މީގެ ދުވަސްކޮޅެއް ކުރީން ކުއްޖަކު ކިޔައިދިން ވާހަކައެކެވެ. އެއީ ސްކޫލެއްގައި ކިޔަވާ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ ދުވަހު އެ ކުއްޖާ ސްކޫލުން ނިމިގެން ގެއަށް އައުމަށް ހިނގައިގަތީ އެކުވެރި އެހެން ކުއްޖަކާއެކުގައެވެ. ހިނގާފައި އައީ ދުވާރު މަތީންނެވެ. ވަކި ހިސާބަކުން މަގު ހުރަސްކުރަން ޖެހިއްޖެއެވެ. މަގު ހުރަސްކުރާއިރު ކޮންމެ މީހަކަށް ވެސް ފުރަތަމަ ބަލައިލެވޭނީ މަގުގެ ދެ ކޮޅަށެވެ. މަގުމަތީން ގިނަ ފަހަރަށް ނުރައްކަލެއް ކުރިމަތި ވަންޏާ ކުރިމަތިވާނީ ދުއްވާ އެއްޗެހީގެ ސަބަބުން ކަމަށް ވާތީއެވެ.…

މީގެ ދުވަސްކޮޅެއް ކުރީން ކުއްޖަކު ކިޔައިދިން ވާހަކައެކެވެ. އެއީ ސްކޫލެއްގައި ކިޔަވާ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ ދުވަހު އެ ކުއްޖާ ސްކޫލުން ނިމިގެން ގެއަށް އައުމަށް ހިނގައިގަތީ އެކުވެރި އެހެން ކުއްޖަކާއެކުގައެވެ. ހިނގާފައި އައީ ދުވާރު މަތީންނެވެ. ވަކި ހިސާބަކުން މަގު ހުރަސްކުރަން ޖެހިއްޖެއެވެ. މަގު ހުރަސްކުރާއިރު ކޮންމެ މީހަކަށް ވެސް ފުރަތަމަ ބަލައިލެވޭނީ މަގުގެ ދެ ކޮޅަށެވެ. މަގުމަތީން ގިނަ ފަހަރަށް ނުރައްކަލެއް ކުރިމަތި ވަންޏާ ކުރިމަތިވާނީ ދުއްވާ އެއްޗެހީގެ ސަބަބުން ކަމަށް ވާތީއެވެ. އެ އުސޫލުން މި ކުއްޖާ ވެސް މަގުގެ ދެ ކޮޅަށް ބަލައިލުމަށް ފަހު، ދުއްވާއެއްޗެއްގެ ނުރައްކަލެއް ނެތް ދަނޑިވަޅު ބަލާފައި ހުރަސްކުރަން ހެލިގަތެވެ.

ސަހަރޯއެވެ! މިފަހަރު ނުރައްކަލާ ކުރިމަތިވީ ދުއްވާ އެއްޗަކުން ނޫނެވެ. މަގުގެ އެކޮޅު މިކޮޅަށް ބަލައިލުމަށްފަހު، ދުވާރުން ބޭރުގައި (ކާނުމަތީގައި) ބަހައްޓަން ނެގިފައި ކާނުޖާލިގަނޑަކު ނުޖެހުނެވެ. ހުރިގޮތަށް ފައިބައިގެން ދިޔައީ ކާނު ތެރެއަށެވެ. ލިބުނު ސިހުމާއެކު އަންހެން ކުދީންގެ އާންމު ސަޤާފަތާ އެއްގޮތަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އެ ކުއްޖާ އޮތީ ކާނުމައްޗަށް  ވެއްޓިފައެވެ.

އެކުވެރިޔާ ވަރަށް ހުޝިޔާރެވެ. ވަގުތުން އެހީތެރިކަމުގެ އަތް އެ ކުއްޖާއާ ދިމާއަށް ދިއްކޮށްލައިފިއެވެ. އެ އަތުގެ އެހީއާއެކު އެ “އަނދަވަޅުން” ސަލާމަތް ވެއްވިއްޖެއެވެ. އެހެންނަމަވެސް ފައިގެ ވޭން ގަދައެވެ. ނަގާ ދިލައިން ކެތްކުރެވޭ ވަރެއް ނުވެއެވެ. އަޅާފައިވާ ކާނުޖާލިގަނޑުން އުފެދިފައިވާ “އާނގު” ތެރެއަށް އެ ފަކީރުގެ ފައި، ފައިބައިގެން ދިޔައީ ހުރަހަށް ނިކުމެފައި ހުރި ދަގަނޑުތަކުން، ކަށިމަތިންނާއި ކުޑަކަޅުވާ މަސްގަނޑުން ލޭކޮށައިލާފައެވެ. އެއްދިމާއަކުން ތަންކޮޅެއް ފުނަށް ވެސް ދަގަނޑެއް ވަދެފައި ހުއްޓެވެ. ފައިން ލޭ އޮހެމުންދެއެވެ. އެހެންކަމުން އަރުވާނެ ކާރެއްވެސް އެވަގުތު މައްޗެއް ނުވިއެވެ. ހޮސްޕިޓަލަށް ގެންދިޔައީ އެ ވަގުތު އެ މަގުން ދިޔަ ސައިކަލަކަށް އަރުވައިގެންނެވެ.

ދާދި ފަހުން މި ފަދަ އެހެން ވާހަކައެއް ވެސް އަޑު އިވިއްޖެއެވެ. މިފަހަރު ދަރިވަރެއް ނޫނެވެ. މުދައްރިސެކެވެ. ބިދޭސީ ފިރިހެން ޓީޗަރެކެވެ. އޭނާއަށް ދިމާވީ އަދި މާ ހިތާމަވެރި ގޮތަކަށެވެ. ކާނު ތެރެއަށް އެއް ފައި، ފައިބައިގެން ދިޔަވަގުތު، ވެއްޓުނު ގޮތަކުން ފައިގެ ކަށިމަތީން ބިއްދައިގެން ދިޔައީއެވެ. އޭނާއަށް އެންމެފަހުން ޖެހުނީ ބޭސްފަރުވާއަށް ފުރައިގެން ރާއްޖެއިން ބޭރަށް ދާށެވެ. ކުރަން ޖެހުނީ ބޮޑު އޮޕަރޭޝަނެކެވެ. ފަރުވާއަށްފަހު، ދާދިފަހުން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މި ވާހަކަ އަޑު އަހާފައި ހިތަށް އެރިއެވެ. މިއީ ކުޑަކުޑަ ކަމެކޭ ހީކޮށްގެން ތިއްބަސް ކުޑަކަމެއް ނޫންތާއެވެ. މި ފަދަ އެތައް ކަމެއް ތިޔަ ކާނުތަކުގެ ސަބަބުން ހުންނާނީ ހިނގާފައިތާއެވެ.

އަވައްޓެރި ބައެއް ޤައުމުތަކުގެ ކާނުތައް ވަނީ ފެނިފައެވެ. ގިނަ މަގުތަކުގެ ކާނުތައް ހުންނަނީ ހާމައަށެވެ. އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް ނެތެވެ. އެތަންތަނާ އަޅައިބަލާއިރު، މާލޭގެ މަގުތަކުގެ ކާނުތައް މާ ބޮޑަށް ވެސް ރަނގަޅެވެ. އެހެންނަމަވެސް ރަނގަޅެއް ނޫނެވެ. މިހެން މި ދެންނެވީ ރަނގަޅު ނުވީމައެވެ. ރައްކާތެރިކަން ކުޑަވީމައެވެ. ފަހަރެއްގައި އެތައް ބަޔަކަށް ގެއްލުން ލިބިފައި ނުވެދާނެއެވެ. އެހެންނަމަވެސް މީސްމީހުންނަށް ބޮޑެތި އަނިޔާތައް ލިބެމުން އަންނާތީއެވެ.

މީހަކު ބުނެފާނެއެވެ. ކާނަކީ ހިނގަން އޮންނަ ތަނެއް ނޫނެވެ. ހިނގަން ހަދާފައި އޮތީ ދުވާރެވެ. ގަބޫލުކުރަމެވެ. އެހެންނަމަވެސް މާލޭގެ މަގުގައި ހިނގާފައި އުޅޭ މީހަކަށް، ކާނު މައްޗަށް ނާރާ ތަންކޮޅަކަށް ވެސް ހިނގައިލެވޭނީ މަދު ފަހަރަކު މަދު މަގެއްގައެވެ. ދުވާރުމަތީގައި “ޖަލްސާ” ބާއްވާ މީހުންގެ ސަބަބުންނެވެ. ދުވާރު މަތީގައި “ގުދަންކޮށްފައި” ހުންނަ ތަކެތީގެ ސަބަބުންނެވެ. ހަދަންމުން އަންނަ އިމާރާތެއް ނަމަ، އެ ޢިމާރާތާވީ ސަރަޙައްދުގެ ދުވާރު އެބައިމީހުންގެ ތަނަކަށްވެފައި ވާތީއެވެ. މިފަދަ ގޮތަކަށް ހުރި މަގުތަކެއްގެ ކާނުޖާލިތައް ސަލާމަތުން ހުރުން ވަރަށް މުހިންމެވެ.

ލަފާކުރެވޭގޮތުން ގިނަ މަގުތަކުގެ ކާނުމަތީގައި އެ ހުރީ، އެ މަގެއް ފުރަތަމަ ހެދިއިރު އެޅި ކާނުޖާލިތަކެވެ. އެހެންކަމަށްވާ ނަމަ، ވިއްސަށް އަހަރުވީ ކާނުޖާލި ވެސް ހުރުން އެކަށީގެންވެއެވެ. ދުވަސްވެ، ބަލިކަށިވެ ހަލާކުވާހައި ދުވަސް ވެއްޖެތާއެވެ. ދެން އޮތީ އެފަދަ ކޮންމެ އެއްޗަކަށް ވެސް ކަންކުރާ ބީދައިން އެއަށް ވެސް ކަންކުރުމެވެ. މަރާމާތުގެ ގޮވައްޗަށް ވެއްދުމެވެ. އާބާތުރަ ފިލުވުމެވެ. މަގުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ޓަކައެވެ. އިސްވެ ބަޔާންކުރި ދަރިވަރާއި މުދައްރިސަށް ކުރިމަތިލާން ޖެހުނު ފަދަ، ވޭނީ ހާދިސާއަކާ، އެހެން މީހަކަށް ކުރިމަތިވިޔަ ނުދިނުމަށް ޓަކައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
3 Comments
 1. އެނޮނީމަސް

  ސަތޭކައިގެ ބަސްފުޅެއް

  (0)(0)
 2. އެނޮނީމަސް

  ކިއުންތެރިއެއް 16-4-26
  އެހެންވީމާ ތިމާގެ ނުބެލުންތެރިކަމުން މަގުމަތިން ލިބޭ ހުރިހައި ގެއްލުމެއްގެ ޒިންމާ އުފުލަން މިޖެހެނީ މަގުހަދާ ފަރާތް ދޮގެއްތޯ!

  (0)(1)
 3. އެނޮނީމަސް

  މިއީ ރަނގަޅު ލިޔުމެކެވެ. ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އަންނާނީ މިކަހަލަ ލިޔުމަކުންނެވެ. ހަމަ އެގޮތައް މިހާރު މަގުމަތީގެ ކާނުމަތިންނާއި ދުވާރު މަތިން، މޫދަށް ފެންބޭރު ކުރުމަށް އަޅާފައި ހުންނަ ހޮޅީތަކުން ވެސް ވަރަށް ދެރަ ކަންކަމާއި ބައެއް މީހުންނަށް ވަނީ ކުރިމަތި ލާން ޖެހިފައެވެ. ހޮޅީގައި އަޅައިގަތުމާއި ކައްސާލުމުގެ ހާދިޡާ ތައްވަނީ ދިމާވެފައެވެ. އަދި އެމަސައްކަތް ނިމުމަށް ފަހު ހޮޅި ނަގާއިރު ވަކި ހިސާބަކުން ބިންދާލާ ނުވަތަ ބުރި ކޮށްލާފައި ވެސް އެބަހުއްޓެވެ. މިއީ ވަރަށް ނުރައްކާތެރި ހާދިޡާ އަކާ މީހަކު ކުރިމަތި ލާން ޖެހިދާނެ ކަމެކެވެ.

  (0)(0)
Leave Comment