މިއަހަރުގެ جمادى الأول މަހު 13ވަނަ ދުވަހު، އަޅުގަނޑަށްވެސް ވިހަމަނާފުއްޓަށް ދިޔުމުގެ ނަސީބު ލިބުނެވެ. އޮނަބަރަލް حميد ދެއްވި دعوت އަކަށެވެ. އެއީ އަޅުނޑުމެންގެ ލޮބުވެތި أمينދީދީގެ مقبرةއަށް ޒިޔާރަތް ކުރުމަށްޓަކައެވެ. އެމަނިކުފާނު ކޮންމެއަހަރަކުވެސް މިލޮބުވެތި ހަނދާން ދިރުއްވަމުން ގެންދަވައެވެ. މ.މ.ދ. [މަޖީދިއްޔާ މުސްކުޅިވަރުންގެ] ޖަމްޢިއްޔާގެ ކޮންމެވެސް ممبرން ކޮޅަކާއެކުގައެވެ. އަޅުގަނޑުމެން އެދުވަހު، އެތާނގައި ހުއްޓިތިބެ فاتحة ކިޔަވަމުން ގެންދިޔައިރު އަޅުގަނޑުގެ ހިތުގައި އާވަމުން ދިޔައީ ވަރަށް ކުރީގެ ހަނދާނެކެވެ. މީގެ 29 އަހަރުކުރީގެ ހަނދާނެކެވެ. سمو…

މިއަހަރުގެ جمادى الأول މަހު 13ވަނަ ދުވަހު، އަޅުގަނޑަށްވެސް ވިހަމަނާފުއްޓަށް ދިޔުމުގެ ނަސީބު ލިބުނެވެ. އޮނަބަރަލް حميد ދެއްވި دعوت އަކަށެވެ. އެއީ އަޅުނޑުމެންގެ ލޮބުވެތި أمينދީދީގެ مقبرةއަށް ޒިޔާރަތް ކުރުމަށްޓަކައެވެ. އެމަނިކުފާނު ކޮންމެއަހަރަކުވެސް މިލޮބުވެތި ހަނދާން ދިރުއްވަމުން ގެންދަވައެވެ. މ.މ.ދ. [މަޖީދިއްޔާ މުސްކުޅިވަރުންގެ] ޖަމްޢިއްޔާގެ ކޮންމެވެސް ممبرން ކޮޅަކާއެކުގައެވެ.

އަޅުގަނޑުމެން އެދުވަހު، އެތާނގައި ހުއްޓިތިބެ فاتحة ކިޔަވަމުން ގެންދިޔައިރު އަޅުގަނޑުގެ ހިތުގައި އާވަމުން ދިޔައީ ވަރަށް ކުރީގެ ހަނދާނެކެވެ. މީގެ 29 އަހަރުކުރީގެ ހަނދާނެކެވެ. سمو الأمير المرحوم محمد أمين ދޮށިމޭނާ ކިލެގެފާނު އަވަހާރަވިތާ 1 އަހަރު ފުރިގެން فاتحة ކޔަވާލަން ދިޔަ މަދު އެކުވެރިންކޮޅުގެ ހަނދާނެވެ. އެވާހަކަ އަޅުގަނޑަށް މިއޮތީ ވަރަށް ރަނގަޅަށް “އަޅުގަނޑުގެ ހަނދާން ފޮތު”ގައި ލިޔެވިފައެވެ.

މިބަޔާނުގެ ނަމަކަށް އަޅުގަނޑަށް ލިޔެވިފައިއޮތީ “82000 މީހުންގެ ތެރެއިން އެންމެ 9 މީހުން” މިހެންނެވެ. އޭރު ރާއްޖޭގެ އާބާދީއަކީ އެއީއެވެ.

ރެޔަކީ جمادى الأول މަހުގެ 13ވިލޭރެއެވެ. އެރޭ 9 ޖަހާއެހާކަންހާއިރު ކ.ވިހަމަނާފުއްޓާ ދިމާޔަށް ކުޑަކުޑަ ރިޔަލު ދޯންޏެއް ދުވެފައިދެއެވެ. ދޯނީގައި ތިބީ އެންމެ 9 މީހުންނެވެ. އެއީ  الفاضل حسين فهمي އާއި މިދަތުރުގެ ރޭވުންތެރިޔާ ކަމުގައިވާ الفاضل محمد زاهر نصير އާއި الفاضل المرحوم محمد رشيد (ސިއްކަ) އާއި الفاضل ހައްތި أحمد މަނިކާއި الفاضل ވިލިގިލީ محمد މަނިކާއި الفاضل ރަބަރުމާގޭ إسماعيل ފުޅާއި الفاضل ކަނޑޫދޫ ދޮން موسى ފުޅާއި الفاضل ބަންދު علي سليم އާއި އަޅުގަނޑެވެ

އަޅުގަނޑުމެންގެ مقصد އަކީ ދިވެހިރާއްޖޭގެ މިޒަމާނުގެ ބާނީގެ، ދިވެހި ދަރީންގެ މިއަދުގެ ބައްޕަގެ މަހާނައަށް زيارة ކޮށްލުމެވެ. فاتحة ކިޔަވައިލުމެވެ.

އަޅުގަނޑުމެންނަށް ފުރުނީ ފުރަން ކަނޑައެޅިފައިވާ ވަރަށްވުރެ ތަންކޮޅެއް ލަހުންނެވެ. އަދި ވައިޖެހެނީ ހަމަ ވިހަމަނާފުށީގެ މަތިންނެވެ. އެހެންކަމުން ޖަހާންޖެހުނު ހޭރޔާތައް ގިނައެވެ. ނަމަވެސް އަޅުގަނޑުމެންގެ މޮޓޯއަކީ، އަސަރުގަދައީ ބާރުން ކުރެވޭ މަސައްކަތުން ނިކުންނަ نتيجة ގައެވެ. މިއެވެ. ޖަހަންޖެހުނު ހޭރިޔާއަކުން ރޭދަން ދިގުވެގެން ވާންވީ ފޫހިކަން ފިލުވާލެއްވީ حسين فهمي ގެ معلومات ތަކުންނެވެ. މަރުވެފައިވާ މީހެއްގެ ހެޔޮ ހަނދާންތައް ދިރުއްވަވާން ފެއްޓެވި ފެއްޓެވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

“ތަރިތައް އަހަރެމެންގެ އަތްފޯރާފަށަށް އަންނާނެނަމައެވެ. އޭރުން އެތަރިތަކުން އޭނާގެ ތާރީފުގައި އެންމެފުރިހަމަ ހާރެއް އަމުނާލެވުނީހެވެ.” އޭނާގެ ވާހަކަފުޅު ފެއްޓެވީ މިعبارة ންނެވެ. أمين ގެ ذكرى އާކުރައްވަމުން ވަޑައިގެން ބުޒުރު ޖަމްހަރުގެ تاريخއާ ހަމަޔަށްވެސް އޭނާ ވަޑައިގެންނެވިއެވެ. އަސަރުން ފުރިގެންވާ عبارات ތަކަކުން ޖޯޝާ ފޯރިއާއެކު އެ بينانތައް ނިމިގެންދިޔައިރު އަޅުގަނޑުމެންގެ ފޫހިކަންވަނީ ފިލައިފައެވެ. ބުރަހެލިކުރުވަމުން ދިޔަ ނިދިވެސް ވަނީ ފިލައިފައެވެ.

ދޯނިދުވަފައި އޮވެދެއެވެ. އަނެއްކާވެސް فهمي ގެ معلوماتގެ ވަގުތު ކޮޅެކެވެ. އަތްބެލުމުގެ  مهم ކަމާއި ހުވަފެން تعبيرގެ ފައިދާތަކެވެ. އޭގެ عملي دليل ތަކެވެ. ދެންފެށުނީ ވޭތުވެ ދިޔަ دورއާ  މިدورގެ ފަރަގުގެ ވާހަކައެވެ. އާދެ، އެدورއާ  މިدورއަޅާ ބެލުމުގެ ވަގުތުކޮޅެކެވެ.

އަޅުގަނޑުމެން ވިހަމަނާފުއްޓަށް ފޯރީ 1.10 އެހާ ކަންހާއިރުއެވެ. އަވަސް އަވަހަށް وضوء ކޮށްލައިގެން އަވަސްވީ ރޭގެ عشاء ނަމާދަށެވެ. ނަމާދުކުރީ އެރަށުގައިހުރި ކުޑަކުޑަ މިސްކިތުގައެވެ. މިސްކިތް ފޮޅާ ތާހިރުކޮށްގެންނެވެ. މިސްކިތް ފޮޅާ ތާހިރުކޮށްލީ الفاضل المرحوم محمد رشيدއެވެ. (ޗައެނާ رشيدއެވެ.) إمامވެ ނަމާދުކުރީ އަޅުގަނޑެވެ. ނަމަވެސް ބިސްތާނު ދޮށުގައި فاتحة ވިދާޅުވީ الفاضل حسين فهميއެވެ. އޭނާ އެރޭ ވިދާޅުވީ ވަރަށް ރިތި دعا އެކެވެ.

އެކަމުން ނިމުމާއެކު ދެންބައިވެރިވެލީ މެންދަމުގެ ސައިގައެވެ. ގެންގޮއްސާހުރީ ފޮނިބޯކިބަލާ، ކަވާބާ މިކަހަލަ ހެދިކާއެވެ. ސައިގެ ކަންތައްތަކުން ނިމިގެން ފުރަން ތައްޔާރުވެވުނީ 2 ޖަހާ އެހާކަންހާއިރުއެވެ. ރަށުން ފުރުނީ 2.30ގައެވެ. މިދަތުރު ވީ ފަހި ނިޔާމަ ދަތުރަކަށެވެ.

މާލެއައި މަގުމަތީގައި ދަތުރުގެ ރޭވުންތެރިޔާ زاهر نصير ވަރަށް خاص ކަމެއް ހުށަހެޅުއްވިއެވެ. އެއީ ރޭގެ مرحوم بطل ގެ ކޮންމެވެސް قومي مضمون އެއް ކިޔުމެވެ. އެމަނިކުފާނުގެ قومي مضمون އެއް އަޅުގަނޑުމެން އަތުގައި އޮތެވެ. ނަމަވެސް ކިޔެވޭވަރުގެ އަލިކަންފުޅެއް ނެތެވެ. ހަނދުވަރު ދެއެވެ. ނަމަވެސް އަލި ތަންކޮޅެއް ފަނޑެވެ. ފާނޫޒެއް ބައްތިއެއް ނެތެވެ. ކުއްލިއަކަށް خيالއެއް އައީ رشيد ގެ ތަނަވަސް ސިކުނޑިއަށެވެ. އޭނާ ހުށަހެޅީ ފޮތެއްގެ ގަނޑުތަކަކުން ވަށްކޮށް ވީދައިގެން ވަގުތީ ބައްތިއެއް ހެދުމަށެވެ. ނަސީބަކުން އަލިފާން ފޮށްޓެއްވެސް އެބައޮތެވެ. ވަރަށް އަވަހަށް މަސައްކަތް ފެށިއްޖެއެވެ. ބަންދުގެ މުންޑުން “ކުޑަ ގެއެއް” ހަދައިދިނެވެ. އެއަށް ފަހު އަޅުގަނޑު އެمضمون ކިޔަން ފަށައިފީމެވެ. އެއްބަޔަކު ބައްތި ހަދަނީއެވެ. އަނެއްބަޔަކު ރޯކުރަނީއެވެ. ކޮންމެއަކަސް މިދަތި އުނދަގޫ މަސައްކަތުގެ ތެރޭގައި އަޅުގަނޑު مضمون ކިޔައި ނިންމައިލައިފީމެވެ.

މިހާރު مسألة އަކީ  شكر އަދާކުރަންވީ ކާކަށް ހެއްޔެވެ؟ މިއެވެ.


  • ތެދެކެވެ. އެންމެނަށް ގޮތް ހުސްވެފާތިއްބާ މިخيال ފާޅުކުރީ رشيدއެވެ. އެކަމަކު رشيد އެخيال ފާޅުކުރިނަމަވެސް:
  • ބައްތި ހަދާނެ ފޮތެއް ނެތްނަމަ އެކަމެއް ނުވީހެވެ.
  • ބައްތި ނުހެދުނުނަމަ އެކަމެއް ނުވެވުނީހެވެ. ބައްތި ހެދުނު ނަމަވެސް:
  • އެހާވައިޖެހޭއިރު ނިވާކަމެއް ނުގެނެވުނުނަމަކަ އެކަމެއް ނުވީހެވެ. އެހެންވިޔަސް!
  • އަލިފާން ފޮއްޓެއް ނެތް ނަމަކަ ރޮލެއް ނުކުރެވުނީހެވެ. އަދި މިހުރިހާ ކަމެއް މިގޮތަށް މީނަމަވެސް މަޒުމޫނު ކިޔައިދޭނެ މީހަކު ނެތްނަމަކަ އެކަމެއް ނިންމައެއް ނުލެވުނީހެވެ. ވީއިރު، شكر އަދާ ކުރަންވީ ފަހެ ކާކަށްތޯއެވެ؟ … މާލެ އާދެވެނުއިރުވެސް މައްސަލަ ވަކިކޮޅަކަށް ނުނިމެއެވެ.

އާދޭހެވެ. މިއީ އަޅުގަނޑުގެ ހަނދާން ފޮތުގެ ހަނދާނެކެވެ. އެރަށަށް ބަޔަކު فاتحة ކިޔަވަން ދިޔަކަން އެނގުނަސް އޭރުއޮތީ އެއީ މާސާދާ ކަމެއްގެ ގޮތަކަށް ނޫނެވެ. ނަމަވެސް زاهر نصيرގެ خيالއަށް އަޅުގަނޑުމެން 9 މީހުން މިކަންކޮށް ނިންމާލއިފީމެވެ. އަދިވެސް މިކަން އޮތީ އަމިއްލަ މީސްމީހުންގެ دائرة ގައެވެ. ނަމަވެސް އެމަނިކުފާނަކީ لامثيل قومي خادم އެކެވެ. محبّ الوطن އެކެވެ. ރާއްޖޭގެ 1ވަނަ ލިޔުއްވުން ތެރިޔާއެވެ. އަދިވެސް އަދިވެހެވެ. ވީމާ އަދި ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން މިދެކޭ ހުވަފެން ސީދާވާނެކަމާމެދަކު ޝައްކެއްނެތެވެ. (ނިމުނީ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment