާނެއް ނެތް “ފާނު”އެއް ނުކިޔާނެއެވެ. ޢާއިޝާފާނެކޭ، އާމިނާފާނެކޭ ނުކިޔާނެއެވެ. ކިޔާނީ ޢާއިޝާ މަނިކުފާނު، ނުވަތަ އާމިނާ މަނިކުފާނު މިފަދަ ގޮތަކަށެވެ.

ތާރީޚު ލިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ޝާޠިރު ލިޔުއްވަނީ “ސަތާރަ ވަނަ ގަރުނުގައި ފެށިގެން ދިޔަ، އިސްދޫ ރަސްކަމުގެ ދުވަސްވަރު ނިމުމަށްފަހު އެ ދަރިކޮޅުގެ ފިރިހެން ބޭފުޅުންނަށް، މަނިކުފާނު އަދި ރަހާ ކިޔާފައި ވެއެވެ.” އަދި ކަލަމިންޖާ، ތުއްކަލާ، ކަލާފާނު، ކަނބާފާނު، ރަހާ، ރަނާ، މަނިކުފާނު، މަނިއްޕުޅު، ގޮމާ، ދީދީ، މިއީ ރަސްދަރިކޮޅުގެ އަމީރުންނާއި (ޕްރިންސުންނާއި) އަމީރާ އިން (ޕްރިންސަސް އިން)ނާއި އެ ދަރިކޮޅުގެ ބޭފުޅުންގެ ނަންތަކެއް ކަން ތާރީޚު ދިރާސާ ކުރުމުން ސާބިތުވާކަމަށް ވެސް ތާރީޚު ލިޔުންތެރިޔާ ޝާޠިރު ލިޔުއްވައެވެ. ފުވައްމުލަކުގައި އުފަންވާ ބޭފުޅުންނަށް “މަނިކުފާނު” ކިޔަން ފެށުނީ މުޡުހިރުއްދީން ރަދުންގެ ދެމަފިރިކަނބަލުންނާއި އެބޭފުޅުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނު ފުވައްމުލަކަށް ފޮނުވައިލެއްވުމުގެ ފަހުންނެވެ.  
މުޡުހިރުއްދީން ރަދުންގެ ޢާއިލާ މުލަކުގައި ތިއްބެވީ އެ ދަރިކޮޅުގެ ޢާއިލީ ގެ “ދައިގަޑު ގަނޑުވަރު”ގަ އެވެ. “ދައިގަޑު” ކިޔާ “ގެ” “ދައިގަޑު ގަނޑުވަރަށް” ބަދަލުވެފައިވަނީ ފުވައްމުލަކު ދައިގަޑު ދޮން ޢީސާ ޚަޠީބު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގަތް އިސްދޫ ޢާއިލާގެ ފެށުންކަމުގައި ހިމެނިވަޑައިގަތް އައްސުލްޠާނު ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމާއެކު ކަމަށް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.
މުޡުހިރުއްދީން ރަދުންނަށް، ދަރިކަނބަލުން ޢާއިޝާ މަނިކުފާނު ލިބިވަޑައިގެންނެވި ކަމަށް ޤަބޫލުކުރެވެނީ އެޢާއިލާ މުލަކަށް ފޮނުވައިލެއްވުމުގެ ފަހުންނެވެ. މުޡުހިރުއްދީން ރަދުންގެ އަނބިކަބަލުން ކަނޑޫދޫ ފާޠިމާ ކަނބާފާނާއި އަދި ތުއްޕުޅު ދަރިކަލުން މުޙައްމަދު (މުޙައްމަދު މަނިކުފާނު) އެފަހަރު، 22 ޝަޢުބާން 1116ހ. ގައި ކަނޑޫދޫއަށް ފޮނުވާލެއްވިކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ. ދިވެހިތާރީޚު ފޮތުގައިވަނީ މުޡުހިރުއްދީން ރަދުން ޙައްޖު ދަތުރުފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަތުމުން އޭނާއާއި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ފުވައްމުލަކަށް އަރުވާލެއްވީ ކަމަށެވެ. ދަރިކަނބަލެއްގެ ވާހަކައެއް އެ ފޮތަކު ނެތެވެ. ނަމަވެސް މުޡުހިރުއްދީން ރަދުން އެ ފަހަރު އެ ރަށުގައި ދުވަސްކޮޅެއް ހޭދަވިކަމަށް ތާރީޚުން އެނގެއެވެ.
“ފަތްތޫރަ”އިގެ ބައެއް ޢަދަދުތަކުގައި “އިސްދޫ ދަރިކޮޅުގެ ފެށުން” މި ސުރުޚީގެ ދަށުގައި ދިވެހި މުއައްރިޚު އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައި ވަނީ އިސްދޫ ދަރިކޮޅުން އޭނާއަށް އެހާތަނަށް ހޯއްދެވުނު ވަކިވަކި ބައިތަކެކެވެ. އެއީ އިސްދޫ ދަރިކޮޅުގެ ޢަލިރަސްގެފާނު، ޙަސަން ރަސްގެފާނު، އަދި މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުންގެ ވަނަވަރު ހާމަކުރެއްވުމެއް ނޫނެވެ. މިހެން ދެންނެވީ އެ ދުވަސްކޮޅު އިތުރު ހޯއްދެވުމެއް ނެތް ނަމަވެސް އޭނާ އަށް އެނގިވަޑައިގަންނަވާނޭ ބައެއް ވަނަވަރުތަކަށް ވެސް އެ ލިޔުއްވުމުގައި ބައްލަވައިފައި ނެތުމުންނެވެ. މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ދިޔަމިގިލީ ދަރިކޮޅުން ޙާޖީ ބަންޑާރައިން ފިޔަވައި އިސްދޫ ދަރިކޮޅުން ޙަސަން ރަސްގެފާނާއި އަދި މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާއަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ދިވެހިތާރީޚުގެ ތަފާތު ގިނަ މަޢުލޫމާތްތަކެއް ހޯއްދެވި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ގިނަ ދިމަދިމާއަށް ވަޑައިގެން ތަފާތު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ދުވަސްވަރަކީ މުވާޞަލާތުގެގޮތުން މި ފެންނަ ފަސޭހަކަމެއް އޮތް ދުވަސްވަރެއް ނޫނެވެ. އެކި ރަށްރަށަށް ދަތުރުކޮށް އެކި މީހުންގެ ގާތުން އެކި ވާހަކަ އަހައިގެން ރާއްޖޭގެ ބޮޑުދަރިކޮޅެއް ލިޔުމަކީ އެދުވަސްވަރު އެއްވެސް މީހަކަށް ފަސޭހަވާނޭ ކަމެއްނޫނެވެ. އުދަނގޫ ބުރަ ކަމެކެވެ. އެކަން ކުރެވުމަށްވުރެ ގާތީ ނުކުރެވުމާ އެވެ. ކަން މިހެންހުރުމުން އެ މުއައްރިޚު ދުނިޔެ ދޫކުރެއްވުމާ ހަމައަށް ވެސް ކުރިން ދެންނެވި އިސްދޫ ދަރިކޮޅުގެ ވަކިވަކި ޢާއިލާތައް ހޯއްދެވުމަށް ނުވަތަ އެހެން ޢާއިލާއެއް ހޯއްދެވުމަށް ވިޔަސް އޭނާއަށް އުޅުއްވިފައިނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެފަދަ ބޭނުންފުޅެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިސްދޫ ދަރިކޮޅު ނުވަތަ އެ ދަރިކޮޅުގެ ވަކި ޢާއިލާއެއް މިހާރު ލިޔާ މީހަކަށް އެ މުއައްރިޚު ލިޔުއްވާފައިވާ ލިޔުއްވުންތަކުގެ އަލީގައި ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
“ފަތްތޫރަ”އިގެ 25 ވަނަ ޢަދަދުން ފެށިގެން “އިސްދޫ ދަރިކޮޅުގެ ފެށުން” މި ސުރުޚީގެ ދަށުގައި މުއައްރިޚު އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަމުން ގެންދެވި ސިލްސިލާގައި ވެއެވެ.
“ތާރީޚުން އެގޭގޮތުގައި އިބްރާހީމް މުޡުހިރުއްދީން ރަދުންގެ ހުންނެވީ އެންމެ ފިރިހެންބޭފުޅެކެވެ. އެއީ މުލަކު މުޙައްމަދު މަނިކުފާނެވެ. ނަމަވެސް މުލަކު “ކަރިއްޔަ” އިން ފެނުނު ލިޔުމެއްގައި ވަނީ “ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން” މިފަދައިންނެވެ. އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައެއް ނުވެއެވެ. ނަމަވެސް މުޙައްމަދު މަނިކުފާނުގެ ދަރިކޮޅު ފާހަގަކުރެވެއެވެ. މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނެވެ. އަދި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ. ޙަސަން މަނިކުފާނުގެ ދަރިކޮޅުވަނީ “ހުޖުބު” ވެފައެވެ. ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި ހޯދިފައެއް ނުވެއެވެ. މިއަދާ ހަމައަށް ފާހަގަކުރެވެނީ މޫސާ މަނިކުފާނުގެ ދަރިކޮޅެވެ. އެއީ ދައިގަނޑު ގަނޑުވަރު މުޙައްމަދު މަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނެވެ. މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސް ވަނީ “ނަޑާލި” ވެފައެވެ.”
“ކަރިއްޔަ” އިން ދެކެވަޑައިގަތްކަމަށް މުއައްރިޚު ލުޠުފީ ވިދާޅުވާ މި ލިޔުން ފުރިހަމައަށް ލިޔެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ފުރަތަމަކަމަކީ “ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން” މިހެންއޮތުމުގައި “ބޮޑު ޢާއިޝާފާނު” އެއީ ބޮޑު ޢާއިޝާ މަނިކުފާނަށް ވުމެވެ. ކުރިން ވެސް އަޅުގަނޑު ދަންނަވައިފައިވާނޭ ފަދައިން މުޡުހިރުއްދީން ރަދުންގެ ފިރިހެން ބޭފުޅަކަށް “މަނިކުފާނު” ކިޔާފައި އަންހެން ބޭފުޅަކަށް މަނިކުފާނެއް ނެތް “ފާނު” ނުކިޔާނެއެވެ. ޢާއިޝާފާނު، އާމިނާފާނު ނުކިޔާނެ އެވެ. ކިޔާނީ ޢާއިޝާ މަނިކުފާނު، އާމިނާ މަނިކުފާނެވެ. ބޮޑު ކިލެގެފާނުގެ ޢާއިޝާ މަނިކުފާނުގެ ނަމުގެ ކުރިއަށް މީހުން “ބޮޑު” ކިޔާފައި ވަނީ އެއް ގެއެއްގައި ނުވަތަ އެއް ޢާއިލާއެއްގައި ދެ ޢާއިޝާ މަނިކުފާނު އެއް ދުވަސްވަރެއްގައި ތިއްބެވީމައެވެ. އެއީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނާ އެއްބަނޑު އެއްބައްޕަ (ނުވަތަ ޔަޤީނުން އެއްބައްޕަ) ޢާއިޝާ މަނިކުފާނާއި މުޙައްމަދު މަނިކުފާނުގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނެވެ. އެހެންވީމާ ދެބޭފުޅުން ވަކިކުރުމަށް ދޮށީ ބޭފުޅާގެ ނަންފުޅުގެ ކުރިއަށް “ބޮޑު” ކިޔަނީ އެވެ.
ދެވަނަ ކަމަކީ “ކަރިއްޔަ” ލިޔުމުގައި “ދެއްވަދޫ މީހުން” އެކަނި އޮތުމެވެ. އެ ލިޔުމުގައި “ވާދޫ މީހުން” އޮންނަން ޖެހެއެވެ. (ދެއްވަދޫގައި ބޮޑު ޢާއިޝާ މަނިކުފާނުގެ ބޭފުޅުން ތިއްބެވި ނަމަ އެ ބޭފުޅުން އަޅުގަނޑުމެންނަށް ނޭނގުނަސް) އެ ދުވަސްވަރު ވާދޫގައި ބޮޑު ޢާއިޝާ މަނިކުފާނުގެ ބޭފުޅުން ތިއްބެވި އެވެ. މުއައްރިޚު ލުޠުފީގެ ލިޔުއްވުމުގައި “އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައެއް ނުވެއެވެ.” މި ގޮތަށް ލިޔުއްވުމުން އެނގެނީ އެހާ ތަނަށް އޭނާއަށް އެކަމާ ނޫޅުއްވި އޮތްކަމެވެ.
ތިންވަނަ ކަމަކީ މުއައްރިޚު ލުޠުފީގެ ލިޔުއްވުމުގައި “މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެނގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނެވެ. އަދި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ.” މި ގޮތަށް ހަމައެކަނި 4 ބޭފުޅުން ފާހަގަކުރެއްވީމާ އެ ހިނދަށް ހޯއްދެވުނީ 4 ބޭފުޅުންކަން އެނގެއެވެ. އެހެން ބޭފުޅުން ނެތެކޭ ވިދާޅެއް ނުވެއެވެ. ވިދާޅުވީ  އަދި އެނގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. މިކަމަށް ބަލައިލަމާތޯއެވެ!
1. ޙަސަން މަނިކުފާނު (މުލަކު އަލްގެދަރު މިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލުން ހަދާފައިހުރި ބިސްތާނައިގައި ހުރި މަހާނަ ގަލުގެތެރެއިން ކިޔަން އެނގެނީ މި ދައިގަނޑު ގަނޑުވަރު ޙަސަން މަނިކުފާނުގެ މަހާނަގައު ކަމާއި މީނާގެ ދަރިކޮޅުވަނީ “ހުޖުބު”ވެފައި ކަމަށް ލުޠުފީ ލިޔުއްވައެވެ.)
2. ޢަލިމަނިކުފާނު (މަޢުލޫމާތެއް ނުލިބޭ.)
3. އާމިނާ މަނިކުފާނު (މި ނަން ކިޔާ ބޭފުޅެއްގެ މަޢުލޫމާތެއް ނުލިބެއެވެ. މިއީ  ޢާއިޝާ މަނިކުފާނަށް ވުން އެކަށީގެންވެއެވެ. ލިޔުމުގައި ނަމުގެ އޮޅުމެއްކަމަށް ވެސް ވެދާނެއެވެ.)
4. ކޮނޑޭ މޫސާ މަނިކުފާނު (މޫސާ މަނިކުފާނުގެ ދަރިކޮޅުން ފާހަގަކުރެވެނީ ދައިގަނޑު ގަނޑުވަރު މުޙައްމަދު މަނިކުފާނާއި ކޮޑޭ ޢަލިމަނިކުފާނު ކަމާއި އޭގެ ތެރެއިން މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވަނީ “ނަޑާލި”ވެފައި ކަމަށް މުއައްރިޚު ލުޠުފީ ލިޔުއްވުމުގައި މޫސާ މަނިކުފާނުގެ “ދައިގަނޑު ގަނޑުވަރު” މުޙައްމަދު މަނިކުފާނެއް ހުންނެވުމުން މޫސާ މަނިކުފާނަކީ، އޭނާގެ ބައްޕަ މުޙައްމަދު މަނިކުފާނު ކޮނޑޭއަށް ވަޑައިގަތުމުގެ ކުރީގައި ފުވައްމުލަކުގައި އުޅުއްވި ބޭފުޅަކަށްވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. މޫސާ މަނިކުފާނުގެ ދަރިކަލުން “ދައިގަނޑު ގަނޑުވަރު” މުޙައްމަދު މަނިކުފާނުގެ މަންމައަކީ ކޮބައިކަމެއް ނޭނގެއެވެ. ނަމަވެސް އޭނާގެ ދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނުގެ މަންމައަކީ މޫސާ މަނިކުފާނާއި ދެބެންގެ ދެދަރި ބޭބެ ވާދޫ ގައްދަނޑު މަނިކުފާނުގެ ދަރިކަނބަލުން ސަންފާ މަނިކުފާނު ކަން އެނގެއެވެ.)
މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ބޭފުޅުންގެ ތެރެއިން މުއައްރިޚު ލުޠުފީއަށް ވަގުތު ލިބިވަޑައިނުގަތުމުގެ ސަބަބުން ވިޔަސް އެ ދުވަސްވަރު އެ މުއައްރިޚަށް ފާހަގަ ނުކުރެއްވުނު ބޭފުޅުންނަށް ބަލައިލަމާތޯއެވެ!

5. އަޙުމަދު މަނިކުފާނު (މިއީ “ދިވެހި ރަސްކަމަށްވުރެ މުލަކު “ދިގަލަގެދަރު” އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލައިލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅޭ” ނޫރައްދީން (1) ރަދުންގެ އަރިހުގައި ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވިދާޅުވުމުގައި އެވާ އާމިނާ މަނިކެފާނުގެ ފިރިކަލުން ދައިގަނޑު ގަނޑުވަރު އަޙުމަދު މަނިކުފާނެވެ. މި ބޭފުޅުންގެ ޢާއިލާ އުފެދިފައެއް ނުވެއެވެ. ދިގަލަގެދަރު އާމިނާފާނަށް، އާމިނާ މަނިކުފާނު ކިޔާފައި ވަނީ އޭނާ އާއި ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނު ކައިވެނިކުރެއްވުމުންނެވެ.)

6. ޢާއިޝާ މަނިކުފާނު (މިއީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ފުރަތަމަ ކައިވެނިފުޅުކުރެއްވި އަނބިކަނބަލުން މަރިޔަމް މަނިކުފާނުގެ މަންމަ، ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނެވެ.)

ނަމްބަރ 6،5  ގައިވާ ދައިގަނޑު ގަނޑުވަރު ބޭފުޅުންނަކީ މުއައްރިޚު އިބްރާހީމް ލުޠުފީގެ ލިޔުއްވުމުގައި ފާހަގަކުރެއްވިފައި ނެތް ބޭފުޅުންނަށް ވުމުން އެނގެނީ އެހާ ތަނަށް ވަކި ދަރިކޮޅެއް ޢާއިލާއެއް ހޯއްދެވުމުގެ ބޭނުންފުޅެއްގައި އޭނާ މަސައްކަތްޕުޅެއް ނުކުރައްވާކަމެވެ.

ދިޔަމިގިލީ ރަދުންގެ ރަސްކަން ފެށުނީ 1704މ. ގަ އެވެ. ދޮން ބަންޑާރައިންގެ ރަސްކަން ފެށުނީ 1759މ. ގައެވެ. މި ރަސްކަމުގެ 3 ވަނަ އަހަރަކަށް ވާނީ 1761މ. އެވެ. ދޮން ބަންޑާރައިންގެ ރަސްކަމުގެ 3 ވަނަ އަހަރުކަމަށްވާ 1761މ. ން ދިޔަމިގިލީ ރަދުންގެ ރަސްކަން ފެށުނު 1704މ. އުނިކުރީމާ އަންނަނީ 57 އެވެ. މިޢަދަދު، މުޙައްމަދު މަނިކުފާނު އަވަހާރަވީ ޢުމުރުފުޅުކަމަށްވާ 85 ން އުނިކުރީމާ ދެން އަންނަ ޢަދަދު 28 މިއީ މުޙައްމަދު މަނިކުފާނު  އޭނާގެ ބައްޕާފުޅު މުޡުހިރުއްދީން ރަދުންގެ އަރިހުގައި ފުވައްމުލަކަށް ފޮނުވައިލެއްވި ކަމަށް ލަފާކުރެވޭ އެންމެގާތް ޢުމުރުފުޅެވެ. މި އުމުރުފުޅަކީ މުޙައްމަދު މަނިކުފާނުގެ ކައިވެނިފުޅަކުން އޭނާއަށް ބޭފުޅުން ލިބިވަޑައިގަތުން ވަރަށް އެކަށޭނަ ޢުމުރުފުޅެކެވެ. މުޙައްމަދު މަނިކުފާނު، ކޮނޑެއަށް ވަޑައިގަތީ ދިޔަމިގިލީ ރަދުންގެ ދުވަސްވަރުން ފެށިގެން ހޮޅީން ރާއްޖެއަށް އަތްގަދަކުރުމާ ދެމެދުގެ ދުވަސްވަރެއްގައި ކަމަށް ބެލެވެއެވެ. އޭރު އޭނާގެ ބޭފުޅުން ވެސް ތިއްބެވި އެވެ.

މުޙައްމަދު މަނިކުފާނުގެ ދަރިކަލުން ކޮނޑޭ މޫސާ މަނިކުފާނު ހުވަދޫން ކައިވެނިކުރެއްވީ އޭނާގެ ދެބެންގެ ދެދަރި ބޭބެ ވާދޫ ގައްދަނޑު މަނިކުފާނުގެ ދަރިކަނބަލުން ސަންފާ މަނިކުފާނާ އެވެ. ސަންފާ މަނިކުފާނާ ފިރިކަލުން މޫސާ މަނިކުފާނަށް ލިބިވަޑައިގަތީ ކިތައް ބޭފުޅުންކަމެއް ނޭނގެއެވެ. ނަމަވެސް ދަރިކޮޅު ހިނގާފައިވާކަން އެނގޭ ބޭފުޅަކީ ކޮނޑޭ ޢަލިމަނިކުފާނެވެ. އެކަން މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމުން ވެސް އެނގެއެވެ. މޫސާ މަނިކުފާނުގެ ދެމަފިރިކަނބަލުން  ކޮނޑޭގައި ވެސް ތިއްބެވިއެވެ. އެއީ މޫސާ މަނިކުފާނުގެ ބައްޕަ މުޙައްމަދު މަނިކުފާނު ކޮނޑޭގައިހުންނެވި ދުވަސްވަރު އެރަށު “ތިރުގަނޑުވަރު”ގަ އެވެ. ނަމަވެސް ފަހުން މޫސާ މަނިކުފާނުގެ ދެމަފިރިކަނބަލުން  ވާދޫއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ކާފަ ދަރިކަނބަލުން ދޮންދީދީ ގެންގުޅުއްވަން ފެއްޓެވުމާ ގުޅިގެންނެވެ.

ފިރިކަލުންނާއި އެކީ ކޮނޑޭގައި ސަންފާ މަނިކުފާނު އުޅުއްވި ނަމަވެސް އޭނާ އާލާސްވެ އިންނަވައި ރައްކާވުމުގެ ދުވަސްވަރަށް އެޅުމުން ކޮނޑޭއިން ވާދޫ ގައްދަޑުގެއަށް ވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. ހުވަދޫ ވާދުވާއި ހުވަދޫ ކޮނޑޭއަކީ އެ ދުވަސްވަރު ވެސް ދިރިއުޅުމާ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ގިނަ ވަސީލަތްތަކުގައި ތަފާތުހުރި ދެރަށެކެވެ. އޭރު ވެސް ވާދޫ ގައްދަޑުގޭގެ ތަނަވަސްކަން ބޮޑެވެ. ވާދުވަކީ އައްޑޫ ފުވައްމުލަކުން ދަތުރުކޮށް ހުވަދުވަށްވަދެވޭ ކަނޑުއޮޅިއެއްގެ އެއްފަރާތުގައި އޮންނަ ރަށަކަށް ވުމުން ވިޔަސް އެ ރަށަށް އައިސް ގޮސްވާ މީހުންގެ ކާރޫބާރޫ ވެސް ހުއްޓެވެ. އެ ދުވަސްވަރު ގައްދަނޑު މަނިކުފާނު ވެސް ގައްދަނޑުގޭ ގައި ހުންނެވުމުގެ އިތުރަށް މި ބޭފުޅުންނަކީ ވަރަށް ތިމާގެ ބޭފުޅުން ވެސް މެއެވެ. އެ ދުވަސްވަރަކީ އަންހެނަކު ވިހެއުންފަދަ “ދިރިހުރުމާ މަރާ ދެމެދު”ގެ ކަމެއް ދިމާވީ ކަމަށް ބަލައިގެން އެ އަންހެނެއްގެ މައިންބަފައިން ތިބި ހިސާބަކަށް އެ މީހަކަށް ދެވެން އޮތް ނަމަ އެ މީހުންގެ ގާތަށް ދިޔަ ދުވަސްވަރެކެވެ. ވިއްސުމުގެ ފަންނީ ބޭފުޅުން ތިއްބަވާ ހަސްފަތާލު ފަދަ ތަންތަނަށް ގިނަ ބަޔަކު މިހާރު ދިޔަ ނަމަވެސް ކުރީގެ ދުވަސްވަރެކޭ އެއް ގޮތަށް މައިންބަފައިން ތިބި ތާކަށް ވިހަންދާ އަންހެނުން މިހާރު ވެސް މުޅިން ނެތެކޭ ނުދެންނެވޭނެ އެވެ.
ކޮނޑޭ ޢަލިމަނިކުފާނު، ކޮނޑޭގައި އުޅުއްވީ އައްސުލްޠާން ޙަސަން ޢިއްޒައްދީނާއި އައްސުލްޠާނުލް ޙާއްޖު ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު (1213 – 1173ހ.) ގައި ކަމަށް ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. ކޮނޑޭ ޢަލިމަނިކުފާނު އަވަހާރަވީ ވާދޫގައެވެ. އޭރު އޭނާގެ މަންމައާއި ބައްޕަ ދުނިޔޭގައި ތިއްބެވިކަމެއް ނޫންކަމެއް އެނގެން ނެތެވެ. ނަމަވެސް އޭނާގެ ދަރިކަނބަލުން ދޮންދީދީ އާއި އޭނާގެ ބައެއް ބޭފުޅުން ވާދޫ ގައްދަޑުގޭގައި ތިއްބެވިކަން އެނގެއެވެ. ޢަލިމަނިކުފާނު ވާދޫގައި އަވަހާރަވީ ވާދޫގެ ބޭފުޅަކާ ކައިވެނިކުރައްވައިގެން އެ ރަށުގައި ހުންނެވުމުން ކަމެއް އެނގޭނޭ ގޮތެއް ނެތެވެ. ވާދޫގެ އަނބިކަނބަލަކަށް ލިބިވަޑައިގަތް ބޭފުޅެއްގެ ޢާއިލާއެއް ނެތެވެ. އެކި ފަހަރު އެކި ކައިވެނި ވިޔަސް ޢަލިމަނިކުފާނު ކައިވެނިކުރެއްވި ކަމަށް އެނގިފައި އޮންނަނީ 4 ބޭފުޅަކާ އެވެ. އޭގެ ތެރޭ ވާދޫ ބޭފުޅެއްގެ ނަމެއް ނެތެވެ.

ވަކި މީހަކަށް ވަކި ޢާއިލާއަކަށް ވަކި ދަރިކޮޅަކަށް ވަކި ރަށަކަށް މީހަކު ނިސްބަތްވުމަކީ މީހަކަށްލިބޭ ޙަޤީޤީ ފަޚުރެއް ނޫނެވެ. މީހަކަށް ލިބޭނޭ ޙަޤީޤީ ފަޚުރަކީ އެ މީހަކު މި ދުނިޔޭގައި ކުރާ ހެޔޮ ޢަމަލުގެ ހެޔޮ ޖަޒާއަކަށް މަތިވެރި ﷲ ގެ ޙަޟުރަތުން މަތިވެރި ދަރަޖަ ދެއްވާނޭ މީހާ އެވެ.

——————–
މަޢުލޫމާތުގެ ޙިއްޞާ:
ތާރީޚު ލިޔުންތެރިޔާ މުޙައްމަދު ޝާޠިރުގެ ލިޔުއްވުން
ޙަސަން ޙިލްމީ، ޖަނަވަރީގެ، ތިނަދޫ ގެ ލިޔުއްވުން
ޢަލިދީދީ، ވިދުވަރުގެ،/ ފުވައްމުލައް
About the author
38 Comments
  1. އާދަމް

    ތިޔައީ ވަރަށް އާދައިގެ ކަމެއް ނޫންތޯއެވެ. އެއިން ކޮންމެ ބޭފުޅަކު އުފަންވި ރަށަކީ އުފަން ރަށެވެ. ހިޖުރަކުރުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުން އެރަށަކަށް ދެވިގެން ވެސް އެ ރަށެއްގައި ދިރިއުޅުން އާރާސްތުކުރާ ރަށަކީ ރަށްވެހިވެފައިވާ ރަށެވެ. ބައެއް ޙާލަތްތަކުގައި މަންމަ ނޫނީ ބައްޕަގެ ރަށަށް ވެސް ނުވާ ވަޒަނެއްގައި އެ ރަށަކަށް މަންމައާއި ބައްޕަ ހިކުރަކުރުމުގެ ސަބަބުން އުފަންވެދާނެއެވެ. އެ ޙާލަތުގައި އޭނާ ވާނީ ރަށްވެހިކަމުގެ ގޮތުން އެ އުފަންވި ރަށެއްގެ މީހަކަށެވެ. ނަމަވެސް "މައިފުނަ" ރަށް ނުވަތަ އާއިލީ ރަށް ތަފާތުވާނެއެވެ. އިސްލާމީ އުސޫލުން ބަލާނަމަ ނިސްބަތްވާނީ ބައްޕަގެ ރަށަށެވެ. ސަބަބަކީ ބައްޕައަށް ދަރިން ނިސްބަތްކުރުމަށް އަންގަވާފައިވަނީ ޤުރުއާނުގައި މަތިވެރިވަންތަ ﷲ ކަމުގައި ވުމުންނެވެ. ކޮންމެއަކަސް 4 ގޮތެއް ދެންނެވިއްޖެއެވެ. މި ދެންނެވި 4 ގޮތަކީ ރަށަކަށް ނިސްބަތްވުމުގެ ޝަރުތުތައްކަމަށް ބަލަންޏާ މިއިން އެންމެ ޝަރުތެއް ރަށަކާމެދު ފުރިހަމަ ވިޔަސް އެމީހަކީ އެރަށަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭނެ ނޫންތޯއެވެ. ބައެއް ޙާލަތްތަކުގައި މީހަކު އެއް ރަށަށްވުރެ ގިނަ ރަށަށް ނިސްބަތްކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. އުފަން ރަށެވެ. މައިފުނަ ރަށެވެ. ރަށްވެހިވެފައިވާ ރަށެވެ. ދެން ބައްޕަގެ ރަށެވެ. ނަމަވެސް އުފަން ރަށަކީ އާއިލާއެއް ވެސް ނެތް އަދި އެމީހަކު އެއްގޮތަކަށް ވެސް ދިރިނުއުޅޭ ހަމައެކަނި އެ ރަށެއްގައި ޙާލަތު ނިޔާކުރި ގޮތުން އުފަންވި ރަށްކަމަށްވަންޏާ އެމީހަކީ އެ ރަށެއްގެ މީހެކޭ ނުބުނެވޭނެއެވެ.

    (0)(0)
  2. އިބްރާހީމް

    ހަމައެކަނި މުލަކުގެބޭފުޅުން ޙިލްމީ ލިއުއްވަނީ ހުވަދުއަތޮޅުގެ އައްޑުއަތޮޅުގެ ޢިލްމީ އުދަރެހުގައި ފާހަގަކުރަންޖެހޭ ޝަޚުޞިއްޔަތެއްނެތީތޯ ދަންނަވަންޖެހެއެވެ. އައްޑުވާއި މުލަކާއި ހުވަދޫގެ ބޭފުޅެއްކަމަށް ހިލްމީ ލިއުއްވިއިރު ހަމައެކަނި އެއްއަތޮޅުގެކަންކަމުގައި އުޅުއްވާތީ ފެންނަނީއެވެ.

    (0)(0)
  3. މޯޑް/ވާދޫ

    ކޮނޑޭ ޢަލިމަނިކުފާނުގެ އުފަންބޭފުޅުންގެތެރެއިން ވަޑައިގަތް ދެއްވަދޫ ގަޑުވަރު ފާތުމާދީދީ އާއި ކައިވެނިކުރެއްވި ގައްދަޑުގޭ ޙުސޭންމަނިކުފާނާއި އޭނަގެ ކޮއްކޮގެ ޢުސްމާނުމަނިކުފާނުގެ ބައްޕައަކީ ގައްދަޑުގޭ މުޙައްމަދުމަނިކުފާނު ކަމަށް އަޅުގަޑު އަހަމެވެ. މިމުޙައްމަދު މަނިކުފާނަކީ ގައްދަޑު މަނިކުފާނު ކަމަށްވާނަމަ ގައްދަޑު މަނިކުފާނުގެ ސަންފާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ އުފަންބޭފުޅުންގެތެރެއިން ވަޑައިގަތް ދެއްވަދޫ ގަޑުވަރު ފާތުމާދީދީ އާއި މިބޭފުޅުންނާއި ކާވެނިފުޅު ނުބެއްލެވޭނެއެވެ. މިވާގޮތެއް ވިދާޅުވެދެއްވުން އެދެމެވެ.

    (0)(0)
  4. ގައްދަޑު

    މި މަނިކުފާނުގެ ފޮޓޯ އެއް ފުވައްމުލަކުން ވެސް ނުލިބުނުތޯ؟

    (0)(0)
  5. ގައްދަޑު

    އިބްރާހީމް އަށް: ދެކުނު އަތޮޅުތަކުގެ ތެރެއިން "ފުވައްމުލަކުން" "ފަހުގެ ބޮޑުހުޅު" ގައި ބައިވެރި ވެފައި ނުވާތީ އެ ރަށުގެ މުވާޠިނުންނާ މެދު ޚާއްޞަ ލޯތްބެއް އުފެދުނީ ކަމަށް ވެދާނެ އެވެ. ނަމަވެސް ވިޔާނުދާ ބަޔަކު އުޅުނަސް ހުވަދޫ އާއި އައްޑޫ އަކީ ހެޔޮލަފާ މާތް މީހުން އުޅުނު އަދި މިހާރުވެސް އުޅޭ އަތޮޅުތަކެކެވެ. ވީމާ އެއިން އަތޮޅެއްގެ ޝަޚުޞިއްޔަތަކަށް ވެސް އިންސާފުކޮށްލަން ފެނެ އެވެ. އެ ފަދަ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ބޭފުޅުން އެ ފަދަ މައުޟޫޢު ތަކަށް ހަމަ ލިޔުއްވަން ވީ ނޫންތޯ އެވެ؟ އަޅުގަނޑަށް ހީވަނި ޙިލްމީ މަޒުމޫނުތައް ފަދައިން ކޮންމެ މީހަކަށް ވެސް އެ ފުރުޞަތު އެބަ އޮތެވެ.

    (0)(0)
  6. ޢ. ޙިލްމީ

    މޯޑް/ވާދޫ ލިޔުއްވިގޮތުން ގައްދަނޑުގޭ ޙުސައިން މަނިކުފާނަކީ ގައްދަނޑު މަނިކުފާނުގެ އުފަން ބޭފުޅަކަށް ވާނަމަ އޭނާއާއި ދެއްވަދޫ ގަނޑުވަރު ފާޠިމާ ދީދީ އާއި ކައިވެނި ނުކުރެއްވޭނެ އެވެ. ނަމަވެސް ޢުސްމާނު މަނިކުފާނަކީ ޙުސައިން މަނިކުފާނުގެ ކޮއްކޮގެ ބޭފުޅެއްނަމަ އޭނާއާއި ފާޠިމާ ދީދީ އާއި ކައިވެނި ނުކުރެއްވޭނޭ ނަސްލުގެ ގުޅުމެއް ނެތެއްނޫންތޯއެވެ. ފާޠިމާ ދީދީ އާއި އެއް ބޭފުޅަކު އަވަހާރަވުމުން އަނެއް ބޭފުޅަކު ކައިވެނިކުރެއްވި ޙުސައިން މަނިކުފާނާއި ޢުސްމާނު މަނިކުފާނަކީ އެއްބަނޑު އެއްބައްޕަ ދެ ބޭފުޅުންނެވެ.

