ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ފެށުން:

ދިވެހިބަހުން މަތީ ތަޢުލީމުގެ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނާ، ކޯހުން ޙަވާލުކުރެވޭ އެންމެ ގިނަ އެއް މަސައްކަތަކަށް ވާނީ ތަފާތު ދިރާސާތައް ކޮށް އެ ފަދަ ދިރާސަތަކުގެ ރިޕޯޓް އެކުލަވައިލުމެވެ. ނުވަތަ ދިރާސި މަޒުމޫނެއް ލިޔެލުމެވެ. މި ފަދަ މަސައްކަތްތަކުގެ މިން  ކަނޑައެޅިފައި ގިނަ ފަހަރަށް ހުންނަނީ ލަފުޒުންނެވެ. މިސާލަކަށް 2500 އާއި 3000 ލަފުޒާ ދެމެދުގެ މިންވަރަކަށް ނުވަތަ އެ ނޫން ވެސް މިންވަރަކަށް ލަފުޒުން ދިގުމިން ކަނޑައެޅޭ ގޮތަކަށެވެ. މި ފަދަ ޙާލަތްތަކުގައި ބައެއް ދަރިވަރުންގެ ކިބައިން އިވޭ ޝަކުވާއަކީ ދިވެހިބަހުގައި ލަފުޒު ދުރުކުރާނޭ ވަކި ގަވާއިދެއް އުޞޫލެއް ނޯންނަ ކަމުގެ ޝަކުވާ އެވެ.

މި މަޒުމޫނު މި ޚާއްޞަ ކޮށްލަނީ އެފަދަ ދަރިވަރުންނަށް ދޭ ޖަވާބެއްގެ ގޮތުގައެވެ. ދިވެހިބަހުގައި ވެސް ލަފުޒު ދުރުކުރާނޭ އުޞޫލެއް ކަނޑައެޅިފައި އެބަ އޮތެވެ. މިއީ ބަހާބެހޭ އެންމެ މަތީ މުއައްސަސާއިން ކަނޑައޅުއްވައިފައިވާ އުޞޫލެކެވެ. މި އުޞޫލުގެ ފުރިހަމަކަމުގެ މައްޗަށް ބަހުސްކުރުމަކީ އަޅުގަނޑުގެ މަޤުޞަދެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެކަށައެޅިފައި ވަކި ގަވާއިދެއް އޮވެއްޖެ ނަމަ އެ ގަވާއިދަށް ޢަމަލުކުރުމަކީ ބަސްދެކެ ލޯބިވާ ކޮންމެ މީހަކުމެ ކުރަން ޖެހޭނެ ކަމެކެވެ.

ލަފުޒު ދުރުކޮށްގެން ލިޔުން:

ލަފުޒު ވަކިކުރުމަކީ ހަމަ އެކަނި ދިވެހި ބަހަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ބަސް ބަހުގައި ވެސް އޮންނަ ކަމެކެވެ.  ހަމަ މި އުޞޫލުން ދިވެހި ބަސް ތާނައިން ލިޔާ އިރު ވެސް ލަފުޒު ވަކިކޮށްގެން ލިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލަފުޒު ވަކިކޮށްގެން ލިޔުމަކީ ބަލައިލާން (ލޮލަށް) ރީތިވާ ކަމެކެވެ. އެ ލިޔުމެއް ކިޔައިލާން  ފަސޭހަވާ ކަމެއް ވެސް މެ އެވެ. އަދި އެއީ ލިޔާ މީހާގެ މަޤްޞަދު ޙާޞިލުކުރުމަށް މަގު ފަހިވާ ކަމެއް ވެސްމެ އެވެ. ލަފުޒު ވަކިނުކޮށް ލިޔާނަމަ ކިޔަން އުނދަގޫވުމުގެ އިތުރުން ލިޔުނު މީހާ ގަސްތުކުޅަ މާނަ ނޫން އެހެން މާނައެއް ކިޔާ މީހާ އަށް އެ ލިޔުމަކުން ދޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ފަހުން މި ދެންނެވި ވާހަކަ އަމިއްލަ ފުޅަށް ތަޖްރިބާ ކޮށްލެއްވުމަށް ޓަކައި އަންނަނިވި ޖުމުލަތައް ވިދާޅުވުން ހުއްޓެވެ.

