ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
އިރާޤް ހަނގުރާމައިގެ މަޤްޞަދަކީ ޑިކްޓޭޓަރޝިޕެއް ނުވަތަ ޚުދުމުޚުތާރު ވެރިކަމެއް ނިމުމަކަށް ގެނެސް، އަދި ޑިމޮކްރަސީއެއް ޤާއިމްކޮށް އޭގެ ސަބަބުން މެދުއިރުމަތި އެކީއެކައްޗަކަށް ބަދަލުކޮށްލުމެވެ. އިންތިޚާބެއް ބާއްވައި އެބުނާ ޑިމޮކްރެސީ ޤާއިމްކުރުމަކުން ޢިރާޤުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުނު ތަނެއް ފެނިގެނެއް ނުދިޔަ އެވެ. ވެރިކަން ވައްޓައިލުމުގެ މާނަ އަކީ ޢިރާޤު ރައްޔިތުންނަށް އެ މީހުންގެ މިނިވަންކަން އަނބުރައި ލިބިދިނުމެވެ. މިނިވަންކަމަކީ އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. މިނިވަންކަމުގެ އަގަކީ އަޅުގަނޑުމެންގެ ލެޔާއި، މުދަލާއި، ކަރުނައާއި، އަދި ދާ އޮހޮރުވައިގެން ވެސް އަދާކުރުން ޙައްޤު އެއްޗެކެވެ. 

ޢިރާޤަށް މި ގެނެވުނު ބަދަލުގެ ތެރޭގައި އިސްކޮށް ޙަރަކާތްތެރިވީ މީހަކު މި ހާރު ދެކޭ ގޮތުގައި ލޭ އޮހޮރުވުމުގެ ބޭނުމެއް ނެތެވެ. އެ ވަރުން ބޭނުންވެގެން މި އުޅޭ ޑިމޮކްރެސީގެ ފޮނިމީރުކަން އިޙްސާސްކުރުމުގެ ނަސީބު މި ކަމުގެ ތެރޭގައި ދުނިޔެ ދޫކުރި މީހުންނަކަށް ނުލިބުނެވެ. އެހެންވީމާ  އޭނާ ދެކޭ ގޮތުގައި މި ދެވުނކީ ދާންވާ މަގަކުން ނޫނެވެ. އެހެންކަމަށްވާނަމަ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ އުސާމާ ރިއާދަކީ ކައިވެނީގެ ޙަފްލާތައް ވީޑިއޯ ކުރުމުގެ ވިޔަފާރި ކުރާ މީހެކެވެ. ހަމަނުޖެހުމާ ހެދި އޭނާއަށް ކައިގެން ބޮއިގެން އުޅެވޭވަރުވަނީ ކިރިޔާ އެވެ. އޭނާ ބުނާ ގޮތުން އޭނާ އެ މަސައްކަތްކުރާ ތަނަކީ އެ ކަހަލަ ކަމަކަށް އިރާޤުގައި ހަމައެކަނި ރައްކާތެރި ސަރަޙައްދެވެ. އޭނާއަށް އެ މަސައްކަތުން ދިރިއުޅުމުގެ އަސާސީ ބޭނުންތައް ކަމުގައިވާ ފެނާއި، ކަރަންޓާއި އަދި ނަފްސުގެ ރައްކާތެރިކަން ލިބޭކަމަށް އޭނާ ބުންޏެވެ. އޭނާގެ ރައްޓެހިންނާއި އަދި އެކީ އުޅުނު އެންމެންތައް ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. އޭނާއަށް އެނގިފައިވާ ގޮތުގައި އޭނާގެ އެއް ޕްރޮފެސަރަކު ގައުމު ދޫކޮށް ދިޔަ އިރު އަނެއް ދެ ޕްރޮފެސަރުން ވަނީ ޓެރަރިސްޓް ހަމަލާތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. ރަޙުމަތްތެރިންނާއި އަދި ތިމާގެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކުވަނީ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. 

