ތިރީގައި ބަޔާން ކޮށްފައި މިވަނީ، 1933 ވަނައަހަރުގެ ސެޕްޓެމްބަރުން ހަވަނަ ދުވަހު މާލޭގައި شائع ކުރެވުނު “الإصلاح” ކިޔާ މަޖައްލާއެއްގައި فضلية الشيخ حسين صلاح الدّين ލިއުއްވާފައިވާ مضمون އެކެވެ. الإصلاح އަކީ، ދިވެހިރާއްޖޭގައި ޗާޕުކުރެވުނު ފުރަތަމަ مجلّة އެވެ. މި ރާއްޖޭގައި އުފެދުނު ފުރަތަމަ قانونى دولة ގެ ފަރާތުން ހިންގެވި مجلّة އެކެވެ. އެ مجلّة ގެ އެޑިޓަރުން ކަމުގައި ތިއްބެވީ قانونى ސަރުކާރުގެ وزير الحّقانية فضلية الشيخ حسين صلاح…

ތިރީގައި ބަޔާން ކޮށްފައި މިވަނީ، 1933 ވަނައަހަރުގެ ސެޕްޓެމްބަރުން ހަވަނަ ދުވަހު މާލޭގައި شائع ކުރެވުނު “الإصلاح” ކިޔާ މަޖައްލާއެއްގައި فضلية الشيخ حسين صلاح الدّين ލިއުއްވާފައިވާ مضمون އެކެވެ.

الإصلاح އަކީ، ދިވެހިރާއްޖޭގައި ޗާޕުކުރެވުނު ފުރަތަމަ مجلّة އެވެ. މި ރާއްޖޭގައި އުފެދުނު ފުރަތަމަ قانونى دولة ގެ ފަރާތުން ހިންގެވި مجلّة އެކެވެ. އެ مجلّة ގެ އެޑިޓަރުން ކަމުގައި ތިއްބެވީ قانونى ސަރުކާރުގެ وزير الحّقانية فضلية الشيخ حسين صلاح الدّين އާއި އެ ސަރުކާރުގެ وزيرالمعارف الفاضل أحمد كامل  ދީދީ އެވެ. އެ مجلّة ގެ އެކިއެކި ނަމްބަރުތަކަށް ބަލާއިރު، ރާއްޖޭގެ تاريخ އަށާ ބަހުގެ أدب އަށް އެ مجلّة ގެ ފަރާތުން ވަރަށް އަގުހުރި خدمة ތައް ލިބިފައިވެއެވެ. އޭގެ އުމުރެއްކަމުގައި ހިމެނުނީ ރާއްޖޭގެ ފުރަތަމަ قانونى دولة ގެ ކުރު عمرއެވެ.

ކޮންމެއަކަސް “އަމާޒު”ގައި މިފަހަރު ތިޔަބޭފުޅުންގެ އަރިއަހަށް މި ހުށަހަޅަނީ، ރާއްޖޭގެ  އިހުގެ މީހުންގެ ގާތުގައި ދެވިތަކުގެ ނަމުގައި ގެންގުޅުނު روحانى ބާރުތަކެއްގެ ވާހަކަތަކެކެވެ.

