ހަވީރުގެ ވަގުތެވެ. އަހަންމަދާއި އަލީއާ ބައްދަލުވީ މަގުމަތީންނެވެ. އެއީ ވަރަށް ގާތް ދެ ރަޙުމަތްތެރީންނެވެ. ބައްދަލު މިވީ ދިމާނުވާތާ ދުވަސްކޮޅެއްވުމަށް ފަހުގައެވެ. އެހެންކަމުން ދެ މިތުރުން “އަނގަތަޅައިލުމަށް” ޓަކައި ގޮސްވަނީ ޖެހިގެން ހުރި ހޮޓަލަށެވެ. އެއީ އާދައިގެ ކުޑަވަރެއްގެ ހޮޓަލެކެވެ. ނަސީބަކުން މި ވަގުތު މާ ބައި ބޮލެއް ވެސް ނޫނެވެ. ވާހަކަދައްކައިލާން ތިބެލަން ރަނގަޅު މާޙައުލެކެވެ. ހެދިކާ ހަރުގަނޑު ކައިރިއަށް ދެ މީހުން ގޮސް، ދެތިން ހެދިކާއެއް ނަގައިގެން އައިސް، ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި…

ހަވީރުގެ ވަގުތެވެ. އަހަންމަދާއި އަލީއާ ބައްދަލުވީ މަގުމަތީންނެވެ. އެއީ ވަރަށް ގާތް ދެ ރަޙުމަތްތެރީންނެވެ. ބައްދަލު މިވީ ދިމާނުވާތާ ދުވަސްކޮޅެއްވުމަށް ފަހުގައެވެ. އެހެންކަމުން ދެ މިތުރުން “އަނގަތަޅައިލުމަށް” ޓަކައި ގޮސްވަނީ ޖެހިގެން ހުރި ހޮޓަލަށެވެ. އެއީ އާދައިގެ ކުޑަވަރެއްގެ ހޮޓަލެކެވެ. ނަސީބަކުން މި ވަގުތު މާ ބައި ބޮލެއް ވެސް ނޫނެވެ. ވާހަކަދައްކައިލާން ތިބެލަން ރަނގަޅު މާޙައުލެކެވެ.

ހެދިކާ ހަރުގަނޑު ކައިރިއަށް ދެ މީހުން ގޮސް، ދެތިން ހެދިކާއެއް ނަގައިގެން އައިސް، ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި ޖައްސައިލައިފިއެވެ. ހެދިކާގެ ރަހަގަނޑު ރަނގަޅެވެ. އިރުކޮޅަކުން ވޭޓަރުކަލޭގެ، ދެ ކަޅު ގެނެސް ބަހައްޓައިފިއެވެ.

އަހަންމަދާއި އައްޔާ ދެ މީހުންނަށް ރަނގަޅަށް ސައިބޯން ފެށޭވަރެއް ނުވިއެވެ. ކުއްލިއަކަށް ހޮޓާތެރެއަށް ބޮޑު ބައިގަނޑެއް ވައްދާލައިފިއެވެ. ފަނަރަވަރަކަށް މީހުން ވަނެވެ. ހައްތާވެސް ބިދޭސީންނެވެ. އަޑުފަށްގަނޑު ގަދަވެއްޖެއެވެ. އަހަންމަދުމެންނަށް ވާހަކަ ދައްކަން ދަތިވާވަރަށް އަޑު ގަދަވެއްޖެއެވެ. މީ ކޮންކަމެއްހޭ އަލީއަށް އަހައިލެވުނެވެ.

އެ މީހުންނާ ދިމާއަށް އަހަންމަދަށް ބަލައިލެވުނީ ދެނެވެ. ކަމަކުދާކަށް ނެތެވެ. “ސަލާމަތުން” ހުރި އެކަކު ވެސް ނެތެވެ. ލައިގެން ތިބި އަންނައުނާއި ހަތަރެސްފަޔާއި ބޮލައްދާންދެއް ހުރީ ހިރަފުހާއި ވެއްޔާއި ކިލައެވެ. ކޮންމެވެސް ދިމާއެއްގައި މަގުކޮށްނަން އުޅެފައި އައިސް ވައްދައިލި ބައިގަނޑެއްކަން ކަށަވަރެވެ.

“އެކަމަކުވާ! ކާއެއްޗެހި ގެންގުޅޭ ތަންތަނަށް އެ ފާޑަށް ތިބެ ވަންނާކަށް ނުވާނެ ދޯ!” އަހަންމަދަށް ޗޮކެއް ކަނޑައިލެވުނެވެ.

