ދިރޭ ކޮންމެ ބަހެއް އެއީ ހެދި ބޮޑުވާ ރުއްގަސް ފަދައިން ބޮޑުވެ ބަދަލުވަމުންދާ އެއްޗެއް ކަމަށް ބުނެވެއެވެ. އައު ފަންތައް ނުވަތަ ކުރިތައް އައިސް ގަސް ރުއް ހެދޭ އިރު ކުރިން އައި ފަންތައް ނުވަތަ ކުރިތައް ދޮންވެ ހިކިގެން ވެރޭނެއެވެ. ހަމަ މި ފަދައިން އައު ބަސްބަސް އުފެދެމުންދާ އިރު އިހަށް ބޭނުންކުރެވުނު ބައެއް ބަސްބަސް ދާނީ “ވެރެމުން ވެއްޔާ އެކުވަމުންނެވެ”. އެބަސްތައް ދެން ފެންނަން ހުންނަނީ ބަސްފޮތުންނެވެ. ނޫން ނަމަ އިހުގެ ފަތްފޮތުންނެވެ. އާންމުކޮށް…

ދިރޭ ކޮންމެ ބަހެއް އެއީ ހެދި ބޮޑުވާ ރުއްގަސް ފަދައިން ބޮޑުވެ ބަދަލުވަމުންދާ އެއްޗެއް ކަމަށް ބުނެވެއެވެ. އައު ފަންތައް ނުވަތަ ކުރިތައް އައިސް ގަސް ރުއް ހެދޭ އިރު ކުރިން އައި ފަންތައް ނުވަތަ ކުރިތައް ދޮންވެ ހިކިގެން ވެރޭނެއެވެ. ހަމަ މި ފަދައިން އައު ބަސްބަސް އުފެދެމުންދާ އިރު އިހަށް ބޭނުންކުރެވުނު ބައެއް ބަސްބަސް ދާނީ “ވެރެމުން ވެއްޔާ އެކުވަމުންނެވެ”. އެބަސްތައް ދެން ފެންނަން ހުންނަނީ ބަސްފޮތުންނެވެ. ނޫން ނަމަ އިހުގެ ފަތްފޮތުންނެވެ. އާންމުކޮށް ބޭނުންކޮށް ނުއުޅޭ ބޯދާ ބަސްތަކެއްގެ ގޮތުގައެވެ. މިކަހަލަ ބަސްތައް ދިވެހިބަސްފޮތުގައި ވަރަށް ގިނައެވެ. މިސާލަކަށް ‘ފުރަދާނަ’ ނަގަމާތޯއެވެ. ބަހުގެ މާނައަކީ ވަޒީރެވެ. ބަސް އިހުގައި ބޭނުން ކުރެވުނީ ވެސް މިމާނައިގައެވެ. ‘ފަންސަފުރަދާނައިން’ ނުވަތަ ފަސް ފުރަދާނައިން” ނަކީ ރަސްކަމުގެ ކޮއިލުގައި ވަރަށް ބަސްވިކޭ ބައެކެވެ. ނަމަވެސް މިހާރުގެ ވަޒީރުންނަކީ ‘ފުރަދާނަ’ އިންނަކަށް ނުވެއެވެ. އަދި ކީއްތޯއެވެ. އެއީ ‘ވަޒީރުންނަކަށް’ ވެސް ނުވެއެވެ. އެބޭބޭފުޅުން މިހާރު ވަނީ ‘މިނިސްޓަރުން’ނަށެވެ. ސަރުކާރުގެ އޮފީސްތަކުން އިވެނީ ‘މިނިސްޓަރު’ ވަޑައިގެން ނެތޭ’ ބުނެވޭ އަޑެވެ. ‘ވަޒީރު ވަޑައިގެން ނެތޭ’ ބުނެވޭ އަޑެއް ވަރަށް ނީވެއެވެ. ‘ފުރަދާނައިން ވަޑައިގެން ނެތޭ’ ބުނެވޭ އަޑެއް އަމުދުން ނީވެއެވެ. ބަސް  ދިވެހިބަހަށް އައީ ހިންދީބަހަށް ވެސް ބަސް އައި މަގުން ސެންސްކުރިތު ބަހުންނެވެ. ހިންދީބަހުގައި ފުރަދާނަ އެއީ ފުރޮޅުމެއް އުވުމެއް ނެތި އަދިވެސް ދައުރުވަމުންދާ ބަހެއް ގޮތުގައި އޮތީތީ އުތުރުކަރައިގެ ސަރުކާރުގެ އޮފީހަކަށް ވަދެ ‘ފުރަދާނަ’ އޭ ބުނެފިނަމަ މީނަޔަކީ ޕަވިޔަނި ނުކިއޭ މީހެއްކަމަށާއި އެބުނަން އުޅެނީ “ޕުރަދާނަ” ކަން އެމީހުންނަށް ވިސްނޭނެ ތޯއްޗެކެވެ. އަދި އެދައްކަނީ ކޮންމެވެސް މާތް މީހެއް ނުވަތަ އެއްޗެއްގެ ވާހަކަކަން ވެސް ވިސްނޭނެއެވެ. އަމުދުން “ޕުރަދާނަ މަންތިރި” އޭ ބުނެފި ނަމަ އޮޅުމެއް ވެސް ނެތެވެ. އެ އަހަނީ ބޮޑުވަޒީރުގެ ވާހަކަކަން އެނގޭނެއެވެ.

ބަސްބަހަށް ތަބައީ ގޮތުން އަންނަ ފުރޮޅުމުގައި އެބަސްބަހުގެ އަސްލު ސިފައާއި ސޫރަ ބަދަލުވާތަން ވެސް އާދެއެވެ. މިސާލަކަށް މީގެ ތިރީހަކަށް އަހަރު ކުރިއަށް ޖެހިލަމާތޯއެވެ. “ސަޅި” މިބަހަށް ނަޒަރު ހިންގަވައިލައްވައިފި ނަމަ ފާހަގަކުރެއްވޭނީ އެއީ މީހަކާ މެދު “ފޮނި” މި މާނައިގައި ބޭނުންކުރެވޭ ބަހެއްކަމެވެ. ބަސް ގިނައިން ބޭނުން ކުރެވުނީ ‘ކެނޑު”މާ ގުޅުވައިގެންނެވެ. ސަޅިކެނޑުމަކީ ފޮނިކެނޑުމެވެ. މިބަސް އޭރު ވެސް މިހާރު ވެސް މިގޮތަށް ބޭނުންކުރެވެއެވެ. ނަމަވެސް މިހާރު “ސަޅި ކުއްޖެކޭ” ބުނެވެނީ ރީތި ކުއްޖަކަށެވެ. “ވަރަށް ސަޅި ލަވަޔަކީ” ރީތި ލަވައެކެވެ. އަދި “ސަޅި

ކާއެއްޗިއްސަކީ” މީރުކާއެއްޗިއްސެވެ.

ހިތާމަޔަކީ މި މާނަ ބަސްފޮތުން އަދިވެސް ފެންނާން ނެތް ކަމެވެ. ހީވާގޮތުގައި “ސަޅި” މި ލަފުޒުން ގަސްތުކުރެވޭ ވަކި މާނައެއް ކަނޑައެޅިފައި ނެތުން މިއީ އޭގެ ސަބަބަކަށް ވެދާނެއެވެ.

އިނގިރޭސި އަދީބު ޗާލްސް ޑިކެންސް(1812- 1870މ) މަޝްހޫރުވެ ނަން ހިނގިފަހުން ވިލާތުގެ އެހެންވެސް ކަމުވޮށިވެގެންވާ މީހުންނެކޭ އެއްފަދައިން އެއިރު ‘އައުދުނިޔޭގެ’ ގޮތުގައި ނަންވެފައި އޮތް އެމެރިކާ ބަލައިލުމަށް ދަތުރެއްކުރިއެވެ. މިދަތުރުގައި ފިރިހެނަކު އަންހެނަކަށް ލޯބިން “ޑާރލިންގ” ( “ (darling އޭ ކިޔާ އަޑު ފުރަތަމަ ފަހަރަށް ނިއުޔޯރކުން އޭނާ އެއްސެވެ. މިބަސް މީހަކު މިގޮތަށް ބޭނުންކުރާތީ ހިނިއައިސްގެން ޑިކެންސް ވަރެއް ނެތެވެ. ސަބަބަކީތޯއެވެ؟ މިއީ އެބަސް އެދުވަސްވަރު އިނގިރޭސިބަހުގައި އާންމުކޮށް ބޭނުންކޮށް ނޫޅޭ އައު ގޮތަކަށްވާކަމެވެ. ޑިކެންސްގެ ފަށުވި އަދަބީ ބަހުރުވައިގައި ތުއްތުކުއްޖަކާ މެދު، އެއީ “ވަރަށް ލޯބިކުއްޖެކޭ” ބުނެވޭނެ ތަނެއް ނަމަ “ޑާރލިންގ” ބޭނުންކޮށްފީހެވެ. ނަމަވެސް ނިއުޔޯރކުގެ ދެމަފިރީން ނުވަތަ ދެލޯބިވެރިން ބޭނުންކުރި ގޮތަށް މިހާރު “ޑާރލިންގ” ބޭނުންކުރުން އެއީ އިނގިރޭސި ބަހުގައި އާންމުވެއްޖެ ކަމެކެވެ. އަދި ކީއްތޯއެވެ؟ އިނގިރޭސިބަހުގެ ތެރެއިން އެފޭރާމުގައި އެބަސް އެހެން ބައެއް ބޭރު ބަސްބަހަށް ވެސް ވަދެއްޖެއެވެ. ދިވެހިން އެއީ “ލޯބީ”އެވެ. މިދާކަށް ދުވަހު ވަދެވުނު ފިހާރައެއްގެ ތެރެއިން ފެނުނު ޒުވާން ދެމަފިރިއަކު އެކަކު އަނެކަކަށް ގޮވައި މުޚާޠަބުކޮށް އުޅުނީ މުޅިން ވެސް ‘ލޯބީ” އޭ ކިޔާފައެވެ. އެހެންކަމުން ‘ޑާރލިންގ” ނުވަތަ “ލޯބީގެ” މައްސަލައިގައި ޒަމާނުގެ ހިނިގަނޑު އެވަނީ މަޝްހޫރު އަދީބުގެ މައްޗަށް ފުރޮޅިފައެވެ.

