ޢަބުދުﷲ ޙިލްމީ
މިލިޔުމުގައި "ވާރުލޫ" "ދިޔަމިގިލި" އަދި "އިސްދޫ" ދަރިކޮޅުގެ ބައެއް ޢާއިލީ ވަނަވަރުތައް ލިޔެފައި ހުންނާނެއެވެ. މިހެންވުމުން މިދަރިކޮޅުތަކުގެ އެ ވަނަވަރު ބެއްލެވުމަށް ނުވަތަ ހޯއްދެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިލިޔުމުން އެހީތެރިކަމެއް ލިބިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. މިލިޔުމުގައިވާ "ކިލެގެފާނަކީ" ދިޔަމިގިލީ ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. 

ކާބަފައިންގެ ދުވަސްވަރު ފޯރުންތެރިކަން ހުރި ބައެއް ގޭގެ ބޭނުންތެރި އެކި އެއްޗެހި ބެހެއްޓޭގޮތަށް އެ ގެއެއްގެ ބިތުގައި ފިލައެއް ހަރުކޮށްފައި ހުރެއެވެ. އެދުވަސްވަރު އެއަށް ކިޔައި އުޅުނީ “މަތާރަންފިލާ” އެވެ. އޭގެ ބަދަލުގައި އެބޭނުމަށް ގޭގޭގައި މިހާރު ހުންނަނީ ކޮން އެއްޗެއްކަމެއް އެއަށް ކިޔަނީ ކޮން ނަމެއްކަން އަޅުގަނޑަކަށް ނޭނގެއެވެ. މިދެންނެވި “މަތާރަންފިލާ” ހުންނަނީ އެފިލައިގެ މަތީގައި ބަހައްޓާފައި ހުންނަ އެއްޗެހި ހޭވަރިކަން ނުވާ އުމުރުގެ ކުދިންނަށް ފަސޭހައިން ނުނެގޭނޭ އުސްމިނެއްގަ އެވެ. އެހެންވުމުން މިފިލާގައި ހުންނަ އެއްޗިއްސާއި އެ ގެއެއްގެ ކުދިވެރިން ބެހި އެތަކެތި ނަގައި ނޫޅޭނެއެވެ. ކުޑަކުދިން ނަގައި އުޅުމުން އެ އެއްޗެއް ފިޔަވައި އެކުދިންނަށް ވެސް ގެއްލުމެއްވެދާނޭ އެއްޗެހި ބައެއްފަހަރު އެ ފިލާގައި ހުރެއެވެ. 

މަތާރަންފިލާ މަތީގައި ދެ އެއްޗެއް ހުންނަކަމަށް ބެލެވެއެވެ. އެކައްޗަކީ ތަކެއްޗެވެ. އަނެކައްޗަކީ ލިޔެފައިވާ ލިޔުންތަކެވެ. މަޢުލޫމާތެވެ. ދުވަސް ދުވަސްކޮޅުން އެ އެއްޗެހި ފޮޅައި ސާފު ނުކުރާނަމަ އެ އެއްޗިހި ހުންނާނީ ހިރަފުސް ބުރައި ނުސާފުވެފައެވެ. މިގޮތަށް ވާނެ އެއްޗެއް ވާން ފަރުވާކުޑަކޮށް ދޫކޮށްލެވޭ މަޢުލޫމާތެއްގައި އެންމެފަހުން ކަތުރުފަނި އަޅައި އޭގެ ޝިކާރައަކަށް ވެއްޖެނަމަ ދެން އެ އެއްޗެއްގެ ބޭނުމެއް ނުހިފޭނެއެވެ. ހަލާކުވެ ނެތިދާނެއެވެ. އެހެންވީމާ “މަތާރަންފިލާ”ގައި ހުންނަ ތަކެތި ފޮޅައި ސާފުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަން ކުރަންޖެހެނީ އެ އެއްޗިއްސާއި އޭގެ ބޭނުންކުރަން ޖެހޭ ބަޔަކަށްޓަކައެވެ. އެހެންނޫންނަމަ ކޮންމެހެން އެއްވެސް އެއްޗެއް “މަތާރަންފިލާ”ގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ބަހައްޓަންވަނީ ކުނި ވަށީގައެވެ. އަވަހަށް އުކާލެވޭނީ ވެސް އޭރުންނެވެ.

މިލިޔުމުގައިވާ މަޢުލޫމާތަކީ މިވަގުތަށް އަޅުގަނޑަށް ވާން އޮތް ވަރަކުން ހިރަފުސް ފޮޅައި ސާފުކުރެވޭތޯ ބަލާފައިވާ މަޢުލޫމާތެވެ. އަޅުގަނޑަށް މިކަން ކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ އެހެން ބޭފުޅުން ވެސް މިކަމާއި އުޅުއްވުމަކީ ނެތްކަމެއް ނޫނެވެ. އޮތް ކަމެކެވެ. އެންމެންގެ ކަމެއްގެ ގޮތަށެވެ. މިއީ އެކަހަލަ ކަމެއް ނޫންތޯއެވެ. މީހަކު ދުނިޔޭގައި ކުރަންޖެހޭ ކޮންމެކަމަކީ އެކަމެއްގައި އޭނާއަށް މާލީ މަންފާއެއް ލިބުން ކޮންމެހެން ލާޒިމްކަމެއް ނޫނެވެ. މިހެނީ އެއީ ދުނިޔެ “ތަޢުމީރު” ކުރުމުގެ ބަޔެކެވެ. ކުރަންޖެހޭ ކަމެކެވެ. ދުނިޔެ “ތަޢުމީރު” ކުރުމުގެ ބައިގައި މިކަން ހިމެނިފައިނުވާނަމަ އަދި މީހަކު ކުރާ ކޮންމެކަމަކީ އޭނާއަށް މާލީ މަންފާއެއް ލިބުން ލާޒިމްކުރާ ކަމަކަށް ވާނަމަ އެމީހަކު ދުނިޔެ ދޫކޮށް ދާއިރު އެމީހަކަށް ގެންދެވޭނޭ ހާދަ ތަކެއްޗަކާއި ފައިސާއެއް ވެސް ހުރީހެވެ. އެކަމަކު އެކަން އެގޮތަކަށް ނެތެއް ނޫންތޯއެވެ.

ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޢިލްމުވެރި އަދި ވަރަށްމޮޅު ބޭސްވެރިއެކެވެ. ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އެ ޢާއިލާގެ ގިނަ ބޭފުޅުންނަކީ ވެސް މަތިމަތިކޮޅުން ފެށިގެން ޢިލްމުވެރި މޮޅު ބޭސްވެރިންނެވެ. އަދި މިބޭފުޅުންނަކީ ރައްޔިތުންގެ ގިނަ ބަޔަކަށް ޚާއްޞަކޮށް އައްޑޫ ހުވަދޫ ފުވައްމުލައް ފިޔަވައި މާލެއާ އެހެން ބައެއް އަތޮޅުތަކުގެ ވަރަށް ގިނަ ބަޔަކަށް އެބޭފުޅުންގެ ބޭސްވެރިކަން ނޫނަސް މަންފާކުރަނިވި އެހެނިހެން ކަންކަން ވެސް ފޯރުކޮށްދެއްވި ޚިދުމަތްތެރި ބޭފުޅުންނެވެ. އެކަންއޮތީ އެހެންކަމަށްވާއިރު މިފަދަ ބޭފުޅުންގެ ޛިކުރާއަކީ އައުކުރެވޭ އެއްޗަކަށްވާން ޖެހެއެވެ. އެފަދަ ކަންކަން އޮޅިގެން ދިޔަދީގެން ނުވާނެއެވެ. މިކަމަށްޓަކައި މިފަހަރު މިކަމާއި އުޅެވޭ އަޅުގަނޑަކީ ހުވަދޫ މީހެކޭ ބުނެވޭއިރު ފުވައްމުލަކު ބޭފުޅެއްގެ ކަމަކާއި ތެދުވަން އެންމެއެކަށޭނަ މީހަކީ އަޅުގަނޑުތޯ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދުމަކީ ވެދާނެ ކަމެއްކަން އަޅުގަނޑަށް އެނގެއެވެ. އެހެންވީމާ އެއްވެސް ދޮގެއްނެތި އޭގެ ތެދު ޖަވާބެއް އަރުވަންޖެހޭނަމަ އެރުވޭނެ ޖަވާބަކީ އަޅުގަނޑަކީ ފުވައްމުލައް، އައްޑޫ، އަދި ހުވަދޫގެ ވެސް މީހެއްކަމަށެވެ. 

މިލިޔުމުގެ މައިގަނޑު ނަން ނިސްބަތްވާ ފަރާތާއި ގުޅުންހުރި ބައެއް ކަންކަމަށް ބަލައިލަމާތޯއެވެ. ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނުގެ އެވެ. 

  

ވައުރުލު (ހުވަދުއަތޮޅު ވާރުލޫ) ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކު ފުވައްމުލަކަށް ވަޑައިގެން ކައިވެނިކުރެއްވީ އެރަށު ބަނޑިޔައި ޙައްވާ ކަނބުލޭގެފާނާ އެވެ. އޭގެފަހުން އެބޭފުޅުން ދިރިއުޅުއްވުމަށް މުލަކުގައި އެޅުއްވި ގެޔަށް ކިޔަނީ “ދިހެރޭމަގު” އެވެ. މި ދެމަފިރިންނަށް ލިބިވަޑައިގަތް ބޭފުޅުންނަކީ ދޮންމަނިކާ ނުވަތަ މުޙައްމަދު މަނިކު، (ފަހުން މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު) ފާޠިމާ މަނިކެ،  ޢާއިޝާ މަނިކެ،  އަދި މަރިޔަމް މަނިކެ މި 4 ބޭފުޅުންނެވެ. މިހުރިހާ ބޭފުޅުންގެ ވެސް ނަމުގެ ކުރިޔަށް އެބޭފުޅުންގެ ޢާއިލީގޭގެ ނަން ކިޔައިއުޅެއެވެ. “ދިހެރޭމަގު” ދޮންމަނިކާ “ދިހެރޭމަގު ފާޠިމާ މަނިކެ” މިހެންނެވެ. 

ދޮން ޢަލިމަނިކުގެ އަނބިކަނބަލުންނަށް “ކަނބުލޭގެފާނު”ގެ ދަރަޖަ ނުވަތަ މަޖިލީހަށް އެރުވުމުގެ ދަރަޖަ ދެއްވީ އެ ދެމަފިރިކަނބަލުންގެ ކައިވެންޏަށްފަހު ދޮން ޢަލިމަނިކުގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ. އޭނާގެ އަނބިކަނބަލުންނަށް އެ ދަރަޖަ ދެއްވީ މުސްކުޅި ބަންޑާރައިން އެކަމަށް ބޭނުންފުޅުވެގެންނެވެ.

(މަޖިލީހަށް އެރުވުމަކީ އިހުގައި ދައުލަތުން ދެއްވާ ވަކި ދަރަޖައެއް ލިބުމެވެ. މިދަރަޖަ ލިބިފައި ތިބޭ ފިރިހެނުންނަށް ޢާއްމުގޮތެއްގައި ކިޔައި އުޅެނީ ކަލޭގެފާނެވެ. އަންހެނުންނަށް ކަނބުލޭގެފާނެވެ. އެމީހަކަށް ކިޔަމުން އައި ނަމެއްގެ ފަހަތަށް ދަރަޖައިގެ ނަން އާދެއެވެ. ޙަސަން ކަލޭގެފާނު، މަރިޔަމް ކަނބުލޭގެފާނު މިގޮތަށެވެ. ނަމަވެސް ދީދީ ނުވަތަ މަނިކު ނުވަތަ ތުއްތު ކިޔާމީހަކު މަޖިލީހަށް އަރުވައިފިނަމަ އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެ ކަމަށް ލިޔުންތަކުން ފެނެއެވެ.) 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަށް 4 ކައިވެނިން 10 ބޭފުޅުން ލިބިވަޑައިގަތެވެ. ހިރިހަމައިދި ކަލޭގެފާނު ފުރަތަމަ ކައިވެނިކުރެއްވީ ކިލެގެފާނުގެ ޙަސަންދީދީގެ “ފެނާތުރު” ދޮންދީދީ އާ އެވެ. “ފެނާތުރު” މިއީ ގޭގެ ނަމެވެ. ލިބިވަޑައިގަތީ މަރިޔަމްދީދީ އެވެ.

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ދެވަނައަށް ކައިވެނިކުރެއްވީ ފުނާޑު ގަނޑުވަރު ދޮންދީދީ ނުވަތަ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ އެވެ. ލިބިވަޑައިގަތީ ވާރު ޢަލިދީދީ،  އަޙުމަދުދީދީ،  މޫސާދީދީ،  އިބްރާހިމްދީދީ،  އަދި ޙަސަންދީދީ އެވެ.

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ތިންވަނައަށް ކައިވެނިކުރެއްވީ މާދަޑު ކެޔޮޅުގެ ޙުސައިން ތައްޚާނުގެ ޢާއިޝާ މަނިކެ އާ އެވެ. ލިބި ވަޑައިގަތީ ޙައްވާ މަނިކެ އެވެ. (މި ދަރިކޮޅުވަނީ މާލޭގައެވެ.)

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ހަތަރުވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ދޮންދީދީގެ އެޅަތޮށިގޭ ޙަސަންދީދީގެ ޢާއިޝާދީދީ އާ އެވެ. ލިބިވަޑައިގަތީ ޢަބުދުﷲ ދީދީ، އިސްމާޢީލްދީދީ، އަދި ތުއްތުދީދީ އެވެ. މިބޭފުޅުންގެ ނަމުގެ ކުރިޔަށް އެބޭފުޅުންގެ ޢާއިލީގެ “އައްޑޫގެ” ކިޔައެވެ.

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ދަރިކަލުން އައްޑޫގޭ ޢަބުދުﷲ ދީދީ ފުރަތަމަ ކައިވެނިކުރެއްވީ އައްޑޫ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ދޮންދީދީގެ މަރިޔަމްދީދީއާ އެވެ. މި ދޮންދީދީގެ މަންމައަކީ ކިލެގެފާނުގެ ޢާއިޝާދީދީގެ މީދޫ ގަނޑުވަރު އަޙުމަދުދީދީގެ ޙައްވާދީދީ އެވެ. މިމަރިޔަމްދީދީގެ ބައްޕައަކީ ކިލެގެފާނުގެ އާމިނާދީދީގެ ބެރިމަގު ޢަލިދީދީއެވެ. ލިބިވަޑައިގަތީ އިބްރާހިމްދީދީ އެވެ. އިބްރާހީމްދީދީގެ ޢާއިލާ އެބައޮތެވެ. 

އައްޑޫގޭ ޢަބުދުﷲ ދީދީ ދެވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ޢާއިޝާދީދީގެ ދޮންދީދީ (ކޮނޑޭދީދީ)ގެ އިބްރާހިމްދީދީގެ ޚަދީޖާދީދީ (ދެއްވަދޫ ގަނޑުވަރުދީދީ)ގެ އިސްމާޢީލްދީދީގެ މުޙައްމަދު ދީދީގެ އާމިނާދީދީ އާ އެވެ. ލިބިވަޑައިގަތް ބޭފުޅަކީ ފާޠިމާދީދީ އެވެ. ފާޠިމާދީދީ ދުނިޔެ ދޫކުރެއްވި އިރު އޭނާ އާ ކައިވެނިކުރައްވައިގެން ހުންނެވީ ފުވައްމުލަކު “ވިއުޕާރކް” ޢަދުނާނު އިބްރާހިމްދީދީ (މާދަޑުބޭގެ އިބްރާހިމްދީދީގެ ޢަދުނާނު އިބްރާހިމްދީދީ) އެވެ. 

އައްޑޫގޭ ޢަބުދުﷲ ދީދީ ތިންވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ މަރިޔަމް ޙަސަން(ރެކިދައްތަ) އާ އެވެ. ލިބިވަޑައިގަތީ މުޙައްމަދު ދީދީ،  ފާޠިމާދީދީ، ޙަސަންދީދީ، އަދި އަޙުމަދުދީދީ އެވެ. މި ބޭފުޅުންގެ ޢާއިލާ ފުވައްމުލަކުގައި އެބަ އޮތެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ “ދިހެރޭމަގު” ފާޠިމާ މަނިކެ އާ ކުރިން ކައިވެނިކުރެއްވީ ޤާޟީ އިބްރާހިމް މަޖުދުއްދީނެވެ. ލިބިވަޑައިގަތީ އައްނާއިބު މުޙައްމަދު މަނިކު، ކަތްދާ މަނިކެ، ޙުސައިން މަނިކު، މި 3 ބޭފުޅުންނެވެ. ފާޠިމާ މަނިކެގެ ނަމުގެ ކުރިއަށް “ދަފަގެދަރު” ކިޔަން ފެށުނީ ޤާޟީ އިބްރާހިމް މަޖުދުއްދީނަށް ފަހު ފާޠިމާ މަނިކެ އާ ކައިވެނިކުރެއްވި ކިލެގެފާނުގެ އަޙުމަދުދީދީ އާ ފާޠިމާ މަނިކެ އާ ދެމަފިރިކަނބަލުން ތިއްބެވުމަށް އެޅުއްވި ގެއަށް “ދަފަގެދަރު” ކިޔުމުންނެވެ. އޭގެ ކުރިން ފާޠިމާ މަނިކެގެ ނަމުގެ ކުރިއަށް ކިޔައި އުޅުނީ އެ ބޭފުޅުންގެ ޢާއިލީ ގެ ކަމަށްވާ “ދިހެރޭމަގު” އެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ “ދިހެރޭމަގު” ފާޠިމާ މަނިކެ އާ ޤާޟީ އިބްރާހިމް މަޖުދުއްދީންގެ ފަހުން ކައިވެނިކުރެއްވީ ކިލެގެފާނުގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ އާމިނާދީދީ، އަދި ޢާއިޝާދީދީ އެވެ.

ޢާއިޝާދީދީ އާ ކައިވެނިކުރެއްވީ ކިލެގެފާނުގެ މުޙައްމަދުދީދީގެ އިބްރާހިމްދީދީގެ ކަރެއްޔަ މުޙައްމަދުދީދީ އެވެ. އާމިނާދީދީ އާ ކައިވެނިކުރެއްވީ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތީ ދަފަގެދަރު ބޮޑު ޢަލިދީދީ އާ ދަފަގެދަރު ޢާއިޝާދީދީ އެވެ. 

މިކައިވެނިތަކުގައި މި ބޭފުޅުން ތިއްބަވަނިކޮށް އާމިނާދީދީ އަވަހާރަވީއެވެ. އަވަހާރަވީއިރު އާމިނާދީދީ އާ ފިރިކަލުން ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ އާ ދެމަފިރިކަނބަލުންގެ 2 ބޭފުޅުން ތިއްބެވުމުން އެބޭފުޅުން ރަނގަޅަށް ބެއްލެވުމުގެ ގޮތުން ނަމަވެސް (އާމިނާދީދީގެ ދައްތަ ޢާއިޝާދީދީ ކަރެއްޔަ މުޙައްމަދުދީދީގެ އަރިހުން ވަރިކުރުއްވައިގެން) ޢާއިޝާދީދީ އާ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރެއްވިއެވެ. މިކައިވެނިކުރެއްވި އިރު ކަރެއްޔަ މުޙައްމަދު ދީދީ އާ ޢާއިޝާދީދީ އާ ދެމަފިރިކަނބަލުންގެ ފިރިހެން 1 ބޭފުޅަކު ހުންނެވިއެވެ. އެއީ މަޝްހޫރު ދަފަގެދަރު ކުޑަ ޢަލިދީދީ އެވެ. އެކައިވެނިން މި އަޙުމަދުދީދީ އާ ޢާއިޝާދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތީ ދަފަގެދަރު މަރިޔަމްދީދީ އަދި ދަފަގެދަރު ފާޠިމާދީދީ އެވެ.

(“ދިހެރޭމަގު” ފާޠިމާ މަނިކެ އާ ކިލެގެފާނުގެ އަޙުމަދުދީދީ އާ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ ތެރެއިން ޢާއިޝާދީދީގެ 3 ބޭފުޅުންގެ ވެސް ދަރިފަސްކޮޅެއް ނެތެވެ.) 

ޤާޟީ އިބްރާހިމް މަޖުދުއްދީން އާ “ދިހެރޭމަގު” ފާޠިމާ މަނިކެގެ ދަރިކަލުން އައްނާއިބު މުޙައްމަދު މަނިކު ކައިވެނިކުރެއްވީ ކިލެގެފާނުގެ އަޙުމަދުދީދީގެ ދޫނޑޭރެ ޢަލިދީދީ އާ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތް އާމިނާދީދީ އާ އެވެ. (މި އާމިނާދީދީ ގެ މަންމަ ދޮންދީދީ އާ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ކައިވެނިކުރެއްވީ ދޫނޑޭރެ ޢަލިދީދީ އަވަހާރަވުމުންނެވެ. މިއީ ހިރިހަމައިދި ކަލޭގެފާނު 2 ވަނައަށް ކައިވެނިކުރައްވައިގެން 5 ބޭފުޅުން ލިބިވަޑައިގަތް އަނބިކަނބަލެކެވެ.)

އައްނާއިބު މުޙައްމަދު މަނިކާއި އާމިނާދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތީ ޢަލިދީދީ، އަޙުމަދުދީދީ، ފާޠިމާދީދީ، ޢާއިޝާދީދީ، އަދި އިބްރާހީމް ފަހުމީދީދީ (ދޮން ތުއްތުދީދީ) އެވެ. މިބޭފުޅުންގެ ނަމުގެ ކުރިއަށް “ދޫނޑޭރެ” ކިޔައި އުޅެއެވެ. އެއީ މިބޭފުޅުންގެ މަންމަ އާމިނާދީދީ އަކީ ކިލެގެފާނުގެ އަޙުމަދުދީދީގެ “ދޫނޑޭރެ” ޢަލިދީދީގެ ބޭފުޅަކަށް ވުމުންނެވެ. “ދޫނޑޭރެ” އަކީ ޢަލިދީދީގެ މަންމަގެ ގެއަށް ކިޔާ ނަމެވެ. (ދޫނޑޭރެ އަޙުމަދުދީދީގެ ދޮންދީދީގެ ދަރިކަލަކީ މ. ސީނާ އަޙުމަދު ޒާހިރެވެ.)

“ދޫނޑޭރެ” މި ހުރިހާ ބޭފުޅުންގެ މަންމަ އާމިނާދީދީ އަކީ ހިރިހަމައިދި ކަލޭގެފާނުގެ ބޭފުޅުންކަމަށްވާ ވާރު ޢަލިދީދީ،   އަޙުމަދުދީދީ،  މޫސާދީދީ،  އިބްރާހިމްދީދީ،  އަދި ޙަސަންދީދީ ގެ ވެސް އެއްބަނޑު ދައްތައެވެ. އާމިނާދީދީގެ ބައްޕައަކީ ކުރިން ދެންނެވިހެން “ދޫނޑޭރެ” ޢަލިދީދީ އެވެ. މި ހުރިހާ ބޭފުޅުންގެ މަންމައަކީ ވެސް ފުނާޑި ގަނޑުވަރު ދޮންދީދީ ނުވަތަ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީއެވެ. ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ ކިލެގެފާނުގެ އަޙުމަދުދީދީގެ ދޫނޑޭރެ ޢަލިދީދީ އާއި ދެބޭފުޅުން ކައިވެނިކުރެއްވުމުގެ ކުރިން މި ޢަލިދީދީ ކައިވެނިކުރެއްވީ އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނުގެ މުޙައްމަދުދީދީގެ ޙުސޭންދީދީގެ ވަލުދަޑު މަރިޔަމްދީދީ އާ އެވެ. ލިބިވަޑައިގަތީ ޙައްވާދީދީ، ފާޠިމާދީދީ އެވެ. ހުވަދޫ ކަނޑުހުޅުދޫ ކުރީގެ ކަތީބު އިބްރާހިމްދީދީ އަކީ މި ޙައްވާދީދީގެ ޢަލިދީދީގެ ބޭފުޅެކެވެ. ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސޭންދީދީގެ ބައްޕައަކީ މި ޢަލިދީދީގެ ޙުސޭންދީދީއެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ “ދިހެރޭމަގު” ޢާއިޝާ މަނިކެ އާ ކައިވެނިކުރެއްވީ ފުވައްމުލަކު ޙަސަން މާރާދަ ކަލޭގެފާނެވެ. މިބޭފުޅުން ދިރިއުޅުއްވި ގެ އެޅުއްވީ ކުރިން “އަލްގެދަރު” ގެ ހުރި ހުސް ބިމުގައިކަމަށް ވާތީ މި އެޅުއްވި ގެއަށް ކިޔަނީ ވެސް “އަލްގެދަރު” އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ ސަންފާ މަނިކެ، ފާޠިމާ މަނިކެ، ދޮން މަނިކެ، އެޅަ މަނިކެ، އަޙުމަދު ތައްޚާނު، އަދި ޢަލި ތައްޚާނެވެ. މިބޭފުޅުންގެ ނަން ކިޔާއިރު ނަމުގެ ކުރިއަށް މިބޭފުޅުންގެ ޢާއިލީ ގެ “އަލްގެދަރު” ކިޔައި އުޅެއެވެ.

“ދިހެރޭމަގު” ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ފުރަތަމަ ކައިވެނިކުރެއްވީ ކިލެގެފާނުގެ އާމިނާދީދީގެ ބެރިމަގު އިބްރާހިމްދީދީ އެވެ. ލިބިވަޑައިގަތީ މަރިޔަމްދީދީ، ޙުސޭންދީދީ، މުޙައްމަދުދީދީ އެވެ. (ހުވަދުއަތޮޅުގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ ހުވަދޫ ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސަކީ ފަހުން މިދެންނެވި މުޙައްމަދުދީދީގެ ފާޠިމާދީދީގެ ބޭފުޅެކެވެ.) 

“ދިހެރޭމަގު” ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ދެވަނައަށް ކައިވެނިކުރެއްވީ އައްޑޫ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނެވެ. ލިބިވަޑައިގަތީ އާމިނާ މަނިކެ އެވެ. އާމިނާ މަނިކެ އާ ފުވައްމުލަކު މަހަމުދޭ ކަލޭގެ ގެ މުޙައްމަދު ތައްޚާނާ ކައިވެނި ކުރައްވައިގެން އަޙުމަދު މަނިކު، ފާޠިމާ މަނިކެ (ޏ. މަރުޖާނުގެ) މަރިޔަމް މަނިކެ ލިބިވަޑައިގަތެވެ. މިބޭފުޅުންގެ ނަން ކިޔާއިރު މިބޭފުޅުންގެ ޢާއިލީ ގޭގެ ނަން “މަހަމުދޭކަލޭ ގެ” ކިޔައި އުޅެއެވެ. ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނު، ހުޅުދޫ އަތިރަގޭ ކަތްދާފާނާއި ކައިވެނިކުރެއްވީ “ދިހެރޭމަގު” ޢާއިޝާ މަނިކެގެ ސަންފާ މަނިކެއަށް ވުރެ ފަހުންނެވެ. 

   

“ދިހެރޭމަގު” ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ތިންވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ މުޙައްމަދުދީދީގެ ފެންފުށީ ގަނޑުވަރު ޢަލިދީދީ އެވެ. ލިބިވަޑައިގަތީ އިބްރާހިމްދީދީ އެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ “ދިހެރޭމަގު” މަރިޔަމް މަނިކެއަށް 1 ކައިވެނިން 1 ބޭފުޅަކު ލިބިވަޑައިގަތެވެ. ދަރިކޮޅު އެބަ އޮތެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ 10 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންކަމަށްވާ ޙަސަންދީދީ އާ އިސްމާޢީލްދީދީގެ ދަރިފަސްކޮޅު ނެތެވެ. އަނެއް 8 ބޭފުޅުންގެ ދަރިފަސްކޮޅު އެބަ އޮތެވެ. މަރިޔަމްދީދީ ދިރިއުޅުއްވި ގެއަކީ ފުވައްމުލަކު “މުދިންގެ” ފަހުން “ދޯބެއަގެ” އެވެ. ވާރު ޢަލިދީދީ ދިރިއުޅުއްވީ “ބޮޑުވާރުގޭ”ގަ އެވެ. ފަހުން “ކަރާންގޭ”ގަ އެވެ. އަޙުމަދުދީދީ “ދަފަގެދަރު” އެވެ. މޫސާދީދީ “ހުވަނދަގެ” އެވެ. އިބްރާހިމްދީދީ “ކަނދު މައުގަނޑު”ގަ އެވެ. ޙަސަންދީދީ “ވާރުގޭ”ގަ އެވެ. ޢަބުދުﷲ ދީދީ، އިސްމާޢީލްދީދީ، ތުއްތުދީދީ ދިރިއުޅުއްވީ “އައްޑޫގޭ”ގައެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ ފާޠިމާ މަނިކެގެ 5 ބޭފުޅުންގެ ތެރެއިން ޢާއިޝާދީދީގެ ދަރިފަސްކޮޅު ނެތެވެ. މި ބޭފުޅުންގެތެރެއިން މުޙައްމަދު މަނިކު (ދޮންމަނިކު) ދިރިއުޅުއްވީ “ދޫނޑޭރެ”ގައެވެ. ކަތްދާ މަނިކެ އައްޑޫ މީދޫ “އެޅަގެ”ގައެވެ. އެޅަ މަނިކު ފުވައްމުލަކު “ތުއްބީގެ” (“ތުއްބީފާނިން ގެދަރި”) މި ގޭގޭގަ އެވެ. ފާޠިމާ މަނިކެގެ 5 ބޭފުޅުންގެ ތެރެއިން ކަތްދާ މަނިކެ އާ ކައިވެނިކުރެއްވީ އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީގެ އެޅަގޭ ޢަބުދުﷲ ދީދީ އެވެ. (ކަތްދާ މަނިކެގެ ދަރިފަސްކޮޅަށް ބަލާއިރު އެދަރިކޮޅުގައި ތަޢުލީމީ ވަރަށް ޤާބިލް ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރޭ ޕީ.އެޗް.ޑީ އަދި މާސްޓަރޒް ގެ ބޭފުޅުން ވެސް ހިމެނެއެވެ.) 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ ޢާއިޝާ މަނިކެގެ ބޭފުޅުން ތިއްބެވީ ފާޠިމާ މަނިކެ “ހުވަނދަގެ” އެހެންބޭފުޅުން “އަލްގެދަރު” ގަ އެވެ. މި ބޭފުޅުންގެ ތެރެއިން ދަރިކޮޅުފަސްކޮޅު އޮތީ ސަންފާ މަނިކެ، ފާޠިމާ މަނިކެ، ދޮންމަނިކެ، އަދި އެޅަ މަނިކެ، މި 4 ބޭފުޅުންގެ އެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މަރިޔަމް މަނިކެގެ 1 ބޭފުޅެއްގެ ދަރިފަސްކޮޅު އެބަ އޮތެވެ. އޭނާ ދިރިއުޅުއްވީ ފުވައްމުލަކު “ދިހެރޭމަގު” ގައެވެ.

ނޯޓެއް:

ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު ދިހެރޭމަގު (ދަފަގެދަރު) ފާޠިމާ މަނިކެގެ ދަރިކަލެއްކަމަށް ބައެއް ލިޔުންތަކުގައި ލިޔެފައި ހުރުމުން އެކަމުގެ ސަބަބުން ވަރަށްގިނަ ބޭފުޅުންނަށް ބޮޑެތި އޮޅުންތައް އަރައެވެ. އެއީ ރަނގަޅަށް ލިޔެފައިވާ ޢާއިލީ ވަނަވަރެއް ނޫނެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިކަމާއިބެހޭ ބައެއް ނުކުތާ ދަންނަވައިލާނަމެވެ. 

1. ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ މުލަކު ދިހެރޭމަގު (ދަފަގެދަރު) ފާޠިމާ މަނިކެގެ ދަރިކަލެއް ނޫންކަން އެނގޭ އެންމެބޮޑު ހެއްކަކީ ފާޠިމާ މަނިކެ އާ ކިލެގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރެއްވައިގެން ލިބިވަޑައިގަތް އާމިނާދީދީ އާ އަދި ޢާއިޝާދީދީ އާ ދެ ބޭފުޅުންނާ އެއްބޭފުޅަކަށް ފަހު އަނެއް ބޭފުޅަކާ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް ކަމެވެ. މިލިޔުމުން އެކަން އެނގޭނެއެވެ. ހިރިހަމައިދި ކަލޭގެފާނަކީ “ދިހެރޭމަގު” ފަހުން “ދަފަގެދަރު” ފާތިމާ މަނިކެގެ ބޭފުޅަކަށް ވާނަމަ އެއީ ނުކުރެވޭނޭ ކަމެކެވެ. ބައްޕަޔާއި އެއްބަނޑު އަންހެނުންނާއި އެ ބައްޕަގެ ދަރިންނަކަށް ކައިވެނި ނުކުރެވޭނެއެވެ. އެކައިވެނި ކުރެވުނީ ދެބެންގެ ދެދަރި ބޭފުޅުންނަށް ވުމުންނެވެ. ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނާ ފުވައްމުލަކު ދިހެރޭމަގި (ދަފަގެދަރު) ފާޠިމާ މަނިކާ މިއީ އެއްބަނޑު އެއްބައްޕަ ދެ ބޭފުޅުންނެވެ.

2. ދަރިކޮޅުތަކުގެ (ޚާއްޞަކޮށް އައްޑޫ ފުވައްމުލަކުގެ) މަޢުލޫމާތު މުއްސަނދި 3 ބޭފުޅުންކަމަށްވާ ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީ އާ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު “ދިހެރޭމަގު” ފަހުން “ދަފަގެދަރު” ފާތިމާ މަނިކެ އާ ދެމަފިރިކަނބަލުންގެ ޢާއިލާގެ ބޭފުޅެއްކަމަށްވާ މީދޫ ޢަންބަރީވިލާ އަޙުމަދު ނާޞިޙު އާ އަދި ޤާޟީ އިބްރާހިމް މަޖުދުއްދީނާއި ހުޅުދޫ އަތިރަގޭ އާމިނާ މަނިކެފާނާ ދެމަފިރިކަނބަލުންގެ ޢާއިލާގެ ބޭފުޅެއްކަމަށްވާ އިޔާޒު ނަސީމު ވެސް ވިދާޅުވަނީ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު ދަފަގެދަރު ފާތިމާ މަނިކެ އާ ދެމަފިރިކަނބަލުންގެ ދަރިކަލެއް ނޫން ކަމަށެވެ. އެއީ ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކު ފުވައްމުލަކަށް ވަޑައިގެން ކައިވެނިކުރެއްވި އެރަށު ބަނޑިޔައި ޙައްވާ ކަނބުލޭގެފާނާ ދެމަފިރިކަނބަލުންގެ ބޭފުޅެއްކަމަށެވެ. ހިރިހަމައިދި ކަލޭގެފާނަކީ “ދިހެރޭމަގު” ފަހުން “ދަފަގެދަރު” ފާތިމާ މަނިކެގެ އެއްބަނޑު އެއްބައްޕަ ބޭބެ ކަމަށެވެ. 

3. ހުވަދޫ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ އެކިއެކި ޢާއިލީ ވަނަވަރުތައް ލިޔުއްވާއިރު އޭނާ ހިމެނޭ ޢާއިލާއެއްގެ ބަޔަކާ ޢާއިލީގޮތުން އެހެންބަޔެއް ގުޅޭނަމަ (އެބަޔަކާއި ޙަސަން ޙިލްމީ އާ ތިމާގެނޫން ވިޔަސް) އެބަޔެއްގެ ވަނަވަރު ވެސް ސައިޑް ފެމިލީއެއްގެ ގޮތަށް ލިޔުއްވާފައި ހުރެއެވެ. އެހެންނަމަވެސް ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހިމް މަޖުދުއްދީނާ “ދިހެރޭމަގު” ފަހުން “ދަފަގެދަރު” ފާތިމާ މަނިކެގެ ބޭފުޅެއްކަން އެނގޭނޭ އެއްވެސް ލިޔުމެއް އޭނާ ލިޔުއްވާފައި ނުވެއެވެ. އެކަމެއް ފެންނާކަށް ނެތެވެ. އޭގެ ބައެއް ކަންކަން ދަންނަވައިލާނަމެވެ.

(ހ) ޤާޟީ އިބްރާހީމް މަޖުދުއްދީނާއި ހުޅުދޫ އަތިރަގޭ އާމިނާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅުންނަކީ ދެށިނާގޭ އަލްޤާޟީ އިސްމާޢީލް ބަހާއުއްދީނާއި، ދެށިނާގޭ އައްނާއިބު ޢަލި މަނިކާއި، ދެށިނާގޭ މޫސާ މަނިކާއި، ދެށިނާގޭ (ފާޠިމާ) ދޮންމަނިކެ އާއި، ދެށިނާގޭ ޙައްވާ މަނިކެ އާއި، ދެށިނާގޭ އައްނާއިބު އަޙުމަދު މަނިކާއި، އަދި ދެށިނާގޭ އައްނާއިބު (ޙަސަން) ތުއްތު މަނިކު އެވެ. ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީންގެ ބޭފުޅެއް ނަމަ އެއީ މިދެންނެވި ބޭފުޅުންނާއި އެއްބައްޕަ ބޭފުޅަކަށްވާނެ އެވެ. ނަމަވެސް ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނަކީ މި ބޭފުޅުންނާ އެއްބައްޕަ ބޭފުޅެއްކަމަށް ވަނަވަރުގައި ޙަސަން ޙިލްމީ ލިޔުއްވާފައި ނުވެއެވެ. ދެށިނާގޭ މި ހުރިހާ ބޭފުޅުންނަކީ ޙަސަން ޙިލްމީގެ ބައްޕަ އާ ދެބެންގެ ދެދަރި އެހާ ތިމާގެ ބޭފުޅުންނެވެ. ޙަސަން ޙިލްމީގެ ބައްޕައަކީ މި ބޭފުޅުންގެ މަންމަ ހުޅުދޫ އަތިރަގޭ އާމިނާފާނާއި އެއްބަޑު އެއްބައްޕަ ހުޅުދޫ އަތިރަގޭ ކަތްދާފާނުގެ ޢަލި މަނިކުފާނެވެ. 

(ށ) މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ދަރިކަލުން އައްޑޫގޭ ޢަބުދުﷲ ދީދީ ފުރަތަމަ ކައިވެނިކުރެއްވީ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ދޮންދީދީގެ މަރިޔަމްދީދީއާ އެވެ. މި މަރިޔަމްދީދީ އާ ޙަސަން ޙިލްމީ އާ ދެބެންގެ ދެދަރިއެވެ. އައްޑޫގޭ ޢަބުދުﷲ ދީދީ ދެވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ޢާއިޝާދީދީގެ ދޮންދީދީ (ކޮނޑޭދީދީ) ގެ އިބްރާހިމްދީދީގެ ޚަދީޖާދީދީ (ދެއްވަދޫ ގަނޑުވަރުދީދީ) ގެ އިސްމާޢީލްދީދީގެ މުޙައްމަދު ދީދީގެ އާމިނާދީދީ އާ އެވެ. މި އާމިނާދީދީ އާ ޙަސަން ޙިލްމީގެ މަންމަ ދޮންދީދީ އާ އެއްބަނޑު އެއްބައްޕަ އެވެ. އައްޑޫގޭ ޢަބުދުﷲ ދީދީ ތިންވަނައަށް ކައިވެނިކުރެއްވި ހަވަރުތިނަދޫ މަރިޔަމް ޙަސަން (ރެކިދައްތަ) އަކީ ޙަސަން ޙިލްމީގެ ގާތް އަވައްޓެރި ބޭކަނބަލެކެވެ. އެހެންނަމަވެސް މީގެ އެއްވެސް ވަނަވަރެއްގައި އައްޑޫގޭ ޢަބުދުﷲ ދީދީގެ ބައްޕަ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހިމް މަޖުދުއްދީނާ “ދިހެރޭމަގު” ފަހުން “ދަފަގެދަރު” ފާތިމާ މަނިކެގެ ބޭފުޅެއްކަމަށް ޙަސަން ޙިލްމީ ލިޔުއްވާފައި ނުވެއެވެ.

މަތިވެރި ﷲ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ! އާމީން!