މީހަކު ކަލޭ ގާތު، ކަލެއަށް ވޯޓްލުމުގެ ހުއްދައެއް ނެތްކަމަށާއި، ކަލެއަށް ސަރުކާރަށް ފާޑުކިޔުމުގެ ހުއްދައެއް ނެތްކަމަށާއި، އެ ކަމަކު ކަލެއަށް ދަތުރުފަތުރު ކުރެވޭނެކަމަށާއި، ކަލެއަށް ޢިލްމު އުނގެނުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި، އަދި ސަލާމަތާއި ރައްކާތެރި ކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބޭނެކަމަށް ބުނެފި ނަމަ، ކަލޭ އެ ގޮތް ޚިޔާރުކުރާނަން ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ ޢިރާޤުގެ ގިނަމީހުން ބުނާ ގޮތުން އެ މީހުން އަދާކުރާނެ ރަނގަޅު ވަޒީފާއަކާއި، ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބިފައި އަދި ދަތުރުފަތުރުކުރުމުގެ މިނިވަންކަން އޮންނަ ނަމަ، އެ މީހުން ޚިޔާރުކުރާނީ އެ ގޮތެވެ. އޭރުން އެމީހުން ސަރުކާރާއި، ރައްޔިތުންނާއި އަދި ބާރުތަކަށް ފާޑުކިއުން ދޫކޮށްލާނަމެވެ. ތެދެކެވެ. އެ މީހުން އެ ތިބީ އެ މީހުންގެ އެ ޙައްޤު ދޫކޮށްލަން ތައްޔާރަށެވެ. މުޅި ބަޣުދާދު އަދި ގާތްގަނޑަކަށް މުޅި ޢިރާޤު އެއްކޮށް ހީވަނީ އަސްކަރީ ބެރިކޭޑުތަކާއި، ދަމައިލެވިފައިވާ ކަށިނަރުތަކާއި، އަސްކަރީ އުޅަދުތަކުން ވަށައިލެވިފައިވާ ޖަލެއްހެންނެވެ. އަހަރުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ޢިރާޤަކީ އެ ސަރަޙައްދުގެ މިނިވަންކަމާއި އަދި ޑިމޮކްރެސީގެ އަލިގަދަ ދަންމަރެވެ. 

މެދުއިރުމަތީގައި ރަނގަޅަށް ހިނގާ ތަނެއް ދެކެން ބޭނުންނަމަ ދުބާއީއަށް ދާށެވެ. އިންތިހާ މުއްސަދިކަމާއި އަދި ވަރުގަދަ އަޒުމެއް އުފައްދައިދޭ އެ ބިޔަ ހިތްގައިމު ޝަހަރު ބިނާކޮށްފައިވަނީ އެއްވެސް ޑިމޮކްރެސީއަކާ ނުލައެވެ. ޙަޤީގަތުގައި އެތާގެ އެތެރެއިން އެ ފެންނަ ތަރައްޤީއާއި ތަހުޒީބަށް ބަލާ އިރު، އެ ތަން ހިންގަމުން ދަނީ ތިޔަ ވިދާޅުވާ އިންތިޚާބުތަކާއި އަދި ފަރުދީ މިނިވަންކަމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވާ ނަމަ، އެއިން އެއްވެސް ކަމެއް ޙާޞިލްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދުބާއީގެ ތަޞައްވުރަކީ ފައިސާ ހޯދުމެވެ. އެތާގެ މުއްސަނދިކަމާއި އަދި އެ މުއްސަނދިކަން ދެމެހެއްޓުމުގައި ސިޔާސީ ކަންތައްތަކަކީ އެއްވެސް އަހައްމިއްޔަތެއް އޮތް އެއްޗެއް ނޫނެވެ. މި ފާއިތުވި 25 އަހަރުގެ ތެރޭގައި، “ދުބާއީ ޕޯރޓްސް ވޯލްޑް” ގެ ބަނދަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޤާއިމްކޮށް ފުޅާކޮށްފައެވެ. އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ގިނަ ބަނދަރުތަކުގެ މިލްކުވެރި ފަރާތެވެ. ހަމައެކަނި ދުބާއީ ބަނދަރަށް ބެލިކަމުގައި ވިޔަސް ދުވާލަކު 1000 ކޮންޓެއިނަރގެ 50 އަށްވުރެ ގިނަ ބޯޓަށް، އެ ކުންފުނިން ދަނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މި ކަންކަމަކީ ޑިމޮކްރެޓިކް އިސްލާޙުތަކުގެ ތެރެއިން ހިންގާ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، މިކަންކަން ހިންގަނީ ސީދާ ރަސްކަމެއްގެ ތެރެއިން ހިންގާ ސަރުކާރަކުންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ތާގެ މީހުން އެ އުޅޭ އުފާވެރި ދިރިއުޅުމަކީ ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް މި ވަގުތު މިންވަރު ކުރައްވައިފައިވާ ކަމެއްނޫނެވެ. 

“އަޅުގަނޑު މިދެންނެވީ ސަލާމަތާއި ރައްކާތެރިކަމުން ފެށިގެން ދިރިއުޅުމުގެ ފެންވަރަށް ބެލިކަމުގައި ވިޔަސް މި މިންގަޑުތައް ބަދަލުކުރުމަށް ބުނެވޭނީ ކާކަށްތޯއެވެ؟ ޑިމޮކްރެޓިކް ދުނިޔޭގައި ތަޖުރިބާކޮށްފައިވާ ވަރަށް ގިނަ ގޯސްކަންތައްތައް އަހަރުމެން ވަނީ ދިރާސާކޮށް ދަސްކޮށްފައެވެ. އެ ކަމަކު އަހަރުމެން މިހާރު މި ބޭނުންކުރާ އޮނިގަނޑު މި ދަނީ ވަރަށް އަވަސްއަވަހަށް ބަދަލުވަމުންނެވެ. ތަސައްވުރަކާއެކު ފުރިހަމަ ލީޑަރޝިޕަކާއި (ސްމާރޓް ލީޑަރޝިޕް)، އަދި ހަމަހަމަ ލީޑަރޝިޕަކާ(ފެއަރ ލީޑަރޝިޕަކާ)އެކު ކަލޭމެން ހަމަ ކުރިއަށް ނުކުންނަންވީއެވެ.” ދުބާއީ ޕޯރޓްސްގެ ޗީފް އެގްރެކްޓިވް އޮފިސަރ ވިދާޅުވިއެވެ. ދުބާއީގައި ސިޔާސީ ކަންތައްތައް ވަނީ ގާތްގަޑަކަށް މަނާކުރެވިފައެވެ. އެ ތަނުގައި ސިޔާސީ ރެލީތައް ބާއްވައި އަދި ސަރުކާރަށް ދެކޮޅަށް އަޑުއުފުލާ ހަޅޭއްލަވައެއް ނުހެދޭނެ އެވެ. މިއީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެ ތާކު މީހުން މަރައި، ލާއިންސާނީ ޢަމަލުތައް ހިންގާ، މީހުން ހައްޔަރުކޮށް އަދި އަނިޔާކޮށް ހަދާކަމުގެ އެއްވެސް ތުހުމަތެއް، މި ފަދަ އެއްވެސް ފަރާތަކަށް ލިބިފައި ނުވުމުން އެއާމެދު އެމީހުން އެ ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. 

 

އެއީ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ޚުދުމުޚުތާރު (ޑިކްޓޭޓަރޝިޕް) ވެރިކަމެކެވެ. އެ ތަނުގެ އިސް މީހުންނަކީ ތާރީޚީ ގޮތުން ސަހަރާ އާއި އަދި ހާމަ ތަންތަނާ ގުޅިފައިވާ ޢަރަބި މުސްލިމުންނެވެ. ބާރުތައް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އެ ތަނަކީ ބަޣުދާދުން ފުރައިގެން މަތިންދާބޯޓުގައި ވަރަށް ކުރު ދަތުރެއް ކޮށްފައި އާދެވޭ ތަނަކަށްވުމީ ގަބޫލުކުރަން  ވެސް ވަރަށް ދަތި ކަމެކެވެ. އެ ކަން އެންމެ ބޮޑަށް ވައްތަރީ އިނގިރޭސި ވިލާތުގައި މީހަކު އުޅެމުންދާ އިރު ފްރާންސްގައި ހަނގުރާމައިގެ ހުޅުގަނޑު ރޯވެ އަނދަމުންދާ ފަދައަކުންނެވެ. ދުބާއީގެ ޙިއްޞާގެ ބާޒާރަށް (ސްޓޮކް އެކްސްޗޭންޖް) ބަލައިލުމުން، އެމެރިކާއިން ޢިރާޤް ހަނގުރާމަކުރުމުގައި ގެންގުޅުނު ތަޞައްވުރަކީ މި ފަދަ ތަނަކަށް ޢިރާޤު ބަދަލުކޮށްލުން ކަމަށް ވެސް ވެދާނެ އެވެ. ޢިރާޤުން ތަޖުރިބާކުރި ޑިމޮކްރެސީ އަކީ ނާމާންކަމާއި ބިރުވެރިކަމުގެ ޑިމޮކްރެސީއެކެވެ. އަދި އެ ޑިމޮކްރެސީ މަސައްކަތް ކޮށްފައިވަނީ ވެސް އެ ގޮތަށެވެ. އެކަމަކު ދުބާއީގެ ތަޖުރިބާ އާއި ސަޤާފަތް މުޅިން ރަނގަޅެވެ. ދެން އިތުރަށް އެ ވާހަކަ ނުދައްކަމާ ހިނގާށެވެ.  

ފަގީރުންނަށް އޮތީ ކޮންގޮތެއް ހެއްޔެވެ؟ ގިނަ މީހުން ގަބޫލުކުރާ އުޞޫލުތަކަށް ބަލާއިރު، ހުޅަނގުގެ މީހުންގެ އުޞޫލުތަކާއި އެ މީހުންގެ ޙާލަތު އެއީ އެހާ ހިތްހަމަޖެހޭ އަދި ޤަބޫލުކުރަން ފަސޭހަ ކަންތައްތަކެއް ނޫނެވެ. މުޙައްމަދު މުސްޠަފާ އަކީ ދުބާއީ މީހެއް ނޫނެވެ. އޭނާ އަކީ ބަނގުލާދޭޝްގެ ރައްޔިތެކެވެ. އޭނާއަކަށް ދުވަހަކު ވެސް ދުބާއީގެ ރަށްވެއްސަކަށް ނުވެވޭނެ އެވެ. އެކަމަކު މިކަން ބަދަލުވެގެން ދަނީ  މި ހިސާބުންނެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި ދުވާލަކު ލިބޭ 3 ޑޮލަރު އެއްކޮށްފައި އޭނާ މި ފޮނުވަނީ ބަނގްލާދޭޝްގައި އުޅޭ އޭނާގެ ޢާއިލާއަށެވެ. އެކަމަކު ބަނގްލާދޭޝަކީ ސިޔާސީ ކަންތައްތަކުން ފައްކާވެފައިވާ ޑިމޮކްރެސީއަކަށް ވާއިރު، އެ ތަނުގެ އިނދަޖެހިފައިވާ އިޤްތިޞާދުން އެ ތަނުގެ ރައްޔިތުން ބެލެހެއްޓޭވަރެއް ނުވެއެވެ. އޭނާ އެދޭ ކަންތައްތަކަކީ ޢިރާޤުގެ ރައްޔިތުން އެދޭ ކަންތައްތައް ކަމަށް އަހަރުމެންނަށް އެނގިފައިވާ ކަންތައްތަކާ މުޅިން ތަފާތު ކަންތައްތަކެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ނިކަމެތި ފަގީރެކެވެ. ސިޔާސީ ކަންތައްތަކާމެދު އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އޭނާ ބޭނުންވާހާ ވެސް ކަމަކީ މި ގޮތަށް މަސައްކަތް ކުރުން މަތީ ދެމިހުރެ އޭނާގެ ޢާއިލާއަށް އެހީވުމެވެ. 

