000މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު ހަމީދަކީ (އަސްލު ނަމެއް ނޫން) އަޅުގަނޑު ކުޑާދުވަހުގެ ދިވެހި މުދައްރިސެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރުކުރައްވާނަމޭ ހިތައި އުއްމީދާއެކު އޭނާ ވަނީ އެކަމަށް ކުރިމަތިލައްވައިފައެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން ފުރެއްދެ އޮޑިއެއްގައި އުތުރުކަރައިގެ ކާލީކޯޓަށް އޭނާ ކުރެއްވި ދަތުރުވީ އޭނާއަށް ވަރުގަދަ އިމްތިހާނަކާ ކުރިމަތިލައްވާން ޖެހިލެއްވި ދަތުރަކަށެވެ. އޭނާ އެދަތުރުކުރެއްވީ އެންމެ ފަހުން ހުންނެވި ”ބަނޑާރަ ނެވި” އަލިފުޅު މާލިމީއާ އެކުގައެވެ. ފިލާއަޅާށާއި މާލިމީކަމުގެ ހިސާބުކިތާބު ހައްދަވަން އޭނާ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު ހަމީދަކީ (އަސްލު ނަމެއް ނޫން) އަޅުގަނޑު ކުޑާދުވަހުގެ ދިވެހި މުދައްރިސެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރުކުރައްވާނަމޭ ހިތައި އުއްމީދާއެކު އޭނާ ވަނީ އެކަމަށް ކުރިމަތިލައްވައިފައެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން ފުރެއްދެ އޮޑިއެއްގައި އުތުރުކަރައިގެ ކާލީކޯޓަށް އޭނާ ކުރެއްވި ދަތުރުވީ އޭނާއަށް ވަރުގަދަ އިމްތިހާނަކާ ކުރިމަތިލައްވާން ޖެހިލެއްވި ދަތުރަކަށެވެ. އޭނާ އެދަތުރުކުރެއްވީ އެންމެ ފަހުން ހުންނެވި ”ބަނޑާރަ ނެވި” އަލިފުޅު މާލިމީއާ އެކުގައެވެ. ފިލާއަޅާށާއި މާލިމީކަމުގެ ހިސާބުކިތާބު ހައްދަވަން އޭނާ ދަސްކުރެއްވީ “ނެވިން” ގާތުން ދަތުރުމަތީގައެވެ. ފިލާ ނުވަތަ ސިކިސްތާން ނުވަތަ އެންމެ އިހުގެ ބަހުރުވައިން ނަމަ ގޮއިދޮރުވާނު އަޅަނީ އިރު ނުވަތަ ބައެއް ތަރިތަރި ހުރި ދަރަޖަ ބަލައި އަރުޟާއި ޠޫލު (ލެޓިޓިއުޑާއި ލޮންޖިޓިއުޑް) ދެނެގަތުމަށްޓަކައެވެ. ޖީޕީއެސް ތައާރަފުވުމުގެ ކުރިން އައްސޭރި ނުވަތަ ރަށްރަށް ނުފެންނަ ހިސާބު ބޭރު ކަނޑުކަނޑުގައި އޮޑި ހުރި ހިސާބެއް ފިލާއަޅައިގެން މެނުވީ ބެލެވޭނޭ ގޮތެއް ނޯވެއެވެ. ޗާޓާއި ފިލަޔާއި ކަރުނާމާޓަރާއި ހިސާބު ސާފުކުރުމަށްޓަކައި ގެންގުޅޭ “ނޫރީ” އާއި “އަލިމަނިކު” މީ މާލިމީކަމުގެ ސާމާނެވެ. އަލިމަނިކަކީ އަހަރުން އަހަރަށް ޗާޕުކުރެވޭ ފޮތެކެވެ. ދިވެހި މާލިމީން ބޭނުންކޮށް އުޅުނީ އިނގިރޭސިވިލާތުގެ ރަސްމީ “އަލިމަނިކު” އޮފީހުން ޗާޕުކުރާ ފޮތެވެ. އަލިމަނިކާ ޚިލާފަށް “ނޫރީ” ގައި ހިމެނެނީ ބަދަލު ނުވާ ހިސާބުތަކެއް ކަމުން މީ އަހަރުން އަހަރަށް ޗާޕުކުރަން ޖެހޭ ފޮތެއް ނޫނެވެ.

ނަސީބު ދިމާކުރި ގޮތުން މުހައްމަދުގެ ދަސްކުރުމުގެ ދަތުރުވީ އަލިފުޅު މާލިމީގެ ފަހު ދަތުރަށެވެ. އޮޑިމަތީގައި ބަލިވެއުޅުއްވުމަށް ފަހު ވަރަށް ކުއްލި ގޮތެއްގައި އޭނާ ނިޔާވީއެވެ. މިއާ ވިދިގެން ކަފުންކޮށް ގަބުރު ނަގިއްޔެއްގައި ޖަހައި ކަނޑު ބެހެއްޓީއެވެ. މިއީ “ދަސްކުރާ މާލިމީގެ” އަތްދަށުން ހިނގައި ދިޔަ ކަމެކެވެ. އަދި ހަމަ އެފަދައިން އޮޑިއައިގެން ދަތުރުކޮށް ކާލީކޯޓު ބަނދަރަށް ދާން ޖެހުނީ ވެސް އޭނާގެ މާލިމީކަމުގައެވެ. އަދި ދަތުރު ނިމިގެން އޮޑި އަނބުރައި ރާއްޖެ އައީ ވެސް އޭނާގެ މާލިމީ ކަމުގައެވެ. އެނބުރި އައުމުގެ ދަތުރުގައި އޭނާއަށް ލިބިލެއްވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދަތުރު  ބަރާބަރަށް ކުރެވޭ ނަމަ ރާއްޖެ ގޮނޑުވާނީ ތިލަދުންމަތީ  ފިއްލަދޫ ބާރަށާ ދިމާއިން ކަމަށް އެދުރު މާލިމީ ބުނުއްވާފައި އޮތް އިރު ބާރަށް ދައްކާލީ އޮޑީގެ ދައްސޫރަ ކޮޅުން ކަމުގައި ވުމެވެ. މި ދަތުރު ކުރެވުނީ  1961 ވަނަ އަހަރު ތެރޭގައެވެ. ދުވަސްވަރަކީ ރިޔާނެގި އޮޑިފަހަރުގެ ދުވަސްވަރެވެ. އުތުރުކަރައިގެ ކޮއްޗެއަށް ކާލީކޯޓަށް މަންގައްލޫރަށް ނުވަތަ ބަންގާޅަށް އޮޑިފަހަރު ގޮސް އުޅުނީ މުދަލަކަށް ރާއްޖޭގައި އުފައްދާ ކުފުރާޔާއި ކާށި ހިފައިގެންނެވެ. އުތުރުކަރައިން އާންމުކޮށް ގެނެސް އުޅުނީ ފޭރާމުގެ ބާވަތްތަކާއި ގޭގެ ހިޔާކުރާ އީޓެވެ.

ތާރީޚީ ދަތުރަށް ފަހު މުހައްމަދު މަސައްކަތް ކުރައްވަން ފެއްޓެވީ އެދުވަސްވަރު މާލޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ ބޭކަލެއްގެ ގާތް މުއައްޒަފެއްގެ ގޮތުންނެވެ. މިއައު ވަޒީފާ ހަމަޖެނުތާ ކުޑަދުވަސްކޮޅެއް ފަހުން ވިޔަފާރިވެރިޔާ ކޮންމެވެސް ތާކުން ފުރެއްދެ އޮޑިއެއް ބައްލަވައިގެންފިއެވެ. މިއާ ވިދިގެން އޭނާ މުހައްމަދަށް އަންގަވައިފިއެވެ. “އޮޑި ކަރަޔަށް ދާނީ މުހައްމަދުގެ މާލިމީކަމުގައެވެ.”

މުހައްމަދު ނަންގަތެވެ. ” އަޅުގަނޑު އަތުގައި މާލިމީ ކަމުގެ ސަނަދެއް ނޯވެއެވެ.”

“ތިޔަ ސަނަދު ލިބޭނޭ ގޮތް އަހަރެން ހަމަޖައްސާނަމެވެ.” ވިޔަފާރިވެރިޔާ ބުނުއްވިއެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން މުހައްމަދު ކުރައްވައިފައި ހުރި ތަޖުރިބާތައް ވިޔަފާރިވެރިޔާ ދެނެލައްވައެވެ. އެދުވަސްވަރު މާލިމީން އިމްތިހާނު ކުރައްވަނީ ރާއްޖޭގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ މާފަންނު އަސުރުމާގޭ ޢަބްދުﷲ އިސްމާޢީލެވެ. އާންމު ނަމުން ނަމަ އިސްމާއީލު ކަލޭގެފާނު ތުއްތެވެ. ނުވަތަ “ތުއްތު ސާހިބެވެ.”  އަރަބި އިނގިރޭސި އުރުދޫ މިތިންބަސް ދެނެލައްވާ ބޭކަލެކެވެ. ތިން ބަހުން ހިސާބު އިލްމުގެ ވަރަށް ގިނަ ފޮތް އޭނާ އެއްކުރައްވާފައި ހުއްޓެވެ. އޭނާގެ ހުރިހައި ހުސް ވަގުތެއް ހޭދަކުރައްވަނީ މިފޮތް ފޮތް ބައްލަވާ ހިސާބުތައް ހެއްދެވުމުގައެވެ.

ތުއްތޫ އަކީ ވަރަށް ވިސްނުން ތޫނު ބޭކަލެއް ކަމަށް ބުނާތީ އަހަމެވެ. ޔަގީންކޮށްލުމުގެ ގޮތުން އޭނާގެ ދަރިވަރު މުޙައްމަދު ޢުމަރާ (މާލިމީ ކުޑަ މުހައްމަދުފުޅު) ސުވާލުކުރުމުން ބުނުއްވީ “ތުއްތު ސާހިބު ވަރުގެ ވިސްނުން ތޫނު ދެވަނަ އިންސާނަކު އަހަރެންގެ މުޅި ހަޔާތުގައި ވެސް ނުދެކެމެވެ!” ވަރަށް ބޮޑެތި އަދަދު އެއްކޮށް ކަނޑައި ގުނަކޮށް ގެއްލުމަކަށް އޭނާ އަކަށް ގަލަމެއް ކަރުދާހެއް ބޭނުމެއް ނުވެއެވެ. ނަންބަރުތައް ނަންގަތުމުން އިނގިލިން މޭޒުގައި ޖައްސަވާލައްވާފައި ވަގުތުން ޖަވާބުދެއްވައެވެ. ހިސާބުކުރުމަށް އޭނާއަކީ ހަލުއި ކޮންޕިއުޓަރެއްހައި ކުޅަދާނަ ބޭކަލެކެވެ. މާލިމީ ދެކިލައްވާ ގޮތުގައި ތުއްތޫ ވަރުގެ ހިސާބު އިލްމުވެރިއެއް އަދިއެއް ރާއްޖެއަކު ނުއުފެދެއެވެ.

1961ވަނަ އަހަރު މަޖީދިއްޔާއާއި އަމީނިއްޔާގައި އިނގިރޭސި ތައުލީމު ދޭން ފެށުމުގެ ކުރިން ރާއްޖޭގައި އޮތް ދިވެހި ތައުލީމީ ޖީލެއް ދެ ޖީލެއްގެ ހިސާބު އިލްމުގެ އުސްތާޛަކީ ތުއްތޫއެވެ. މިހެން މިނަންގަތީ ހިސާބު ކިޔަވައިދޭ އެންމެ މަޝްހޫރު މުދައްރިސަކީ އޭނާ ކަމުގައިވެފައި އެ ދުވަސްވަރު ހިސާބު ކިޔަވައިދޭން އާންމުކޮށް ގެންގުޅުނު ފޮތްފޮތަކީ ވެސް އޭނާ ލިޔުއްވައި އެކުލަވައިލެއްވި ފޮތްފޮތްތަށް ވާތީއެވެ. “ބައިވެރިވާ މަތީ ބަހާ” (ބ.މ.ބ)، “ބައިވެރިވާ ދަށު ގުނަ” (ބ.ދ.ގ) “ގެލަހަރު” ފަދަ ދިވެހި ބަހުން ހިސާބު އިލްމު އުނގެނުމުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް ގިނަ ބަސްތަކަކީ ތުއްތޫ އުފެއްދެވި ބަސްތަކެވެ.

މަޖީދިއްޔާ އަމީނިއްޔާގައި އިނގިރޭސި ތައުލީމު ދޭން ފެށުނު ފަހުން ވެސް އަހަރުތަކެއް ވަން ދެން ރާއްޖޭގެ ގިނަ މަދުރަސާތަކުގައްޔާއި ސަނަދަށް ކިޔަވައިދޭ ކިލާސްތަކުގައި ދިވެހި ގޮތަށް ހިސާބު ކިޔަވައިދޭން ބޭނުން ކުރެވުނީ ތުއްތޫގެ ފޮތްފޮތެވެ. ޚާއްސަކޮށް އޭނާގެ “ތަނަވަސް ހިސާބެވެ.”

މިހާރުވެސް އަޅުގަނޑުމެން މިދެކޭ ގޮތަށް މީލާދީއާއި ހިޖުރީމަސްތަކާއި ދުވަސްތައް އަދި ނަކަތްތައް ހިމެނޭ ގޮތުން ރާއްޖޭގައި ބޭނުންކުރާ ކަލަންޑަރަކީ އަސްލު އޭނާ ހައްދަވަން ފެއްޓެވި ކަލަންޑަރެކެވެ. އޭނާއަށް ފަހު ކަލަންޑަރު ހައްދަވަމުން ގެންދެވީ އޭނާގެ ދަރިވަރު އަދި ޅިޔަނު މ.ހުދުއަސުރުމާގޭ މާލިމީ މުޙައްމަދު މަނިކެވެ.

ޒުވާން ދުވަސްވަރު ބޮޑުމާލިމީއެއްގެ ގޮތުގައި ތުއްތޫ ވަނީ ބޭރު ދަތުރު ކުރައްވައިފައެވެ. މިގޮތުން ހުޅަނގު ބަންގާޅުގެ ކަލްކަތާއަށް (މިހާރު ކޮލްކަޓާއަށް) ކުރެއްވި ދަތުރެއްގައި “ނޫރީން” އޭނާއަށް ފާހަގަކުރެއްވުނު ހިސާބުގެ ކުށެއް ކަމާ ބެހޭ އޮފީހަށް ހުށަހަޅުއްވައި ކުށްކެނޑުވި ވާހަކަޔަކީ އަޅުގަނޑުމެން އުމުރުގެ މީހުން ހޭލައިގަތް އިރު މާ މަޝްހޫރު ވާހަކައެކެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އިހުތިރާމުގެ ގޮތުން އުތުރުކަރައިގައި “ތުއްތު ސާހަބު” ރާއްޖޭގައި “ތުއްތު ސާހިބު” އޭ ކިޔާ މުޚާތަބު ކުރެވެން ފެށީ “ނޫރީ” އިން ކުށްކެނޑި ހާދިސާއާ ވިދިގެންނެވެ. ތުއްތޫގެ ބައްޕައަކީ ނިލަންދެ އަތޮޅު އުތުރުބުރީ ހިމިތީ އިސްމާއީލު ކަލޭގެފާނެވެ. ހިމިއްޗަކީ މިހާރު ފަޅުރަށަކަށް ވިޔަސް އިހަށް މީހުން އުޅުނު ރަށެކެވެ. ބައެއް ރަށްރަށް ވަޑާމަށް ބައެއް ރަށްރަށް އަތްކަންކުރުމަށް މަޝްހޫރު ފަދައިން ހިމިތީ މަޝްހޫރުވެފައި ވަނީ ކުޅަދާނަ ނިޔަމިންނާއި ހިސާބު އިލްމުވެރީންގެ ރަށެއްގެ ގޮތުގައެވެ.

ވިޔަފާރިވެރިޔާ ބައްލަވައިގަތް އޮޑީގައި ކަރަޔަށް ދާ ވާހަކަ ދެކެވިފައި ވަނިކޮށް އެއްރެއެއްގެ ރޭގަނޑު ކެއުމަށް ވިޔަފާރިވެރިޔާގެ ގެއަށް ދުރުވުމަށް ތުއްތޫއަށް އެރުވުނު ދައުވަތަކަށް އޭނާ އެގެޔަށް ދުރުވެއްޖެއެވެ. ކެއުމުގެ މޭޒުދޮށުގައި އެރޭ ތިއްބެވީ ވިޔަފާރިވެރިޔާ އާއި ތުއްތޫއާއި މުހައްމަދާ މީގެ ތިން ކަލުންނެވެ. ކެއުން ކުރިޔަށް ދިޔައީ ވަރަށް އެކުވެރި އުފާވެރި ޖައްވެއްގައެވެ. ތުއްތޫއަކީ ހާޒިރު ޖަވާބަށް ވަރަށް ތޫނު ބޭކަލެއްކަމުގައި ވާތީ އޭނާ އިންނަވާ މިޒާތުގެ މަޖިލީސްތައް ވެފައި އޮންނަނީ ވަރަށް ވެސް މުނިއަވަސްފިލުން ހުންނަ މަޖިލީސްތަކަކަށެވެ. އޭނާގެ ހާޒިރު ޖަވާބުގެ މަޝްހޫރު ދެ މިސާލެއް މިތާ ލިޔެލާނަމެވެ.

ޖެހުނު ސިޔާސީ ކުންޏަކާ ވިދިގެން ތުއްތޫ މާލެ އަތޮޅު ގުޅިއަށް އަރުވާލަން އޮޑިއަށްލާފައި އިންދާ މާލިމީ ކުޑަމުހައްމަދު ފުޅުގެ ބައްޕަޔާ ދިމާވެގެން ބުނުއްވިކަމަށް ވަނީ “މީނީ ގުޅިޔަށް އަރުވާލަން ހުކުމްކޮށްފައެވެ. މަތިނުޖެއްސެވިއްޔާ ރަނގަޅެވެ!”

ނައިބު ބޭކަލަކާ ހަވާލު ނުކުރައްވާ ތުއްތޫގެ ސަރިޔަތް ކުރެއްވީ ސީދާ އުއްތަމަ ފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ފަހުމީ ދީދީއެވެ. ބެއްދެވުމުގެ ގޮތުން ކުރެވޭ އެކިއެކި ސުވާލުތަކުން ތުއްތޫ ނެއްޓެވެމުން ދިޔައީ އޭނާ އެހެރަ ދެއްވާ ހިކުމަތްތެރި ކުރު ޖަވާބުތަކުންނެވެ. ބައެއް ފަހަރު މީހަކު ހީނހީނ ހަލާކުވާ ކަހަލަ ޖަވާބުތަކެވެ. މިކަމާ ވީކޯފާއިން ފަނޑިޔާރު މަނިކުފާނު ލޯފުޅު އަޅުއްވާލައްވާފައި ވިދާޅުވެއްޖެއެވެ.

“ތުއްތޫ ކަލޭ ތިޔައީ ހިމިތީ މީހެއް ނޫން ހެއްޔެވެ؟ ހިމިތީ މީހުން ވަރަށް ފޮނިވާނެއެވެ.”

ތުއްތޫގެ ހާޒިރު ޖަވާބަކީ “އާދޭހެވެ. ފޮނިވާނެއެވެ. އެކަމަކު ކުޑަ ހުތްކަމަކާއެކުގައި ދޮގެއްތޯއެވެ؟” ފަހުމީދީދީގެ ބައްޕަޔަކީ މަޝްހޫރު ޅެންވެރިޔާ ހުތް އަލިދީދީއެވެ!

ފުރެއްދެ އޮޑި ބައްލަވައިގަނެގެން އުޅުއްވާ ވިޔަފާރި ވެރިޔާ އެކު ކެއުމުގެ ތެރޭ ބަދަލުކުރެވެމުން ދިޔަ ވާހަކައިގެ ތެރޭގައި އޭނާ ތުއްތޫ  ކިބައިން އެދިލެއްވީ މާލިމީކަމަށް މުހައްމަދު އިމްތިހާނު ކުރައްވައި ފެންވަރު ހުރި ނަމަ ސަނަދު ލިބޭނޭ ގޮތް ހައްދަވައިދެއްވުމެވެ. މިކަމަށް ތުއްތޫ އެއްބަސްވެލައްވައިފިއެވެ. މުހައްމަދަށް އެނގިނުލެއްވިއެއް ކަމަކު އެވަގުތުން ފެށިގެން އިމްތިހާނު އެއޮތީ ފެށިފައެވެ.

ކެއުމަށް ފަހު މުހައްމަދަށް ޖެހިލެއްވީ މައްޗަނގޮޅީގައި މަޖީދީމަގުގެ ދެކުނުގައި ހުންނަ ވިޔަފާރިވެރިޔާގެ ގެއިން ތުއްތޫއާ އެކުގައި  އަސުރުމާގެއަށް ފައިމަގުގައި ދާށެވެ. މިއީ އޯކިޑުމަގުގައި ހިލާލީގޭގެ ހުޅަނގަށް ހުދުއަސުރުމާގެ ދޫކޮށްލައިފައި ދެން ހުންނަ ގެއެވެ. ދުވަސްވަރަކީ މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި މާ އާންމު ދުވަސްވަރެއް ނޫނެވެ. ބައިސްކަލު ފުދޭވަރަކަށް ގެންގުޅެއެވެ. ދެއަތުގެ އިނގިލިތަކުން ގުނާލެވޭހައި މަދު އަދަދަކަށް ސައިކަލާއި އިންޖީނުލީ ބައިސްކަލު ވެސް ގެންގުޅެއެވެ. ވޭނެއް ޕިކަޕެއް ނުގެންގުޅެއެވެ. މުދާ އުފުލާ ލޯރިއަކީ ވެސް ވަރަށް މަދު އެއްޗެކެވެ. ޓެކުސީގެ ގޮތުގައި ބޭނުންކުރާ ކާރަކީ ވެސް އެކެއް ދޭކަށްވުރެ ގިނަ އެއްޗެއް ނޫނެވެ. މާލޭގެ ގިނަ މީހުން އެދުވަސްވަރު އުޅުނީ ފައިމަގުގައެވެ. އޭގެ ތެރޭގައި މާލޭގެ ވަރަށް އިއްޒަތްތެރި ބޭބޭފުޅުން ވެސް ހިމެނެއެވެ.

އަސުރުމާގެއަށް ދިޔަ މަގުމަތީ ދަސްކުރާމާލިމީއެއްގެ ގޮތުން މުހައްމަދަށް ކުރެވިފައި ހުރި ތަޖުރިބާތައް ތުއްތޫއަށް ނަންގަނެދޭން ޖެހުނެވެ. މީގެ އިތުރަށް ރާއްޖޭގެ ކަނޑުފަޅާއި އާޖުފާޖާ ބެހޭ ގޮތުން ކުރެވުނު އެކިއެކި ސުވާލުތަކަށް ވެސް ޖަވާބުދޭން ޖެހުނެވެ. ސުވާލުތައް ކުރެވެމުން ދިޔައީ ކަންކަން ފިލުވަން އެކުވެރިއަކު އެކުވެރިއަކާ ސުވާލުކުރާނޭ ކަހަލަ ރައްޓެހި ގޮތަކަށެވެ.

ގެއަށް ވަންނަވަމުން ތުއްތޫ މުހައްމަދަށް އެންގެވީ އަނެއް ދުވަހު މަޝްހޫރު ބޮޑު އިސްޓޯރު ހުޅުވޭ ގަޑިއަށް އެތަނަށް ދިއުމަށެވެ. މިއީ ބޮޑު ހަނގުރާމައިގެ ތަދުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ކަނޑުމަސް އެކަށީގެންވާ ރަނގަޅު އަގަކަށް ގަނެ ކާޑުގެ ބާވަތްތައް ކަޅު ބާޒާރުން ކަނޑުވައި ކޮންޓުރޯލު ކުރެވިފައިވާ ހެޔޮ އަގެއްގައި ރައްޔިތުންނަށް ވިއްކުމަށް 10 ޑިސެންބަރު 1942 ގައި މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އުފެއްދެވި ގައުމީ ވިޔަފާރިގެއެވެ. ފަހުން ވެލާނާގޭ އިބުރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގައި އުފެއްދެވި އެމް.ޖީ.ބީ.އެސް (މޯލްޑިވިއަން ގަވަރމެންޓް ބޮޑު ސްޓޯރ) އާއި އޭގެ ފަހުން އުފެދުނު ސްޓޭޓު ޓުރޭޑިންގ އޯގަނައިޒޭޝަން ނުވަތަ އެސްޓީއޯގެ އަސްލަކީ މިދެންނެވި އިސްޓޯރު ނުވަތަ ވިޔަފާރިގެއެވެ. އެހެންކަމުން މިއީ، ރާއްޖޭގެ މިޒަމާނުގެ އިޤުތިސާދީ ތާރީޚުގައި، ގައުމީ މުއްސަނދިކަމުގެ މާކޮށާރޭ ދެންނެވިޔަސް ހެޔޮވެދާނެއެވެ. ތަން ހިންގަމުން ދިޔައީ މާލޭ ބަނދަރުމަތީ މިހާރުގެ އެމްއެމްއޭ އިމާރާތް އެހުރި ތާނގައި ހުރި އިމާރާތެއްގައެވެ.

އެންގެވި ގަޑިޔަށް މުހައްމަދު އިސްޓޯރަށް ދުރުވެ ހުންނެވިއެވެ. ރާއްޖޭގައި އެދުވަސްވަރު ހުންނެވި އެންމެ ބޮޑު ހިސާބު އިލްވެރިޔާއަށް ވާތީ ތުއްތޫއަށް އިސްޓޯރުގެ އިސް ވަޒީފާއެއް އޮވެއެވެ. މުހައްމަދާ ހަވާލުކުރެވުނީ “ކާޑަށް” ދުންފަތް ވިއްކުމެވެ. ކާޑޭ މިތާ މިނަންގަނެވުނީ އޭރުގެ ނަމުންނެވެ. މިހާރުގެ ނަމުން ނަމަ އެއީ ކޫޕަނެވެ. ބާޒާރުގައި ދުންފަތް މަދުވެފައިވާ ދުވަސްވަރެއް ކަމުން ކޮންޓުރޯލު އަގުގައި ދުންފަތް ގަންނަން އައިސް ތިބި މީހުންނައިގެން ތަން އޮތީ ރަކަރަކަޖަހައިފައެވެ. އެއްކޮޅުން މުހައްމަދު މޭޒުދޮށުގައި އިންނަވައިގެން ކާޑު ބައްލަވައި ބިލު ހައްދަވައި ފައިސާ ނަންގަވަމުން ދާ އިރު އަނެއްކޮޅުން ދުންފަތް ކިރައި ދޫކުރަމުން ދެއެވެ. މީހުންގަނޑު ގިނަ ކަމުން މުހައްމަދަށް އުޅެން ޖެހިލެއްވީ ވަރަށް ވެސް އަތްމަތި އަވަސްކޮށްލައްވައިގެންނެވެ. ހަތަރުފަސް އަތް ދެއްވާފައި އޮތް ނަމަ ރަނގަޅޭ ހީވާ ކަހަލަ ދުވަހެކެވެ. އެންމެ ބާރު ބޮޑުވި ދަނޑިވަޅު ތުއްތޫ އެތެރެއިން ނިކުންނަވައި ރުޅި ދުރުވެފައި ހުންނެވި ފާޑަކަށް އަތުން މުހައްމަދުގެ މޭޒުގައި ޖައްސަވާލައްވާފައި އައްސަވާލައްވައިފިއެވެ. “މުހައްމަދާ ކީއް ތިކުރަނީ؟”

ފަޅި ސިކުންތެއްގެ ފަސްޖެހިލުމަކަށް ފަހު ހަމަޖެހިލައިގެން އިންނަވާ މުހައްމަދު ނަންގެންފިއެވެ. “އެންގެވި އެންގެވުމަށް ކާޑަށް ދުންފަތް ދޫކުރަނީ ނޫންތޯއެވެ؟”

އިތުރު ވާހަކައެއް ނެތި ތުއްތޫ އޭނާގެ މޭޒުދޮށަށް އެތެރެއަށް ވަންނަވައިފިއެވެ. ދުވަހުގެ ވިޔަފާރީގެ ކާރޫބާރޫގަނޑު ކެނޑި ތަން ހަމަ ހިމޭންވީ  ފަހުން  މުހައްމަދު ގާތު ތުއްތޫ ބުނުއްވިއެވެ. “ބޮޑުކަމަކާ ލައިގަންނަ ދަނޑިވަޅުގައި ގިނަ މީހުންނަށް ވާ ގޮތަކީ ހާސްވެގެން ގޮސް ތިމާއަށް ކުރެވޭ ނުކުރެވޭ ކަން ނޭނގޭ ގޮތް ވުމެވެ. މުހައްމަދާ އަހަރެން މިއަދު ކުރިމަތި ކުރި ސުވާލުކުރުމުން ބުނާނެ ނުބުނާނެ އެއްޗެއް ވެސް އެވަގުތު އެފަދަ މީހުންނަކަށް ނޭނގޭނެއެވެ. މުހައްމަދަކަށް އެހެނެއް ނުވިއެވެ. އެންމެ މަސައްކަތް ބޮޑުވެ ނީސްތާއްޓަށް އަރައިފައި ހުރި ދަނޑިވަޅުގައި ވެސް ކުރެވޭ ނުކުރެވޭ ކަން އެބަ އެނގެންޏާއެވެ. މާލިމީއަކަށް މުހައްމަދު ހަމަ ބަރާބަރެވެ.”

——————————————————————–

ހަވާސާ ނޯޓު:

ކަރުނާމާޓަރު Choronometer       (ޖީއެމްޓީއަށް ހަމަކޮށްފައި ހުންނަ ގަޑިއެއް)

ސިކިސްތާން     Sextant

އަލިމަނިކު    Nautical Almanac

ނޫރީ      Norie’s Nautical Tables

About the author
1 Comment
  1. ޙަސަން ޝާކިރު މުޙައްމަދު

    ވަރަށް ބޭނުންތެރި ލިޔުމެކެވެ. ރާއްޖޭގެ އެއް ޒަމާނެއްގެ ތަސްވީރެކެވެ. އޭރު ކަނޑުމަތީގައި މީހަކު ނިޔާވެއްޖެނަމަ އަމަލުކުރާ ގޮތެވެ. މާލޭގެ މަގުތަކުގެ ހާލަތެވެ. ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މީހުން ދެނެގަތުމަށް ގެންގުޅުއްވާ "އުކުޅު" ތަކެވެ. މިހެންގޮސް ވަރަށް ގިނަ މައުލޫމާތެވެ. މި ލިޔުން ފުރިހަމަކުރެއްވުމަށް ޓަކައި އަލްއަޚް އިބްރާހީމް ޙުސައިން މަނިކު އެކިދިމަދިމާއިން މަޢުލޫމާތު ހޯއްދަވާފައި އެބަވެއެވެ. ބޭބޭފުޅުންނާ ބައްދަލުކުރައްވާފައި އެބަވެއެވެ. އިބްރާހީމް ޙުސައިން މަނިކުގެ ލިޔުންތަކަކީ ވަރަށް ލޮނުހެޔޮވަރު ލިޔުންތަކެކެވެ. ޝުކުރިއްޔާ އިބްރާހީމް ޙުސައިން މަނިކު! ތިޔަ ކުރައްވާ ހިތްވަރަށް ތާރީފު ޙައްޤު! ދަރުމަހުރި!

    (5)(0)
Leave Comment