———————–
މަޢުލޫމާތުގެ ޙިއްޞާ:

ޢަލިދީދީ، ވިދުވަރުގެ/ ފުވައްމުލައް
ޙަސަން ޙިލްމީ، ޖަނަވަރީގެ/ ގދ. ތިނަދޫ
 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
28 Comments
 1. މުޙައްމަދު

  ބޭނުންތެރި މައުލޫމާތުލިބުނު ލިއުމެކެވެ. ހިލްމީ ތިޔަކުރެއްވި މަސައްކަތްޕުޅަށް ޝުކުރުޙައްގެވެ. ހިލްމީއަށް ރަގަޅަށް އެގިވަޑައިގަންނަވާނެކަމަށް އަޅުގަޑުދެކޭ އެއްކަމެއްގެ ވާހަކަ މިލިއުމުގައި ހިމެނުއްވިނަމަ ވަރަށްފުރިހަމަވީހޭ ހިތަށްއަރައެވެ. އެހެންވިއަސް އެވާހަކަ ނުލިއުއްވުމުގައި އަޅުގަޑުމެންނަށް އަދިނޭގޭ މަޞްލަޙަތެއް އޮވެދާނެއެވެ. އެވާހަކަ ދަންނަވާލާނަމެވެ.
  ގާޒީ އިބްރާހީމް މަޖުދުއްދީންއާއި ފާޠިމާމަނިކެއާއި ދެމަފިރިން ދުރުވެ ވަރިވެވަޑައިގަތުމުގައި އެއަށްފަހު ފާޠިމާމަނިކެއާއި ކައިވެނިފުޅުބައްލަވާ ފާމުލަދޭރިކިލެގެފާނުގެ އަޙުމަދުދީދީގެ ދައުރެއްއޮތެވެ. އެވާހަކަ އެދުވަސްވަރު މާލޭގެ ރަސްކަމުގެގަޑުވަރާއި ހަމައިގައިވެސް އޮތެވެ. އެހެންއޮއްވާ އިބްރާހީމް މަޖުދުއްދީންއަށް ފަނޑިޔާރުކަން ލިބިވަޑައިގެން އެންމެފުރަތަމަދެއްވި ނައިބު ފަތްކޮޅަކީ މިއަޙުމަދުދީދީއަށް ދެއްވި ފުވައްމުލަކުގެ ނައިބުފަތްކޮޅެވެ. މިކަމާއި ބޮޑުން ވާހަކަދައްކަވައި ހެއްދެވުމުން މަޖުދުއްދީން ވިދާޅުވަނީ އެދީދީއަކީ ނައިބުކަމަށްބޭނުންވާ ޢިލްމު ލިބިވަޑައިގެންހުންނެވި ބޭފުޅެކެވެ. އެދީދީއަށް ރަގަޅުކަމެއްއޮތިއްޔާ އަހަރެންގެ ދަރިންނަށްވެސްވާނީ ރަގަޅެވެ. ކިހާރީތި މިސާލެއްތޯއެވެ. މިޒަމާނުގައި މިކަންކުރާނީ ކާކުތޯއެވެ. ގާޒީ އިބްރާހީމް މަޖުދުއްދީންއަކީ ކަންކަމުގެ ބަދަލުނުހިއްޕަވާ މަޢާފުކުރައްވާ ޙިކުމަތްތެރި ފަޑިޔާރެކެވެ. ޙައްގަށް ނިޔާކުރެއްވޭނީ މިފަދަ ބޭފުޅުންނަށެވެ. އަދިވެސް އެއްފަހަރު މިމަޢުލޫމާތުގެ ބޭނުންތެރިކަންބޮޑުކަމުން ހިލްމީއަށް ޝުކުރުދަންނަވަމެވެ.

  (2)(0)
 2. ޙަސަންދީދީ

  މުޙައްމަދު ފާޅުކުރެއްވި ޝުޢޫރު އޭގެ ގޮތުގައި ގޯހެއްނޫނެވެ. ނަމަވެސް "އެހެންވިއަސް އެވާހަކަ ނުލިއުއްވުމުގައި އަޅުގަޑުމެންނަށް އަދިނޭގޭ މަޞްލަޙަތެއް އޮވެދާނެއެވެ." ލިޔުއްވުމުން އެހެންބަޔަކަށް ހީކުރެވިދާނެ ކަންކަމެއް ހުރެދާނެއެވެ. އެއީ ކިލެގެފާނުގެ ބޭފުޅެއްގެ އެދައުރަކީ ރަނގަޅު ދައުރެއްކަމަށް ފަހަރުގައި ނުވެދާނެތީ ޙިލްމީ ނުލިޔުއްވީކަމަށެވެ. ޙިލްމީއަކީ އެޢާއިލާގެ ބޭފުޅަކަށްވީމައެވެ. ނަމަވެސް އަޅުގަނޑަށް ބޮޑަށް ބެލެވެނީ އެއީ މަވްޟޫޢުން ބޭރުގެކަމަކަށް ވުމުން ނުލިޔުއްވީކަމަށެވެ. ޙިލްމީއަކީ ތާރީޚަށްޓަކައި ކޮންމެހެން ލިޔުއްވަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ލިޔުއްވާނެ ބޭފުޅެކެވެ. އަދި މުޙައްމަދު ތިޔަ ވިދާޅުވިކަމަކީ ޚޮދު ޤާޟީ މަޖުދުއްދީންވެސް އެހާބޮޑަށް ނެންގެވިކަމެއް ނޫނެވެ. މިހާދުވަސްވުމުން އެކަހަލަ ކަންކަމުގެ ޙަގީގަތާއިހަމައަށް ވާޞިލްވުމަކީ ދަތިކަމެކެވެ. ރަނގަޅަށް ނޭނގޭކަންކަން ހީވާހީވުމަށް ހާމަކުރުމަކީ ރަނގަޅުކަމެއްނޫނެވެ. ވަރަށްބޮޑު ގޯހެކެވެ.

  (0)(0)
 3. އަރިއަސް

  މުޅި ފުވައްމުލައް އެ ބޭފުޅަކާ މެދު ފަޚުރުވެރިވާ ފަދަ ބޭފުޅެއްގެ ވަނަވަރާއި މުހިންމު މައުލޫމާތުތަކެއް ގެނެސްދެއްވި ކަމަށްޓަކައި ޢަބްދުﷲ ޙިލްމީއަށް ޝުކުރު އަދާކުރަމެވެ. ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފުވައްމުލަކުގެ ގިނަ ދަރިންތަކަކާ ބެހޭ މައުލޫމާތު ވަރަށް ބޮޑަށް ފަނޑުވެގެން ގޮސް މިހާރު އެއްގޮތަކަށް ވެސް އެނގޭކަށް ނެތެވެ. ފުވައްމުލަކަށް އުފަން ފުވައްމުލަކުގެ ދަރިއަކު ރާއްޖޭގެ ރައީސްކަން ކޮށްފައިވާކަން ވެސް ގިނަ ބަޔަކު ނުދަނެއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ ފުވައްމުލަކަށް އުފަން މައިފުށުން ފުވައްމުލަކުގެ އާއިލާއަކަށް ނިސްބަތްވާ ފުވައްމުލަކުގައި ޅަފުރާ ހޭދަކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި ރަސްކަން ކުރި އިސްދޫ ދަރިކޮޅާއި މަޝްހޫރު އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު އާއިލާގެ ވެސް ފެށުން ވަނީ ޙިލްމީގެ ލިޔުންތަކުން ވެސް އެނގިގެންދާ ފަދައިން ފުވައްމުލަކުގައި ކަން ފާހަގަކޮށްލަމެވެ. މި މައުލޫމާތުތަކާއި ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފުވައްމުލަކުގެ ގިނަ ދަރިންތަކެއްގެ މައުލޫމާތު ނޭނގުމެއްގެ ތެރޭގައި ވަނީ އެންމެ އެކަށޭނަ މިންވަރަކަށް ފުވައްމުލަކުގެ ލިޔުންތެރިންނަށް މިކަމާ އުޅެވިފައި ނުވާތީއެވެ. އައްޑޫ ހުވަދޫ މީހުން ވަރަށް ބޮޑަށް އެ ދެ އަތޮޅުގެ ދަރީންގެ ޒިކުރާ އާކޮށް ލިޔުންތައް ލިޔެ އުޅެއެވެ. ފުވައްމުލަކުގައި ވެސް މިބައި ދިރުވަން އެބަޖެހެއެވެ.

  (0)(0)
 4. ހުސޭން

  ޙިލްމީގެ މި މަސައްކަތްޕުޅަކީ ހަމަ ޔަޤީނުންވެސް ގިނަގުނަ މައުލޫމާތުތަކެއް ލިބިގެންދާނެ، ދެމިގެންދާފަދަ އޮޅުންބޮޅުންތަކެއް ނެތިކޮށްލާނެ މުހިންމު ތާރީޚީ ލިޔުމެކެވެ. ފުވައްމުލަކުގެ ގިނަ ދަރީންތަކެއްގެ މައުލޫމާތު އަދިވެސް ގެނެސްދޭންވެފައި އެބަހުއްޓެވެ. އެންމެ ފުރަތަމަ ވެސް އަޅުގަނޑު ފާހަގަކޮށްލާނީ ނައިބު ތުއްތުގެ ނަމެވެ. ނައިބު ތުއްތުގެ އާއިލާއިން އެނގޭހާވެސް އެއްޗަކީ ބައްޕާފުޅަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުގެ އީސާ ނާއިބު ތަކުރުފާނުކަމެވެ. މި އާއިލާގެ އިތުރު ތަފްސީލް ތާރީޚަށްޓަކައި ލިޔެވެން އެބަޖެހެއެވެ. މިއީ އަނެއްކާ އިސްދޫ ދަރިކޮޅުގެ ގޮތްޕެއް ބާވައެވެ؟

  މުލަކު މުޙައްމަދު ޚަތީބު ބަންޑާރަ ނާއިބު މަނިކުފާނާއި، މުލަކު ކުޑަ ވަޒީރު މަނިކުފާނާއި، މުލަކު ދޫނޑިގަމު އެދުރު ކަލޭގެފާނާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބައްޕާފުޅު މުލަކު ދޮރުބައިގެދަރު އެދުރު ޙަސަން ނާއިބު ތަކުރުފާނާއި، ކާފާފުޅު އަލްހާފިޡް ފެހެލާނޑާ މުޙައްމަދާއި، އިސްދޫ އަލި ރަސްގެފާނުގެ ބައްޕަ މުލަކު ދައިގަނޑު މާފަތްތަކުރުފާނާއި، މުޡްހިރުއްދީން ރަދުންގެ މުލަކު މުހައްމަދު މަނިކުފާނާއި މިފަދަ ގިނަ އަދަދެއްގެ ބޭބޭފުޅުންނަކީ ވެސް ދިވެހި ތާރީޚުގެ ޞަފްހާތަކުން ޖާގަ ހޯދާފައިވާ އަލިއަޅުވާލުން މުހިންމު ފުވައްމުލަކުގެ ޝަޚުސިއްޔަތުތަކެވެ. މީގެ ތެރެއިން ވެސް އެންމެ ފުރަތަމަ މި ދެންނެވި 2 ބޭފުޅުންގެ އާއިލާއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިޔެވިފައިޥާ ކަމެއް އެނގޭކަށް ނެތެވެ. އެއީ އެނގުން މުހިންމު މައުލޫމާތެވެ....

  މުލަކު ދޫނޑިގަމު އެދުރުކަލޭގެފާނާ ބެހޭ ގޮތުން ލުޠުފީ ކޮންމެވެސް ވަރަކަށް ލިޔުއްވާފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް ދެމިގެން އައިސްފައިވާ އެ އާއިލާގެ ގޮފިތަކުގެ އިތުރު ތަފްސީލު އެނގިގެންދިއުން ބޭނުންތެރިއެވެ...... ޙިލްމީ ހުވަދު އަތޮޅުގެ ގޮފިތައް ލިޔުއްވާފައިވާ އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅުގެ ފުވައްމުލަކުގެ ގޮފިތައް ވެސް އެނގިގެންދިއުން ވަރަށް މުހިންމެވެ. ފުވައްމުލަކުގައި އުފެދުނު މި ދެ ދަރިކޮޅުގެ ޢިލްމީ ބޭފުޅުން ވަރަށް ވެސް ގިނައެވެ...... މާލެއިން އުތުރުގެ އަތޮޅުތަކުގައި ވަކި ރަސްކަމެއް ކުރި ސާމިޔާ ފާށަނާކިލެގެ (މާފިލާފުށީ ރަސްގެފާނު) ވެސް ފުވައްމުލަކަށް އަރުވާލެވިގެން އޭނާގެ ދަރިކޮޅު ފުވައްމުލަކުގައި އުފެދިފައިވާކަމަށްވެއެވެ. މި މައުލޫމާތު ވެސް ލިބިއްޖެއްޔާ ރަނގަޅެވެ......

  (0)(0)
 5. ޢ. ޙިލްމީ

  ފުވައްމުލަކަކީ ވަރަށް ފަޚުރުވެރި ދީނީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ޢިމްރާނީ މާޟީއެއް އޮތް ރަށެއްކަމާ މެދު ދެބަސްވެވޭކަށް ނޯންނާނެއެވެ. އަދި ޚިދުމަތްތެރި އަގުހުރި ޝަޚުޞިއްޔަތްތަކެއް އުފެއްދި ރަށެއްކަމާ މެދު އިންކާރު ކުރެވޭކަށްވެސް ނޯންނާނެއެވެ. މިހެންވީއިރު ކާބަފައިންގެ އެމަތިވެރި ޝަރަފާއި ފަޚުރު ނޭނގުމުގެތެރެއަށް ގެއްލި ވެއްޔާ މޮޑެވިގެން ދިޔުމުގެ ޛިންމާ އުފުއްލަވަން ޖެހެނީ އެ ޖީލެއްނޫނެވެ. މި ޖީލެވެ. އެ ރަށަށް ނިސްބަތްވާ މިއަދު ތިޔަ ތިއްބެވި ތަޢުލީމީ ޤާބިލް ޖީލެވެ.

  ފުވައްމުލަކު އަންހެނެއްގެ ޢާއިލާގެ މީހަކަށްވާތީ އުނދަގޫތަކެއް އުފުލައިގެން ވިޔަސް އަޅުގަނޑުވެސް އެ ރަށަށްޓަކައި އެ ކާބަފައިންނަށްޓަކައި ކަމެއް ކޮށްދެވޭތޯ ބެލީމެވެ. ނަމަވެސް ފުވައްމުލަކުގެ ތިޔަ ތިއްބެވި އެކަމަށް ޤާބިލް ބޭފުޅުންނަކީ އަޅުގަނޑަށްވުރެ ފުރިހަމައަށް އެއަށްވުރެ މާ ރަނގަޅަށްވެސް އެކަންކަން ކޮށްދެއްވޭނެ ބޭފުޅުންކަމަށް އަޅުގަނޑު ދެކެމެވެ. ވީމާ ވަގުތުއޮއްވައި ފުރުޞަތުގެ ބޭނުން ހިއްޕެވުމަކީ ބުއްދިވެރި ކަމެއްކަމަށް ހަނދުމަފުޅުކުރެއްވުން ހުއްޓެވެ!

  (0)(0)
 6. ބަސްވާރު

  މި ލިޔުމުގައި ހިސާބަކަށް ގޭގެއަށާ ތަންތަނަށް ކިޔާ ނަންނަން ލިޔުއްވުމުގައި މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަ ބޮޑަށް ދިމާވެފައި ވަނީ ޙިލްމީ ހުވަދުއަތޮޅުގެ ބޭފުޅަކު ފުވައްމުލަކު ގޭގޭގެ ނަންނަން ލިޔުއްވަން ހައްދަވައިގެން ކަމަށް ޤަބޫލުކުރެވެއެވެ. މިސާލެއްގެ ގޮތުން "ދިހެރޭމަގި"، "އަލްގެދަރި" މިއީ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ "ދިހެރޭމަގު" އަދި "އަލްގެދަރު" މިއެވެ. ފުވައްމުލަކު ބަހުރުވައިގައި ފަހު އަކުރުގައި އިބިފިލި ޖެހިގެން އަންނަނީ ނަމަށް ނިސްބަތް ކުރުމުގެ ހާލަތުގައެވެ. މިސާލަކަށް އަލްގެދަރު ގޭގެ ހައްވާފުޅު ކިޔާ މީހަކު ނަމަ ކިޔާނީ އަލްގެދަރި ހައްވާފުޅު އެވެ. މިގޮތަށް އިބިފިލި ޖެހެނީ ރަސްމީ ބަހުރުވައިގައި "ގެ" މި އަކުރު ބޭނުން ކުރާ އުސޫލުންނެވެ.

  ފުވައްމުލަކު ބަހުރުވައިގައި ޙަޤީޤަތުގައި ކިޔަނީ "ދިހެރޭމަގޮ" "އަލްގެދަރޮ" މިގޮތަށް ކަން ވެސް ފާހަގަކޮށްލަމެވެ. ނަމަވެސް ލިޔެކިޔުމުގައި ނަންތައް ހުންނަނީ ވީވަރަކުން ރަސްމީ ކޮށްފައިކަމުން ފަހު އަކުރުގައި އުބުފިލި ޖެހެނީއެވެ. މި ލިޔުމުގައި "ދަފަގެދަރު" އޮތް އުސޫލުންނެވެ. ފުވައްމުލަކު ބަހުން އެއީ "ދަފަގެދަރޮ" އެވެ. ކޮންމެއަކަސް ނަންނަމުގެ ފަހަތަށް ފުވައްމުލަކު ބަހުރުވައިގައި އަންނަ އޮބޮފިލި އޮންނަނީ ރަސްމީ ލިޔުންތަކުގައި އުބުފިއްޔަށް ބަދަލުކޮށްފައެވެ. އިތުރު ތަންތަންކޮޅު ވެސް ފާހަގަކޮށްލާނަމެވެ. މި ލިޔުމުގައި އެވާ "މައުދަނޑި ކެޔޮޅުގެ" އެއީ "މާދަޑު ކެޔޮޅުގެ" ކަމަށް ޤަބޫލުކުރެވެއެވެ. ދެން މާދަނޑިބޭ އެއް ނޫނެވެ. މާދަޑިބޭއެވެ. ހުސް ނޫނެއް ނޯންނާނެއެވެ. (މާލޭބަހުން ނަމަ "މާދަޑުބޭ" އެވެ.) ދެން "ކަނދު މައުގަނޑު" އަދި "ތުއްބީފާނުން ގެދަރު" މިއީ ވެސް ލިޔުމުގައިވާ ދެ ކުށެއްގެ އިސްލާހެވެ.

  (0)(0)
 7. އަހުމަދު

  މިލިޔުމުގައި ނަންގަނެވިގެންޥާ އައްނާއިބު މުހައްމަދު މަނިކު އިބުނު އަލްޤާޟީ އިބްރާހީމް މަޖުދުއްދީނަކީ ޤުރުއާނާއި ތަޖުވީދު ޢިލްމުގެ އިތުރަށް އަރަބި ލުޣަތާއި ނަހްވު ސަރުފު ފަރާއިޟާއި އަދި ނިޔަމިކަމަށް އަރާހުންނެވި މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވުނު ޢިލްމުވެރިއެކެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަކީ ވެސް މި ކަލޭގެފާނަށް ދަރިވަރުވި ބޭފުޅެކެވެ. މި ކަލޭގެފާނަކީ ސީދީގެ ބޮޑުބޭބޭފުޅު ކަމަށްވުމާއެކު ސީދީ ފުވައްމުލަކަށް ވަޑައިގެން ހުންނެވީ ވެސް މި ކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވި ދޫނޑޭރެ ގޭގައެވެ. މި ކަލޭގެފާނުގެ ދަރިންކަމުގައިވާ ދޫނޑޭރެ އަހުމަދު ދީދީ، ދޫނޑޭރެ އަލި ދީދީ އަދި ދޫނޑޭރެ ދޮންތުއްތު ދީދީ އަކީ މުޅި ރާއްޖެއިން ވެސް އެބޭފުޅުންގެ ދުވަސްވަރުގައި އެ ބޭފުޅުންގެ ފަންނަށް އެންމެ އަރާ ތިއްބެވި ބޭފުޅުންކަމަށް ބުނެވެއެވެ. އެގޮތުން އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ފިޤުހަށް އެންމެ މޮޅީ މި އަޙްމަދު ދީދީ ކަމަށާއި، ޢަރަބި ބަހަށް އެންމެ މޮޅީ މި ދޮން ތުއްތު ދީދީ ކަމަށާއި އަދި ފަރާއިޟަށް އެންމެ މޮޅީ މި އަލި ދީދީ ކަމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ވިދާޅުވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.

  (0)(0)
 8. ފިކުރީ

  "ނަންފުޅު މުޙައްމަދު މުޞްޠަފާ، ރަންއަކުރުގައި ކުލަގަދަވެފާ، އަންގާލުމަށް ފަހުގައި އުފާ، ކަންތައް ވިޔޭ މާ ފަހިވެފާ" މި ރީތި ޅެން ހެއްދެވި މަޝްހޫރު ޝާއިރު އަލީ މުސްތަފާ (ހިޒާރުގެ ރާގު) އަކީ ވެސް ފުވައްމުލަކުގެ ބޭފުޅެއްކަމަށް މައުލޫމާތު ލިބޭ، މި ބޭފުޅާގެ އާއިލާއާ މި ބޭފުޅާއާ ބެހޭ މައުލޫމާތު ވެސް ކޮންމެވެސް ބޭފުޅަކު ގެނެސްދެއްވައިފިއްޔާ ވަރަށް ރަނގަޅު، އިބްރާހިމް ޝިހާބު ވިދާޅުވިކަމަށް ކޮންމެވެސް ބޭފުޅަކު ވިދާޅުވި ތިމަންނާ ވެސް އުޅުނީމޭ މި ބޭފުޅާގެ އަރިހުން ޅެންވެރިކަމެއް ހޯދަން އެކަމަކު ވެސް ތިމަންނާއަށް ލިބިގަނެވުނީ އެބޭފުޅާގެ ކުޅަދާނަކަމާ ބަލައިފަ ވަރަށް ވެސް ކުޑަ މިންވަރެކޭ، ކޮންމެއަކަސް ވަރަށް ކުޅަދާނަ އަދި އެންމެ ކުރިއަރައިގެން ދާންވެފައި އޮތް ދުވަސްވަރުގައި ދުނިޔެ ދޫކުރެއްވި ބޭފުޅެއްކަމަށް ކިޔާތީ އަޑުއިވޭ، މި މަޢުލޫމާތާއި ރައީސް އިބްރާހިމް ނާސިރުގެ ފުވައްމުލަކުގެ އާއިލާއާ ބެހޭ މައުލޫމާތު ގެނެސްދެއްވުމަށް ޢަބްދުﷲ ޙިލްމީގެ ކިބައިން އެދެން، ސަބަބަކީ ވިދުވަރުގޭ އަލިދީދީ ފިޔަވައި ނަސަބު ދިރާސާކުރާ ނުވަތަ ނަސަބާ ބެހޭ އިލްމުވެރިއަކު ފުވައްމުލަކުގައި ނެތުމުން، އަލި ދީދީ އަކީ ލިޔުއްވާއުޅޭ ބޭފުޅެއް ނޫން، އަދި މި ދާއިރާއަށް ޝައުގުވެރިކަން ހުރި މީހަކު ވެސް ފުވައްމުލަކަކުން ނުފެނޭ، އެހެންކަމުން މި ލިޔުމެކޭ އެއްފަދައިން އަލިދީދީއާ ހަވާލާދީ ޙިލްމީ ލިޔުއްވުން އެއީ ހާލަތު ނިޔާކުރާ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެން.

  (0)(0)
 9. އިބްނު އިބްރާހީމް

  އެންމެ ފެރެތަމާށާސް ފުވައްމޮލޮކެއި ހުށިހައި ރައްޔަތުންގެ ނަމި ޢަބްދުﷲ ޙިލްމީ ތި ކޯދިން އަގޮހީށި މަސައްކަތަހަ ކެޑެނެއްކެޑަހަ ޝުކުރުއަދާކެޅައުމުގެ އުހާ ލިބީގަނިން... ދުވަހަކިސް އެންމެ ފުރިހަމާށަ ޝުކުރުއަދާ ނިވެވިއޭ ވަރޮގެ ހެއު ކަމެއް ތި ކޯދީނީ... އެއައްމައްފަހަށަ ހިތާމާޔާއެއްކޮހޮ ބެނެ'ލަންނަ އޯތީ ހަމަ ހަގީގަތިއަސް މޮލޮކެއި ތީ ކަމަހަ ގާބިލް ލިޔުންތޭރުން ވެނީ އެމީހުންގެ އަމިއްލަ ތާރީޚުއާ މެދެއި މާ ބޮނޑަހަސް އިހުމާލޮވެފޭ އައެ... ޙިލްމީ ވިދާޅޮވީހެން މިކަލް ކެޅަ މަސައްކަތެއު އަފުންނަ އޮއުހައިއަސް ކަމަކީ... ފަހެން ވެންނެން މާ ބޮނޑޮ ކަމެއް ނިއޮންނާހިން... އަދި ފަހަށަ ގޭންމާ މިހިދަހަށާށާސް އުނދަގުލް ކަމަކަހަ، ނުންވީ އެއްގޮތެކި އަސް ނިވެވިއޭ ވަރޮ ކަމަކަހަ މިކަން ވެންނެން... އެހެންވީންމާ މޮލޮކެއި ފާފުކަކޯލެވިއޭ ފަހުރުވެރި ތާރީޚު ނަގާކެޑަހަ ޖަހަންނަ މޮލޮކެއި ތީ ޤާބިލް ލިޔުންތޭރުން ތެދޭންނަ އަވަ އަދޮ ހަރޮ އަޑެން ގޮވާލަން... އަފުންގެ ދާރުންނާއި ދާރުންގެ ދާރުންނައްޓަކައި މޮލޮކެއި ތާޜީޚު ނަގާކެޑަހަ ޖަހައު! މޮލޮކެ ރައްޔަތުނަސް މަޑުން ނިތިބެއި ތެދޭމާ ހިނގައު! އަފުންގެއަސް ފަޚުރުވެރި މާޒިއައު އޮއްކަން މިޅި ރާއްދޭހާ ދައްކަންނަ ހިނގައު! ނުންފަހޭ ފަހަކުން ސަލާމަތެއް ނިވެވިއެއްނެން... ފުލް ނިބެއްދޭ ވަރޮގެ ގެއްލުމަކަހަ މިކަންބަވެންނެން!!!

  ނޯޓް: ފުވައްމުލަކުގެ ދަރީންނަށް ކުރާ އިލްތިމާސަކަށްވުމުން ރަށު ބަހުން ލިޔެލީއެވެ.

  (0)(0)
 10. ރަޝީދު

  ފިކުރީ ވިދާޅުވެފައިވާ "ނަންފުޅު މުޙައްމަދު މުޞްޠަފާ" މިރީތި ޅެން ހެއްދެވި ކޮންބޭފުޅެއްކަމެއް ނޭގޭ މަޝްހޫރު ޝާޢިރު ޢަލީ މުޞްޠަފާއަކީ ފުވައްމުލަކު ދޫނޑޭރެ އަޙުމަދު ދީދީއާއި މުލަކު ފާނަންމަގު މަރިޔަމް ދީދީއާއި ދެމަފިރިންގެ ބޭފުޅެކެވެ. އަދި "ފުވައްމުލަކު ހިރިހަމައިދިކަލޭގެފާނު" ގެ މައިގަނޑުނަމުގައި ލިޔުއްވާފައިވާ މިލިޔުން ލިޔުއްވި ފުވައްމުލަކު ކުޑޭރަނިޔަގެ އެދުރުތައްޚާނުގެ މަރިޔަމް މަނިކުފާނުގެ ޢާއިޝާ ދީދީގެ ދޮންދީދީގެ އިބްރާހީމް ދީދީގެ ކަތްދައިދީގެ އިސްމާޢީލް ދީދީގެ މުޙައްމަދު ދީދީގެ ދޮންދީދީގެ ޙަސަން ޙިލްމީގެ ޢަބުދުﷲ ޙިލްމީގެ ތާރޑް ކަޒިންއެކެވެ. އެހެންނޫނީ ތިންވަނައަށް އަންނަ ބޭބެއެކެވެ.

  (0)(0)
 11. ޢ. ޙިލްމީ

  އާޓިކަލް ލިޔާ މީހާ ކޮމެންޓްކުރުމާ ކޮމެންޓްކުރާ މީހާ އާޓިކަލް ލިޔުމަކީ ލިޔުންތެރިކަމަށް ބޭނުންވާ ގުޅުމެކެވެ. އޮންނަންވީ ގުޅުމެކެވެ. "ލިޔުންތެރިންގެ ގުޅުމަކީ" ވެސް ޙަޤީޤަތުގައި އެއީއެވެ. ފުވައްމުލަކު "ދޫނޑޭރެ" އަޙުމަދުދީދީގެ ދަރިކަލުން ޢަލީ މުޞްޠަފާގެ ކުރު ތަޢާރަފެއް ގެނެސްދެއްވުމަށް މިލިޔުމުގައި "ރަޝީދު" އިސްނެންގެވިކަމަށްޓަކައި ޝުކުރު އަދާކުރަމެވެ. ނަމަވެސް އޭގައި ޢަލީ މުޞްޠަފާގެ އިތުރު ތަޢާރަފެއްގެ ގޮތުން އަޅުގަނޑުގެ ނަން ގެންނެވިއިރު އެ ވަނަވަރު ގެންނެވިގޮތުން ކުޑަ އޮޅުމެއް އެބަ އަރައެވެ. އެއީ "ފުވައްމުލަކު ކުޑޭރަނިޔަގެ އެދުރު ތައްޚާނު" މިގޮތަށް އޮތުމުން އެދުރު ތައްޚާނަކީ ފުވައްމުލަކުގެ ބޭފުޅެއްކަމަށް ހީވުމެވެ. ނަމަވެސް އެއީ އައްޑޫ މީދޫގެ ބޭފުޅެކެވެ. ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނުގެ އަޙުމަދު ޝިހާބުއްދީންގެ ކުދުރަނިޔަ (ކުޑޭރަނިޔަ)ގެ ޙައްވާފާނުގެ އެދުރު ތައްޚާނެވެ. ނުވަތަ އެދުރު މަނިކުފާނެވެ.

  އެދުރު ތައްޚާނު ނުވަތަ އެދުރު މަނިކުފާނު ކައިވެނިކުރެއްވީ ފުވައްމުލަކު ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނާ އެވެ. މިއީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ބޭފުޅެކެވެ. މިހެންވުމުން އަޅުގަނޑުގެ ނަން ގެންނެވި ވަނަވަރުގައި ފުވައްމުލަކުގެ ބޭފުޅެއްގެ ނަން އިސްކުރައްވާނަމަ އެ ވަނަވަރު އޮންނަންވީ ގޮތަކީ ފުވައްމުލަކު ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނުގެ މަރިޔަމް މަނިކުފާނުގެ ޢާއިޝާ ދީދީގެ ދޮންދީދީގެ އިބްރާހީމް ދީދީގެ .............................. ދެން އެއޮތް ގޮތަށެވެ.

  (0)(0)
 12. ނަސީމް

  ފާމުދޭރިކިލެގެފާނުގެ އައިސާދީދީގެ އަޙުމަދުދީދީގެ ދޮންދީދީގެ އެދުރުގޭ އަޙްމަދުދީދީ އަކީ ތާރީޚު ޢިލްމުން ވަރަށް ކުރިއަރައިފައިވާ ބޭފުޅެއްކަމާއި މި ރާއްޖޭގެ މީހުންގެ ނަސަބުތަކާއި އައްޑޫގެ ވަޤްފުތައް ބެހެވޭ މަގުތަކާއި، އެ ވަރަށް ދަންނާނޭ އަނެކަކު މިހާރަކު ނުފެންނަކަމަށް ޢަލްޢައްލާމާ ޙުސައިން ޞަލާޙުއްދީން ލިއުއްވާފާވެއެވެ. މިއަޙުމަދުދީދީއާއި ވިދުވަރުގޭ އަލިދީދިއާއި އިޔާޒު ނަސީމުއާއި އަޙުމަދު ނާޞިޙުއާއި ޢަބުދުﷲ ޙިލްމީއަކީ އެއްޢާއިލާއެއްގެ ބޭފުޅުންނެވެ. އަޅުގަޑުގެ އެދުމަކީ މިރޮގުން ތިޔަބޭފުޅުންގެ އެކަށީގެންވާ ޚިދުމަތެއްލިބުމެވެ.

  (0)(0)
 13. ޢ. ޙިލްމީ

  އަނެއްކާވެސް ގުޅުމެކެވެ. ކޮމެންޓެއްގައި "ނަސީމް" ލިޔުއްވައިފައިވާ ވަނަވަރުގައިވާ އޮޅުމެއްގެ އިޞްލާޙީ ގުޅުމެކެވެ. "އެދުރުގޭ އަޙުމަދު ދީދީއަކީ ތާރީޚު ޢިލްމުން ވަރަށް ކުރިއަރާފައިވާ ބޭފުޅެއްކަމާއި މި ރާއްޖޭގެ މީހުންގެ ނަސަބުތަކާއި އައްޑޫގެ ވަޤްފުތައް ބެހެވޭ މަގުތަކާ އެވަރަށް ދަންނާނޭ އަނެކަކު މިހާރަކު ފެނިވަޑައިނުގަންނަވާ ކަމަށް ޢައްލާމާ ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައިވާ" އެދުރުގޭ އަޙުމަދު ދީދީ އަކީ ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާ ދީދީގެ މީދޫ ގަނޑުވަރު ޙަސަން ދީދީގެ އެޅަގޭ މުޙައްމަދު ދީދީ އާ ޤާޟީ އިބްރާހީމް މަޖުދުއްދީންގެ ދަރިކަނބަލުން ދޮންމަނިކެ (ފާޠިމާ މަނިކެ) އާ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އަޙުމަދު ދީދީ އެވެ. އެދުރުގޭ އަޙުމަދު ދީދީ އަކީ މި އަޙުމަދު ދީދީ އެވެ. ދެންއޮތް ބައި ރަނގަޅެވެ. އެއީ މިދެންނެވި އެދުރުގޭ އަޙުމަދު ދީދީ އާ ވިދުވަރުގޭ އަލިދީދި އާ އިޔާޒު ނަސީމު އާ އަޙުމަދު ނާޞިޙު އާ އަދި އަޅުގަނޑާ ވެސް ޢާއިލީގޮތުން ގުޅެއެވެ.

  (0)(0)
 14. ވަޙީދު

  ގައުމީ ވަތަނީ ޚިދުމަތަކީ މިހުންނަނީއެވެ. މަޢުލޫމާތުލިބެނީ މުލަކު ހިރިހަމާދިކަލޭގެފާނަކީ ހިލްމީގެ ތިމާގެބޭފުޅަކަށްނުވެއެވެ. އާއިލީރަށެއްގެ މަގުބޫލުބޭފުޅަކަށް ހިރިހަމާދިކަލޭގެފާނުވީމާ ލިއުއްވީއެވެ. އަދި މައުލޫމާތުލިބެނީ މިލިއުން ލިއުއްވީވެސް އަގެއްކަމެއް ވަކިއޮވެގެން ނޫނެވެ. ހިލްމީއަށް ހެޔޮދުއާކުރަމެވެ. މާތްﷲ މިފަދަ ގައުމީ ވަތަނީ ޚިދުމަތް ގެއްލެނިނުކުރައްވާށިއެވެ.

  (0)(0)
 15. ދޮން އަބާކިރު

  ފުވައްމުލަކުގެ ދަރިންގެ ހިތްތަކުގައި ތާރީޚަށް ޝައުގުވެރިކަން ނެތޭ ބުނެވޭކަށް ނެތްކަން މިލިޔުމުން ވެސް މިއޮތީ ފެންނާށެވެ. ގާތްގަނޑަކަށް "މުޅި ފުވައްމުލަކުގެ އާބާދީ" ކަހަލަ ގޮތަކަށް މި ލިޔުން ކިޔާފައިވެއެވެ. މި ވެބްސައިޓުގައިވާ އެންމެ ގިނަ މީހުން ކިޔާފައިވާ ލިޔުންކަމަށް މި ލިޔުން ވެގެންދިޔައީ މި ސަބަބާހުރެ ނޫން ދެން ކޮން ސަބަބަކާހުރެ ތޯއެވެ. ދަންނަވާލަން އޮތް ވާހަކައަކީ ފުވައްމުލަކުގައި ހުރި ވަނަވަރު ފޮތްތަކާއި ތާރީޚީ ހުރިހާ ލިޔުންތަކެއް ކަހަލަ ގޮތަކަށް މުޙައްމަދު އިބްރާހީމް ލުޠުފީ ފަދަ ބޭފުޅުން ވަނީ "ކުޑަ" އަގަކަށް ރައްޔިތުންގެ އަތުން ބައްލަވާގެންފައިކަމެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ އަދި މިއަދު ޙިލްމީ ފަދަ ބޭބޭފުޅުންގެ ޤަލަން މި މައުޟޫއުގައި ހިނގަމުން މިދަނީ ފުވައްމުލަކުން ގެންދިޔަ އެ ވަނަވަރު ފޮތްތަކުގެ ބޮޑު ޙިއްސާއަކާ އެކީގައެވެ. އިސްދޫ ދަރިކޮޅުގެ މަތިފުށް ހޯދުނީ ވެސް ފުވައްމުލަކުން ގެންދިޔަ މި ވަނަވަރު ފޮތްތަކުން ކަން ލުޠުފީގެ ލިޔުންތަކުން އެއޮތީ އެނގޭށެވެ. ފަތްތޫރައިގައި އެކަނި ވެސް އެހެން އެއްވެސް ރަށެއްގެ ވަނަވަރެއް ނެތި ފުވައްމުލަކުގެ 10 ވަރަކަށް ވަނަވަރާ ހަވާލާ ދީފައި ލުޠުފީ އެބައޮތެވެ. އަދި ހަމައެއާއެކު ނަސަބުގެ ޢިލްމަށް އަރާހުންނެވި ފުވައްމުލަކު ދޫނޑޭރެ އަޙްމަދު ދީދީ ފަދަ ބޭބޭފުޅުންގެ ލިޔުންތައް އައްޑުއަތޮޅާއި އެތަންމިތަނަށް ގެންދެވި އެއިން ވެސް މިހާރު ގިނަ މަޢުލޫމާތުތަކެއް ވަނީ އެހެން ބައެއްގެ ޤަލަމުން ލިޔެވޭތަން އައިސްފައެވެ. ފުވައްމުލަކުގެ ގިނަ ގެތަކެއްގައި ހުރި ވަނަވަރު ފޮތްތައް އެ އާއިލާތަކުގައި ތިބި ހަރުދަނާ މީހުންނަށް ނޭނގި "ކުޑަކުދިން" ގެ އަތުން ވެސް ގަނެފައި އެބަހުއްޓެވެ. އެމީހުން ބުނާގޮތުން ނަމަ އެ ލިޔުންތައް "ލުޠުފީގެ އަތަށް އެރީއެވެ". މިއަދު ފުވައްމުލަކުން ނަސަބުގެ ޢިލްމުވެރިން ނުފެންނަނީ ފުވައްމުލަކުގެ ޢާއިލާތަކުގައި ހުރި ވަނަވަރު ފޮތްތައް ލުޠުފީގެ އަތޮޅުވެރިކަމުގައި ބައްލަވައިގެންފައި ހުރުމާއި ނޫނީ ސަރުކާރަށް ނަންގަވާފައި ހުރުމާއި މިފަދަ އެކިއެކި ސަބަބުތަކާހުރެ މިއަދާހަމައަށް އައިއިރު އެފަދަ ލިޔުންތައް ފުވައްމުލަކުގައި ނެތުމުންނެވެ. މިއާ ޚިލާފަށް އައްޑުއާއި ހުވަދޫގައި މިގޮތަށް ހުރި ވަނަވަރު ފޮތްތައް އެބައެއްގެ އަތުގައި ހުރި މީހުން އެބައިމީހުންގެ ދަރިކޮޅާމެދު އެބައިމީހުންގެ ޤަލަން މި ދާއިރާގައި މިއަދުވެސް ހިންގަމުން ދަނީއެވެ. ކޮންމެ ގޮތެއްވިޔަސް ފުވައްމުލަކުގެ ދަރިންގެ ޚިދުމަތް މި ރޮނގުގައި ވަރަށް ވެސް ބޮޑުކަން ފާހަގަކޮށްލަމެވެ. ލުޠުފީމެން ފަދަ ބޭފުޅުންނަށް ހޯދުނު ހޯދުންތަކުގައި ފުވައްމުލަކުން ލިބުނު ލިޔުންތައް ނުލިބުނު ނަމަ އަދިއަދާހަމައަށް ގިނަ ކަންތައްތަކެއް ނުހޯދުނީހެވެ. މިހާރު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެއް ވެސް އެބައޮތެވެ. ފުވައްމުލަކުން ލުޠުފީ ގެންދިޔަ ވަނަވަރު ފޮތްތައް މިހާރު ކޮބައިބާވައެވެ؟ ހަމަ ޔަޤީނުންވެސް އެ ލިޔުންތަކުގައި ހުރި ހުރިހާ މަޢުލޫމާތެއް ލުޠުފީ ލިޔުއްވާފައެއް ނެތެވެ. ހަމައެކަނި ލިޔުއްވާފައިވަނީ ފުވައްމުލަކު ދަރިކޮޅުތަކުން އައި މަޝްހޫރު ބޭބޭފުޅުންގެ މަތިކޮޅުގެ މަޢުލޫމާތެވެ. މިހާރު ލުޠުފީ ގެންދިޔަ ލިޔުންތައް ފެނިއްޖެނަމަ ފުވައްމުލަކުގައި ތިބި މަތިކޮޅު ނޭނގޭ ގިނަ ބައެއްގެ މަތިކޮޅު އެނގިގެންދާނެއެވެ. މި ސުވާލުގެ ޖަވާބު އެނގިލައްވާ ބޭފުޅަކު ހުރި ނަމަ ޖަވާބު ދެއްވާނެކަމަށް އުއްމީދުކުރަމެވެ.

  (0)(0)
 16. މ.ނ.އ/ ފުވައްމުލައް

  އަޅުގަނޑަކީ މުޙައްމަދު އިބްރާހީމް ލުޠުފީ މިރަށަށް ވަޑައިގެން އުޅުއްވިއިރު މިރަށުގައި ހުރި މިރަށު މީހަކީމެވެ. ދޮން އަބާކިރު މިރަށަކު ނެތެވެ. ދޮން އަބާކިރު ލިޔުއްވިފަދަ ދަރިކޮޅުތަކުގެ ލިޔުންތަކެއް ބޮޑު އަގާއި ކުޑަ އަގާއި ދެއްވާފައި ލުޠުފީ ބައްލަވައިގެން ނުގެންދަވައެވެ. ފުވައްމުލަކުގެ ގިނަ ގެތަކެއްގައި ހުރި ވަނަވަރު ފޮތްތައް އެ ޢާއިލާތަކުގައި ތިބި ހަރުދަނާ މީހުންނަށް ނޭނގި "ކުޑަކުދިން" ގެ އަތުން ބައްލަވައިގަތުމުގެ ޢަމަލެއް ލުޠުފީ ނުކުރައްވައެވެ. ލުޠުފީ ކުރެއްވިކަމަކީ ދަރިކޮޅުތަކުގެ މަޢުލޫމާތު ސާފުކުރެއްވީއެވެ. ލުޠުފީއަކީ މިރަށުގެ ދަރިއެކެވެ. އެކަން އެނގިވަޑައިގަނޭތޯއެވެ. ދޮން އަބާކިރެވެ. ތެދެކެވެ. ގާތްގަނޑަކަށް "މުޅި މިރަށުގެ އާބާދީ"ކަހަލަ ގޮތަކަށް މި ލިޔުން ކިޔާފައިވެއެވެ. މިރަށުގެ އާބާދީ މިލިޔުން ކިޔާފައިވަނީ ނަސަބުގެ ޢިލްމަށް އަރާހުންނެވި މިރަށު ދޫނޑޭރެ އަޙްމަދު ދީދީގެ މަންމައާއި ބައްޕަގެ ފަރާތުންވެސް ގާތްތިމާގެ ބޭފުޅަކު މިލިޔުން ލިޔުއްވީމައެވެ. އަދި މިރަށުގެބިމުގައި މިތިބަ އެންމެގިނަ މީހުންނާއި ޢާއިލީ ގުޅުންއޮތްކަމަށް ދެބަސްވެވެން ނެތް ބޭފުޅަކު ލިޔުއްވީމައެވެ. އަޅުގަނޑާއި ދޮން އަބާކިރު ލިޔުނަސް މިރަށުގެބަޔަކު ނުކިޔާނެއެވެ. އަޅުގަނޑުމެންނަކީ މިކަން ކުރެވޭނޭ ބަޔެއްނޫންކަން އެމީހުންދަންނާނެއެވެ. އެމީހުން ބަލާނީ ލިޔެފައިހުރީ ހުސް ދޮގުކަމަށެވެ. ދިވެހި އިސްލާމީ އަގުހުރި ޝަޚުޞިއްޔަތެއް ކަތިލުމުގެ ބޭނުމުގައި ލިޔެފައިހުރި ރޯ ބުހުތާން ރަންނަމާރި ބުދުކޯލެއްފަދަ ލިޔުމެއްކަމަށެވެ. އެލިޔުން ގާދޫކޮލުން އަވަހަށް ބޭރުކޮށްލަންވީކަމަށެވެ. ނޫންތޯއެވެ.

  (0)(0)
 17. ދޮން އަބާކިރު

  "މ.ނ.އ" އަށް ދަންނަވާލަން އޮތީ އަޅުގަނޑު ދެންނެވި ވާހަކައެއް ދެންނެވީ ކަމުގެ ދެކޮޅު ނުބަލައެއް ނޫންކަމުގައެވެ. އަދި މަރުޙޫމް ލުޠުފީގެ ޝަޚްޞިއްޔަތަށް އެއްވެސް ކަހަލަ ކިލަނބުކަމެއް ގެނައުމުގެ މަޤްޞަދުގައި ވެސް ނޫންކަމުގައެވެ. ނަމަވެސް ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. ފޮތްތަކެއް ބައްލަވައިގަތެވެ. ފުވައްމުލަކުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެހެނިހެން ރަށްރަށުން ވެސް ލުޠުފީއަށް ފެނިވަޑައިގެންނެވި ތާރީޚީ ފޮތްތައް ބައްލަވައިގަތްކަން ނޫނީ އަގުދެއްވާފައި ސަރުކާރަށް ހޯއްދެވުމަށް އުޅުއްވިކަން ފަތްތޫރައިގައި ލުތުފީ ލިޔެފައިވާ ލިޔުންތަކުން ވެސް އެނގޭނެއެވެ. ޙަޤީޤަތުގައި އެއީ ގޯސްކަމެއް ވެސް ނޫނެވެ. ލުޠުފީގެ މަޤްޞަދު ވަރަށް ވެސް ރަނގަޅެވެ. އެއެއްޗެހި އޭރު ހުރި މީހުންގެ އަތުގައި ހުރި ނަމަ މިއަދާއި ހަމައަށް އެއިން ގިނަ މަޢުލޫމާތުތަކެއް ނުލިބި އޮތިއްޖައީހެވެ. ދެން "ކުޑަ" އަގެއް ކަމަށް ކޮމާކޯޅީގައި އަޅުގަނޑު ލިޔުނީ އެ ލިޔުންތަކަކީ އަގަކުން ގަނެލެވޭ ވަރަށްވުރެ އަގު ބޮޑު ފޮތްތަކަކަށް ވީމައެވެ. ނުބައި މާނައެއްގައެއް ނޫނެވެ. ދެން ހަރުދަނާ ބޭފުޅުންނަށް ނޭނގި "ކުޑަ" ކުދިންގެ އަތުންނޭ މިދެންނެވީ ވެސް މަޢުލޫމާތު ލިބިހުރެއެވެ. މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ރަށުގައި ނެތީސް ޝައުޤުވެރިކަމެއް ނެތް ޒުވާން ބޭފުޅަކުގެ އަތުން މަޝްހޫރު އާއިލާއެއްގެ ވަނަވަރު ފޮތެއް ބައްލަވައިގެންފައި އެބަހުއްޓެވެ. މީގައި ވެސް އަޅުގަނޑު ލުޠުފީ ކުށްވެރިއެއް ނުކުރަމެވެ. މީގައި ބޮޑީ އެ ވިއްކި ޒުވާން ބޭފުޅާގެ ކުށެވެ. ނޫނީ އެ އާއިލާގެ ކުށެވެ. ސަބަބަކީ އެފަދަ ބޭފުޅެއްގެ އަތްމައްޗަށް އަރާގޮތަށް އެފަދަ ފޮތެއް އެއްލާލާފައި އޮތީތީއެވެ. އަޅުގަނޑު މި މަޢުލޫމާތު ހޯދީ ހަމަ ލުޠުފީއާ އެއްކޮށް އުޅުއްވި ފުވައްމުލަކުގެ ދެ ހަރު ބޭފުޅުންނެއްގެ ފަރާތުންނެވެ. "މ.ނ.އ" ވެސް އިތުރަށް ހޯއްދަވައިފިއްޔާ އެއީ ކޮން ބޭފުޅުންނެއްކަން އެނގިވަޑައިގެންފާނެއެވެ. އެ ދެ އާއިލާގެ ވަނަވަރު ފޮތް ލުޠުފީ ގެންދެވިކަން ދުވާލުގެ އިރުހައި ސާފުކޮށް އެނގެން އެއޮތީއެވެ. މި ވާހަކަތައް އަޅުގަނޑު ކިޔައިދިނުމުގެ މަޤްޞަދަކީ މިހާރު އެ ފޮތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހުރިނަމަ އެ ފޮތްތަކުގައި މި ދެންނެވި މަޢުލޫމާތު ހުރިކަމާއި އެއީ ފުވައްމުލަކުގެ ތާރީޚަށް ބޭނުންތެރި މަޢުލޫމާތުތަކެއްކަން "މ.ނ.އ" ފަދަ ބޭފުޅުންނަށް ކިޔައިދެއްވުމެވެ. އެއިން ފައިދާކުރާނީ ފުވައްމުލަކުގެ ތާރީޚަށެވެ. އަދިއެއިން އަޅުގަނޑު މިދެންނެވި ދެ ބޭފުޅުންގެ ވަނަވަރު ފަދަ މުހިންމު ވަނަވަރުތަކެއް އެނގިގެންދާނެއެވެ. ޝުކުރިއްޔާ!

  (0)(0)
 18. ފަތުޙީ

  ދޮން އަބާކިރު އެ ދެންނެވީ ރަނގަޅު ވާހަކައެއް. އެކަހަލަ މައުލޫމާތު ހާމަކުރަން ޖެހޭނެ. ސަބަބަކީ އެބަޔާންކުރާ ފަދަ ތާރީޚީ މުދަލަކީ ހުރިހާ އެންމެންގެ ވެސް ހައްގަކަށް ވާތީ. މިސާލަކަށް ލުތްފީ ފުވައްމުލަކުން އެބުނާ ވަނަވަރު ފޮތެއް ގެންދެވިކަމުގައި ވާނަމަ އެވަނަވަރު ފޮތެއްގައިވާ ހުރިހާ މައުލޫމާތެއް ހާމަނުކުރެވި ނުވަތަ އޭގެ ވާރުތަވެރީންނާ ހަމައަށް އެ މައުލޫމާތުތައް ފޯރުކޮށްނުދެވި ވާނަމަ އެއީ ހިތާމަކުރުން ހައްގުކަމެއް. ހަމައެކަނި މަޝްހޫރު މީހުންގެ ވަނަވަރު ލިޔެވުނެއްކަމަކު އެ އާއިލާތަކުގެ އެހެން މީހުންގެ ވެސް ހައްގެއް އެފޮތްތަކުގައިވާ އެމީހުންނާ ބެހޭ މައުލޫމާތު ފުރިހަމައަށް އެނގުމަކީ. ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވުމުން އެފަދަ ފޮތްތަކުގައިވާ މައުލޫމާތު ހަގީގަތުގައި ޗާޕުކޮށް ރައްކާކުރަން ވެސް ޖެހޭ. ދެން އަޅުގަނޑަށް ހީވާ ގޮތުން ލުތްފީ އެގޮތަށް ގެންދެވި ފޮތެއްކަމުގައި ވާނަމަ މިހާރު ވާނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ނުވަތަ ގައުމީ ކުތުބުޚާނާ ފަދަ ކަމާބެހޭ އިދާރާއަކަށް ހަދިޔާކުރައްވާފަ. އަޅުގަނޑަށް އެނގިފައިވާ ގޮތުން ގައުމީ ކުތުބުހާނާގެ ބެލުމުގެ ދަށުގައި ހަމަ ޔަގީނުންވެސް އަނދުން ދަވާދުން ލިޔެވިފައިވާ ކުރީގެ ވަނަވަރު ފޮތްތަކެއް ތަންކޮޅެއް ކުރީގައި ހުރި. މިހާރުގެ ގޮތެއް ނޭނގޭ. ކުތުބުޚާނާއިން ބައެއް އާއިލާތަކާބެހޭ ފޮތްތައް ވެސް ނެރެފައި އެބަހުރި. އެކަމަކު ފުވައްމުލަކުގެ އާއިލާއެއް މިހައިތަނަށް ނެރެފައި ނުވޭ. އެހެންކަމުން މި އިދާރާތަކާއި އަދި ލުތްފީގެ އާއިލާ އަދި ގާތް ބޭފުޅުންނާ ގުޅައިގެން މިއަދު ވެސް ތިޔަ ބަޔާންކުރައްވާ ވަނަވަރު ފޮތެއްގައިވާ މައުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތްކަމުގައި ދަންނަވަން.