    ދެއްވަދޫ ގަނޑުވަރު ފާޠިމާ ދީދީ އާއި ކައިވެނިކުރައްވައިގެން ހުންނަވަނިކޮށް ވާދޫ ގައްދަނޑުގޭ ޙުސައިން މަނިކުފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު އޭނާގެ އެދިވަޑައިގަތުމަކަށް އޭގެފަހުން ދެން ފާޠިމާ ދީދީ އާއި ކައިވެނިކުރެއްވީ ޙުސައިން މަނިކުފާނުގެ ކޮއްކޮ ގައްދަނޑުގޭ ޢުސްމާނު މަނިކުފާނެވެ. އެއީ އޭރު އެ ދެމަފިރިކަނބަލުންގެ ތިއްބެވި ތުއްޕުޅު ބޭފުޅުންނަށް ރަނގަޅަކަށްޓަކަ އެވެ. ޙުސައިން މަނިކުފާނާއި އޭނާގެ ކޮއްކޮ ޢުސްމާނު މަނިކުފާނާއި ދެ ބޭފުޅުންނަކީ ވާދޫ ގައްދަނޑު މަނިކުފާނު ނުވަތަ މުޙައްމަދު މަނިކުފާނުގެ ދަރިކަލުން ޢުސްމާނު މަނިކުފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންގެ މަންމައަކީ ހަވަރުތިނަދޫ އިސްމާޢީލް ޙާޖީގެ މަންމަ އާމިނާފުޅާއި އެއްބަނޑު އެއްބައްޕަ ފާޠިމާފުޅެވެ. މި ބޭފުޅުން ދިރިއުޅުއްވީ ވާދޫގަ އެވެ.

    (0)(0)
  7. ޢ. ޙިލްމީ

    ދެއްވަދޫ ގަނޑުވަރު ފާޠިމާ ދީދީ އާއި ކައިވެނިކުރައްވައިގެން ހުންނަވަނިކޮށް ވާދޫ ގައްދަނޑުގޭ ޙުސައިން މަނިކުފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު އޭނާގެ އެދިވަޑައިގަތުމަކަށް އޭގެފަހުން ދެން ފާޠިމާ ދީދީ އާއި ކައިވެނިކުރެއްވީ ޙުސައިން މަނިކުފާނުގެ ކޮއްކޮ ގައްދަނޑުގޭ ޢުސްމާނު މަނިކުފާނެވެ. އެއީ އޭރު އެ ދެމަފިރިކަނބަލުންގެ ތިއްބެވި ތުއްޕުޅު ބޭފުޅުންނަށް ރަނގަޅަކަށްޓަކަ އެވެ. ޙުސައިން މަނިކުފާނާއި އޭނާގެ ކޮއްކޮ ޢުސްމާނު މަނިކުފާނާއި ދެ ބޭފުޅުންނަކީ ވާދޫ ގައްދަނޑު މަނިކުފާނު ނުވަތަ މުޙައްމަދު މަނިކުފާނުގެ ދަރިކަލުން ޢުސްމާނު މަނިކުފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންގެ މަންމައަކީ ހަވަރުތިނަދޫ އިސްމާޢީލް ޙާޖީގެ މަންމަ އާމިނާފުޅާއި އެއްބަނޑު އެއްބައްޕަ ފާޠިމާފުޅެވެ. މި ބޭފުޅުން ދިރިއުޅުއްވީ ވާދޫގަ އެވެ.

    (0)(0)
  8. ޢ. ޙިލްމީ

    އިބްރާހީމް ފާޅުކުރެއްވި ޝުޢޫރަށް އިޙްތިރާމްކުރަމެވެ. ރާއްޖޭގެ ކޮންމެރަށެއްގެ ކޮންމެ ބޭފުޅަކަށްވިޔަސް އަޅުގަނޑުދެކެނީ ގާތް ބޭފުޅެއްކަމަށެވެ. ފުވައްމުލަކާ ގުޅުންހުރި ލިޔުންތަކެއް ލިޔަންޖެހެނީ ބައެއް ބޭފުޅުން އެދިވަޑައިގަންނަވާ މަޢުލޫމާތެއް އަޅުގަނޑަށް އެނގިހުރި މިންވަރަކުން ނުވަތަ ހޯދުނު މިންވަރަކުން ހޯދައި އެބޭފުޅުންނަށް އެރުވުމުގެގޮތުން ވެސް މެއެވެ.

    (0)(0)
  9. މޫސާ އިބްރާހީމް

    އަޅުގަނޑަށް އެނގިފައިވާ ގޮތުން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި އަލްޤާޟީ މޫސާ މުޙްޔިއްދީން (ނުވަތަ މުލަކު ފަނޑިޔާރު މަނިކުފާނު) އަކީ މުޡްހިރުއްދީން ރަދުންގެ މުލަކު މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ ދައިގަނޑު ގަނޑުވަރު މުޙައްމަދު މަނިކުފާނުގެ ދަރިކަލެކެވެ. ޤާޟީކަން ލިބުމުގެ ކުރީގައި މި މަނިކުފާނަށް ކިޔަނީ މުޤުރީ މޫސާ މަނިކުފާނެވެ. "ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2" މި ފޮތުގައި މި މަނިކުފާނަކީ "ދިވެހިންގެ ތެރޭގައި މަޝްހޫރު މުލަކު ފަނޑިޔާރު މަނިކުފާނު"ކަމަށް އެބައޮތެވެ. އަދި މާލޭ ހުކުރު މިސްކިތް ފޮތުގެ 312 ވަނަ ސޮފްހާގައި ވެސް މިއީ "މުލަކު ފަނޑިޔާރު މަނިކުފާނު" ކަމަށް މި މަނިކުފާނުގެ މަހާނަގައު ބެއްލެވުމަށްފަހު އަމީންދީދީ ދައުރުގެ ތާރީޚު ކޮމިޓީން ލިޔުއްވާފައި އޮތުމުން މި މަނިކުފާނަކީ ބައެއް ބޭފުޅުންނަށް މަލިކު ބޭފުޅެއްތޯ ނުވަތަ ފުވައްމުލަކު ބޭފުޅެއްތޯ ޔަޤީންކުރަން ދަތިވިޔަސް ފުވައްމުލަކުގެ ބޭފުޅެއްކަން މުޅިން ޔަޤީންވެއެވެ. ފަތްތޫރައިގެ 312 ވަނަ އަދަދުގައިވާ ފަނޑިޔާރުންގެ ލިސްޓާއި އަދި އެނޫން ވެސް މި ލިންކުގައިވާފަދަ (http://www.haamadaily.com/index.php?news=25421) ތާރީޚީ މުއައްރިޚުންގެ ލިޔުންތަކުގައި ވެސް ބުރަވެލައްވަނީ މިއީ ފުވައްމުލަކު ބޭފުޅެއްކަމުގައެވެ. ބައެއް ބޭފުޅުންނަށް މަލިކު ބޭފުޅެއްކަމަށް ހީކުރެވުނީ الملكي (އަލްމުލަކީ) ގައި ފިލިޖެހުމުގައި (އަލްމަލިކީ ކަމަށް) އެރި އޮޅުމެއްގެ ސަބަބުންކަން މިހާރު އެނގެއެވެ. ކޮންމެއަކަސް މަލިކު މީހުންގެ ނަމުގެ ފަހަތަށް الملكي އިތުރުކުރެވިފައި ނުވާކަމާއި މިއީ ނާއިބުތުއްތު ފަދަ ބޭފުޅުންގެ ނަމުގެ ފަހަތުގައިވާފަދައިން އަލްމުލަކީ ކަމާމެދު މިހާރު ދެބަސްވެވޭކަށް ނެތެވެ. ރާއްޖޭގައި ޒަމާނުއްސުރެ ޤާރީވެރިކަމުގައި އެންމެ ކުރީގައި އުޅެނީ ފުވައްމުލައްކަމަށް ވެފައި މި މަނިކުފާނުގެ ނަމުގެ ކުރިއަށް މުޤުރީ ގެނެވިފައި އޮތުމުންނާއި މަލިކަކީ އެދުވަސްވަރު ރާއްޖޭގެ ރަށަކަށް ނުވެފައި ރާއްޖޭގެ ސަރުކާރާ ގުޅުންބަދަހި ރަށަކަށް ވެސް ނުވުމުންނާއި އަދި ޚާއްޞަކޮށް ކުރިން މި ދެންނެވި ތާރީޚު ކޮމިޓީގެ ނިންމެވުމަށް ރިއާޔަތްކުރުމުން މި މަނިކުފާނަކީ ފުވައްމުލަކުގެ ބޭފުޅެއްކަމާމެދު އިތުރު ސުވާލެއް އުފެއްދޭނެ ޖާގަ އޮތްކަމުގައި ނުދެކެމެވެ. މި މަޢުލޫމާތުކޮޅު ބަޔާންކޮށްލަންމިޖެހުނީ ބައެއް ބޭފުޅުން އަދިވެސް الملكي ގައި ފިލިޖަހަން ނޭނގިގެން އުޅުއްވަފާނެތީއެވެ.

    ކޮންމެއަކަސް ޙިލްމީ ލިޔުއްވަމުން ތިޔަ ގެންދަވާ "ފުވައްމުލަކުގެ ޢިލްމީ އުދަރެހުން..." ސިލްސިލާގެ ބައެއްގެ ގޮތުން މި ފަނޑިޔާރު މަނިކުފާނާ ބެހޭ މަޢުލޫމާތު ކޮޅެއް ގެންނަވާނެކަމަށް އުންމީދުކުރަމެވެ. އިތުރު ވާހަކައެއް ވެސް ދަންނަވާލާނަމެވެ. އަޅުގަނޑަށް ކޮންމެވެސް ބޭފުޅަކުގެ ލިޔުމަކުން އެނގުނު ގޮތުގައި ނޫރައްދީން 1 ރަދުން ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރީގައި ޙާޖީ ބަންޑާރައިންގެ ޢަބްދުﷲ ނުވަތަ އިބްރާހީމް މާލެ ގެންނަވާ ފާމުލަދޭރިކަން ދެއްވާ އެނޫނަސް ޢިނާޔަތްތަކެއް ދެއްވުމާއި މިފާމުލަދޭރިކިލެގެފާނާ އެކިގޮތްގޮތުން ގުޅިފައިވާ މުޤުރީ މޫސާ މަނިކުފާނު ފަދަ ފުވައްމުލަކުގެ ބޭފުޅުން އިސް ސަފަށް ގެންނެވުމާއި ގުޅުމެއްވެއެވެ. އެއީ ރަސްކަމުގެ ފަރާތުން ފާމުލަދޭރި ކިލެގެފާނު ރުއްސަވަން ކުރެއްވި ގިނަ ކަންތައްތަކުގެ ތެރެއިންކަމެއް ކަމުގައިވެއެވެ. ކޮންމެއަކަސް ވިދުވަރުގޭ ޢަލިދީދީގެ ފަރާތުން މި މަނިކުފާނާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރަމެވެ. މިފަދަ ގިނަ މަޢުލޫމާތުތަކެއް ކުރިއަށް އޮތްތަނުގައި ގެނެސްދެއްވާނެކަމަށް އުންމީދުކުރަމެވެ. ޙިލްމީގެ ދިރާސާތަކަށް ފުރިހަމަ ކާމިޔާބީއަށް އެދެމެވެ. ރާއްޖެއަށް ތިޔަ ގޮތަށް ދިރާސާކުރައްވާ ގިނަ ބަޔަކު އެބަ ބޭނުންވެއެވެ.

    (0)(0)
  10. އަހުމަދު

    ގައްދަނޑު މަނިކުފާނުގެ ބައްޕަ އުސްމާނު މަނިކުފާނަކީ ކޮން ރަށެއްގެ ބޭފުޅެއްތޯއެވެ؟ މި ލިޔުމުން ދޭހަވާ ގޮތުގައި އެއީ ފުވައްމުލަކުގެ ބޭފުޅެކެވެ. ނަމަވެސް "އިސްދޫ ދަރިކޮޅުން..." ސިލްސިލާގެ 3 ވަނަ ބައިގައި އުސްމާނު މަނިކުފާނަކީ ވާދޫ ގައްދަނޑުގޭގެ ބޭފުޅެއްކަމަށާއި ހުވަދުއަތޮޅުގައި ފުރަތަމަ މަނިކުފާނު ކިޔުނުކަން އެނގެން އޮތީ މި މަނިކުފާނަށް ކަމުގައި ޙިލްމީ ލިޔުއްވާފައިވެއެވެ. ކޮންމެއަކަސް މި ލިޔުމުގައި ވާ ގޮތުން ފުވައްމުލަކުން ވާދުއަށް ހިޖުރަކޮށް އެންމެ ފުރަތަމަ ދަނޑެއް ބައްލަވައިގެން ގައްދަނޑުގެ ބިނާކުރެއްވި ގައްދަނޑުގެ ޢާއިލާގެ ބާނީއަކީ މަޝްހޫރު ގައްދަނޑު މަނިކުފާނު ނުވަތަ މުޙައްމަދު މަނިކުފާނެވެ. މިހެންކަމަށްވެއްޖެއްޔާ ވާދޫ ގައްދަނޑުގޭގައި އެންމެ ފުރަތަމަ އުޅުއްވި ބޭފުޅަކަށް ވާނީ މި ގައްދަނޑު މަނިކުފާނު ނޫންތޯއެވެ؟ އަދި އޭރުން މި ގައްދަނޑު މަނިކުފާނުގެ ބައްޕަ އުސްމާނު މަނިކުފާނަކީ ގައްދަނޑުގޭގެ މީހަކަށް ވާނެގޮތެއް ނޯންނާނެ ނޫންތޯއެވެ؟ މިސާލަކަށް އުސްމާނު މަނިކުފާނަކީ ވާދޫގެ މީހަކަށްވިޔަސް މި ލިޔުމުން ދޭހަވާގޮތުން އުސްމާނު މަނިކުފާނު ބޮޑު އާއިޝާ މަނިކުފާނާ ކައިވެނި ބައްލަވައިގެން އުޅުއްވާފައި ވާނީ ފުވައްމުލަކުގައެވެ. އަދި ފަހުން ވާދޫއަށް އައިސް ގައްދަނޑުގެ ބިނާކުރީ އޭނާގެ ދަރިކަލުންނެވެ. އަނެއްކާ ދަރިކަލުންނާއެއްކޮށް އޭނާ ވެސް ވާދޫއަށް އައިސް ގައްދަނޑުގޭގައި ދިރިއުޅުނީތޯއެވެ؟ ކޮންމެއަކަސް މިހާރު އެއީ ވާދޫގެ ބޭފުޅެއްތޯ ނުވަތަ ފުވައްމުލަކުގެ ބޭފުޅެއްތޯ ނުވަތަ ފުވައްމުލަކުގައި އުޅުއްވި ވާދޫގެ ބޭފުޅެއްތޯ ނޫނީ ފުވައްމުލަކުގައި އުޅުއްވާފަ ދަރިކަލުންނާއެއްކޮށް އަމިއްލަ ރަށަށް އައިސް ގައްދަނޑުގޭގައި ދިރިއުޅުއްވި ބޭފުޅެއްތޯ މިއީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. މިސުވާލުތައް އުފެދެން ދިމާވީ "ގައްދަނޑުގޭ އުސްމާނު މަނިކުފާނު"ކަމަށް އަދި ހުވަދޫ ބޭފުޅެއްކަމަށް ކުރީ ލިޔުމުގައި ލިޔުއްވާފަ މި ލިޔުއްވުމުގައި އެހެން ގޮތަކަށް ދޭހަވާން އޮތުމުންނެވެ. މި އުފެދިގެން އުޅޭ އޮޅުންބޮޅުން ސާފުކޮށް ދެއްވާނެކަމަށް އުންމީދުކުރަމެވެ.

    (0)(0)
  11. އިސްމާޢީލް

    ތެދުފުޅެކެވެ. "ވަކި މީހަކަށް ވަކި ޢާއިލާއަކަށް ވަކި ދަރިކޮޅަކަށް ވަކި ރަށަކަށް މީހަކު ނިސްބަތްވުމަކީ މީހަކަށްލިބޭ ޙަޤީޤީ ފަޚުރެއް ނޫނެވެ. މީހަކަށް ލިބޭނޭ ޙަޤީޤީ ފަޚުރަކީ އެ މީހަކު މި ދުނިޔޭގައި ކުރާ ހެޔޮ ޢަމަލުގެ ހެޔޮ ޖަޒާއަކަށް މަތިވެރި ﷲ ގެ ޙަޟުރަތުން މަތިވެރި ދަރަޖަ "ދެއްވެވުމެވެ."" މިހާރު ކުރިން އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިއްޖެއެވެ. ކޮނޑޭ އަލިމަނިކުފާނުގެ ބައްޕައަކީ މުލަކަށް އުފަން ބޭފުޅެކެވެ. އަދި މަންމާފުޅަކީ ވާދޫއަށް އުފަން ބޭފުޅެކެވެ. މި މަނިކުފާނުގެ ނަމުގެ ކުރިއަށާއި މި މަނިކުފާނުގެ ބައްޕަގެ ނަމުގެ ކުރިއަށް ކޮނޑޭ އިތުރު ކުރެވިފައިވަނީ ކޮނޑޭގައި ދިރިއުޅުއްވާފައިވުމުގެ ސަބަބުންނެވެ. އެ ބޭފުޅުންނާ ކޮނޑެއާ ހުރި ނަމަ ހުރި ގުޅުމަކީ ދުވަސްގަނޑެއް ވަންދެން އެ ރަށުގައި ދިރިއުޅުއްވާފައި ވާކަމެވެ.

    (0)(0)
  12. އަޙުމަދު

    ފުވައްމުލަކުގައި އިސްދޫ ދަރިކޮޅު އަދިއަދަށްވެސް ފެތުރިގެން ގޮސްފައިވާކަމުގައި ފެންނަން ހުރި ހެކިތައް އިޝާރާތްކުރެއެވެ. މަނިކުފާނު އަދި މަނިކު ނުވަތަ މަނިކެ ކިޔޭ މީހުން ވެސް ފުދޭވަރަކަށް ފުވައްމުލަކުގެ އާބާދިން ފާހަގަކުރެވެއެވެ. މިއީ ހައްތަހާވެސް އިސްދޫ ދަރިކޮޅުގެ މީހުންނަށް ވުމުގެ ފުރުސަތު ބޮޑެވެ. ފުވައްމުލަކުގައި އިސްދޫ ދަރިކޮޅު ހިނގާފައިވާނީ ނަމްބަރު 2 ގައިވާ އަލި މަނިކުފާނާއި ނަމްބަރު 3 ގައިވާ އާމިނާ މަނިކުފާނުގެ ދަރިންގެ ފަރާތުން ކަމުގައި ގަބޫލްކުރެވެއެވެ. އަދި މޫސާ މަނިކުފާނުގެ ދައިގަނޑު ގަނޑުވަރު މުހައްމަދު މަނިކުފާނާއި ނަމްބަރު 6 އާއިޝާ މަނިކުފާނުގެ ފަރާތުން ވެސް ހިނގާފައި އޮވެދާނެއެވެ. އެއީ ނުލިޔެވި ވާ ދަރިދަރިކޮޅެވެ. އާންމުކޮށް ލިޔެވިފައި މިވަނީ މަޝްހޫރު ބޭބޭފުޅުންނަށް ނިސްބަތްވާ ދަރިކޮޅު ކަމަށް ފެނެއެވެ. އެހެންކަމަށްވުމާއެކު ނަމްބަރު 3 އަލިމަނިކުފާނު ފަދަ ބޭބޭފުޅުންގެ ދަރިކޮޅު ހޯދިފައި ނުވަނީއެވެ.

    (0)(0)
  13. ޢ. ޙިލްމީ

    އަޙުމަދު ލިޔުއްވިގޮތަށް [ފެންނަން ހުރި ލިޔުންތަކުން ހުވަދުއަތޮޅުގައި މަނިކުފާނު ކިޔައިފައިވާކަން އެނގެނީ ވާދޫ ގައްދަނޑު ޢާއިލާގެ ޢުސްމާނު މަނިކުފާނާއި ހަމައިންނެވެ.] "މުޡުހިރުއްދީން 3" ގައި މިގޮތަށްލިޔެފައި އޮތުމުން ޢުސްމާނު މަނިކުފާނަކީ ހުވަދޫގެ ބޭފުޅެއްކަމަށް ބެލެވުމުގެ ޖާގަ ލިބިދެއެވެ. ނަމަވެސް އެއީ ފުވައްމުލަކުގެ ބޭފުޅެކެވެ. ވަރަށްމޮޅު ޢިލްމުވެރިއެކެވެ. ހުވަދޫގައި ހުންނެވި ބޭފުޅެއްގެގޮތުން ވިޔަސް ހުވަދޫގެ ފުރަތަމަ ނުވަތަ އިސް މަނިކުފާނަކީ އެއީއެވެ. ދެން ހުންނެވީ އޭނާގެ ދަރިކަލުންކަމަށް ވުމުން ބައްޕައަށް އިސްކަމެއް ދެވުނީއެވެ. އެދުވަސްވަރަކީ އިސްދޫ ދަރިކޮޅުގެ ބޭފުޅުންނަށް "މަނިކުފާނު" ކިޔަން ފެށި ދުވަސްވަރެވެ. ހުވަދޫއަށް އުފަން މަނިކުފާނެއް ނެތް ދުވަސްވަރެކެވެ.
    "ގައްދަނޑު މަނިކުފާނު" ވާދޫގެބޭފުޅަކާ ކައިވެނިކުރައްވައިގެން އެރަށުގައި ހުންނަވައި ރަށުގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން އޭނާގެ ބައްޕަ ޢުސްމާނު މަނިކުފާނު ވަޑައިގެން ހުންނެވީ ވެސް ދަރިކަލުންގެ އަރިހުގައި ވާދޫގައެވެ. އެފަހަރު ނުވަތަ އޭގެ ފަހުންވިޔަސް އޭނާގެ އަނބިކަނބަލުން ޢާއިޝާ މަނިކުފާނު (ބޮޑު ޢާއިޝާ މަނިކުފާނު) ވާދޫއަށް ވަޑައިގެން އުޅުއްވިކަމެއް ނޫންކަމެއް އެނގޭކަށް ނެތެވެ. ޢުސްމާނު މަނިކުފާނު އަވަހާރަވީ ވެސް ވާދޫގައި ކަމަށް ބުނެވޭތީ އޭރު ޢާއިޝާ މަނިކުފާނު ދުނިޔޭގައި އިންނެވިކަމެއް ނޫންކަމެއް ވެސް އަދި އެކަން ހިނގާފައިވަނީ ކިހިނެއްކަމެއް ވެސް އެނގޭކަށްނެތެވެ. މުލަކު ވިދުވަރުގޭ ޢަލިދީދީއަށް ވެސް ޢާއިޝާ މަނިކުފާނުގެ މިމަޢުލޫމާތެއް އެނގިވަޑައިގެންފައި ނެތެވެ. ތިނަދޫ ޙަސަން ޙިލްމީގެ އެފަދަ ލިޔުއްވުމެއް ވެސް ނުދެކެމެވެ.

    ޢުސްމާނު މަނިކުފާނު ވާދޫގައި ހުންނަވަން ފެއްޓެވީ އޭނާގެ ދަރިކަލުން ގައްދަނޑު މަނިކުފާނު ވާދޫގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމާއި އޭނާ އެކިއެކި ދަތުރުފުޅުގައި ރަށުންބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އޭނާ ކުރައްވަމުންގެންދެވި ޢިލްމު އުނގަންނައިދެއްވުމުގެ މަސައްކަތް ހުއްޓުނަ ނުދެއްވުމަށް ކަމަށް ވާދޫއާއި ހުވަދޫގެ އިހުގެ މުސްކުޅި ހަރުދަނާ ބޭފުޅުން ވިދާޅުވަމުންގެންދަވާފައި ވެއެވެ. ޢުސްމާނު މަނިކުފާނަކީ ފުވައްމުލަކުގެ މަތީ ފެންވަރުގެ ބޮޑު ޢިލްމުވެރިއެއްކަން އެނގުނީ ވެސް އޭނާ ވާދޫގައި ކިޔަވައިދެއްވަން ފެއްޓެވުމުން ކަމަށް މިދެންނެވި ބޭފުޅުން ވިދާޅުވެފައި ވެއެވެ. ޢުސްމާނު މަނިކުފާނު ވާދޫގައި ހުންނެވިހާ ދުވަހަކު "ފުރޭތައަށް ވެސް ވާދޫއާއި ކައިރިވާކަށް ނުކެރުނޭ" އިހުގެ މުސްކުޅިން ބުނެއުޅޭ ކަމަށް ވެއެވެ.

    (0)(0)
  14. ވަޙީދު

    ޙިލްމީގެ ލިޔުއްވުން ރަނގަޅުކަމަށްދެކެމެވެ. ދެއްވަދޫ ދަހަރާ މަނިކުފާނަކީ ގައްދަޑު މަނިކުފާނުމެންގެ ދުވަސްވަރަށްވުރެ މާފަހުގެ ބޭފުޅެކެވެ. ދެއްވަދޫގައި އަވަހާރަވި ގުރައިދޫ ޢަލިމަނިކުފާނަކީ އެރަށަށް އަރުވައިލެއްވި ބޭފުޅެއްކަމަށް އަހަމެވެ. ދެއްވަދޫ މާވާކިލެގެފާނުގެ ދެއްވަދޫ ޚަޠީބު ޢަލިމަނިކުފާނަކީ ވެސް ގައްދަޑުމަނިކުފާނުމެންގެ ދުވަސްވަރަށްވުރެ ފަހުގެ ބޭފުޅެކެވެ. މަނިކުފާނު ކިޔަންފެށި ފަހުން ހުވަދޫގައި އުޅުއްވުން އެކަށީގެންވާ ފުރަތަމަ މަނިކުފާނަކީ މުލަކު ޢުސްމާނު މަނިކުފާނެވެ.

    (0)(0)
  15. އިބްރާހީމް ޢަލީ

    ފުވައްމުލަކު ކަރިއްޔާ އިން ފެނުނު ލިޔުމެއްގައި ބޮޑު އާއިޝާ މަނިކުފާނުގެ ދަރީނީ ދެއްވަދޫ މީހުން ކަމަށް އޮތީ ބޮޑު އާއިޝާ ފާނުގެ ދަރިކޮޅުގެ ވާދޫ ގައްދަޑުގޭ އާއިލާގެ ބޭފުޅުންގެ (ޚާއްޞަ ގޮތެއްގައި ފާމުލަދޭރި ކިލެގެފާނު އަރިއަހުގައި ކަރިއްޔާ ގަނޑުވަރުގައި އުޅުއްވި ތުއްކަލާ ދީދީގެ) ދަރިކޮޅު ދެއްވަދޫގައި ފެތުރިގެން ގޮސްފައި އޮތުމުން ކަމަށް ގަބޫލުކުރެވެއެވެ. ބޮޑު އާއިޝާ ފާނުގެ ދަރިކޮޅުގެ ވާދޫ ގައްދަޑުގޭ ސަންފާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ތުއްކަލާދީދީގެ ދަރިކޮޅު ދެއްވަދޫގައި އޮތްކަމާއި ތުއްކަލާދީދީގެ ދެއްވަދޫ ދީދީއާއި މި ދީދީގެ ދެއްވަދޫ ގަނޑުވަރު ދީދީގެ ދަރިކޮޅުގެ ގިނަ ބޭފުޅުންތަކެއް ތިބި ވާހަކަ ޙިލްމީގެ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (5)" ގައި އެބައޮތެވެ. ގަބޫލުކުރެވޭ ގޮތުގައި ބޮޑު އާއިޝާފާނުގެ ދަރީނީ ދެއްވަދޫ މީހުން ކަމަށް ޚާއްސަކޮށްގެން ލިޔެފައި އެއޮތީ މުލަކު ކަރިއްޔާގައި ހުންނެވި ކޮނޑޭ އަލިމަނިކުފާނުގެ ތުއްކަލާ ދީދީ ފަހުން ވަޒަންވެރިވެލެއްވީ ދެއްވަދޫގައި ކަމަށްވެފައި އޭނާގެ ދަރިކޮޅު ފެތުރިގެން އައީ ދެއްވަދޫއިން ކަމަށް ވާތީއެވެ. ކަރިއްޔާގައި ލިޔެވޭ ލިޔުމެއްގައި ޚާއްޞަ އިސްކަމެއް ދިނުން އެކަށީގެންވަނީ އެގޭގައި އުޅުނު އެގޭގެ ބޭފުޅުން ރަނގަޅަށް ދަންނަ މީހަކަށެވެ. އަދި ކަރިއްޔާ ގަނޑުވަރަކީ ދިޔަމިގިލީ ދަރިކޮޅުގެ ފާމުލަދޭރި ކިލެގެފާނުގެ ގެކަމުގައި ވުމުން އެބޭފުޅުންނަށް އިސްކަންދެވިފައި ބޮޑަށް މުހިންމު ވާނީ ވެސް ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ ތުއްކަލާ ދީދީގެ ދަރިކޮޅެވެ. އެހެންކަމުން ކަރިއްޔާ އާއިލީ ވަނަވަރު ލިޔާއިރު ދެން ހުރި ބައިތައް ދޫކޮށްލުމަކީ ވެސް ވެދާނެކަމެކެވެ.

    (0)(0)
  16. ޢ. ޙިލްމީ

    "އިބްރާހީމް ޢަލީ"ގެ ލިޔުއްވުމުގައިވަނީ ކަންހިނގުން އެކަށީގެންވާގޮތެކެވެ. "ކަރިއްޔަ" އެލިޔުމެއް ލިޔުއްވާނީ އެގޭ ބޭފުޅެކެވެ. އެބޭފުޅަކަށް ބޮޑު ޢާއިޝާ މަނިކުފާނުގެ ބޭފުޅުން އެނގިވަޑައިގަންނަވާނެއެވެ. ޚާއްޞަކޮށް "އިބްރާހީމް ޢަލީ" ވިދާޅުވިހެން ތުއްކަލާ ދީދީގެ ޢާއިލާއެވެ. ނަމަވެސް "ކަރިއްޔަ" އެލިޔުއްވުމަށް އެބައި ކޮންމެހެން ބޭނުންނޫންކަމަށްވެފައި ކުރުކޮށް ލިޔުއްވުމާއި އަދި އުސްތާޛު ލުޠުފީއަށްވެސް އެދުވަސްވަރު ދެއްވަދޫގެ އެވަނަވަރުތެރަށް ރަނގަޅަށް ވަދެވަޑައިގެންފައި ނުވުމުން ލުޠުފީގެ ލިޔުއްވުން އެގޮތަށް އޮތުމަކީ ވެދާނެކަމެކެވެ. އެޢާއިލާއިން ލުޠުފީއާއި ގުޅޭބައި އަންނަނީ ތުއްކަލާދީދީ އާއި އޭނާގެ ދައްތަ ދޮންދީދީގެ ފަރާތްޕުޅުންނޫން ކަމަށް ވެފައި އެބޭފުޅުންގެ ކޮއްކޮ ގަނޑުވަރު ޙަސަން ދީދީގެ ފަރާތްޕުޅުންވީމާ އަނެއްބަޔަށް މާބޮޑު ވިސްނުންފުޅެއް އެހިނދަށް ނެތުން އެކަށީގެންވެއެވެ. ކޮންމެއަކަސް އެދުވަސްވަރު ދެއްވަދޫގައި ތިއްބަވާނީ ތުއްކަލާދީދީގެ ދޮންދީދީ(ދެއްވަދޫ ދީދީ) އާއި ތުއްކަލާ ދީދީގެ ދައްތަ ދޮންދީދީގެ އިބްރާހީމް ދީދީ އާއި ދެބޭފުޅުން ކައިވެނިކުރައްވައި ލިބިވަޑައިގަތް ބޭފުޅުންނެވެ. ތުއްކަލާ ދީދީގެ ދޮންދީދީ(ދެއްވަދޫ ދީދީ)އާއި މުންޑޫ ޙުސޭން ކަލޭގެފާނާއި ކައިވެނިކުރެއްވީވެސް އޭގެ ފަހުގެ ދުވަސްވަރެއްގައެވެ.

    (0)(0)
  17. ދިރާސާ

    މުޙައްމަދު ލުޠުފީ ގުޅިވަޑައިގަންނަވާ ބައި އަންނަނީ ތުއްކަލާދީދީއާއި ދޮންދީދީއާއި ދެބެއިންގެ އެއްބަނޑު ޙަސަންދީދީއާއި އަދި މިދެބެއިންނާއި އެއްބަފާ ހުޅުދޫދީދީގެ ފަރާތުންވީމާ އެހެންވެދާނެއެވެ.

    (0)(0)
  18. ހުސޭން

    ޙިލްމީގެ ސަމާލުކަމަށް މުހިންމު ނުކުތާއެއް ގެންނަމެވެ. މި ލިޔުމުގައި މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމަކާއި ހަވާލާދީ ހިސާބު ހެއްދެވުމަށްފަހު ޙިލްމީ ލިޔުއްވާފައިވާ ގޮތުގައި މުޡްހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނު ބައްޕާފުޅާއެކު ފުވައްމުލަކަށް އަރުވާލެއްވުން އެކަށީގެން ވަނީ އުމުރުފުޅުން 28 އަހަރުފުޅުގައެވެ. ނަމަވެސް އިތުބާރުހިފޭ ތާރީޚީ މަސްދަރުތަކުގެ އަލީގައި މިއީ ރަނގަޅު ގޮތެއް ނޫންކަން ސާބިތުވެއެވެ. ދިވެހި ތާރީޚު ފޮތުގެ 89 ވަނަ ޞަފްހާގައި ވާ ގޮތުން މުޙައްމަދު މަނިކުފާނަކީ އޭރު "ދާދި ތުއްޕުޅު ކިރުފޮދުހިއްޕަވާ" ފިރިހެން ބޭފުޅެކެވެ. އެވަރުގެ ކުޑަ ކުއްޖަކަށް ރަސްކަން މަތިކުރައްވާފަ މުޡްހިރުއްދީން ރަދުން ޙައްޖަށް ވަޑައިގެންނެވިކަމަށްޓަކައި ހަމަ މި ޞަފްޙާގައި ތާރީޚު ފޮތުގެ އެ ޞަފްޙާތައް ލިޔުއްވި ޙަސަން ތާޖުއްދީން ސުވާލުއުފައްދަވާފަ އެބައޮތެވެ. މިކަމުން އެނގިގެންދަނީ މުޙައްމަދު މަނިކުފާނަކީ އަދި އޭރު ވަރަށް ތުއްޕުޅު ބޭފުޅަކުކަމެވެ. އޭރު މުޙައްމަދު މަނިކުފާނަށް 28 އަހަރުވެފައިވި ނަމަ އެހައި ފަސޭހައިން ދިޔަމިގިލީ މުޙައްމަދަށް ރަސްކަން އަތުލައިނުގަނެވުނީސް ކަންވެސް ހަމަބުއްދިއަށް ޤަބޫލުކުރެވެއެވެ.

    އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ފަތްތޫރައިގައި މުޙައްމަދު އިބްރާހިމް ލުޠުފީގެ ލިޔުއްވުން ޝާއިއުކުރެވުނު އިރު އެ ލިޔުއްވި ކާތިބަކަށް ނަމަވެސް އޮޅުމެއް އަރާވަޑައިގަތީއެވެ. 65 އަހަރުކަމަށް ލިޔެވެންވީ ތަނުގައި 85 ލިޔެވިފައިވަނީއެވެ. ނޫނީ މުޙައްމަދު މަނިކުފާނު އަވަހާރަވީ ޙަޤީޤަތުގައި ވެސް 85 އަހަރުގައި ކަމަށްވާނަމަ، 1195 ގައި އަވަހާރަވީއޭ ލިޔުއްވަން އުޅުއްވަނިކޮށް އިންސާނަކަށް ވީތީ ލުޠުފީއަށް ވެސް ދިމާވި ސަބަބުތަކަކާހުރެ 1175 ގައި އަވަހާރަވީއޭ ލިޔެވުނީ ކަމަށް ޤަބޫލުކުރެވެއެވެ. މިގޮތަށް ލުޠުފީއަށް އަދި އެހެން ބޭފުޅަކަށް ވެސް އޮޅުންއެރުން އެއީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބައެއް ފަހަރު އަވަސްއަރުވާލައިގެން ލިޔެފައި ހުންނަ ނޯޓުތަކުގައި 9 ކާއި 7 ކާއި ދެމެދު ތަފާތެއް ނުހުންނާތީއެވެ. އެހެން މީހަކު ކިޔާލާއިރު ނޫނީ އެ ނޯޓު ލިޔުނު މީހާ ވެސް ފަހުން ކިޔާލާއިރު 9 ހީވާނީ ހަމަ 7 ހެންނެވެ. އެގޮތުން މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ކޮނޑޭގައި ނޯޓު ނަންގަވާފަ ނޫނީ އެހެން ބޭފުޅަކު ލައްވާ ނޯޓުކުރުއްވާފާ ފަހުން ކިޔުއްވާއިރު 1195 އެއީ 1175 ކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެގޮތެއް ވިޔަސް ދިވެހި ތާރީޚު ފޮތުން ހެކި ލިބެނީ މުޙައްމަދު މަނިކުފާނަށް 1175 ގައި ވުން އެކަށީގެންވަނީ 65 ވަރަކަށް އަހަރުކަމެވެ. އަވަހާރަވީ 85 އަހަރުގައިކަމަށް ވާނަމަ އަވަހާރަވުން އެކަށީގެންވަނީ 1195 ގައިކަމެވެ.

    (0)(0)
  19. ޢިއްޒަތު

    ހުސައިނަށް ދަންނަވަމެވެ. ޙިލްމީ ވެސް ހިސާބު ހައްދަވާފައިއެވަނީ ލުޠުފީގެ ލިޔުއްވުމަށް ބައްލަވައިގެންކަން އެނގެ އެވެ. ހުސައިނު ވިދާޅުފަދައިން ލުޠުފީއަށް އޮޅުރުން އެރުން އެއީ ނުވެނުދާނެ ކަމެކެވެ. އެކަކު އަނެކަކަށް މިފަދަ ކަންކަމުގައި އެހީތެރިވުން އެއީ އޮންނަށް ޖެހޭނެ ކަމެވެ. އެއީ މުރުއްވަތްތެރި ސިފަ އެކެވެ.

    (0)(0)
  20. ދިރާސާ

    ޙުސޭނު ފާހަގަކުރެއްވި ނުކުތާ ގޯހެއްނޫނެވެ. ޙުސޭނަކީ ޙިލްމީގެ ގާތްބޭފުޅެއްކަމަށް ޙިލްމީ ލިޔުއްވައެވެ. ޙިލްމީގެ މިލިޔުއްވުމުގައިވެސް "ދިވެހިތާރީޚު ފޮތުގައިވަނީ މުޡުހިރުއްދީން ރަދުން ޙައްޖުދަތުރުފުޅުން އެނބުރި ރާއްޖެއަށްވަޑައިގަތުމުން އޭނާއާއި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ފުވައްމުލަކަށް އަރުވާލެއްވީ ކަމަށެވެ." މިގޮތަށް ލިޔުއްވާފައި އެބަވެއެވެ.
    "ފަތްތޫރަ 51"ގައި ލުޠުފީގެ ލިޔުއްވަނީ "މުޙައްމަދު މަނިކުފާނު އަވަހާރަވީ 1175 ވަނައަހަރު ރަމްޟާން މަހު 9ވަނަ ދުވަހުގައެވެ. އެއީ އައްސުލްޠާނު ޙަސަން ޢިއްޒަތްދީނުގެ ރަސްކަމުގެ ތިންވަނަ އަހަރެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 85 އަހަރެވެ." 1195 ގައި އަވަހާރަވީއޭ ލިޔުއްވަން އުޅުއްވަނިކޮށް 1175 ގައި އަވަހާރަވީއޭ ލިޔެވުނީ އޮޅުމެއްކަމަށް ވެދާނެއެވެ. ނަމަވެސް "އެއީ އައްސުލްޠާނު ޙަސަން ޢިއްޒަތްދީނުގެ ރަސްކަމުގެ ތިންވަނަ އަހަރޭ" ސީދާ ލިޔުއްވުމުން މިއޮޅުން އިތުރަށް ބޮޑުވީ ދެއްތޯއެވެ. ޙިލްމީ ހިސާބުހެއްދެވީ ޙަސަން ޢިއްޒަތްދީނުގެ ރަސްކަމުގެ ތިންވަނައަހަރު މުޙައްމަދު މަނިކުފާނު އަވަހާރަވީކަމަށް ބައްލަވާފައެވެ.
    ޙިލްމީ މިކަންކަމަށް ވިސްނެވުން ރަނގަޅެވެ. ޙިލްމީއާއި ލުޠުފީއަކީ ޢާއިލީ އެތައްފަރާތަކުން ގުޅޭ ވަރަށްގާތް ބޭފުޅުންނެވެ.

    (0)(0)
  21. މީމު

    ހިލްމީ ލިއުއްވީ ދިވެހިތާރީޚުފޮތާއި މުހައްމަދު ލުތުފީގެ ލިއުމާއި ދެލިއުމުގައިވާގޮތަށެވެ. މިތަނުންރަގަޅީ ކޮންގޮތެއްހެއްޔެވެ. އިންސާނުންވާތީ މައްސަލަހުންނާނެކަމަށް ބޭބޭފުޅުން ވިދާޅުވާއިރު މިދެލިއުމުން މައްސަލަހުރީ ކޮންލިއުމެއްގައިކަމެއް ވިދާޅުވާބޭފުޅުން ވިދާޅުވުން ރަގަޅެވެ. އެއީ ކޮންލިއުމެއްކަމެއް ނިންމާއިރު އެއާއިގުޅިގެން އިތުރުކަންކަންވެސް ހާމަވާނެއެވެ. އެއްކަމަކަށްވާނީ ހުސައިންގެ ލިއުމުގައިވާގޮތަށް އަވަހާރަވުން އެކަށީގެންވަނީ 1195 ގައިނަމަ އެއީ ހަސަންނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 3ވަނަ އަހަރުކަމަށްވުމެވެ. މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ 17 އަހަރުވީ ރަސްކަމުގައި ތުއްޕުޅުބޭފުޅަކު އަރުވައިލެއްވިކަން ނޫނީ ނޫންކަންވެސް ހާމަވާނެއެވެ. ކުޑަކުޑަ ކަންކަމެއްނޫނެވެ. އަދިވެސް އެތައްކަމެކެވެ. ހިލްމީ، ހުސައިން، ދިރާސާ ބޭބޭފުޅުން މިކަމާއި އުޅުއްވައިގެން ގޮތެއް ނިންމެވުންރަގަޅެވެ.

    (0)(0)
  22. އިބްރާހިމް މޫސާ

    މަރުޙަބާ މަރުޙަބާއެވެ. ތާރީޚީ އެކުވެރި އަދި ހިތްފަސޭހަ ބަޙުސެކެވެ. މަރުޙަބާއެވެ. ފެންނަށްމިއޮތް ދިވެހިތާރީޚުފޮތަކީ ގާޒީ ޙަސަންތާޖުއްދީން ލިއުއްވި ދިވެހިރާއްޖޭގެ ތާރީޚާއި އެތާރީޚުގައި އޭގެފަހަށް އެކިއެކި ފަޑިޔާރުބޭކަލުން ޢަރަބިބަހުން ލިއުއްވާފައިވާ ތަކެއްޗާއި އަދި އެކިއެކި ޒަމާންޒަމާނުގައި ލިޔެވިފައި ދިވެހިބަހުންހުރި ތާރީޚީތަކެއްޗާއި މިއެންމެހައިތަކެތި ކޮމިޓީއަކާއި ޙަވާލުކުރެއްވުމުން އެކޮމިޓީން ލިއުއްވިފޮތެކެވެ.
    މުޒައްފަރު މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައި ބޮޑުކިލެގެފާނުމެން ޏ.މުލަކަށް އަރުވައިލެއްވިއިރު ގާޒީ ތާޖުއްދީން ލ.ގަމަށް އަރުވައިލައްވައިފައި އަނެއްކާ އޭނާގެންނަވައި އޭނާލައްވައި ތާރީޚުގެލިއުއްވިއެއްޗެއް ލިއުއްވީ އެރަސްގެފާނެވެ. ތާޖުއްދީންއަކީވެސް އިންސާނެކެވެ. ރަސްގެފާނަކީވެސް އިންސާނެކެވެ. ރަސްގެފާނު ގަބޫލުފުޅުނޫން އެއްމެއަކުރެއްވެސް އެފޮތުގައި ގާޒީއަށްލިއުއްވެން އޮންނާނެކަމާއި މެދަކު އެއްޗެއް ދަންނަވާކަށްނެތީމެވެ. ގާޒީ ތާޖުއްދީން ލިއުއްވަނީމިހެންނެވެ. [އޭރު މިރަދުންނަށް ކަޑޫދޫ ފާތުމާކަބާފާނު ރައްކައުވެފައި ދާދިތުއްޕުޅު ކިރުފޮދުހިއްޕަވާ ފިރިހެންބޭފުޅަކުވެއެވެ. ދެން މިތުއްޕުޅު ދަރިކަލުންނާއި ރަސްކަމާއިޙަވާލުކުރައްވައި މިދަރިކަލުންގެ މައިކަމަނާފާނު ވެރިޔަކުކަމަށް ދެއްކެވިއެވެ. ދެން އެރަދުންގެ ފިކުރުފުޅުބަލިކަން ބަލަހަރެވެ. މިރަދުންގެބޮޑުބޭބެ އަލިރަސްގެފާނުގެ ދަރިކަލުން ހަސަންރަސްގެފާނަށް ރަސްކަން ޞައްޙަނުވާނޭކަމަށް ރަސްކަމުންބޭލީ ސައުދައަހަރުގައެވެ. މިހާރު މިރަސްކަމަށްއިސްކުރެއްވި މީނާގެދަރިކަލުންނީ ކިރުފޮދުހިއްޕަވާ ބޭފުޅެކެވެ.] ގާޒީ ތާޖުއްދީން ތާރީޚުގައި މިހެންލިއުއްވީ މުޒައްފަރު މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައެވެ. ތުއްޕުޅުދަރިކަލުންނީ ބޮޑުކިލެގެފާނުގެ މުޙައްމަދު މަނިކުފާނެވެ. ގާޒީ ތާޖުއްދީން ލިއުއްވުމުންއެގެނީ ކިރުފޮދުހިއްޕަވާ ބޭފުޅެކެވެ. ބޮޑުފުޅެއްނުވެއެވެ. ބޮޑު ބޭފުޅެއްގެ އަތްޕުޅަކުން ރަސްކަމެއްނުގެއްލެއެވެ.
    ދެން މުޙައްމަދު ލުތުފީގެ ލިއުމެވެ. ކޮނޑެއިން މުޙައްމަދުމަނިކުފާނުގެ މަހާނަގަލުގައިވާ ލިޔުމާއި އަވަހާރަވީތާރީޚު ލިއުއްވިއެވެ. ޢުމުރުފުޅުން 85 އެއްކަމަށްލިއުއްވިއެވެ. މީހެއްގެމަހާނަގަލުގައި އޮންނާނީ އިތުބާރުކުރަންޖެހޭ އެމީހެއްގެ އެންމެޞައްޙަ މައުލޫމާތުގެލިއުމެވެ. ލިއާނީ އެކަމެއް ރަގަޅަށްއެގޭބަޔެކެވެ. ގާޒީ ތާޖުއްދީނާއި ތާރީޚުޢިލްމުވެރިއާގެ ލިއުންދިމާނުވީއެވެ. މައްސަލަޖެހުނީއެވެ. އެތައްކަމެއް ފެންމަތިވާނެއެވެ. ތާރީޚު ދިރާސާކުރައްވާބޭފުޅުން ކުރިއަށްވަޑައިގަންނަވާށެވެ. ހަގީގަތްހާމަކުރައްވާށެވެ. ތާރީޚުގެ މިބޮޑު އޮޅުންބޮޅުން ފިލުވައިލައްވަން އުޅުއްވާ ބޭފުޅުންނަށް މަރުޙަބާ މަރުޙަބާއެވެ.

    (0)(0)
  23. ޙަސަން

    ހުސޭނުގެ ކޮމެންޓުގައި ވާފަދަ އޮޅުމެއް އެރުން އެކަށީގެންވެއެވެ. ސަބަބަކީ މިސާލަކަށް ލުތުފީއަށް 1195 އެއީ 1175 ކަމުގައި އެދަންނަވާފަދަ އޮޅުމަކުން ލިޔުއްވިފައި އަދި މުހަންމަދު މަނިކުފާނު އަވަހާރަވީ 85 އަހަރުގައި ކަން އޮޅުމެއް ނެތި އެނގިވަޑައިގެންފައި އޮތް ކަމުގައި ވެއްޖެނަމަ ފަތްތޫރައިގައި އެފަދައިން ލިޔެވުން އެކަށީގެންވާތީއެވެ. 1175 ކަމުގައި އޮޅުމަކުން ލިޔެވިފައި ޙަސަން އިއްޒުއްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރޭ ލިޔެވިފައި އެވަނީ 1175 އެއީ ކޮން އަހަރެއްކަން ކިޔުންތެރިންނަށް އޮޅުންފިލުވައި ދެއްވުމުގެ ގޮތުންނެވެ. އެއީ ލުތުފީގެ އަމިއްލަ ވިދާޅުވުމެކެވެ. އެ ވަގުތަށް ލުތުފީއަށް ވެސް ހުސޭނު އެ ދެންނެވި ނުކުތާ (މުހަންމަދު މަނިކުފާނަށް 85 އަހަރުވާނީ 1195 ގައި ކަން) ވިސްނުމަށް ނުގެންނެވި އޮވެދާނެއެވެ. އެހެންކަމުން ހަމަ ހަގީގަތުގައި ވެސް 1195 ލިޔެވެންވީ ތަނެއްގައި ކިޔުމުގެ އޮޅުމަކުން ކަމަށްވިޔަސް 1175 ލިޔެވިފައި ވަނީ ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަސަން އިއްޒުއްދީންގެ ރަސްކަމުގެ 3 ވަނަ އަހަރު ކަމަށް އެވަނީ އޮޅުމަކުން ލިޔެވުނު އަހަރު އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުންނެވެ.

    ދެން މީމުއަށް ދަންނަވާލަންއޮތީ މި ލިޔުމުގައި 28 އަހަރުގައި ކަމަށް ވިދާޅުވުމުގައި ޙިލްމީ ހަވާލާދެއްވާފައި އެވަނީ ލުތުފީގެ ލިޔުއްވުމަށް ކަމުގައެވެ. އަދި މައްސަލައެއް ހުރުމުގެ ފުރުސަތު އޮތީ ވެސް ލުތުފީގެ ލިޔުއްވުމުގައި ކަމެވެ. ސަބަބަކީ ދިވެހި ތާރީޚު ފޮތުގައި އެވަނީ މި މައްސަލަ ނިސްބަތްވާ ބޭފުޅުން ހަމަ ލޮލުން ދެކެވަޑައިގެންނެވި ޙަސަން ތާޖުއްދީނުގެ ލިޔުއްވުމަކަށްވުމުންނެވެ. މުހަންމަދު މަނިކުފާނަކީ އޭރު 28 އަހަރުގެ ބޭފުޅެއް ނަމަ ކިރުފޮދު ހިއްޕަވާ ދާދި ތުއްޕުޅު ބޭފުޅެކޭ ތާޖުއްދީނު ނުލިޔުއްވާނެއެވެ. އަދި ހަމަބުއްދިން ވިސްނާލާއިރު ވެސް މުހަންމަދު މަނިކުފާނު އެހައި ބޮޑޫ ނަމަ މުޡްހިރުއްދީން ރަދުން ޙައްޖަށް ވަޑައިގެންވަނިކޮށް މުޒައްފަރު އިމާދުއްދީނަށް ރަސްކަން ނުއަތުލެވުނީސްކަން ގަބޫލުކުރެވެއެވެ. ތާރީޚު ފޮތުގައި އޭރު އެއި ކުޑަ ކުއްޖެއްކަމާއި އެކަންތައް އެވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އެހެންކަމުން އޭރު މުހަންމަދު މަނިކުފާނަކީ 28 އަހަރުގެ ބޭފުޅެކޭ ވިދާޅުވެވޭނެ އެއްވެސް ގޮތެއް ނެތެވެ. މި މައްސަލައިގައި ބުނެވެން އޮތީ ލުތުފީއަށް 1195 އެއީ 1175 ކަމަށް ލިޔެވުނީ ކަމަށެވެ. އަދި އޮޅުމަކުން ލިޔުއްވުނު 1175 އެއީ ކޮން އަހަރެއްކަން ކިޔުންތެރިންނަށް އޮޅުންފިލުވައިދެއްވުމުގެ ގޮތުން ހަސަން އިއްޒަތްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރޭ ލިޔުއްވީ ކަމުގައެވެ. އެ ވަގުތު ލުތުފީގެ ވިސްނެވުމަށް މުހަންމަދު މަނިކުފާނަށް 85 އަހަރު ވުން އެކަށީގެންވާ އަހަރާއި ތާރީޚު ފޮތުގައިވާ ކަންކަން ގެނެވި ހިސާބުތައް ހެދިފައި ނުވަނީއެވެ.

    (0)(0)
  24. ޙަސަން

    ހުސޭނުގެ ކޮމެންޓުގައި ވާފަދަ އޮޅުމެއް އެރުން އެކަށީގެންވެއެވެ. ސަބަބަކީ މިސާލަކަށް ލުތުފީއަށް 1195 އެއީ 1175 ކަމުގައި އެދަންނަވާފަދަ އޮޅުމަކުން ލިޔުއްވިފައި އަދި މުހަންމަދު މަނިކުފާނު އަވަހާރަވީ 85 އަހަރުގައި ކަން އޮޅުމެއް ނެތި އެނގިވަޑައިގެންފައި އޮތް ކަމުގައި ވެއްޖެނަމަ ފަތްތޫރައިގައި އެފަދައިން ލިޔެވުން އެކަށީގެންވާތީއެވެ. 1175 ކަމުގައި އޮޅުމަކުން ލިޔެވިފައި ޙަސަން އިއްޒުއްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރޭ ލިޔެވިފައި އެވަނީ 1175 އެއީ ކޮން އަހަރެއްކަން ކިޔުންތެރިންނަށް އޮޅުންފިލުވައި ދެއްވުމުގެ ގޮތުންނެވެ. އެއީ ލުތުފީގެ އަމިއްލަ ވިދާޅުވުމެކެވެ. އެ ވަގުތަށް ލުތުފީއަށް ވެސް ހުސޭނު އެ ދެންނެވި ނުކުތާ (މުހަންމަދު މަނިކުފާނަށް 85 އަހަރުވާނީ 1195 ގައި ކަން) ވިސްނުމަށް ނުގެންނެވި އޮވެދާނެއެވެ. އެހެންކަމުން ހަމަ ހަގީގަތުގައި ވެސް 1195 ލިޔެވެންވީ ތަނެއްގައި ކިޔުމުގެ އޮޅުމަކުން ކަމަށްވިޔަސް 1175 ލިޔެވިފައި ވަނީ ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަސަން އިއްޒުއްދީންގެ ރަސްކަމުގެ 3 ވަނަ އަހަރު ކަމަށް އެވަނީ އޮޅުމަކުން ލިޔެވުނު އަހަރު އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުންނެވެ.

    ދެން މީމުއަށް ދަންނަވާލަންއޮތީ މި ލިޔުމުގައި 28 އަހަރުގައި ކަމަށް ވިދާޅުވުމުގައި ޙިލްމީ ހަވާލާދެއްވާފައި އެވަނީ ލުތުފީގެ ލިޔުއްވުމަށް ކަމުގައެވެ. އަދި މައްސަލައެއް ހުރުމުގެ ފުރުސަތު އޮތީ ވެސް ލުތުފީގެ ލިޔުއްވުމުގައި ކަމެވެ. ސަބަބަކީ ދިވެހި ތާރީޚު ފޮތުގައި އެވަނީ މި މައްސަލަ ނިސްބަތްވާ ބޭފުޅުން ހަމަ ލޮލުން ދެކެވަޑައިގެންނެވި ޙަސަން ތާޖުއްދީނުގެ ލިޔުއްވުމަކަށްވުމުންނެވެ. މުހަންމަދު މަނިކުފާނަކީ އޭރު 28 އަހަރުގެ ބޭފުޅެއް ނަމަ ކިރުފޮދު ހިއްޕަވާ ދާދި ތުއްޕުޅު ބޭފުޅެކޭ ތާޖުއްދީނު ނުލިޔުއްވާނެއެވެ. އަދި ހަމަބުއްދިން ވިސްނާލާއިރު ވެސް މުހަންމަދު މަނިކުފާނު އެހައި ބޮޑޫ ނަމަ މުޡްހިރުއްދީން ރަދުން ޙައްޖަށް ވަޑައިގެންވަނިކޮށް މުޒައްފަރު އިމާދުއްދީނަށް ރަސްކަން ނުއަތުލެވުނީސްކަން ގަބޫލުކުރެވެއެވެ. ތާރީޚު ފޮތުގައި އޭރު އެއި ކުޑަ ކުއްޖެއްކަމާއި އެކަންތައް އެވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އެހެންކަމުން އޭރު މުހަންމަދު މަނިކުފާނަކީ 28 އަހަރުގެ ބޭފުޅެކޭ ވިދާޅުވެވޭނެ އެއްވެސް ގޮތެއް ނެތެވެ. މި މައްސަލައިގައި ބުނެވެން އޮތީ ލުތުފީއަށް 1195 އެއީ 1175 ކަމަށް ލިޔެވުނީ ކަމަށެވެ. އަދި އޮޅުމަކުން ލިޔުއްވުނު 1175 އެއީ ކޮން އަހަރެއްކަން ކިޔުންތެރިންނަށް އޮޅުންފިލުވައިދެއްވުމުގެ ގޮތުން ހަސަން އިއްޒަތްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރޭ ލިޔުއްވީ ކަމުގައެވެ. އެ ވަގުތު ލުތުފީގެ ވިސްނެވުމަށް މުހަންމަދު މަނިކުފާނަށް 85 އަހަރު ވުން އެކަށީގެންވާ އަހަރާއި ތާރީޚު ފޮތުގައިވާ ކަންކަން ގެނެވި ހިސާބުތައް ހެދިފައި ނުވަނީއެވެ.

    (0)(0)
  25. ޖައުފަރު

    މިކަމުގައި އޮޅުންބޮޅުން ވުމުގެ ފުރުސަތު އޮތީ ލުތުފީގެ ލިޔުންކޮޅުގައެވެ. ހަސަން ތާޖުއްދީނު އަކީ ތާރީޚު ފޮތުގައި އެވާ މައުލޫމާތު ލިޔުއްވި އަދި މުޡްހިރުއްދީން ރަދުންގެ އަރިއަހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި މައްސަލައިގައި އޭނާގެ ލިޔުމެއް ގޯސް ނުވާނެއެވެ. ދެން ލުތުފީގެ ލިޔުންކޮޅުގައި ދެ ގޮތަކުން އޮޅުންއަރާގެން ދިއުމުގެ ފުރުސަތު އެބައޮތްކަން ފަތްތޫރައިގައި އެވާ ލިޔުންކޮޅުން އެނގެއެވެ. އެއްގޮތަކީ 65 ލިޔެވެންވީ ތަނުގައި 85 ލިޔެވުމެވެ. 6 ލިޔެވޭއިރު ވެސް ބައެއް ފަހަރު މަތީކޮޅު ވާތް ފަރާތަށް ލަނބާލެވިފައި ހުންނައިރު އެއީ 8 ހެން ހީވެދާނެއެވެ. އެގޮތުން ފަތްތޫރައިގައި ލިޔުން ލިޔުއްވި ސެކެޓްރީއަކަށް 6 ގެ ބަދަލުގައި 8 ޖެހިފައި ވެސް އޮވެދާނެއެވެ. ދެން އޮތް ގޮތަކީ ލުޠުފީއަށް 1195 ވަނަ އަހަރު 1175 ވަނަ އަހަރު ކަމުގައި ލިޔެވުމެވެ. ބޮޑަށް ވުން އެކަށީގެންވަނީ މި ގޮތް ކަމުގައި ދެކެމެވެ. ސަބަބަކީ 85 އަހަރުގައި އަވަހާރަވިކަމަށް ލުޠުފީއަށް އެނގިވަޑައިގެންފައިވާކަން ލުޠުފީގެ ލިޔުންކޮޅުން އެނގޭތީއެވެ. އަދި 85 އެއީ ސެކެޓްރީއަކުގެ ލިޔުމުގެ ކުށް ކަމުގައި ވާނަމަ ސީދާ ލުތުފީވެސް ފަހުން އެކަން އިސްލާހުކުރައްވާނެތީއެވެ. މިކަމުގައި އޮޅުމެއް އަރާ ނަމަ އެރުން އެކަށީގެންވަނީ ލުތުފީއަށެވެ. ލިޔުމުގައި އެހެން ބޭފުޅަކަށް ދިމާވި ކުށެއް ނަމަ ލުތުފީއަށް އެކަން ފާހަގަކުރެވުނީހެވެ.

    އެހެންކަމުން ދަންނަވަން ޖެހެނީ ލުތުފީއަށް ކިޔުއްވުމުގައި 1195 އެއީ 1175 ކަމަށް ބެލެވިގެން ނުވަތަ އެފަދަ ކަމެއް ދިމާވެގެން އޮޅުމަކުން 1175 ކަމަށް ލިޔެވުނީ ކަމަށެވެ. އެ އޮޅުން އުފެދުނުކަން ޚުދު ލުތުފީއަކަށް ވެސް އެނގިވަޑައިނުގަންނަވާނެއެވެ. އަދި މުހަންމަދު މަނިކުފާނަށް އިއްޒުއްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރު 85 ވުން އެކަށީގެން ނުވާކަން ވެސް ތާރީޚު ފޮތުގައިވާ މައުލޫމާތުގެ އަލީގައި އެ ވަގުތު ވިސްނިވަޑައިނުގެންފައި އޮވެދާނެއެވެ. އެހެންކަމުން އިއްޒައްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރުގައި ކަމަށް އެއޮތީ އޮޅުމަކުން ލިޔެވުނު 1175 ވަނަ އަހަރާމެދު އިތުރު ބަޔާނެއްގެ ގޮތުންނެވެ. ދެން މި ގޮތަށް ވުން އެކަށީގެންވާކަމަށް ބާރު ލިބޭ އަނެއް ކަމަކީ ލުތުފީގެ ލިޔުންކޮޅުގައި ކޮނޑޭ އަލިމަނިކުފާނު ކޮނޑޭގައި އުޅުއްވީ އިއްޒުއްދީނުގެ ރަސްކަމުން ފެށިގެން ޙަސަން ނޫރައްދީނުގެ ރަސްކަމާ ހަމައަށް ކަމުގައި އޮތުމުންނެވެ. މިފަދައިން އޮތުމުން ކޮނޑޭ އަލިމަނިކުފާނު ކޮނޑޭގައި އެ އުޅުއްވީ ކާފާފުޅު އަވަހާރަވަންދެން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. އެގޮތުން މުހަންމަދު މަނިކުފާނު އަވަހާރަވުމުން ފަހުން ކޮނޑޭގައި ހުންނެވުމުގެ މާ ބޮޑު ބޭނުމެއް ނެތުމުން ވާދޫއަށް ބަދަލުވެވަޑައިގަތީ ކަމަށް ޤަބޫލުކުރެވެއެވެ.

    (0)(0)
  26. ޢ. ޙިލްމީ

    އިއްޔެއާއި މިއަދުވެސް ގާތް ހަތަރު ފަސްބޭފުޅަކު ފޯނުކުރައްވައި އެކިވާހަކަފުޅު ދެއްކެވިއެވެ. ވާހަކަފުޅުގެ ބޮޑުބަޔަކީ މިލިޔުމުގައި ފެންނަ އޮޅުމެވެ. އެ އޮޅުމާމެދު އަޅުގަނޑު އެއްޗެއްނުބުނެ ހިމޭނުންހުންނަކަމަށް ބައްލަވަނީއެވެ. އެހެންވުމުން ބައެއް ބޭފުޅުން ސަމާސާފުޅުގޮތެއްގައި ވިދާޅުވަނީ "ތިޔަހުރީ ރަނގަޅު ތާއްޓެއްވެފައެވެ. ޝައިޚު ޙަސަން ތާޖުއްދީން ތާރީޚުގެ އެ ލިޔުން ލިޔުއްވީ ޙިލްމީމެންގެ ބޭފުޅެއްގެ ދުވަސްވަރުއެވެ. އެ ލިޔުން ރައްދުވަނީ ޙިލްމީމެންގެ ބޭފުޅަކަށެވެ. އަދި އެ ލިޔުއްވުމުގައިވާ ބޭފުޅެއްގެ މަހާނަގަލުގެ ލިޔުއްވުމާއި މި ބޭފުޅަކު އަވަހާރަވީ ތާރީޚު ލިޔުއްވީ ވެސް ޙިލްމީމެންގެ ބޭފުޅެކެވެ. އެއްވަރުގެ ކަންތަކެވެ. ތިޔަހުރީ ރަނގަޅަށް ތާށިވެފައެވެ." ޖަވާބުގައި މިބޭފުޅުންނަށް އަޅުގަނޑު ދެންނެވީ "ލިޔުން މި ފެންނަނީ "ލިޔުންތެރިންގެ ގުޅުމުން" ނޫންތޯއެވެ. މިއީ ޢިލްމީ އަދި ތާރީޚީ ލިޔުންތެރިންނާއި އެފަދަ ކިޔުންތެރިންގެ ވެބްސައިޓެކެވެ. މިއީ މި ކަހަލަ ކަންކަމުގައި ދަތުރުކުރަންޖެހޭ މިޞްރާބު ނޭނގިގެން މަގުއޮޅިގެން ދާނޭ ސައިޓެއްނޫނެވެ. މޫސުމްގެ ބަނަކަން ފިލައިގެންދާއިރު އޮޑި އޮންނާނީ ކަރަގޮނޑުގައެވެ."

    (0)(0)
  27. ސޫމް

    މި އަހަރު ކުރީކޮޅު އަވަހާރަވި މަޝްހޫރު ދިވެހި ބޭސްވެރިޔާ ގައްދަޑު ލަޠީފަކީ ވެސް މި ގައްދަޑު މަނިކުފާނުގެ ދަރިކޮޅުގެ ބޭފުޅެއް ދެއްތޯއެވެ؟
    (http://www.haveeru.com.mv/dhivehi/news/115760)

    (0)(0)
  28. ޢާލިމު

    ލުޠުފީ މުހަންމަދު މަނިކުފާނުގެ މަހާނައިގައި ހުރި ލިޔުން ކަމަށް ވިދާޅުވާ ލިޔުންކޮޅަކީ [ހާޛާ ޤަބުރުއްޞަޣީރު މުޙައްމަދު ބިން އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ޝާހުބަންދަރު ބިން އަލްވަޒީރު ޙަސަން މާފަތްތަކުރުފާނު ބިން އަލްވަޒީރު އިބްރާހީމް ޝާހުބަންދަރު ޖަމާލުއްދީނުލް އިސްދުވިލް ޢަޒީޒު] މިއެވެ. މި ލިޔުންކޮޅުގައި ތާރީޚެއް ނެތެވެ. މި ލިޔުންކޮޅާ ވަކިން ލުޠުފީ މުހަންމަދު މަނިކުފާނު އަވަހާރަވި ތާރީޚާއި އަވަހާރަވި އުމުރުފުޅު ގެނައުމުން ދޭހަވަނީ އެ މަޢުލޫމާތަކީ އެ މަހާނަގައު ކުރިން ދެކެލައްވާފައި ހުރި ލުޠުފީ އެބޭފުޅަކުގެ ފަރާތުން މަޢުލޫމާތު ހޯއްދެވި ބޭފުޅެއްގެ ހަނދާނުގައި ހުރި ގޮތް ކަމެވެ. އެހެންކަމުން މިކަމުގައި އޮޅުމެއް އެރުމުގެ ފުރުސަތު އެބައޮތެވެ. ދެން ލުޠުފީގެ ލިޔުއްވުމުގައި ވާގޮތުން މަހާނަގަލުގައި ހުރި ކަމަށް އެ ބުނާ މަޢުލޫމާތު ކޮޅަކީ ވެސް ނަކަލެކެވެ. މާ ކުރިން މަހާނަ ވަނީ ހަލާކުވެ ގޮސްފައެވެ. ވުމާއެކު އޮޅުންބޮޅުންވުމުގެ ފުރުސަތު މާ ބޮޑަށް ވެސް އެބައޮތެވެ. އެހެނިހެން ބޭފުޅުން ވިދާޅުވާހެން މިސާލާކަށް މައުލޫމާތު ދެއްވި ބޭފުޅަކު ރަނގަޅަށް މައުލޫމާތު ދެއްވާފައި އޮވެގެން ވެސް ލުޠުފީއަށް ނޯޓު ނެންގެވުނު ގޮތަކުން 9 އަކީ 7 އަށް ބަދަލުވެގެން އޮޅުންބޮޅުންވުން އެއީ ވެސް ވެދާނެކަމެކެވެ.

    (0)(0)
  29. ވާދޫ މީހާ

    "ސޫމް"ގެ ކޮމެންޓުގައި ލިންކުދެއްވި ހަވީރުނޫހުގެ އާޓިކަލުގައިވަނީ ގައްދަނޑުގޭ ދޮންދީދީ އަކީ ޢަބުދުﷲ ލަޠީފުގެ ކޮއްކޮކަމަށެވެ. ނަމަވެސް އެއީ ޢަބުދުﷲ ލަޠީފާއި އެއްބަނޑު ދައްތައެވެ. ޢަބުދުﷲ ލަޠީފަކީ ގައްދަނޑު މަނިކުފާނުގެ ދެ ބޭފުޅެއްގެ ޢާއިލާއާއި ގުޅޭ ބޭފުޅެކެވެ.

    (0)(0)
  30. ޤާސިމް

    ފުވައްމުލަކު ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުފާކޮށްފިން ޙިލްމީ ފުވައްމުލަކުގެ ޝަޚުޞިއްޔަތަކާމެދު ކުރިން އެއްގޮތަކަށް ވެސް އެނގިފައި ނުވާ މިފަދަ އަގުހުރި މަޢުލޫމާތުކޮޅެއް ގެނެސްދެއްވީތީ... ކުރިއަށް އޮތް ތަނުގައި ވެސް މި ސިލްސިލާގެ ގިނަ ލިޔުންތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރަން... ވަރަށް ބޮޑަށް ޝުކުރިއްޔާ...

    (0)(0)
  31. ޠޯހާ

    ޙިލްމީބޭގެ މިލިޔުމަކީވެސް ވަރަށް ޢިލްމީ ތާޜީޚީ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ފުރިހަމަ ލިޔުއްވުމެއްކަން ފާހަގަކުރަމެވެ. މިމަސައްކަތްޕުޅުގައި ދެމިހުންނެވުމުގެ ހެޔޮ ތަޢުފީޤްދެއްވާށިއެވެ.

    މިތާންގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ލ.ގަމުން ފެނިފައިވާ ޢަލީ މަނިކުފާނެއްގެ ވާހަކައެވެ. މިދެންނެވި ޢަލީ މަނިކުފާނަކީ، ގަމު ނެވި އަލިބޭގެ އިބިރިހިން (އިބްރާހިމް) ތަކުރުފާނުގެ ޢަލި މަނިކުފާނުކަން އެނގެއެވެ. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ، އަޑުމަޚްރަޖް ރިވެތި، ކިޔަވައިދެއްވާ އުޅުއްވި އެދުރުބޭކަލެއްކަން މިހާރުގެ މުސްކުޅިން ކުޑައިރު ކިޔަވައިދެއްވި އެދުރު ބޭކަލުން ކިޔައިދެއްވިކަމަށް ވެއެވެ.
    ނަމުންވެސް އެނގިލައްވާނޭ ފަދައިން ނެވި އަލިބޭގެ އާއިލާއަކީ ނެވިކަމާއި މާލިމީކަމުގެ އާއިލާއެކެވެ. ހަމައެއާއެކު ޢަލި މަނިކުފާނަށް މުނިކާފަ ކިޔާ ބޭފުޅުން (މިހާރު 70-859 އަހަރާއި ދެމެދުގެ ޢުމުރުގައި) ވިދާޅުވާ ގޮތުން އެނގިފައިވަނީ ޢަލިމަނިކުފާނަކީ ދެއްވަދޫ ބޭފުޅެއްކަމެވެ. އަދި އިހުގައި ދެއްވަދޫ މީހުން ދަތުރުވަރުގައި ލ.އަތޮޅުގައި މަޑުކުރުމަށްފަހު ތިމާގެ މީހުންކަމުގައި ކިޔައިދީ ހަދިޔާ ބަދިޔާ ބަދަލުކުރާކަމުގައެވެ.

    މިދެންނެވި ޢަލިމަނިކުފާނަކީ ދެއްވަދޫގެ ކޮން އަލިމަނިކުފާނެއްކަމަށް ހޯދާ ބެލުމުން ޙިލްމީބޭގެ މިލިޔުއްވުމުން ކޮންމެވެސް އަލިކަމެއް ފެންނަ ކަހަލައެވެ. އެގޮތުން މިކަމުގައި އަޅުގަނޑަށް ވިސްނޭ ދެގޮތެއް ދަންނަވާލާނަމެވެ.

    1. ޢަލި މަނިކުފާނަކީ އިބްރާހިމް މުޒުހިރުއްދީންގެ މުޙައްމަދު މަނިކުފާނުގެ ޢައިމިނާމަނިކުފާނުގެ ބޭފުޅަކަށްވުން. މިގޮތަށް ބެލެވޭ ސަބަބަކީ މިޢައިމިނާމަނިކުފާނުގެ ދަރިކޮޅުގެ އެއްވެސް މަޢުލޫމާތެއް އައްޑޫ ހުވަދޫ އަދި މުލަކުންވެސް ފެންނާންނެތަތީއެވެ. އައިމިނާ މަނިކުފާނު ހައްދުއްމަތީ ގަމު ނެވިއަލިބޭގެ އިބިރިހިން (އިބްރާހިމް) ތަކުރުފާނާއި ކައިވެނިކުރެއްވިކަމަށް ވުން އެކަށީގެންވޭބާވައެވެ. ނުވަތަ މިދެންނެވި އައިމިނާ މަނިކުފާނުގެ ދަރިކޮޅުގެ އަންހެން ބޭފުޅެއްގެ ދަރިކޮޅުގެ ބޭފުޅަކަށްވުން އެކަށީގެންވެއޭ ހިތަށް އަރަނީއެވެ.

    2. ޢަލިމަނިކުފާނަކީ އިބްރާހިމް މުޒުހިރުއްދީންގެ އައިޝާމަނިކުފާނުގެ ދަރިކޮޅުގެ ބޭފުޅެއްގެ ދަރިކޮޅުގެ ބޭފުޅަކަށްވުން.

    3. މަތީގައި މިދެންނެވި ދެގޮތުންކުރެ އެއްގޮތަކަށްވެސް ނުވުން.

    އަޅުގަނޑުގެ މިކޮމެންޓްގެ ބޭނުމަކީ މިސައިޓްގެ މިލިޔުއްވުންތަކަށް ކޮމެންޓްކުރައްވަމުންދާ މަޢުލޫމާތު މުއްސަނދި ބޭފުޅުންގެ ސަމާލުކަމަށް ގެނައުމެވެ. ތިޔަބޭފުޅުން މިކަމާއިމެދު ވިސްނަވާ، ޚިޔާލުތަކެއް ހުށައެޅުއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ޝުކުރިއްޔާ.

    (0)(0)
  32. މަޑަވެލީ ޢަލީ ނަސީރު

    މުޙަންމަދު މަނިކުފާނުގެ މަހާނަގަލުގެ ލިޔުމާއި އެޢާއިލާގެ އެހެންބޭފުޅުންގެ މަހާނަގަލުގެލިޔުން ކުރިން ނަކަލުކުރެއްވީ އެޢާއިލާގެ ބޭފުޅެއްކަމަށްވާ ކޮޑޭ އިހުގެކަތީބު ކުޑަތުއްތުދީދީ އެވެ. އޭނާ އެލިޔުންތައް ނެންގެވީ އެ މަހާނަގަލުގެ ކައިރީ އިންނަވައިގެންނެވެ. ލިޔެފައި ހުރީ ދިވެސް އަކުރުންނެވެ. އުސްތާޒް ލުޠުފީ އެރަށަށްވަޑައިގެން ބެއްލެވިއިރު މުޙައްމަދުމަނިކުފާނު މަހާނަގައު ނެތްނަމަވެސް އެހެންގަބުރުސްތާނެއްގައި (އެދުވަސްވަރުގެ) އެހެން ގައުތައް ހުއްޓެވެ. އެ ގައުތައް ލުޠުފީބެއްލެވިއިރު ކުރިން އެގައުތަކުން ކުޑަތުއްތުދީދީ ނެންގެވިލިޔުމާއި އެ ގައުތަކުގައިހުރި ލިޔުމާއި ތަފާތެއް ނެތެވެ. މުޙައްމަދުމަނިކުފާނު އަވަހާރަވީ 1175ހ. ވަނަ އަހަރު ރަމްޟާންމަހުގެ 9 ވަނަ ދުވަހު ކަމާއި އެއީ އައްސުލްޠާނު ޙަސަން ޢިތްޒައްދީނުގެ ރަސްކަމުގެ 3 ވަނަ އަހަރުކަމަށް ކަނޑައެޅިގެން ލުޠުފީ ލިއުއްވުމުގެ ބުރަދަނެއް ނެތްކަމަށް ބައްލަފައި ޙަސަންތާޖުއްދީންގެ ލިއުއްވުމަށް ބުރަދަނެއް ދެވެންޖެހޭ ސަބަބަކާއިމެދު ސުވާލު އުފެދެ އެވެ. ލުޠުފީ މިފަދަ ލިއުންތައް ލިއުއްވަނީ، އެތައްގޮތަކުން އެކަމެއް ދިރާސާކުރައްވައި ޔަގީންކުރައްވައިފައިކަމަށް ސީދާ ދިވެހިބަހާއި ބެހޭ މަރުކަޒުގެ ގިނަ ބޭފުޅުންވެސް އެއްބަސްވެވަޑައިގަނަވަ އެވެ. ލުޠުފީގެ މިލިއުއްވުން ބޮޑުއޮޅުމަކަށްވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ. އަނެއްކާ ލުޠުފީއަކީ، މިމުޙައްމަދު މަނިކުފާނުގެ ދަރިކޮޅުން ވަޑައިގަތްބޭފުޅެކެވެ. ވީއިރު ޢާލިމު ވިދާޅުވިފަދަގޮތަކަށް ލުޠުފީއަށް ނޯޓު ނެންގެވުނު ގޮތަކުން ހިސާބުއަކުރުގެ 9 ވަނަ ޢަދަދު 7 ވަނަ ޢަދަދައަށް ބަދަލުވެ އޮޅުންބޮޅުން ވެދާނެކަމަށް ގަބޫލުކުރުން އެއީ ވަރަށްދަތި ކަމެކެވެ. ކޮނޑޭ ކުޑަތުއްދީދީ މިހާރުވެސް ދުނިޔޭގައި އެބަ ހުންނެވޫ އެވެ. އާދެ! ކޮމެންޓެއްގައި ހުރިހާ ވާހަކަ ގެނެސްދިނުމަކީ، ކިއުންތެރީންނަށް އެހާ ފަސޭހަވާޏެ ކަމެއްނޫންކަމަށްވާތީ، މި ދެ މުއައްރިޚުންނާއިމެދު އަޅުގަނޑު ޚިޔާލު އެހެން ބަޔާނެއްގައި ގެނެސްދެވޭތޯ ބަލާނަމެވެ. 01/10/2012

    (0)(0)
  33. މުޙައްމަދު

    ފުވައްމުލަކުގެ ދަރިއެއްގެ ހައިސިއްޔަތުން ޤާސިމު ފައުޅުކުރެއްވި ޝުޢޫރުގައި އަޅުގަނޑުވެސް ބައިވެރިވަމެވެ. ޝައްކެއްނެތެވެ. ފުވައްމުލަކުގެ ތާރީޚުގެ ގެއްލެމުންދިޔަ ވަރަށްއަގުހުރި ޞަފުޙާތަކެއް އަނބުރައި އިޢާދަކޮށްދެއްވި ނޫހެއްގެގޮތުން "ލިޔުންތެރިންގެގުޅުމާއި" މިނޫހުގެ ލިޔުންތެރިޔާ ޢަބުދުﷲ ޙިލްމީގެ ނަން ފުވައްމުލަކުގެ ތާރީޚުގެތެރެއަށް ވަދެގެންދިޔައީއެވެ. މިއުފާވެރި ފަޚުރުވެރި މުނާސަބާގައި މިނޫހާއި ނޫހުގެ ހިންގުންތެރިންނާއި އަދި ލިޔުންތެރިޔާ ޢަބުދުﷲ ޙިލްމީއަށް ފުވައްމުލަކުގެ ލޮބުވެތި މުވާޠިނުންގެ ނަމުގައި ތަހުނިޔާއާއި ޝުކުރުދަންނަވަމެވެ.

    (0)(0)
  34. އާދަމް

    ތާރީޚު ދިރާސާކުރާއިރު ބޮޑަށް އިސްކަން ދޭންޖެހެނީ ކުރީގެ މަސްދަރުތަކަށް ކަމުގައި ދަންނަވަމެވެ. އެގޮތުން މިމައްސަލައިގައި ޙަސަން ތާޖުއްދީނުގެ ލިޔުއްވުމުގެ ޞައްޙަކަން ލުތުފީގެ ލިޔުއްވުމަކަށްވުރެ ބޮޑުވާނެއެވެ. ސަބަބަކީ ތާޖުއްދީނަކީ މިމައްސަލަ ރައްދުޥާ ބޭފުޅުންގެ އަރިހުގައި އުޅުއްވި އެބޭފުޅުން ދެކެލެއްވި އެބޭފުޅުން ރަނގަޅަށް ދަންނަ ބޭފުޅަކަށް ވާތީއެވެ. އެއާ ޚިލާފަށް ލުޠުފީއަކީ އޭގެ އެތައް ޖީލެއް ފަހުގެ ބޭފުޅެކެވެ. ލުޠުފީއަކީ މުހައްމަދު މަނިކުފާނުގެ ޢާއިލީ ބޭފުޅެއް ނުވަތަ ކަންކަން ވަރަށް ބޮޑަށް ދިރާސާކުރެއްވި ބޭފުޅެކޭ ވިދާޅުވެ ނިންމާލެވޭކަށް ނެތެވެ. ސަބަބަކީ ކޮންމެ ކަމެއްގައި ވެސް އިންސާނަކަށް ލިބިފައިވާ ލިޔާގަތު ހުއްޓޭނެ ހިސާބެއް އޮންނާނެތީއެވެ. ތާޖުއްދީން ސިޔާސީ ސަބަބުތަކަކަށް ރޯ ނުބައި މައުލޫމާތެއް ލިޔުއްވަފާނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭ ބޮޑު ދީނީ ޢިލްމުވެރިއެކެވެ. އެތައް ރަސްކަލެއްގެ ފަނޑިޔާރާއެވެ. ތާޖުއްދީން ލިޔުއްވުމުގައި ހިސާބަކަށް ޒާތީ ގޮތެއް ހުރުން އެއީ އިންސާނަކަށް ވީތީ ވެދާނެ ކަމެކެވެ. ނަމަވެސް އެއްގޮތަކަށް ވެސް ރޯ ނުބައިކޮށް އެވަރުގެ ބޮޑު ޢިލްމުވެރިޔަކު ލިޔުއްވާނެތޯއެވެ؟

    ތާޖުއްދީނުގެ ލިޔުން ނުބައިވެދާނެކަމަށް ސިޔާސީ ނަޒަރަކުން ބައެއް ބޭފުޅުން ކޮމެންޓުކުރައްވާފައި ވާއިރު ލުތުފީއާ މެދުވެސް ސިޔާސީ ނަޒަރަކުން ވަރަށް ރަނގަޅަށް މިމައްސަލައިގައި ލިޔެވެން އެބައޮތް ކަމުގައި ދަންނަވަމެވެ. ތާރީޚީ ފަންނުގެ ބޭފުޅުން ކުރީގެ ލިޔުންތައް ނުބައިކަން ސާބިތުކޮށްދެނީ އެކަމަށް ބާރު ލިބޭ ގިނަ ހެކިތަކެއް ލިބިގެންނެވެ. ހަމައެކަނި ސިޔާސީ ސަބަބެއް ބަޔާންކޮށްގެނެއްނޫނެވެ. ސިޔާސީ ސަބަބު ބަޔާންކުރަނީ އެގޮތަށް ގިނަ ހެކިތަކެއް ހުރެމެ އެއާ ފުށުއަރާ އެންމެ ލިޔުމެއް އޮވެގެން އެފަދަ ޙާލަތްތަކުގައެވެ. މިމައްސަލައިގައި އޮތީ ހަމައެކަނި ލުޠުފީ ބޭފުޅަކު ކައިރީ އައްސަވައިގެން ވުޖޫދުގައި ނެތް މަހާނައެއްގެ ނަކަލު ހޯއްދަވައިގެން ލިޔުއްވި ލިޔުއްވުމަކާއި ސީދާ އެ މައްސަލަ ނިސްބަތްވާ ބޭފުޅުން ދެކެލެއްވި ޙަސަން ތާޖުއްދީނުގެ ލިޔުއްވުމެކެވެ. އިސްކަން ދެވޭނީ އަދީ ތާރީޚީ ޢިލްމުގެ ދުނިޔެ ޤަބޫލުކުރާ ހަމަތަކަށް ބަލާއިރު އިސްކަން ދޭން ޖެހެނީ މިފަދަ ޙާލަތްތަކުގައި ކުރީގެ ލިޔުމަށެވެ.

    (0)(0)
  35. ޙަސަން

    ފުވައްމުލަކަށް އަރުވައިލެވުނު އިރު މުޡްހިރުއްދީން ރަދުންގެ މުލަކު މުހައްމަދު މަނިކުފާނަށް 28 އަހަރު ވެފައިވުން އެއީ ވެދާނެކަމެއްކަމުގައި ގަބޫލުނުކުރެވެއެވެ. އިސްދޫ އަލިރަސްގެފާނުގެ ހަސަން ރަސްގެފާނު ނުވަތަ ހިތަދޫ ޙަސަން މަނިކުފާނަށް ވެސް އެ ބޭފުޅުން ފުވައްމުލަކަށް އަރުވައިލެވުނު އިރު އަދި އެންމެ ސާދަފަނަރަ އަހަރެވެ. މި ވާހަކަ ލުޠުފީ އަދި އެހެން ބޭފުޅުން ވެސް ލިޔުއްވަނީ މިގޮތަށެވެ. ހިތަދޫ ޙަސަން މަނިކުފާނަކީ މުހައްމަދު މަނިކުފާނަށް ވުރެ ދޮށީ ބޭފުޅެއްކަން ސީދާ ލުތުފީގެ ލިޔުންތަކުން އެނގެއެވެ. ވީއިރު ޙަސަން މަނިކުފާނަށް ސާދަފަނަރަ ވެފައި މުހަންމަދު މަނިކުފާނަށް 28 ވާނީ ފަހެ ކިހިނަކުންތޯއެވެ؟ އެހެންނޫނަސް އެންމެ ކަމަކަށް ވިސްނަވާލައްވާށެވެ. 28 އަހަރުވެފައި ހުއްޓާ ދިޔަމިގިލީ މުހައްމަދަށް ރަސްކަން ފޭރިގަނެވޭނީ ކިހިނަކުންތޯއެވެ؟

    (0)(0)
  36. ޖައުފަރު

    މިކުރެވޭ ޢިލްމީ ބަހުސާގުޅިގެން ދަންނަވަމެވެ. ލުޠުފީގެ އެއްވެސް ލިޔުއްވުމެއްގައި ތާރީޚު ފޮތުގައި އެވަނީ ދޮގު މަޢުލޫމާތު ކަމަށް ބަޔާންކުރައްވާފައި ނެތެވެ. ލުޠުފީއަކީ ދިވެހި ތާރީޚުގެ އެކިކަންކަމަށް ބަހުސްތައް ލިޔުއްވި ބޭފުޅެކެވެ. ނަމަވެސް މި މައްސަލައިގައި ކުރުކޮށް ނަމަވެސް ލިޔުއްވާފައި ނުވުމުން އެނގެނީ މި ފުށުއެރުމަކީ ލުޠުފީއަށް ފާހަގަކުރެއްވިފައި ނުވާ ފުށުއެރުމެއްކަމެވެ. އެއްވެސް އިންސާނަކަށް ހުރިހާ ކަމަކާ ވިސްނާ ދިރާސާކޮށް ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން މިމައްސަލައިގައި މިވާ ފުށުއެރުން ލުތުފީއަށް ފާހަގަކުރެވިފައި ނުވަނީކަމަށް ލުތުފީގެ ލިޔުންތައް ހެކިދެއެވެ.

    ފަތްތޫރައިގައި 1980ގެ ކުރީކޮޅު ލިޔުއްވި ލިޔުއްވުމެއްގައި ޙިލްމީ މިލިޔުމުގައި އެބަޔާންކުރައްވާ މުހަންމަދު މަނިކުފާނު އަވަހާރަވިކަމަށް ބުނެވޭ ތާރީޚު ލިޔުއްވުމަށްފަހު، އޭގެ ފަހުގެ އެއްވެސް ލިޔުއްވުމެއްގައި މި މައުލޫމާތު އަދި މިމައުލޫމާތު ނިސްބަތްވާ ބޭފުޅުންގެ ވާހަކައެއްވެސް ލުތުފީ ދައްކަވާފައެއް ނެތެވެ. މިއިން އެނގެނީ ފަހުން ލުޠުފީ މިކަމާމެދު ދިރާސާކުރައްވާފައި ނުވާކަމެވެ. (އެދުވަސްވަރު މިކަމާމެދު ދިރާސާކުރެއްވުމަށްވުރެ ބޮޑަށް ލުތުފީގެ ދިރާސާތައް އޮތީ ރާއްޖޭގެ ޖޯގުރަފީއާ މުޅި ރާއްޖޭގެ ތާރީޚާއި ގުޅޭ ކަންކަމާއި ވީ ފަޅީގައެވެ. އެގޮތުން ތޯރ ހަޔަރދަރލް ފަދަ ބޭފުޅުންނާއެކު އެކިރަށްރަށަށް ދަތުރުކުރެއްވުން ފަދަ ކަންކަމުގެ ތެރޭގައެވެ.) އެހެންކަމަށްވުމާއެކު ފަތްތޫރައިގައި މާކުރިއަކުން ލިޔެވުނު ގޯހެއް އަދިއަދަށް އިސްލާހުނުކުރެވި ވަނީއެވެ. ކޮންމެގޮތެއްވިޔަސް އެއްވެސް އިރެއްގައި ތާރީޚު ފޮތުގައި ތުއްޕުޅު ދަރިކަލުންކަމަށް އެވާ ތަންކޮޅު ގޯސްކަމުގައި ލުތުފީ ވިދާޅުވެފައެއް ނެތެވެ. ނަމަވެސް ލުތުފީގެ ލިޔުމުގައި ބަޔާންކުރައްވަނީ އެތުއްޕުޅު ދަރިކަލުންނަކީ މުހަންމަދު މަނިކުފާނުކަމަށެވެ. ލުތުފީ މިފަދައިން ބަޔާންކުރައްވާފައި ތާރީޚު ފޮތް ގޯސްކަމުގައި އެއްވެސް އިރަކު ބަޔާންކުރައްވާފައި ނެތުމުން މިކަމަކީ ލުތުފީއަށް ފާހަގަކުރެވިފައި ނުވާ ފުށުއެރުމެއްކަމަށް ހެކި ލިބެއެވެ.

    ލުޠުފީ ފަތްތޫރައިގެ 148 ވަނަ އަދަދުގައި ލިޔުއްވާ ގޮތުން ދެއްވަދޫ ރަސްގެފާނުގެ މަންމައަކީ "ދޮންމަރިޔަމް ކަނބުލޯ"އެވެ. ޙަޤީޤަތުގައި އެއީ ދެއްވަދޫ ރަސްގެފާނާ އެއްބަނޑުއެއްބަފާ ބޭކަނބަލެއްކަން މިހާރު ހިލްމީގެ ލިޔުންތަކުން ވެސް އެނގެން އެއޮތީއެވެ. މިފަދަ ކުށްތައް ލުތުފީއަށް ވެސް ޖެހިވަޑައިގެންފައި އެބަހުއްޓެވެ. އެއްވެސް އިންސާނަކަށް ކުށްޖެހުމަކާ ނުލާ މަސައްކަތެއް ނުކުރެވޭނެއެވެ. އެގޮތުން މުހަންމަދު މަނިކުފާނު އަވަހާރަވީ 1175ގައި ކަމަށް އެ ލިޔެވުނު ލިޔެވުމަކީ ވެސް އެގޮތަށް އެރި އޮޅުމެއްކަމަށް ބަލަންޖެހޭ ވަރަށް ހެކިއެބަހުއްޓެވެ. ސަބަބަކީ 1175 އެއީ ޔަގީންކަމާއެކު މުހަންމަދު މަނިކުފާނު އަވަހާރަވި އަހަރުކަމަށާއި ތާރީޚު ފޮތުގައި ވަނީ ނުބައިކޮށް ކަމުގައި ލުތުފީ ލިޔުއްވާފައި ނެތް ހާލުގައި ފަހުން ދުވަހަކު ވެސް މިކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކަވާފައި ނުވަތަ ލިޔުއްވާފައިނުވާތީއެވެ. މިއިން އެނގެނީ އިސްދޫ ދަރިކޮޅާ މެދު ލުތުފީގެ ދިރާސާތައް އެހާ ހިސާބުން އެހުއްޓުނީ ކަމެވެ. ލުތުފީގެ ދިރާސާގައި ހުރި ފުށުއެރުމެއް ނުވަތަ އޮޅުމެއް ފާހަގަކުރުން އާންމުންނަށް ދޫކޮށްލެއްވީ ކަމެވެ. އިސްދޫ ދަރިކޮޅާ މެދު ކުރިން އެއްވެސް ބަޔަކަށް އެނގިފައި ނުވާ މައުލޫމާތުތަކެއް ހާމަކޮށްދެއްވި ފުރަތަމަ ފަރާތަކީ ލުތުފީއެވެ. އެހެންކަމުން އެއްވެސް މީހަކު ލުތުފީ މިމައުޟޫއުގައި ލިޔުއްވާ ލިޔުއްވުމަކާމެދު ބުނާނެ އެއްޗެއް އޭރަކު ނޯވެއެވެ. ދެން ބައެއް ބޭފުޅުން ތާޖުއްދީންގެ ތާރީޚު ކުށްވެރި ކުރާތީ ދަންނަވަމެވެ. ތާރީޚީގޮތުން އެންމެ އިތުބާރުހިފޭ ފޮތަކީ ތާޖުއްދީނުގެ ތާރީޚުކަމުގައި ލިޔުއްވާފައި ވަނީ ސީދާ ލުތުފީއެވެ

    (0)(0)
  37. ޙަސަން

    "ލޯމާފާނުތަކާއި ރާދަވަޅިތައް ހުރިކަމުގައި ވިޔަސް ތާރީޚީ އެންމެ މުހިއްމު ފޮތެއް ކަމުގައި ބެލެވެނީ އަލްޤާޟީ ޙަސަން ތާޖުއްދީނަށް ނިސްބަތްވާ "ތާރީޚް ދީބާމަޙަލް" އެވެ. މި މުހިއްމު ފޮތް ލިޔުއްވި ޢިލްމުވެރިޔާގެ ލޮލުން ދެކެވަޑައިގަތް ތާރީޚީ ދައުރު ފިޔަވައި ކުރީގެ ޙަވާދިޘް އޭނާ ލިޔުއްވާފައި އޮތީ އޭނާއަށް [ކިޔައިދެވުނު] ގޮތަށް ކަން އޭނާ ބަޔާން ކުރައްވާފައިވެއެވެ. މިހެންވުމުން އެ ޙަވާދިޘްގައި ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް ހުރިކަން މިހާރު ތާރީޚް ދީބާމަޙަލް ދިރާސާކުރާ މުއައްރިޚުންނަށް ދަނީ ފެންނަމުން އެނގެމުންނެވެ." މިއީ ޙަސަން ތާޖުއްދީނުގެ ތާރީޚީ ލިޔުންތަކާމެދު ލުޠުފީގެ ބަސްފުޅެވެ. (ހަވާލާ: ލުޠުފީގެ މުޚްތަޞަރު ތާރީޚު ދީބާ މަހަލް)

    ޙަސަން ތާޖުއްދީނުގެ ލިޔުއްވުންތަކާމެދު ލުޠުފީ މިފަދައިން ލިޔުއްވާފައި އޮތުމުން އެއްވެސް ބޭފުޅަކަށް "ދިވެހި ތާރީޚު" ފޮތުގައި އެވާ ތާޖުއްދީނު ލޮލުން ދެކިލެއްވުމަށްފަހު ލިޔުއްވި މަޢުލޫމާތަކީ ގޯސް މައުލޫމާތޭ ބުނެވޭކަށް ނެތެވެ. ލުޠުފީ ވެސް ލިޔުއްވާފައި ވަނީ ތާޖުއްދީން "ލޮލުން ދެކެވަޑައިގަތް ތާރީޚީ ދައުރު ފިޔަވައި" ދެން ހުރި ހަވާދިޘްތަކުގައި ހިސާބަކަށް އޮޅުން ހުރި ވާހަކައެވެ. މުޙަންމަދު މަނިކުފާނާއި އެ މަނިކުފާނުގެ ބައްޕާފުޅު މުޘްހިރުއްދީން ރަދުންނަކީ ހަސަން ތާޖުއްދީން ރަނގަޅަށް ދެކެލެއްވި އެބޭފުޅުންގެ އަރިއަހުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންނެވެ.

    އެހެންކަމުން މިފަދައިން ލުޠުފީ އިޤުރާރުވެލައްވާ ލުޠުފީގެ ޙަޔާތްޕުޅުގައި ދުވަހަކު ވެސް ތާރީޚު ފޮތުގައި މުހަންމަދު މަނިކުފާނަކީ ތުއްޕުޅު ކިރުފޮދު ހިއްޕަވާ ބޭފުޅެއްކަމަށް އޮތް އޮތުމަކީ ނުބައި މައުލޫމާތެއް ކަމަށް ލިޔުއްވާފައި ނެތުމުން އަޅުގަނޑުމެންނަށް މިހާރު ތާރީޚު ފޮތުގައިވާ މަޢުލޫމާތު ގޯސްކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ލުޠުފީގެ ލިޔުންތަކުގައި ތާރީޚު ފޮތުގައި އެވާ ތުއްޕުޅު ދަރިކަލުންނަކީ މުޙައްމަދު މަނިކުފާނުކަމުގައި ސާފު ބަހުން ލިޔުއްވާ އަދި ތުއްޕުޅުކަމަށް އެއޮތް އޮތުން އެއްވެސް އިރަކު ގޯސްކުރައްވާފައި ނެތުމުން މުހަންމަދު މަނިކުފާނަކީ އޭރު ތުއްޕުޅު ކިރުފޮދު ހިއްޕަވާ ބޭފުޅެއްކަމަށް ލުޠުފީ ވެސް އެއްބަސްވެވަޑައިގަންނަވަނީ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. މިހާރު އަޅުގަނޑުމެންނަށް މުހަންމަދު މަނިކުފާނުގެ އުމުރާމެދު މި ފާހަގަކުރެވުނު ފުށުއެރުމަކީ އޭރު ލުޠުފީއަށް ފާހަގަނުކުރެވި އޮތް ފުށުއެރުމަކަށްވުން އެއީ އެންމެ ވުން އެކަށީގެންވާ ގޮތެވެ. ސަބަބަކީ ޖައުފަރު ވިދާޅުވިހެން ލުތުފީ އޭގެ ފަހުން ދުވަހަކު ވެސް މި މައުލޫމާތުތައް އިތުރަށް ލިޔުއްވާފައި ނުވުމާއި މިދަރިކޮޅާ ބެހޭ އިތުރު ދިރާސާއެއް ވެސް ކުރައްވާފައި ނުވާތީއެވެ. ޖައުފަރުގެ ކޮމެންޓުގެ ފަހުބައިގައި ވާފަދައިން އެދުވަސްވަރު ލުތުފީ ލިޔުއްވި އެހެން ލިޔުންތަކުގައި ވެސް މިފަދަ އޮޅުންތައް ހުރިކަން ފާހަގަކޮށްލަމެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް ތާޖުއްދީންގެ ލިޔުން ގޯސްކުރުމަށް މިކަމުގައި ދެއްކޭނޭ ޙުއްޖަތެއް ނެތެވެ.

    (0)(0)
  38. ހެޔޮއެދޭ ފަރާތެއް

    އަލްއަޚް މަޑަވެލީ ޢަލީ ނަސީރު ދެއްވި މަޢުލޫމާތުގެ އަލީގައި މިކުރެވޭ ބަހުސް އަށް އިތުރު އަލިކަމެއް ހޯދިއްޖެކަމުގައި ދެކެމެވެ. ނަސީރުގެ ކޮމެންޓުން މުހަންމަދު މަނިކުފާނުގެ މަހާނަގަލުގައި ލިޔެވިފައި ހުރީ ދިވެސް އަކުރުންކަން މިހާރު އެނގިއްޖެއެވެ. ދިވެސްއަކުރުން ލިޔެވިފައި ވާނަމަ ތާރީޚު ލިޔެވިފައި ހުންނާނީ ދިވެހި ވިޔައިގެ އަކުރުތަކުންނެވެ. (ދިވެސް އަކުރުން ލިޔެވިފައި ނެތަސް އެދުވަސްވަރު އާންމުގޮތެއްގައި ބޭނުންކުރި އުސޫލުން ފަހަރެއްގައި ދިވެހި ވިޔައިގެ އަކުރުތައް ނޫނީ ދިވެހި ހިސާބު އަކުރުތައް ބޭނުންކޮށްގެން ހަމައެކަނި ތާރީޚު ލިޔެފައި ހުރެދާނެއެވެ.) ދިވެހި ވިޔައިގެ އަކުރުތަކަކީ މ، ފ، ދ، ތ، ލ، ގ، (ނަވިޔަނި/ބަރުނޫނު)، ސ އަދި ޑ މި ނުވަ އަކުރެވެ. މި އުސޫލުން ބަލާނަމަ އަވަހާރަވި އަހަރަކީ 1175 ތޯ ނޫނީ 1195 ތޯ މިހާރު ބަހުސްކުރެވޭއިރު ފާހަގަކޮށްލަންޖެހޭ ތަންކޮޅަކީ 7 (ނަވިޔަނި) އަދި 9 (ޑ) އެއީ ވަރަށް ބޮޑަށް އެއްގޮތް އޮޅުންއަރާހާ ވެސް އެއްގޮތް ދެ އަކުރުކަމެވެ. މިހެންކަމަށްވުމާއެކު ނަކަލުކުރައްވާއިރު 7 އަދި 9 އޮޅިގެންދިއުމަކީ ހަމަ ޙަޤީޤަތުގައިވެސް ވުން އެކަށީގެންވާ ކަމެކެވެ.

    1195 ނޫނީ ލޑމމ އާއި 1175 ލިޔާއިރު ހަމައެކަނި ބަދަލުވާނީ މެދުގައި އޮންނަ އަކުރެވެ. ދެ ހާލަތުގައި ވެސް ލިޔެވެނީ އެހާމެ އެއްގޮތް ދެ އަކުރު ކަމުގައިވާ ޑަވިޔަންޏާއި އަމީންދީދީގެ ދައުރުގައި އުވާލެވުނު ނަވިޔަންޏެވެ. (ނަވިޔަނި) ލިޔެވެނީ ކިހިނަކުންތޯ ސާފުކޮށްލަން ބޭނުންވާ ބޭފުޅަކު ތިރީގައިވާ ލިންކު ބެއްލެވުން އެދެމެވެ. އެހާމެ އެއްގޮތް ދެއަކުރެވެ:
    http://fanvai.info/dhivehi/36-maadhareebas/2513-2012-08-17-21-44-48.html
    މުއައްރިޚު ލުތުފީ ވެސް ދިވެހި ވިޔައިގެ އަކުރުތައް ކިޔުއްވުމުގައި އެކި ބޭފުޅުންނަށް އޮޅުންއަރާ ވާހަކަ އޭނާގެ ލިޔުންތަކުގައި ލިޔުއްވާފައި އެބަހުއްޓެވެ. އެގޮތުން ފ އަދި ދ އެއީ އާންމުކޮށް އޮޅުން އަރާ ދެ އަކުރު ކަމުގައި ލުޠުފީ ލިޔުއްވައެވެ. އެހެންކަމަށްވުމާއެކު ބުރަވެވެނީ ރަނގަޅު ގޮތަކީ 1195 ކަމުގައެވެ. ނަކަލުކުރެއްވި ބޭފުޅަކަށް ޑަވިޔަންޏާއި ނަވިޔަނި އޮޅުންއެރީކަމުގައެވެ. އިހުގެ ލިޔުންތަކުގައި ޑ އަދި ނަވިޔަނި ދާދި އެއްގޮތަކަށް ލިޔެވިފައި ހުންނާތީ މިހާރުވެސް ފެނެއެވެ.

    (0)(0)