“ހަތަރެއް ޖެހީއޭ! ހަތަރުގަޑި ބައިގައި މަސައްކަތް ފަށަންޖެހޭނެ! އިތުރު ގޮތެއް އެބައޮތްތަ؟” އަލީއަށް އިނދެވުނީ އެ މީހުންނާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

އޭރު އޭގެތެރެއިން ބަޔެއް މީހުން، ތަށްޓަށް ދެ ހެދިކާއެއް، ތިން ހެދިކާއެއް ލައިގެން އައިސް، ހުސްގޮނޑިތަކުގައި އިށީންނަން ފަށައިފިއެވެ. އޭގެތެރެއިން ދެ މީހަކު އައިސް، އަހަންމަދުމެން ތިބި މޭޒުކައިރީގައި ހުރި ދެ ގޮނޑީގައި ވެސް އިށީނދެއްޖެއެވެ. އެންމެންނަށް ގޮނޑި ހަމައެއް ވެސް ނުވިއެވެ. ހޮޓާތެރެ އޮތީ ރަކަރަކަ އަޅާފައެވެ.

“މަށަށް ހީވަނީ ދެން މިތަނުން ދާންވީހެން.” އެ ދެމީހުން އައިސް އިށީނނުމާއެކު، އަހަންމަދުގެ މޫނުމައްޗަށް އެރި ކުލަވަރާއި، ނޭފަތަށް ހަދައިލި ގޮތުން އެނގުނީ، އުނދަގޫވީ ހަމައެކަނި ކަންފަތަށް ނޫންކަމެވެ. ނޭފަތުގެ ހާލު ވެސް ބޮޑުވެއްޖެކަމެވެ. އަލީއަށް ވެސް އިނދެވުނީ އެކަހަލަ ގޮތަށެވެ. އެހެންކަމުން ސައިތަށްޓަކަށް ސައިތަށްޓެއް، ހެދިކާއަކަށް ހެދިކާއެއް ދޫކޮށްލުމަށްފަހު، ތެދުވެގެން ގޮސް ބިލްދައްކާފައި ދެ ވެރިން ހޮޓަލުން ނިކުމެއްޖެއެވެ. އެތައް ދުވަހަކަށްފަހު، ބައްދަލުވި ދެ އެކުވެރީންގެ ބައްދަލުވުން ނިންމާލަން ޖެހުނީ ހިތްދަތި ގޮތަކަށެވެ.

މިއީ މިއަދު ހަމައެކަނި މި ދެ އެކުވެރީންނަށް ކުރިމަތިވަމުން އަންނަ މައްސަލައެއް ނޫނެވެ. އެތައް ބަޔަކު ތަޙައްމަލު ކުރަމުން ގެންދާ ކަމެކެވެ. މި މައްސަލަ ކުރިމަތިވަނީ ހަމައެކަނި ބިދޭސީންގެ ކިބަޔަކުން ވެސް ނޫނެވެ. މަދުމަދުން ނަމަވެސް ދިވެހީންގެ ފުށުން ވެސް މި އުނދަގުލާ ކުރިމަތިލާން ޖެހޭ ފަހަރުފަހަރު އާދެއެވެ.

ހޮޓާ، ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަނަކީ، ސާފުތާހިރުކޮށް ހުންނަންޖެހޭ ތަންތަނެވެ. ކެއިން ބުއިން އެތަންތަނުގައި އިންތިޒާމުކުރެވިފައި ހުންނަ ތަންތަން ކަމަށްވާތީއެވެ. މި ތަންތަނުގެ ސާފުތާހިތުކަމަށް ވިސްނަންޖެހޭނީ ހަމައެކަނި، މި ތަންތަން ހިންގާ ފަރާތްތަކުން އެކަންޏެއް ނޫނެވެ. ޚިދުމަތްހޯދާ ފަރާތްތަކުން ވެސް މި ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހިތަށް އެރިހައި ގޮތަކަށް ތިބެ، ހޮޓާތަކަށް ވަނުމުން، ވަރަށް ގިނަ މައްސަލަތައް ނިކުންނާނެއެވެ. ޚާއްޞަކޮށް މުޑުދާރުކޮށްތިބެ، އެފަދަ ތަންތަނަށް ވަންނަ ނަމަ، ޞިއްޙީ ބޮޑެތި މައްސަލަތައް ކުރިމަތިވުމަކީ ދުރުކަމެއް ނޫނެވެ. އެހެންކަމުން މަގުކޮންނަން، ޖަންކުޝަން ސާފުކުރަން، ނޫނީ މިފަދަ ކޮންމެވެސް އެހެން ކަމެއްގައި، ދާހިއްލައި ފޯވެ ތަތްތެޅިގެން ތިބެ، ހޮޓާ، ކެފޭ ފަދަ ތަންތަނަށް ވަންނައިރު، އެހެންމީހުންނަށް ވާނެ އުނދަގުލަކަށް ވެސް ވިސްނައިލުމަކީ މުހިންމު ކަމެކެވެ.
އެކި ކަހަލަ ބަލިބަލީގެ ޖަރާސީމު އެންމެ ފަސޭހައިން އިންސާނާގެ ހަށިގަނޑަށް ވެރިވެގަންނަނީ ކާބޯތަކެތީގެ ޒަރީޢާއިންނެވެ. ހޮޓާހޮޓަލަކީ ކެއުމަށް ޚާއްޞަ ތަންތަނެވެ. އެހެންކަމުން އެތައް ބައިވަރު ޖަރާސީމަކާއި ބެކްޓީރިއާއެއް ކަފުޖަހައިގެން އައިސް ކާބޯތަކެތީގެ ދުއްކާނަކަށް ވަނުމަކީ ސިއްޙީގޮތުން ބެއްޔަސް ރައްކާތެރި ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ހަޑިމުޑުދާރުކޮށް ހުރި މީހަކު ކުރިމަތީގައި ބައިންދައިގެން، އަރުން އެއްޗެއް އެތެރެކޮށްލުމަކީ، ގިނަ މީހުންނަށް ވަރަށް ދަތިކަމަކަށް ނޫނީ ނުވާނެއެވެ. ކިތަންމެ މީރު ކާއެއްޗެއް ވެސް ވާނީ ވޭންދިޔަގަނޑެއް ފަދަ އެއްޗަކަށެވެ. އަހަންމަދާއި އައްޔަށް ވެސް ވީ މިކަހަލަ ގޮތެކެވެ. ތިބިގޮތާއި ދުވި ވަހުން ރަހަ ނުބައިވެ، މޭބޮޑުވީއެވެ.

މިއީ ޙައްލުކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް ޙައްލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ސުވާލަކީ މިއެވެ. ހޮޓާ، ކެފޭ ފަދަ ތަންތަން ހިންގާ ފަރާތްތަކުން މި ކަން ޙައްލުކުރަން މަސައްކަތް ކުރާނީބާވައެވެ؟ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މި ކަމަށް ޚާއްޞަ އުސޫލެއް ނުވަތަ ޤަވާއިދެއް، ފަދަ އެއްޗެއް އެކުލަވައިލައި ޢާންމުކުރާނީ ބާވައެވެ؟ ނޫނީ މިފަދަ ގޮތްގޮތަށް ކަންކުރާ ފަރާތްތަކުން މިކަން އިސްލާޙުކުރާނީ ބާވައެވެ؟ ކޮންމެ ގޮތަކުން ވިޔަސް، މިއީ ވިސްނަންޖެހޭ މުހިންމު ކަމެކެވެ. ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

———-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
3 Comments
  1. އެނޮނީމަސް

    ވ. ފުރިހަމަ ލިޔުމެއް. ލިޔުންތެރިޔާ ލިޔުއްވާފައިވާ އުސްލޫބު ވ ރީތި ވ ފުރިހަމަ. މި ފަދަ ގިނަ ލިޔުންތަކެއް މި "އުޑުދަށުން" ފެންނާނެ ކަމަށް އުއްމީދު ކުރަން.

    (2)(0)
  2. ޙަސަން ޝާކިރު މުޙައްމަދު

    އަލްއަޚް މުޙައްމަދު ޤާސިމަކީ، ފަހަކަށް އައިސް ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. ވާހަކައާއި ސަމާސާ އަދަބާއި މިނޫން ވެސް ތަފާތު ލިޔުންތައް ލިޔުއްވުމުގައެވެ. މިފަދަ ޒުވާން އަދި ކުރިއަރަމުން އަންނަ ލިޔުންތެރިއެއް، ލިޔުންތެރިންގެ ސައިޓުން ފެނުމަކީ، ލިބުނު އުފަލެކެވެ. އާވި އުންމީދެކެވެ. ކޮންމެ ހޯމަ ދުވަހަކު ''އުޑުދަށުން'' މުހިންމު ލިޔުމެއް ކިޔައިލެވޭނެތީއެވެ. މުޙައްމަދު ޤާސިމުގެ މަސައްކަތަކަށް ކާމިޔާބިޢަށް އެދެމެވެ. ދަރުމަހުއްޓެވެ.

    (4)(0)
  3. އެނޮނީމަސް+އެނޮނީމަސް

    ވަރަށް ރަނގަޅު ލިޔުމެއް. މިއީ ޙައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއް. ލިޔުންތެރިޔާ ފާހަގަކޮށްފައިވާ ފަދައިން، ގުނގުރެޓް ކުރުމުގެ މަސައްކަތުގައި އުޅެފައިވެސް ސައިހޮޓާތަކަށް ވަންނަ މީހުން ވަރަށް ގިނަކަން ފާހަގަކުރަން. ޝުކުރިއްަޔާ!

    (2)(0)
Leave Comment