އަޙްމަދް ސަމީރު ޢަލީ
އައްޝައިޚް ޙުސެން ރަޝީދު އަޙްމަދު ދާދި ފަހުން ތަރުޖަމާ ކުރެއްވި ޙަދީޡް ފޮތެއް ޗާޕުވެގެން ފޮތްފިހާރަތަކުން މިހާރު ގަންނަން ލިބެން ހުރިވާހަކަ އަޅުގަނޑުމެން މި ބައްދަލުވާ  ވެބްސައިޓުގައި ޝާއިޢު ކުރެވުނެވެ.  ހަމަ އެދުވަހު، މި އިސްކިރީނުގެ މެދެއްހާ ހިސާބުން، ކަނާތް ފަރާތުގައި އެވާ ކުޑަކުޑަ " ހޮޅުވަށި" ގޮޅީގައި ކިޔުންތެރިއަކު ލިޔުނެވެ. " ދިވެހި ބަހަށް އެ ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހަމަ އެ މަސައްކަތް އިންޓަނެޓުގައި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.'' ހަމަ ސީދާ މި އިބާރާތުން ނޫންނަމަ، މި މާނަ ދޭހަވާ ގޮތަށެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
 ވިކިޕީޑިއާގައި އެވާ  ކޮންމެ ލިޔުމެއް ކިތައް ބަހަށް ތަރުޖަމާކުރެވިފައިވޭތޯ އެހެން ލިޔުނު މީހަކު ބަލައި ވިސްނައިލިބާއެވެ؟ ހަމަ ޔަގީނުންވެސް ވިކިޕީޑިޔާގެ ކޮންމެ ދިރާސާއެއް ތަރުޖަމާކުރާނީ ކޮންމެވެސް ބަހަކުން އެ ދިރާސާ ކިޔަން ދަންނަ މީހެއްތާއެވެ. އޭނާ ކިޔައިލުމުން އެއޮތީ ވިސްނި އޭނާގެ ބޭނުން ފުދިފައެވެ. ނަމަވެސް އަޅުގަނޑުމެން އިންސާނުންގެ އިންސާނީ އެންމެ ރީތި އެއްސިފައަކީ އެހެންމީހުންގެ މަތިންވެސް ވިސްނާކަމެވެ. އަމިއްލަ އެދުމުން ފުރިގެންވުމަކީ މާ ރީތިސިފައެކޭ މާތް މީހުނެއް ނުބުނާނެ އެވެ. ކިޔަވައިދީ، ތަގުރީރުކޮށް، ލިޔެ ޝާއިޢު ކޮށް ތިމާއަށް ލިބިފައިވާ އިލްމެއް އެހެންމީހުންނާ ހިއްސާކޮށް، ހެދުމަކީ އަދިވެސް އަޅުގަނޑުމެން އެންމެ ގަދަރުކުރާ މަސައްކަތްތަކެވެ.
އިނގިރޭސިބަހުން ލިޔެފައި ހުއްޓައި އަޅުގަނޑުމެނަށް ފެންނަ ހުރިހާ ލިޔުމަކީ އިނގިރޭސިބަސް ދަންނަ އަދީބުންގެ ލިޔުއްވުންތަކެއް ނޫނެވެ. ބްރޭޒިލްގެ މަޝްހޫރު އަދީބު ޕައުލޯ ކޮއެލޯ (Paulo Coelho) ޕޯޗުގީޒުބަހުން ލިޔުއްވާ ލިޔުއްވުންތައް ތަފާތު 71 ބަހަށް ތަރުޖަމާކުރެވިފައިވާ ކަމަށް ލިޔުންތަކުން ފެނެއެވެ. 1982 ވަނަ އަހަރު އަދަބީ ރޮނގުން ނޮބެލް އިނާމު ލިބިލެއްވި ގެބްރިއެލް ގާސިއާ މާކޭޒް  (Gabriel García Márquez) އަކީ ކޮލަމްބިޔާ ރައްޔިތެކެވެ.  ލިޔުއްވަނީ އިސްޕޭނު ބަހުންނެވެ. މީނާގެ ލިޔުއްވުންތައްވެސް ސާޅީހަކަށް ބަހަށް ތަރުޖަމާކުރެވިފައިވެއެވެ.