(1) “މިއީބޯފެންނަގާފުރާޅެކެވެ.” މި ޖުމުލަ، މިދަންނަވާ ފަދަ ތަފާތު ގޮތަކަށް ބޭނުންކުރެވިދާނެއެވެ.  
    (ހ) މިއީ  ބޯ  ފެންނަ  ގާ  ފުރާޅެކެވެ.
(ށ) މިއީ  ބޯފެން  ނަގާ  ފުރާޅެކެވެ.

(2) “އެކަކުނިދާތަންމަށަށްއެނގެއެވެ.” މި ޖުމުލައަށް ބައްލަވާށެވެ!

އެ  ކަކުނި  ދާ  ތަން  މަށަށް އެނގެއެވެ.
އެކަކު  ނިދާ  ތަން  މަށަށް އެނގެއެވެ.

 (3) “މަންމަނުކަންޏާމަށަކުނުކާނަމެވެ.” މި ޖުމުލަވެސް ހަމަ އެފަދައެވެ.

މަންމަނު  ކަންޏާ  މަށަކު  ނުކާނަމެވެ.
މަންމަ  ނުކަންޏާ  މަށަކު  ނުކާނަމެވެ.    

(4) “ބޭނުންވަނީމާމުއިގޮށްކުޅަނދުރުބިސްވައިގުގޫމިތަކެއްޗެވެ.”    މި ޖުމުލައިގައި މި ބުނަނ ކީކޭބާވައެވެ؟

ބޭނުންވަނީ: މާމުއިގޮށް، ކުޅަނދުރުބިސް، ވައިގުގޫ މިތަކެއްޗެވެ.
ބޭނުންވަނީ: މާމުއި، ގޮށްކުޅަނދުރު، ބިސްވައިގުގޫ މިތަކެއްޗެވެ.    
    

ލަފުޒު ވަކިކުރުމަށް ގެންގުޅޭ އުޞޫލު

ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޒުކަޒުގެ ބަސް ކޮމެޓީ އިން ވަނީ ގަވާޢިދެއް އެކަށައަޅުއްވައި ޢާންމުކޮށް އިޢުލާންކުރައްވާފައެވެ. މިކަރުދާހުގައި މިބަލައިލަނީ މިގޮތުގެ މަތީން ދިވެހިބަސް ތާނައިން ލިޔެ އުޅުމުގައި ލަފުޒު ވަކިކޮށް ލިޔުމަށް ގެންގުޅޭ އުޞޫލުތަކެވެ.

1-    ދިވެހި ބަސް ބެހިގެންވާ (ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެ ނަން، އިތުރު، އަކުރު، މި) 8 ބައިގެ ތެރެއިން އަކުރު ފިޔަވައި އެހެން ކޮންމެ ބައެއް މެ ވަކިވަކީން ލިޔުން.
މިސާލު: މި ޒަމާނުގެ ގިނަ ޒުވާނުންގެ އަޚުލާޤު ހުންނަ ގޮތް އަހަންނަކަށް އެހައި ރަނގަޅެއް ނޫނެވެ.

2-    ގިނަ ކުރުމުގެ އަކުރު ކަމުގައިވާ (“ތައް” “މެން” “ފަހަރު” މިފަދަ) އަކުރުތައް ބަހާ ގުޅުވައިގެން ދުރުނުކޮށް ލިޔުން.
މިސާލު: (1) ފޮތްތައް، މީހުންތައް، ގަލަންތައް
        (2) އަހަރެމެން، މަންމަމެން، ބައްޕަމެން
        (3) ދޯނިފަހަރު، ބޯޓުފަހަރު، އޮޑިފަހަރު

3-    އިޝާރާތުގެ ނަންތައް ކަމުގައިވާ  (މި، ތިޔަ، އެ، އޭތި، މީތި، ފަދަ) ނަންތައް ވަކީން ލިޔުން.
މިސާލު: އެ  ގެ  ހައި  މި  ގެ  ރީތި  ނޫނަސް  މި  ގެ  އަކީ  ތިޔަ  ކުދީންގެ  ގެ އެވެ.

4- ގުޅުވާ އަކުރުގެ ތެރެއިން “ގެ” މި އަކުރު ކުރީ ބަހާ ގުޅުވައިގެން (ދުރުނުކޮށް) ލިޔުން
މިސާލު: އޭނާގެ، ހިތުގެ، ލޯބީގެ، ފޮތުގެ

5- ލަފުޒުގެ ފަހަތައް ގުޅުވާ އަކުރާއި ލަފުޒާ ދެމެދަށް އެހެން އަކުރެއް ވަން ކަމުގައި ވިޔަސް މި “ގެ” ދުރުނުކޮށް ލިޔުން  (ޢާއްމުކޮށް މިގޮތަށް ދިމާވާނީ އަބަފިއްޔަކުން ނިމިފައި ހުންނަ ލަފުޒުގެ ފަހަޔަށް “ގެ” މިއަކުރު ގުޅުވާއިރު އެވެ.)
މިސާލު: ފިހާރައިގެ، ހިތާމައިގެ، އަކައިގެ

6- ފުރިހަމަކޮށްދޭ އަކުރެއް ކަމުގައިވާ “އެވެ.” މި އަކުރުވެސް (ބަދަލުނުވެ) “އެވެ.” އޮންނަ  ގޮތަށް ނިމޭނަމަ ވަކީން ލިޔުމާއި އެނޫން ޙާލަތްތަކުގައި ވަކިނުކޮށް ލިޔުން.
މިސާލު: (1) މަދަރުސާ އެވެ.   ހިނގައްޖެ އެވެ.   އަންނާނެ އެވެ.
        (2) މަދަރުސާއެކެވެ.  އޭނާ މާ ހަގެވެ.  ދޮއްޓެވެ.

7- ކަމުން ނަންއިތުރު އުފެއްދުމަށްޓަކައި އިތުރުކުރެވޭ”ގެން” “މުން” “ފައި” މި އަކުރުތައް ކަމާ ގުޅުވައިގެން (ދުރުނުކޮށް) ލިޔުން
މިސާލު:  ނަގައިގެން ކަމުންކަމުން ދުވެފައި ހިނގައްޖެ އެވެ.

8- “އަށް” މިއަކުރުވެސް އަލިފުގެ ފިލި ލަފުޒެއްގެ ނިމޭ އެންމެ ފަހު އަކުރުގައި ޖެހޭ ތަންތާނގައި ވަކިނުކޮށް ލިޔުމާއި، މި “އަށް”  (ބަދަލުނުވެ) ވަކިން އޮންނަ ގޮތަށް ދިމާވާ ތަންތާނގައި ވަކިކޮށް ލިޔުން.
މިސާލު: (1) އިތުރަށް، ފަހަށް، ގޯންޏަށް
        (2) ފިހާރަ އަށް،  މަދަރުސާ އަށް،  ހަސީނާ އަށް.
    
9- އިން، އެއް، އާއި، އަކީ، އަކު، ފަދަ އަކުރުތައް ވެސް ލަފުޒަކާ ގުޅިގެން އަންނަނަމަ ވަކިނުކޮށް (ގުޅުވައިގެން) ލިޔުމާއި މި ނޫން ޙާލަތްތަކުގައި ވަކިވަކީން ލިޔުން
މިސާލު: (1) އޮފީހުން، ފޮތެއް، ގަލަމާއި، ކަތީބަކީ، ފަހަރަކު،
        (2) ޖަލްސާ އިން، ގޮނޑި އެއް، މަދަރުސާ އާއި، އޭނާ އަކީ، ގެ އަކު

10- ގިނަ ކުރުމަށްޓަކައި ލަފުޒެއް ތަކުރާރުކުރާނަމަ އެ ލަފުޒު ތަކުރާރުކޮށް އެއްކޮށް (ދުރުނުކޮށް) ލިޔުން
މިސާލު: ގަސްގަސް، ފޮތްފޮތް، އަޑުއަޑު، ގޮނޑިގޮނޑި
     
11- “ވެސް” މިއަކުރު ވަކީން އަންނަނަމަ  (ދުރުކޮށްގެން) ވަކީން ލިޔުން
މިސާލު: އަހަރެން ވެސް ކައިފީމެވެ.
    
12- އަދިވެސް، ނަމަވެސް، އެހެންނަމަވެސް، މިފަދަ އަކުރުތަކުގައި އޮންނަ “ވެސް”  އެ ލަފުޒުތަކުގެ ބައެއް ކަމަށް ވާތީ އެ ފަދަ އަކުރު ލިޔާއިރު “ވެސް” ދުރުނުކޮށް (ގުޅުވައިގެން) ލިޔުން
މިސާލު: އަދިވެސް، ނަމަވެސް، އެހެންނަމަވެސް

ނިންމުން:

ލަފުޒު ދުރުކުރުމަށް ގެންގުޅޭ މައިގަނޑު އުޞޫލުތައް މި ދަންނަވައިލެވުނީ އެވެ. މިއީ ވަރަށް ފަސޭހަ އުޞޫލެކެވެ. އެންމެ ބޮޑަށް ހަނދާން ބަހައްޓަން ޖެހެނީ ދިވެހި ބަހުގެ 8 ބައިގެ ތެރެއިން ކޮންމެ ބައެއް ގައި ހިމެނޭ ހަމަ ކޮންމެ ލަފުޒެއްވެސް ހަމަ ކޮންމެ ޙާލަތެއްގައިވެސް ދުރުކޮށްގެން ލިޔުމަށެވެ. (މި، އެ، ތިޔަ، ފަދަ ކުރު ލަފުޒުތަކަކީ ވެސް މި ދެންނެވި ހަމައިގެ މަތީން (އެއީ އިޝާރާތުގެ ނަންތަކެއް ކަމަށް ވާތީ) ލިޔަން ޖެހޭނީ ހަމަ ދުރުކޮށްގެންނެވެ. (މިސާލު: މި އޮފީހުގެ، ތިޔަ މިނިސްޓްރީގެ).

އެންމެ އަކުރަކުން އޮންނަ ލަފުޒެއް ކަމަށް ވިޔަސް ދުރުކުރާކަށް ޖެހިލުންވާނެ ކަމެއް ނެތެވެ. މިސާލަކަށް އިނގިރޭސި ބަހުގައި އޮންނަ “I” އާއި “is”  ފަދަ ކުރު ލަފުޒުތައް ވެސް ހަމަ ލިޔަނީ ދުރުކޮށްގެން ވަކިވަކީންނެވެ. އެހެންވީ އިރު ދިވެހި ބަހުން މި ފަދަ ލަފުޒެއް ދުރުކޮށްގެން ލިޔަން ޖެހިލުންވާންވީ ސަބަބެއް ނެތެވެ.

ދެން ހަނދާން ބަހައްޓަން ޖެހޭނީ، ގިނަކުރުމަށް ބޭނުންކުރާ އަކުރުތަކާއި ގިނަކުރުމަށްޓަކައި ނުވަތަ އަސަރު ގަދަކުރުމަށްޓަކައި ތަކުރާރުކުރާ ލަފުޒުތައް އެއްވެސް ޙާލެއްގައި ދުރު ނުކުރުމަށެވެ. (މިސާލަކަށް:  ފޮތްތައް، ފޮތްފޮތް، ކައިރިކައިރީގައި)
ހަމައެކަނި މި މިންވަރު ހިތުގައި ހަރުލުމުން ދެން ހުރި ކުދިކުދި އެހެން އުޞޫލުތައް ދަސްކޮށްލަން ފަސޭހަ ވާނެ އެވެ. ދެން ހުންނާނީ ވަރަށް މަދު ކުދިކުދި ހަމަތަކެކެވެ.

———–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
3 Comments
  1. މުޙައްމަދު ޢަލީ

    އަލްއަޚް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކްރު، މިހާރު ތިޔަ ދައްކަވާ ވާހަކައާ އަޅުގަނޑު ވަރަށް ގަބޫލެވެ. މި ރޮނގުން އަދިވެސް އިތުރު މައުލޫމާތު އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވުމަށް އިންތިޒާރުކުރަމެވެ. ޝުކްރިއްޔާ!

    (0)(0)
  2. ދަރިވަރު

    މި ލިޔުން ކިޔުމުން އަކުރު ވަކިކުރުމުގެ ހަމަ ވަރަށް ރަނގަޅަށް ދޭހަ ވެއެވެ. 🙄

    (0)(0)
  3. BAC b8

    🙂

    (0)(0)