000ޝަންދުރާ ވޮވޮރަންތު އެމެރިކާއަށް ދިޔައީ ހޮޓެލް އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ޝަންދުރާއަށް ކުރިމަތިލާންޖެހުނީ އިންސާނީ ވަގުފާރީގެ ދުނިޔެއެއްގެ ޖިންސީ އަނިޔާވެރިކަމުގެ އަޅުވެތިކަމާއެވެ. މަސްތުވާ ތަކެތި ނެގުމަށް މަޖުބޫރިކުރުވިއެވެ. މި ލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ ޝަންދުރާއަށް ކުރިމަތި ހާދިސާގެ މައްޗަށެވެ. އޭނާ ކިޔައިދީފައިވެއެވެ. އަހުރެން އެމެރިކާއަށް އައީ 2001 ވަނަ އަހަރުގެ ޖޫންމަހުގެ ފުރަތަމަ ހަފުތާގައެވެ. އަހުރެންނަށް އެމެރިކާއަކީ ވަޢުދާއި އަދި ފުރުޞަތުގެ މަންޒިލެކެވެ.  އަހުރެން އެމެރިކާއަށް ހިޖުރަކުރުން އިހުސާސްކުރެވުނީ އުފަލާއި ހިތްހަމަޖެހުމުގެ އައު މަންޒިލަކަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ޝަންދުރާ ވޮވޮރަންތު އެމެރިކާއަށް ދިޔައީ ހޮޓެލް އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ޝަންދުރާއަށް ކުރިމަތިލާންޖެހުނީ އިންސާނީ ވަގުފާރީގެ ދުނިޔެއެއްގެ ޖިންސީ އަނިޔާވެރިކަމުގެ އަޅުވެތިކަމާއެވެ. މަސްތުވާ ތަކެތި ނެގުމަށް މަޖުބޫރިކުރުވިއެވެ. މި ލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ ޝަންދުރާއަށް ކުރިމަތި ހާދިސާގެ މައްޗަށެވެ. އޭނާ ކިޔައިދީފައިވެއެވެ.

އަހުރެން އެމެރިކާއަށް އައީ 2001 ވަނަ އަހަރުގެ ޖޫންމަހުގެ ފުރަތަމަ ހަފުތާގައެވެ. އަހުރެންނަށް އެމެރިކާއަކީ ވަޢުދާއި އަދި ފުރުޞަތުގެ މަންޒިލެކެވެ.  އަހުރެން އެމެރިކާއަށް ހިޖުރަކުރުން އިހުސާސްކުރެވުނީ އުފަލާއި ހިތްހަމަޖެހުމުގެ އައު މަންޒިލަކަށް އާދެވުމެވެ. އެއީ ފިލްމުތަކުންނާއި އަދި ޓީވީއިން ފެންނަ ފަދަ ނޭނގޭ އިހުސާސެކެވެ.

އެއަރޕޯޓުގެ އަންނަ މީހުންގެ ހޯލުން އަހުރެންގެ ނަން އަޑުއިވުނެވެ. އަދި އެނބުރުނު ވަގުތު އަހަރެންގެ ފޮޓޯއެއް ހިފައިގެން މީހަކު ހުރިތަން ފެނުނެވެ. އެއީ އަހުރެންނަށް އެހައި ކަމުދާ ފޮޓޯއެއް ނޫނެވެ. އެއީ އިންޑޮނޭޝިޔާގެ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން އަހުރެން ލައްވަ ފޮޓޯއެއް ނެގުމަށް ލައްވާފއިވާ ހެދުމެއްގައި ހުރެ ނެގި ފޮޓޯއެކެވެ. އެހެންނަމަވެސް އެ ފޮޓޯ ހިފައިގެން ހުރި މީހާ ހުރީ ހިނިތުންވެފައެވެ. އެމީހާގެ ނަމަކީ ޖޮނީ އެވެ. އަދި އަހުރެން އޭނާގެ ފަރާތުން އުއްމީދުކުރީ އޭނާ ދުއްވާފައި ދާނީ އަހުރެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ހޮޓަލަށްކަމަށެވެ. ހަގީގަތުގައި އެ ހޮޓާ ހުންނަނީ ޗިކާގޯގައެވެ. އަދި އަހުރެން މިއައީ ނިއު ޔޯކުގެ ޖޭ.އެފް.ކޭ. އެއަރޕޯޓަށެވެ. ދާންޖެހޭ ތަނާ ގާތްގަނޑަކަށް 800 މޭލު ދުރުމިން އެބަހުއްޓެވެ. އެހެން ނަމަވެސް އަހުރެންނަށް ފެނުނީ އެއީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައެވެ. އޭރު އަހުރެންގެ ޢުމުރަކީ 24 އަހަރެވެ. އަދި އަހުރެންނަށް މި އާދެވެނީ ކޮންތަނަކަށް ކަމެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.

އަހުރެން ފައިނޭންސް ދާއިރާއިން މަތި ތައުލީމު ނިންމުމަށްފަހު، މަސައްކަތްކުރީ އިންޑޮނޭޝިޔާގެ އިންޓަރނޭޝަނަލް ބޭންކްގެ އެނަލިސްޓް އެންޑް ޓްރޭޑަރެއްގެ ވަޒީފާގައެވެ. އެހެންނަމަވެސް 1998 ވަނަ އަހަރު އިންޑޮނޭޝިޔާއަށް ކުރިމަތިވި ފައިނޭންޝަލް މާލީ މުސީބާތުގެ ސަބަބުންނާއި ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން އަހުރެންގެ ވަޒީފާ ގެއްލިއްޖެއެވެ. އަހުރެންގެ ތިން އަހަރުގެ ދަރިފުޅުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ބޭރު ގައުމަކުން ވަޒީފާއެއް ހޯދުމަށް މަސައްކަތް ފަށައިފީމެވެ. އެ ގޮތުން ނޫހުގައި އޮތް އިޝްތިހާރެއް ފެނިއްޖެއެވެ. އެއީ ޖަޕާނު، ހޮންކޮންގ އަދި އެމެރިކާގެ ބޮޑެތި ހޮޓާތަކުގެ މެހުމާންދާރީއާ ބެހޭ މަސައްކަތަށް މީހުން ބޭނުންވެގެން ކޮށްފައިވާ އިޝްތިހާރެކެވެ. އެތަނުން އަހުރެން އެމެރިކާ އިޚްތިޔާރުކޮށް އެ ވަޒީފާއަށް އެދެފީމެވެ. ވަޒީފާގެ ޝަރުތަކީ ކުޑަކޮށް އިނގިރޭސި ބަހުން ވާހަކަދައްކަން އެނގުމެވެ. ފީއެއްގެ ގޮތުގައި 3 މިލިއަން އިންޑޮނޭޝިއަން ރުޕިއާ (2001 ވަނަ އަހަރުގެ ރޭޓުން ބަލައިފިނަމަ އެއީ 2700 އެމެރިކާ ޑޮލަރު) ދައްކަންޖެއެވެ. ވަޒީފާއަށް މީހުން ހަމަޖެއްސުމުގެ އިޖުރާއަތްތައް ވަރަށް ދިގެވެ. ވަރަށް ގިނަ އިންޓަރވިއުތައްވެސް ހިމެނެއެވެ. އޭގެ އިތުރުން އެ މީހުންގެ ކުރިމަތީގައި މައްޗަށް އަދި ތިރިއަށް ހިނގުމަށާއި އަދި ހިނިތުންވާން ޖެހެއެވެ. މިގޮތަށް ކަންތައް ކުރަން ޖެހެނީ ކަސްޓަމަރު ސާރވިސްއަކީ މައިގަނޑު މަސައްކަތަށް ވާތީކަމަށް ބުންޏެވެ.

އަހުރެން ހުރިހާ ޓެސްޓްތަކަކުން ފާސްވެ އެ ވަޒީފާ އަށް ހޮވިއްޖެއެވެ. ޕްލޭނަކީ އަހުރެންގެ މަންމަ އާއި އަންހެން ދަރިފުޅު ބެލެހެއްޓުމުގެ ކަންތައްތައް ހަމަޖެއްސުމަށް 6 މަސްދުވަހަށް ގައުމުން ބޭރުގައި މަސައްކަތްކުރުމަށެވެ. އެ ވަޒީފާއިން މަހަކު ފަސްހާސް އެމެރިކާ ޑޮލަރު ( އެއީ މަހަކު 5.55 މިލިއަން އިންޑޮނޭޝަން ރުޕިއާ) ލިބޭނެ އެވެ. ހަމަހުގެ ފަހުން އެނބުރި ގައުމަށް އައިސް ދަރިފުޅުގެ ކަންތައްތައް ބެލެހެއްޓުމެވެ.

އަހުރެން އެމެރިކާގެ ޖޭ.އެފް.ކޭ. އަށް އައީ އިތުރު ހަތަރު އަންހެންނުންނާއި ފިރިހެނަކާއެކު އެވެ. އަހުރުމެންގެ މި ގުރޫޕު ދެ ބަޔަކަށް ބަހައިލި އެވެ. އަހުރެންގެ ޕާސްޕޯޓާއެކު ހުރިހާ ލިޔެކިޔުންތަކެއް ޖޮނީ (އެއަރޕޯޓުން އަހުރެންނާ ބާއްދަލުކުރި މީހާ) ނެގިއެވެ. އެއަށްފަހު އެހެން ދެ އަންހެނުންނާއެކު އަހުރެން ކާރަކަށް އެރުވި އެވެ. އެ ހިސާބުން ގޮތްނޭގޭ ކަންތައްތަކެއް ހިނގަން ފަށައިފިއެވެ.

ކުއީންސްގެ ފްލަޝިންގއަށް ދިއުމަށް ޑްރައިވަރު ކުރު މަގު ނެގިއެވެ. ކާރު ޕާކިންގއަށް ދިއުމުގެ ކުރިން ކާރު ހުއްޓިއެވެ. އަދި އަހުރެމެންގެ ތެރެއިން ތިން މީހުން ކާރުން ފޭބުމަށް ޖޮނީ ބުންޏެއެވެ. އަދި ކާރުން ބޭލުމަށްފަހު އެހެން ކާރަކަށް އެހެން ޑްރައިވަރަކާ އެކު އެރުވިއެވެ. އަހުރެމެން އޭނާ ބުނާ ގޮތަށް ކަންތައްތައް ކުރީމެވެ. އަހުރެން ކާރުގެ ކުޑަ ދޮރުން ބަލަން އިންދާ ޖޮނީ ކާރުގެ ޑްރައިވަރަށް ފައިސާ ދިންތައް ދުށީމެވެ. ކޮންމެވެސް ނުރަނގަޅު ކަމެއް ވެއްޖެކަމަށް އަހުރެންނަށް ހީކުރެވުނެވެ. އެހެންނަމަ ވެސް އަހުރެންގެ ނަފުސަށް އަހުރެން ބުނީ ކަމެއް ގޯސްނުވާ ކަމަށާއި ހާސްނުވުމަށެވެ. އެގޮތަށް ހީކުރެވުނީ ހޮޓެލް ޗެއިން ބިޒްނަސްގައި މީހުން އެއަރޕޯޓުން އެއްތަނުން އަނެތަނަށް ގެންދާއިރު މަގު މަތީގައި ކަމެއް ދިމާވެދާނެތީއެވެ. އެހެންނަމަވެސް އައު ޑްރައިވަރު އެހާ ދުރަކަށް ނުދުއްވައެވެ. އޭނާ އެތަނުގެ ބޭރުގައި ޕާކުކޮށްފިއެވެ. އެއަށްފަހު އެކާރުން ބޭލުމަށްފަހު އަހުރެމެން އެހެން ކާރަކަށް އަރުވައިފިއެވެ. ދެން ތިން ވަނަ ޑްރައިވަރު އަހުރެމެން ގެންދިޔައީ ގެއަކަށެވެ. އެތަނުން އަނެއްކައި ވެސް ބަދަލުކޮށްފިއެވެ.

ހަތަރުވަނަ ޑްރައިވަރު އަތުގައި ބަޑިއެއް އޮތެވެ. އަހުރެމެން އޭނާގެ ކާރަށް އެރުމަށް މަޖުބޫރުކޮށް ބްރޫކްލިންގެ ގެއަކަށް ގެންދިޔައެވެ. އެތަނުން ރޭޕްކޮށްފައިވާ ކުޑަ އަންހެން ކުއްޖަކު ބުންޏެވެ. “މާމާ ސޭން! ނިއު ގާރލް!”. އެވަގުތު އަހުރެން ވަރަށް ހިތް ނުތަނަވަސް ވެއްޖެއެވެ. “މާމާ ސޭން” މާނައަކީ “ކޯއްޓޭގެ ސާހިބާ”އެވެ. އެކަމަކު ބަޑީގެ ސަބަބުން އަހުރެންނަކަށް ފިލޭނެ ގޮތެއް ނެތެވެ. ހުޅުވިފައި ހުރި ދޮރު ތެޅެއެވެ. އެތެރެއިން ބާރަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ ކުޑަކުއްޖަކު ބިންމަތީގަ އޮވެގެން ރޮނީއެވެ. އެ ތަނުގައި ތިބި ފިރިހެނުންތަކެއް ވެގެން ފަހަރަކު މީހަކު އެކުއްޖާގައިގައި ތަޅަނީއެވެ. އެކުއްޖާގެ ނޭފަތުން ލޭފައިބައެވެ. އަދި ގަދަ ވޭނުގެ ސަބަބުން ބާރަށް ރޮއި ހަޅޭއްލަވައެވެ. އަދި އެތަނުން އެއް ފިރިހެނަކު އެކުއްޖާގެ ގައިގައި ބޭސްބޯޅަ ބެޓަކުން ތަޅައި ކޮށްޕައި ހަނދަނީއެވެ. އެކަން ކުރީ އަހުރެންގެ ކުރި މަތީގައި އަހުރެންނަށް ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

އަހުރެން އެމެރިކާއަށް އައިތާ މަދު ގަޑިތަކެއްގެ ތެރޭގައި މަޖުބޫރުވީ ޖިންސީ ގުޅުން ހިންގާށެވެ. އަހުރެން ވަރަށް ބޮޑަށް ބިރުގަތެވެ. އެހެންނަމަވެސް އަހުރެންގެ ވިސްނުން ހުރީ ކޮންމެވެސް ގޮތަކުން މިކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ޖޮނީ ފެނިއްޖެއެވެ. އަދި އޭނާ ކަން ހިނގިގޮތުން ވަރަށް ބޮޑަށް ދެރަވެ މާފަށް އެދިއްޖެއެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ދެން އެ ދުވަހު ދިޔައީ އަހުރެމެންގެ އައި.ޑީ. ކާޑު ފޮޓޯ ނެގުމަށާއި އަދި ޔުނީފޯމު ގަނެގެން ޗިކާގޯގެ ހޮޓަލުގެ ވަޒީފާއަށް ނިކުތުމަށެވެ.

“ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް” ޖޮނީ އަހުރެންގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ. ކަމެއް ގޯސްކޮށް ހިނގުމަށްފަހު ވެސް އަހުރެން އޭނާއަށް އިތުބާރު ކުރީމެވެ. އަދި އޭނާއަކީ ހިތްހެޔޮ މާތް މީހެއްކަމަށް ހީކުރީމެވެ. “އެ ބިރުވެރި ހާދިސާ ނިމުނީ އެވެ. މިހާރު އަހުރެން ދާނީ ޗިކާގޯގައި ވަޒީފާ އަދާ ކުރުމަށެވެ.”

މީހަކު އައިސް އަހުރެމެން ގެންދިޔައީ ފޮޓޯ ސްޓޫޑިއޯ އަށެވެ. އެތަނުގައި އަހުރެމެންގެ ފޮޓޯ ނެގި އެވެ. ދެން އޭނާ ދުއްވާފައި ދިޔައީ ޔުނީފޯމު  ގަތުމަށް ފިހާރައަށެވެ. އެހެން ނަމަވެސް އެ ފިހާރައިގައި ހުރީ ހެދުމުގެ ދަށުން ލުމަށް ބޭނުންކުރާ އަންނައުނުގެ ބާވަތްތަކެވެ. އަދި އެފަދަ ފިހާރައެއް މީގެ ކުރިން އެއްގޮތަކަށް ވެސް ނުދެކެމެވެ. އެތަނުގައި “ޔުނީފޯމެއް” ނެތެވެ.

