އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ދެވަނަ ބައި)

ޢަބުދުﷲ ޙިލްމީ
 
(15 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
 
ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. "ބުނެވޭގޮތުގައި ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާ ނުފޫޛު ހުރި ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ ވަރަށްގިނަ ރަށްރަށް ވަޤުފު ކުރެވިފައި ހުއްޓެވެ." 

ކޮނޑޭ ޢަލިމަނިކުފާނު، ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާ ދީދީ އާއި ކައިވެނިކުރައްވައި ދެ ބޭފުޅުން (ދޮންދީދީ އާއި މުޙައްމަދު ދީދީ ނުވަތަ ތުއްކަލާ ދީދީ) ލިބިވަޑައިގަތް ފަހުން ޢާއިޝާ ދީދީގެ ބައްޕަ ފާމުލަދޭރި ކިލެގެފާނުގެ އެދިވަޑައިގަތުމަކަށް ޢަލިމަނިކުފާނު، ޢާއިޝާ ދީދީ  ވަރިކުރެއްވި އެވެ.

 ފާމުލަދޭރި ކިލެގެފާނުގެ އެފަދަ އެދިވަޑައިގަތުމެއް އޮތީ ކިލެގެފާނު ހިތްޕުޅާނުވާނޭ ކޮންމެވެސް ވާހަކަފުޅެއް ޢަލިމަނިކުފާނު ދެއްކެވި ކަމުގެ އަޑެއް ލިބިވަޑައިގަތުމުންނެވެ. އެ ވާހަކަފުޅެއް ޢަލިމަނިކުފާނު ދެއްކެވި ކަމަށް ބުނެވެނީ މާލޭގެ ރަސްކަމުގެ ގަނޑުވަރާ ގުޅުންހުރި ބޮޑުންގެބޭފުޅަކު ކިލެގެފާނާ ކުރިމަތިކުރުވި ވާދަވެރި ކަމެއްގެ ދުވަސްވަރު އެވެ. ޢަލިމަނިކުފާނާ އަނބިކަނބަލުން ޢާއިޝާ ދީދީ އާ ދެމަފިރިކަނބަލުންގެ އެއްވެސް މައްސަލައެއް ނުޖެހެ އެވެ.  
ކިލެގެފާނާ ޢަލިމަނިކުފާނާ ދެ ބޭފުޅުންނަކީ ވެސް އެ ބޭފުޅުން އުފެދި ބޮޑުފުޅުވި ނަސްލު ފިޔަވައި އެދުވަސްވަރުގެ ރަދުންގެ އަރިހުގައި ވެސް ވަރަށް ބޮޑު ޤަދަރާއި އިޙުތިރާމް ލިބިވަޑައިގެން ތިއްބެވި ހަރުދަނާ ޢިއްޒަތްތެރި ދެ ބޭފުޅުންކަމަށް ތާރީޚުގެ ފަތްފުށްތަކުން ހެކި ލިބެއެވެ. މިހެންވީއިރު އެއްބޭފުޅެއްގެ އެދިވަޑައިގަތުމަށް އަނެއްބޭފުޅަކު އިޙުތިރާމް ކުރައްވާނެ އެވެ. ކިލެގެފާނާ ޢަލިމަނިކުފާނާ ދެ ބޭފުޅުންގެ މެދުގައި ގިނަ ގޮތްގޮތުން ޢާއިލީ ގުޅުމާ ގާތްކަން ވެސް ވަރަށްބޮޑެވެ. އަދި ޢަލިމަނިކުފާނާ ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާދީދީގެ މަންމަ އާއި ވެސް ދެބެންގެ ދެދަރި އެވެ. މިހެންވީއިރު މިފަދަ ބޭފުޅުންގެ ނިންމެވުންތަކުގެ ޙަގީގަތް ރަނގަޅަށް އެނގުމެއްނެތި އެކިވާހަކަ އެކިގޮތަށް އަޅުގަނޑުމެން މިހާރު ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. 
ކޮނޑޭ ޢަލިމަނިކުފާނުގެ މުނިކާފަ މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅަކީ ފުވައްމުލަކު ފުނާޑު ދޮން މަޙުމޫދު ޚަޠީބުގެ ދޮން އަޙުމަދު އެދުރު ކަލޭގެފާނުގެ ދައިގަޑު ދޮން ޢީސާ ޚަޠީބު ކަލޭގެފާނު، ހައްދުންމަތީ އިސްދޫ އައިސާދިޔޯ (ކުޑައިބީ ކަމަނާ) އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދައިގަޑު މާފަތް ތަކުރުފާނު (އިސްދޫ އިބްރާހީމް ޝާހުބަންދަރު ބޮޑު ވެލާނާ ތަކުރުފާނު) ގެ ޙަސަން މާފަތް ތަކުރުފާނު ކަމާއި އިބްރާހީމް ވެލާނާ ތަކުރުފާނަކީ ވެލާނާކަން ލިބިވަޑައިގަތުމުގެ ކުރިން ފުވައްމުލަކު ދައިގަޑު މާފަތް ތަކުރުފާނު ކަމަށް ދިވެހި މުއައްރިޚު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވެ އެވެ.
މުޡުހިރުއްދީން ރަދުންގެ މަންމާފުޅަކީ އަލްޙާފިޡް މުޙައްމަދުގެ، ފުވައްމުލަކު އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ، މީދޫ ޝަމުސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ފާޠިމާފާނުގެ، ކޮރުވަލު ޒުލޭޚާބީގެ، އަތިރީ ޙައްވާބީ އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އަތިރީކަމަނާ އެވެ.
އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ މުނިކާފަ ޢިމާދުއްދީން(ދެވަނަ) ރަސްގެފާނަކީ މުޡުހިރުއްދީން ރަދުންގެ މާފަ (މަންމާފުޅު އަތިރީކަމަނާ ގެ ބައްޕަ) ހަނދޭގިރި ތަކުރުފާނާއި އެއްބަނޑު ބޭފުޅަކަށް ވީމާ ޢިމާދުއްދީން ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް ރަސްގެފާނަކީ އަތިރީކަމަނާ އާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން 6 ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. ޝަހީދުކުޅަ މަޝްހޫރު ޙާޖީ ބަންޑާރައިން ނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.
“ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅޭ” ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެ ވިދާޅުވާ އާމިނާ މަނިކެފާނުގެ ފިރިކަލުން އަޙުމަދު މަނިކުފާނަކީ މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ބޭފުޅެކެވެ. ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނެވެ. މި ދެމަފިރިކަނބަލުންނަކީ ޙާޖީ ބަންޑާރައިން ޝަހީދުކުޅައުމަށް ފަހު އެރަދުންގެ ތުއްޕުޅު ދަރިކަލުން (ޙާޖީ ބަންޑާރައިންނާ ބުރުނީ ސިއްކަ ތަކުރުފާނުގެ އާމިނާ ކަނބާފާނާ ދެމަފިރިކަނބަލުންގެ ދަރިކަލުން) ޤަތުލުކުރުމަށް އުޅުމުން އެކަމުން އެ ދަރިކަލުން ސަލާމަތްކުރެއްވުމަށް މަތިވެރި ﷲ މެދުވެރިކުރެއްވި އިންސާނީ ވަސީލަތެވެ. އޭގެ ފަހުން އެ ތުއްޕުޅު ދަރިކަލުން ފުވައްމުލަކަށް ގެންދަވައި ބޮޑުފުޅުވެ ޢިލްމު އުނގެނިވަޑައިގަތުމަށް ފަހު އެދަރިކަލުން ކައިވެނިފުޅުކުރެއްވީ މި އަޙުމަދު މަނިކުފާނުގެ އެއްބަނޑު އެއް ބައްޕަ ޢާއިޝާ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް މަނިކުފާނާ އެވެ. އެކައިވެނިފުޅުން ލިބިވަޑައިގަތް އެއް ބޭފުޅަކީ ޢާއިޝާ ދީދީ (ދޮށީ ދީދީ) އެވެ.
ކޮނޑޭ ޢަލިމަނިކުފާނާއި، ޢާއިޝާ ދީދީ (ދޮށީ ދީދީ) އާއި ދެ ބޭފުޅުންގެ ދޮންދީދީ އަކީ އެ ބޭފުޅުންގެ އެންމެދޮށީ ބޭފުޅާ އެވެ. ހަގު ބޭފުޅަކީ މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. ކިލެގެފާނަށް ބައްޕަ ވިދާޅުވި ފުރަތަމަބޭފުޅަކީ ނަމުގައި ވެސް އެބުނާހެން ދޮށީ ދީދީ (ޢާއިޝާ ދީދީ) އެވެ. އޭރު ކިލެގެފާނުގެ ޢުމުރުފުޅުން ވާނީ 20, 21 އަހަރުފުޅުކަމަށް ބުނެވެއެވެ. ކިލެގެފާނުގެ ބޭފުޅުންގެތެރެއިން ފުރަތަމަ ބޭފުޅުން ލިބިވަޑައިގަތީ ވެސް މި ޢާއިޝާ ދީދީ އަށެވެ. އެއީ ދޮންދީދީ އާއި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. (ދޮންދީދީ އަށް ޚަދީޖާ ދީދީ، ކޮނޑޭ ދީދީ ވެސް ކިޔާފައި ހުރެއެވެ. ނަމަވެސް މަޝްހޫރު ނަމަކީ ދޮންދީދީ އެވެ.)
ކޮނޑޭ ޢަލިމަނިކުފާނާ، ޢާއިޝާދީދީ (ދޮށީ ދީދީ) އާ ދެމަފިރިކަނބަލުން ވަކިވެވަޑައިގަތް އިރު ތިއްބެވި ދެ ބޭފުޅުން ވެސް އެކަމެއްގެ ހަނދުމަފުޅެއް ނުހުންނާނެ އެވެ. އެއީ އެ ޢުމުރުފުޅު ނޫންކަމަށް ބުނެވެއެވެ. އެފަހަރު ބައްޕަ އަރިހުގައި ޢާއިޝާ ދީދީ ފުވައްމުލަކަށް ވަޑައިގަތީ ދަރިކަލުން މުޙައްމަދު ދީދީ ގޮވައިގެންނެވެ. ދަރިކަނބަލުން ދޮންދީދީ ގެންދެވުމަށް ޢަލިމަނިކުފާނު ދޫނުކުރެއްވީ އެވެ. އޭގެފަހުން ދޮންދީދީ ގެންގުޅުއްވައި ތަރުބިއްޔަތު ކުރެއްވީ އޭނާގެ މުންނަ (ބައްޕަގެ މަންމަ) ވާދޫ ގައްދަޑުގޭ ސަންފާ މަނިކުފާނާއި ކާފަ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނެވެ. ގައްދަޑުގޭ ސަންފާ މަނިކުފާނަކީ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ ކިބައިން ދަރިވަރުވި އެދުރު އެދުރުންގެ ކިބައިން ހިނގަމުން އައި ދީނާއި ދުނިޔޭގެ ތަޢުލީމުގެ އެދުރުންގެ ފަރާތުން އުނގެނިވަޑައިގެން އިންނެވި ބޭފުޅެކެވެ. ގޮތްހުރި އަބުރުވެރި މީސްތަކުންގެ ޤަދަރާ އިޙުތިރާމް ލިބިވަޑައިގަތް ބޭފުޅެކެވެ. ސަންފާ މަނިކުފާނު، އޭނާގެ އިތުރަށް އެދުރު އެދުރުން ލައްވައި ވެސް ދޮންދީދީ އަށް ތަޢުލީމު އުނގަންނައި ދެއްވި އެވެ. ވާދޫގައި އެދުވަސްވަރު ވެސް ތަޢުލީމީ އެދުރު އެދުރުން ތިއްބެވި އެވެ.
ގައްދަޑުގޭ ސަންފާ މަނިކުފާނުގެ ފުރިހަމަބެއްލެވުމާ ތަރުބިއްޔަތާ އަޚުލާޤު ލިބިވަޑައިގެން ބޮޑުފުޅުވި އޭނާގެ ނަމޫނާ މުންނަ ދަރިކަނބަލުން ދޮންދީދީ އާއި ގުޅޭ ބައެއް ވާހަކަ އޭރުއްސުރެ ފަހަކާ ޖެހެންދެން އެ ޢާއިލާގެ ނޫނަސް އިހުގެ މަރުޙޫމް ބައެއް މުސްކުޅިންގެ ފަރާތުން އިވެމުން ނަގުލުވަމުން ގޮސްފައި ވެއެވެ.
ދޮންދީދީ އަކީ އެ ޢާއިލާއިން އޭނާއަށްވުރެ ހަގު ބޭފުޅުން ބޯލެނބި އަދި ދޮށީ ބޭފުޅުންގެ ވަރަށްބޮޑު ލޯތްބެއް ލިބިވަޑައިގަތް ޝަޚުޞިއްޔަތެކެވެ. އެ ހުރި ކަމެއްގައި އެ ހުރި ގޮތެއްގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. ވާހަކަފުޅުދެއްކެވުން މަދު އަދި ޢާއިލާގެ ބޭފުޅުން ނޫން އެހެންމީހުންނަށް (ފަޤީރުން ފިޔަވައި) އޭނާގެއަރިހުގައި ވާހަކަދައްކައި އުޅުމުގެ ފުރުޞަތު ކުޑަ ބޭފުޅެކެވެ. މީހުން ޖެހިލުންވާ ގޮތެއް ހުންނަ “ދެކުނުފަރާތުގެ ނާމާން” ބަނިއާދަން ބޭފުޅެއްކަމަށް ބުނެވެއެވެ. ޢާއްމުގޮތެއްގައި ސަމާސާ ކުރެއްވުމެއް އެފަދަ ބަސްފުޅެއް ވިދާޅުވުމެއް ނޯވެ އެވެ. ދޮންދީދީ އަކީ އޭނާ ނުދެކޭ މީހަކަށް ކުއްލިއަކަށް އޭނާ ފެނިއްޖެނަމަ އެ ޝަޚުޞިއްޔަތުގައި ހުންނަ އާދަޔާއި ޚިލާފު “ތޫނުފިލި” ކަމެއްގެ ސަބަބުން ސިހުމެއް ލިބޭ ފަދަ ބޭފުޅެއްކަމަށް ވެސް ބުނެވެ އެވެ.
ދޮންދީދީ އަކީ އޭނާގެ މާފަ ފާމުލަދޭރި ކިލެގެފާނު އަރިހުގައި އިންނަވައިގެން ބޮޑުފުޅު ނުވާ އެކަމަކު އެ މާފަގެ ޠަބީޢަތުގެ ގިނަ ކަންކަމެއް ލިބިވަޑައިގަތް ބޭފުޅެކެވެ. އޭގެތެރެއިން މީހުން އެންމެބޮޑަށް ފާހަގަކުރާ ކަމަކީ ނިކަމެތި ފަޤީރުންނާއި އަޅައިލައްވައި އެހީތެރިވެދެއްވާ ކަމެވެ. އެދުވަސްވަރު 3 ރަށެއްގެ 3 ގެއެއްގެ ތަނަވަސްކަން ދޮންދީދީ އަށް މިންވަރުކުރައްވާފައި އޮތެވެ. އެއީ އޭނާގެ ބައްޕަ ޢަލިމަނިކުފާނުގެ ކޮނޑޭ “އެތެރެކެބަ ގަނޑުވަރާ” އޭނާގެ ފިރިކަލުންގެ ދެއްވަދޫ “މެދު ގަނޑުވަރާ” އަދި އޭނާގެ މުންނަގެ ވާދޫ “ގައްދަޑުގެ” އެވެ. ބުނެވެނީ އެދުވަސްވަރު ދޮންދީދީ އަރިހުގައި މީހަކު ވާހަކައެއް ދަންނަވަން ނުވަތަ އެއްޗެއްގެ ބޭނުމުގައި ވިޔަސް އެވާހަކަދަންނަވަން ބޭނުންވެ ފަސޭހައިން އެކަން ކުރެވޭނޭގޮތެއް ނުވިނަމަ ދެން އެކަމަށް އޮތް އެންމެފަސޭހަ މަގަކީ ވާދޫ (ދޮންދީދީ ދެއްވަދޫގައި އުޅުއްވާ ވަގުތެއްނަމަ ދެއްވަދޫ) ފަޤީރެއްގެ ގާތުގައި އެވާހަކައެއް ބުނުމެވެ. އޭރުން އެއްވެސް ދައްޗެއް ނެތި މަންޒިލަށް ވާޞިލްވީ އެވެ. 
ދޮންދީދީގެ މަންމައާއި، ބައްޕައާއި، މާފައާއި، ކާފައާއި، މުންނަ ވެސް ދޮންދީދީ ދެކެ ވަރަށް ލޯބިފުޅު ވެއެވެ. އެދުވަސްވަރު އޭނާގެ މާމަ ފުވައްމުލަކު ކުޑައިރަނިއަ (ކުދުރަނިޔަ) އެދުރުގޭ މަރިޔަމް މަނިކުފާނު ދުނިޔޭގައި އިންނެވިކަމެއް ނޫންކަމެއް އެނގެންނެތެވެ. ކުރިންދެންނެވި ބޭފުޅުންގެ އިތުރަށް އައްޑޫ މީދޫގައި ތިއްބެވި ދޮންދީދީގެ ކޮއްކޮމެން (ގަނޑުވަރު ޙަސަންދީދީ، ގަނޑުވަރު އަޙުމަދުދީދީ، ގަނޑުވަރު ކަތްދާ ދީދީ، އަދި ގަނޑުވަރު އާމިނާ ދީދީ) ވެސް އެބޭފުޅުންގެ ދައްތަ އަރިހަށް ހުވަދުވަށް  އެކި ފަހަރު ވަޑައިގެން އުޅުއްވާ ކަމަށް ބުނެވެ އެވެ. ގިނައިން ވަޑައިގެން އުޅުއްވަނީ ގަނޑުވަރު ޙަސަން ދީދީ އެވެ. ދޮންދީދީގެ އެއްބައްޕަ ކޮއްކޮ ހުޅުދޫ ދީދީ(އ) ގެ ޒުލާޚާ ދީދީ އާއި ދޮންދީދީގެ އެއްބަނޑު ކޮއްކޮ ގަނޑުވަރު ޙަސަން ދީދީ ކައިވެނިކުރެއްވީ މިގޮތަށް ދައްތަ އަރިހަށް ޙަސަން ދީދީ ވަޑައިގެން އުޅުއްވި އުޅުއްވުމުގެތެރޭ ކަމަށް ބުނެވެ އެވެ. ޒުލޭޚާ ދީދީގެ ބައްޕައަކީ ހަވަރުތިނަދޫ ދޮން ޢަލިތަކުރުފާނެވެ. އެދުވަސްވަރުގެ ބޮޑު މުއްސަންޖެކެވެ. ދޮން ޢަލިތަކުރުފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އަކީ މަޝްހޫރު ރާގުޅި އަޙުމަދު ކަލޭގެފާނެވެ. އެދުވަސްވަރު ހުވަދޫގެ އެންމެ މުއްސަނދި ފަރާތެވެ. އަދި ހުވަދުއަތޮޅުގެ ވާރުވެރިޔާ (އަތޮޅުވެރިޔާ) އެވެ. 
އިހުގެ މުސްކުޅިން ބުނެއުޅެނީ ދެއްވަދޫ ގަނޑުވަރު ޙަސަން މަނިކުފާނު، ދޮންދީދީ އާއި ކައިވެނިކުރެއްވުމަށް ފަހު ވެސް މި ދީދީ އާއި ފިރިކަލުންނާއި ތިއްބެވީ ދޮންދީދީގެ މުންނަ އަރިހުގައި ވާދޫ ގައްދަޑުގޭގަ އެވެ. އެއީ ދޮންދީދީގެ މުންނަ ގައްދަޑުގޭ ސަންފާމަނިކުފާނު އޭނާއާއި ވަކިން އެހެން ރަށެއްގައި ދޮންދީދީ އުޅުއްވުމަށް ސަންފާމަނިކުފާނު ބޭނުންފުޅުނުވީ އެވެ. އަދި ދޮންދީދީ ވެސް އޭނާގެމުންނަ ބޭނުންފުޅު ނޫންގޮތެއް ހައްދަވަން ބޭނުންފުޅު ނުވަނީ އެވެ. ނަމަވެސް ދެއްވަދޫ ގަނޑުވަރުގައި އޭނާގެފިރިކަލުން ޙަސަން މަނިކުފާނާ ދޮންދީދީ އާއި ދެމަފިރިކަނބަލުން ދިރިއުޅުއްވުމަށް ބޭނުންފުޅުވާނޭ އެންމެހައިކަންކަން ހަމަޖެހިފައި އޮވެއެވެ. އެދުވަސްވަރު ދެއްވަދޫ ގަނޑުވަރު (މެދު ގަނޑުވަރު) ގައި އުޅުއްވީ ދޮންދީދީގެ ކޮއްކޮ މުޙައްމަދު ދީދީ އާއި އޭނާގެ އަނބިކަނބަލުން އާމިނާ މަނިކުފާނާ ބޭފުޅުންނެވެ. އާމިނާ މަނިކުފާނަކީ ދޮންދީދީގެ ފިރިކަލުންގެ ޙަސަން މަނިކުފާނުގެ ކޮއްކޮ އެވެ.
ގައްދަޑުގޭ ސަންފާ މަނިކުފާނު، އޭނާގެ މުންނަ ދަރިކަނބަލުން ދޮންދީދީ އަށް ބޭފުޅުން ލިބިވަޑައިގަތް އިރު ވެސް ގައްދަޑުގޭގަ އިންނެވި އެވެ. އަދި ދޮންދީދީ އަށް މުނިމާމަ ވިދާޅުވާ ބައެއް ބޭފުޅުންގެ ދުވަސްވަރަށް އައި އިރު ދޮންދީދީ ވެސް ދުނިޔޭގައި އިންނެވި އެވެ.
އަޅުގަނޑު އަހާ ގޮތުގައި ދޮންދީދީ އަކީ ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅުންނަށް ވެސް ކިލެގެފާނުގެ އަރިހުގައި ދަންނަވަން ކެރިވަޑައިނުގަންނަވާ ވާހަކަފުޅު ދައްކަވައި އުޅުއްވި ކިލެގެފާނުގެ މާފަ ދަރިކަނބަލެކެވެ. ކިލެގެފާނު ގެންގުޅުއްވައި ބޮޑުފުޅުކުރެއްވި ބޭފުޅެއްކަމަށްވާ އޭނާގެ މާފަ ދަރިކަލުން މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) ކިލެގެފާނު އަރިހުގައި މުލަކު “ކަރިއްޔަ” ގައި އުޅުއްވަމުން ގެންދަވަނިކޮށް އޭނާ ހުވަދުވަށް ގެންނަވަން ބޭނުންފުޅުވެ އެވާހަކަ އޭނާގެ މާފަ ކިލެގެފާނުގެ އަރިހުގައި ދަންނަވަން ދޮންދީދީއަށް ކެރިވަޑައިގަތް ކަމީ ވެސް އެފަދަ ކަމެއްކަމަށް މީހުން ބުނެއެވެ. ދޮންދީދީ އަކީ އޭނާދެކެ ކިލެގެފާނުގެ އުފަން ބޭފުޅުން ވަރަށް ލޯބިފުޅުވި ބޭފުޅެކެވެ. މި ބޭފުޅުންނާއި މި ބޭފުޅުންގެ އުފަން ބޭފުޅުން ރާއްޖެއިން ބޭރާއި މާލެއަށް ކުރާ ދަތުރުތަކުގައި ހުވަދުއަތޮޅުގެ އެތެރެވަރިން ދަތުރުފުޅެއް ކުރައްވާނަމަ ދޮންދީދީ އިންނެވި ތަނަކަށް ވަޑައިގެން ދެ ފަރާތުން ވެސް ހަދިޔާ ބަދިޔާ ފޯރުކޮށްދެއްވައި ވަރަށް ހެޔޮފުޅުކޮށް އުޅުއްވާ ކަމަށް ވެއެވެ. އެނޫން ދަތުރުފުޅުގައި ވެސް ވަޑައިގެން އުޅުއްވަ އެވެ. 
މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އަކީ ޢިލްމީ ބޭފުޅެކެވެ. މާލިމީއެކެވެ. އޭނާގެ މާފަގެ ބެއްލެވުމުގެދަށުން ފުވައްމުލަކު ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް ބޭފުޅެކެވެ. މުޙައްމަދު ދީދީ އަކީ އޭނާގެ މާފަ ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅެކޭ އެއްވެސް ތަފާތެއްނުކުރައްވާ ބޭފުޅެއްކަމަށް ބުނެވެއެވެ. އެ ބޭބޭފުޅުންނަށް އޮތް ކަމެއް ޢިނާޔަތެއް ވިޔަސް މުޙައްމަދު ދީދީ ހުވަދޫގައި ހުންނެވި އިރު ވެސް އޮވެއެވެ. އެހެންވީ މި ދީދީ އެންމެތުއްޕުޅު އިރުއްސުރެ ބައްޕައެއްގެ މަޤާމުގައި ކިލެގެފާނު ހުންނެވުމާއި އަދި ޢުމުރުފުޅުން ހަތަރު ފަސްއަހަރުގެ ފަހުން މުޅިން ވެސް މުޙައްމަދު ދީދީ ގެންގުޅުއްވީ “ކަރިއްޔަ” ގައި ކިލެގެފާނު ކަމަށް ވުމުންނެވެ.
މި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ)ގެ އަނބިކަނބަލުން ދެއްވަދޫ ގަނޑުވަރު އާމިނާ މަނިކުފާނަކީ، އެއްގޮތް ވައްތަރުކޮޅާ އުޅުއްވުމާ މިޒާޖާ އަދި އެފަދަ ގިނަ ކަންކަމެއްގައި އޭނާގެ ހޫރު މާމާފުޅު (ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު) އައިސާދިޔޯގެ ދިރި ހުރި ނަކަލެއްކަމަށް އެދުވަސްވަރުގެ މުސްކުޅިން ބުނެ އުޅޭކަމަށް ވެއެވެ. 
ދެއްވަދޫ ގަނޑުވަރަކީ ދެއްވަދޫ ރަސްގެފާނަށް ނިސްބަތްވާ ގަނޑުވަރެކެވެ. ޙަގީގަތަކީ މިއެވެ. މިހެންވިޔަސް އެ ގަނޑުވަރަށް ގަނޑުވަރެއްގެ “ފުރިހަމަކަން” ލިބުނީ އެތާނގައި ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދު ދީދީ އުޅުއްވަން ފެއްޓެވުމުން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ދެއްވަދޫ ގަނޑުވަރު ހުރި ތާނގެ ބިން އެކި ދުވަސްވަރު ކޮނުމުން އެކި ކަހަލަ އަގުހުރި “އެއްޗެހި” ފެނުމުގެ އަޞްލު ގުޅިފައިވަނީ މި ބޭފުޅުންގެ ދުވަސްވަރާ އެވެ. ދެއްވަދޫ ގަނޑުވަރަށް ނިސްބަތްވާ ހުރިހާ ފިރިހެން ބޭފުޅުންނަކީ ވެސް ރާއްޖޭގެ ބޭރާއި އެތެރޭގެ ދަތުރުކުރި އޮޑިފަހަރުގެ މޮޅު މާލިމީންނެވެ. އޮޑިވެރިންނާއި މާލިމީންނަކީ އެދުވަސްވަރު ތަނަވަސްކަން ލިބުމުގެ ފުރުޞަތު އެންމެ ބޮޑު މީހުންނެވެ. މިކަމާ އެކުމެ އެ ދުވަސްވަރު ފުވައްމުލަކު “ކަރިއްޔަ” ގައި ހުރި އެންމެހައި ކަމެއް ދެއްވަދޫ ގަނޑުވަރުގައި ވެސް ހުރިކަމަށް ބުނެވެއެވެ. “ކަރިއްޔަ” ގައި ހުންނެވި ފާމުލަދޭރިކިލެގެފާނު، އޭނަގެ މާފަ ބޭފުޅުންނަށް ވެސް “ކަރިއްޔަ” ގައި ހުރި “ކަމަކަށް ކަމެއް” ކޮށްދެއްވީ އެވެ. މިވާހަކަ އެ ދެ ތަން ދުށް މީހުން އެ ދުވަސްވަރު ބުނަމުން ގޮސްފައި ވާތީ ދެއްވަދޫ ގަނޑުވަރު “ގަނޑުވަރަކަށް” ވުމުގައި ފާމުލަދޭރި ކިލެގެފާނުގެ ވެސް ޚާއްޞަ ދައުރެއް އޮތް ކަން އެނގެއެވެ. ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅުންނެކޭ އެއްވަރަށް އޭނާގެ މާފަ ދެ ބެއިން ދޮންދީދި އާއި އޭނާގެ ކޮއްކޮ މުޙައްމައިދި އަށް ކިލެގެފާނު ހެޔޮފުޅުކޮށް ހިތްތަވައި އެބޭފުޅުންގެ ޚަބަރުދަބަރު ބައްލަވައި އެދުވަސްވަރު އެބޭފުޅުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވިކަމަށް ބުނެވެ އެވެ. 
ފާމުލަދޭރި ކިލެގެފާނުގެ ދުވަސްވަރާ ހަމަޔަށް އައި އިރު ވެސް މާލޭގެ ރަސްކަމުގެ ގަނޑުވަރު ފިޔަވައި އެނޫން ގަނޑުވަރުތަކާއި ބޮޑެތި ބޭފުޅުންގެ ގޭގެއަށް ވުރެ އައްޑޫ ހުވަދޫ ފުވައްމުލަކުގެ ބައެއް ބޭފުޅުންގެ ތަނަވަސްކަން ބޮޑެވެ. މިވާހަކަ މިއަދު ދެއްކީމާ އެކަން ގަބޫލުކުރެވޭނީ ވެސް ކާކަށް ބާއޭ ހީވެ އެވެ. ނަމަވެސް ޙަގީގަތަކީ މިއެވެ. 1960 ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް މި ޙަގީގަތް މިހެން ހާމަޔަށް ފެންނަން އޮތެވެ.
ދެއްވަދޫ ގަނޑުވަރުގެ ކުރީގެ ދުވަސްވަރު އަލްޙާއްޖު ޢަލީތުއްކަލާ އާއި އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލުން އައިސާބިޔޯ (އައިސާދިޔޯ)އާއި ދެމަފިރިކަނބަލުންގެ ދެ ބޭފުޅުންކަމަށްވާ މުޙައްމަދާއި (ފަހުން ދެއްވަދޫ ރަސްގެފާނު)، ދޮންމަރި ދޮންކަނބުލޯ (މަރިޔަމް ކަނބުލޭގެފާނު) އާއި މީނާގެ ބޭފުޅެއްކަމަށްވާ މާވާ ކިލެގެފާނާއި އެ ގަނޑުވަރުގައި އުޅުއްވިއެވެ. ފާމުލަދޭރި ކިލެގެފާނުގެ ދުވަސްވަރު މާވާ ކިލެގެފާނުގެ ފުތް ޚަޠީބު ނާއިބު ޢަލިމަނިކުފާނާއި މީނާގެ ފުތް ދެއްވަދޫ މުސްކުޅި ޙަސަން ދީދީ ދެއްވަދޫގައި ތިއްބެވިއެވެ.
ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ އިތުރު ބޭފުޅުން ދެއްވަދޫ ގަނޑުވަރުގައި އުޅުއްވުމަކީ ވެސް ވެދާނެ ކަމެކެވެ. އެއީ ދެއްވަދޫ ރަސްގެފާނު ދެއްވަދޫއަށް ދެއްވާފައިވާ ވަޤުފު ފަތްކޮޅެއްގައި “އަންބަރައިރަ ސަރިދާލޭސް މައްތީ އުއްތަރަ އާނަންދަވެ ވޮޑިގިނެދެ. ފުރަކީރިތި ރެދަލިކުރަނަ ތިންވަނަ އަވެރެދު ޖުމާދިލްއައްވަލް މަހު ފުރަތަމަދުވަހު ތިމަންރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ……………….” މިގޮތަށް ލިޔެފައި އޮތުމުންނެވެ. މިފަތްކޮޅުގެ ދުވަސްވީ ނަކަލެއް އެބަ އޮތެވެ. ޢަލީ ތުއްކަލާ ފިޔަވައި އެއްވެސް ބޭފުޅަކާ އައިސާބީ (އައިސާދިޔޯ) ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް ކަމެއް އެނގޭކަށް ނެތެވެ.
ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާދިޔޯ (އައިސާބީ) އާއި އެއްބަނޑު އެއްބައްޕަ ބޭބެ ފަނޑިއަތްކަލޭގެ (ފަނޑިއަތް ކަލޭގެފާނު) އާއި، ދެއްވަދޫ ދަހަރާ މަނިކުފާނާއި، ސުލްޠާން އިސްކަންދަރު ރަސްގެފާނާ އެއްބަނޑު ރަންނަބަޑޭރިކިލެގެފާނުގެ ދަރިކަނބަލުން ކަދީދާ (ޚަދީޖާ) މަނިކާއި، މި ކިލެގެފާނުގެ ގުރައިދޫ ޢަލިމަނިކުފާނުގެ އިބްރާހީމް މަނިކުފާނާއި، ދެއްވަދޫ ކަނބައިދި ކިލެގެފާނާއި، ދެއްވަދޫ މާވާ ކިލެގެފާނަކީ ފާމުލަދޭރި ކިލެގެފާނު ދެއްވަދޫއަށް ވަޑައިގެން އުޅުއްވި ދުވަސްވަރަށް ވުރެ ކުރީގައި އެ ރަށުގައި އުޅުއްވައި އަވަހާރަވެފައިވާ ބޭފުޅުންނެވެ. ނަމަވެސް ފާމުލަދޭރި ކިލެގެފާނު ދެއްވަދޫއަށް ވަޑައިގެން އުޅުއްވި ދުވަސްވަރު ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާދިޔޯގެ ދޮންމަރިޔަމް ކަނބުލޭގެފާނުގެ މާވާ ކިލެގެފާނުގެ ޚަޠީބު ނާއިބު ޢަލިމަނިކުފާނާއި، މީނާގެ ދަރިކަލުން ދެއްވަދޫ މުސްކުޅި ޙަސަން ދީދީ ހުންނެވި އެވެ. އަދި ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ (ހަވަރުތިނަދޫ ގައި އަވަހާރަވި) ދޮންދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ބައެއް ބޭފުޅުން ވެސް ދެއްވަދޫ “ގަނޑުވަރު”ގައި އުޅުއްވިއެވެ.
މިދެންނެވި ބޭފުޅުން ދެއްވަދޫގައި އުޅުއްވާފައިވުމުން އެ ރަށަކީ އެދުވަސްވަރާއި އޭގެ ކުރީ ދުވަސްވަރު (ޢަލީ ތުއްކަލާގެ ދުވަސްވަރު) ވެސް ހަރުދަނާ ބޭބޭފުޅުން އުޅުއްވި ރަށެއްކަން އެނގެއެވެ. މިކަން އެނގެނީ އެ ރަށުގެ އެއް ދުވަސްވަރެއްގައި ލިޔުންތައް ފެންނަން ހުރި މަހާނަގައުތަކުގެ ލިޔުންތަކުންނެވެ. ގިނައީ މީހެއްގެ ވަނަވަރެއް ތާރީޚެއް ނެތް ޝަހާދަތުގެ ދެ ކަލިމަ ފަދަ ކޮންމެވެސް ހެޔޮ އެއްޗެއް ލިޔުނު ގައުތަކާއި އެއްވެސް ލިޔުމެއް ނެތް ގައުތަކެވެ. ގައު ނެތް ނަމަވެސް އެދުވަސްވަރުގެ މަހާނަކަމަށް ބެލެވޭ ތަންތަން ވެސް މަދެއްނޫނެވެ. 
ތާރީޚީ މަޢުލޫމާތްތައް ހާމަކޮށް ލިޔުމުގައި އަޅުގަނޑުމެންނަށް ދައްޗެއް އުޅޭނަމަ އެފަދަ ދައްޗެއް ނެތް މީހަކާހަމަޔަށް އެކަމެއް ގެންގޮސްދީގެން ވިޔަސް ތާރީޚީ މަޢުލޫމާތްތައް ހާމަކުރުމަކީ ބޭނުންތެރި ކަމެކެވެ. މަޢުލޫމާތްތަކެއްގެ ބޭނުންތެރިކަމަށް ބެލެވިގެން ޗާޕުކޮށް ފޮތެއްގައި ސިފައި ނެރުމަށް ޚިޔާލުކޮށްގެން ހުއްޓައި އެކަންވެސް ނުވެ އޭގެ ފައިދާއެއް އެހެން ބަޔަކަށް ވެސް ނުލިބި ދިޔުމަކީ ދެރަ ކަމެކެވެ. އަދި ބައެއް ބޭފުޅުންނަށް އެނގިވަޑައިގެންފައިވާ ޤައުމީ ވަޠަނީ މަޢުލޫމާތްތަކުގެ ބޭނުންތެރިކަން ދެކިވަޑައިގެން އެހެންފަރާތަކާ އެކަންކަން ޙިއްޞާ ނުކުރައްވައި އަމިއްލަފުޅަށް އެކަމެއްކުރައްވަން ސިއްރެއްގައި ހުންނަވަނިކޮށް “ތާއަބަދަށް” އެކަން ސިއްރުވުމަކީ ވެސް ވެދާނެކަމެއް ކަން ބެއްލެވުން ބުއްދިވެރިއެވެ. ދުނިޔެއަކީ މިކަހަލައެއްޗެއް ނޫންތޯއެވެ.
އަޅުގަނޑު މިހެން ދެންނެވިކަމަށް ވިޔަސް ބައެއް ބޭފުޅުން އަމިއްލަފުޅުގޮތުން މިހާރު ވެސް ތާރީޚާ މަޢުލޫމާތަށްޓަކައި ގިނަ މަސައްކަތްޕުޅު ތަކެއް އެބަ ކުރައްވަ އެވެ. އެކަމަށްޓަކައި އެބޭފުޅުންނަށް ދިވެހިޤައުމުގެ ޝުކުރާ ތަޢުރީފު ޙައްޤެވެ. ނަމަވެސް މި ލިޔުމުގެ ކުރީކޮޅުގައި ދެންނެވިގޮތަށް މިއަދަކީ “އެކަށީގެންވާ މަގެއް” މަތިނުވެ، މުހިއްމު ތާރީޚީ ލިޔުންތަކެއް ނެތިގެން ދާންޖެހޭ ދުވަހެއްނޫނެވެ. އެހެންނޫނީ އެ ދުވަހެކޭ މި ދުވަހެކޭ މިވަނީ ހަމަ އެއްވަރު ނޫންތޯއެވެ. ——————-ނޯޓް:އަޅުގަނޑު ލިޔަމުންގެންދާ ސިލްސިލާ “އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ” ގެ ހުރިހާބައެއް ނިމުމުން ފޮތެއްގެ ސިފައިގައި އެ “ޢާއިލާ” ޗާޕުކުރައްވައި ނެރުއްވުމަށް ޝައުޤުވެރިވެ ވަޑައިގެން އެވާހަކަ އަޅުގަނޑު ގާތު ވިދާޅުވި ބޭފުޅަކީ އަލްފާޟިލް ޢަބުދުލް ޢަޒީޒު ޖަމާލު އަބޫބަކުރެވެ. މިހެންވުމުން މިލިޔުމަކީ އެ ޢާއިލާ އާ ވެސް ވަރަށްބޮޑަށް ގުޅުން ހުރި އަދި އެފޮތުގައި އޮތުން ވަރަށް ބޭނުންތެރި ލިޔުމެއްކަމަށް ވާތީ އޭނާ ބޭނުންފުޅު ނަމަ މިލިޔުން އެފޮތުގައި ހިމެނުއްވުމާ އަދި “އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ” ގެ ހުރިހާ ބައެއް ވެސް ޗާޕުކުރައްވައި ނެރުއްވުމުގެ ފުރިހަމަ ޙައްޤު އޭނާއަށް އެރުވިފައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި ލިޔުމަށް ގެންނަންޖެހޭ ޞައްޙަ އުނި އިތުރެއް ވާނަމަ އެކަން އަޅުގަނޑާ ގުޅުއްވައި ނުވަތަ ކޮމެންޓުން ވިޔަސް އަންގަވާލަ ދެއްވުމަކީ ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރާނޭ ކަމެކެވެ. އަދި މިދެންނެވިގޮތަށް ލިބޭ ޞައްޙަ އުނި އިތުރު މިލިޔުމުގައި އަޕްޑޭޓް ކުރަމުން ގެންދާނެ ވާހަކަ ވެސް ދެންނެވީމެވެ.———————–މަޢުލޫމާތުގެ ޙިއްޞާ:ދިވެހި މުއައްރިޚު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ބައެއް ލިޔުއްވުންހުވަދޫ ތާރީޚުގެ ޞަފުޙާތަކެއް ލިޔުއްވި މަރުޙޫމް ޙަސަން ޙިލްމީގެ ބައެއް ލިޔުއްވުންހުވަދޫ ތާރީޚުގެ ގިނަ ވާހަކަތަކެއް ކިޔުއްވައިދެއްވި މަރުޙޫމް ވިލިގިލީ ޙުސައިންގެ ބައެއް ކިޔުއްވައިދެއްވުންހުވަދޫގެ ކުރީގެ މުސްކުޅި މަރުޙޫމް ބައެއް ބޭފުޅުންގެ ކިޔުއްވައިދެއްވުންއަލްފާޟިލް ޢަލިދީދީ ވިދުވަރުގެ، ފުވައްމުލައް

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
17 Comments
  1. އަޙުމަދު

    ދޮންދީދީއަކީ "ފަތްމިނި" ބޭފުޅެއްކަމަށް ލިއުއްވަން ކެރިވަޑައިނުގަތީ ގާތް ބޭފުޅަކަށްވުމުން ދެއްތޯއެވެ؟ [ދޮންދީދީ އަކީ އޭނާ ނުދެކޭ މީހަކަށް ކުއްލިއަކަށް އޭނާ ފެނިއްޖެނަމަ އެ ޝަޚުޞިއްޔަތުގައި ހުންނަ އާދަޔާއި ޚިލާފު "ތޫނުފިލި" ކަމެއްގެ ސަބަބުން ސިހުމެއް ލިބޭ ފަދަ ބޭފުޅެކޭ] ލިއުއްވުމުގައެވެ. މާފުކުރެއްވުން އެދެމެވެ. ލިއުއްވުން ފުރިހަމައެވެ. ނަމަވެސް ޙިލްމީފަދަ ތާރީޚު ފޮރުވުމެއް ނެތް ބޭފުޅަކު، ތާރީޚީ އެއްވެސް ކަމެއް ހާމަނުކުރައްވައި އޮތުމުގެ ބޭނުމެއް ނޯންނާނެ ނޫންތޯއެވެ؟ ދޮންދީދީ އަކީ "ފަތްމިނި" ބޭފުޅެއްކަމަށް މަޝްހޫރުވެފައިވެއެވެ.

    (0)(0)
  2. ޢ. ޙިލްމީ

    ކޮނޑޭ ޢަލިމަނިކުފާނާ ބެހޭގޮތުން މިލިޔުމުގައި ލިޔެފައިވާ ކަމަކާބެހޭ ގޮތުން ސުވާލެއް އޮތްނަމަ ނުވަތަ އޭނާގެ އިތުރު މަޢުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވާނަމަ 7497279 ފޯނާ ގުޅުއްވާލަދެއްވުން އެދެމެވެ.

    (0)(0)
  3. ދިރާސާ

    ވާދޫ ގައްދަޑުގޭ އެންމެފުރަތަމަ ދޮންދީދީ އަކީ، ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން ދޮންދީދީއެވެ. ވާދޫ ގައްދަޑުގޭ ދެވަނަ ދޮންދީދީ އަކީ ފުވައްމުލަކު ދޫނޑޭރެ އަޙުމަދު ދީދީގެ ދަރިކަނބަލުން ދޮންދީދީއެވެ. މިހާރު މ. ސީނާ ދޮންދީދީއެވެ. މި ދޮންދީދީ އަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން އަދި ގައްދަޑުގޭ އެންމެފުރަތަމަ ދޮންދީދީގެ ޢާއިލާއިން ވަޑައިގަތް ބޭފުޅެކެވެ. ވާދޫ ގައްދަޑުގޭ ފުރަތަމަ ދޮންދީދީ ގައްދަޑުގޭގައި އުޅުއްވި ދުވަސްވަރު މާލޭ ރަސްކަމުގެ ގަނޑުވަރުތެރޭ ޒުވާން ފިރިހެންބޭފުޅަކު "އަރުމާޒު" ދަތުރުފުޅެއްގައި "ދަންނަ ކަލޭގެފާނުގެ ޒިޔާރަތް ބައްލަވައިލެއްވުމަށް" ކަމަށް ވިދާޅުވެ ހުވަދޫ ވާދުއަށް ދަތުރުފުޅެއް ކުރެއްވީ އެވިދާޅުވާ ބޭނުންފުޅުގައިތޯ ނޫންތޯ މިވާހަކައެއް މިހިނގާ ޖީލު ނުދަންނާނެއެވެ. އަދި އެބޭފުޅެއްގެ އެދަތުރުފުޅުގެ "ޙަގީގީ" ބޭނުންފުޅު ފުދިވަޑައިނުގެން އެނބުރި މާލެ ވަޑައިގަތްކަންވެސް މިހިނގާ ޖީލު ނުދަންނާނެއެވެ. އެއީ އެކަން ދެނެވަޑައިގަންނަވާ ބޭފުޅުންނަކީ މުރުއްވަތްތެރި އަބުރުވެރި ބޭފުޅުންނަށްވީމައެވެ.

    (0)(0)
  4. ހަސަން

    ދިރާސާ ލިއުއްވިވާހަކަ ދެނެހުރީމެވެ. ހުވަދުއަތޮޅުރަށެއްގެ ކަތީބުކަންކުރައްވައި ނިޔާވެގެން އަދިއެއް ދެއަހަރުނުވާނޭހެން ހީވާބޭފުޅަކު އެވާހަކަވިދާޅުވިއެވެ. ރަސްގެފާނުގެ ބޭފުޅާވަޑައިގަތީ ގައްދަޑުގޭ ތިބޭފުޅެއްގެ ކާވަންޏަށެވެ. ކާވަނިނުވިތާގައި އެބޭފުޅަކު ނުވެސްފެނުމުން އަބުރައި މާލެއަށްފުރީއެވެ. މިހެންވެގެން އެޒަމާނުގައި ހުވަދުއަތޮޅުމީހުން ކިޔަނީ ރަސް އުފަންދަރިއަށްވުރެ ކިލެގެ މާފަދަރި ބާރުގަދައެވެ. މީމިވާހަކައެވެ.

    (0)(0)
  5. ޢ. ޙިލްމީ

    "ޙަސަން" އާއި "ދިރާސާ"ގެ ލިޔުއްވުމުގައި އޮޅުންތަކެއް އެބަ އުޅެއެވެ. އެދުވަސްވަރު ރަސްގެފާނުގެ ދަރިކަލަކު ވަޑައިގަތްކަމަށް ބުނެވެނީ ތިޔަ ވިދާޅުވާ ބޭނުންފުޅަކު ނޫނެވެ. ވާދޫ ޒިޔާރަތަށް ފުއްދަން ޖެހިވަޑައިގަންނަވާ ނަޛުރުފުޅެއް އޮވެގެން އެބޭނުންފުޅުގައެވެ. އެދަތުރުފުޅުގައި އެބޭފުޅަކު ވަޑައިގަތްއިރު ވެސް ތިޔަ ވިދާޅުވާ ގައްދަނޑުގޭ ބޭފުޅެއްގެ ޚަބަރު އެބޭފުޅަކަށް ލިބިވަޑައިގެންފައި އޮތީމާ އެބޭފުޅަކު ދެކިވަޑައިގަތުމަށް ނުވަތަ އެބޭފުޅަކާއި ވާހަކަފުޅުދެއްކެވުމަށް ނަމަވެސް ރަސްގެފާނުގެ ދަރިކަލުން ބޭނުންފުޅުވީއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ވިޔަސް އެދަތުރުފުޅުގައި އެކަން ވާގޮތެއް ނުވީކަމަށް ބުނާތީ އަހަމެވެ. ވާދޫ ގައްދަޑުގޭގައި އެދުވަސްވަރު އިންނެވިކަމަށް ތިޔަ ވިދާޅުވާ ބޭފުޅަކީ އެކަން އެހެންވުމަކުން ރަސްގެފާނު ދަރިކަލުން ކޯފާވާނެ ބޭފުޅެއްނޫންހެން ހީވެއެވެ. އެއީ އެދުވަސްވަރުގެ ރަސްގެފާނާއި އަރިސް އެއް ބޭފުޅަކަށް ބައްޕަ، އަނެއް ބޭފުޅަކަށް މާފަ (މަންމަގެ ބައްޕަ) ވިދާޅުވާ ބޭފުޅަކަށް ވުމުންނެވެ. އެހެންވީމާ އޭގެފަހުން އެދުވަސްވަރު ހުވަދޫގައި ކިޔައިއުޅުނު ބަޔަކު ކިޔައިއުޅުނީ "ރަސް ދަރިއަށްވުރެ ކިލެގެ ދަރި މޮޅީ"އެވެ. "ބާރުގަދަ" ވާހަކައެއްނޫނެވެ.

    (0)(0)
  6. ނަޞޭޙަތް

    ލިއުމެއްގެ މަފުހޫމާއިގުޅުމެއްނެތުމުން ލިއުންތެރިއާ ނުލިއުއްވައި ހުންނަ ކޮޅުކޮޅު ނުހިއްލަމާތޯއެވެ. މިލިއުންލިއުއްވި ލިއުންތެރިއާ އުފަންވީ ގައްދަޑުގޭ އެދުވަސްވަރުގެ ތިޔަ ބޭފުޅެއްގެ އާއިލާއިންވުމުން އެކަމަށްވިސްނަމާތޯއެވެ.

    (0)(0)
  7. ހެޔޮއެދޭ ފަރާތެއް

    ޙިލްމީގެ ސަމާލުކަމަށްޓަކައި ނުކުތާތަކެއް ގެންނަމެވެ. މިއީ ޙިލްމީގެ މި ލިޔުމާއި އެހެނިހެން ލިޔުއްވުންތަކުގައިވާ މައުލޫމާތު އެއްކޮށްލުމުން ފުށުއަރާކަމަށް ފާހަގަކުރެވުނު ނުކުތާތަކެކެވެ. ޙިލްމީގެ ކޮމެންޓެއް މި ނުކުތާތަކާމެދު ދެއްވާނެކަމަށް ހީކުރަމެވެ. އެހެން ލިޔުމެއްގައި ނަމަވެސް އެންމެ ރަނގަޅެވެ. ޙިލްމީ އެކަންކަމާމެދު ބަހެއް ވިދާޅުނުވެ، ކަމުގެ ދެކޮޅު ހާމަކުރެއްވުމެއް ނެތި މިހާރު ހުރި ގޮތަށް ހުރެ މި ބަޔާންކުރާ ނުކުތާތަކާއެކު ކުރިއަށް ވަޑައިގެންފިކަމަށް ވަންޏާ ގިނަގުނަ ތާރީޚީ ފުށުއެރުންތަކެއް އުފެދިގެންދާނެއެވެ. އެހެންކަމުން ޙިލްމީގެ ލިޔުއްވުންތަކަކީ ވީހާވެސް ފުށުއެރުމެއް ނެތް ހަމަޖެހޭ ލިޔުންތަކަކަށް ވާން އަޅުގަނޑު އެދޭތީ މި ނުކުތާތައް ހާމަކުރަން ޖެހުނީއެވެ.

    އެންމެ ފުރަތަމަ ކަމަކަށް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާގޮތުން އަދި މާލޭ ހުކުރު މިސްކިތް ފޮތުގެ 172 ވަނަ ޞަފްހާއިން ސާބިތުކޮށްދޭ ގޮތުގައި ދޮން ދަލިކާ ކަނބުލޭގެފާނަކީ ދެއްވަދޫ ރަސްގެފާނުގެ ބައްޕަ ޢަލިތުއްކަލާ އާއި އެއްބަނޑު ދެ ބައްޕަ ބޭފުޅެކެވެ. އެއީ ދެއްވަދޫ ރަސްގެފާނާ އެއްބަނޑު އެއްބައްޕަ ބޭފުޅެއް ނޫނެވެ. އެއީ އެ ރަދުންގެ ބޮޑު ދައިތާފުޅެވެ. ލުޠުފީ ލިޔުއްވާގޮތުން އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު އަލިތުއްކަލާގެ މަންމަ ވަރިކުރައްވާފަ މީދުއަށް ވަޑައިގަތުމުން ދެން އަލިތުއްކަލާގެ މަންމަ ކައިވެނި ކުރެއްވީ މާތޮޑާ ދޮންމަރުނު ކަތީބުކަލޭގެފާނާއެވެ. ދޮންދަލޭކާ ކަނބުލޭގެފާނަކީ މި ދޮންމަރުނު ކަތީބުގެ ދަރިއެކެވެ. މާލޭ ހުކުރު މިސްކިތް ފޮތުގެ 172 ވަނަ ޞަފްޙާއިން ލުޠުފީގެ މިބުނުން ސާބިތުވެސް ކުރެވެއެވެ. ޙިލްމީ ލިޔުއްވި "ތާރީޚީ އޮޅުންބޮޅުން (2)" މި ލިޔުމުން އެނގޭގޮތުގައި 172 ވަނަ ޞަފްހާގައި އެވާ "އަބޫބަކުރު ނާއިބު" އެއީ އަބޫބަކުރުފަނޑިޔާރުކަލޭގެފާނު ކަމަށާއި އަދި ހަމަ އެ ޞަފްހާގައި އެވާ ދޮންދަލޭކަ ކަނބުލޭގެފާނަކީ ފަނޑިޔާރު ކަލޭގެފާނުގެ މާމަ ކަމަށް ޙިލްމީ ނިންމަވާފައިވާކަން އެނގިގެންދެއެވެ. ޙިލްމީގެ މި ނިންމެވުމުގައި ވެސް ގިނަ ފުށުއެރުންތަކެއް ހުރި ކަމަށް އެބަފެނެއެވެ، ސަބަބަކީ އެ މަހާނަގަލުގެ ލިޔުމުގައި ނަންގަނެވިގެން އެވާ ބޭފުޅުން ދުނިޔޭގައި އުޅުއްވި ދުވަސްވަރާއި އެއީ ކޮން ބޭފުޅުންނެއްކަން ވެސް ތާރީޚީ ފަތްފުށްތަކުން އެނގެން އޮތީމައެވެ.

    އަބޫބަކުރުފަނޑިޔާރުކަލޭގެފާނުގެ ދަރިކަލަކު އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ދުނިޔޭގައި ހުރެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ހަމައެއާއެކު "އަބޫބަކުރު ފަނޑިޔާރުކަލޭގެފާނު" ކަމަށް 1152ގައި ޖެހުނު މަހާނަގަލެއްގައި އޮވެފައި 1178 އަދި 96 ގައި ލިޔެވިފައިވާ 2 މަހާނަ ގަލެއްގައި (ހުކުރު މިސްކިތް ފޮތުގެ ޞ398ގައި ވާފަދައިން) "އަބޫބަކުރު ނާއިބު" ކަމަށް ލިޔެވޭނެކަމަށް ބުއްދި ޤަބޫލެއް ނުކުރެވެއެވެ. ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް ނާއިބެކޭ ކިޔައިފައި އޮވެދާނެތޯއެވެ. އަބޫބަކުރު ފަނޑިޔާރުކަލޭގެފާނު ނައިބުކަން ކުރެއްވިކަމެއް އެނގޭކަށެއް ވެސް ނެތެވެ. ކޮންމެއަކަސް 172ޞ ގައި ވާ ބޭބޭފުޅުން ދުނިޔޭގައި އުޅުއްވި ތާރީޚު ވަޒަންކޮށްލުމުން ވެސް އަބޫބަކުރު ނާއިބަކީ އަލިތުއްކަލާއާ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މާމަ ދަރިއެއްކަމާއި އެއީ އަބޫބަކުރު ފަނޑިޔާރުކަލޭފާނު ނޫންކަން އެނގިގެންދެއެވެ. ތާރީޚުން އެނގޭގޮތުގައި އަބޫބަކުރުފަނޑިޔާރުކަލޭގެފާނަކީ ކުރަމަތީ ބޭފުޅެއްކަން ވެސް ފާހަގަކޮށްލަމެވެ. ވީއިރު ވާދޫ ނާއިބެއްގެ ދަރިއަކަށް ވާނެކަމަކަށް ވެސް ޤަބޫލެއްނުކުރެވެއެވެ.

    ދެން މާލޭ ހުކުރު މިސްކިތް ފޮތުގެ ޞ389 ގައި [ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ އައްސުލްޠާނު އިބުރާހީޖް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު ކުރަމަތީ އަބޫބަކުރު ފަޑިޔާރުކަލޭގެފާނުގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑު މަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ޚަޠީބު މަނިކުފާނުން ޖުމާދިލްއަޚިރުމަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަދާން.] އޭ ލިޔެވިފައި އޮތުމުން ވެސް ގިނަ ކަންތައްތަކެއް އެނގިގެންދެއެވެ. އެގޮތުން މިތާނގައި ނަންގަނެވިފައި މިވާ ދެއްވަދޫ ޚަތީބު މަނިކުފާނަކީ ދިވެހި ތާރީޚު ފޮތުގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރިކަލުން "ޢަލީ ޚަޠީބު" ކަމަށް އޮތް ބޭފުޅާކަން ޔަޤީންވެއެވެ. (ދިވެހި ތާރީޚު ފޮތުގެ 156ޞ ގައި ވެސް ހަމަ މި ދުވަހު ޢަލީ ޚަޠީބު އަވަހާރަވިކަމަށް އެބައޮތް)...

    ދެން އޮތް ނުކުތާއަކީ އިހުގެ ބޯދާ ދިވެހި ބަހުގައި އެއްކިހުނުފަން، އެއްބަނޑު އަދި ދައިތާ ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވުނު ކަމަށް އެނގެން އޮތް އޮތުމެވެ. އާއިލީގޮތުން ތިމާގެ، މިސާލަކަށް މާމަޔާ ހަމައިން ގުޅޭ އެއް ދަރިކޮޅެއްގެ މީހުންނަށްވެސް އެއްކިހުނުފަން ނުވަތަ އެއްބަނޑު މީހުންނޭ ކިއިފައިވާކަން އަދި އެހައި ތިމާގެ ވެއްޖެއްޔާ އެވެނި މީހަކީ މިވެނި މީހެއްގެ ދައިތާއޭ ވެސް (މިސާލަކަށް ޙަޤީޤީ ބޮޑު ދައިތައަށް ވެސް އެއީ މިވެނި މީހެއްގެ ދައްތައޭ) ކިއިފައި ހުރިކަމަށް ސާބިތުވާވަރަށް ތާރީޚީ ފަތްފުށްތަކުން ހެކި އެބަލިބެއެވެ. އެގޮތުން މަތީގައި ބަޔާންވެދިޔަ މަހާނަގަލުގައި ހުރި ލިޔުމުގައި އަބޫބަކުރުފަނޑިޔާރުގެ ކުދިންނާއި ކިހުނުފަން ވެފައި އަނެއްކާ ދެއްވަދޫ ރަސްގެފާނާއި ވެސް ކިހުނުފަންކަމުގައި އޮތުމުން މިތަނުން އެއްތާނގައި "ކިހުނުފަން" ބޭނުންކޮށްފައި ވަނީ ގާތްތިމާގެކަން ހާމަކޮށްދިނުމުގެ ގޮތުންކަން ޔަޤީންވެއެވެ.

    ފާހަގަކޮށްލަންޖެހޭ ޕޮއިންޓަކީ ތާރީޚު ފޮތުގައި "ދައިތާގެ ދަރިކަލުން" ކަމުގައި އޮތަސް މިދެންނެވި ގޮތަށް ދިމާވުމުން ޢަލީ ޚަޠީބަކީ ޙަޤީޤަތުގައި ދެއްވަދޫ ރަސްގެފާނުގެ މަންމަ ފަރާތުގެ ބޮޑު ދައިތާއެއްގެ ދަރިކަލުންނަށް ވުމުގެ ފުރުސަތު އޮތްކަމެވެ. ސަބަބަކީ އަލީ ޚަތީބުގެ މަންމަ ބޮޑު މަނިކުފާނަކީ "އަބޫބަކުރުފަނޑިޔާރުކަލޭގެފާނުގެ ކުދިންނާއި ކިހުނުފަން" މީހެއް ކަމުގައި އޮތުމުންނެވެ. ދެއްވަދޫ ރަސްގެފާނުގެ މަންމައަކީ އަބޫބަކުރު ފަނޑިޔާރުކަލޭގެފާނުގެ ދަރިކަނބަލެކެވެ. އެހެންކަމުން އަލީ ޚަތީބުގެ މަންމައަކީ އަބޫބަކުރުފަނޑިޔާރުގެ ކުދިންނާއި ކިހުނުފަން މީހެއްކަމަށްވަންޏާ އޭނާ ވާނީ ދެއްވަދޫ ރަސްގެފާނުގެ ބޮޑު ދައިތައަށެވެ. މިއީ މާނަ ނެގިދާނެ އެއްގޮތެވެ.

    މަތީގައިވާ ގޮތް ނޫން އެހެން ގޮތަކަށް ވެސް ކަންވުމުގެ ފުރުސަތު އެބައޮތެވެ. ދެން އޮތް ގޮތަކީ އަލީ ޚަތީބުގެ މަންމައަކީ ދެއްވަދޫ ރަސްގެފާނާ ދެބަފައެއްގެ އެއްބަނޑު ބޭފުޅަކަށްވުމެވެ. މިއީ ކަންވެގެންދިއުން އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލްކުރެވެއެވެ. ސަބަބަކީ ބަޔާންވެދިޔަ މަހާނަގަލުގެ ލިޔުމުގައި ވާގޮތުން އަލީ ޚަތީބުގެ މަންމައަކީ ދެއްވަދޫ ރަސްގެފާނާ "އެއްކިހުނުފަން" ބޭކަނބަލެކެވެ. އަދި އަބޫބަކުރު ފަނޑިޔާރުގެ ކުދިންނާއި "ކިހުނުފަން" މީހެކެވެ. މިތާނގައި އަބޫބަކުރު ފަނޑިޔާރުގެ ކުދިންނާއި ކިހުނުފަންކަމަށް ގެންނަވާފައި މިއޮތީ ދެއްވަދޫ ރަސްގެފާނާއި ދެބަފައެއްކަމާއި ހަމައެކަނި އެރަދުންނާ އެއްބަނޑުކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެނީ އެއްބަފާ ބޭފުޅެއް ނަމަ އަބޫބަކުރފަނޑިޔާރުކަލޭގެފާނުގެ ވާހަކަ ލިޔެވުނުހެން އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ވާހަކަ އަދި އެންމެ ކުޑަ މިނުން އަލިތުއްކަލާގެ ވާހަކަ ނުލިޔެވި އޮވެދާނެކަމަށް ޤަބޫލުނުކުރެވޭތީއެވެ.

    ޚާއްޞަގޮތެއްގައި ކޮންމެހެން އަބޫބަކުރު ފަނޑިޔާރުގެ ނަން ގެންނަން ނުޖެހޭ ތަނެއްގައި ގެންނަވާފައި އޮތުމުން އަދި އޭނާގެ ކުދިންނާއި ކިހުނުފަން ކަމަށް ގެންނަވާފައި އައްޑޫބޮޑު ފަނޑިޔާރުގެ ފުށް އަލިތުއްކަލާއާ އެއްވެސް ގުޅުމެއް އޮތްކަމަށް ނުލިޔެ އޮތުމުން ކަން އޮތީ މިދެންނެވި ގޮތަށް ކަމަށް ޤަބޫލުކުރެވެއެވެ. ދިގުކޮށް ނަމަވެސް ޙިލްމީގެ ސަމާލުކަމަށް މި ނުކުތާތައް ގެންނަން ބޭނުންވީއެވެ. ތާރީޚީ ފުށުއެރުންތަކެއް އުފެދޭނެތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ. އެހެންކަމުން މިދެންނެވި ނުކުތާތައް އަޅުގަނޑު މި ދެންނެވި ފުށުއެރުންތައް ނުހުންނާނެ ގޮތަކަށް ފުރިހަމަ ދިރާސާއަކަށްފަހު ދެކޮޅުޖެއްސިގެން ތިޔަ އާއިލާގެ ފޮތް ޗާޕުކުރައްވާނެކަމަށް އުންމީދުކުރަމެވެ. ޙިލްމީ މިދެންނެވި ނުކުތާތަކުގެ ތާރީޚީ ފުށުއެރުންތައް ނައްތަވާލެއްވުމަށްފަހު ކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ. ކޮމެންޓު ދިގުވިކަމަށްޓަކައި މާފަށް އެދެމެވެ. މުހިންމު ނާޒުކު ނުކުތާތަކަކަށް ވުމުން ސާފުވާނޭހެން ތަފްސީލާއެކު ބަޔާންކުރަންޖެހުނީއެވެ.

    (0)(0)
  8. ޢ. ޙިލްމީ

    ެދެއްވަދޫ މުސްކުޅި ޙަސަން ދީދީގެ 13 ބޭފުޅުން ތިއްބެވިކަމަށް ދުވަސްވީލިޔުމަކުން އެނގެއެވެ. މީގެތެރެއިން އެލިޔުމުގައި ނަން ލިޔެވިފައިވަނީ 8 ބޭފުޅެކެވެ. އެއީ، 1. ކޫއްޑޫ މުޙައްމަދު ދީދީ، 2. މުލަކު މުޙައްމަދު ދީދީ، 3. ލޯފަން މޫސާ ދީދީ، 4. މޫސާ ދީދީ، 5. ދޮންދީދީ، 6. އަޙުމަދު ދީދީ، 7. ކޮރު ދޮންދީދީ، 8. ސަޢީދާ ދީދީ އެވެ. ނަމަވެސް މި ބޭފުޅުންގެ ޢާއިލާއަކީ ކޮބައިކަމެއް އަދި އެނގިފައި ނުވެއެވެ. އެނގޭކަމަކީ ޚަޠީބު ނާއިބު ޢަލިމަނިކުފާނު ކައިވެނިކުރައްވައިގެން ދެއްވަދޫ މުސްކުޅި ޙަސަން ދީދީ ލިބިވަޑައިގަންނަވާނޭ ޙަސަން ދީދީގެ މަންމައަކަށްވާނީ ކޮންމެވެސް ދީދީ އެއް ކަމެވެ. އެހެންނޫނީ މަނިކުފާނެއްގެ ބޭފުޅުންނަށް ވުމަކުން އެދުވަސްވަރު ދީދީ ކިޔާނެހެނެއް ހިޔެއްނުވެއެވެ. މިހާރުގެގޮތެއް ނޭނގެއެވެ. ތާރީޚަށް ލޯބިކުރައްވައި އެހީތެރިވެދެއްވާ ބޭފުޅުން މިކަމުގެ ކޮޅެއް ފެނިވަޑައިގަންނަވާތޯ ބައްލަވައިދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

    (0)(0)
  9. ޢ. ޙިލްމީ

    "ހެޔޮއެދޭ ފަރާތްޕުޅަކުން" ތިޔަ ކުރެއްވި ކޮމެންޓަށް އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ. އިޙުތިރާމްކުރަމެވެ. އަޅުގަނޑުގެ ލިޔުންތަކަށް ކޮމެންޓު ކުރައްވާ ބޭފުޅުންނަކީ ވަރަށްރަނގަޅު ބޭފުޅުންނެވެ. "ޙުސޭން" އަކީ ފާހަގަކުރެވޭ އެފަދަ ބޭފުޅެކެވެ. އަޅުގަނޑަށް ހެޔޮ އެދިވަޑައިގަންނަވާތީވެ ކަންކަމުގެ ސީދާ "މަގު" ދެއްކެވޭތޯ އެބޭފުޅުން އުޅުއްވަނީ އެވެ. މިހެންވަނީ އަޅުގަނޑަކީ އަޅުގަނޑު އެކަނި ޤަބޫލުކުރާގޮތަކީ ނުވަތަ ފެންނަ ގޮތަކީ އެންމެރަނގަޅު ގޮތެއްކަމަށް ދުވަހަކު ވެސް ނުދެކޭނެ މީހެއްކަމަށް އެ ބޭފުޅުންނަށް ޤަބޫލުކުރެއްވޭ ކަމެވެ. އަދި އަޅުގަނޑަކީ ކަންކަމުގައި ޖަދަލުކުރާ މީހަކަށް ވެސް ނުވާ ކަމެވެ. އެހެންވުމުން "ތާރީޚީ އޮޅުންބޮޅުން" މި ސުރުޚީގެ ދަށުގައިވާ ލިޔުމާއި އަދި މި ލިޔުމަށް ވެސް ގެންނަންޖެހޭ އިޞްލާޙެއް އޮތްނަމަ އެކަމެއް ކުރާނަމެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑު ލިޔާ ލިޔުންތަކަށް ބައެއް ބޭފުޅުން އުފައްދަވާ ސުވާލުތަކާ ގުޅިގެން އެބޭފުޅެއްގެ އަރިހުން އިތުރަށް ސާފުކުރަންޖެހޭ ކަންކަމާމެދު އެބޭފުޅުންނާއި އެއްވެސް ވާހަކައެއް ދެއްކެން ނޯންނަކަމެވެ. "ކޮމެންޓުން" ނޫންގޮތަކަށް "އަލިފު" ވެސް ނުކިޔޭކަމެވެ. ނުލިޔެވޭކަމެވެ. މިހެންވެ، އެބޭފުޅުން އުފައްދަވާ ސުވާލުތަކަށް ޖަވާބެއް ނޭރުވި ގިނަ ދުވަސްތަކެއް އެބަ ވެއެވެ. މިއީ އެކަމާ އަޅުގަނޑު ވަރަށްދެރަވާ ކަމެކެވެ. އެހެންނޫނީ ޖެހެނީ "ކޮމެންޓު"ގެ "ހަލަބޮލި" މައިދާނަށް ނުކުންނާށެވެ. އަޅުގަނޑަކީ "ހަލަބޮލި" މި ކިޔާ އެއްޗެއް ދިވެހި ރަދީފުން ވެސް ދެކެން ބޭނުންވާ މީހެއް ނޫނެވެ. މި ކަހަލަ މީހުން ވެސް އުޅޭނެ ނޫންތޯއެވެ.

    އުޅުނު ގެއިން އެމީހާ ބޭރުކުރެވޭނޭ ޙައްޤުގެ އެއްވެސްމަގެއް އުޅެއުޅެ ނުފެނުނީމާ، ބާޠިލްގެ މަގުން ގޭގެ ފުރާޅު ނެގުމުން އަތްވާއި ވާރޭގައި އެގޭގައި ނުއުޅެވިގެން ގެއިން ނުކުންނަން ޖެހުނު މީހާ މިއަދު "މަގުމަތި" ވެފައި އެހުރީ ވެސް އެމީހާއަށް "ހަލަބޮލި" ކޮށް އުޅެން ނޭނގޭތީ ނޫންތޯއެވެ. އެހެންނޫންނަމަ "އިއްތިޙާދީ" ބާޒާރޭ އެކިޔާ ބާޒާރުގައި ނެތްބާރުލައި ފިސާރި "ހަލަބޮލި" ކޮށް އުޅެގަތީމާ ކޮންމެވެސް ފިހާރައަކުން ބޯ ހިޔާކޮށްލާނޭ ގައިމު ދެތިންގަނޑު ޓިނު ލިބިދާނެ ނޫންތޯއެވެ. އެކަމަކު "މަގުމަތި" ވެފައި އެމީހާ އެހުރީ "ހަލަބޮލި" ކޮށް އުޅެން ނޭނގޭތީ ނޫންތޯއެވެ.

    ދެން ދޮން ދަލޭކަ ކަނބުލޭގެފާނުގެ ކަންތަކަށް ބަލައިލަމާތޯއެވެ. ހުވަދޫގައި ގާތްގާތުގައި އުޅުއްވި އެ ނަން ކިޔާ 3 ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނުގެ ބައްޕައާއި އެއްބަނޑު ދޮން ދަލޭކަ ކަނބުލޭގެފާނާއި ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ދޮން ދަލޭކަ ކަނބުލޭގެފާނާއި މީނާގެ ދި މަރިޔަމް ކަނބުލޭގެފާނުގެ ދޮން ދަލޭކަ ކަނބުލޭގެފާނެވެ. ހުވަދޫގެ ގިނަ މަޢުލޫމާތްތަކެއް ލިޔުއްވި އަދި އެ މަޢުލޫމާތުގެ ކަސިޔާރުކަމެއް ނުފެންނަ ހުވަދޫ ތިނަދޫ ޖަނަވަރީގޭ މަރުޙޫމް ޙަސަން ޙިލްމީ އަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދި، މަރިޔަމް ކަނބުލޭގެފާނުގެ ދި، ދޮން ދަލޭކަ ކަނބުލޭގެފާނުގެ ފުތް، ޙަސަން މަނިކުފާނު (ތުއްކަލާ)ގެ ފުތް، އިބްރާހީމް ދީދީގެ ދި، ކަތްދައިދީގެ ފުތް، އިސްމާޢީލް ދީދީގެ ފުތް، މުޙައްމަދު ދީދީގެ ދި، ދޮންދީދީގެ ދަރިއެއްކަމަށް ސީދާ އޭނާ ލިޔުއްވައިފައި ވެއެވެ. އަދި މި ކަތްދައިދީގެ ޢާއިލާއިން އަޅުގަނޑާ އެ ވާހަކަ ދައްކާ އެންމެން ޤަބޫލުކުރާ ގޮތަކީ ވެސް އެއީ އެވެ. މިހެންވީއިރު މި ވަނަވަރު މި ނޫން ގޮތަކަށް ބަދަލުކުރުމުގެ ޙައްޤެއް އަޅުގަނޑަށް ނެތުމުން އެ އޮންނާނީ އެ ގޮތަށް ނޫންތޯއެވެ.

    ރަސްމީ ދިވެހިތާރީޚު ފޮތާއި އެހެނިހެން ބައެއް ލިޔުންތަކުގައި ހުންނަ "ފުށުއަރާ" ކަންކަމުގެ ވާހަކަތައް އަޅުގަނޑުމެން ބައްދަލުނުވެ ހާމަކުރުމަކީ، ދިވެހި ތާރީޚަށް ކުރެވޭ އިހާނެތި ބޭ ޙުރުމަތްތެރި ކަމަކަށް ނޫނީ ނުވާނެނޫންތޯއެވެ. އެހެންވީމާ އެވާހަކަ ބާއްވަމާތޯއެވެ.

    (0)(0)
  10. މޫސާ ޢަލީ

    ތެދުފުޅެކެވެ. ހުކުރު މިސްކިތް ފޮތުގެ 172 ވަނަ ސަފްހާގައިވާ ލިޔުމުގައި އެވާ ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުންގެ ފުތް އަބޫބަކުރު ނާއިބު ކަލޭގެފާނަކީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކަމަށް "ތާރީޚީ އޮޅުން ބޮޅުން 2" ގެ ނަމުގައި މި ވެބްސައިޓުގައި ޙިލްމީ ލިޔުއްވި ލިޔުއްވުމުގައި ބަޔާންކުރެއްވި ބަޔާންކުރެއްވުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ތަންކޮޅެއް ނޫނެވެ. ސަބަބެއްގެ ގޮތުން ހެޔޮއެދޭ ފަރާތުގެ ކޮމެންޓުގައިވާ ޕޮއިންޓުތަކުގެ އިތުރަށް އަޅުގަނޑަށް ވެސް ފާހަގަކޮށްލެވޭ ޕޮއިންޓުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް ހަމަ މި ވެބްސައިޓުގައި "ހުވަދޫ އަބޫބަކުރު ފަނޑިޔާރުގެ ވިސްނުންފުޅު" ގެ ނަމުގައި ޙިލްމީ ލިޔުއްވި ލިޔުއްވުމުގައި އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކިޔަވަން ހުންނެވީ ވާދޫ ދަންނަކަލޭގެފާނުގެ އަރިހުގައި އެ ކަލޭގެފާނުގެ ގޭގައި ކަމަށް އެބައޮތެވެ، މިއީ ވެސް ހުކުރު މިސްކިތު ފޮތުގައި އެވާ އަބޫބަކުރު ނާއިބަކީ ފަނޑިޔާރު ކަލޭގެފާނު ނޫންކަން އެނގިގެންދާ ހެއްކެކެވެ. ސަބަބަކީ އަބޫބަކުރު ނާއިބަކީ ވާދޫ މުޙައްމަދު ނާއިބެއްގެ ދަރިއެއް ކަމަށްވެފައި އެއީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކަމުގައި ވަނީ ނަމަ އޭނާގެ ބައްޕާގެ ރަށުގައި ބައްޕަގެ ގެ ނޫން ގެއެއްގައި ހުންނާނެ ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.

    ދެން އޮތް ޕޮއިންޓު: ތާރީޚީ ހުރިހާ ލިޔުމަކުން ވެސް ވާދޫ އަބޫބަކުރުގެ ބަދަލުގައި ފެންނަނީ ކެރަމިއްތާ އަބޫބަކުރު މި ނަންކަން ފާހަގަކޮށްލަމެވެ. ފަހުން އައިބަޔަކު ވާދޫގައި ދިރިއުޅުއްވާފައިވާކަމަށްޓަކައި ވާދޫ އަބޫބަކުރޭ ކިއެއްކަމަކު އެއީ ކެރަމިއްތާ ބޭފުޅެކެވެ. އަދި ކުރީގެ މަހާނަގައުތަކާއި އެފަދަ ލިޔުންތަކުގައި ވެސް ވާގޮތުން އެއީ ކެރަމިއްތާ އަބޫބަކުރެވެ. ވާދޫދަންނަކަލޭގެފާނު އަރިހަށް ކިޔަވަން ކެރަމިއްތާއިން ވާދުއަށް ދިޔަ ބޭފުޅެކެވެ. ކެރަމިއްތާ ފަޅުވީ މިކަލޭގެފާނުގެ ޒަމާނަށްވުރެ މާފަހު ޒަމާނެއްގައެވެ. ދެން އޮތް ޕޮއިންޓަކީ ކެރަމިއްތާ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނަކީ މުޅި ރާއްޖެ ޖަހާލަތުގެ އަނދިރީގައި ވަނިކޮށް ދިއްލުނު ވޮށްތަކުގެ ތެރެއިން ވޮށަކަށް ވާ ކަމެވެ. އަދި އެއީ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކަށްވާކަމެވެ. އެއީ ވާދޫ މުޙައްމަދެއްގެ އަބޫބަކުރު ނާއިބު ކަމަށް ވަންޏާ މިފަދަ ބޭފުޅެއްގެ ވަނަވަރާމެދު ތިހައި ބޮޑު މަޢުލޫމާތެއް ޒަމާންތަކަކަށް ނޭނގި ނުވަތަ އެހެން ބޭފުޅުންނަށް ނުވެސް ވިސްނި އޮވެދާނެކަމަށް ޤަބޫލެއްނުކުރެވެއެވެ.

    ލުތުފީމެން ފަދަ ބޭފުޅުންނަކީ ހުކުރު މިސްކިތް ފޮތުގައިވާ މައުލޫމާތު އެއްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ބޭފުޅުންނެވެ. އަދި ކުރީގެ އިތުބާރުހިފޭ މީހުންގެ ފަރާތުންނާއި ތަފާތު އެކި ތާރީޚީ ލިޔުންތައް ދިރާސާކޮށްގެން މައުލޫމާތުތައް ލިޔުއްވި ބޭފުޅުންނެވެ. އެހެންކަމުން އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރު ނަމަ ލުޠުފީމެން ފަދަ ބޭފުޅުން ވެސް އެފަދައިން ލިޔުއްވީހެވެ. މިކަމާމެދު ލުތުފީމެންގެ ނިންމެވުން ގޯސްވާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. ލުތުފީއަކީ ދިރާސާކުރައްވާއިރު އެބޭފުޅަކާ ބެހޭގޮތުން ލިޔެވޭ ބޭފުޅާއެއީ ކޮން ޒަމާނެއްގައި އުޅުއްވުން އެކަށީގެންވާ ބޭފުޅެއްތޯ އެހާވަރަށްވެސް ބެއްލެވި ބޭފުޅެއްކަން ލުތުފީގެ ލިޔުންތަކުން އެނގެއެވެ. ޙިލްމީ އެބޭފުޅުންނާ ޙަވާލާދެއްވިކަމަށް ވިދާޅުވާ ތިނަދޫ ޙަސަން ޙިލްމީ އަދި ވާދޫ އަޙްމަދު ޢަލިދީދީ ފަދަ ބޭފުޅުންނަކީ ވެސް މާފަހުގެ ބޭފުޅުންނެވެ. އެ ބޭފުޅުންނަށް އެބޭފުޅުންނަށްވުރެ 200 އަހަރު ކުރިން އުޅުނު މީހުންގެ މައުލޫމާތު ފުރިހަމައަށް ލިބެން ނެތުމުން އެފަދަ ނިންމެވުންތައް ނިންމަވާނީ އަމިއްލައަށް ފެނިލެއްވި ގޮތަކަށް ބިނާކޮށެވެ. ވަނަވަރުތައް ލިޔެވިފައި ނުވާތީ އެންމެ ފުރަތަމަ ދިރާސާތަކެއް ކުރައްވާފަ ވަނަވަރުތައް ލިޔުއްވި ބޭފުޅަކީ ވެސް ޙަސަން ޙިލްމީ ނޫންތޯއެވެ. އެހެންކަމުން 200 އަހަރު ކުރީގެ މީހުންނާމެދު އެހާ ފަހަށް ދާއިރު ހުންނާނީ ޔަޤީންނުވާ ގިނަ ކަންތައްތަކެއް ހުންނަ ހިސާބަށް ގޮސްފައެވެ. ކޮންމެއަކަސް ފަހުގެ ބޭފުޅުންނަށް ހަވާލަދެއްވިޔަސް ކޮންމެ ކަމެއް ވެސް ޤަބޫލުކުރުމުގައި ބޭނުންވަނީ ހެއްކާއި ހުއްޖަތެވެ. ކުރިން ނުލިޔެވި ވާއެއްޗެއް ފަހުގެ ބަޔަކަށް މުސްކުޅިން ކައިރީ އަހައިގެން ހަގީގަތާ އެއްގޮތަށް ލިޔެވުމުގެ ފުރުސަތު ކުޑައެވެ. ޒަމާނާއެކު ފޮނިތޮށި ކާފޫރު ތޮޅި ހުންނަނީ އިތުރުވެފައެވެ. ކޮންމެގޮތެއްވިޔަސް މި ވާހަކަދެކެވޭ މައްސަލައާމެދު ކުރީގެ ލިޔުންތައް ފެންނަން ހުއްޓާ އެއާ ފުށުއަރާގޮތަށް މާ ފަހުގެ ބޭފުޅުންތަކެއް ވިދާޅުވިއޭ ކިޔާފަ ލިޔާނަމަ އެއީ ޤަބޫލުކުރެވޭނެކަންތައްތަކެއް ނޫނެވެ. ކިރިޔާ ވެސް ޤަބޫލުކުރެވޭނީ އެ ލިޔުންތަކުގައިވާ މައުލޫމާތު އެއީ ދޮގުކަން ސާބިތުކުރެވޭނޭ ހެކިތަކާއި އެނޫނަސް ހެކިތައް ހުރެގެންނެވެ.

    ކެރަމިއްތާ އަބޫބަކުރަކީ އެ މަހާނަގަލުގައި އެވާ އަބޫބަކުރު ނާއިބުކަމުގައި ވަނީ ނަމަ ރާއްޖެއައިސް މަހާނަގައުތަކާއި ރާދަވަޅިތަކާއި ލޯމާފާނުތަކަށް ދާންދެން ބަލައި ހޯދާ ގިނަ ދިރާސާތަކެއް ކުރެއްވި އެޗްސީޕީ ބެލް ލިޔުއްވި ފަނޑިޔާރުންގެ ލިސްޓުގައި ވެސް އެކަން ބަޔާންނުކުރައްވާ އޮންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިހެންގޮސް ހުރިހާ ގޮތަކުން ވެސް އަބޫބަކުރު ފަނޑިޔާރަކީ ވާދޫ އަބޫބަކުރު ނާއިބުކަލޭގެފާނު ނޫންކަމަށް ބުރަވެވެއެވެ. ހެޔޮއެދޭފަރާތުގެ ކޮމެންޓުގަ ވާހެން އަބޫބަކުރު ފަނޑިޔާރުކަލޭގެފާނަށް އަބޫބަކުރު ނާއިބުކަލޭގެފާނޭ ކިޔުން އެއީ އެއްގޮތަކަށް ވެސް ވުން އެކަށީގެންވާކަމެއްކަމަށް ޤަބޫލެއްނުކުރެވެއެވެ. އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނަށް އައްޑޫ ނާއިބޭ ކިއިފައި އެބައޮތްތޯއެވެ؟ އިހު ދިވެހިން މިފަދަ މަތީ ފަންތީގެ ބޭފުޅުންނަށް ކުރާ އިޙްތިރާމަށް ބަލާއިރު ވެސް މިއީ އެކަށީގެންވާކަމެއް ނޫނެވެ. ބޭފުޅަކަށް މަތީ މަޤާމެއް ދެވިފައި ވަނިކޮށް ފަހުން އައި ބަޔަކު އެބޭފުޅަކުގެ ދަރަޖަ ދަށްކޮށްގެންނެއް ނުލިޔާނެކަން ޔަޤީންވެއެވެ. ދެން އާންމުކޮށް މަހާނަގައުތަކުގައި ވަނަވަރު ލިޔާއިރު ރަސްކަލުންނާއި ފަނޑިޔާރުން ފަދަ މަތީފަންތީގެ ބޭފުޅެއްގެ ދަރިކޮޅު މީހެއް ކަމަށް ވަންޏާ އެބޭފުޅަކުގެ ބައްޕައިންގެ ތެރޭގައި އެ ފެންވަރުގެ މީހަކު ނެތްކަމަށް ވަންޏާ ވަނަވަރު ފަށާފައި ހުންނަނީ އެ ބޭފުޅަކާ ހަމައިން ކަން ފާހަގަކޮށްލެވެއެވެ. މިސާލެއްގެ ގޮތުން މާލޭ ހުކުރު މިސްކިތު ފޮތުގައިވާ އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅު މީހުންގެ ވަނަވަރާއި އެހެނިހެން ފަނޑިޔާރުން ފަދަ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ދަރިކޮޅު މީހުންގެ މަހާނަގައުތައް ބެއްލެވުން އެދެމެވެ. ފަށާފައިވާކަމަށް ފެންނާނީ ބޮޑު ފަނޑިޔާރާ ހަމައިންނެވެ. އެއީ ބޮޑު ފަނޑިޔާރުގެ ދަރިކަލެއް ނުވަތަ ކާފަ ދަރިކަލެއްކަމަށް ވިޔަސްވެހެވެ. މިއީ ވެސް އެ ބޭފުޅުންނަށް އިޙްތިރާމްކުރެއްވުމުގެ ގޮތުން ދިވެހިން ކަންކުރި ގޮތެވެ. ކޮންމެބަޔަކު ވެސް އެބައެއްގެ މަތިކޮޅު މަހާނަގަލުގައި ލިޔާއިރު ބަލަނީ މަތިކޮޅުން އެނގެން އޮތް އެންމެ މަތީ ދަރަޖައެއްގެ މީހަކާ ހަމައިން ފެށޭތޯއެވެ. އެގޮތުން ކުރަމަތީ އަބޫބަކުރު ފަނޑިޔާރުގެ ދަރިކޮޅު ކަމަށްވަންޏާ ފެށިފައިވަނީ ވެސް އޭނާއާ ހަމައިންކަން ހެޔޮއެދޭ ފަރާތުގެ ކޮމެންޓުގައި ބަޔާންކުރި މަހާނަގަލުގެ ލިޔުންކޮޅުން ވެސް އެނގިގެންދެއެވެ. އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރު ނޫންކަން އެނގިގެންދަނީ މިދެންނެވި ކަންކަން މިހެން ހުރީމައެވެ. އެ އަބޫބަކުރު ނާއިބުގެ މަތިފުށް ފަށާފައި ވަނީ ވެސް އޭނާގެ މާމަ ކާފައިންގެ ތެރެއިން އެންމެ މަތީ ދަރަޖައެއްގައި ހުރި ދެއްވަދޫ ރަސްގެފާނުގެ ބޮޑު ދައިތަ މާތޮޑާ ދޮންމަރުނުކަތީބުގެ ދޮންދަލޭކައާ ހަމައިންނެވެ. އަދިއެހެންނޫނަސް އެ އަބޫބަކުރު ދުނިޔޭގައި އުޅުން އެކަށީގެންވަނީ ފަނޑިޔާރުކަލޭގެފާނަށް ފަހުގައިކަން ފެންނަންހުރި ހެކިތަކުން އެނގެއެވެ. ނިންމާލުމުގެ ކުރިން އެހެންކަމެއް ވެސް ނޯޓުކުރެއްވުން އެދެމެވެ. ދިވެހިން ނަމުގެ ކުރިއަށް ލައިއުޅޭ ދޮންއަކީ ވާރުތަވާ އެއްޗެއްކަން "ދޮން" ކުރިއަށް ލައިފައިހުރި ހުރި ހުރިހާ އާއިލާތަކަކުން ހެން ސާބިތުވެއެވެ. އެގޮތުން ދޮން ދަލޭކައަކީ ދޮން މަރުނުކަތީބުގެ ދަރިއެވެ.

    (0)(0)
  11. މޫސާ ޢަލީ

    ތެދުފުޅެކެވެ. ހުކުރު މިސްކިތް ފޮތުގެ 172 ވަނަ ސަފްހާގައިވާ ލިޔުމުގައި އެވާ ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުންގެ ފުތް އަބޫބަކުރު ނާއިބު ކަލޭގެފާނަކީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކަމަށް "ތާރީޚީ އޮޅުން ބޮޅުން 2" ގެ ނަމުގައި މި ވެބްސައިޓުގައި ޙިލްމީ ލިޔުއްވި ލިޔުއްވުމުގައި ބަޔާންކުރެއްވި ބަޔާންކުރެއްވުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ތަންކޮޅެއް ނޫނެވެ. ސަބަބެއްގެ ގޮތުން ހެޔޮއެދޭ ފަރާތުގެ ކޮމެންޓުގައިވާ ޕޮއިންޓުތަކުގެ އިތުރަށް އަޅުގަނޑަށް ވެސް ފާހަގަކޮށްލެވޭ ޕޮއިންޓުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް ހަމަ މި ވެބްސައިޓުގައި "ހުވަދޫ އަބޫބަކުރު ފަނޑިޔާރުގެ ވިސްނުންފުޅު" ގެ ނަމުގައި ޙިލްމީ ލިޔުއްވި ލިޔުއްވުމުގައި އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކިޔަވަން ހުންނެވީ ވާދޫ ދަންނަކަލޭގެފާނުގެ އަރިހުގައި އެ ކަލޭގެފާނުގެ ގޭގައި ކަމަށް އެބައޮތެވެ، މިއީ ވެސް ހުކުރު މިސްކިތު ފޮތުގައި އެވާ އަބޫބަކުރު ނާއިބަކީ ފަނޑިޔާރު ކަލޭގެފާނު ނޫންކަން އެނގިގެންދާ ހެއްކެކެވެ. ސަބަބަކީ އަބޫބަކުރު ނާއިބަކީ ވާދޫ މުޙައްމަދު ނާއިބެއްގެ ދަރިއެއް ކަމަށްވެފައި އެއީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކަމުގައި ވަނީ ނަމަ އޭނާގެ ބައްޕާގެ ރަށުގައި ބައްޕަގެ ގެ ނޫން ގެއެއްގައި ހުންނާނެ ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.

    ދެން އޮތް ޕޮއިންޓު: ތާރީޚީ ހުރިހާ ލިޔުމަކުން ވެސް ވާދޫ އަބޫބަކުރުގެ ބަދަލުގައި ފެންނަނީ ކެރަމިއްތާ އަބޫބަކުރު މި ނަންކަން ފާހަގަކޮށްލަމެވެ. ފަހުން އައިބަޔަކު ވާދޫގައި ދިރިއުޅުއްވާފައިވާކަމަށްޓަކައި ވާދޫ އަބޫބަކުރޭ ކިއެއްކަމަކު އެއީ ކެރަމިއްތާ ބޭފުޅެކެވެ. އަދި ކުރީގެ މަހާނަގައުތަކާއި އެފަދަ ލިޔުންތަކުގައި ވެސް ވާގޮތުން އެއީ ކެރަމިއްތާ އަބޫބަކުރެވެ. ވާދޫދަންނަކަލޭގެފާނު އަރިހަށް ކިޔަވަން ކެރަމިއްތާއިން ވާދުއަށް ދިޔަ ބޭފުޅެކެވެ. ކެރަމިއްތާ ފަޅުވީ މިކަލޭގެފާނުގެ ޒަމާނަށްވުރެ މާފަހު ޒަމާނެއްގައެވެ. ދެން އޮތް ޕޮއިންޓަކީ ކެރަމިއްތާ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނަކީ މުޅި ރާއްޖެ ޖަހާލަތުގެ އަނދިރީގައި ވަނިކޮށް ދިއްލުނު ވޮށްތަކުގެ ތެރެއިން ވޮށަކަށް ވާ ކަމެވެ. އަދި އެއީ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކަށްވާކަމެވެ. އެއީ ވާދޫ މުޙައްމަދެއްގެ އަބޫބަކުރު ނާއިބު ކަމަށް ވަންޏާ މިފަދަ ބޭފުޅެއްގެ ވަނަވަރާމެދު ތިހައި ބޮޑު މަޢުލޫމާތެއް ޒަމާންތަކަކަށް ނޭނގި ނުވަތަ އެހެން ބޭފުޅުންނަށް ނުވެސް ވިސްނި އޮވެދާނެކަމަށް ޤަބޫލެއްނުކުރެވެއެވެ.

    ލުތުފީމެން ފަދަ ބޭފުޅުންނަކީ ހުކުރު މިސްކިތް ފޮތުގައިވާ މައުލޫމާތު އެއްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ބޭފުޅުންނެވެ. އަދި ކުރީގެ އިތުބާރުހިފޭ މީހުންގެ ފަރާތުންނާއި ތަފާތު އެކި ތާރީޚީ ލިޔުންތައް ދިރާސާކޮށްގެން މައުލޫމާތުތައް ލިޔުއްވި ބޭފުޅުންނެވެ. އެހެންކަމުން އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރު ނަމަ ލުޠުފީމެން ފަދަ ބޭފުޅުން ވެސް އެފަދައިން ލިޔުއްވީހެވެ. މިކަމާމެދު ލުތުފީމެންގެ ނިންމެވުން ގޯސްވާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. ލުތުފީއަކީ ދިރާސާކުރައްވާއިރު އެބޭފުޅަކާ ބެހޭގޮތުން ލިޔެވޭ ބޭފުޅާއެއީ ކޮން ޒަމާނެއްގައި އުޅުއްވުން އެކަށީގެންވާ ބޭފުޅެއްތޯ އެހާވަރަށްވެސް ބެއްލެވި ބޭފުޅެއްކަން ލުތުފީގެ ލިޔުންތަކުން އެނގެއެވެ. ޙިލްމީ އެބޭފުޅުންނާ ޙަވާލާދެއްވިކަމަށް ވިދާޅުވާ ތިނަދޫ ޙަސަން ޙިލްމީ އަދި ވާދޫ އަޙްމަދު ޢަލިދީދީ ފަދަ ބޭފުޅުންނަކީ ވެސް މާފަހުގެ ބޭފުޅުންނެވެ. އެ ބޭފުޅުންނަށް އެބޭފުޅުންނަށްވުރެ 200 އަހަރު ކުރިން އުޅުނު މީހުންގެ މައުލޫމާތު ފުރިހަމައަށް ލިބެން ނެތުމުން އެފަދަ ނިންމެވުންތައް ނިންމަވާނީ އަމިއްލައަށް ފެނިލެއްވި ގޮތަކަށް ބިނާކޮށެވެ. ވަނަވަރުތައް ލިޔެވިފައި ނުވާތީ އެންމެ ފުރަތަމަ ދިރާސާތަކެއް ކުރައްވާފަ ވަނަވަރުތައް ލިޔުއްވި ބޭފުޅަކީ ވެސް ޙަސަން ޙިލްމީ ނޫންތޯއެވެ. އެހެންކަމުން 200 އަހަރު ކުރީގެ މީހުންނާމެދު އެހާ ފަހަށް ދާއިރު ހުންނާނީ ޔަޤީންނުވާ ގިނަ ކަންތައްތަކެއް ހުންނަ ހިސާބަށް ގޮސްފައެވެ. ކޮންމެއަކަސް ފަހުގެ ބޭފުޅުންނަށް ހަވާލަދެއްވިޔަސް ކޮންމެ ކަމެއް ވެސް ޤަބޫލުކުރުމުގައި ބޭނުންވަނީ ހެއްކާއި ހުއްޖަތެވެ. ކުރިން ނުލިޔެވި ވާއެއްޗެއް ފަހުގެ ބަޔަކަށް މުސްކުޅިން ކައިރީ އަހައިގެން ހަގީގަތާ އެއްގޮތަށް ލިޔެވުމުގެ ފުރުސަތު ކުޑައެވެ. ޒަމާނާއެކު ފޮނިތޮށި ކާފޫރު ތޮޅި ހުންނަނީ އިތުރުވެފައެވެ. ކޮންމެގޮތެއްވިޔަސް މި ވާހަކަދެކެވޭ މައްސަލައާމެދު ކުރީގެ ލިޔުންތައް ފެންނަން ހުއްޓާ އެއާ ފުށުއަރާގޮތަށް މާ ފަހުގެ ބޭފުޅުންތަކެއް ވިދާޅުވިއޭ ކިޔާފަ ލިޔާނަމަ އެއީ ޤަބޫލުކުރެވޭނެކަންތައްތަކެއް ނޫނެވެ. ކިރިޔާ ވެސް ޤަބޫލުކުރެވޭނީ އެ ލިޔުންތަކުގައިވާ މައުލޫމާތު އެއީ ދޮގުކަން ސާބިތުކުރެވޭނޭ ހެކިތަކާއި އެނޫނަސް ހެކިތައް ހުރެގެންނެވެ.

    ކެރަމިއްތާ އަބޫބަކުރަކީ އެ މަހާނަގަލުގައި އެވާ އަބޫބަކުރު ނާއިބުކަމުގައި ވަނީ ނަމަ ރާއްޖެއައިސް މަހާނަގައުތަކާއި ރާދަވަޅިތަކާއި ލޯމާފާނުތަކަށް ދާންދެން ބަލައި ހޯދާ ގިނަ ދިރާސާތަކެއް ކުރެއްވި އެޗްސީޕީ ބެލް ލިޔުއްވި ފަނޑިޔާރުންގެ ލިސްޓުގައި ވެސް އެކަން ބަޔާންނުކުރައްވާ އޮންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިހެންގޮސް ހުރިހާ ގޮތަކުން ވެސް އަބޫބަކުރު ފަނޑިޔާރަކީ ވާދޫ އަބޫބަކުރު ނާއިބުކަލޭގެފާނު ނޫންކަމަށް ބުރަވެވެއެވެ. ހެޔޮއެދޭފަރާތުގެ ކޮމެންޓުގަ ވާހެން އަބޫބަކުރު ފަނޑިޔާރުކަލޭގެފާނަށް އަބޫބަކުރު ނާއިބުކަލޭގެފާނޭ ކިޔުން އެއީ އެއްގޮތަކަށް ވެސް ވުން އެކަށީގެންވާކަމެއްކަމަށް ޤަބޫލެއްނުކުރެވެއެވެ. އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނަށް އައްޑޫ ނާއިބޭ ކިއިފައި އެބައޮތްތޯއެވެ؟ އިހު ދިވެހިން މިފަދަ މަތީ ފަންތީގެ ބޭފުޅުންނަށް ކުރާ އިޙްތިރާމަށް ބަލާއިރު ވެސް މިއީ އެކަށީގެންވާކަމެއް ނޫނެވެ. ބޭފުޅަކަށް މަތީ މަޤާމެއް ދެވިފައި ވަނިކޮށް ފަހުން އައި ބަޔަކު އެބޭފުޅަކުގެ ދަރަޖަ ދަށްކޮށްގެންނެއް ނުލިޔާނެކަން ޔަޤީންވެއެވެ. ދެން އާންމުކޮށް މަހާނަގައުތަކުގައި ވަނަވަރު ލިޔާއިރު ރަސްކަލުންނާއި ފަނޑިޔާރުން ފަދަ މަތީފަންތީގެ ބޭފުޅެއްގެ ދަރިކޮޅު މީހެއް ކަމަށް ވަންޏާ އެބޭފުޅަކުގެ ބައްޕައިންގެ ތެރޭގައި އެ ފެންވަރުގެ މީހަކު ނެތްކަމަށް ވަންޏާ ވަނަވަރު ފަށާފައި ހުންނަނީ އެ ބޭފުޅަކާ ހަމައިން ކަން ފާހަގަކޮށްލެވެއެވެ. މިސާލެއްގެ ގޮތުން މާލޭ ހުކުރު މިސްކިތު ފޮތުގައިވާ އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅު މީހުންގެ ވަނަވަރާއި އެހެނިހެން ފަނޑިޔާރުން ފަދަ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ދަރިކޮޅު މީހުންގެ މަހާނަގައުތައް ބެއްލެވުން އެދެމެވެ. ފަށާފައިވާކަމަށް ފެންނާނީ ބޮޑު ފަނޑިޔާރާ ހަމައިންނެވެ. އެއީ ބޮޑު ފަނޑިޔާރުގެ ދަރިކަލެއް ނުވަތަ ކާފަ ދަރިކަލެއްކަމަށް ވިޔަސްވެހެވެ. މިއީ ވެސް އެ ބޭފުޅުންނަށް އިޙްތިރާމްކުރެއްވުމުގެ ގޮތުން ދިވެހިން ކަންކުރި ގޮތެވެ. ކޮންމެބަޔަކު ވެސް އެބައެއްގެ މަތިކޮޅު މަހާނަގަލުގައި ލިޔާއިރު ބަލަނީ މަތިކޮޅުން އެނގެން އޮތް އެންމެ މަތީ ދަރަޖައެއްގެ މީހަކާ ހަމައިން ފެށޭތޯއެވެ. އެގޮތުން ކުރަމަތީ އަބޫބަކުރު ފަނޑިޔާރުގެ ދަރިކޮޅު ކަމަށްވަންޏާ ފެށިފައިވަނީ ވެސް އޭނާއާ ހަމައިންކަން ހެޔޮއެދޭ ފަރާތުގެ ކޮމެންޓުގައި ބަޔާންކުރި މަހާނަގަލުގެ ލިޔުންކޮޅުން ވެސް އެނގިގެންދެއެވެ. އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރު ނޫންކަން އެނގިގެންދަނީ މިދެންނެވި ކަންކަން މިހެން ހުރީމައެވެ. އެ އަބޫބަކުރު ނާއިބުގެ މަތިފުށް ފަށާފައި ވަނީ ވެސް އޭނާގެ މާމަ ކާފައިންގެ ތެރެއިން އެންމެ މަތީ ދަރަޖައެއްގައި ހުރި ދެއްވަދޫ ރަސްގެފާނުގެ ބޮޑު ދައިތަ މާތޮޑާ ދޮންމަރުނުކަތީބުގެ ދޮންދަލޭކައާ ހަމައިންނެވެ. އަދިއެހެންނޫނަސް އެ އަބޫބަކުރު ދުނިޔޭގައި އުޅުން އެކަށީގެންވަނީ ފަނޑިޔާރުކަލޭގެފާނަށް ފަހުގައިކަން ފެންނަންހުރި ހެކިތަކުން އެނގެއެވެ. ނިންމާލުމުގެ ކުރިން އެހެންކަމެއް ވެސް ނޯޓުކުރެއްވުން އެދެމެވެ. ދިވެހިން ނަމުގެ ކުރިއަށް ލައިއުޅޭ ދޮންއަކީ ވާރުތަވާ އެއްޗެއްކަން "ދޮން" ކުރިއަށް ލައިފައިހުރި ހުރި ހުރިހާ އާއިލާތަކަކުން ހެން ސާބިތުވެއެވެ. އެގޮތުން މި ތަނުގައި މިވާ ދޮން ދަލޭކައަކީ ދޮން މަރުނުކަތީބުގެ ދަރިއެވެ.

    (0)(0)
  12. ދެއްވަދޫ މީހާ

    ތަފާތުނަންނަމުގައި ކޮންމެސްއެކަކު ނަންނަމުގާ ހިލްމީއަށް ތިދަންނަވަނީ ބޭކާރުވާހަކައެވެ. ހިލްމީގަބޫލުކުރަންޏާ ކުރައްވާށެވެ. އެކަކުތިކުރާ މަސައްކަތަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަޑުއެއްބަފާ މީހަކުނެތްކަންދެއްކުމަށް ބަހަނާއެވެ. ނާއިބޭ ވާދުވޭވިދާޅުވެ ހުސްބަހަނާއެވެ. ތިކަންނުވާނެއެވެ. ތިބުނާ ލުތުފީ މިރަށަށްވަޑައިގަނެ މިހުރީ ދެއްވަދޫރަސްގެފާނާ އެއްބަޑުއެއްބަފާ އަންހެނެއްގެ މަހާނަގާކަމަށް ދެއްކިދުވަހު އެތާތިބީ މިމީހުނެވެ. އަޅުގަޑުމެންގެއާއިލާ އެގިވަޑައިގަންނަވާނީ ލުތުފީއަށްނޫނެވެ. އެހެންމީހަކަށްނޫނެވެ. ތިބޭފުޅާއަށްނޫނެވެ. ތަފާތުނަންނަމުގައި ލިޔާ ތިފަރާތަކަށްވެސްނޫނެވެ. އަޅުގަޑުމެނަށެވެ. ދޮންދަލޭކާކަބުލޭގެފާނު ދޫކޮށްލައި ތިބޭފުޅާ ތިބޭފުޅާގެތިމާގެ މީހުންނާއިއުޅުއްވާށެވެ!

    (0)(0)
  13. ޒާހިރު

    މައިގަނޑުލިޔުމަށްވުރެ ކޮމެންޓްކުރައްވާ ހަމަ އެންމެބޭފުޅެއްގެ ތަފާތު ނަންނަމުގެ ކޮމެންޓްތައް ދިގުވެގެންގޮސް މިލިޔުން މިސައިޓުގެ ޓޮޕަށްއުފުލި ބޮޑުސިންގާ ކްރޭނެއްގެ ދަތްގަނޑު އަޅުވައިގެންނޫނީ ދެން ޓޮޕުން ނުބޭލޭވަރު މިކުރަނީ މިއީ ކޮންކަމެއްތޯއެވެ. ހާދަ ވަރުގަދަކަމެކެވެ. މިވަނީކީއްތޯ ބަލައިލިއިރު މިކަމެއްގެ އަޞްލު ގުޅެނީ ހަމަ އެންމެ ބޭފުޅަކާއެވެ. ދޮންދަލޭކަ ކަނބުލޭގެފާނާއެވެ. ތަފާތުނަންނަމުގައި އެކެއްގެ ކޮމެންޓުން އެކިވާހަކަ ދެއްކެވިނަމަވެސް މިކަމެއް މިގުޅެނީ އެބޭފުޅަކާއެވެ. ހުވަދުއަތޮޅުގެ ގިނަ ތާރީޚުތަކެއް ލިޔުއްވި ޙަސަން ޙިލްމީގެ ލިޔުއްވުމުން އެނގެނީ އެނަންކިޔާ 3 ބޭފުޅުން ހުވަދުއަތޮޅުގައި އުޅުއްވިކަމެވެ. ތަފާތު ނަންނަމުގައި އުޅުއްވާ ބޭފުޅާ ވިދާޅުވަނީ ޙަސަން ޙިލްމީ މާޅައެވެ. އެކަން އެނގިވަޑައިނުގަންނަވާނެއެވެ. އެނގިވަޑައިގަންނަވާނީ ލުޠުފީއަށެވެ. ދޮށީ ބޭފުޅަކީ އެއީއެވެ. މިލިޔުންލިޔުއްވި ޙިލްމީ ވިދާޅުވަނީ ޙަސަން ޙިލްމީ ދުނިޔެއަށް އުފަންވީކަމަށް އޭނާ ލިޔުއްވާފައިވަނީ ދޮންދަލޭކަ ކަނބުލޭގެފާނުގެ ޢާއިލާއިންނެވެ. ތަފާތު ނަންނަމުގެ ބޭފުޅާ ވިދާޅުވަނީ ޙަސަން ޙިލްމީ މާޅައެވެ. އެކަން އެނގިވަޑައިނުގަންނަވާނެއެވެ.
    ތަފާތު ނަންނަމުގައި އުޅުއްވާ މިބޭފުޅަކު ހުއްޓުމެއްނެތި މިކަމެއް މިހިސާބަށް ގެންދެވީމާ ޙިލްމީ އެވަނީ އެފަދަ ބޭފުޅުން ވިދާޅުވާނޭ ރީތިގޮތަށް އަޑުއަހަން ފަސޭހަކޮށް މިކަމުގެ ފަހުބަސް ވިދާޅުވެފައެވެ. މިވަރުން މިކަން ނިންމަންވެއްޖެއެވެ. ޙިލްމީ ވިދާޅުވަނީ [ގެންނަންޖެހޭ އިޞްލާޙެއް "އޮތްނަމަ" އެކަމެއް ކުރާނަމެވެ. ޙަސަން ޙިލްމީއަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑުއެއްބައްޕަ ދޮން ދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދޮން ދަލޭކަ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނުގެ އިބްރާހީމްދީދީގެ ކަތްދައިދީގެ އިސްމާޢީލްދީދީގެ މުޙައްމަދުދީދީގެ ދޮންދީދީގެ ދަރިއެއްކަމަށް ސީދާ އޭނާ ލިޔުއްވައިފައިވެއެވެ.] އެ ނިމުނީއެވެ.

    (0)(0)
  14. މޫސާ ޢަލީ

    ޒާހިރުގެ ސަމާލުކަމަށްޓަކައި އަދި އެހެނިހެން ބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ ކޮމެންޓު ފޮނުވިއިރު ޢަބްދުﷲ ޙިލްމީގެ ފަހު ކޮމެންޓު އަދި ވެބްސައިޓުގައި ޝާއިއުނުކުރެވެއެވެ. ދެން ޒާހިރުގެ ކޮމެންޓުން އަޅުގަނޑުގެ ކޮމެންޓާމެދު ޙަޤީޤަތާ ޚިލާފު ތަސައްވުރެއް ދައްކުވައިފާނެތީ ދަންނަވަމެވެ. އޮޅުވައިނުލައްވާށެވެ. އަޅުގަނޑުގެ ކޮމެންޓުގައި ވަނީ ދޮންދަލޭކަ ކަނބުލޭގެފާނުގެ ވާހަކައެއް ނޫނެވެ. އަބޫބަކުރު ނާއިބުގެ ވާހަކައެވެ. ޙިލްމީގެ ތާރީޚީ އޮޅުންބޮޅުން ލިޔުމުގައި އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރުކަލޭގެފާނު ކަމަށް ލިޔެވިފައިވާތީ އެއީ ރަނގަޅު ގޮތް ނޫންކަން ސާފުކޮށްދިނުމުގެ ވާހަކައެވެ. ދެން އަޅުގަނޑު އެންމެ ފަހަރަކު ވެސް ދެން ތިބި ދެ ދޮންދަލޭކައިން އެއީ ނެތްބަޔެކޭ ނުވަތަ ތިން ދޮންދަލޭކައިންނަކީ އެކަކޭ ވެސް ނުބުނަމެވެ. ޒާހިރުގެ ކޮމެންޓުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެންނާތީ މި ކޮމެންޓުގައި އިތުރަށް ސާފުކޮށްދޭން މަޖުބޫރުވެއްޖެއެވެ. ކޮމެންޓު ފޮނުވާތީ ބޭފުޅުންތަކެއް ކިތަންމެ ކޯފާ އިސްކުރެއްވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް ކޮމެންޓު ފޮނުވުމުގައި ދެމިހުންނާނެ ވާހަކަ ދަންނަވަމެވެ.

    އެންމެ ފުރަތަމަވެސް ލިޔުންތެރިއެއްގެ ގޮތުން ޙިލްމީ ގެންގުޅުއްވާ ފުރިހަމަ އުސޫލަށް އަޅުގަނޑު ތައުރީފުކުރަމެވެ. ބައެއް ބޭފުޅުންގެ ކިބައިގައި އަޑުއެހުމުގެ ކެތްތެރިކަން ނެތަސް އަދި ކަންކަމާމެދު ނުބައިކޮށް ވިސްނުމާއި ޝައްކުބަލީގެ ސިފަ އެ ބޭފުޅުންގެ ކިބައިގައި ހުއްޓަސް ޙިލްމީއަކީ އެފަދަ ބޭފުޅެއް ނޫނެވެ. އަޅުގަނޑުގެ ކޮމެންޓުގައި އެއްވެސް ހާލެއްގައި ޙަސަން ޙިލްމީ އަށް ނޭނގޭނެޔޭ އަދި އެނގޭނީ ލުޠުފީއަށެކޭ ނުބުނަމެވެ. އަދި އެވެނި ބޭފުޅަކު ދޮށްޓޭ މިވެނި ބޭފުޅަކު ޅައެކޭ ވެސް ނުބުނަމެވެ. އަޅުގަނޑު ދެންނެވީ ކޮންމެ ބޭފުޅަކަށްވިޔަސް ލިޔެވިފައިނުވާ ނަސަބާ ބެހޭ މައުލޫމާތު 200 އަހަރު ފަހުން އަލަށް ލިޔާއިރު ޒަމާނާއެކު ފޮނިތޮށި ކާފޫރުތޮޅި އެކުވެ ސާފުނުވާ ގިނަކަންތައްތަކެއް ހުންނަ ހިސާބަށް ގޮސްފައި ހުރުމުން ހަމައެކަނި މީހުން ކައިރީ އަހައިގެން ކަމުގެ ސާފު ޙަޤީޤަތް ހޯދައިގަނެވުން ނާދިރު ވާހަކައެވެ.

    އަދި މި ދެންނެވި އުސޫލުން ބަލާއިރު ތާރީޚީ އޮޅުން ބޮޅުން ލިޔުމުގައި ޢަބްދުﷲ ޙިލްމީ މާލޭ ހުކުރު މިސްކިތް ފޮތުގެ 172 ވަނަ ޞަފްހާގައި އެވާ އަބޫބަކުރު ނާއިބަކީ އަބޫބަކުރު ފަނޑިޔާރުކަލޭގެފާނު ކަމަށާއި އަދި ހަމަ އެ ސަފުހާގައިވާ ދޮންދަލޭކަ ކަނބުލޭގެފާނަކީ ދެއްވަދޫ ރަސްގެފާނާ އެއްބަނޑުއެއްބަފާ ދޮންދަލޭކަ ކަމަށް ލިޔުއްވާފައި އެވާ ލިޔުއްވުމަކީ ކޮންމެ ބޭފުޅަކާ ހަވާލާދެވިފައި ހުއްޓަސް، ތާރީޚީ ލިޔުންތަކަކުން ކަމުގެ ޞައްޙަގޮތް ސާފުވާން ހުރީތީ ރަނގަޅު މައުލޫމާތެއް ނޫންކަމުގައެވެ. އަޅުގަނޑު މިކަމާ ގުޅޭގޮތުން ލުޠުފީ ލިޔުއްވާފައި ވަނީ ރަނގަޅަށޭ ބުނީ ލިޔެވިފައިވާ ތާރީޚީ ލިޔުންތައް ދިރާސާކުރުމަށްފަހު ލުޠުފީ މިކަމާ ބެހޭގޮތުން ލިޔުއްވާފައި ވާތީއެވެ. އެއީ ދެން ތިބި ބޭފުޅުން ދަށް ކޮށްލަނީއެއް ނޫނެވެ. އަދި ދެން ތިބި ދެ ދޮންދަލޭކައިންގެ ވާހަކަ ދޮގުކުރަނީކީ ވެސް ނޫނެވެ. ތާރީޚީ މަޢުލޫމާތުތައް ސާބިތުކުރުމުގައި ނަޤުލުވާ އެއްޗަކަށްވުރެ ސާބިތުވާ ހެކިތަކަށް ބަލަންޖެހޭކަން ހާމަކޮށްދިނީއެވެ.

    ކޮންމެގޮތެއްވިޔަސް ޙިލްމީގެ "ތާރީޚީ އޮޅުންބޮޅުން (2)" ލިޔުމުގައި ޖެހިފައިވާ ކުށުން ޤަބޫލުކުރެވޭ ގޮތުގައި ޙަސަން ޙިލްމީގެ އެއްވެސް ލިޔުއްވުމެއްގައި ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތަ ދޮންދަލޭކަ ކަނބުލޭގެފާނާ ބެހޭގޮތުން ލިޔެވިފައެއް ނެތެވެ. އެހެންނޫންނަމަ ޢަބްދުﷲ ޙިލްމީއަށް އެކަން އެނގިވަޑައިގެންފައި އޮންނާނެއެވެ. އަދި ކުރިން މި ދެންނެވި ކުށް ނުޖެހުނީސް ކަމަށް ޤަބޫލުކުރަމެވެ. ނޫނީ ފަހަރެއްގައި ޙިލްމީއަށް ކުރިން މިތަންކޮޅާމެދު މާބޮޑަށް ވިސްނިވަޑައިގެންފައި ނެތީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ލުޠުފީގެ ލިޔުމަކުން އަދި މަހާނަގަލުގެ ލިޔުންފަދަ ތާރީޚީ ލިޔުންތަކުން މި މައުލޫމާތު އެނގެން އެބައޮތެވެ. އެހެންކަމުން ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތައަކަށް ދޮންދަލޭކަ ކަނބުލޭގެފާނު ކިޔާ ބޭކަނބަލަކު ހުންނެވިކަން އެނގިގެންދާ މިހައިތަނަށް ފޮރުވިފައިވާ މި މުހިންމު މަޢުލޫމާތު ސަމާލުކަމަށް މި ގެނެވުނީ ވެސް ކޮމެންޓުކުރުމުގެ ސަބަބުން ނޫންތޯއެވެ؟ މިހައިތަނަށް ޢަބްދުﷲ ޙިލްމީ މި ވެބްސައިޓަށް ލިޔުއްވާފައިވާ ލިޔުންތަކުން އެނގެނީ ހަމައެކަނި ދެއްވަދޫ ރަސްގެފާނާ އެއްބަނޑު އެއްބަފާ ދޮންދަލޭކަ އާއި އޭނާގެ މާމަދަރި ދޮންދަލޭކަގެ ވާހަކައެވެ.

    ނިންމާލަމުން ދަންނަވާލަން އޮތީ ކޮންމެ ލިޔުމެއްގައި ވެސް ޚިޔާލު ފޯމެއް ހުންނަނީ ބޭނުމަކު ކަމުގައެވެ. ޙިލްމީ ވިދާޅުވާހެން ލިޔުންތެރިންގެ ޙަޤީޤީ ގުޅުމަކީ ވެސް މި ޚިޔާލުފޯމުތަކުން ކުރެވޭ ބިނާކުރުވަނިވި ކޮމެންޓުތަކުން އުފެދޭ ޒާތުގެ ގުޅުމެވެ. ކޮމެންޓު ކުރާ އެންމެންނަކީ މި ލިޔެވޭ މައުޟޫއުތަކާ މެދު ޝައުގުވެރިކަން ހުއްޓަސް ލިޔެ އުޅޭ ލިޔުންތެރިންނެއް ނޫނެވެ. އަދި ލިޔަން ބޭނުންވާ ބައެއް ވެސް ނޫނެވެ. އެހެންކަމުން އަޅުގަނޑަށް ފާހަގަކުރެވުނު އެއްޗެއް ކޮމެންޓެއްގެ ސިފައިގައި އަޅުގަނޑު މިދެންނެވިހެން ކުރިއަށް އޮތް ތަނުގައިވެސް ކޮމެންޓުކުރާނެ ވާހަކަ ދަންނަވަމެވެ. ކޯފާ އިސްވާ ބޭފުޅުންނަކީ ވިސްނުން ބަދަލުކުރައްވަން ޖެހޭ ބޭފުޅުންނެވެ. ތަންކޮޅެއް ތަހުޒީބު ބަޔަކަށް ވަމާތޯއެވެ. އެހެން މީހުންގެ ވާހަކަ އާއި ޚިޔާލުތަކަށް އިޙްތިރާމްކުރަމާތޯއެވެ. އެހެންމީހުންނާމެދު ނުބައިކޮށް ވިސްނުމާއި ޝައްކު ބައްޔާއި ޙަޤީޤަތް އޮޅުވާލައިގެން އެހެން މީހުން ނުބައިކަން ދައްކަން އުޅުމާއި މިފަދަ ކަންކަމުން އެއްކިބާވަމާތޯއެވެ.

    (0)(0)
  15. ޖައުފަރު

    "މޫސާ ޢަލީ"މެންގެ މަސައްކަތަށް ސާބަސް ރައްދުކުރަމެވެ. މިހާރު "ތާރީޚީ އޮޅުންބޮޅުން (2)" ލިޔުން ވަނީ އިޞްލާޙުކުރެވިފައެވެ. ކޮންމެއަކަސް މި ގޮތަށް ކުރެވޭ ކޮމެންޓުތަކާމެދު ކޯފާވުމުގެ ފުރުސަތު އެއްވެސް ބޭފުޅަކަށް ނެތެވެ. ހުރިހާ ކަމެއް ދަންނަ އެކަކު ނުހުންނާނެއެވެ. އެބޭފުޅަކަށް ލިބި ހުރި މަޢުލޫމާތެއް ކޮމެންޓުގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ލިޔުއްވަންވީއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތެވެ. އަދި މިހާރުގެ ސިޔާސީ ކަންތައްތަކަށް ޖަދަލުކުރުމުގައި ވަގުތު ބޭކާރުކުރުމަށްވުރެ މިފަދަ ޢިލްމީ މަޢުޟޫއުތަކުގައި ޚިޔާލުތައް ބަދަލުކުރުން މާ ރަނގަޅެވެ. ފައިދާކުރުވަނިވި ތަހުޒީބީ ހަމަތަކުގެ މަތިން އިލްމު ހޯދާ އިލްމީ މައުޟޫއުތަކުގައި ޚިޔާލު ބަދަލުކުރަންވީއެވެ.

    (0)(0)
  16. ޢ. ޙިލްމީ

    އަޅުގަނޑު ލިޔާ ލިޔުންތަކާ އެލިޔުންތަކަށް ކޮމެންޓްކުރައްވާ ބޭފުޅުންނާ ދެމެދަށް އެހެންބޭފުޅުން ނުވެންނެވުން ކީއްތޯއެވެ. އަޅުގަނޑު ލިޔާ ލިޔުންތަކަށް ކޮމެންޓްކުރައްވާ ބޭފުޅުންނަކީ ޙަޤީޤަތަށްލޯބިކުރައްވާ އަދި އަޅުގަނޑަށް ވެސް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ކޮމެންޓްތަކުގެ ސަބަބުން އެލިޔުމުގައިހުންނަ "ތާރީޚީ އޮޅުން ބޮޅުން" ތައް ފިލައި ސީދާ ރާސްތާ އަލިވެގެންދެއެވެ. ކޮމެންޓަކީ ބިނާކުރަނިވި ފާޑު ވިދާޅުވުމާއި މަޢުލޫމާތުގެ ކުށްތައް ރަނގަޅުކުރުމަށް އޮތް ރަނގަޅު މަގެއްކަމަށް އަޅުގަނޑުމެން އެންމެން ޤަބޫލުކުރަމާތޯއެވެ.

    ކޮމެންޓާއި ރުހިވަޑައިނުގަންނަވާ ބޭފުޅުން އިލެކްޓްރޯނިކް މީޑިއާ އާއި އެކަހެރިން ޕްރިންޓް މީޑިއާއަށް އިސްކަމެއްދެއްވުމުން އެބޭފުޅެއްގެލިޔުއްވުމަކަށް އެއްވެސްބޭފުޅަކު ކޮމެންޓެއް ނުކުރައްވާނެ ނޫންތޯއެވެ.

    (0)(0)
  17. ހެޔޮއެދޭފަރާތެއް

    ލިޔުންތެރިންގެގުޅުމާއި ހިލްމީއަށް! ފަގީރުންނަށް އެހީތެރިވެދެއްވުމުގައި ފާމުދޭރިކިލެގެފާނާއި އެންމެއެއްގޮތްސިފަ ލިބިވަޑައިގަތް އެކިލެގެފާނުގެ ޢާއިލާގެބޭފުޅުންގެތެރޭގައި ކިލެގެފާނުގެ ދޮށީދީދީގެ ދޮންދީދީ ހިމެނޭކަމުގެއަޑު އޮވެއެވެ. އަދި އޭނާ އިންނެވި ރަށަކަށް މުހުތާދު އޮތް ފަގީރުން ގޮސް އެމުހުތާދު ފުއްދާ ޚަބަރު އަހަމެވެ. އެހެންވުމުން މިފަދަ ޚުލްގު ހެޔޮ ބޭފުޅެއްގެ ތަޢާރަފުގައި މި ލިއުމުގައި ގެންނެވި ބައިބައި ފުދޭކަމާމެދު ހިތްހަމަޖެހުން ކުޑަކަމަށް ދަންނަވަން ޖެހެއެވެ. ދޮށީދީދީގެ ދޮންދީދީގެ ގިނަ ވާހަކަތަކެއް ކުރީގެ ބޭބޭފުޅުން ވެސް ދައްކަވާފައިވުމުން މި ފަދަ އެހެންލިއުމެއްގައިނަމަވެސް މި ކަމަށް ބައްލަވައިލެއްވުން އެދޭ ވާހަކަ ދެންނެވީމެވެ.

    (0)(0)