ކުރިން ދެންނެވި އުސޫލުން ބަސްބަސް އައު ފޭރާމެއްގައި ބޭނުން ކުރަން ފެއްޓުން އެއީ އުފެއްދުންތެރިކަމުގެ ތެރެއިން ވާ ކަމެކެވެ. އެއީ ބަސްބަހަށް ޒަމާން ގެނެސްދޭ ޠަބަޢީ ބަދަލެއްމެއެވެ. މިޒާތުގެ ފޭރާމަކީ އަޅުގަނޑުމެންގެ ތެރޭގައި ‘ސަޅި’އަށް ނުވަތަ ‘ލޯބީ’ އަށް ވީ ފަދައިން މީހުން ލޯބިވެ ބަލައިގަންނަ އެއްޗިއްސަށް އޮންނަނީވެފައެވެ. އައު ފޭރާމަށް ލޯބި ނުކުރާނީ ކާކުތޯއެވެ؟ ނަމަވެސް ނުދަތުމުގެ ސަބަބުން ހެޔޮ ގޮތް އޮއްވާ ކުށްގޮތްގޮތަށް ބޭނުން ކުރެވޭ ބަސްބަސް އެއީ ކޮންޒާތެއްގެ ފޭރާމެއްތޯއެވެ؟ އެއީ “އޮރިޔާން ނިވައިވާނެ” އެއްޗެއްތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. އެފަދަ ބަސްބަހަކީ ދަންނަ މީހުންގެ ތެރޭގައި ބޭނުންކުރުމުން ތިމާ އޮރިޔާންވުން ފިޔަވައި އެހެން ނަތީޖާއެއް ނެރެދޭނެ އެއްޗިއްސެއް ނޫނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ބަހެއް ބޭނުންކުރާނޭ ހެޔޮ ގޮތަކީ ކިޔަވައިގެން ތިބި މީހުން އެބަހެއް ބޭނުންކޮށް އުޅޭ ގޮތެވެ. ދިވެހި ރާއްޖޭގައި ނަމަ ބަހުގެ ތައުލީމު ލިބިގެން ތިބި މީހުން އެބަހެއް ބޭނުންކޮށް އުޅޭ ގޮތެވެ. މިހެން މިދެންނެވީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގައި ފުރަތަމަ ބަހެއްގޮތުގައި އިނގިރޭސިބަސް ބޭނުންކުރުމުގެ ސަބަބުން ދިވެހިދަރިވަރުން ދިވެހި ބަހާ ދުރުހެލިވެ ބީރައްޓެހިވެފައިވާތީއެވެ. އަދި ބައެއް މައިން ބަފައިން އެމީހުންގެ ދަރީންނާ ގޭތެރޭގައި ވެސް ބޭރުތެރޭގައި ވެސް ވާހަކަދައްކަނީ އިނގިރޭސިބަހުން ކަމުގައި ވާތީއެވެ. މިފަދަ ހާލަތެއްގައި ބައެއް ބަސްވާރުން ދެކެނީ އެދަރީންގެ ހަގީގީ މާދަރީ ބަހަކީ އިނގިރޭސިބަސް ކަމަށެވެ.

މި މަޒުމޫނުގައި ދެން މިފާހަގަކޮށްލަނީ މިފަދަ ތައުލީމީ ވެއްޓެއްގެ ތެރޭގައި އެންމެ ބޮޑަށް އާންމު ވެއްޖެ ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކުށް ދިވެހިބަސްބަހެވެ.

 

އިނގޭ/އެނގުން

 

 ތިރީގައި މި ނަކަލުކޮށްލަނީ ނޫސްތަކުންނާއި ވެބް ސައިޓުތަކުން ނަގައިފައިވާ މިސާލުތަކެވެ.


 • މީދެން ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫންކަން ރައްޔިތުންނަށް އިނގޭނެ.
 • އަދި މިދެންނެވި މަސައްކަތް ތަރުތީބުކުރެވި ތަންފީޒުކުރެވެމުން ދާނީ ވެސް އެކަންކުރާ އުސޫލުންކަން ވެސް އިނގޭ.
 • އަދި ނީރާ އޭނާގެ މައިން ބަފައިން ދެކެ ލޯބިވާ ވަރު ވެސް އިނގޭތީއެވެ.
 • ރަނގަޅުވާނީ ނުވެސް އިނގުނިއްޔާ.
 • މަންމަޔަށް އެންމެ ރަނގަޅަށް ވެސް އިނގޭނީ އެފަކީރު ތި ޝާއިން އަށް ކުރި އިންތިޒާރު.
 • ބޮލުން އިސްތަށި ފައިބަނީ ކީއްވެގެންކަން އިނގޭތަ؟

ކަމެއް ދަތުމަށް ދިވެހި ބަހުން ކިޔަނީ “އިނގުމެއް” ނޫނެވެ”. “އެނގުމެވެ”. އޮޅުމެއް ނެތް ގޮތުގައި މަތީގައިވާ ޖުމްލަތަކުގައި ލިޔުންތެރިޔާގެ މަޠުލަބަކީ އަދި މަގުސަދަކީ ދަންނަކަން ނުވަތަ އެނގޭކަން ދޭހަކޮށް ދިނުމެވެ. އެހެންކަމުން އެޖުމުލަތަކުގައި އިނގޭނެ، އިނގޭ، އިނގޭތީއެވެ، އިނގުނިއްޔާ، އިނގޭނީ، އިނގޭތަ މިބަސްތަކުގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ އެނގޭނެ، އެނގޭ، އެނގޭތީއެވެ، އެނގުނިއްޔާ، އެނގޭނީ، އެނގޭތަ މިބަސްބަހެވެ. ހެޔޮ ގޮތަށް ލިޔެވިފައި ތިރީގައި އެވަނީއެވެ.


 • މިދެން ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫންކަން ރައްޔިތުންނަށް އެނގޭނެ.
 • އަދި މިދެންނެވި މަސައްކަތް ތަރުތީބުކުރެވި ތަންފީޒުކުރެވެމުން ދާނީ ވެސް އެކަންކުރާ އުސޫލުންކަން ވެސް އެނގޭ.
 • އަދި ނީރާ އޭނާގެ މައިން ބަފައިން ދެކެ ލޯބިވާ ވަރު ވެސް އެނގޭތީއެވެ.
 • ރަނގަޅުވާނީ ނުވެސް އެނގުނިއްޔާ.
 • މަންމަޔަށް އެންމެ ރަނގަޅަށް ވެސް އެނގޭނީ އެފަކީރު ތި ޝާއިން އަށް ކުރި އިންތިޒާރު.

    *  ބޮލުން އިސްތަށި ފައިބަނީ ކީއްވެގެންކަން އެނގޭތަ؟

 

 އެނގުމާއި “އިނގޭ”އާ މިއީ ކުޑަވެސް ތިމާގެ ކަމެއް އޮތް ދެބަހެއް ނޫނެވެ. ހަގީގަތުގައި ދުރުހިލޭ ދެބަހެވެ. “އިނގޭ” ހެޔޮ ގޮތުގައި ބޭނުންކުރެވިފައިވާ ބައެއް މިސާލުތައް ތިރީގައި އެވަނީއެވެ.

 މިރޭ އަންނާތި އިނގޭ!

 ފުރާނީ ކައިގެން އިނގޭ!

 ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއްނާޅާނެ އިނގޭ!

މަތީގައިވާ މިސާލުތަކަށް ބަލައިލުމުން “އިނގޭ” ބޭނުންކުރެވިފައި އެވަނީ ކަމެއް ދަތުމުގެ މާނައިގައި ނޫންކަން ދޭހަވެއެވެ. ބަސް ބޭނުންކުރެވިފައި އެވަނީ ބުނި އެއްޗެއް ގަދަކޮށްލުމުގެ ގޮތުން ކަން އެނގެއެވެ. ފުރަތަމަ ޖުމުލައިގައި ގަދަކޮށްލަނީ “އަންނާތި” މިބަހެވެ. ދެވަނަ ޖުމުލައިގައި “ކައިގެން” މިބަހެވެ. ތިންވަނަ ޖުމްލައިގައި “ގުޑުގުޑެއްނާޅާނެ” މިބަހެވެ. “އިނގޭ” މިބަސް އަބަދުވެސް ބޭނުންކުރެވެނީ މިގޮތަށް ދެކޮޅުވެރިކަމެއް ނެތި ސުލްހަވެރިކަމާއެކު ކުރިން ބުނިއެއްޗެއް ގަދަކޮށްލުމުގެ ގޮތުންނެވެ. “އިނގޭ” އޭ ބުނުމުން ރައްދުވާ މީހާ ހިތުން ރުހުމުން އެކަމެއް ކުރާ ހިތްޖައްސައެވެ.

