މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު)

ޢަބުދުﷲ ޙިލްމީ
ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުއަކީ މުސްލިމެއްގެކިބައިގައި ހުންނަންޖެހޭ "ގޮތާއި ފޮތާއި" ދުނިޔެވީ މުހުތާދަށްޓަކައި ބޮލާލައި ޖައްސަވައި ދޫކޮށްލެއްވި ބޭފުޅެއްނޫނެވެ. އޭނާއަކީ ހަރުދަނާ ދީނީ ބިންގަލެއްގެ މަތީ ފުރިހަމައަށް ސާބިޘުވެހުންނެވި ޢަޒުމް ވަރުގަދަބޭފުޅެކެވެ. ޙައްޤުގެމަގުގައި އޭނާގެ ބަސްފުޅާއި އޭނާގެ ގޮތަކީ އިރުވައިގެ ވަހުތާނެއްހެން އެކި އިރު އެކި ދިމާލަށް އެނބުރެމުން ބަދަލުވަމުން ދިޔަ އެއްޗެއްނޫނެވެ.

 އަދި އޭނާއަކީ އެނގިވަޑައިގެންފައިވާ ހެޔޮ ރަނގަޅުއެއްޗެއް އެހެންމީހަކަށް އުނގަންނައި ދެއްވުމެއް ނެތި އެ އެއްޗެއް އޭނާއާއި އެކީގައި “ކަށްވަޅަށް” ގެންދެވި ބޭފުޅެއް ވެސް ނޫނެވެ.
ޝައިޚު މުޙައްމަދު ޖަމާލުއްދީން (1907-1844) ނާއިބު ތުއްތު އަކީ ޢިލްމުވެރިކަމާއި ޚިދުމަތުގެ ހަރުދަނާ މަޝްހޫރު ބޭފުޅަކަށްވުމުން އެމަނިކުފާނުގެ އެކަންކަން ހާމަކޮށް ލިޔުންތެރިން ގިނަ ލިޔުންތަކެއް ލިޔުއްވާފައިވެއެވެ. މިހެންމެ ވިކިޕީޑިއާގައި ވެސް އޭނާގެ ޢިލްމާއި ޚިދުމަތަށް ބަލާލެވިފައި އެބަ ވެއެވެ. އެފަދަ ލިޔުންތަކަކީ ކޮންމެހެން އެބޭފުޅެއްގެ މާބޮޑު ޢާއިލީ ވަނަވަރެއް ގެނެސްދިނުން ލާޒިމް އެއްޗަކަށްނުވާތީ އެކަން ގެނެސްދީފައި ނުވަނީކަމަށް ބެލެވެއެވެ. ނަމަވެސް އެފަދަ ޝަޚުޞިއްޔަތެއްގެ ޢާއިލީ ވަނަވަރު އެނގިވަޑައިގަތުން ބޭނުންފުޅުވާ ފަރާތްތަކެއް ވެސް މުޖުތަމަޢުގައި ތިއްބެވިކަމަށް ބައެއް ބޭފުޅުންގެ ލިޔުއްވުމާއި ކޮމެންޓްތަކުން އެނގެއެވެ. ޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތުއަކީ ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދު ތައްޚާނު (މުޙައްމަދު ތަކުރުފާނު)ގެ ޢީސާ ތައްޚާނު (ޢީސާ ނާއިބު ތަކުރުފާނު) މާލޭ ފުއްލާގޭ މަރިޔަމްފުޅާ ކާވެނިކުރައްވައިގެން ލިބިވަޑައިގަތް ދަރިކަލުންނެވެ. 
ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އަކީ ޝައިޚުލް ފަޤީހު މުޙައްމަދު ޖަމާލުއްދީން، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ދަރިވަރުވި ޤާރީވެރިކަމާއި ފިގުހުގެ ރޮނގުން އަރައިހުންނެވި ބޭފުޅެއްކަމަށްވާ ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޢަލިތައްޚާނުގެ އެޅަތޮށިގޭ މުޙައްމަދު ތައްޚާނު(ރ)ގެ އެޅަތޮށިގޭ ޢީސާ ތައްޚާނު (ޢީސާ ނާއިބު ތަކުރުފާނު)ގެ ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އެވެ. 
(ފުވައްމުލަކު “ފާނަންމަގު” ޢަލީ މުޞްޠަފާއަކީ ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޙުސައިން ތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ނ)ގެ ދަރިކަލުން މައިގޭ އަޙުމަދު ތައްޚާނުގެ ޢަލިދީދީގެ މަރިޔަމްދީދީގެ ފާނަންމަގު ޢަލީ މުޞްޠަފާ އެވެ.) ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އާއި ޢަލީ މުޞްޠަފާގެ ޢާއިލީ ވަނަވަރަށް ރަނގަޅަށް ބައްލަވައިލެއްވުމުން “މުޙައްމަދު ތައްޚާނު” ކިޔާ ބޭފުޅުންނާ މެދު އޮޅުމެއް ނާރާނެކަމަށް ފެނެއެވެ.ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ޢާއިލާއަކީ ދީނީ އަދި ޤައުމީޚިދުމަތުގައި ވެސް ފާހަގަކުރެވޭ ޢާއިލާއެކެވެ. ޕީ.އެޗް.ޑީ، މާސްޓަރޒް، ޑިގްރީ ހޯލްޑަރުންނާއި ތަފާތު ގިންތީތަކުގެ ޢިލްމީ ބޭފުޅުން މިހާރުވެސް އެބަ ތިއްބެވިއެވެ. ކަމަށް އެކަށީގެންވާ ކޮންމެވެސް ބޭފުޅެއްގެ ޤަލަމުން މިފަދަ ބޭފުޅުންގެ ޚިދުމަތަށް ބައްލަވައިލެއްވުމަކީ ޤައުމީ އަދި ވަޠަނީ ޚިދުމަތަކަށްވާނެ އެވެ.
ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުގެ ޢިލްމުވެރިކަމާއި ޙަޔާތުގެ ބައެއް ކަންކަމަށް ވިޔަސް ބަލައިލައި މިހާރުގެ މީހަކު އެއްޗެއް ބުނުމަށްވުރެ އެކަމަށް އެންމެ އެކަށީގެންވާނީ ނައިބު ތުއްތުގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވި އެދުވަސްވަރުގެ ބޭފުޅަކު އެއްޗެއް ވިދާޅުވުންކަމަށް ވުމަކީ އިތުބާރުހުރި ގޮތެއްގައި ކަމުގެ ޙަޤީޤަތަށް ވާޞިލްވުންކަމަށް އަޅުގަނޑުދެކޭތީވެ ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނައިބު ތުއްތުގެ ދަރިވަރުންގެ ތެރެއިން ކުޅަދާނަ އަދީބު އަދި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ބައިތަކެއް މިލިޔުމުގެ ތިރީގައި ހިމަނާލީމެވެ. އެ މަނިކުފާނުގެ އަމިއްލަފުޅު ޢިބާރާތުންނެވެ. މީގެ އިތުރަށް ޝައިޚު ނައިބު ތުއްތުގެ މަޢުލޫމާތު ހޯއްދެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިކިޕީޑިއާ އާއި އެމަނިކުފާނާއި ބެހޭ އެހެނިހެން ލިޔުންތަކުން ވެސް ގިނަ މަޢުލޫމާތްތަކެއް ލިބިވަޑައިގަންނަވާނެއެވެ.   ޝައިޚު ޙުސައިން ޞަލާޙުއްދީން މިލިޔުއްވުން http://www.fanvai.info/dhivehi/34-thaareekh/2112-husan.html މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. 
“ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީގެ އެދުރުބެއިކަލަކީ އައްޑޫމީދޫ އައިސާބީގެދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީހް އިބްރާހީމް ތަކުރުފާނު އަޚުލް ޤާޟީ މޫސާ ބަދްރުއްދީނެވެ. އައިސާބީގެދަރު ދޮންބެއްޔާއަކީ މި އިބްރާހީމް ތަކުރުފާނެވެ. މި ތަކުރުފާނަކީ ޤުރުއާން ހިތުދަސް ދަންނަބެއިކަލެކެވެ. ފިޤްހު ނަޙްވު ރަނގަޅަށް އޮޅުން ފިލައިގެން ހުންނެވި ބެއިކަލެކެވެ. ޔޫނާނީ ބޭސް ދެނެލައްވާ ޙަކީމެކެވެ. ތިލޭރު އަތްކަމާއި، ކަނބުރުވެރިކަމާއި، ފޭރާން ކުޅައުމާއި، މިކަންކަމަށް ކުޅަދާން މަސައްކަތްތެރިއެކެވެ. ދެބާވަތުގެ ވަޑާމަށް ކުޅަދާނަ މާވަޑިއެކެވެ. އާދަވެގެން މަހަށް ދުރުވާ ކެޔޮޅެކެވެ.”
“ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތުމަށް ފަހަކު މާލޭގެ ފަތްކޮޅަކަށް ނޫނީ މި ތަކުރުފާނުން މާލެޔަކަށް ނުދުރުވެއެވެ. އެ ރަދުން ފަސްދާނަށް ވަޑައިގަތީ 1299  މި ވަނަ އަހަރު ޞަފަރުމަހު 25 ދުވަހުގައެވެ. މީގެ ފަހުގައި މި ތަކުރުފާނުން މާލެ ދުރުވީ ހަތަރުފަހަރު އެވެ. މީގެ ތެރެއިން ޙާޖީ އިމާދުއްދީން ރަދުންގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށް ދުރުވިއިރު މި ތަކުރުފާނާ އެކުގައި މާލޭ ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުއަށް ދިޔައެވެ. އެއީ 1311 މި ވަނަ އަހަރުއެވެ. މި ދަތުރު އެތަކުރުފާނުން ރަށަށް ދުރުވެފައި، މި ޙުސައިންދީދީ އަށާއި، މީދޫ އެދުރުގޭ އަޙްމަދު ދީދީ އަށާއި، މި ތަކުރުފާނުންގެ ފުތް އަޙްމަދު ދީދީ އަށާ ކިޔަވައިދެއްވާން ފަށްޓަވައިފިއެވެ. މި އިރު މި ތިން މީހުންގެމެ އުމުރުން 13 އަހަރުވެގެން 14 އަހަރަށް އަޅައިގަތީއެވެ.” 