ދުބާއީގެ އަމީރު ޝެއިޚު މުޙައްމަދު ބިން ރަޝީދު އަލް މަޚުޠޫމަކީ އިސްލާމީ ދުނިޔޭގައި މިނިވަންކަން ފެތުރުމުގެ މުހިންމު މަސައްކަތުގެ މޭސްތިރިއެވެ. އަދި އޭނާ އަކީ އެކަމުގެ ބައިވެރިއެކެވެ. ޝެއިޚު މުޙައްމަދަކީ ޑިމޮކްރެޓިކް ބޭފުޅެއްނޫނެވެ. އެކަމަކު އޭނާ ކާރުކޮޅު ދުއްވަނީ އަމިއްލަފުޅަށެވެ. އަދި ބައެއް ފަހަރަށް މާބާރަށް ކާރުކޮޅު ދުއްވުމުގެ ސަބަބުން ޓްރެފިކް ޕޮލިހުން ހިފަހައްޓަވައި ޖޫރިމަނާ ކުރެއްވުމުން އަމިއްލަފުޅަށް ވަޑައިގެން އެފައިސާ ދައްކަވައި ހައްދަވައެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ބާރާއި، ޞައްދާމް ޙުސެއިނަށް ލިބިވަޑައިގެންފައިވީ ބާރަށް ބަލާ އިރު ހަމައެކަނި ތަފާތަކީ ދެބޭފުޅުން ބާރު ބޭނުންފުޅު ކުރެއްވުމުގައި ހުރި ތަފާތެވެ. ޝެއިޚް މުޙައްމަދު ބާރު ބޭނުންފުޅުކުރައްވަނީ ކަންކަން ރަނގަޅުކުރެއްވުމަށާއި އިޞްލާޙު ކުރެއްވުމަށެވެ. ޞައްދާމް ޙުސެއިން ބާރު ބޭނުންފުޅު ކުރެއްވީ މީހުން ނިކަމެތި ކުރެއްވުމަށާއި ބިރުދެއްކެވުމަށެވެ. އޭގެ ނަތީޖާ އަކީ ދުބާއީގެ އަހަރީ އާމްދަނީއިން ބޮލަކަށް 55،000 ޑޮލަރު ޖެހޭއިރު ޢިރާޤުގެ އަހަރީ އާމްދަނީއިން ބޮލަކަށް ޖެހެނީ 3،500 ޑޮލަރެވެ. ޞިއްޙީ މިންގަޑުތަކަށް ބަލާއިރު ދުބާއީގައި ތުއްތު ކުދީން މަރުވާ ރޭޓް މި އުޅެނީ ކޮންމެ 1000 ކުދީންގެ ތެރެއިން އެންމެ 14 ކުދިން ކަމަށްވާއިރު ޢިރާޤުގައި އެ ރޭޓް މި އުޅެނީ ކޮންމެ 1000 ކުދިންގެ ތެރެއިން 47 ކުދިންނަށްކަމަށް ވުމުން އެއީ ދުބާއީއަށް ވުރެ 3 ގުނަ މަތީ ޢަދަދެކެވެ. ދުބާއީގައި މީހުންގެ އެވްރެޖް ޢުމުރު ވެސް ޢިރާޤަށްވުރެ މާ މައްޗެވެ. ދުބާއީގައި ޒުވާނުން ރީތިވުމަށާއި ސަޅިވުމަށް ފައިސާ ޚަރަދުކުރާ އިރު، ޢިރާޤުގައި އެ ޢުމުރުގެ ގިނަ ޒުވާނުން އުޅެނީ ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިގެން މީހުން މަރަން ދަސްކުރާށެވެ. އާދަވެގެން މިކަން މި ހިނގަނީ ޑިމޮކްރެސީގެ ޙަޤީޤީ މާނަ މުޅިން ތަފާތު ގޮތަކަށް ތަރުޖަމާކޮށް އެ ނަމުގައެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ބުޝް ދުބާއީއަށް ވަޑައިގެން ވިދާޅުވަނީ މުޅި މެދުއިރުމަތީގައި ޑިމޮކްރެސީ ގާއިމްކުރަން ޖެހޭނެކަމަށެވެ. އެކަމަކު ދުބާއީގެ ޒުވާނުން ބުނަނީ އެ މީހުން އޮތީ ޑިމޮކްރެސީ މާކުރިން ގާއިމްކޮށްފައެވެ. ވީމާ އެމެރިކާ އާއި އަދި ހުޅަނގުގެ ގައުމުތަކުން ވިއްކަން އެ އުޅޭ ލާދީނީ ޑިމޮކްރެސީއަށް ވުރެ ދުބާއީގެ ޑިމޮކްރެސީ މާ ފުރިހަމަވެފައި މާ ހިތްގައިމެވެ. 

މެލޭޝިއާއަކީ މައިގަނޑު ގޮތެއްގައި މުސްލިމް ގައުމެކެވެ. އަދި އެއީ އޭޝިއާގެ އިޤްތިޞާދުގެ ސިންގާ އެވެ. އަދި މިހާރު އެ ގައުމުން އެ ދަނީ ޑިމޮކްރެސީގެ އުޞޫލުތައް ބޭނުންކުރަމުންނެވެ. މެލޭޝިއާގެ މި ސެމީ-ޑިމޮކްރެސީއިން ޤަވާޢިދުން އިންތިޚާބުތައް ބާއްވައި އަދި އެންމެފަހުން ބޭއްވި އިންތިޚާބުގައި ވެރިކަންކުރާ އިއްތިޙާދަށް ވަނީ ފާހަގަކުރެވޭ ވަރުގެ ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އެކަމަކު އެމީހުން އަދިވެސް އެމީހުންގެ ބާރު ދަމަހައްޓަމުން އެ ދަނީ މީގެ 50 އަހަރުކުރިން މެލޭޝިއާ މިނިވަން ވީއްސުރެ އެ ތަނުގައި އެ މީހުން ވެރިކަން ކުރަމުން އައި ފަދައިންނެވެ. މެލޭޝިއާގެ އެވްރެޖް އާމްދަނީ ޢަރަބި ދުނިޔެއަށް ވުރެ 2 ގުނަ މައްޗެވެ. އެކަމަކު މެލޭޝިއާއަކީ ތާރީޚީ ގޮތުން އެއްބަޔަކު އަނެއްބަޔަކާ މެދު ޙަސަދަވެރިކަން އޮތް، ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅޭ ވަރަށް ތަފާތު މުޖުތަމަޢެކެވެ. 

މެލޭޝިއާއަކީ އެ ޤައުމަށް ކުރިމަތިވި ދާޚިލީ ހަމަނުޖެހުން ކޮންޓްރޯލްކޮށް ޤައުމުގެ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގައި ޢިރާޤާއި ދިމާއިދިކޮޅު ނަމޫނާ ގައުމެކެވެ. 1950ގެ އަހަރުތަކުގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި މެލޭޝިއާ އޮތް ދުވަސްވަރު އޮތް ހަމައެކަނި ބިރަކީ ކޮމިއުނިސްޓުންނެވެ. ދާޚިލީ ހަމަނުޖެހުން ނިމުމަކަށް ނާންނަނީސް ބާރުތައް ޙަވާލުކުރުމަށް އިނގިރޭސިން ދިޔައީ ދެކޮޅު ހަދަމުންނެވެ. މިނިވަންކަން ހަމަ ލިބުމާއެކު މެލޭ ނަސްލުގެ މީހުންނާ، ޗައިނީސް ނަސްލުގެ މީހުންގެ މެދުގައި ނަސްލީ ހަމަނުޖެހުންތަކުގެ ހުޅުގަނޑު ރޯވެގެންދިޔަ އެވެ. އެކަން ނިމިގެން ދިޔައީ މައިގަނޑު ގޮތެއްގައި މެލޭ ނަސްލުގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަށް ޚާއްޞަ ސިޔާސަތުތަކެއް އެކުލަވައިލެވި އެއަށް ޢަމަލުކުރަން ފެށުމުންނެވެ. މި ކަންތައްގަނޑުގެ ތެރެއިން މެލޭޝިއާ ސަލާމަތްކޮށް އިޤްތިޞާދީ ގޮތުން ވަރުގަދަ ބާރަކަށް މެލޭޝިއާ ހަދައިދިން ޝަޚުޞިއްޔަތަކީ ދާއިމީ ގޮތެއްގައި ހުޅަނގުގެ ޤައުމުތަކުން އޭނާގެ ސިޔާސަތުތަކަށް ފާޑުކިޔައި އަދި އެ ސިޔާސަތުތަކާއި އުޞޫލުތައް ބަދަލުކުރުމަށް ގޮވައިލުމުން ވެސް ކަނޑައެޅިގެން އެކަމާ ދިމާ އިދިކޮޅަށް ވާހަކަދައްކަވައި ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. އާދެ! މި ދެންނެވި ވަރުގަދަ ޝަޚުޞިއްޔަތަކީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަޙާޟީރު މުޙައްމަދެވެ. ހުޅަނގުގެ ޑިމޮކްރެސީއާއި އެއް ގޮތަށް ޢަމަލުކުރި ނަމަ މެލޭޝިއާ ވާނީ ކޮންކަހަލަ ޤައުމަކަށް ބާވައެވެ. މަޙާޟީރު ވިދާޅުވަނީ އޭރުން ފެނިގެން ދިޔައީހީ ނަސްލީ ތަޅައިފޮޅުންތަކާއި ހަމަނުޖެހުން އުފެދިފައިވާ ތަނެއްގެ ގޮތުގައެވެ. 