އަޅުގަޑަށް ވިސްނޭގޮތުގައި މިދެވިތަކަކީ، ރާއްޖޭގެ މީހުން މާތްވެގެންވާ إسلام دين ނަށް އެބުރުމުގެ ކުރީގައި އެމީހުންގެގާތުގައި ވަރަށްބޮޑު أهمّية ކަމެއް ދެވިފައިވާ ތަކެއްޗެކެވެ. إسلام دين ގެ އަލިކަން ރާއްޖެއަށް ވެރިވުމުން، އެތަކެތި حقيقةގައި ވެސް ނުވާފަދައިން ނެތުމުގެ ތެރެއަށް ގެއްލި ހިގައްޖެއެވެ. އެހެންނަމަވެސް ތާކުންތާކު ނުޖެހޭ خرافاتތަކަކަށް ދިވެހީންގެ ދުނިޔޭގައި ޖާގަ ލިބިފައިއޮތް ގޮތަށް އެދެވިތައް ވެސް  ބަލިވަމުން ފިލަމުން ނަމަވެސް ދޭތެރެދޭތެރެއިން ބައެއް މީހުންގެ ގާތަށް އައިސް އުޅުނީކަމަށް ވުން އެކަށީގެންވެއެވެ. މިދެންނެވިފަދަ ދެވިތައް ރާއްޖޭގެ ފަންޑިތަވެރިން ގެންގުޅުނުކަން އެއީ، އެގި ސާބިތުވެގެންވާކަމެކެވެ. އަދި އެކަމުން އަޅުގަޑުމެންނަށް އެގޭ ވަރަށް ބޮޑު އެގުމަކީ، إسلام دين ގެ ކުރީގައި ރާއްޖޭގެ މީހުން ބުދު ދީނަށާއި އޭގެ ބާރުތަކަށް ވަރުގަދައަކަށް ބޯލަބައިގެން ތިބިކަމެވެ.

إسلامى نورގެ އަލިކަމާއިއެކުގައި علم އާއި އާ مدنيّة ތެއް ރާއްޖޭގައި ترقّى ކުރަމުން ދިޔަވަރަކަށް އެބާވަތުގެ خرافا ތަކުން ދިވެހިން ދިޔައީ ސަލާމަތް ވަމުންނެވެ. ނަދުރުބުނުން، ފަންޑިތަހެދުން، އިރުވަރު ބެލުންފަދަ ބައެއްކަންތަކަކީ ދީނުގެ ކަންތަކޭ ހީކޮށް އެކަމުގެ މައްޗަށް ލެބިފައި ތިބި ލެބުމުން ވެސް ސަލާމަތްވަމުންނެވެ. “دينގެ ކަމެކޭ މީހަކު ބުނިކަމަކު ތިމާއަށް، ރަގަޅަށް ނުފިލާނަމަ އެކަމެއްކޮށް ނުއުޅޭދޭ” އެވެ، ބުނެފައިވާ ބުއްދިވެރި ބަހަށް تبع ވަމުންނެވެ. ރާއްޖޭގެ މީސްތަކުންނަށް ތަންދޮރު ފިލިވަރަކަށް އެބާވަތުގެ واهيات ތަކުން އެއްކިބާވެ إسلام دين ގެ توحيدގެ ރީތި މަގަށް އެބުރެމުންދާކަމީ ކޮޅެއްނެތްފަދަ އުފާވެރި ކަމެކެވެ.

އަޅުގަޑުމެން މިނަކަލުކުރާ ބަޔާނަކީ، ދިވެހިރާއްޖޭގެ تاريخ އާއި ބެހިގެން ވަރަށްބޮޑު خدمة ކުރެއްވި މިސްޓަރ އެޗް.ސީ.ޕީ. ބެލް އަށް فضلية الشيخ حسين صلاح الدّين ލިއުއްވާފައިވާ ސިޓީއެކެވެ. އެޗް.ސީ.ޕީ. ބެލް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. ތިޔަބޭފުޅުންގެ އަރިހަށް މިހުށަހަޅާލަނީ حسين صلاح الدّين ގެ ލިއުއްވުމެކެވެ.

تاريخ އާއި ގުޅޭ ވަކި خبرއެއް

1346 ھ މި ވަނަ އަހަރު حجّއަށް ދާން، މި تاريخ ލިއާކަލޭގެ ގޮސް ކޮޅުބުގައި ހުއްޓައި، މިސްޓަރ އެޗް.ސީ.ޕީ. ބެލް ފޮނުއްވި ސުވާލަކަށް ލިއުނު ޖަވާބެއްގެ ތަރްޖަމާ.

އޭމާތް ވެގެންވާ ސާހިބާއެވެ!