މިއީ ހައްތާވެސް އަދަބަށް ކުރާ ގަދަރެއްގެ ސަބަބުން ކުރާ މަސައްކަތެވެ. އެ މީހުންގެ ބަހާއި އަދަބު ކުރިއެރުވުމުގެ ގޮތުން ކުރެވޭ ކަންތަކެވެ. ކުރާ މަސައްކަތަށް އެކަށީގެންވާ ފައިސާވެސް ލިބޭމެއެވެ. ލިބެނީ އަދަބަށް ލޯބިކުރާ މީހުން ގިނަކަމުންނެވެ. ހަމަ އެކަނި ބޭރުބަސް ދަންނަބަޔަކު ކިޔާފައި ފުއްދާލުމަކުން އެމީހާގެ މާދަރީ ބަހެއް ތަރައްގީއެއް ނުވެއެވެ. އަޅުގަނޑުމެންގެ ގިނަބަޔަކު ދަންނަ ‘ކައުންޓް  އޮފް ދަ މޮންޓެ ކްރިސްޓޯ’ ވާހަކައަކީ ފަރަންސޭސި އަދީބު (Alexandre Dumas) އެލެގްސެންޑަރ ޑޫމާ ގެ ފަނޑުވުމެއް ނެތް ލިޔުއްވުމެކެވެ. ލިޔުއްވީ ފަރަންސޭސި ބަހުންނެވެ. އިނގިރޭސި ބަހަށް ތަރުޖަމާ ނުކުރެވުނު ނަމަ އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކަށް މި ރީތި ވާހަކަ އޮތީހީ ގެއްލިފައެވެ. އަލް މަރްޙޫމް ޢުމަރު ޢީސާ މި  އަސަރުގަދަ ވާހަކަ އޭނާގެ ފަށުވި އިބާރާތުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވި ކަމުން ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް މިވާހަކަ އަމިއްލަ މާދަރީ ބަހުން ކިޔައިލެވުނީއެވެ. އެ މަރުހޫމްގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ.
އަދަބީ ވާހަކަތަކާއި ޢިލްމީ ދިރާސާތައް އަމިއްލަ ބަހަށް ތަރުޖަމާ ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ފައިދާކުރެއެވެ. ޢިލްމީ ހުރިހާ ދިރާސާއެއް ކުރައްވަނީ އިނގިރޭސިބަސް ދަންނަ ސައިންޓިސްޓުންނެއް ނޫނެވެ. ހަމަ ޔަގީނުންވެސް އިލްމީ  ހުރިހާ ދިރާސާއެއް ޝާއިޢު ކުރެވެނީ އެބަހަކުން ނޫނެވެ. ޖަޕާނުގެ ތަބީއީ ތާރީޚުގެ ދާރުލް އާސާރަކަށް (Museum of Natural History)  އަޅުގަނޑު ދިޔައީމެވެ. އިނގިރޭސި ބަހުން ހަމަ އެއްވެސް އެއްޗެއް ލިޔެފައިނެތުމުން އަޅުގަނޑު ހިތާމަ ކުރީމެވެ. އެންމެ ބަހަކަށް މާ ބޮޑަށް ބަރޯސާވުމުގެ ހިތާމައެވެ. އުރުދޫބަހުން ލިޔެވޭ ރީތި އަދަބީ ވާހަކަ ތަކާއި އިސްލާމީ ލިޔުންތައް އަޅުގަނޑުމެންގެ ގިނަމީހުނަށް ފެނި މަންފާއެއް ކުރާނީ ހަމަ ތަރުޖަމާ ކުރެވިގެންނެވެ. އަރަބި ބަހަކީ އަޅުގަނޑުމެން މުސްލިމުންނަށް ދަސްކުރުން ވަރަށް މުހިންމު ބަހެކެވެ. އެންމެންނަށް މި ފުރުސަތެއް ލިބިފައެއް ނެތެވެ. ދެން އޮތީވެސް ހަމަ ތަރުޖަމާ ކުރުމެވެ. ކުރެވެން އޮތީ ސަރުކާރުގެ ހިތްހަލާލާ އެކުގައެވެ.
 ޗައިނާ މީހުންނަކީ ދުނިޔޭގެ ހަތަރުބައި ކުޅައެއްބައެވެ. އަދަދު ނުކުރެވޭހައި ގިނަ ޢިލްމީ، ފަލްސަފީ، އަދަބީ ލިޔުންތައް އެ ބައްރުގައި ޝާއިޢު ކުރެވި އަޅުގަނޑުމެނަށް ހަމަ ރޭކާވެސް ނުލައި ގެއްލިގެން ދާނެކަމާމެދު ޝައްކުވެސް ކުރާނެ ތަނެއްނެތެވެ. ރަޝިޔާ ބަހުން ލިޔުއްވި އަދީބުންގެ ލިޔުއްވުންތައްވެސް ހަމަ މިހެންނެވެ. އަޅުގަނޑުމެނަށް މި ފެންނަނީ އިނގިރޭސިބަހޭ މިކިޔާ ކުޑަދޮރުން، ހަމަ އެކަނި އެ ކުޑަދޮރާ ދިމާކުރިމަތީގައި ހިއްކަން އެޅޭ އަދަބީ ކުޑަރުމާލެކެވެ. އެ ރުމާވެސް މި ފެންނަނީ ބާރަށް ސައިކަލެއްގައި ދާއިރު، އެ ކުޑަދޮރު ހުރަސްކުރެވޭ ފަޅި ސިކުންތެއްގައި އެފަރާތް ބަލަން އިނދެވޭ ފަހަރެއްގައެވެ!!
އިނގިރޭސީންގެ އޮފީސް އޮފީހުގެ ނަންބޯޑު ގެނެސް އަޅުގަނޑުމެންގެ އޮފީހެއްގެ ބޭރުގައި ބެހެއްޓުމަކުން އަޅުގަނޑުމެންގެ ބަހަކަށް ކުރިއެރުމެއް ނުލިބޭނެއެވެ.  އަޅުގަނޑު ތަކުރާރުކުރާ އެއްޗެއް އަދިވެސް އެއްފަހަރު ލިޔެލަން އެބަ ޖެހެއެވެ. އެދި މިއީ އެންމެ ފަހުފަހަރަކަށް ވެސް ނަހަދާނަމެވެ! އިނގިރޭސިން އެޓޯލް ނަގައިފައިވަނީ އަޅުގަނޑުމެންގެ “އަތޮޅު” މި ލަފުޒުންނެވެ. މިހެން އޮއްވައި އަޅުގަނޑުމެން ”އެޓޯލް އެޑްމިނިސްޓްރޭޝަން” ކިޔާ އޮފީހެއްވެސް ހަދައިފީމުއެވެ!! މާނައަކަށް ބަދަލެއް ނާދެއެވެ. މާނައަށް ބަދަލެއް ނާންނަނަމަ ހެޔޮގަތަކީ އޭގެ އިނގިރޭސި ގޮތުގައި ބޭނުންކުރުންތޯ ނުވަތަ ބައިނަލް އަގުވާމީ ފެންވަރަށް މަޝްހޫރުވި ލަފުޒުވެސް ބަލައި ނުގަނެ އިނގިރޭސިން މޮޑުނު ފުށްގަނޑަކުން ދިވެހި ރޮއްޓެއް ފިހުންތޯއެވެ. ސަފާރީ މިކިޔާ ބަހަކީ އަރަބި ‘ސަފަރް’ މިބަހުން އިރުމަތީ އެފްރިކާގެ ސްވާހިލީބަހުން (ސްވާހިލީ ބަހުގައި ފަށާ އަކުރުގައި ސުކުން ޖަހައިގެން ކިޔުމަކީ އެމީހުންނަށް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ސުކުނަކަށް ނިންމުމަކީ އެހައިމެ އުނދަގޫ ކަމެކެވެ! ވީމާ ގިނައިން ނިންމާނީ އިބިފިއްޔަކަށެވެ.)  ސަފަރި- އިނގިރޭސި ބަހަށް ގޮސް ސީދާ، ދަތުރުގެ މާނައަށް ވުރެ ވަކިވައްތަރެއްގެ ދަތުރަކަށް މިހާރު ކިޔޭ ބަހެކެވެ. މިހާރު ދަތުރުފަތުރުގެ ދާއިރާގައި އަރަބިން މިބަސް ބޭނުންކުރުން އަޅުގަނޑުމެން އެޓޯލް ބޭނުން ކުރުމާ ވަރަށް ތަފާތެވެ.
އަޅުގަނޑުމެންގެ ކްލަބް ޖަމިއްޔާތަކަށް، ސިޔާސީ ޕާޓީތަކަށް، ގޭގެއަށް، އޮފީހުގެ މަގާމު ތަކަށް ދިވެހި ނަމެއް ކިޔުން ފެޝަނަށްނުވާހާ ހިނދަކު އަޅުގަނޑުމެން މިދަނީ ބަހުގެ ގޮތުން ކުރިއަކަށް ނޫނެވެ. ޒިންމާދާރު އިސްވެރިޔާ ކިޔާ މަގާމެއް އުފެދުމުން އަޅުގަނޑު ވަރަށް އުފާކުރީމެވެ. ދިވެހި ބަހަށް އިސްކަންދޭ ގާނޫނެއް ފާސްވެ އެއަށް އަމަލު ކުރަން ޖެހިފައިވި ނަމަވެސް އަދިވެސް ހަމަ ކޮންމެ ދުވަހަކުހެން  ފެންނަނީ ”ސިވިލް ސާރިވިސް ޓްރޭނިންގ އިންސިޓިޓިއުޓް”، “ވެކްޓަރބޯން ޑިޒީސް ކޮންޓްރޯލް ޔުނިޓް”، “ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު”، “މިނިސްޓްރީ އޮފް ހެލްތު” މިހެންނެވެ. “މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ” މި  އޮފީހަށް ކިޔާނެ ނަމެއް ރައްޔިތުންގެ މަޖްލިހުގައި ބަހުސުކުރެވުނު ދުވަހުގައި ވެސް އިންޓާރނަލް ރެވެނިއު އޮތޯރިޓީ ކިޔުމާބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ. ފަހުން މި ލިޔުނުގޮތަށް ފާސްވެއްޖެ ނަމަ ކިޔޭނީ އައި އާރ އޭ އެވެ. އައިރިޝް ރިޕަބްލިކަން އާމީ އަކީ މާ ވަރުގަދަ  ޓެރަރިސްޓް ޖަމާއަތެއްކަން އިއްޒަތްތެރި އެއް މެމްބަރަކު މަޖިލިހަށް ހަނދުމަފުޅުކޮށް އަރުވައިދެއްވައިފި އެވެ. ވީމާ އައި އާރ އޭ ނުކިޔޭ ގޮތަށް، މީރާ ކިޔޭގޮތަށް ހަމަޖެހުނީއެވެ. އެވަރުވެގެން ދިޔައިރުވެސް ދިވެހި ނަމެއް ފާހެއް ނުވިތާއެވެ.
ކަންތައް މިހެން ހުރި އިރެއްގައި އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އަޅުގަނޑުމެން ދައްކާނީ ކޮން މޫނެއްތޯއެވެ. ދިވެހިބަހަކީ ދިވެހިންގެ ގައުމީ އަބްޠާލުންގެ ޙުރުމަތުގެ ވާހަކަ ވެސް ކިޔަވައިދޭން ކަމުދާ ބަހަކަށް ނުވި އެވެ. ބޮޑުތަކުރުފާނުގެ ވާހަކަ ކިޔަވައިދެއްވަނީ އިންޑިޔާ ޓީޗަރެކެވެ. އިނގިރޭސި ބަހުންނެވެ. ދިވެހިންނަށް ވީތީ ފަޚުރުވެރިވާން ވެސް އެބަ ޖެހެއެވެ. ދިވެހީންނަށް މި ވަނީ ދިވެހިބަހުން ވާހަކަ ދެކެވި އެބަހާ އަޅުގަނޑުމެން ގުޅި ލައިމެހިފައިވާ ވަރުންނެވެ. ޢާއިލާއެއްގެ ތެރެއަށް އުފަންވެ ބޮޑުވާ ކުއްޖަކު ”މީދަލެއް ވަދުނީ”، “ކޮކީ ޓޫ ރޮށިކައިފަ”، ” ފޯ ވާން ވާއިރަށް” ޓިޔުޝަނަށް ދާން ޖެހި، ސަކަރާތް އެއްޗެއް ކެވިގެން ބަނޑު ސަކަރާތް ވެގެން ޑަކްޓަރަށް ދާން އެރި ޓެކްސީ ދުއްވިލެއް އަދި މާ ސަކަރާތް ވެގެން ގޮސް ދެއްކި ޑަކްޓަރު ވެސް ސަކަރާތް ކަމުން ލިޔުނީވެސް  ސަކަރާތް  ބޭސް” ކަމަށްވެ  މިހެން ހަތަރު ފަސް ލަފުޒަކުން ފުއްދައިގެން ގޭތެރޭގައި ވެސް އޮފީހުގައި ވެސް އެބަ އުޅެވެއެވެ.
މި ދެންނެވި ކަހަލަ ބަސްމަގު ޢާއްމުވަނީ ހަރުމީހުން ކުޑަކުދިންގެ ކުށް ލަފުޒުތައް ރަނގަޅުކޮށްދޭން ނޫޅޭތީ އެވެ. ކުށް ބަސް އާންމުވެގެން ގޮސް ހެވާއި ނުބަޔާ ވަކި ނުކުރެވޭވަރަށް ބަސް ހަލާކުވުމުން އަޅުގަނޑުމެން އެންމެން މިކަމާ ކަންބޮޑުވެ އިސްލާހީ ފިޔަވަޅެއް އަޅަން އެބަޖެހެއެވެ. ގައުމީ ފެންވަރެއްގައި ދިވެހިބަހަށް ދޭންވާ އިޙުތިރާމު ނުދީ، ފަޚުރުވެރިވާން ހަނދާން ކޮށްދިނުމުގެ ބޭނުމެއް އަޅުގަނޑަކަށް ހަމަ ނުވިސްނެއެވެ. ދިވެހިބަހުން ކިޔާ ޚަބަރަކީ އަދު އިނގިރޭސި ރަނގަޅަށް ނުދަންނަ މީހަކަށް ހަމަ ކުޑަކޮށް ވެސް މޭރުންވާނެ ޚަބަރުތަކެއް ނޫނެވެ. އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓުން ތޮއްޑޫ ބޭރުވި ޚަބަރެވެ. ބިބީސީ އަންޑަރކަވަރ އޮޕަރޭޝަނެއްގައި މިވެނި ކަންތަކެއް ފަޅައި އަރުވާލި ޚަބަރެވެ. އެމްއެންބީސީ އާއި އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޗެނެލެއް އުފެއްދުމުގެ އެމްއޯޔޫ އެއްގައި ސޮއިކުރެވުނު އުފާވެރި ޚަބަރެވެ. އުފާކުރަން އެނގޭނީ ކީ އެއްޗެއް ވިސްނުނު ބަޔަކަށެވެ.
ދިވެހި ބަހަކީ އެތައް ސަތޭކަ އިނގިރޭސި ބަސް، ހަމައެކަނި ގުޅުވަން ބޭނުންކުރާ ބަހެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ، ހާސްވެ ކަންބޮޑުވާކަށް އަދި ނުޖެހެއެވެ. އާއި، ވެސް، ގެން ، ފައި ، އަދި، އެއް، ގައި، މި އަކުރުތައް ވަރަށް ގިނަ ދުވަހު ހެޔޮ ހާލުގައި އޮންނާނެއެވެ.
ބަހަކީ ގުނަން ބޭނުންކުރާ އެއްޗެކެވެ. އަޅުގަނޑުމެންގެ ކުދިންނަށް ފަންސަވީހާ ހަމައަށް ދިވެހި ބަހުން ގުނަން އެނގޭތޯ އެވެ؟ އެހެން މީހުން މާދަރީބަހުން ޖަނަވާރުތަކުގެ ނަން ކިޔައި އުޅެއެވެ. އަޅުގނޑުމެން މުސަޅު، ބުޅާ ، ކޯމަސް، މާގަނޑާކުޅޭމަސް، އޮޅުދޫވަލު އެތް ކިޔަމުތޯއެވެ؟ ހަފުތާގެ ދުވަސްތަކަކީ އެހެންމީހުން އަމިއްލަ ބަހުން ބޭނުންކޮށް އުޅޭ އެމީހުންގެ ވާހަކައިގެ މުހިންމު ބައެކެވެ. އަޅުގަނޑުމެންގެ ޅަކުދިން  ހުކުރު ދުވަސް ހޮނިހިރު ވިލޭރޭ މިހާރު ކިޔައިތޯ އެވެ؟ ކުރިމަތިން ފެންނަ ރީތި ކުލަތަކަކީ އެބައެއްގެ އަމިއްލަ ބަހަށް ކުޑަވެސް ކުލުނެއް ހުންނަ މީސްމީހުން އެމީހުންގެ އަމިއްލަ ބަހުން ނުހަނު ލޯބިން ބޭނުންކުރާ ބަސްބަހެވެ. އަޅުގަނޑުމެންތޯ އެވެ؟ ދަނބުކުލަ އަދިވެސް ކިޔައިތޯއެވެ؟ ގެރިގުއިކުލަ ކިޔަން ކެރޭނެތޯއެވެ؟ ކާކީ ކުލައަކީ ވެސް ހަމަ އަޅުގަނޑުމެން ބޭނުންކޮށް އުޅުނު ލަފުޒެކެވެ. ރަންގު ކުލައަކީ އެއް އިރެއްގައި ވަރަށް ޝާހީކުލައެކެވެ.
އަޅުގަނޑުމެންގެ ފުރަތަމަ ދައުރުގެ ފުރަތަމަ  ރައީސް ފަސްދާނުލެވުނީ ކުރުނބާ މޯލްޑިވްސް އަކު ނޫނެވެ. މާލޭގެ އުތުރު ފަރާތުން ވިހަމަނާފުށި ދައްކައިލަން އެނގޭނީ އަދު ކިތައް ޒުވާނުންނަށްތޯ އެވެ؟ އަޅުގަނޑުމެން ނުވިސްނައި ތިއްބައި އަޅުގަނޑުމެންގެ ފަޅުރަށްތައް ބޭރުގެ އެންމެ ބޮޑެތި ކުންފުނިތައް ” ދިގު މުއްދަތަކަށް ނެގީ” ހަމަ އެކަނި ފަސްގަނޑާއި މޫދެއް ނޫނެވެ. ފޯ ސިޒަން އާއި ކޮންރޭޑާއި، ސޮނޭވާ އާއި ވަން އެންޑް އޮންލީ އާއި ޕެރަޑައިޒް އާއި ޓާޖް އެގްޒޯޓިކާ އައިސް އަޅުގަނޑުމެންގެ ރީތި ފަޅުރަށްރަށަށް ކާބަފައިން ވަކި ހަމަތަކަކުން ދީފައިވާ ރީތި މައް ދިވެހި ނަންތައް ވެސް އަތުލީއެވެ!! ގޫގުލް އާތު ބައްލަވާށެވެ. ފާހަގަ ކޮށްފައިވަނީ އެ ރަށްރަށް ހިންގާ ކުންފުނިތަކުގެ ނަމުންނެވެ!  ވިހަމަނާފުށިގައި ހިންގާ ކުރުނބާ ހޮޓެލް މިފަދަ ނަމެއް ފެޝަނެއް ނުވާނެތާއެވެ! ދަރިފުޅު ގޮވައިގެން މާލެ ވަށައިގެން ސައިކަލު ދުއްވާލަން ދާއިރު މާލޭން ފެންނަ ރަށްރަށް ދަރިންނަށް ދަސްކޮށްދެނީ ކިތައް ބައްޕަތޯއެވެ. އަޅުގަނޑުމެންގެ ކޮންމެ ރަށެއްގައި ތިބޭއިރު ވަށައިގެން ކިތަންމެ ރަށެއް ފެންނަކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ހިތްފަސޭހަ ކަމެކެވެ. މާސިންގާ ކަނޑެއްގައި އެކަނިވެރި ކަމުގެ އިހުސާސު ނައްތާލާ ކަމެކެވެ. މިކަންވެސް ފައިދާ ހުރިގޮތަކަށް ކުރަންވީއެވެ. ބޭރު ކުންފުނިތައް އައިސް ހައިޑް އަވޭ މޯލްޑިވެސް، ރޮބިންސަން ކްރޫސޯ އައިލެންޑް ކިޔުމުގެ ކުރިން ކާބަފައިން ދެއްވި ނަންތައް ދަރިންނަށް ހިތުގައި ބިންވަޅު ނެގެންދެން ދަސްކޮށްދޭންވީއެވެ. އަޅުގަނޑުމެންގެ ތަރިކަ އަކީ ހަމަ އެކަނި މުސްކުޅި ޒިޔާރާތް ތަކެއްނޫނެވެ.!
ތަރުޖަމާކުރުމުގެ އިތުރުން ދިވެހިބަހާ ގާތް ގޮތަކަށް ބޭރު ބަސް ބަދަލުކޮށްލުމަކީ ވެސް ހަމަ އަޅުގަނޑުމެންގެ ބަސްކޮށާރު މުއްސަނދިވާނޭ ކަމެކެވެ. ފަޤީރު – ޤާފެއްގައި ތިކިތަޅައިގެން ލިޔާހާ ހިނދަކު އެ ބަސް ދިވެހި ބަހަކަށް ނުވެއެވެ. ނަމަވެސް އެފަކީރޭ އަޅުގަނޑުމެން ބުނުމުން އެބަސް ދިވެހިވީ އެވެ.  ޖަމްޢުކޮށް ފަހަތު ފިލި ބަދަލުކޮށް ހަދާނީ ދިވެހިބަހުގެ އެހެން ލަފްޒު ތަކެކޭވެސް ހަމަ އެއްގޮތަށެވެ. ކަރުދާހަކީ އަރަބި ބަހުން ޤިރްޠާސް އެވެ. ޤާފާއި ޠޯ އަކީ އަޅުގަނޑުމެނަށް ކިޔަން މާ ފަސޭހަ ދެ އަކުރެއް ނޫނެވެ. ވީމާ  ޤިރުޠާސް- ކަރުދާހަށް ބަދަލުކޮށްލުމުން ކިހާ ފަސޭހަތޯއެވެ. އަޅުގަނޑުމެން މަނަވަރު މިކިޔަނީ އިނގިރޭސިބަހިން މޭން އޮފް ވޯރ މި ލަފުޒަށެވެ.  އިންޑިޔާ ނޭވީގެ މޭން އޮފް ވޯ އެއް މިއަދު ރާއްޖެ އަތުވެއްޖޭ ކިޔަކިޔައި ތިބުމަށް ވުރެ އިންޑިޔާގެ މަނަވަރެއް މިއަދު އަތުވެއްޖެއޭ ބުނުމުން ކިހާ ފަސޭހަތޯއެވެ. ވީހާ ކުރިއަކުން ބޭރު ބަސް ދިވެހިކުރުން މުހިންމީ މިހެންވެއެވެ. މިހާރު ދެން ރަނިންމޭޓާއި މެނިފެސްޓޯއާއި ޑައުންޕޭމަންޓާއި ރޯހައުސް، ދިވެހިކުރިއަސް ބަޔަކު ބަލައިގަންނާނެތޯއެވެ؟ އަލަށް އިވުނު އިރު ދިވެހި ވެފައިވުމުން، ހަނުހުރުން، ވިލީފުލުސް، ތިމާވެށި، ގޮނޑިކޮއްކޮ (ސިޔާސީ މާނާގައި) މިހާރު މިވަނީ އަޅުގަނޑުމެންގެ ތެރެއަށް ވަދެ ދިވެހި ބަހުގެ ތެރޭގައި ފަސޭހަކަމާއެކު ބޭނުންކުރާ ބަސްބަހަށް ވެފައެވެ.
ސަރުކާރުގެ އޮފީސް ތަކަށް އަޅުގަނޑުމެން އިނގިރޭސި ނަން ހަދައި އެނަން ހަމަ އެގޮތަށް ކިޔަން ތާނަ އަކުރު ބޭނުންކުރުމަކީ ކުރާވަރުގެ ކަމެއްނޫނެވެ. އަޅުގަނޑުމެން ބަހުގެ ގޮތުން، އުފެއްދުންތެރިކަމުގެ ގޮތުން ބަނގުރޫޓްވުން އިއުލާނު ކުރެވުނީއެވެ! އަޅުގަނޑުމެންގެ އަތޮޅަށް ‘އައްޕާނޯތޭ’ ކިޔުމަކުން ކުރިން އޮތް ގޮތަށް ވުރެ މާ ރީއްޗެއް ނުވިއެވެ!—————-

About the author
6 Comments
  1. އައްސޭރި

    އެހެންވިއްޔާ " ސަފަރު ކަތްދަ " ކިޔަންފެށުނު ގޮތަކީ ކޮބާ ؟ އެއީ ކޮންގޮތަކުން ކިޔަންފެށުނު ނަމެއްތޯ ؟

    (0)(1)
  2. ރަޝީދު

    ހާދަހާ ރަނގަޅު ވާހަކަތަކެކެވެ. އޮފީސް ތަކުގެ ނަންތައް އިނގިރޭސިން ދީފައި، އެނަން ކިޔާނޭގޮތް ނުވަތަ ޕްރޮނައުންސް ކުރާނޭގޮތް އެބޯޑުގައި، ތާނަ އަކުރުން ލިޔެފައި ހުންނަތަން އަހަރެންނަށްވެސް އަޅައިގަނެއެވެ. ނުވަދިހައިގެ އަހަރު ތަކުގެ ތެރޭގައި، އަހަރެން އަޑުއެހި ޚަބަރެއްގެ މަތިން ހަނދާންވެއްޖެއެވެ. ފަރަންސޭސި ވިލާތުގައި، ފަރަންސޭސިބަހުން ލިޔާ ލިއުމެއްގައި، އެބަހުން ބުނެވެން އޮތް އެއްޗެއް، އިނގިރޭސިބަހުން ބުނެފިނަމަ، ޖުރުމާނާ ކުރާންފެށި ވާހަކައެވެ. ޚާއްޞަކޮށް ހޮޓާތަކާއި، ފިހާރަ ފިހާރައިގެ ނަންތައް ލިޔާއިރުގައެވެ. މިވާހަކަ މި ގެނައީ، ޖުރުމާނާ ކޮށްގެން، އެފައިސާއިން ބަޔަކު މުއްސަނދިވާށޭ ބުނަންވެގެނެއް ނޫނެވެ. މީސްމީހުން އެމީހުންގެ މާދަރީ ބަސް ރައްކާކުރަން ހިފާފައި ތިބޭވަރާއި މިންވަރު ހާމަކޮށްދޭންވެގެންނެވެ.
    ކުރާނީ ކީއްހެއްޔެވެ؟ އެތައް މިސާލަކީ، އެތައް ހަގީގަތެއް ހިމަނައިގެން ލިޔެފައި އޮތް މިއޮއް ދިގު ފުރިހަމަ ލިއުމުންވެސް، ބައެއް މީހުން އަޅައިގަންނަނީ، އެންމެ ލަފުޒެއްގައި ވިއްޔާއެވެ. "ސަފަރު ކަތްދަ"ގެ ވަނަވަރު ހޯދަން ޖެހެނީ މިހެންވީމައެވެ.

    (0)(0)
  3. އަބޫ ޠާސީން

    ހިތާމަހުއްޓެވެ! "ޢިލްމުވެރިންގެ މަހާސިންތާ"، "ދަންނަބޭކަލުންގެ ސައްލާ" ފިޤުހުވެރިންގެ މަޝްވަރާ ބައްދަލުވުން" އަދި މިނޫނަސް މި ފަދަ އެތައްއެތައް ނަންތަކެއް ކިޔެން ހުއްޓަސް، ޢަރަބި ތަޢުލީމު ޙާޟިލުކުރައްވައިގެން ތިއްބެވި ދީނީ ޢިލްމުވެރީންނަށް ވެސް މިއަދު ރީތިފުޅުވާކަމަށް މި ވަނީ Scholars' Dialogue ކަމަށް ވާނަމަ އަޅުގަނޑުމެންގެ ޙާލަތު އޮންނާނެ ގޮތާމެދު އޮތީ ވިސްނައިލުން ނޫންހެއްޔެވެ! "ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް" ރައްޔިތުންގެ މަސައްކަތުން ވުޖޫދަށް ގެނައިމާވެސް "ބާރުވެރިން" އެކަމަށް ކުރީ ޖެއްސުމެވެ. "ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒު"، "ނުރަސްމީ ތައުލީމުދޭ ބައި" "އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަރުކަޒު" "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު" ފަދަ ކިތަންމެ ނަމެއް އުފަންވެ ބޭނުން ކޮށްފައި ވުމުން، ތަންތަނަށް ކިޔާނެ ނަން ހެދުމުގެ ޤާބިލުކަން ހުރިކަން އެނގުނެވެ. ނަމަވެސް، "ޖިނާއީ ކޯޓު"ގެ ނަން ހުތުރުވެގެން "ކްރިމިނަލް ކޯޓަށް"، "މަދަނީ ކޯޓު"ގެ ނަން ހުތުރުވެގެން، "ސިވިލްކޯޓަށް" ބަދަލުކޮށްފި އެވެ. "ޗީފު ޖަސްޓިސް" ގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު" ކިޔޭ އިރު "ސުޕްރީމް ކޯޓަށް"، "ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު" ނުކިޔެންވީ ސަބަބެއް ނުވިސްނެ އެވެ. މިކަންކަމާ މެދު ވިސްނާން ޖެހޭ މީހުން ވިސްނާނެ ނަމަ ކޮންފަދަ ތޯ އެވެ!

    (1)(0)
  4. ޢަބްދުﷲ ނަޢީމު އިބްރާހީމް

    ފަހުގެ ތާރީޚުގައި ކިޔައިލެވުނު އެންމެ ހިތްގައިމު ލިޔުން. މަޑުމަޑުން ގޮސް ސަމީރަކީ އަޅުގަނޑު އެންމެ ގަޔާވާ ލިޔުންތެރިޔާއަށް ވެއްޖެ. ސާބަސް!

    (1)(0)
  5. ސަމީރާ

    ޝުކުރިއްޔާ ސަމީރު.........މިވާހަކަތަށް އެންމެފަހުން ލިޔެލިކަމަށް ޓަކާ.....މިކަންކަން ބެލުމަށް، ބަހުގެ އެކަޑަމީ އެށް އެބަ އޮތް،މި ލިޔުން އެތަނަށް ފޮނުވަން ވަރަށް ފެނޭ،ކަންތައް ތަކާ ވިސްނާ މިގޮތަށް ލިޔާ މީހުން ވަރަށް ވެސްމަދު.........އިލްމްވެރިންގެބަހުސް ގޮތަށް އްދީބުންގެ ބަހުސް ބޭއްވުމަށް ތިޔަ ލަމިއްޔާއަށްގޮވާލަން...............

    ަ

    (0)(0)
  6. Latasha

    Hi there! Would you mind if I share your blog with my facebook group?
    There's a lot of folks that I think would really appreciate your content.
    Please let me know. Thank you

    Feel free to visit my site; CT limousines for prom: http://www.youtube.com/watch?v=K2viS7yo9jY

    (0)(0)