1981 ން 2003 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި ޑޮކްޓަރ މަޙާޟީރު ވިދާޅުވަނީ އެމެރިކާއާއި ހުޅަނގަށް އެކައްޗެއް ވެސް ނޭނގޭ ކަމަށެވެ. އެ މީހުން އެ ދަނީ، ދުނިޔެ އާއި ދުނިޔޭގެ ގައުމުތަކާ އަދި އެ ޤައުމުތަކުގެ ރައްޔިތުންނާ މެދު އެކައްޗެއް ވެސް ނޭނގި ތިބެ، ދުނިޔެ ހަލާކުކުރަމުންނެވެ. އެ މީހުންގެ އަތްމަތީގައި ހަތިޔާރާއި ބާރު އޮތުމުން އެ މީހުންނަށް ހީވަނީ ޤައުމުތަކަށް އަރައި އެ ތަންތަން އަޅުވެތިކޮށް މީހުން މަރައި ހެދުމުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށެވެ. ހިތާމަ އަކީ އެ މީހުންގެ މި ނުރައްކާތެރި މަޅީގައި އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުގެ މީހުން ޖެހި، އެ ޤައުތަކުގެ ރައްޔިތުން މަގުފުރައްދައި އެ ޤައުމުތައް ހަފުސްވަމުން ދާތީ އެވެ. އެމެރިކާއިން ބައެއް މުޖުތަމަޢުތަކުގެ ޚުދުމުޚުތާރު ވެރިކަން ޑިމޮކްރެސީއަށް ބަދަލުކޮށްފައިވާއިރު ކަންތައްތައް ކޮށްފައި ވަނީ ޢިރާޤުގައި ކަންތައްތައް އެކުރާ ބީދައަކުން ނޫނެވެ. މި ކަންކަމާ މެދު މުސްލިމުން އަދިވެސް ހޭއަރާކަށް ނުވޭ ބާވައެވެ؟؟

————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
6 Comments
 1. ހެޔޮއެދޭ ފަރާތެއް

  ވަރަށް ޢިބްރަތްތެރި ލިޔުމެއް. ލުޠުފީގެ ލިޔުއްވުންތައް މި ސައިޓުން ފެންނާނެކަމަށް އުންމީދުކުރަން. (އަޅުގަނޑާ ލުޠުފީ ފުރަތަމަ ބައްދަލުވީ ހަނދާންވާގޮތުގައި 1984 ހިސާބު އީޕީއެސްގެ ކުރީގެ ޓީޗަރެއް ކަމުގައިވާ މިސްޓަރ ފާރޫޤު އަރިހަށް އިނގިރޭސި ކިޔަވަން ދިޔަ ދިޔުމެއްގައި. މިއަދު އެ ހަނދާންވެސް އާވުމުން ލިޔެލީ.) ލުޠުފީގެ އަސްލު ފަންނުގެ އިތުރުން މި ފަންނުގައި ވެސް ކުރިޔަށް ވަޑައިގަންނަވާނޭކަމަށް އުންމީދުކޮށް ހިތްވަރު އަރުވަން. ޝުކުރިއްޔާ

  (2)(0)
 2. aminath latheefa

  ވަރަށް ޢިބްރަތްތެރި ޙަޤީޤީ ވާހަކަކޮޅެއް

  (2)(0)
 3. ދޮންމަންޖެ

  ޢިބްރަތްތެރި އަދި ޝައުގުވެރިކަމާއެކު ކިޔާލެވުނު އާޓިކަލެއް...ލުޠުފީ ލިޔުންތެރިކަން ހާދަހާ މޮޅެވެ. މި ލިޔުން ކިޔާލުމުން އަޅުގަނޑުގެ ހިތަށްއެރި އެއްޗަކީ ދުބާއީފަދަ ގައުމަކަށް މިގައުމު ގެނައުމަށްޓަކައި ލިބުނު ފުރުޞަތުގެ ބޭނުން ''އޭރުގެ'' ބޭފުޅުން ނުހިއްޕެވީ ކީއްވެގެންބާވައޭ؟؟ އެކަން އެގޮތަށް ކޮށްދެއްވި ނަމަ، އަޅުގަނޑުމެންގެ ރާއްޖެ ކިތަންމެ ކުޑަކަމުގައި ވީ ނަމަވެސް އަޅުގަނޑުން ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް (ޚާއްޞަކޮށް ނަފްސުގެ މުއްސަނދިކަމުން) ދުބާއީ ރައްޔިތުންނަށްވުރެ މާ މުއްސަނދި ބަޔަކަށް ނުވީސްބާއޭ؟؟؟ މި ކުޑަކުޑަ މުޖުތަމަޢުން މިހާރު ފެންނަމުންދާ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން، ލިޔުމުގައިވާ "ދުބާއީގައި ޒުވާނުން ރީތިވުމަށާއި ސަޅިވުމަށް ފައިސާ ޚަރަދުކުރާ އިރު، ޢިރާޤުގައި އެ ޢުމުރުގެ ގިނަ ޒުވާނުން އުޅެނީ ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިގެން މީހުން މަރަން ދަސްކުރާށެވެ." މި އިބާރާތްކޮޅު ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ. ލުޠުފީގެ މިފަދަ ލިޔުއްވުންތައް އިތުރަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން..

  (2)(0)
 4. ޝަރީފް

  މިލިއުންކޮޅު ކިޔާލުމުން އަޅުގަޑު ހިތަށްއެރީ އަޅުގަޑުމެން ޑިމޮކްރެސީ ގެންނަން ވެގެން މަސައްކަތްކުރާއިރު އެއީ ހަމަ އެންމެ ރަގަޅު ނިޒާމުތޯ؟ އަސްލުގަ ކޮންމެ ނިޒާމެއް އޮތަސް މީހުން އިޚްލާސްތެރި ނުވަންޏާ ރައްޔިތުންނަށް ކުރާނެ މާބޮޑު ފައިދާއެއް ނެތްކަން ހާމަވެގެން މިދިޔައީ. އެކަމަކު ދިވެހިންގެ ގިނަބަޔަކު ހޭބޯނާރާ މިއުޅެނީ މިވަރުގެ ނިޒާމެއްނެތިގެން. މިއީ ސިޔާސީމީހުން ގައުމުތައް ލޫޓޫވަން ބޭނުންކުރާ ނިޒާމެއްކަން ކަށަވަރު.

  (2)(0)
 5. ޕްރޮފެސަރ އާދަމް

  ޙަޤީޤަތަކީ މި ގެނައި ބަލި "ޑިމޮކްރަސީ" އައުމަށް ފުރުސަތުދިނީ ޚުދު އަޅުގަނޑުމެން ރައްޔިތުން. މިކަމުގައި އެންމެ މުހިންމު ޒިންމާދާރުންނަކީ ވޭތުވި 50 އަހަރު ދުވަހު ވެރިކަމާއި ބާރުވެރިކަމުގައި އުޅުއްވި ޚިޔާނާތްތެރިން. އެއީ ދީނާއި ދިވެހިބަހާއި ތާރީޚާއި ސަޤާފަތް ދުރައްލައި ހުޅަނގުގެ ޢިލްމު ކޮންމެހެން ބޭނުންނެތިފައި ތިބި ބަޔަކަށް ވިސްނައިދީ އެ ކިހިއްޔަށް ލެއްވުމުގެ ނަތީޖާ. މިކަމުގައި އަމީންދީދީ، ނާސިރު، ފަރީދު ދީދީ، އަދި މައުމޫނުވެސް ހިމެނޭ. އަދި މުއްސަނދިންކަމުގައި ބެލި ކަކާގޭ ދަރިކޮޅާއި އަތިރީގޭ ދަރިކޮޅާއި ކޮލި އާއިލާއާއި އަދިވެސްމިފަދަ މީހުން. މިބަލި ފުރިހަމަވުމަށް ބޭނުންހކުރި ޖަސްތު ގަނޑަކީ ނަޝީދު. ވީމާ މި ހުރިހާއެންމެން މިކަމުގައި ޒިންމާވާންޖެހޭ. މިިއީ ދިގު ވާހަކައެއް.

  (3)(0)
 6. سمير

  އަޚް ޙަސަން ލުތުފީގެ މަޒްމޫނަކީ ވަރަށް ދިރާސާ ކުރައްވައި، މުހިންމު މައުލޫމާތު ހިމަނުއްވައިގެން ލިޔުއްވާފައިވާ މަޒުމޫނެކެވެ. ފުންކޮށް ވިސްނައިލަން ޖެހޭ ވަރަށް ގިނަ ކަންތައް މި މަޒްމޫނުގައި ހިމެނެއެވެ. ވަރަށް ކިޔާ ހިތުން ކިޔައިލެވުނެވެ. ވަރަށް އުފާކޮށްފީމެވެ. ޝުކުރިއްޔާ!

  (2)(0)