“މިގޮތްމަތީގައި މި ދެ އަޙްމަދު ދީދީއަށާއި، ޙުސައިންދީދީއަށް  އަހަރާއި ހަތަރުމަސްވާންދެން ކިޔަވައިދެއްވާން އުޅުއްވައިފައި، ޙުސައިންދީދީ މާލެ ފޮނުއްވައިފިއެވެ. ފޮނުއްވަމުން އެދުރުގޭ އަޙްމަދުދީދީ އާއި ހުސައިންދީދީއާ ދެމީހުންނަށް ބުނުއްވިޔޭ، ދެން ތިޔައިގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިއުމުން ކިޔެވިދާނެޔޭ، ކިޔަވައި ނުދެއްވަޔެއް ފަރަކު ވެސް ނުޖެހޭނެމެޔޭ، ދެން ޙުސައިންދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙްމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣޫލުވެ ތިއްބެވީ އެވެ.”
“މި ދުވަސްވަރުގައިމެ މަޖްދުއްދީނު ފަނޑިޔާރު ތަކުރުފާނުގެ އަޙްމަދު މަނިކު ވެސް ތުއްތޫގެ އަރިހުން ފިޤްހު ކިޔަވާން ހުންނެވިއެވެ. މި މަނިކު ކިޔަވަނީ “ޙާޝިޔަތުލް ބާޖޫރީ ޢަލާ ފަތްޙިލް ޤަރީބި” މި ފޮތެވެ. ކުޑަ ޙަސަން ތަކުރުފާނުންގެ ދެ ބޭފުޅުން ވެސް ކިޔަވައެވެ. ބޮޑުފެންވަޅުގޭ ނާއިބު މަނިކުފާނުން ފަރާއިޟު ކިޔަވައި ވިދާޅުވެއެވެ. ކިޔަވާ ފޮތަކީ “شرح الشنشوري على الرحبية” މިފޮތެވެ. މާންދޫގޭ ދޮށީ މަނިއްޕުޅު ވެސް ފިޤްހުގެ “ފަތާވާ ޚަލީލީ” ކިޔަވާ ވިދާޅުވެއެވެ. މި މަނިއްޕުޅަށް ވެސް ޢަރަބިކަލާމް ދަސްފުޅުކޮށް އެރުވީ ދޮންބެއްޔާއެވެ. މި މަސައްކަތް ކުރެއްވީ ޙުސައިންދީދީ ގެންދެވި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައެވެ.”
“ދެން ތުއްތޫގެ އަރިހުން ކިޔަވާން މިބައިމީހުން އުޅެއުޅެ ތިއްބައި ތުއްތޫއަށް ފަނޑިޔާރުކަމަށް ކޮލިލައި، އަނެއްކާ އެކަން ނެގި، އައްޑޫ އެޅަގޭ ޢަލީދީޔާއި ޙަވާލުވެ، ޙާޖީ މުޙައްމަދު ޢިމާދުއްދީނު ރަދުން ޙައްޖަށް ވަޑައިގަތުމަށް ފުރައިވަޑައިގަތްތާ އަށްވަނައަށްވީ ރެއި، ތުއްތޫ ނައިފަރަށް ދުރުވާން ފުރުއްވަވައި، އެ ފަހުން ހަޔެއްކަ މަސް ދުވަހުން މާލެ ދުރުވެ ކިޔަވައިދެއްވައި މި ގޮތްތައް ހިނގިއެވެ. ޢިމާދުއްދީނު ޙައްޖަށް ވަޑައިގަންނަވާން ފުރައިވަޑައިގަތް ދުވަހު ޙުސައިންދީދީއާ ބަންޑާރަ ނާއިބުކަމާ މަތިކުރެއްވިއެވެ. މިދުވަހަކީ 1318 މިވަނަ އަހަރުގެ ރަމަޟާންމަހު އެއްދުވަހެވެ.”
“ޢިމާދުއްދީނު މި ދަތުރުފުޅުން މާލެ ވަޑައިގަތްއިރު މި ރަދުންގެ އަރިހުގައި الشّيخ قاضي علي حُسام الدّين بن عبد القادر النسكي القاهري މި ކަލޭގެފާނުން މާލެޔަށް ދުރުވިއެވެ. މި ކަލޭގެފާނަކީ 1309 މިވަނަ އަހަރުން ފަށައިގެން، 1310 މިވަނަ އަހަރާ ދެމެދުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވި ބޭކަލެކެވެ. ޢަރަބި ޢިލްމަށް ވަރަށް ކުޅަދާނަ ޝާޢިރެކެވެ. މި ކަލޭގެފާނުން މި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައި ނާއިބުތުއްތޫ ބުނުއްވައިގެން ޙުސައިންދީދީ އާއި އަޙްމަދުދީދީއާ ދެމީހުން މި ކަލޭގެފާނުންގެ އަރިހުން ޞަރްފް ޢިލްމުގެ “ޒަންޖާނީ”އެވެ ކިޔޭ ފޮތަކާއި، ނަޙްވު ޢިލްމުގެ “ހިދާޔަތުއްނަޙްވި” ކިޔޭ ފޮތަކާ، ދެފޮތް އެކުއެކުގައި ކިޔެވޫއެވެ.”
“ކުޑަ ޙަސަން ތަކުރުފާނުންގެ ދެބޭން ވެސް ކިޔެވިއެވެ. ދެންފަހެ، ޙާޖީ ޢިމާދުއްދީނު ސުވޭހަށް ވަޑައިގެން، މިހާރު މިހުންނެވި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު އިބްނު އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު މި ރަދުން އިސްވެވަޑައިގެން ނާއިބުތުއްތޫ މާއެނބޫދޫއަށް އަރުވައިލެވި، އެޅަގޭ ޢަލީދީދީ އަވަހާރަވެ، އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު މި މަނިކުފާނާ ތިންވަނަ ފަހަރަށް ފަނޑިޔާރުކަމާ ޙަވާލުވެ މިކަންކަން ހިނގުމަށް ފަހު، އެދުރުގޭ އަޙްމަދުދީދީ ރަށަށް ވަޑައިގެން، ރަށުގައި ވަޒަންވެރިވެގެން ހުންނަވައިފި އެވެ.” 
“މި ކަންކަން ހިނގިއިރު ދަރަވަންދޫގޭ ޙުސައިންދީދީ ހުރީ އޮޅުދޫކަރައިގެ ކޮޅުނބުގައެވެ. ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނުންގެ ދޮންމަނިކު ހުންނެވީ ކިޔަވާން ދުރުވެ މައްކާގައެވެ. އެޅަގޭ ޢަލީދީދީ އަވަހާރަވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދޮންމަނިކު މާލެ ދުރުވެ، ޢަލީދީދީގެ އަނބިކަނބަލުން ބަދްރުއްދީން ފަނޑިޔާރު ތަކުރުފާނުންގެ ފާޠިމާ މަނިކެޔާއި ދޮންމަނިކުގެ އަނބިކަނބަލުން، ޢަލީދީދީގެ މަރްޔަމްދީދީއާ ދެމައިންނާގެން ރަށަށް ދުރުވެއްޖެއެވެ. އެއީ 1321 މިވަނަ އަހަރުގައެވެ.” 
“ޙުސައިންދީދީ އަހަރު ދުވަސްވާންދެން ކޮޅުނބުގައި ހުރެފައި މާލެ އައިސް، މާލޭގައި ހުއްޓައި 1323 މިވަނަ އަހަރުގެ ރަމަޟާންމަހު 22 މި ދުވަހު ނާއިބު ތުއްތޫ މާއެނބޫދޫގައި ހުންނަވައި ނިޔައުވެއްޖެއެވެ. މި ނާއިބު ތުއްތޫގެ ނަމަކީ، އައްޝައިޚް އަލްފަޤީހް މުޙައްމަދު ޖަމާލުއްދީނު އިބްނު އައްނާއިބު ޢީސަލްމުލަކީ (ރަޙިމަހުﷲ) މިއެވެ. މީނާގެ ބައްޕާ ޢީސާ ނާއިބު ތަކުރުފާނަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބު ކަމުގައި ހުންނެވި ބެއިކަލެކެވެ. މި ތަކުރުފާނުންގެ ބައްޕާއަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނެވެ. މި ތަކުރުފާނަކީ ފުވައްމުލަކުގެ ރަނގަޅު ދަރިކޮޅަކުން އައިސް ހުރި މީހެކެވެ. ޢީސާ ނާއިބު ތަކުރުފާނުން މާލޭގެ ނާއިބުކަމުގައި ހުންނަވައި މާލޭ ފުއްލާގޭ މަ ރިޔަންފުޅެވެ ކިޔޭ މީހަކާ ކާވަނި ބައްލަވައިގެން ނާއިބުތުއްތޫވާއި، އަދި އަންހެންކުއްޖަކާ ލިބުނެވެ. ތުއްތޫގެ ދާދި ޅަފުރާގައި ޢީސާ ނާއިބު ތަކުރުފާނުން ނިޔައުވެއްޖެއެވެ. ދެން މި މަ ރިޔަންފުޅާ ކާވަނި ބައްލަވައިގަތީ އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ބަންޑާރަ ނާއިބު މަނިކުފާނެވެ. ތުއްތޫ ބޮޑުވީ މި މަނިކުފާނުންގެ އަރިހުގައި ހުންނަވައެވެ. ދާދި ޅަފުރާގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީންގެ އަރިހުން އަރަބި ކިޔެވުމާގެން މަޝްޣޫލުވެއްޖެއެވެ. ތުއްތޫގެ ފުރަތަމަ އެދުރު ބެއިކަލަކީ، އަދި ވަކީން ޚާއްޞަކޮށް ރައިވަރުގެ އެދުރު ބެއިކަލަކީ މި ފަނޑިޔާރު މަނިކުފާނެވެ. ދާދި ޅައިރުއްސުރެ ހިތް އަލިކަމާއި ވިސްނުން ތޫނުކަމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ.”
“އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުން އަވަހާރަވީ ބޭސްވެރިކަމަކު މާއެނބޫދޫއަށް ވަޑައިގެން ހުންނަވަނިކޮށް އެރަށުގައި ހުންނަވައި 1281 މިވަނަ އަހަރުގެ ރަބީޢުލްއައްވަލު 29 މިދުވަހުގައެވެ. ތުއްތޫއަށް ބަފައިކަލަކު ކަމުގައި ފެނިލެއްވީ މި މަނިކުފާނެވެ.” 
“1285 މިވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހު 7 މިދުވަހު ޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުން އަވަހާރަވެގެން ޤާޟީ އިބްރާހީމް މަޖްދުއްދީން، މި ތަކުރުފާނުން ފަނޑިޔާރުކަމަށް ދުރުވުމަށްފަހު، މި ތަކުރުފާނުންގެ އަރިހުން ކިޔެވުމާ މަޝްޣޫލުވެއްޖެ އެވެ. މި ދުވަސްވަރުގައި ތުއްތޫއަށް ބޮޑު ނާއިބުކަން ވެސް ލިބިއްޖެ އެވެ.”
“1287 މިވަނަ އަހަރުގެ ޞަފަރުމަހު 6 މި ދުވަހު ޤާޟީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރު ތަކުރުފާނުން ނިޔައުވީއިރު، މި ތުއްތޫ ހުންނެވީ ނަޙްވު ފިޤްހަށް ފާގަތިވެ ކުރި އަރައިފައެވެ. ދެން ފަނޑިޔާރުކަމަށް އިސްވި ޤާޟީ މޫސާ ބަދްރުއްދީން ފަނޑިޔާރު ތަކުރުފާނުން އިސްވެފައި، ޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ފުތް އިސްމާޢީލް މަނިކަށް ބަންޑާރަ ނާއިބުކަން ދެއްވައިފޫއެވެ. މި ފަނޑިޔާރު ތަކުރުފާނުންގެ ޒަމާނުގައި ދީނުގެ ކަންކަމާއި ޝަރީޢަތުގެ ކަންތައް ހިންގަވާން ތިއްބެވީ، މި ނަންގަތް ނާއިބު މަނިކާއި، ނާއިބު ތުއްތޫ އާއި ޢަބްދުﷲ ނާއިބު މަނިކުފާނާއި، ދޮން ނާއިބު މަނިކާއެވެ. ދީނުގެ ކަންތައް މިޔަށްވުރެން ރަނގަޅަށް ހިނގި ޒަމާނެއް މި ފަހަކުން ނާންނަކަމަށް މީހުން ބުނެ އުޅެތެވެ.”
“މި މޫސާ ފަނޑިޔާރު ތަކުރުފާނުން ދެ އަހަރު ފަނޑިޔާރު ކަންތައް ކުރައްވައިފައި ރަށަށް ދުރުވެ ރަށުގައި ނިޔައުވެއްޖެއެވެ. މިޔަށް ފަހު ދުވަސްކޮޅަކުން ތުއްތޫ އޮޅުދޫ ކަރަޔަށް ދުރުވެ ބޭރުވެލީގައި ހުންނެވި މަޝްހޫރު އަލްޢާލިމުލް ޢައްލާމާ ޢަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަޙިމަހުﷲ މި ކަލޭގެފާނުންގެ އަރިހުގައި ހުންނަވައިގެން ޢިލްމު އުނގެނުމާއި މަޝްޣޫލުވެއްޖެ އެވެ. މި ދަތުރު އޮޅުދޫ ކަރައިގައި އުޅުއްވައިފައި ރާއްޖެއަށް ދުރުވީ 1300 މި ވަނަ އަހަރުގެ ތެރޭގައެވެ.”
“1303 މި ވަނަ އަހަރުގެ ތެރޭގައި ޙައްޖުވުމުގެ ގަސްތުގައި ޙިޖާޒު ކަރަޔަށް ދުރުވެ މައްކާގައި އެއިރު ހުންނެވި އިމާމް އަލްމުތައައްޚިރީނަ މުފްތިލް ޙަރަމައިނި އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްސައްޔިދު އަޙްމަދު ޒައިނީ ދަޙްލާން ރަޙިމަހުﷲ މިކަލޭގެފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލުކުރެއްވިއެވެ. މިދަތުރުގައި އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން މި މަނިކުފާނާއި އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން މި މަނިކުފާނުންގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީއާ ވަޑައިގަތެވެ. މި ދޮންދީދީއަކީ، ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތްއިރު އިންނެވި އަނބިކަނބަލުންނެވެ. އަދި ޢިމާދުއްދީން ރަދުންގެ ގަލޮޅު ގަނޑުވަރު ގޮމައާއި މި ގޮމާގެ ފިރިކަލުން ކަކައިގޭ ޢަބްދުﷲ ފާށަނާ ކިލެގެފާނާ ދެކަނބަލުން ވެސް ވަޑައިގަތެވެ. ކަނޑޫދޫގޭ ޙަސަން ކަލޭގެފާނުން ނިޔައުވީ، މި ދަތުރު މި ބޭފުޅުންގެ އަރިހުގައި ދުރުވެ މައްކާގައެވެ.”
“މި ދަތުރުކުރައްވައިފައި ތުއްތޫ މާލެޔަށް ދުރުވިއިރު މާލެއޮތީ ތުއްތޫގެ ރައިވަރުގައި އެކިޔުއްވާހެން ބަތާނަ ފުށުން ޖެހިފައެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ޢަޒުލުކުރެވިފައެވެ. ޤާޟީ އިސްމާޢީލް ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނުން އޮންނެވީ އަރުވައިލާން އޮޑިޔަށް ލެއްވިފައި، އޮޑީގައެވެ.”
“1306 މިވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ދެވަނަ ފަހަރު ތަޚްތަށް އިސްވެ ވަޑައިގަތްތަނާ ތުއްތޫ ފެހެންދުއަށް އަރުވައިލެވުނެވެ. ދެން މާލެ ގެންނެވުނީ 1310 މިވަނަ އަހަރުގައެވެ.” 
“ތުއްތޫގެ ފިޤްހުވެރިކަމާއި ޢަރަބި ޢިލްމަށް ކުޅަދާނަކަމާއި ބޭސްވެރިކަމާއި މި ކަންކަމަށް ހުރި ކުޅަދާނަކަމީ ތުއްތޫ ހައްދަވައިފައި ހުރި ތަކެއްޗަށް ބަލައި ވިސްނައިލުމުން އެނގިދާންހުރި ކަމެކެވެ.”
“ބަނޑޭރި ޙަސަން މަނިކުފާނަށް ނޫނީ އެހެން މީހަކަށް ތުއްތޫ ހެއްދެވި ވަރަކަށް ދިވެހިބަހުން ރައިވަރު ކިއިފައި ހުއްޓައެއް ނުފެނެއެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ މުޢީނުއްދީން ރަދުންގެ ޅެންވެރިމީހާ އެވެ. އޭނާ ނިޔައުވީތާ މި އަހަރު މިއީ ސަތޭކަވަރަކަށް އަހަރެވެ.”
“ޢަރަބިބަހުން ތުއްތޫ ކިޔުއްވައިފައި ހުރި ޅެންތަކީ ވެސް ބަލާޣަތްތެރިކަމުގެ ކުރީ ދަރަޖައިގައިވާ ޅެންތަކެކެވެ. އަރަބިބަހުން ޅެން ހެއްދެވުމާ މެދުގައި ތުއްތޫގެ އެދުރު ބެއިކަލަކީ އައްސައްޔިދު ޢުމަރު ޔައުމައިނި އަލްޔަމަނީ މިކަލޭގެފާނެވެ. މިއީ ޢަރަބި ޅެމަށް މަޝްހޫރު ޝާޢިރެކެވެ.”
“ނާއިބު ތުއްތޫއަކީ، ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައި ރީތި، ކުލަދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި މީހެކެވެ. ތުނބުޅި ހުންނަނީ ދިގު ކުރައްވައިފައެވެ. އުނަގަނޑު މަތީ ސާލު ރުމާލެއް ބަންނަވައިފައި ހުރެއެވެ. އަޑު މަޚްރަޖު ރީތި މީހެކެވެ. ވަރަށް ނިދި މަދު، ކެއިން ބެއްލެވުން މަދު މީހެކެވެ. ފައިސާ އެއްކުޅައުމަކާއި، ގެދޮރު ބިނާ ކުޅައުމެއް ނެތެވެ. ބަސްގަދަ، ޒުވާބުގަދަ، ބުނުއްވާންވެއްޖެ ބަހެއް ބުނުއްވުމުގައި ޖެހިލުމެއް ނެތް، ތޫނުފިލި މީހެކެވެ.” 
“ނާއިބު ތުއްތޫއަކީ އޭނާގެ ޢުމުރުން ފަސްދޮޅަސް ދެ އަހަރުވެގެން ތިން އަހަރަށް ދަނިކޮށް ނިޔައުވީ ބެއިކަލެކެވެ. ނިޔައުވީ ހުންކޮށި ދުޅަވުމުގެ ބަލީގައެވެ. ނިޔައުވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތޫ އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. ވަރަށް ރީތިކޮށް ހެއިހުރެގެން ވާހަކަ ދައްކަވައި، ވަޞިއްޔަތްކުރައްވައި، ޝަހާދަތް ކިޔުއްވަމުން ކަމުގައި އެމީހުން ބުނޫއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެ ފަހުން ބުނުއްވި ބަހަކީ، އަހަރެން މަރުވީމައި، އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދާ ގެންގޮސް ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށޭ، މިހެން ކަމުގައި އެތާގައި ތިބި މީހުން ބުނޫއެވެ. މިހާރު މިލިޔާ އަކުރުތަކަކީ ވެސް އެދަވާދުން ލިޔެވޭ އަކުރުތަކެކެވެ.”
“1321 މިވަނަ އަހަރުގެ ޙައްޖުމަހު 11 މި ދުވަހު ތުއްތޫ މާއެނބޫދޫއަށް ފޮނުވައިލެއްވުނެވެ. މި ރަށުގައި ހުންނަވައި ނިޔައުވެ، އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުންގެ އަރިހުގައި ވަޅުލެވިއްޖެއެވެ. (ރަޙިމަހުﷲ)”
މަތިވެރި ﷲ އަލްމަރުޙޫމް އައްޝައިޚް އަލްފަޤީހް މުޙައްމަދު ޖަމާލުއްދީނު، ނާއިބުތުއްތޫގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!———————މަޢުލޫމާތުގެ ޙިއްޞާ:ޢަލިދީދީ ވިދުވަރުގެ/ ޏ. ފުވައްމުލައްhttp://www.fanvai.info

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
13 Comments
  1. ދިރާސާ

    ތާރީޚު ޢިލްމުވެރިޔާ ސިއްކަގޭ އަލްފާޟިލް މުޙައްމަސު ނަސީމު ލިޔުއްވައެވެ. [ފެހެންދޫ އަށް ގޮއްސައި އަޅުގަނޑު ހިތަށް އެރިއެވެ. މިރަށަކީ ހިޖްރައިން 1305 ވަނަ އަހަރު ނައިބު ތުއްތު އަރުވާލެވުނު ރަށެވެ. ( ނައިބު ތުއްތުގެ އަސްލު ނަމަކީ ފަޟީލަތުއް ޝައިޚް މުހައްމަދު ޖަމާލުއްދީނު ޢީސަލް މުލަކީއެވެ.) އެމަނިކުފާނު ލިއުއްވި ދިވެހިބަހުގެ ޤަވާއިދު ފޮތް އެކުލަވާލެއްވީ މިރަށުގައި ހުންނަވައިގެންނެވެ.އެހެންކަމާއެކު ތުއްތު މިރަށުގައި އުޅުއްވި ހަނދާން ހުރި މީހަކު ހުރިތޯ އަޅުގަނޑު މަސައްކަތް ކޮށް އަދި އެމީހަކު މަތިވެއްޖެއެވެ. އެއީ އުމުރުން 114 އަހަރު ވެފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުން ތުއްތު ފެހެންދު އަށް ފޮނުވާލިއިރު އެކުގައި މަހައްދާވަރުގެ ފިރިހެން ދަރިއަކު އޭނާގެ ހުއްޓެވެ. އޭނާ ވާހަކަ ކިޔައިދިނެވެ. އަތޮޅުގޭން މިރަށު މީހުންނަށް އަންގާފައި އޮންނަނީ ތުއްތު ރަނގަޅަށް ކޭން ބެއްލެވިޔަ ނުދިނުމަށެވެ. ތިމަންނާ އަކީ އެކަމުގައި ވަރަށް އިސްކޮށް އުޅުނު މީހެކެވެ. ތުއްތުގެ ފަރިއްކޮޅަށް ވެލިއަޅާ ލޮނުއަޅާ މިކަހަލަ ޖެއްސުން ކޮށް ތިމަންނާ އުޅުނީމެވެ. އެކަމަކު އެފަދަ ބޮޑު އިލްމުވެރިޔަކާ އަޅައިގަނެގެން އެގޮތަށް ގިނަދުވަހު އުޅޭކަށް ނުކެރުނެވެ. ތުއްތުގެ އިލްމުވެރިކަމާ ޤަދަރުބޮޑުކަމާ ހުރެ އުނދަގޫ ކުރުން ހުއްޓާލާ ތުއްތުއަށް އެހީތެރިވެދީ އުޅެންފެށީމެވެ. ދިވެހި ބަހުގެ އަދަބިއްޔާތުގައި އެންމެ ފުންނާބު އުސް އެއް އަދީބަކީ ނައިބުތުއްތު އެވެ. ނައިބު ތުއްތު އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ އަލްޤާޟީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. ރާއްޖެއިން ބޭރުން އަރަބި ބަހާއި އިސްލާމްދީން ވަރަށް ރަނގަޅަށް އުނގެނިވަޑައިގަތެވެ. ސްރީލަންކާއިންނާއި ސަޢުދީ އަރަބިޔާ އިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ. ނާއިބު ތުއްތު އަކީ ދިވެހި ބަހުގެ އަދީބެކެވެ. ޝާޢިރެކެވެ. ދީނީ ޢިލްމާއި ޢަރަބި ބަހުގެ ޢިލްމަށް އަރައި ހުންނެވި ޢާލިމެކެވެ. އޭނާގެ ޢިލްމީ ޚިދުމަތް އަދި އަދަށް ދާންދެން ދިވެހި އުދަރެހުން ފިލައި ނުދެއެވެ.]

    (2)(0)
  2. އަޙުމަދު

    ނައިބުތުއްތުގެ ދުވަސްވަރު ސަރުކާރުން ހިންގި ބައެއް ސިޔާސަތުތަކާއި އޭނާ އެއްބަސްވެވަޑައިނުގަތުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ދުވަސްތަކެއްގައި އަރުވާލާފައި ހުއްޓެވެ. އަޙްމަދު ޝަފީޤު (1997) ހާމަކުރައްވާގޮތުން 1888 ވަނައަހަރު އޭރު ރަސްކަމުގައި ހުންނެވި މުޢީނުއްދީނުލް އައްވަލު 2 ގެ ރަސްކަމުގައި އިނގިރޭސިންނާއި ދިވެހިންނާދެމެދު ލިޔެވުނު "ޙިމާޔަތުގެ އެގްރިމެންޓް" އާއި ތުއްތު އެބަސްވެވަޑައިނުގަތުމުން ސަބަބުން ބ. ފެހެންދުއަށް ތުއްތު އަރުވާލެވުނެވެ. 2 ވަނަފަހަރަށް ނައިބުތުއްތު އަރުވައިލެވުނީ ޙާޖީ ޢިމާދުއްދީން ރަދުން ދީނާއި ދުނިޔޭގެ ހަމަތަކުން ޢަޒުލުނުކޮށް ޝަމްސުއްދީނު ރަދުންނަށް ރަސްކަން ބަދަލުކުރުމަކީ ހުއްދަކުރެވޭނެ ކަމެއްނޫން ކަމަށް ފާޅުގައި ވިދާޅުވުމުންނެވެ. އެފަހަރު ތުއްތު އަރުވައިލީ ދ. މާއެނބޫދޫއަށެވެ. މިފަދަ ކަންކަން މިހެން ހުރުމާއެކު ނައިބު ތުއްތުގެ ޒަމާނަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަމުގައި ތާރީޚީ ޙާދިސާތަކުން އެނގިގެން ދެއެވެ. ނައިބުތުއްތުގެ ރައިވަރުތަކުން މިކަން ފެންނަން ހުރިކަމުގައިވެސް އަޙްމަދު ޝަފީޤު (1997) ހާމަކުރައްވައެވެ. ނައިބު ތުއްތުގެ "ދަގަނޑު ދަހަނާ، ފަހުޒަމާން، ލަކުޑިފޮތް، މުޑަނުފޮތް، ނަމެއްނެތި، ތަޤުވީމުއްލިސާނީ، ރާޒުވާރައިވަރު، ސުއްކަތުރާ ޚަބަރު، ސިއްކަމޮހޮރީފަދަ ކޮންމެ ފޮތަކީވެސް ސިޔާސީ ވާހަކަތަކެއް އޭގައިހުރި ފޮތްތައްކަމުގައިވެސް އަޙްމަދު ޝަފީޤު (1997) ހާމަކުރައްވައެވެ.

    (1)(0)
  3. ރަޝީދު

    އަޙުމަދުގެ ލިއުއްވުމަށް މިބައި އިތުރުކޮށްލެއްވިނަމަ އިތުރަށް ފުރިހަމަވީހެވެ.
    ނައިބު ތުއްތު ގައުމީ ޚިދުމަތަށް ނުކުންނެވިކަމަށް ބުނެވެނީ 1883 ވަނައަހަރު ނޫރައްދީނު ބަންޑާރައިންގެ ރަސްކަމުގައެވެ. އޭގެފަހުން މުޢިނުއްދީނު (ކުޑަބަންޑާރައިން) ގެ ރަސްކަމުގައި ފަނޑިޔާރުކަމަށް އިސްކުރެވުނެވެ. ކޮލިނުލައި ފަނޑިޔާރުކަމަށް އިސްކުރެވުނު ނައިބު ތުއްތު ފަނޑިޔާރުކަމުގައި މާގިނަ ދުވަސްތަކެއް ނުވެ އިސްތިޢުފާ ދެއްވިއެވެ. ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވިނަމަވެސް ފިޤުޙު ޢިލްމާއި ޙަކީމީ ބޭސްވެރިކަމާއި ނުޖޫމީ ޢިލްމާއި ދިވެހި ބަސް ދިވެހިންނަށް ދަސްކޮށްދިނުމުގެ ޚިދުމަތުގައި ދެމިހުންނެވިއެވެ. ނައިބު ތުއްތުއަކީ މުދަލާ ފައިސާ އެއްކުރެއްވި ބޭފުޅެއްނޫނެވެ. ޖެހިލުންކުޑަ ބަސްފުޅު ގަދަ ނިޔާ ބަދަލުކުރެއްވުމެއް ނެތް ދީނީ އެނގުންތައްމަތީ ސާބިތުވެހުންނެވި ކުޅަދާނަ މިއަދީބަކީ ދިވެހި އަދީބުންގެ އެދުރުންގެ އެދުރުގެ ގޮތުގައި ފާހަގަކުރެވޭ ކުޅަދާނަ ޅެންވެރިޔާކަން ޢިލްމީ ޚިދުމަތްތެރިން1 (1997) އާއި ދިވެހި އަދީބުން1 (1993) އާއި ޙަވާލާދީ ބުނަންޖެހެއެވެ. ދިވެހިބަހުން ރައިވަރު ހެއްދެވުމުގެ ހުނަރު ދަސްކުރައްވައި ރައިވަރު ހެއްދެވުމުގެ އިތުރުން ޢަރަބި ބަހުން ޅެން ހެއްދެވުމަށްވެސް ކުޅަދާނަ ބޭފުޅެކެވެ.

    (1)(0)
  4. ހުސޭން

    ޙިލްމީގެ މި ލިޔުއްވުމަކީ ނާއިބު ތުއްތުއާ މެދު އަދި މިހައިތަނަށް އެނގިފައި ނުވާ، ދުވަހަކު ވެސް ލިޔެވިފައި ނުވާ ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާ މުހިންމު ތާރީޚީ ލިޔުމެކެވެ. ދިވެހި ތާރިޚުން ފާހަގަކޮށްލެވޭ ފުވައްމުލަކުގެ ގިނަ ޝަޚްޞިއްޔަތުތަކަކާ ބެހޭ މަޢުލޫމާތު އަދިވެސް ސާފުކުރަންވެފައި އެބަހުއްޓެވެ. ދިވެހި ތާރީޚު ފޮތުން ފެންނަ "މުލަކު ފަނޑިޔާރު މަނިކުފާނު (އަލްޤާޟީ މޫސާ މުޙްޔިއްދީން)"، "މުލަކު މުޙައްމަދު ޚަޠީބު ބަންޑާރަ ނާއިބު މަނިކުފާނު" އަދި "މުލަކު ކުޑަ ވަޒީރު މަނިކުފާނު" ފަދަ ބޭބޭފުޅުންނަކީ ހަމައެކަނި އެ ބޭފުޅުންގެ ނަންގަނެލާފައި ނިންމާލަންޖެހޭ ވަރަށްވުރެ އިތުރު މަޢުލޫމާތެއް އެ ބޭފުޅުންނާމެދު އެނގެން ނެތް ފުވައްމުލަކުގެ ޝަޚްޞިއްޔަތުތަކެވެ. އަޅުގަނޑު މި ނަންގަތް ތިން ބޭފުޅުންނާ ބެހޭ ގޮތުން ހޯއްދަވާ އެބޭފުޅުންނަކީ ކޮބައިކަން "ވިދުވަރުގޭ ޢަލިދީދީ" އާ ހަވާލާދީ ޙިލްމީ ގެނެސްދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ. ޢަލިދީދީއަށް މި ބޭފުޅުން އެނގިވަޑައިގަތުން ގާތެވެ.

    ފާހަގަކޮށްލެވޭ ކަމަކީ އަޅުގަނޑު މި ނަންގަތް މުލަކު ފަނޑިޔާރު މަނިކުފާނާއި މުލަކު ބަންޑާރަ ނާއިބު މަނިކުފާނާއި އަދި ނައިބުތުއްތުގެ ބައްޕަ އީސާ ތަކުރުފާނަކީ ވެސް އެއް ދުވަސްވަރެއްގައި ދިވެހި ޤައުމުގެ އިސް ސަފުން ފެންނަން ފެށި ބޭފުޅުންކަމެވެ. އެގޮތުން މުލަކު ފަނޑިޔާރު މަނިކުފާނަށް ފަނޑިޔާރުކަންދިނީ ނޫރައްދީން 1 ޙައްޖަށް ފުރާވަޑައިގަންނަވަމުން އެންގެވި އެންގެވުމަކަށެވެ. މިގޮތަށް މުލަކު ބޭފުޅުންތަކެއް އިސްސަފަށް ގެންނެނެވި ގެންނެވުމާއި ޝަހީދުކުޅަ ބަންޑާރައިންގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ފުވައްމުލަކުން މާލެ ގެންނަވައި އެތަކެއް ޢިއްޒަތެއް ދެއްވި ދެއްވުމާއި ގުޅުމެއް ނުވޭބާވައެވެ؟ މި ސުވާލަށް ޖަވާބު ހޯއްދެވުމަށް ޙިލްމީ މި ބޭފުޅުންނާ ބެހޭ ދިރާސާއެއް ކުރެއްވުން ވަރަށް ބޮޑަށް އެދެމެވެ. ޙިލްމީ ވެސް އެ ޢާއިލާއަކަށް ނިސްބަތްވާ ޢާއިލާއާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

    މޫސާ މުޙްޔިއްދީނު ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު މުލަކު ފަނޑިޔާރު މަނިކުފާނަކީ ފުވައްމުލަކު މުޙަންމަދު މަނިކުފާނޭ ކިޔުނު ބޭފުޅެއްގެ ދަރިކަލެއްކަން ތާރީޚުން އެނގެއެވެ. މި މުޙަންމަދު މަނިކުފާނަކީ މުޡްހިރުއްދީން ރަދުންގެ ދަރިކޮޅުގެ ނޫނީ މުލަކު ދައިގަނޑު އާއިލާގެ ބޭފުޅަކަށްވުން ގާތެވެ. ސަބަބަކީ މުލަކުން ފެންނަ ގިނަ "މަނިކުފާނު" ކިޔޭ ބޭފުޅުންނަކީ އެ ދަރިކޮޅު ނުވަތަ އާއިލާގެ ބޭފުޅުންނަށްވީމައެވެ. ފެންނަ ހެކިތަކުން އަޅުގަނޑަށް ބުރަވެވެނީ މި ނަންގަނެވޭ މުޙަންމަދު މަނިކުފާނަކީ ކޮނޑޭ މޫސާ މަނިކުފާނުގެ ދައިގަނޑު ގަނޑުވަރު މުހަންމަދު މަނިކުފާނުކަމެވެ. މި މުހަންމަދު މަނިކުފާނަކީ ލުޠުފީގެ ލިޔުންތަކުން (ފަތްތޫރައިގައިވާ ޗާޓުން) ވެސް އެނގޭ ދައިގަނޑު ގަނޑުވަރުގައި އުޅުއްވި ބޭފުޅެކެވެ. އޭނާގެ މަންމައަކީ މުލަކު ބޭފުޅަކަށް ވުން ގާތެވެ. ހަމަ ޔަގީނުންވެސް އޭނާގެ ނަމުގެ ކުރިއަށް ދައިގަނޑު ގަނޑުވަރު އައުމުން އޭނަ އުޅުނީ މުލަކުގައިކަން ޔަޤީންވެއެވެ. މި މުޙަންމަދު މަނިކުފާނަށް ލިބޭ ކުއްޖަކަށް މޫސާ ކިޔުން އެއީ އިހުގައި ދިވެހިން ނަންދީ އުޅުނު އުސޫލުން ބަލާނަމަ ވަރަށް ވެސް ވުން އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މި މުހަންމަދު މަނިކުފާނުގެ ބައްޕައަކީ ކޮނޑޭ މޫސާ މަނިކުފާނަށްވުމުންނެވެ. އެގޮތުން ބަލާއިރު މަޝްހޫރު މުލަކު ފަނޑިޔާރު މަނިކުފާނު: މޫސާ މުޙްޔިއްދީން ނުވަތަ ފަނޑިޔާރުކަން ލިބުމުގެ ކުރީގައި މޫސާ ޚަޠީބު މަނިކުފާނަކީ މި މުޙަންމަދު މަނިކުފާނުގެ ދަރިކަލަކަށްވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.

    ދެން ފާހަގަކޮށްލެވޭގޮތުގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ދީދީ ކައިވެނި ކުރެއްވީ މި ނަންގަނެވޭ ދައިގަނޑު ގަނޑުވަރު މުހަންމަދު މަނިކުފާނުގެ ކޮއްކޮ ނުވަތަ ބޭބެ ކޮނޑޭ ޢަލި މަނިކުފާނާއެވެ. އަދި ހަމައެއާއެކު ދައިގަނޑު ގަނޑުވަރު އާއިޝާ މަނިކުފާނުގެ މަރިޔަމް މަނިކުފާނަކީ ފާމުލަދޭރި ކިލެގެފާނުގެ އެއް އަނބިކަނބަލުންނެވެ. ކުރިން ދެންނެވި އާއިޝާ ދީދީގެ މަންމައެވެ. ކަންއޮތީ މިހެންކަމަށްވުމާއެކު ފާމުލަދޭރި ކިލެގެފާނާ ދައިގަނޑު ގަނޑުވަރު ބޭފުޅުންނާ ވާނީ ވަރަށް ބޮޑަށް ގުޅިފައެވެ. އަދި މި ގުޅުން މެދުވެރިވެގެން މި ޢާއިލާގެ ބޭފުޅުން ރާއްޖޭގެ އިސްސަފަށް އައުމުގެ ފުރުސަތު ވަރަށް ބޮޑަށް ވެސް އެބައޮތެވެ. އަޅުގަނޑުގެ ނާޤާބިލު ބަސްކޮށާރުން ކިތަންމެ ދިގުކޮށް ނަމަވެސް ޙިލްމީގެ ސަމާލުކަމަށް މި މުހިންމު ނުކުތާގެންނަމެވެ. އަދި ވިދުވަރުގޭ ޢަލިދީދީ ފަދަ ބޭފުޅުންނާ މަޝްވަރާކުރައްވައިގެން މިފަދަ ބޭފުޅުންނާ ބެހޭ މައުލޫމާތު ހޯއްދަވާ އިތުރު ލިޔުންތައް ލިޔުއްވާނެކަމަށް އުންމީދުކުރަމެވެ. ޙިލްމީ ދިވެހި ތާރީޚަށް ތިޔަ ކޮށްދެއްވާ އަގުހުރި ޚިދުމަތަށް އަޅުގަނޑު އަބަދުވެސް ދަންނަވާހެން ސާބަހާއި އައްސަރިބަހެވެ. ފަހުގެ ޖީލުތަކުންނާއި މިހާރުގެ ޖީލުން ވެސް ތިޔަ ޚިދުމަތްތަކަށް އަދާކުރަންޖެހޭ ދަރަނި ވަރަށް ވެސް ބޮޑެވެ....

    (0)(0)
  5. ޢ. ޙިލްމީ

    "ޙުސޭން"ގެ ތިޔަ ވިދާޅުވުން ކުޑަ ތަންކޮޅެއް ލަސްވީ އެވެ. މުލަކުގައި "ހުރެފައި" މި އުޅެނީ ދެއްވަދޫ އަށް "އައިސްގެން"ނެވެ. އެއީ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (4)" ވަނަ ބައިގައި 29-05-2012 ގައި "ބޭފުޅަކު" ކުރެއްވި ސުވާލަކަށް ޖަވާބެއް އެރުވޭތޯ މަޢުލޫމާތްތަކެއް ހޯދުމަށްޓަކަ އެވެ. އޭނާ ކުރެއްވި ސުވާލަކީ [ދޮށީދީދީ ވަރިކުރައްވަން ފާމުލަދޭރި ކިލެގެފާނު އެދިވަޑައިގަތީ ފަހެ ކޮން ސަބަބަކާ ހުރެތޯ؟ ދެ ކުދިން ވެސް ތިއްބާ......] މިއެވެ.

    މިއީ ޖަވާބު އެރުވުމަށް އަޅުގަނޑާއި ކުރިމަތިވެފައި އޮތް ވަރަށް ދަތި ސުވާލެކެވެ. މިހެނީ މައްސަލަ ބަލާ ފަނޑިޔާރަކީ އެ މައްސަލައެއްގެ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ބޮޑު ގުޅުމެއް ނުވަތަ ބޮޑު މަޞްލަޙަތެއް އޮތް މީހެއްކަމަށް ވާނަމަ އެ މައްސަލަ އިންޞާފުގެ މަގުން ނިމިގެން ހިނގައިދާނެތޯ ސުވާލު އުފެދޭ ކަމެވެ. އަދި ޢަމުދުން މައްސަލަ ބަލަން ޖެހެނީ މައްސަލައިގެ ދެ ޚަޞްމުންނާއި ވެސް ގުޅުން އޮތް މީހެއްކަމަށް ވާނަމަ އިންޞާފާއި މެދު ބަޔެއްގެ އުފެދެން ޖެހެނީ ސުވާލެއް ނޫނެވެ. މުޖައްރިބެއް ނޫންތޯ އެވެ. ނަމަވެސް ބޭފުޅަކު ވިދާޅުވެފައި އޮންނަކަމަށް ބުނާ އަޑު އަހަމެވެ. [ފަނޑިޔާރާއި ގުޅުން އޮތީ ދެ ޚަޞްމުންނާއި ވެސް އެއްވަރަށް ކަމަށް ވާނަމަ އެ މައްސަލައެއް ނިމިގެން ދާނީ އިންޞާފުން ކަމަށް ބަލަންޖެހޭނެ] އެވެ.

    ދެއްވަދޫ އަށް އަޅުގަނޑު މި ކުރި ދަތުރުގައި ކޮނޑެއަށް ޖައްސާލަން ޖެހުން ވެސް އެކަށީގެންވެ އެވެ. ދެލި ހުސްވެ ބޭއްވިފައި އޮތް ގަލަމަށް މިދޭތެރެއަކުން ކުޑަ ދެލިފޮދެއް އެޅުނަތީވެ، އަޅުގަނޑު އުޅެން ޖެހެނީ މިކަހަލަ ހާލެއްގަ އެވެ. އެހާތަނަށް ދިރި ދުނިޔޭގައި އެފަދަ ކަމެއް ކުރެވޭނޭ ހެޔޮ ޙާލެއްގައި ލަހައްޓަވައިފި ނަމަ "ޙުސޭން" ގެ ތިޔަ ވިދާޅުވުން ހިފައިގެން "މުލަކަށް" ދެވޭތޯ ވެސް ބަލާނަމެވެ. އިންޝާ ﷲ!

    (0)(0)
  6. މޫސާ

    ޙުސޭންގެ ކޮމެންޓުގައި އެވަނީ ހަމަ ޙަޤީޤަތުގައި ވެސް ޙިލްމީގެ ދިރާސާތަކަށް ވަރަށް ބޮޑު އަލިކަމެއް ލިބިގެންދާނެ ވާހަކަތަކެއް ކަން ޔަޤީނެވެ. "ފުވައްމުލަކުގެ ޢިލްމީ އުދަރެހުން..." ގެ ނަމުގައި ތިޔަ ލިޔުއްވާ ސިލްސިލާގެ ބައެއްގެ ގޮތުން އަލްޤާޟީ މޫސާ މުޙްޔިއްދީން މުލަކު ފަނޑިޔާރު މަނިކުފާނާ ބެހޭ މަޢުލޫމާތުކޮޅެއް ގެނެސްދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ. ސަބަބަކީ މި އަގުހުރި ޝަޚްޞިއްޔަތަކީ ވަރަށް ބޮޑަށް ފަނޑުކޮށްލެވިފައިވާ ފުވައްމުލަކުގެ މުހިންމު ބަޠަލަކަށްވީމައެވެ. ޙިލްމީގެ މަސައްކަތްޕުޅަށްޓަކައި އަޅުގަނޑަށް ވެސް މި ފަނޑިޔާރު މަނިކުފާނާމެދު އެނގިހުރި މަޢުލޫމާތެއް ހިއްސާކޮށްލާނަމެވެ. ޙުސޭންގެ ކޮމެންޓުގައި އެވާ މުލަކު ފަނޑިޔާރު މަނިކުފާނުގެ ނަމުގެ ކުރިއަށް އަންނަނީ މަލިކުތޯ ނުވަތަ މުލަކުތޯ އަދިވެސް ޔަޤީންނުވާ ކަހަލަ ރާގަކަށް މިހާރު ވެސް ބައެއް ބޭފުޅުންގެ ލިޔުންތައް ހުރެއެވެ. ކޮންމެއަކަސް ބުނެލަން އޮތީ އެއީ "މުލަކު" ފަނޑިޔާރު މަނިކުފާނުކަން ސާބިތުކުރެވި މާ ކުރިން ކަނޑައެޅިފައިވާކަމުގަވެ.

    އަމީން ދީދީ އުފެއްދެވި ތާރީޚު ކޮމިޓީން ވެސް މަހާނަ ގައުތަކާއި ދެންވެސް ހުރިނަމަ ހުރި އެއްޗެއް ދިރާސާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ އެއީ މުލަކު ފަނޑިޔާރު މަނިކުފާނު ކަމުގައެވެ. ("މާލޭ ހުކުރު މިސްކިތް" ކިޔުނު ފޮތުގެ 312 ވަނަ ޞަފްހާގައި ލިޔުއްވާފައި އެވަނީއެވެ.) ދެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުނު "ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2" މި ފޮތުގައިވާ ޤާޟީ މުޙްޔިއްދީނާ ބެހޭ މަޢުލޫމާތު ބައްލަވާށެވެ. އެ ލިޔުމުގައި ވެސް ވާ ގޮތުން ދިވެހިންގެ ތެރޭގައި މި ޤާޟީ މަޝްހޫރުވެފައި ވަނީ "މުލަކު ފަނޑިޔާރު މަނިކުފާނު"ގެ ނަމުންނެވެ. ކޮންމެއަކަސް "މަލިކު" ކަމަށް ލިޔެވިފައި ވަނީ ވަރަށް ކުރީގެ އެންމެ ލިޔުމެއްގައެވެ. އެ ލިޔުމުގައި ވެސް އެފަދައިން މެދުވެރި ވެފައިވަނީ ޢަރަބި ބަހުން ملك (މުލަކު) ނުވަތަ الملكي (އަލްމުލަކީ) އޭ ލިޔެވިގެންވަނިކޮށް އޭތި ތާނައަށް ބަދަލުކުރުމުގައި އެ ލިޔުއްވި ބޭފުޅަކަށް ފިލިޖެހުމުގައި އޮޅުން އަރައިގެންކަން މިހާރު ޔަޤީންކުރެވޭވަރުވެއެވެ. އިހުގައި ދިވެހިން ނަންތައް އަރަބިން ލިޔެފައި ހުރުމާއެކު ފިލިޖެހުމުގައި މިފަދަ ބަދަލުތަކާ ކުރިމަތިވުން އެއީ އާންމުކަމެކެވެ. ޞަލާހުއްދީން ވެސް ނާއިބު ތުއްތުގެ ނަމުގެ ފަހަތަށް އިތުރުކުރައްވާހެން މި ޤާޟީގެ ނަމުގެ ފަހަތަށް އިތުރުކުރައްވާފައިވަނީ الملكي (އަލްމުލަކީ) އެވެ. މިކަން ޞަލާހުއްދީނުގެ ދެން ހުރި ލިޔުންތަކަށް ރިއާޔަތްކުރުމުން އެނގެއެވެ. މަލިކު މީހުންނަށް އެއްވެސް ހާލެއްގައި "މަލިކީ" ކިޔުނު ކަމަކަށްވެސް އެނގޭކަށް ނެތެވެ. ކޮންމެއަކަސް ތާރީޚު ކޮމިޓީ އާއި ޤައުމީ މަރުކަޒުގެ އިތުރަށް ދިވެހި މުއައްރިޚުންގެ ތެރެއިން މިކަމާ ބެހޭގޮތުން ލިޔުއްވާފައިވާކަމަށް ފެންނަން ހުރި ހުރިހާ ބޭފުޅުން ވެސް ބުރަވެލައްވަނީ އެއީ "މުލަކު" ކަމަށެވެ. މިބޭފުޅުންގެ މި ނިންމެވުމާ އެއްކޮޅަށް ގިނަގުނަ ހެކިތަކެއް އެބަހުއްޓެވެ. ނަމަވެސް މަލިކާ އެއްކޮޅަށް ދެއްކޭނޭ ބުރަދަނެއް ހުރި އެއްވެސް ހެއްކެއް ހުއްޖަތެއް ނެތެވެ. ފުވައްމުލަކަކީ ރާއްޖޭގައި ޤާރީވެރިކަމަށް ޤުރުއާނަށް އެންމެ މަޝްހޫރު ރަށެވެ. މަލިކަކީ ނިޔަމިކަމަށް މޮޅު، ޤާރީވެރިކަން އަދި ދީންވެރިކަމުގައި ފާހަގަކޮށްލެވޭ ބަޔަކު އުޅުނުކަމަށް ފާހަގަކުރެވިފައި ނުވާ ރަށެކެވެ. ވީއިރު "މުޤުރީ މޫސާ މަނިކުފާނު" ވުން ގާތީ ކޮން ރަށެއްގެ މީހަކަށްތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ.

    (0)(0)
  7. ފިކުރީ

    ނާއިބު ތުއްތުގެ މަތިފުށް ގެންނަވާފައި ވާއިރު އެއްވެސް މާމައަކު ގެންނަވާފަ ނެތީ ކީއްވެތޯއެވެ؟ އެ މަޢުލޫމާތުތައް އެނގިއްޖެއްޔާ ވަރަށް ރަނގަޅެވެ. އޭރުން މިސާލަކަށް ނައިބުތުއްތުގެ ބައްޕައަކީ އެޚަތޮށިގޭ މުޙައްމަދު ތައްޚާނު ކޮން ބޭކަނބަލަކާ ކައިވެނިކުރައްވައިގެން ލިބިލެއްވި ބޭފުޅަކު ކަން އެނގިގެންދާނެއެވެ. އެހެންކަމުން މިބައިތައް ސާފުވާނެގޮތް ހައްދަވާދެއްވުން އެދެމެވެ. ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރުކަލޭގެފާނާއި ދަޑުފީށީ އަލީ ތައްޚާނާއި މައިގޭ މުޙައްމަދު ތައްޚާނާ އެ ބޭބޭކަލުން ވެސް ކައިވެނި ކުރެއްވި ބޭބޭކަނަބަލުން ވިދާޅުވެދެއްވުން އެދެމެވެ. އިހުގެ ވަނަވަރު ފޮތްތަކުގައި އެބައިތައް ނުލިޔެ ދޫކޮށްފައި ވަރަށް ވެސް ނުހުރެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޢަލިދީދީގެ އަތުގައި ވެސް އޭގެ ފޮތެއް އޮންނާނެއެވެ. އަޅުގަނޑު މި ދެންނެވި މައުލޫމާތުތައް ލިބެން ނެތީތޯއެވެ؟

    (1)(0)
  8. އީޝް

    ނައިބުތުއްތުގެ ފޮޓޯއެއް ނުފެންނަނީ ކީއްވެގެންތޯ؟ ނައިބުތުއްތު ފިޔަވައި އެދުވަސްވަރު ރާއްޖޭގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ފޮޓޯތައް ފެންނަން އެބަހުރި. އެއްވެސް ބޭފުޅަކުގެ އަތުގައި ނައިބުތުއްތުގެ ފޮޓޯއެއް ވަންޏާ ލިޔުންތެރިން ވެބްސައިޓު މެދުވެރިކޮށް ނުވަތަ ހަވީރު، ސަން އަދި ފަންވަތް ފަދަ މަޝްހޫރު ވެބްސައިޓެއް ތްރޫކޮށް އާންމުކޮށްދެއްވައިފިއްޔާ ވަރަށް ރަނގަޅު. މިއުޅޭ ކުދިވެރިން ޕްރޮޖެކްޓު ހަދާއިރު ވެސް ނައިބުތުއްތުގެ ފޮޓޯ ވަރަށް މުހިންމުވޭ.

    (0)(0)
  9. އިބްނު ޢަލީ

    އީޝްގެ ކޮމެންޓާމެދު އެއްޗެއް ދަންނަވާލަން ބޭނުމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ނައިބުތުއްތު ފޮޓޯ ނަންގަވާ ނުއުޅުއްވަނީއެވެ. ފޮޓޯނެގުމަކީ ހުއްދަކަމެއްތޯ ނުވަތަ ނޫންތޯ، އެއީ ސޫރަކުރުން ކަމުގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ، މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. މިކަމުގައި ވެސް ނައިބުތުއްތު ދައްކަވާފައި އެވަނީ ރިވެތި ނަމޫނާ މިސާލެކެވެ.

    އިމާމްބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: "ނުޢްމާން ބިން ބަޝީރު ވިދާޅުވިއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އަޑު އެހީމެވެ. ޙަދީޘްކުރެއްވިއެވެ. ''ޙަލާލް ކަންތައްތަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި ޙަރާމް ކަންތަކަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި މި ދެމެދުގައި ޝައްކު ކުރެވޭ ކަންތަކެއް ވެއެވެ. މިކަންތަކަކީ ވަރަށް ގިނަ ބަޔަކަށް ނޭނގޭ ކަންތަކެކެވެ. އަދި ޝައްކު ކުރެވޭ މި ކަންތަކާ ދުރުވެގެންފި މީހަކު އޭނާގެ ދީނާއި އަބުރު ރައްކާތެރި ކޮށްފިއެވެ. އަދި ޝައްކު ކުރެވޭ ކަންތަކުގެ ތެރެއަށް ވަދެއްޖެ މީހެއްގެ މިސާލަކީ، އެހެން މީހެއްގެ މިލްކުވެރި ދަނޑެއް ކައިރީގައި، ހުއިހައްޕަން އުޅޭ މީހެއްގެ މިސާލެވެ. ފަހެ ކޮންމެ ހިނދުކޮޅެއްގެ ތެރޭގައި ވެސް އޭނާއަށް އެ ދަނޑަށް އޮޅިގެން ވަދެވިދާނެއެވެ. މީސްތަކުންނެވެ. ހަނދާންބަހައްޓާށެވެ! ކޮންމެ ރަސްކަލެއްގެ ވެސް މިލްކުވެރި ދަނޑުތަކެއް ވެއެވެ. ފަހެ މި ބިންމަތީގައިވާ ﷲ ގެ ''ދަނޑުތަކަކީ''، އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތަކެވެ. ހަނދާންބަހައްޓާށެވެ! ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ ރަނގަޅު ވެއްޖެނަމަ(ޞާލިޙުވެއްޖެނަމަ) މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި އެ ފާސިދު ވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވެއެވެ. އެއީ ހިތެވެ. '' (ރިވާކުރެއްވީ: ބުޚާރީ އަދި މުސްލިމް)

    ރަސޫލާގެ ޞަޙާބީ ބޭކަލުން، ޙަރާމް ކަމެއް ކުރެވިދާނެ ކަމުގެ ބިރަށްޓަކައި، ހުއްދަ ނުވަދިހަ ނުވަ ކަންތައް ދޫކޮށްލައްވައެވެ. ނައިބުތުއްތު ވެސް ދައްކަވާފައި އެވަނީ އެފަދަ މިސާލެއްކަމަށް ގަބޫލުކުރެވެއެވެ. މަތީގައިވާ ޙަދީޘަށް ޢަމަލުކުރެއްވުމުގެ ފުރިހަމަ މިސާލެކެވެ. ރަޙިމަހުﷲ

    (0)(0)
  10. އަމީން

    މިލިޔުމުގައިވާ ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީ އާއި އެދީދީގެ ތުއްތުދީދީ އެއީ ކޮން ބޭފުޅުންނެއްތޯ ޙިލްމީ ސާފުކޮށްދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ. ނަމުގެ ފަހަތަށް "ދީދީ" ގެނެސްފައި އޮތުމުން ޔަޤީނުންވެސް އެއީ ދިޔަމިގިލީ ދަރިކޮޅާ ގުޅިފައިވާ އެޅަތޮށިގޭ ބޭފުޅުންކަން އެނގެއެވެ. މިގޮތުން ޙިލްމީ އެދަރިކޮޅަކަށް ނިސްބަތްވާ ދިޔަމިގިލީ ދަރިކޮޅާއި ނައިބުތުއްތުގެ އެޅަތޮށިގޭ ޢާއިލާއާ ވެސް ވަނީ ގުޅިފައިކަން މިހާރު އެނގިއްޖެއެވެ. އެޅަތޮށިގޭ މުޙައްމަދު ދީދީ އަކީ ހާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ކޮން ބޭފުޅެއްގެ ދަރިކޮޅުގެ ބޭފުޅަކުކަން ޙިލްމީ ނުވަތަ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ސާފުކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ. މިހުންނަނީ ބޭނުންތެރި މަޢުލޫމާތެވެ. ދެން މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ނައިބުތުއްތޫގެ ދަރިކޮޅު މިހާރު ކޮބައިތޯ ބަޔާންކޮށްދެއްވައިފިއްޔާ ވެސް ވަރަށް ރަނގަޅެވެ. މި މަޢުލޫމާތުތައް ވަރަށް އެނގެން ބޭނުމެވެ.

    (0)(0)
  11. ޢ. ޙިލްމީ

    ނާއިބު ތުއްތޫ އަވަހާރަވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތޫ އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދު ދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. މި އެޅަތޮށިގޭ މުޙައްމަދު ދީދީ އަކީ ނައިބު ތުއްތޫގެ ބޮޑުބޭބެ (ބައްޕައާއި އެއްބަނޑު އެއްބަފާ) ޢަލިތައްޚާނު، ކިލެގެފާނުގެ ދޮންދީދީ އާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް 2 ބޭފުޅުންގެތެރެއިން މުޙައްމަދު ދީދީ އެވެ. އަނެއް ބޭފުޅަކީ ޙަސަން ދީދީ އެވެ. ދޮންދީދީ އަވަހާރަވުމުން ދެން ޢަލިތައްޚާނު ކައިވެނިކުރެއްވީ ކިލެގެފާނުގެ މަރިޔަމް ދީދީ އާ އެވެ. މިކައިވެނިފުޅުން ލިބިވަޑައިގަތީ ދަލޭކާ ދީދީ އެވެ. އޭގެފަހުން ޢަލިތައްޚާނު ކައިވެނިކުރެއްވީ ފުވައްމުލަކު މާދަޑު ތުއްބީފާނު ގެދަރު މަރިޔަމްފާނާ އެވެ. މިކައިވެނިން ލިބިވަޑައިގަތީ ޙުސައިން ތައްޚާނެވެ. މި ޙުސައިން ތައްޚާނާއި ދަލޭކާ ދީދީގެ ޢާއިލާގެ އެއްބޭފުޅަކީ ޑރ. މުޙައްމަދު ޖަމީލް އަޙުމަދެވެ.

    ޢަލިތައްޚާނާއި ކިލެގެފާނުގެ ދޮންދީދީގެ ދަރިކަލެއްކަމަށްވާ ޙަސަން ދީދީގެ އަޙުމަދު ދީދީގެ ޢާއިޝާ ދީދީގެ މުޙައްމަދު ދީދީގެ ފުވައްމުލަކު ކުދީނާގޭ ޢަލީ ނަޞީރު ވިދާޅުވާކަމަށް ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީ މަޢުލޫމާތުދެއްވަނީ ނައިބު ތުއްތޫގެ ދަރިކޮޅުގެ ބޭފުޅުން މާލެއާއި ބ.އަތޮޅު ގޮއިދޫގައި އުޅުއްވާކަމަށެވެ.

    (0)(0)
  12. ޔޫސުފް

    މާލެއާއި ބ. އަތޮޅު ގޮއިދޫގައިވާ ނައިބުތުއްތުގެ ދަރިކޮޅަކީ މިހާރު ކޮބައިކަން އެނގިއްޖެއްޔާ ވަރަށް ރަނގަޅެވެ. ބޭފުޅެއްގެ ބަޔޮގުރަފީ ލިޔާއިރު އަދި ވަކިން ޚާއްޞަކޮށް މިފަދަ އަގުހުރި ޢިލްމީ ޝަޚުސިއްޔަތެއްގެ ބަޔޮގުރަފީއަށް އޭނާގެ ދަރިން ވަރަށް ވެސް މުހިންމެވެ. ނައިބުތުއްތު ދަންނަ ގިނަ ބަޔަކު، މި ދަރިންނަކީ މިހާރު ކޮބައިކަން އެނގެން ބޭނުންވާނެއެވެ. ނުވަތަ އެނގުން މުހިންމުކަމުގާ ދެކޭނެއެވެ.

    (0)(0)
  13. އިބްރާ

    އަޅުގަނޑަށް އެނގިފައިވާގޮތުން ފުވައްމުލަކުން އިބްރާހިމް ފާމްދޭރި ކިލަގެފާނުގެ 08 ބޭފުޅުންނާއި ކައިވެނި ބައްލަވައިގެން 16 ދަރިން ލިބިވަޑައިގަތް

    (0)(0)