ދިމާލަށް/ދިމާއަށް

މިއީ ވެސް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ދެބަހެވެ. މިހާރުގެ ގިނަ ޒުވާނުން ލިޔާތީ އަދި ކިޔާތީ އިވެނީ ނުވަތަ ފެންނަނީ ދިމާއަކަށް ނޫނެވެ. “ދިމާލަށެވެ” ނޫސްތަކުން ނުވަތަ ވެބްސައިޓު ތަކުން ނަގައިފައިވާ ބައެއް މިސާލުތައް ތިރީގައި އެވަނީއެވެ.

  *އަހަރެން ފަހަތް ބެލުމެއް ނެތި ގަސްތަކާ ދިމާލަށް ހިނގައިގަތީމެވެ.

  *އައިޝާއަށް އެޒުވާނާއާއި ދިމާލަށް ބަލައިލެވުނު ވަގުތަކީ އޭނާއަށް ވެސް އައިޝާއާއި ދިމާލަށް ބަލައިލެވި ދެމީހުންގެ ހަތަރުކަޅި ހަމަކުރެވުނު ވަގުތެވެ.

  *އެއަޑުގެ ހިތްގައިމުކަން ނުބީހޭ ދިމާލެއް ވެސް ނެތެވެ.

 “ދިމާލަށް” މިއީ އިހުއްސުރެ ލިޔުމުގައި ނެތަސް ނުރަސްމީ ގޮތުން ވާހަކަދެއްކުމުގެ ތެރޭގައި ބޭނުން ކުރެވެމުން އައި ބަހެއް ކަމަށް ފެނެއެވެ. މަލިމްގޭ ހުސައިންދީދީ ކުރެއްވި ކީރިތި ޤުރުއާނުގެ ތަރުޖަމާގައި ބަސް ބޭނުން ކުރައްވައިފައި އޮތީ މިގޮތަށެވެ. ނަމަވެސް އެއީ ކުށްގޮތެކެވެ. ހެޔޮ ގޮތަކީ ‘ދިމާއަށް’ ނުވަތަ “ދިމާޔަށް” މިބަހެވެ.

ސަލާހުއްދީނު ވަރަށް މަޝްހޫރު ޅެން ބައިތެއްގައި ވިދާޅުވަނީ:

 ވިތާހިރު މޮޅު އެރަންމުތަކީ އިތާގެ ބަނޑުން ވިހޭ ދަރިއޭ

                 ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަނގުރު އަލިފާނޭ

އިބުރާހީމް ޝިހާބު “ސުވަރުގޭ” ގެ ބައިތެއްގައި ވިދާޅުވަނީ:

               ދިމާޔަށް ހާމަވެވިފައި ހުރި ނިޔާމަ އަރާމު ހުރި ތަނެކޭ

އެހެން ކަމުން މަތީގައިވާ ޖުމުލަތަކުގައި އޮންނަންވީ:

 * އަހަރެން ފަހަތް ބެލުމެއް ނެތި ގަސްތަކާ ދިމާ އަށް  ހިނގައިގަތީމެވެ.

 * އައިޝާއަށް އެޒުވާނާއާއި ދިމާ އަށް ބަލައިލެވުނު ވަގުތަކީ އޭނާ އަށް ވެސް އައިޝާއާއި ދިމާ އަށް  ބަލައިލެވި ދެމީހުންގެ ހަތަރުކަޅި ހަމަކުރެވުނު ވަގުތެވެ.

 * އެއަޑުގެ ހިތްގައިމުކަން ނުބީހޭ ދިމާއެއް ވެސް ނެތެވެ.

މަންމާފުޅު/ބައްޕާފުޅު/ކޮއްކޯފުޅު/ބޭބޭފުޅު/ދައިތާފުޅު

ތިރީގައި މިބަޔާން ކުރަނީ މިހާރުގެ ބައެއް ލިޔުންތަކުގައި “ފުޅު” ބޭނުންކޮށް އުޅޭތީ ފެންނަ ގޮތްގޮތެވެ.

ޚިދުމަތްތެރި ސައުދުއްﷲ ގެ ބައްޕާފުޅު

ރަށު ކައުންސިލަރު ޒުބޭދާގެ މަންމާފުޅު

ރައީސުލް ޖުމްހޫރިއްޔާގެ ބޭބޭފުޅު

ކުރީގެ ރައީސްގެ ކޮއްކޯފުޅު

މިއީ ހައްތާ ވެސް “ފުޅު” ނުލައި ލިޔަން ޖެހޭތަންތަނެވެ. ހެޔޮ ގޮތް ތިރީގައި އެވަނީއެވެ.

ޚިދުމަތްތެރި ސަޢުދުﷲގެ ބައްޕަ

ރަށު ކައުންސިލަރު ޒުބޭދާގެ މަންމަ

ރައީސުލް ޖުމްހޫރިއްޔާގެ ބޭބެ

ކުރީގެ ރައީސްގެ ކޮއްކޮ

އާދައިގެ ބަހުރުވައިގައި ‘މަންމަ ބައްޕަ’ ކިޔާ ފަދައިން މާތް ބަހުރުވައިގައި ވެސް އެބަސް ބޭނުން ކުރެވެނީ އެގޮތަށެވެ.

މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ވަލިއްޔުލް އަމްރުގެ ގޮތުންނާއި ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްގެގޮތުން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެކެވެ. ދިވެހިބަހުގެ އެކެޑެމީގެ ޑިރެކްޓަރު މުޙައްމަދު ވަޙީދު ނަދްވީ “ފަތްތޫރައިގެ” 364 ވަނަ އަދަދުގައި (ޖުލައި 2009) ފާހަގަކުރައްވައިފައިވާ ފަދައިން މުހައްމަދު އަމީނަކީ ހޫރުކާފައަށް ވުރެ ވެސް މަތިން ފެށިގެން އައި ދޮށިމޭނާ ކިލެގެ އާއިލާއަކުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެއްވެސް ލިޔުއްވުމެއްގައި އޭނާގެ ލޮބުވެތި ބައްޕަ އަހުމަދު ދޮށިމޭނާ ކިލެގެފާނަށް ނިސްބަތްކުރައްވާ “ބައްޕާފުޅޭ” ލިޔުއްވާފައެއް ނެތެވެ. މުޅިން ވެސް ލިޔުއްވަނީ ބައްޕައެވެ. މީރުބަހުރުގޭ މުހައްމަދު އިސްމާއީލު ދީދީ(ދޮންތުއް ކަލާ) އަކީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެކޭ އެއްފަދައިން ހުރާގޭ ޚާންދާނަށް، ބައްޕަ ފުށުން އަތިރީގޭ ގޮތްޕަށް، މަންމަ ފުށުން އެއްގަމުގޭ ގޮތްޕަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް އޭނާގެ ބައްޕަގެ ހަނދާނުގައި ލިޔުއްވި ފޮތުގެ ނަމަކީ “ދޮންތުއްކަލާގެ ބައްޕަގެ ހަނދާނެވެ”.

މަންމާފުޅު،ބައްޕާފުޅު، ކޮއްކޯފުޅު، ދައްތާފުޅު، ބޭބޭފުޅު މިއީ މާތް ބަހުރުވައިގެ ވެސް އެންމެ މާތްގޮތެވެ. މިގޮތްގޮތް ބޭނުން ކުރެވެނީ ހަމަ އެކަނި “ގަނޑުވަރުތެރޭގެ” ބޭބޭފުޅުންނަށެވެ. އެއީ ރަސްގެފާނު ނުވަތަ ރާނީގެ އެންމެ ގާތްތިމާގެ ބޭބޭފުޅުންނެވެ. މިސާލުތަކަކީ:

އިނގިރޭސި ވަލީއަހުދު ޗާރލްސްގެ ކޮއްކޯފުޅު

އުރުދުންގެ ޢަބުދުﷲ ރަސްގެފާނުގެ ބޮޑުބޭބޭފުޅު

އިސްކަންދަރު މަހާރަދުންގެ ބައްޕާފުޅު

އެބޭފުޅާ-މިބޭފުޅާ/އެބޭޅާ-މިބޭޅާ

މިއީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ރޯގާއެއް ހެން ފެތުރިފައިވާ ބަސްތަކެކެވެ. ވަކީން ޚާއްސަކޮށް ސަރުކާރުގެ ދާއިރާގައެވެ. ސަރުކާރުގެ ފަރާތަކަށް ހަވާލާދީ ނޫހެއްގައި ލިޔެފައި ލިޔުމަކުން ނަގައިފައި އޮތް މިސާލެއް ތިރީގައި އެވަނީއެވެ.

“އެއީކީ އެއްގޮތަކަށް ވެސް އެބޭފުޅާގެ ހިތްޕުޅު، އެބޭފުޅާގެ ވިސްނުން އަޅުގަނޑު ކޮޅަށް ލަންބަންކުރި ކަމެއް ނޫނެވެ”

މާތްކުރުމުގެ ގޮތުން “ބޭފުޅާ” ނުވަތަ “ބޭފުޅުން” ލިޔެ ކިޔަން ޖެހޭ ހާލަތްތައް ނާދެއެކޭ ނޫނެވެ. އާދެއެވެ. އަންނާނެއެވެ. ނަމަވެސް އެބޭފުޅާ/މިބޭފުޅާ/އެބޭޅާ/މިބޭޅާ މީ އިހަށް ކޮންމެވެސް ވަރަކަށް ނުރަސްމީ ގޮތުން ވާހަކައިގެ ތެރޭގައި ބޭނުންކުރެވުނު ކަމުގައި ވިޔަސް ރަސްމީ ގޮތެއްގައި ދީދީއަކަށް ސީދީއަކަށް ނުވަތަ އެހެން ވެސް މާތް މީހަކަށް އިޝާރާތްކުރުމަށް ބޭނުންކުރެވުނު ބަސްތަކެއް ނޫނެވެ. މާތް ބަހުގައި އެމަގާމްގައި ބޭނުންކޮށް އުޅުނީ އޭނާއެވެ. ނުވަތަ މީހާގެ ނަމެވެ. މިބަހުގެ ސާބިތު ހެއްކެއްގެ ގޮތުން “ރާދަވަޅީ”ގެ ތަޢާރަފުގައި ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން އިބުރާހީމް ޝިހާބު ލިޔުއްވައިފައިވާ ޖުމްލަކޮޅެއް ތިރީގައި އެވަނީ ނަކަލުކޮށްލައިފައެވެ.

“މިވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އުފެދެނީ ވަރަށް ވެސް މުހިންމު އަދި ބޮޑެތި ސުވާލުތަކެކެވެ. ފުރަތަމަ ކަމަކީ އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ތާރީޚު އާއި ބެހޭ ގޮތުން ލިޔެވިފައި އޮތް ހުރިހާ ލިޔުމެއްގައި ވެސް ރާއްޖެ އިސްލާމްވީ އަހަރެއް ކަމުގައި ކަޑައަޅާފައި ވަނީ 548ހ އެވެ.މަހެއްކަމުގައި އައްޝައިޚު ޙަސަން ތާޖުއްދީނު ލިއުއްވައިފައި ވަނީ ރަބީއުލް އާޚިރު މަހެވެ. ސުމުއްވުލް އަމީރުލް މަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އޭނާ ތަސްނީފްކުރެއްވި “ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ގައި ބަޔާންކުރައްވާފައިވަނީ “ދިވެހި ރާއްޖޭގެ ރަޢިއްޔަތުން އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުޅައީ ހިޖުރައިން 548 ވަނަ އަހަރެވެ”.

މަނިކުފާނު

މަނިކުފާނަކީ ކޮބައިތޯއެވެ؟ މިއީ ހުރާގޭ ޚާންދާނުގެ ބޭބޭފުޅުންނަށް ދީދީ ކިއުނުހެން އިހުގައި ދިވެހި ރަސްމަތިފުށުގެ ބޭބޭފުޅުންނަށް ބޭނުންކުރެވުނު ނަމެކެވެ. ނަމަވެސް ފަހުން ‘މަނިކުފާނު’ ބޭނުންކުރެވިފައި ވަނީ އަމީރުން ވަޒީރުން ސަފީރުން ފެންވަރުގެ ބޭބޭފުޅުންނަށް މާތްބަހުން މުޚާތަބުކުރުމަށެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރު  ފެށެންދެން، 1978ވަނަ އަހަރާ ހަމަޔަށް، ސަރުކާރުގެ އޮފީހަކަށް ސިޓީއެއް ލިޔާނަމަ ލިޔާނީ:

ރައީސުލް ޖުމްހޫރިއްޔާއަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ވަޒީރުލް އައުޒަމަށް

މަނިކުފާނަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ

ވަޒީރުލް މާލިއްޔާއަށް

މަނިކުފާނަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ސަރުކާރުގެ މި ނޫން އޮފީސް އޮފީހަށް ނުވަތަ ވުޒާރާތަކަށް ލިޔާނަމަވެސް ހަމަ މި ގޮތަށް “މަނިކުފާނު” ލައިގެންނެވެ.

އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އޮފީސްތަކަށް ލިޔާ ސިޓީތަކުން “މަނިކުފާނު” ކަނޑާލެވުނީ ރަސްމީ އިޝާރާތަކަށެވެ. އެހެން ނަމަވެސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުތެރޭގައި ވެސް ރައީސުން އަމީރުން ވަޒީރުންނަށް “މަނިކުފާނޭ” ކިޔައި މުޚާޠަބުކުރުމެއް ނުހުއްޓެއެވެ. އެކަމަކު ދެން ވެސް މިދަރަޖައިން ދަށް ފުރަބަންޑާރަވެރީން ބަންޑާރަވެރީންނަކަށް (މިހާރުގެ ބަހުރުވައިން ނަމަ ސަރުކާރުގެ އޮފިޝަލުން) “މަނިކުފާނޭ” ކިއައި މުޚާޠަބުކޮށެއް ނޫޅެއެވެ. ނަމަވެސް މިހާރަކަށް އައިސް ރައްޔިތުން މަޖްލިސްގެ މެންބަރުން ވެސް ރަށު ނުވަތަ އަތޮޅު ކައުންސިލަރުން ވެސް އަތޮޅުވެރީން ވެސް އެއީ “މަނިކުފާނުންނެވެ.”

ތިރީގައި ނަކަލުކޮށްލައިފައި އެވަނީ ނޫހެއްގެ ޚިޔާލުކޮލަމުން ނަގައިފައިވާ ޖުމްލައެކެވެ.


 

“ސާބަހޭ ހިތްވަރުގަދަ … ދާއިރާގެ މެމްބަރު. ބަޔަކަށް މަނިކުފާނުގެ ކުރިއެރުން ހަޖަމް ނުވާކަން މިއާޓިކަލްގެ ކޮމެންޓުތަކުން ސާފުކޮށް އިނގޭ. މަނިކުފާނަކީ ބަޔަކު ކިޔާހާ އެއްޗަކަށް ގުޑުވާލެވޭ ވަރަށް ވުރެ މާ ހަރުދަނާ ހިތްވަރުގަދަ ލީޑަރެއް. … ދާއިރާއަށް އަންނަކުރިއެރުން މަނިކުފާނުގެ މަސައްކަތްޕުޅު ހެކިދޭ.”

ދުނިޔޭގެ އެހެން މީހުން ވެސް ތަބާވާ ހަމަޔަކީ އަމީރުން ވަޒީރުން ރައީސުން ރަސްރަސްކަލުން ރަނިރަނީންނަށް ބޭނުން ކުރެވޭ “ފުރަ އިތުރު” ބަސްބަސް އިހަށް ވެސް ބޭނުންކޮށް އުޅުނު މަގާމުގައި ބޭނުންކުރުމެވެ. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި “މަނިކުފާނު” އެއީ ހަމަ އެކަނި ރައީސުން އަމީރުން ވަޒީރުން ފެންވަރުގެ ބޭބޭފުޅުން ފިޔަވައި އެހެން ބަޔަކަށް ބޭނުން ކުރެވޭންވީ ބަހެއް ނޫނެވެ.

މަޒުމޫނު ނިންމާލަމުން ދަންނަވާލާނީ “ޑާރލިންގ” ގެ މައްސަލައިގައި މަޝްހޫރު އަދީބުގެ މައްޗަށް ޒަމާނުގެ ހިނިގަނޑު ފުރޮޅިގެން ދިޔަ ހެން ބަހުގެ ހެޔޮ ގޮތްކަމަށް އަޅުގަނޑު ދެއްކި ބައެއް ގޮތްގޮތުގެ މައްސަލައިގައި ޒަމާނުގެ ހިނިގަނޑު އަޅުގަނޑުގެ މައްޗަށް ފުރޮޅުމީ ހަމަ ވެދާނޭ ކަމެއް ކަމަށެވެ. ނަމަވެސް އެހިނިގަނޑު އަންނާނީ ކޮން “ދިމާލަކުން” ކަމެއް އަދި ދަންނަވަން ނޭނގޭކަމަށެވެ. އަޅުގަނޑުމެންތެރޭގައި މިހާރު ކަންތައްތައް މިދާ މަގުން ނަމަ ފަހަރުގައި “އެދިމާލަކީ” ރައްޔިތުން މަޖްލިސް ގެ “މަނިކުފާނުން” ނުވަތަ “މަނިއްޕުޅުން” ކަމަށް ވެސް ވެދާނޭ ކަމަށެވެ.

                             -ނިމުނީ-


 

 

 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
 1. އެނޮނީމަސް

  މިއީ ވަރަށް ގިނަގުނަ މަޢުލޫމާތު ލިބިގެން ދިޔަ ލިޔުމެއްކަން ފާހަގަ ކުރެވެއެވެ.

  (1)(0)
Leave Comment