އެއީ ވަރަށް ހެއްވާކަމެކެވެ. އެވަގުތު ފަހަތަށް ބަލައިލީމެވެ. އެއީ އޮޅުވައިލުމާއި މަކަރެއްކަން އަހުރެންނަށް އެނގުނެވެ. އެ ވަގުތު އަހުރެން ވަރަށް ބޮޑަށް ނުތަނަވަސްވެ ހާސްވާން ފެށިއެވެ. އަދި ރައްކާތެރިކަމެއް ނެތްކަން އެނގުނެވެ. އަހުރެން ފިހާރަ ވަށައިގެން ބަލައިލީމެވެ. އަހުރެން މިތަނުން ފިލައިގެން އެމީހުންގެ ލޯމަތިން ގެއްލުމަށް ވަރަށް ބޮޑަށް އެދެވުނެވެ. ވަރަށް ހާސްވެ ބިރުވެސް ގަތެވެ. އަދި މިތަނުގައި އަހުރެން ދަންނަ އެއްވެސް މީހަކު ނެތެވެ. އަނެއްކައި ވެސް އަހުރެން ފަސްއެނބުރި ބަލައިލި އިރު އަހުރެންނާއެކު އައި ދެ ކުދިން އެތަނުގައި ހުރި ތަކެއްޗަށްބަލައި ހިތްހަމަޖައްސައި އުފާކުރާތަން ފެނުނެވެ. އަދި އަހުރެމެން ގޮވައިގެން އައި މީހާއަށް ބަލައިލުމުން އޭނާގެ އަތުގައި ފޮރުވާފައި އޮތް ބަޑި ދައްކައިލިއެވެ. ނުފިލުމަށާއި އޭނާ އަންގާ ގޮތަށް ކަންތައް ކުރުމަށް އިޝާރާތުން އަމުރުކުރިއެވެ.

އެއަށްފަހު އަހުރެމެންގެ ގުރޫޕު ދެބައި ކޮށްލިއެވެ. އަހުރެން ގެންދިޔައީ ދުރު ތަނަކަށެވެ. އެކަމަކު އެއީ ޗިކާގޯ އެއްނޫނެވެ. އެތަނުގައި އަހުރެންނަށް މަޖުބޫރުކުރުވީ ޖިންސީ ޙަރަކާތްތައް ކުރުމަށެވެ. ވަގު ވިޔަފާރިކުރާ މީހުންގެ ތެރޭގައި އިންޑޮނޭޝިޔާ މީހުންނާއި، ތައިވާނު މީހުންނާއި، މެލޭޝިޔާ މީހުންނާއި ޗައިނާ މީހުންނާއި، އަދި އެމެރިކާ މީހުން ހިމެނެއެވެ. އެއިގެ ތެރެއިން ހަމައެކަނި އިނގިރޭސި ބަހުން ވާހަކަ ދައްކަނީ އެންމެ ދެ މީހުންނެވެ. ބޮޑަށް އެ މީހުން ވާހަކަ ދައްކަނީ އިޝާރާތުންނެވެ. އެ މީހުން ހަޑިހުތުރު ބަހުރުވައާއި، އިޝާރާތްތައް އަހުރެމެންނާއި ދިމާއަށް ބޭނުންކުރެއެވެ.  އެގޮތުގައި އެތައް ހަފުތާއެއް ނެގިއެވެ. އެ މީހުންގެ ތެރޭގައި ޕޮލިހުންގެ ބެޖު ޖަހާފައި ހުރި މީހަކު ވެސް ހުއްޓެވެ. އެއީ ހަގީގީ ޕޮލިހެއް ކަމެއް އަހުރެންނަކަށް ނޭނގެ އެވެ.

އެ މީހުން އަހުރެންގެ ކައިރީގައި ބުނީ އަހުރެން ވަނީ އެ މީހުންނަށް 30,000 (ތިރީސް ހާސް) އެމެރިކާ ޑޮލަރަށް ދަރާފައި ކަމަށެވެ. އަދި އެ ދަރަނި އަދާކުރުމަށް 100 އެމެރިކާ ޑޮލަރުގެ މަގުން 300 މީހުންނަށް ޚިދުމަތްކޮށްދޭންޖެހޭނެއެވެ. ފާއިތުވި 1 މަހާއި ހަފުތާއެއްގެ ތެރޭގައި އަހުރެން އެސަރަޙައްދުގެ 95 ތަނަކަށް ގެންދިއައެވެ. އެއީ ތަފާތު ކޯއްޓޭ (ނާސިގެ) ތަކަށާއި ، އެޕާޓްމަންޓް ބިލްޑިންގތަކަށާއި، ހޯޓާތަކަށާއި، އަދި އިރުމަތީ ސާޙިލްގެ ކެސީނޯތަކަށެވެ. އެއްތަނެއްގައި ދެ ދުވަސް ހޭދަކުރުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި އެ މީހުން އަހުރެން ގެންދަނީ ކޮންތަނަކަށް ކަމެއް އަހުރެންނަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

ކޯއްޓޭތައް ބޭރުން ފެންނައިރު ހީވަނީ ހަމަ އާދައިގެ ގެތަކެއް ހެނެއެވެ. އަދި އެތެރޭގައި ހުންނަނީ އަލިގަދަ ކުލަ ބޮކިތަކާއި، މިޔުޒިކާއި ޑިސްކޯގެ ޙަރަކާތްތަކެވެ. އަދި މީގެ އިތުރުން އެތަނުގައި ހުންނަ މޭޒުތަކުގައި ހުންނަނީ ކޮކެއިންއާއި، ކްރިސްޓަލް މިތާއި ވީޑެވެ. އަދި އިންސާނުންގެ ވަގުފާރި ކުރާ މީހުން އަހުރެމެންގެ ބޮލުގައި ބަޑި ޖައްސައިގެން އަހުރެމެން ލައްވާ ޑުރަގު ނަގުވައެވެ. ފަހަރެއްގައި އެބައި މީހުން އެކަން ކުރުވަނީ އެމީހުން ބޭނުންވާ ކަންތައްތައް  ކުރުވުމަށް ފަސޭހަކުރުވަން ކަމަށް ވެދާނެއެވެ. ދުވާލާއި ރޭގަނޑު އަހުރެމެން ބޯން ޖެހެނީ ބިއަރާއި، އަދި ވިސްކީއެވެ. އެނޫން އެއްޗެއް ބުއިމަކަށް ނުދެއެވެ.

ދުވާލަކު 24 ގަޑި އިރު، އަހުރެމެން އަންހެން ކުދިން ތިބެން ޖެހެނީ އެތަނުގައި ދުނިޔެއަށް އުފަންކުރި ގޮތަށް ކަސްޓަމަރުންގެ އިންތިޒާރުގައި އިށީނދެލައިގެން ނެވެ. އެއްވެސް މީހަކު ނާތުވެއްޖެނަމަ އަހުރެމެންނަށް ކުޑަކޮށް އެތަނުގައި ތިބެގެން ނިދައިލެވިދާނެއެވެ. އެހެނަމަވެސް އެނދުގައި ނިދުމުގެ ހުއްދައެއް ނުލިބެއެވެ. އަދި ބައެއް ފަހަރު އެމީހުން ވެސް އަހުރެމެން ރޭޕުކޮށްހަދައެވެ. އެހެންވުމުގެ ސަބަބުން އަހުރެމެން އަބަދުވެސް ތިބެން ޖެހެނީ ވަރަށް ބޮޑަށް ސަމާލުވެގެން ނެއެވެ. އަދި ކުރިއަށް ވެދާނެ ކަމެއް އެއްގޮތަކަށް ވެސް ލަފާކުރާކަށް ނޭނގެއެވެ.

މިގޮތަށް ކަންތައް ހިނގަމުންދާތީވެ، އަހުރެމެންނަކަށް އަމިއްލައަށް އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރެއް އަދި ބާރެއްވެސް ލިބގެން ނުވެއެވެ. އަބަދުވެސް ހިތްދަތިކަމާއި، ރުޅިވެރިކަމާއި، އަދި ނާއުއްމީދު ވަނީ ވެރިވެފައެވެ. އަހުރެން އަބަދުވެސް މިކަމުން ސަލާމަތްވާނެ ގޮތްތައް ހޯދައިބަލަމެވެ. އަދި އެކަމަށް ވަރަށް މަސައްކަތްކުރަމެވެ. ބައެއް ފަހަރު އެ މީހުންނަށް އެކަން އެނގުމުން އަހުރެންނަށް ވަރަށް އަނިޔާކޮށް ހަސްކާ ދައްކައިލައެވެ. ތޫނު ވަޅިއާއި ބޭސްބޯޅަ ބެޓްގެ ހުރިވަރު ދައްކައިލައެވެ.

އެއް ދުވަހަކު އަހުރެން ބުރޫކްލީންގެ ކޯއްޓޭއަކަށް ގެންގޮސް އެތަނުގެ ކޮޓަރިއެއްގައި 15 އަހަރުގެ އަންހެން ކުއްޖަކާ އެކު ހައްޔަރު ކުރިއެވެ. އެއީ ވަރަށް ރަނގަޅު ހިތްހެޔޮ ކުއްޖެކެއެވެ. އަހުރެން މިކަމުން ސަލާމަތްވާން ވަރަށް ބޭނުންވާ ވާހަކަ އެކުއްޖާގެ ކައިރީގައި ބުނުމުން އޭނާ ބުނީ ތިމަންނަ ދަންނަ އިންޑޮނޭޝިޔާ މީހެއް ހުންނަ ކަމަށާއި އޭނާގެ އެހީތެރިކަން ހޯދުމަށެވެ. އަދި އެ މީހާގެ ނަންބަރުވެސް ކަރުދާސް ކޮޅެއްގައި ލިޔެފައި އަހުރެންނަށް ދިނެވެ. އަހުރެމެން ތިބި ކޮޓަރީގައި ނުކުމެވޭވަރުގެ ފެންލައިޓެއް ހުއްޓެވެ. އެ ފެންލައިޓުން ވަރަށް މަސައްކަތުން ބޭރަށް ނުކުމެގެން ގޮސް ކުޑަ ކުއްޖާ ދިން ނަންބަރަށް ގުޅާފައި އަހުރެމެންގެ ހާލު އޭނާއަށް ކިޔައިދިނުމުން އޭނާ އަހުރެމެންނަށް އެހީތެރިވެދޭނެ ވާހަކަ ބުންޏެވެ. އަދި އަހުރެމެން ތިބި ތަނަށް އައިސް އަހުރެމެން ގެއަކަށް ގެންދިޔައެވެ. އެތަނުގައި އަހުރެމެންގެ ކެއުމާއި އެހެނިހެން ކަންތައް ބަރާބަރަށް އޭނާ ހަމަޖައްސައިދެއެވެ. އެއްރެއަކު އެ މީހާ އަހުރެމެން އުޅޭ ތަނަށް އައީ ތިން ހަތަރު ފިރިހެނުންނާ އެކުއެވެ. އަދި އެ މީހުން މިރޭ އަހުރެމެންގެ ކޮޓަރީގައި ބައިތިއްބުމަށް އޭނާ އެދުނެވެ. އެކަމާ އަހުރެމެން ދެމީހުން ދެކޮޅު ހެދުމުން އޭނާ ބުނީ އެހެން ވިއްޔާ ކަލޭމެން ޖެހޭނީ އަލުން ޖޮނީގެ ގާތަށް ދާންކަމަށެވެ. އެހެންކިޔާފައި އޭނާ ޖޮނީއަށް ފޯނުކޮށްފިއެވެ. އެވަގުތު އަހުރެން އެތަނުން ބޭރަށް ނުކުމެއްޖައީމެވެ. އަދި އޭނާ އެ ކުޑަ ކުއްޖާ ހައްޔަރުކޮށްފިއެވެ.

އަހުރެން ސަލާމަތްވެގެން ދުވެފައި ގޮސް މަގުމަތިން ދިމާވި ފުލުހެއްގެ ގާތުގައި އަހުރެންގެ ހާލު ކިޔައި ދިނުމުން އެ ފުލުސް މީހާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. ދެން އަހުރެން އަވަހަށް ދިޔައީ އެހިސާބުގައި ހުރި ޕޮލިސް ސްޓޭޝަނަށެވެ. އެ މީހުންނަށް އަހުރެންގެ ވާހަކަ ކިޔައިދިނުމުން އަހުރެން ކޮށްޕައި އެތަނުން ބޭރުކޮށްލައިފިއެވެ. ދެން އަހުރެން އިންޑޮނޭޝިޔާގެ ކޮންސިއުލޭޓަށްގޮސް އެހީއަށް އެދުމުން އެމީހުން ވެސް އަޅައެއް ނުލިއެވެ. އެތަނުގައި އެކިކަންކަމަށް އަންނަ މީހުން ބޭތިއްބުމަށް ޚާއްޞަކޮށްފައި ހުންނަ ކޮޓަރިތައްވެސް ހުރެއެވެ. އެހެންނަމަވެސް އަހުރެންނަށް އެ މީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އަހުރެން މަގުމަތިވެ ސަލާން ޖަހަން ޖެހިއްޖެއެވެ. ދިމާވާ ކޮންމެ މީހެއްގެ ކައިރީގައި އަހުރެންގެ ހާލުކިޔައިދީ ހަދަމެވެ. އަހުރެން ނިދަނީ އައިލަންޑް ސްޓޭޝަންގައްޔާއި، އެންވައިސީ ސަބްވޭގައްޔާއި، އަދި ޓައިމް ސްކުއަރގައެވެ.

އެއް ދުވަހަކު ވިލިއަމްސްބާރގުގެ ގްރޭންޑް ފެރީ ޕާކުން ދިމާވި އެޑީ ކިޔާ މީހަކު އަހުރެންނަށް ކާއެއްޗެހި ގަނެ ދިނެވެ. އޭނާއަށް އަހުރެންގެ ވާހަކަ ކިޔައިދިނުމުން މާދަމާ މެންދުރު އަންނާނެ ވާހަކަ ބުންޏެވެ. އަހުރެން އޭނާގެ އިންތިޒާރުގައި ހުއްޓައި އެޑީ އައިސް އަހުރެންގެ ފަރާތުން އެފް.ބީ.އައި.ގެ މީހަކާ ވާހަކަ ދެއްކުމުން، އެމީހުންގެ އޮފީހަށް އައުމަށް ބުނި ކަމަށް އެޑީ ބުންޏެވެ. އަދި އެޑީ އަހުރެން އެތަނަށް ގެންދިއުމުން ދެ އިންވެސްޓިގޭޓަރުން އަހުރެންނާއި ވަރަށް ދިގުކޮށް ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އެއަށްފަހު އެމީހުން ޓްރަވެލް އެޖެންސީ އަށާއި، އިމިގްރޭޝަނަށާއި އަދި ބައެއް ތަންތަނަށް ފޯނުކުރުމަށް ފަހު އަހުރެން ގޮވައިގެން އަހުރެންގެ އެކުވެރިން ސަލާމަތް ކުރުމަށް ދިޔައެވެ. އެ މީހުން އެތަނަށް ގޮސް އެތަނުގައި ތިބި މީހުން ހައްޔަރުކޮށް އަހުރެންގެ އެކުވެރިން ސަލާމަތްކޮށްފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަހުރެންނަށް އެންމެ ބޮޑަށް އޮޅުވައިލި ޖޮނީ ވެސް ހިމެނެއެވެ.

އަހުރެންނާއި އަދި ސަލާމަތްވި އެންމެންނަށް ވަސޭހަތް ދިނުމަށް ޚާއްޞަ މަރުކަޒަކަށް ގެންގޮސް އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އަހުރެމެން އެމެރިކާގެ ގަވާޢިދުތަކާއި އެއްގޮތަށް އެގައުމުގައި އުޅެވޭނެ ގޮތް ހަމަޖައްސައިދީ، އަހުރެމެންނަށް ވަޒީފާ ލިބޭނޭ ގޮތް ވެސް ހަމަޖައްސައިދިނެވެ. މިހާރު އަހުރެންނަކީ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ އަދި ޖިންސީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ވަސޭހަތް ދޭ މީހަކީމެވެ.

ކޮންމެ މީހަކުވެސް ކިތަންމެ ބޮޑު މުސާރައެއް ހުށަހެޅިނަމަވެސް ވަޒީފާއަށް ދިއުމުގެ ކުރިން އެ ވަޒީފާގެ މަޢުލޫމާތު ފުރިހަމައަށް ހޯދުމަށް ސަމާލުވާށެވެ. އަދި ވަޒީފާ ދޭ ފަރާތުގެ މަޢުލޫމާތު ރައްޓެހިންގެ ގާތުންނާއި، އިންޓަރނެޓުންނާއި، ސީދާ އެ އޮފީހަށް ފޯނުކޮށްގެންނާއި، އީމެއިލް ކޮށްގެން، ފެކުހުގެ ޒަރިއްޔާއިންނާއި، އަދި އެނޫން ވެސް މަޢުލޫމާތު ލިބެން ހުރި ހުރިހާ ވަސީލަތްތައް މެދުވެރިކޮށްގެން ހޯދާށެވެ. ވަޒީފާދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމައަށް ހޯދުމަށްފަހުގައި ނޫނީ ވަޒީފާއަށް ނުދިއުމަށް ސަމާލު ވާށެވެ. އެހެންނޫންނަމަ، ޝަންދުރާއަށް ދިމާވިފަދަ ހިތާމަވެރި ހިތްދަތި ގޮތެއް މެދުވެރިވެދާނެއެވެ. ޚާއްޞަ ތިމާގެ ރަށުން ނުވަތަ ރަށުން ބޭރަށް ވަޒީފާއަށް ދިއުމުގައި މިކަމަށް ސަމާލުކަން ދޭށެވެ.

ނޯޓު: މި ލިޔުމަކީ 30 މާރިޗް 2016 ގައި ބީބީސީ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އެ ލިޔުން ވިދާޅުވުމަށް ޒިޔާރަތްކޮށްލައްވާ http://www.bbc.com/news/magazine-35846207 އަށް ޒިޔާރަތް ކޮށްލައްވާށެވެ.

About the author
Leave Comment