ދިވެހިރާއްޖޭގެ މީހުން “ބުއްޑެވި” އާމެދުގައި ހީކުރާގޮތަކާއި ރާއްޖޭގެ އެހެނިހެން ދެވިތަކުގެ ވާހަކައިން ތިޔަ ސުވާލުކުރައްވަނީ، މިކަރައިގެ ސިންގަޅައިންގެ ގާތުގައި، އެކަހަލަ ދެވިތަކެއް ނުވޭތޯއެވެ.

އަޅުގަނޑު ހީކުރަނީ، ރާއްޖެއަށްވުރެ މިކަރައިގައި ދެވިތައް މާގިނަވާނޭ ކަމަށެވެ. އަދި ކަލާނގެ އެއްކައުވަންތަކަން ނުދެނެ ޖާހިލުކަމުގައި ތިބޭ ކޮންމެ ބަޔަކުގެ، އެބަޔަކާއި ކުރިމަތިވާ طبيعى ކޮންމެ ގަދަ ބާރަކީ اله އެއްކަމަށް ނުވަތަ ކޮންމެވެސް ދެއްވެއް ކަމަށް ހަދައި އެއިގެ ސިފަތައް އެބަޔަކުގެ ވިސްނުމާއި އެކުވާގޮތަކަށް ކިއައި ހަދަނީ ކަމަށެވެ.

މިގޮތުގެ މަތީން ރާއްޖޭގެ މީހުންވެސް އިސްލާމް ނުވެ ތިބިއިރު ގެންގުޅުނު ދެވިތަކުގެ ތެރެއިން ކުޑައެތިކޮޅެއްގެ ނަންތައް އަދިވެސް ހުރީއެވެ.

އެއީ އެމީހުން އިސްލާމް ނުވާއިރު ދޭވުގެ أصل معن މައްޗަށް ގެންގުޅުނު ތަކެތިކަމުގައި ވިއަސް، އިސްލާމު ވީފަހުން އެތަކެއްޗަށް ލިބިފައިވަނީ، ސައިތާނުންގެ ދަރަޖައެވެ. މިއީ އަޅުގަޑަށް ފެންނަގޮތެވެ.

މިގޮތުގެ މަތީން ރާއްޖޭގެ މީހުންގެ ގާތުގައި ބުއްޑެވި މިއީ ބުދުތަކުގެ روحانى ކަމެވެ. بوذا ގެ [ބުއްޑާގެ] روحانى ކަމެއްނޫނެވެ.

ރަވޯ އަކީ ޅަކުދީންނާ ފާވެގެން އުޅޭ ސައިތާނެކެވެ. ކުދީނަށް ޒާތްޒާތުގެ އުދަގޫދީ، ހަށި ހިއްކައި، ރޮއްވައި، އަރާމު ލިބުނަ ނުދީ އުޅެއެވެ.

އޮޑިތާން، މިއީ، ކަޑުގެ ފަހުލަވާނާއެވެ. ކަޅުހިލަ ދާޔަކަށް އަރައިގެން ބިންހިމަފަތަކުން، ރިޔަލެއް ނަގައިގެންވެސް ހިގައިދެއެވެ.

ރެހިމޫސާ އަކީވެސް މިފަދަ ދެތްވެކެވެ.

ދިޔޯ އަކީ روحانى ރާނީއެކެވެ.

މިސްކިތްދާރަ އަކީ، ރާއްޖެ އިސްލާމް ވުމަށްފަހުގައި އުފެދުނު ދެތްވެއްކަމުގައި ފެނެއެވެ. ކޮންމެއަކަސް މިއީ مؤمن ޖިންނިއެކެވެ. އެއްވެސް ނުބައިކަމެއް އެއިގެ ކިބައަކުން ނާންނާނެއެވެ.

ހަންޑި މިއީ، އަންހެން ސައިތާނެކެވެ. ވަރަށް ދެރަ މުޑުދާރު އެއްޗެއްމެއެވެ.

ވިގަނި މިއީ މަރުގެ روحانى ކަމެވެ. ކުއްލި ކުއްލިއަށް މީސްތަކުން މަރުވުމާއި ވަބާތަކާއި ރޯގާތަކުގެ ސަބަބަކީ، އެއީ ކަމުގައި ހީކުރެތެވެ.

ކުޑަފޫޅު މިއީ، ވަރަށް މުޑުދާރު ސައިތާނެކެވެ. ވަރަށް ގިނަ ދުއްތުރައު މީސްތަކުންނަށް ދޭ އެއްޗެކެވެ.

އިފުރިންފަރާ އަކީ ވަރަށްބޮޑު روحانى ރަސްކަލެކެވެ. ބޮޑެތި ކިއެވެލި ކިއަވައިފައި ކަތިލާ قربان އެއިގެމައްޗަށް ކަތިލެވޭކަމަށް ބުނެވެއެވެ.

އޮޑިވަރު ރެއްސި  އަކީ ކަޑުގައި އުޅޭ ސައިތާނެކެވެ. މަސްވެރީންނާއި ދިމާކޮށްގެން އުޅެއެވެ.

ކިއްސައްދެވި މިއީ قبرستانގައި އުޅޭ ސައިތާނެކެވެ. މީހުންނަށް ބަލިޖައްސައި ކުލަރީދޫކޮށް، މާބަޑުމީހުންގެ ބަޑުގައި ރޮގުއަޅައި އުޅެއެވެ.

މުޅަދެވި މިއީވެސް ގަބުރުސްތާނުގެ ދެތްވެކެވެ.

ހާމުންޑި މިއީ ގެއަށް އޮޅުވެގެން އުޅޭ ޒާތުގެ ދޫނި ސޫފާސޫފީގެ ދެތްވެކެވެ. އިންނާނީ ހިޔަ ފިޔޮއް ގޮވައިގެން އިންނަ ފީކުކުޅެއްހެންނެވެ.

ބަބުރުކަލޯ، ބަޑިއެދުރުކަލޭގެ ނުވަތަ ކަލޭގެފާނު ނުވަތަ މާބެއި ނުވަތަ ކިރުފެލިހުނި ހުސެން ކަލޭގެ ނުވަތަ ބަޑިފުރޭތަ،  މިއީ ކުއްފާރު ޖިންނިއެވެ. މާގަދަފަދަ ސައިތާނެކެވެ. އަބަދުވެސް ބޮޑުބަޑިއަކާއި ކައިތުވައްބަޑިއަކާއި، ފިސްތޯލައަކާއި ގެންގުޅެއެވެ. އޭނާގެ ނަންގަނެވިއްޖެ ކޮންމެތާކު ހުރެއެވެ. އަންހެނުންގެ ކުށަކީ މިއެވެ. މީނާގެ ވާހަކަ ވަރަށް ދިގެވެ.

ދޯޅިއައިހާކަބުލޭގެ މިއީ، ބަޑިއެދުރުކަލޭގެ ހެޔޮ އަބިމީހާއެވެ. ރުމާތީޒަމް ބަލި ޖައްސަނީ މިކަބުލޭގެއެވެ.

މިހައިރަކަށް އައިސް ނަންވެސް ހުރިތަކެއްޗަކީ، މިއެވެ. އަޅުގަޑު ހިތުން ދިވެހިރާއްޖޭގެ އިހުމީހުން ވެސް، މިބާވަތުގެ خرافات ތައް ގެންގުޅުމުގައި އެހެންވެސް قديم ޒަމާނުގެ ޖާހިލުންނެކޭ ވަކިތަފާތެއް ނޫނެވެ. މިއިން ކޮންމެ ދެތްވެއްގެ ނަސަބާ ހަސަބު ކިއައި ބަދިހަދައިފައި ހުރުމާއި އެކިޔޭ ސިފަތަކީ، އިންސާނުންގެ ސިކުޑިއަށް ވަންނަވަރަށްވުރެ މާބޮޑެތި، ފަލަ، ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަމުގައި ވުމާއިއެކު ފިކުރަކާއި ނުލައި ތެދުކޮށްގެން ތިބުމާއި މިކަންކަންހުރީ އެހެންވެސް ތަންތަނެކޭ، ހަމަ އެއްގޮތަކަށެވެ.

مثلا ! [މިސާލަކަށް]، ބަޑިއެދުރުކަލޭގެ ބަދި އިރު ދޯދި ކަމަނާބަޑުން، ނޫރުކީ ރަސްގޮށަފަން، ކުއްފާރު ރަސްބަޑި އެދުރުކަލޭގެފާނެވެ، ކަލޭގެފާނީ، ކަލޭގެފާނުންގެ މައިކަމަނާއާއި ކައިވެނިބައްލަވައިގެން ލިބުނު ހަތް އަންހެން ބެއިފުޅުންނާއި ކައިވެނި ބައްލަވައިގެން ހުންނަވާ ކަލޭގެފާނެވެ. މިބާވަތުން އިހުގެ މީހުން ކިއައިފައި ހުންނަތަކެއްޗަކީ، މީހަކު ވިސްނައިފިނަމަ حيران ވެދާފަދަ ތަކެއްޗެކެވެ. އަދި ހީވާން އުޅެޔޭ މިބާވަތަށް ކިޔައިފައި ހުންނަތަކެއްޗަކީ، އޭގެ މާނައިން ކިތަންމެ ހަރުކަށި ކުރަކި ކަންތައްތަކެއް ފެނުނަސް އެތަކެތި އެ ކީ މީހުންނީ، ހުރިހައި طبيعى ކަންތައްތަކާއި ބާރުތަކީ އިލާހުންކަމުގައި ލައިގެން ތިބި ބަޔަކު ކަމުގައި ވުމުން އެބަޔަކުގެ މުރާދަކީ، އަދި އެހެންގޮތަކަށް ހުރި معنތަކެއް ކަމުގައިވެސް ވެދާނެއެވެ. ރާއްޖޭގެ قديم ޒަމާނުގެ ޖާހިލުންގެ ހާލު ހުރީ މިކަހަލަ ގޮތަކަށެވެ. މި حالގައި ރާއްޖޭގެ މީހުން ތިއްބައި އިސްލާމް ދީނުގެ ނޫރު ރާއްޖެއަށް ވަނުމުން އެބާވަތުގެ خرافاتގެ ވިލާތައް ވިލާގަޑަކަށްފަހު ވިލާގަޑެއް ކަޑައިގެންގޮސް، އަދި ވަކީން އުތީމު ރަދުންގެ ޒަމާނަށްފަހުގައި މީސްތަކުންގެ إعتقادގެ އުޑުމަތި ސާފުވެ، މިހާރު ހުރީ އެބާވަތުގެ ކަންތައްތަކުގެ ހަމައެކަނި ނަންތަކެވެ. އެޒަމާނަށްފަހުގައި އުފެދުނު علم ވެރިން ސައިތާނުންގެ دولة އާއި ހަގުރާމަކޮށް އެ دولة ފިލާ ހިގާއްޖެއެވެ. އެޒަމާނުގެ އިލްމުވެރިން ކިޔާފައި ހުރި ޅެންތަކާއި ބަސްތައް މިބަސް މައްޗަށް ހެކިވެއެވެ.

މިވާހަކަ މި مجلّة ގައި މިލިއުނީ ރާއްޖޭގައި ދެވިތަކާއި މެދުގައި އަދި މިއަށްވުރެ އިތުރަށް ފުރިހަމަ ގޮތެއް އެގިލައްވާ ބެއިކަލަކު މި مجلّة ދެކިލައްވައިފިނަމަ، އެބެއިކަލަކުގެ معلومات ން މި مجلّة އަށް ފައިދާ ކުރެއްވުން އެދިގެންނެވެ. (ނިމުނީ)

_____________________________

ނޯޓު: މިލިޔުން ނަކަލުކޮށްފައި މި ވަނީ، [އަމާޒު] މަޖައްލާގެ ފެބުރުވަރީ 1977 ގެ އަދަދުންނެވެ.


.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment