ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަހަރަކީ 1993 ވަނަ އަހަރެވެ. ތަނަކީ ލ. ފޮނަދުއެވެ. އަޅުގަނޑު އޭރު މަސައްކަތްކުރީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭރު ސީދާ ސަރުކާރުން ހިންގަވާ ސްކޫލްތަކުގެ ގޮތުގައި އަތޮޅުތަކުގައި ހުންނަ ސްކޫލްތައް ވަރަށް މަދެވެ. އެހެންކަމުން ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ގިނަ ޙަރަކާތްތައް ހިންގަނީ އަތޮޅުތަޢުލީމީ މަރުކަޒުގައެވެ.


މި ދެންނެވި ދުވަސްވަރު، އެއިޑްސް ބައްޔާމެދު މީހުން ހޭލުންތެރިކުރާނެ މީހުން ތަމްރީނުކުރުމަށް ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ފޮނަދޫގައި ބޭއްވި އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެންނެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތުދެއްވީ އެޑިޔުކޭޝަންގެ (އޭރުގެ) ސީނިއަރ ސްކޫލް ހެލްތު ސުޕަރވައިޒަރ އަލްފާޟިލް ޙުސައިން ރަޝީދެވެ. މި މަސައްކަތު ބައްދަލުވުމަށް ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްރަށުން ޓީޗަރުން ވަޑައިގަތެވެ.
ލ. އަތޮޅަކީ ބިޔަ ރަށްތަކެއް އޮންން، ގުޅިފައިވާ ސަރަހައްދު ބޮޑު އަތޮޅެކެވެ. އެހެންކަމުން އެއްގަމު އުޅަނދުތައް ވަރަށް ގިނަ އެވެ. ފޮނަދޫން އެހެން ރަށަކަށް އެއްގަމުމަގުން ދާނަމަ، ދުއްވާ އެއްޗެއް ބޭނުންވާނެ އެވެ.
އިސްވެދެންނެވުނު މަސައްތަކު ބައްދަލުވުމަށް ވަޑައިގަތް ޓީޗަރުންގެ ތެރޭގައި އެ ސަރަޙައްދަށް އަލަށް ވަޑައިގަތް ބޭފުޅުންވެސް ތިއްބެވިކަމަށް ވެއެވެ. އެހެންކަމުން އެއް ދުވަހަކު މަސައްކަތު ބައްދަލުވުމުގެ މެންދުރުފަހު ދަންފަޅި ނިންމައިލުމަށްފަހު ބައިވެރީންނަށް ސަރަޙައްދު ދައްކައިލުމަށްޓަކައި ކާރުގައި ގަމަށް ދިޔުމުގެ ޕްރޮގްރާމެއް ރޭވުނެވެ.
މި ދަތުރުގައި ބައިވެރިވެވަޑައިގަތީ މި ސަރަޙައްދަށް އަލަށް ވަޑައިގަތް ބޭފުޅުންނެވެ. އެހެންކަމުން 2 ކާރެއްގައި ދަތުރު ހަމަޖައްސައިލެވުނެވެ. 
ދަތުރުކުރަން ހަމަޖެއްސީ ވަރަށް ރީތި އާ 2 ކާރެކެވެ. އަމިއްލަ މީސް މީހުންގެ ކާރެވެ. ފޮނަދޫން ދަތުރު ފެށިތާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި ގަމުގެ އެންމެ އުތުރު އަވަށް ކަމަށް ވާ “ތުނޑި” އަށް ދެވިއްޖެ އެވެ. ކާރު މަޑުކޮށްލީ ގަމުގައި ހިންގާ ސައިހޮޓަލެއްގެ ކައިރިއަށެވެ. 
އެންމެން ފައިބައި ނިމުނު ފަހުން ފިރިހެން ޓީޗަރަކު ކާރުން ފައިބައިވަޑައިގަތުމަށް ޓަކައި ބޭރު ބައްލަވައިލައްވައިފައި ބައިބައިވަޑައިނުގެން ކާރުގައި މަޑުކުރައްވައިފި އެވެ. އެއީ ފިރިހެން ޓީޗަރެކެވެ. ވަގުތީ މުދައްރިސެކެވެ. ކިހިނެއް ވީތޯ ދެންނެވުމުން ވިދާޅުވީ އަޅުގަނޑުގެ ފައިވާނެއް ނެތޭ އެވެ. ފައިވާން ކޮބައިތޯ ދެންނެވުމުން ވިދާޅުވީ ތިމަންނަ ފައިވާން ބެހެއްޓީ ހަމަ ކާރު ކައިރީގައެވެ. ކާރުގެ އެތެރެ ރީތިކަމުން ފައިވާނާ އެކު ކާރަށް އަރާވަޑައިގަންނަވަން ކެރި ވަޑައިނުގަތީ އެވެ. އެކަމަކު މިހާރަކު ފައިވާނެއް ނެތެވެ. މި ވީ ގޮތް އެނގުނު ކަމަށް ވިޔަސް މެހުމާނުންގެ ޙުރުމަތަށް ޓަކައި އެކަކަށްވެސް ހޭކަށް ނުކެރުނެވެ. ދެން އަވަސްވެގަތީ ފިހާރައަކުން ފެންފައިވާނެއް ގަނެގެން އެ ޓީޗަރަށް ހަދިޔާކުރާށެވެ.
އެރޭ 8 ޖަހާލިހާއިރު އެނބުރި ފޮނަދުއަށް ދިޔައިރު، ޓީޗަރުގެ ފައިވާން، ހަމަ ބެހެއްޓިތާނގައި (ތަޢުލީމީ މަރުކަޒު ދޮރޯށި ކައިރީގައި) ހުއްޓެވެ. ނަސީބަކުން ފައިވާނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
4 Comments
  1. ޝާކިރު

    އަޒީ! ޒަމާނީކޮށް ދަންނަވަންޏާ ދެންނެވެނީ "ސަޅި" ލިޔުމެކޭ އެމަކު ފޮނިތޮށި ކާފޫރުތޮޅިން، މިއަށްވުރެ ދިގުކޮށްލެއްވިނަމައޭ ހިތަށްއެރި! ދަރުމަހުރި!

    (0)(0)
  2. ޢ. ޙިލްމީ

    ޢަޒީ ވިދާޅުވާ ތިޔަ ކަމެއް ހިނގި ދުވަސްވަރަކީ "ޗޯރީވާލާ" ރަސްމީކޮށް ފައިވާނަށް އެރި ދުވަސްވަރަކަށް ނުވަނީ ނޫންތޯ އެވެ. [އެރޭ 8 ޖަހާލިހާއިރު އެނބުރި ފޮނަދުއަށް ދިޔައިރު، ޓީޗަރުގެ ފައިވާން، ހަމަ ބެހެއްޓިތާނގައި (ތަޢުލީމީ މަރުކަޒު ދޮރޯށި ކައިރީގައި)] ހުރީ އެހެންވީމަ އެވެ.

    މިހާރު ފައިގަ ހުއްޓައި ވެސް ފައިވާން ގެއްލެނީ އެވެ. މަތިވެރި ﷲގެ ގެކޮޅު ކަމަށްވާ މިސްކިތްތަކަށް ނަމާދަށް އަރާ މީހުން ނަމާދުން ނިމިގެން މިސްކިތުން ފައިބާ އިރު ވެސް ފައިވާން ގެއްލެނީ އެވެ. މިހެންވަނީ "ޗޯރީވާލާ" ރަސްމީކޮށް ފައިވާނަށް އަރަން ފެށުމުންނެވެ.

    (0)(0)
  3. kކިޔުންތެރިއެއް

    😆

    (0)(0)
  4. ކިޔުންތެރިއެއް

    😆

    (0)(0)