  (0)(0)
 19. ފާތުން

  ތަފާތު އެކި ނަންނަމުގައި ބޭފުޅުން ތިޔަކުރައްވާ މަސައްކަތަށްވެސް ސާބަސްފުޅެވެ. ހިތްޕުޅުގައި އުފެދޭ ވަސްވާސްތެރިކަމެއް ސަބަބުން ދޫފުޅުން ބޭރުކުރެއްވޭ އެއްޗެއް އަބުރައިގެންނަވަން އުޅުއްވުމަކުން އެއެއްޗެއް ނުގެންނެވޭނެއެވެ. އަންހެނުންނަށްވުރެ ފިރިހެނުން ބަލިކަށިވަނީ ތިޔަހެންވީމައެވެ.

  (0)(0)
 20. ސާމީ

  ރައީސް ނަޝީދުގެ މުންނަ (ބައްޕަ ފަރާތު މާމަ) އަކީ ވެސް ފުވައްމުލަކުގެ ބޭކަނބަލެއްކަން އެނގެއެވެ. ނަމަވެސް މިއީ ކޮން ބޭކަނަބަލެއްކަން މިހައިތަނަށް އެއްވެސް ލިޔުމެއްގައި ބަޔާންކޮށްފައި ނެތެވެ. ވުމާއެކު ރައީސް ނަޝީދުގެ މި ފަރާތުގެ މަތިފުށް ބަޔާންކޮށްދެއްވުން އެދި ޢަބްދުﷲ ޙިލްމީގެ އަރިއަހުން އަދަބުވެރިކަމާއެކު ދަންނަވަމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ މުންނައަކީ ދިޔަމިގިލީ ދަރިކޮޅަށް ވެސް ނިސްބަތްވާ ބޭކަނބަލެކެވެ. ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްނުވިއެއްކަމަކު ވިދުވަރުގެ އަލިދީދީ ފަދަ ބޭފުޅަކާ ހަވާލާދެއްވައިގެން ނަމަވެސް ޙިލްމީ މި މުހިންމު މަޢުލޫމާތު ބަޔާންކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ.

  (0)(0)
 21. ފާތުން

  ތަފާތު އެކި ނަންނަމުގައި ބޭފުޅުން ތިޔަކުރައްވާ މަސައްކަތަށްވެސް ސާބަސްފުޅެވެ. ހިތްޕުޅުގައި އުފެދޭ ވަސްވާސްތެރިކަމެއް ސަބަބުން ދޫފުޅުން ބޭރުކުރެއްވޭ އެއްޗެއް އަބުރައިގެންނަވަން އުޅުއްވުމަކުން އެއެއްޗެއް ނުގެންނެވޭނެއެވެ. ބޮޑު މަނިކުފާނަކީ ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް ސާބިތުވަނީ ކޮންގޮތަކުންތޯއާއި ބޮޑު މަނިކުފާނަކީ ދޮންދަލޭކަ ކަނބުލޭގެފާނުކަމަށް ސާބިތުވާ އެއްވެސް ޤަރީނާއެއް އޮތިއްޔާ ހުށަހަޅުއްވާށެވެ! މިއަމުރު މިކުރައްވަނީ ކާކު، ކާކަށް ކޮން ޙައިސިއްޔަތަކުންތޯ އެވެ. ދޮންދަލޭކަ ކަނބުލޭގެފާނަކާ މޫސާ ޢަލީ އަކާއި ހުރީ، ނުވަތަ ނެތީ، ކޮން ގުޅުމެއްތޯ އެވެ. ދިވެހި ޢާއިލާއެއްގައިވާ މީހަކީ އެޢާއިލާގެ މީހެއްކަން ނޫންކަން މޫސާ ޢަލީ އަށް ސާބިތުކޮށްދޭން މިޖެހެނީ ކީއްވެބާވައެވެ! ތިޔަ ބޭފުޅުން އުޅުއްވަނީ ފޮރުވިގެން ތިއްބަވައި ޢިލްމީ ޙައިސިއްޔަތުގެ ބޭރުން ޖަދަލުގެ ޙައިސިއްޔަތުގަ އެވެ. ހިލްމީގެ މިލިޔުމުން މިކަން އޮތްގޮތެއް ނޭނގޭނަމަ ދެން އެނގޭނެ ގޮތަކީވެސް މޫސާ ޢަލީއާއި ޢަލީ މޫސާއަށް ނެތް ގޮތެކެވެ. މިލިޔުންލިޔެފައިވަނީ ދޮންދަލޭކަ ކަނބުލޭގެފާނުގެ ޢާއިލާގެ މީހެކެވެ. ތޮށިގަނޑުގެތެރޭ ފޮރުވިގެން ނުތިއްބަވައި ސީދާ މައިދާނަށް ނުކުމެވަޑައިގަންނަވާށެވެ. ކުޅިޖަހައި ކުޅި ހަމަކުރާތަންވެސް ބަލާ ބަޔަކު ކުޅިބަލަން ތިބޭނެ އެވެ.

  (0)(0)
 22. މޫސާ ޢަލީ

  ފާތުން އެވެ. ހައިސިއްޔަތު ހުރުމަކީ ރަސް ދަރިކޮޅަކަށް ނިސްބަތްވުން ނުވަތަ ރަސްމަތިފުށުގެ މީހަކާ ތިމާގެ ވުމެއް ނޫނެވެ. ރަސްދަރިކޮޅަކަށް ނިސްބަތްނުވާ މީހުންނަށް ވެސް އެބައިމީހުންގެ ޚިޔާލުފާޅުކޮށް މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ލިބިގެންވެއެވެ. އަދި ތާރީޚު ލިޔުމާއި ކަންތައްކުރުމަކީ ހަމައެކަނި އެތާރީޚު ނިސްބަތްވާ މީހެއްގެ ދަރިކޮޅުގެ މީހަކަށް ނޫނީ ރަސްމަތިފުށްތަކަށް ނިސްބަތްވާ މީހުން ކުރަން އޮތް ކަމެއް ނޫނެވެ. މިއަދަކީ އިއްޔެއެއް ނޫނެވެ. ފާތުން ތިޔަ ފަދަ ދަށުދަރަޖައިގެ ވިސްނުމެއް ގެންގުޅުއްވުން އެއީ ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. އެއްވެސް ބަޔަކަށް ތަފާތުކުރުން ނުވަތަ ބޭފުޅިއްޔަތު ކަމުގެ އެއްވެސް އަސަރެއް އެއްވެސް މީހަކުގެ ކިބައިގައި ހުރުމަކީ އެމީހެއްގެ އީމާންކަމާ އަދި މިއަދު މުޅި ދުނިޔެ ޤަބޫލުކުރާ އިންސާނީ ޙައްޤުތަކާ ތަހުޒީބީ ހަމަތައް އެމީހަކުގެ ކިބައިގައި ހުރި މިންވަރާމެދު ސުވާލުއުފެދޭނެ ކަންތައްތަކެވެ. އަޅުގަނޑު އެއްވެސް މީހަކަށް އަމުރެއް ނުކުރަމެވެ. ވާހަކަދެއްކުމުގެ ދަރަޖަތައް އޮޅުވައިނުލައްވާށެވެ. އަޅުގަނޑު އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ. ފާތުންގެ ވިސްނުން ބަދަލުކުރައްވާށެވެ!

  އެއަށްފަހު ދަންނަވަމެވެ. އަޅުގަނޑުގެ ހުރިހާ ކޮމެންޓެއްގައި ވެސް ވާނީ ދިވެހި މުއައްރިޚުންގެ ލިޔުންތަކާ ފުށުއަރާކަމެއް އެލިޔުމަކުން ފާހަގަކުރެވޭނަމަ އެވާހަކައެކެވެ. ލުތުފީ ލިޔުއްވާގޮތުން މިބޮޑު މަނިކުފާނަކީ ދެއްވަދޫ ރަސްގެފާނުގެ ބޮޑު ދައިތައެވެ. ބޮޑުމަނިކުފާނާމެދު ކުރި ކޮމެންޓެއް މިކުރީ މިސަބަބާހެދިއެވެ. ޙިލްމީގެ ލިޔުމާ ލުތުފީގެ ލިޔުމާ ފުށުއަރާތީއެވެ. ލުތުފީއަކީ ވެސް ހަމަ އެއް އާއިލާއެއްގެ ބޭފުޅެކެވެ. އަޅުގަނޑު ކޮމެންޓްކުރުމުގެ ބޭނުމަކީ ތާރީޚުގައި އުފެދޭ މިފަދަ ފުށުއެރުންތައް ނައްތާލުމެވެ. އަދި ފުށުއެރުންތައް ކުޑަކުރުމެވެ. ކަންކަމާމެދު ސުވާލުއުފެއްދުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު އަޅުގަނޑަށް ލިބިގެންވެއެވެ. ފާތުންއަކަށް އެކަމެއް ނިގުޅައިނުގަނެވޭނެއެވެ. އަޅުގަނޑަކީ ލިޔުންތެރިޔަކީމެއް ނޫނީމެވެ. އަޅުގަނޑު ކުރާނީ ކޮމެންޓެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދެމިހުންނާނަމެވެ. ޝުކުރިއްޔާއެވެ.

  (0)(0)
 23. ފާތުން

  ލިޔުންތެރިއާއަށް.
  އަޅުގަނޑު ރޭގައިފޮނުވި ދޮންދަލޭކައާއި މޫސާ ޢަލީމެން ބޭފުޅުންގެ ވާހަކައޮތް ކޮމެންޓަކީ ފަޑިޔާރު އަބޫބަކުރުގެ ލިއުމަށް ފޮނުވިކޮމެންޓެކެވެ. އޮޅިގެން ހިރިހަމާތިކަލޭގެފާނު މިލިއުމަށްފޮނުވުނީއެވެ. މިކޮމެންޓް ފަޑިޔާރު އަބޫބަކުރުގެ ލިއުމަށް ބަދަލުކޮށްދެއްވުން އެދެމެވެ.

  (0)(0)
 24. ޢަލީ

  ފާތުން ފަދަ އެއްވެސް ބޭފުޅަކު މި ލިޔުމާ ނުގުޅޭ ވާހަކަ ނުދެއްކެވުން އެދެމެވެ. މިހާރު އެދައްކައިގަތީ ކޮންވާހަކައެއްހެއްޔެވެ؟ ތިޔައީ ދެން ބޮޑުވަރު ނޫންތޯއެވެ. އެހެން ލިޔުމަކަށް ކުރެވޭ ކޮމެންޓަކާ ގުޅިގެން މިލިޔުމުގައި ކޮންހާ ހާސަރެއް ހެއްޔެވެ؟ މާބޮޑަށް ޒާތީވެ ތަހުޒީބީ ހަމަތަކުން ބޭރުވެފައި ހުންނަ މިކަހަލަ ކޮމެންޓުތައް ޝާއިއުނުކުރެއްވުމަށް ސައިޓުގެ އެޑްމިންގެ ކިބައިން އެދެމެވެ. ޢިލްމީ ކޮމެންޓުތަކަށް ޖާގަދެއްވިއެއްކަމަކު ކޮމެންޓުކުރާ ބޭފުޅުންނަށް ފުރައްސާރަކޮށް ޒާތީވެ ޖެއްސުންކޮށް އެފަދަ ގޮތްގޮތަށް ހުންނަ ކޮމެންޓުތައް ޝާއިއުނުކުރެއްވުން އެދެމެވެ.

  (0)(0)
 25. މަހުދީ

  އަބްދުﷲ ހިލްމީއަށް ޝުކުރިއްޔާ. މިލިއުމުން އަޅުގަޑުގެ ހަތަރު ފަރާތު އާއިލާވެސް އޮޅުންފިލާ. ލިޔުންތެރިޔާއާ ގުޅޭނެ އެއްވެސް މައުލޫމާތެއް ލިބިދާނެތޯ؟؟

  (0)(0)
 26. ހެޔޮއެދޭފަރާތެއް

  މަހުދީގެ ހަތަރު ފަރާތުގެ ޢާއިލާވެސް އޮޅުންފިލާގޮތަށް މިލިއުން ލިއުއްވި ހިލްމީ އުޅުއްވާތަނަކާއި ގުޅޭނެގޮތެއް ދަންނަވަން އަޅުގަޑަށް ނޭގުނަސް ފުވައްމުލަކު ކުޑައިރަނިއަ(ކުދުރަނިއަ) އެދުރުގޭ މަރިޔަމް މަނިކުފާނުގެ އައިސާދީދީގެ ދެބޭފުޅުންކަމަށްވާ ދޮންދީދީއާއި މުހައްމަދުދީދީއާއި ދެބޭފުޅުންނަށް މާމަ، ކާފަ ވިދާޅުވާ ކަތްދާދީދީގެ އިސްމާއީލްދީދީގެ މުހައްމަދުދީދީގެ ދޮންދީދީއަކީ ހިލްމީގެ ބައްޕަގެ މަންމަކަން އަޅުގަޑަށްއެގެއެވެ.

  (0)(0)
 27. ޚިޔާލެއް

  ލިޔުންތެރިޔާ އާއި ގުޅުއްވަން ބޭނުންކަމަށްވާނަމަ، އެބޭފުޅެއް އަމިއްލަފުޅަށް ނަންބަރު މިތާގައި ޖަހާލުން ފެނެއެވެ. އޭރުން ލިޔުންތެރިޔާއަށް ގުޅާލެވިދާނެތާއެވެ.

  (0)(0)
 28. ގފރގރ

  ފާޠިމާދީދީ ދުނިޔެ ދޫކުރެއްވި އިރު އޭނާ އާ ކައިވެނިކުރައްވައިގެން ހުންނެވީ ފުވައްމުލަކު "ވިއުޕާރކް" ޢަދުނާނު އިބްރާހިމްދީދީ (މާދަޑުބޭގެ އިބްރާހިމްދީދީގެ ޢަދުނާނު އިބްރާހިމްދީދީ) އެވެ.
  އަދުނާން އިބްރާހިމް ދީީދީ (މާދަޑިބެއަގެ)

  (0)(0)