ދުވަސްވަރަކީ، އަޅުގަނޑުގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ދިރިއުޅުމުގެ އެއްވެސް ފިކުރެއް ވިސްނުމެއް ނެތް ދުވަސްވަރެވެ. ރެޔާއި ދުވާލުގެ ކަމަކީ، ކުޅިވަރެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރު އަޅުގަނޑުގެ އުމުރުން ވާނީ، އަށެއްނުވައެއް އަހަރެވެ. މީހުން މާލެ ގޮސްގޮސްފައި އަންނަވާހަކަ ދައްކާވަރުން، އަޅުގަނޑު މާލެދާހިތްވަނީ ވަރަށް ބޮޑަށެވެ. މާލޭން ލިބޭ ރަނގަޅު އެއްޗިއްސާއި، ގެންނަ ރަނގަޅު ހަދިޔާތަކަށްޓަކައެވެ. މިކަމާހުރެ އަޅުގަނޑުގެ ބޭބެ ގާތުގައި ރޮއިރޮއިގެން އާދޭސް ކޮށްކޮށްގެން އެންމެ ފަހުން، މާލެދެވޭގޮތް ވެއްޖެއެވެ. މާލެދާން ދަތުރަށް ހެދުމުގެ…

ދުވަސްވަރަކީ، އަޅުގަނޑުގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ދިރިއުޅުމުގެ އެއްވެސް ފިކުރެއް ވިސްނުމެއް ނެތް ދުވަސްވަރެވެ. ރެޔާއި

ދުވާލުގެ ކަމަކީ، ކުޅިވަރެވެ.

އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރު އަޅުގަނޑުގެ އުމުރުން ވާނީ، އަށެއްނުވައެއް އަހަރެވެ. މީހުން މާލެ ގޮސްގޮސްފައި އަންނަވާހަކަ ދައްކާވަރުން، އަޅުގަނޑު މާލެދާހިތްވަނީ ވަރަށް ބޮޑަށެވެ. މާލޭން ލިބޭ ރަނގަޅު އެއްޗިއްސާއި، ގެންނަ ރަނގަޅު ހަދިޔާތަކަށްޓަކައެވެ. މިކަމާހުރެ އަޅުގަނޑުގެ ބޭބެ ގާތުގައި ރޮއިރޮއިގެން އާދޭސް ކޮށްކޮށްގެން އެންމެ ފަހުން، މާލެދެވޭގޮތް ވެއްޖެއެވެ.

މާލެދާން ދަތުރަށް ހެދުމުގެ ހުރިހާ ކަމެއް ނިމއްޖެއެވެ. ފަތިހުކާޅަށް އެއްދަން ވާލަށް އެއްދަން އޮއްވާ އަޅުގަނޑު ތެދުވެއްޖައީމެވެ. ހެނދުނުގެ ކަންތައްތަކުން ނިމިގެން، ނާސްތާ ކުރުމާ ދޭތެރޭ އޮޑިފަންނުން(ދޯނިތައް ގެންގުޅޭ ހިސާބުން) ގެއާ ދޭތެރޭ ހައެއްކަ ބުރު ޖެހުނެވެ. ވަރަށް ގިނަ ރައްޓެހި ކުދިންގެ ގާތުގައި މާލެދާން އުޅޭވާހަކަ ބުނެ ފޮނިކަނޑައިހެދީމެވެ. މިވާހަކަތައް ދެއްކީމާ، ގިނަ ކުދިން ތިބީ ވަރަށް ދެރަވެފައެވެ. އެއީ، އެކުދީންނަށް މިފަދަ ފުރުޞަތެއް ނުލިބުނީތީ ކަމަށް ހީވެއެވެ.

ކޮންމެއަކަސް ހެނދުނުގެ ނާސްތާއިން ނިމިގެން އެންމެ އަވަހަށް ގޮސް ދޯންޏަށް އެރީ، އަޅުގަނޑެވެ. ދޯނި ތައްޔާރުކުރާން އުޅުނު މީހެއްގެ ކޮނޑުމަތީގައެވެ.

ވަރަށް އަވަހަށް ދޯނި ފުރައިފިއެވެ. ހުޅަނގުދެކުނުން ޖެހިޖެހިހުރި ވައިގައި ދޯނި ދުއްވައިގެންފިއެވެ. ދެރިޔަލުގައި ބަނޑުދަމާލާފައެވެ. މުޅި ދަތަރު ދޯނިތެރެއަށް ފެތުރިފައިވަނީ، އުފާވެރި ދަތުރެއްގެ ހިތްގައިމުކަމެވެ. މުލަކުގެ ގަސްކަރަ، ފެނާ ތިރިވަމުން އޮވެދެއެވެ. ދިއްގަރު މަޑުއްވަރީގެ ގަސްކަރަ ނަގައި ބޮޑުކުރަމުން އާދެއެވެ. ކުޑައިރުކޮޅަކުން ދިއްގަރު މަޑުއްވަރިއާ، އަޅުގަނޑުމެންގެ ދޯނި އަރައި ހަމަވެއްޖެއެވެ.

ދިއްގަރުގެ ރުއްގަސް މަދު ރަށުތެރެއިން ގެތަކާއި މަގުތައް ހަލުއިކަމާއެކު ފަހަތަށް ދެމެމުން އޮވެދެއެވެ. މިހާރު އަޅުގަނޑުމެންގެ ދޯންޏަށް، ދިއްގަރު މަޑުއްވަރި ފަހަނަޅައި އުތުރަށް ދެވިއްޖެއެވެ.

މާލަސްތަކެއް ނުވެ ފުލިދޫކަނޑުގެ ބޮޑެތި ރާޅުތައް ފެންނަންފަށައިފިއެވެ. މިއީ އަޅުގަނޑުގެ ޙަޔާތުގައި މިފަދަ ބޮޑެތި ރާޅުތަކެއް ދުށް ފުރަތަމަ ފަހަރެވެ. މިބޮޑެތި ރާޅުތައް ފެނުމުން އަޅުގަނޑުގެ މޭކަރާލިއެވެ. ދެރާޅު ދޭތެރެއަށް ތިރިވެގެން ދާއިރު، ދެންމެ ދެންމެ ހީވަނީ މޭގަނޑު އަނގައަށް އަތުވެދާނެހެންނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ދަތުރަކީ އުފާވެރިކަން އެކުލެވިގެންވާވަރަށް، ބިރުވެރިކަން ވެސް އެކުލެވިގެންވާ އެއްޗެއްތާއެވެ!

ކުރިމަތިން ނަގައި ބޮޑުކުރަމުން އަންނަނީ، ދޯނީގެ މީހުން ބުނެދިން ގޮތުގައި، ފެންބޯ ރަށްތަކުގެ މަލައެވެ. އެރަށްތައް ވަރަށް އަވަހަށް ބޮޑުވަމުން އާދެއެވެ.

އުފާވެރި ދަތުރެއްގައި ދޯނިމަތީގެ ކަންތައް ހުންނަގޮތްގޮތުގެ މަތީން މިދަތުރުގައި ބައިވެރިވި ދަތުރުވެރީންވެސް ދުނިޔޭގައި ލައިހެއްދެވިހައި  ވާހަކައެއް، ދައްކަމުން ގެންދިޔައެވެ. އޭގެ ތެރޭގައި ނުހަނު މަޖާ ވާހަކަތައްވެސް ދައްކަމުން ގެންދިޔައެވެ.

އަޅުގަނޑުމެންނަށް މާލެއަތޮޅު ވަދެވިއްޖެއެވެ. މާލެއަތޮޅު ރަށްތައް، ފެނިގެއްލެމުން އޮވެދެއެވެ. ގުރައިދޫ، މާފުށި ފަހަތަށް ހިނގައްޖެއެވެ. ގުޅިއާ އަރާ ހަމަވެއްޖެއެވެ. ކުރިމަތީން އެނބޫދޫ ބޮޑުވަމުން އޮވެއާދެއެވެ. ވެލައްސަރުވެސް ތަންކޮޅެއް ދުރުގައި ފެންނާން އެބައޮތެވެ. ވިލިގިނލިވެހެވެ. ހުޅުލޭގެ ތަންތަންކޮޅު ވެސް މެއެވެ. މާލެ އޮންނާނެ ގޮތަކާމެދު، ދެކޭ ހިތުން ނޭވާ ހިފަހައްޓައިގެން އިނީމެވެ. އެނބޫދޫއާ އަރާ ހަމަވީހިނދު މާލޭގެ މަލަ ފެންނާން ފަށައިފިއެވެ. އެހެން ރަށްރަށުގެ މަލައާ ވަރަށް ތަފާތު މަލައެކެވެ. ރުކެއް އަމުދުން ނެތޭ ދެންނެވިއަސް އެންމެ ރަނގަޅުވާނެއެވެ. ތެދެކެވެ. މާލެ ދުރުން ފެންނައިރު ހީވަނީ ފެންމައްޗަށް އޮއިބޮނބިތަކެއް އުކާލައިފައި ހުރި ހެންނެވެ.

އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު، ދުވަހުގެ އިރު ވަރަށް ތިރިވެއްޖެއެވެ. އިރުއޮއްސުމަށް މާލެ ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެއްބާވައެވެ! އަޅުގަނޑުމެންނަށް އިރު އަރަންދެން މާލޭ ފަޅުގައި ދޯނީގައި ތިބެންޖެހޭނީތާއެވެ!

އަޅުގަނޑުމެންނަށް މާލެ އާދެވުނީ އިރުއޮއްސި ކުޑައިރުކޮޅެއް ވީފަހުންނެވެ. ނަތީޖާއެއްގެ ގޮތުން އެރޭ މާލޭ ފަޅުގައި ތިބޭގޮތަށް ހަމަޖެއްސީއެވެ. މާލެ ފައިބާނީ އަނެއްދުވަހު ކަމަށް ނިންމީއެވެ. ދެން ދޯނި ހިޔާކޮށްލައި ހަދައިގެން އެރޭ ދޯނީގައި ނިދާލީއެވެ. ކުރިމަތިން ފެންނަން ހުރީ މާލޭގެ ހަރަކާތްތަކެވެ. ބުންބާމީހުންގެ ހަރަކާތްތެރިކަމެވެ. ދެން ވަރުވަރުގެ ދޯނިތަކެވެ. އަޅުގަނޑުމެންގެ ދޯންޏާ ވަރަށް ކައިރީގައި ތިބެގެން ދޯނީގެ އެކި މީސްމީހުންގެ ރައްޓެހިން އެމީސްމީހުންނާ އެކި ބާވަތްތަކުގެ ސުވާލުތައް ކުރަމުން ގެންދެއެވެ. މިވާހަކަތަކުގެ އެއް ނަތީޖާއަކަށްވީ ބައެއް މީހުން ދޯނިން ފައިބައިގެން އެއްގަމަށް ދިއުމެވެ. ނަމަވެސް އަޅުގަނޑަށް އެރޭ އޮންނަން ޖެހުނީ ދޯނީގައެވެ. ރަށުގެ ހިމޭން ދިރިއުޅުމާ އަޅާބަލާއިރު މާލޭން ފެންނަ ޙަރަކާތްތެރިކަމުގެ ތެރެއަށް ފިކުރު ހިންގަހިންގާ މީހުން ހެލިފެލިވާ ތަން ބަލަބަލާއޮއްވާ އެންމެ ފަހުން ނިދިއްޖެއެވެ.

އަނެއް ދުވަހު ހެނދުނު ތެދުވެގެން ދޯނިން “ހެނދުނުގެ ކަންތައް” ނިންމައިގެން މާލެ ފައިބައިފީމެވެ. ކުރިމަތިން ފެންނަނީ ކޮޅުކޮޅުމައްޗަށް ހަލުއިހަލުއިކޮށް ހިނގާ ބިނގާވާ މީހުންނެވެ. ބޮޑެތި ފިހާރަތަކެވެ. އެފިހާރަތަކުގެ ބޭރުގައްޔާއި އެތެރޭގައި ހުންނަ ދިގުގޮނޑިތަކުގައި ތިބޭތަން ފެންނަނީ، ދިގު ހަރުވާޅުލައި ފާޑެއްގެ ލިބާހެއް ލާފައި ތިބޭ ބައެކެވެ. އެމީހުންގެ ހުންނަނީ ދިގު ތުނބުޅިއެކެވެ.ވަރަށް މަދު މީހެއްގެ މެނުވީ އެންމެންގެ ހުންނަނީ ހުދު ތުނބުޅިއެކެވެ. ބޮލަށް ފައްތާލާފައި އޮންނަ ޒާތެއްގެ ތާކިހަލެއް ބޮލުގައި އޮވެއެވެ. ތިބެނީ ވަރަށް ބޮޑަށް ދުފާފައެވެ.އަދި އަބަދުހެން ދުފުމުގެ ކަންތައް ތައްޔާރުވަމުންދާތީ ފެނެއެވެ. މިމީހުން ފެނުމުން ގަތް ބިރުން، ބޭބެ ގާތަށް ޖެހިލައި ބޭބެ ގައިގައި ހިފައިގަތީމެވެ. އެމީހުން ވާހަކަދައްކަނީ ޒާތެއްގެ ދިވެހިބަހަކުންނެވެ. އެއްފަހަރު ބުނެލާ އަޑު އިވުނެވެ. “އޭތް ވަރޭކަމް، މަސްގެނައިންތަ؟ އަންނާންދޭ،އަންނަން ދޭ.” މިފިހާރަތަކާ އަރައި ހަމަވުމުން ދުވަނީ ޒާތެއްގެ ބޭސްވަސްގަނޑެކެވެ.

އެގޮތަކުން މިގޮތަކުން ލައިގެން ބާޒާރުގެ “ނުރައްކާ” ހިސާބުގަނޑާ ދުރަށް ދެވިއްޖެއެވެ. އަޅުގަނޑަށް މިހާރު ލަފާކުރެވޭ ގޮތުގައި، އަޅުގަނޑު އެފަހަރު އެއްގަމަށް އެރީ މިހާރުގެ ޗާނދަނީމަގުންނެވެ. ތަންކޮޅަކަށް ދެވުނުތަނާ ފެންނަން ފެށީ ޒާތެއްގެ ދަނޑިއެއް ވިއްދާލާފައި ދޮރު ހުޅުވާލާފައި ހުރި މާކުދިކުދި ފިހާރަތަކެކެވެ. އެތަންތާނގައި ވެސް ޒާތްޒާތުގެ ކުދި ސާމާނުތައް ވިއްކަން ހުރެއެވެ. އަޅުގަނޑު ފައިބައިގެން ދިޔައީ އުތުރުން ދެކުނަށެވެ. ދެން ފެނުނު ޒާތެއްގެ ދޮރޯށްޓެއް، ނޫން “ބަކަރި ފުޅަލިގަނޑެއް” ލާފައި ހުރި ތަނަކީ، ފަނޑިޔާރުގެކަން ފަހުން އެނގުނެވެ. އެއީ މިހާރުގެ ޢިބާރާތުން ނަމަ (މިލިޔުން ލިޔާއިރު) މިނިސްޓްރީ އޮފް ޖަސްޓިސްއެވެ.(މިހާރު 2009މ. ގައި އެއީ ޗާނދަނީމަގުގެ ހުޅަނގު ފަރާތުގެ ފިހާރަތައް އެހުރި ހިސާބެވެ.) ދެން ފެނުނީ ކުޑަކުޑަ މިސްކިތެކެވެ. އެއީ ޓަކިބޭ މިސްކިތެވެ. އަޅުގަނޑުމެން އެދިޔަގޮތަށް ގޮސް ވަނީ މިހާރުގެ އުޑުވިލާގެއަށެވެ. އެއީ އަޅުގަނޑުގެ ޅިޔަންބޭ ގެއެވެ. އަޅުގަނޑުގެ ދޮންދައިތަ އިންނަނީ އެގޭގައެވެ. އަޅުގަނޑުގެ ބޭބެ މުލީ އިބްރާހީމްފުޅު، ފަހުން އަލްއުސްތާޛު އިބްރާހީމް މޫސާފުޅުގެ ގެއަކީ ވެސް އެއީއެވެ.

ދުވަސްވަރަކީ،ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރެވެ. ދިވެހި ތަޢުލީމީ ޙަރަކާތްތައް އޭގެ އެންމެ ފުރިހަމަކަމާއެކު ހިނގައިގެންފައިވާ ދުވަސްވަރެވެ. ފިރިހެން ކުދިންގެ މަދުރަސާ ވަނީ ހުޅުވިފައެވެ. އަންހެން ކުދިންގެ މަދުރަސާއެއް ހުޅުވުމާބެހޭ ވާހަކަތައް ދެކެވެމުން ދަނީއެވެ. އަޅުގަނޑުގެ ބޭބެއާއި ސައްޔިދު އަޙްމަދާއި ބޮޑުގަލު ޢަބްދުލްކަރީމާ މިކުދިން މަދަރުސާއަށް ދާތަން ފެނުނީމާ، އަޅުގަނޑަށް ވެސް މަދަރުސާއަށް ވަދެވޭނެނަމައޭ! ހިތަށް އެރިއެވެ. އޭރުގެ ކެއިންބުއިމަށް ވިސްނާލާއިރު އެންމެ ފުރަތަމަ ސައިބޯއިރު ބޭނުންކުރަނީ އަތިރީފަނޑިޔާރުގޭގައި ފިހެފައި ހުންނަ ފާރޮއްޓެވެ. ދެން ބޮޑުގުޅައެވެ. އެއިން އެންމެ ފާރޮށިކިބައެއް، މިހާރުގެ ބަނަހަކަށްވުރެ ވެސް ބޮޑުނުވާނެކަމެއް ނޭނގެއެވެ. ފޯކޮށްލީމާ ޖޯޑަކަށް ނުތަކައެވެ. އަދި އެހައި މީރުމެއެވެ. ގުޅައިގައި ވެސް އެހެރަދޭ މީރު ރަހައެކެވެ! ހަނދާންކޮށްލީމާ، ހިތަށް އަރުވައިލީމާ ދެރަވެސްވެއެވެ. އޭރު ރަނގަޅީ، ހަމައެކަނި އެކާއެއްޗިއްސެއް ވެސް ނޫނެވެ. އަގުވެސް އެހައި ރަނގަޅެވެ. ހައެއްކަ އަށެއްކަ ލާރިއަށްވުރެ މިއިން އެކައްޗެއްގެ އަގެއްވެސް މާބޮޑުވާނެހެންނެއް އަޅުގަނޑަކަށް ހީއެއް ނުވެއެވެ. ހަޑޫވެސް، ހަކުރު ވެސް ހަވާދުގެ ސާމާނު ވެސް އެކަށީގެންވާ އަގެއްގައި ލިބޭން ހުރެއެވެ. ނަމަވެސް ތަންކޮޅެއް ކުރީން އަގުތައް މާ ހެޔޮކަމުގައި، މީހުން ބުނާތީ އަހަމެވެ.

އަޅުގަނޑު މާލޭގައި މިހުރި ހުރުމުގެ ތެރޭގައި، ހަނދުވަރުދޭ ބައެއް ރޭރޭ، ދޮންދައިތައާއެކު ހިނގާލަންގޮސް ހަދަމެވެ. އެއީ، މާލޭގެ މަގުތައް މިހައި ހަލަބޮލި ޒަމާނެއް ނޫނެވެ. ގިނައިން ފެންނާނީ ފައިމަގު ހިނގާ މީހުންނެވެ. ލޮނުޒިޔާރަތްކޮޅަށް ދެވެނީ ވަރަށް ހަނި މަގަކުންނެވެ. ދެފަރާތުގައި އޮންނަނީ ހިސާބަކަށް ވިނަހެދިފައެވެ. ދެން ވަލެވެ. އެއީ ވަރަށް ބިރުގަންނަ ހިސާބެކެވެ. އަމުދުން ބޮޑުފާރުގެ އެފަރާތެވެ. އަލިކަންފުޅެއް ކިރިޔާވެސް ލިބެން ހުންނަނީ ނުހަނު ދުރުދުރުގައި ޖަހާފައި ހުންނަ ލަންޓަންތަކުންނެވެ. އެއިން ވާނީ ދެން ކޮން އައްޔެއްތޯއެވެ؟ ނަމަވެސް އޭރު އެއަލިކަން މާލެއަށް ފުދިފައި އިތުރު ވެސް ވެއެވެ. މިހެން ދެވޭ ފަހަރުފަހަރު ލޮނުޒިޔާރަތްކޮޅު ކަޅު ގާތައް މަތީގައި ހުރެ ވަރުނުލާ ރާޅުގަނޑުގެ މަންޒަރު ބަލައިލަމެވެ. ނަމަވެސް ހިތްހަމަޖެހޭ ވަރަކަށް އެމަންޒަރު ބަލައެއް ނުލެވެއެވެ. މިހެނީ ފަހަތުން ފަނިފަކުސައިގެ އަޑެއް އިވިލިޔަސް ދަނީ ސިހިގެންނެވެ. އެއީ ފަހަތުގައި އެއޮންނަ ބޯ ދުނގެތިވާ ފަޅާލާފައި ކޮންމެވެސް ނުރައްކާ “އެއްޗެއް” ނުކުމެދާނެއޭ ހިތަށް ވަންނަލެއް ބޮޑުކަމުންނެވެ. އެހެންކަމާއެކުގައި ވެސް ހަނދުވަރު ދީފައި އޮންނައިރު، އޭރުގެ މާލޭގެ ރީތިކަމަކީ، ލާމަސީލު ރީތިކަމެކެވެ.

ކޮންމެއަކަސް ކުޑަދުވަސްކޮޅަކު މާލޭގައި ހުރެލާފައި ރަށަށް ދާން ފުރައިފީމެވެ. މާލޭގެ ހަޑިފަޅުތެރެއިން ނުކުމެވުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރީމެވެ. އަޅުގަނޑުމެންގެ ދޯނި ވާދޫކަނޑު ދުވަން ނުކުމެއްޖެއެވެ. އެނބޫދޫ ފަހަތަށް ހިނގައްޖެއެވެ. މިކޮޅަށް ދާންވެސް މިލިބުނީ، ރަނގަޅު ރަހްމަތެކެވެ. ފައްސިޔަ ވައެކެވެ.

މިދަތުރު އަޅުގަނޑުމެންނަށް ފުލިދޫ ކަނޑަށް ނިކުމެވުނުތަނާހެން، ކުރިމަތިން ފެނުނީ، އުތުރަށް މިޞްރާބު ޖަހާފައި ހުރި ނާލު ބައްތެއްޔެކެވެ. އެބައްތެލި ވަރަށް އަވަހަށް ބޮޑުވަމުން އާދެއެވެ.

ކުރީ ދަތުރެކޭވެސް އެއްފަދައިން، މިދަތުރުވެސް ނުހަނު ހިތްފަސޭހައެވެ. އެހެންކަމާއެކު ޒާތްޒާތުގެ މަޖާ ވާހަކަތައް ދައްކާން ފަށައިފިއެވެ. އޭގެތެރޭގައި، މިހާރުގެ ގޮތަށް ނަމަ، ސިޔާސީ ވާހަކަތައް ދިޔައީއަކީ ވެސް މަދެއްކޮށްނޫނެވެ. އަޅުގަނޑަށް އެއީ ސިޔާސީ ވާހަކަ ކަމާއި  ދައްކައިގެން ނުވާނެ ވާހަކަތަކެއްކަން އެނގުނީ، މާފަހުންނެވެ. މިދަތުރު ނިމުނުވެސް ފަހުންނެވެ.

ކުރީންވެސް ދެންނެވި ފަދައިން، ދުވަސްވަރަކީ އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުމުގެ ހިތާމަ މުޅި ރާއްޖެއަށް ޢާންމުވެފައިވީ ދުވަސްވަރެވެ. އަލްއަމީރު މުޙަންމަދު އަމީން، ރާއްޖެ ހިންގަވަމުން ގެންދެވި ދުވަސްވަރެވެ. އެބައިމީހުންގެ ވާހަކައިގެ މައުޟޫޢަކީ، އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަންނަވަން ދިމާވިފަދަ ދެރަގޮތެއް އަލްއަމީރު މުޙަންމަދު އަމީނަށްވެސް ދިމާވުމެވެ. މިވާހަކައިގައި ގާތްގަނޑަކަށް ދޯނީގައި ތިބި އެންމެންހެން ބައިވެރިވެ މަޖާނަގަމުން ދިޔައެވެ.

އަޅުގަނޑަށް ވިސްނޭގޮތުގައި އޭރު އެބައިމީހުން އެވާހަކަ ދައްކަމުންގެންދިޔައީއަކީ ވަކި މަޤްޞަދެއް އޮވެގެންނެއް ނޫނެވެ. ހަމައެކަނި އަނގަމަޖާކޮށްލުމުގެ ގޮތުންނެވެ. މިދޯނީގައި އަޅުގަނޑުގެ ދެފަރާތުގެ ދެބޮޑުބޭބެއިންވެސް ތިއްބެވެ.

ކުރިމަތިން ފެންނަމުން އައި ބައްތެލި މިހާރު އަޅުގަނޑުމެންނާ ވަރަށް ގާތްކޮށްފިއެވެ. އެބައްތެލި ހުރީ ތިންރިޔާ ނަގާފައެވެ. ކައިރިއަށް އައުމުން

އަޅުގަނޑުމެންނަށް އެނގުނީ، އެއީ އަޅުގަނޑުމެން އަތޮޅު މުލަކު ބައްތެއްޔެއްކަމެވެ. އަޅުގަނޑުމެންނާ އަރާ ހަމަވުމާއެކު ބައްތެލި މަޑުކުރާން ފަށައިފިއެވެ. އަޅުގަނޑުމެންވެސް ދެރިޔަލުން މަޑުކޮށްލައިފީމެވެ. ބައްތެލީގައި އިންނެވީ އަތޮޅުވެރީންނެވެ. ހަނދާންވާ ގޮތުގައި އަލްފާޟިލް ބަޑިއަލިބޭގެ ދޮންސީދީއެވެ. އޭނާ އެވަޑައިގަންނަވަނީ އަތޮޅުގައި ހުންނެވުމަށްފަހު ޗުއްޓީއެއްގައި މާލެއަށެވެ. އަޅުގަނޑުމެންގެ ދޯނީގައި އަތޮޅުގޭގެ ނޯކަރު ބިންބިގޭ ދޮންއަލިފުޅު ހުއްޓާ ފެނިވަޑައިގަތުމުން އޭނާ އެބައްތެއްޔަށް ނަންގަވަން ގަސްދުކުރައްވައިފިއެވެ. ދެން ވަރަށް ދަތި ގޮތަކަށް ވަރަށް އުނދަގޫ ހާލެއްގައި އުޅެގެން މިދޮންއަލިފުޅު އެ ބައްތެއްޔަށް ބަދަލުކޮށްފީމެވެ. ދާކުރި ހަލުއިކޮށްލުމުގެ ގޮތުން، ދިގުމަގު ކުރުކޮށްލުމުގެ ގޮތުން ތުންމަތީ ރިޔާވެސް އުފުލާލައިފީމެވެ. އަޅުގަނޑުމެންގެ ދެގަނޑެތި ހަލުއިކަމާއެކު ދެކޮޅަށް ދުރުވަމުންދާން ފަށައިފިއެވެ. ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ބައްތެލި އޮބާވެސްލައިފިއެވެ.

މިއީ އަޅުގަނޑު މާލެދަތުރު ކުރާ ހިތުން ކުރި ދަތުރެވެ. އެންމެ ފުރަތަމަ މާލެ ދަތުރެވެ. ނަމަވެސް މިއުފާވެރި ދަތުރުގެ ނަތީޖާ ދެކެވަޑައިގެން ބައްލަވާށެވެ. މިހާތަނަށް ދަތުރު އަދި ނިމުނީއަކީ ނޫނެވެ. އަދި ކިރިޔާ ދަތުރު ފެށުނީއެވެ. ދޯނިމަތީގައި ދެކެވުނު ވާހަކަތައް “ވިހަ” ވެއްޖެއެވެ. ދޮންއަލިފުޅު އެދަތުރުގެ ވާހަކަ އަތޮޅުވެރިންނަށް ދެންނެވީއެވެ. އެއާ ގުޅިގެން އެދަތުރު ދިޔަ ދޯނީގެ އެންމެން މާލެދާން ސިޓީ އަތުވެއްޖެއެވެ. އަޅުގަނޑު ކުޑަވުމާއެކުވެސް އަޅުގަނޑުވެސް އިސްތިސްނާވުމެއް ނެތިއެވެ. ދޯނިމަތީގައި އިންއިރަކު އޭނައެއް އަނގައަކުންވެސް ނުބުނެއެވެ. ނަމަވެސް “ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ” ކަމީ މަޝްހޫރު ކަމެކެވެ. އޭގެ ނަތީޖާ މިއޮތް ފެނުނީއެވެ. ދޯންޏެއް ދަތުރަށް ހަދައިގެން އަޅުގަނޑުމެން އެންމެން ގޮވައިގެން މާލެދާން ފުރަނީއެވެ.

އެރޭ އަޅުގަނޑުމެން ގޭތެރެއަށް ހީވަނީ ކުޑަވަރެއްގެ ޤިޔާމަތެއް އައިސްގެން އުޅޭ ހެންނެވެ. އެންމެން އެންމެންނަށް ރޮނީއެވެ. އަޅުގަނޑުވެސް އެމީހުންނަށް ގެއްލެން އުޅެނީކަމަށް ހީކޮށެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންނަށް މާލެ އާދެވިއްޖެއެވެ. އަޅުގަނޑުމެން ފަނޑިޔާރުގެއަށް ހާޒިރު ކުރެވިއްޖެއެވެ. އަޅުގަނޑުމެންނާ ޝަރީއަތުގެ މަޖިލިސްގައި ވާހަކަފުޅު ދައްކަވަން އިންނެވީ، ކޮންބޭފުޅެއްކަމެއް، އަޅުގަނޑަކަށް ނޭނގެއެވެ. އެބޭފުޅެއްގެ އިސްތަށުފުޅުގައި އޮތީ ތެޔޮރުމާކޮޅެކެވެ. ތަންތަން ބައްލަވާހެއްދެވުމުގައި ކުޑައުނދަގޫފުޅެއް ހުންނަކަން ހަނދާންވެއެވެ. ނަމަކީ އަޙްމަދު ދީދީއެކެވެ. ނުވަތަ އިބްރާހީމް ދީދީއެކެވެ.

ފަހަރަކު މީހެއް މޭޒުދޮށަށް ގެންދަވައި ސުވާލުކުރައްވައެވެ. އަޅުގަނޑަކީ، ރަށުގައި އަޅުގަނޑުމެން ފުރާ ކުދިންގެ ތެރޭގައި ހުރި އެންމެ “ނަގާކިޔާ” ކުއްޖާއެވެ. އެހެންކަމުން ރަށަށްގޮސް މިކުޅިވަރު ކުޅޭން ރާވާނެގޮތަކާމެދު އަޅުގަނޑު ފިކުރުކުރަނީއެވެ. ތަޅާނެކަންވެސް އެނގއެވެ.

އެހެންވެ، ދުއްރައާމެދުވެސް ވަރަށް ބޮޑަށް ޚިޔާލުކުރަމެވެ. އިރުކޮޅަކުން އަޅުގަނޑަށް ގޮވާލައިފިއެވެ. އަޅުގަނޑާވެސް ކުރެއްވީ ހަމަ އެސުވާލެވެ. ދޯނިމަތީގައި އެމީހުން ދެއްކި ސިޔާސީ ވާހަކަތައް ދައްކައިހެދިތޯއެވެ. އަޅުގަނޑު ބިރުން ތުރުތުރު އަޅައިގަތެވެ. ބިރުންގޮސް ރޮވޭގޮތް ވެއްޖެއެވެ. އަޅުގަނޑު އާނއެކޭ ދެންނެވީމެވެ. އެވާހަކައިގައި ބައިވެރިވި މީހުންނަކީ ކޮބައިތޯ ސުވާލުކުރެއްވީމާ، އަޅުގަނޑު ދެތިން ހަތަރު މީހެއްގެ ނަން ދެންނެވީމެވެ. އަޅުގަނޑަށް ހީވަނީ ތަޙްޤީޤު ކުރައްވަމުން ގެންދެވި ގޮތުން ހޯއްދަވާފައިވާ ގޮތާ އަޅުގަނޑަށް މިދެންނެވުނު އެއްޗަކާ ދިމާވީހެންނެވެ. އަޅުގަނޑަށް އިށީންނަން އަންގަވައިފިއެވެ. އަޅުގަނޑަކީ ކުޑަކުއްޖަކަށްވެފައި އަޅުގަނޑުގެ ނަމަށް ވިސްނާވަޑައިގަންނަވާއިރުވެސް ދޮގު ނުހަދާނެކަން އެނގިވަޑައިގަންނަވާތީއެވެ.

ކޮންމެއަކަސް އަޅުގަނޑު ގެއަށް ފޮނުއްވާލައްވައިފިއެވެ. އެދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ބަޔަކަށް އަދަބުލިބުނެވެ. އަނެއް ބަޔަކު އަރުވާލީއެވެ. އަޅުގަނޑުގެ ތިމާގެ މީހުން އެދަތުރު އަޅުގަނޑު ރަށަށް ނުގެންގޮސް މާލޭގައި ބެހެއްޓީއެވެ.

މިކަން ހިނގައި ނިމިދިޔަގޮތަށް ޚިޔާލުކޮށްލާފައި، އަޅުގަނޑުގެ ހިތަށް އަރައެވެ. މީހުން ބުނެ އުޅޭ ގޮތަށް ނަމަ، އަޅުގަނޑު މިއީ، ދެން ކޮން ރާއްސެއްގައި ހައްދަވާފައިވާ މީހެއް ބާވައެވެ؟ އަޅުގަނޑުގެ ކޮންމެ ކަމެއްހެން ގުޅިފައި މިއޮންނަނީ މިކަހަލަ ކޮންމެވެސް ކަމަކާއެވެ. މިއީ، ކުޑައިރު، އެންމެ ފުރަތަމަ މާލެއަށް ކުރި ދަތުރެވެ. ވީގޮތް ތިޔަ ވިދާޅުވެ ނިންމެވީއެވެ. އާދެ، ނިމުނީ ބޮޑު ސިޔާސީ ސަރިޔަތަކަށް ވެގެންނެވެ.

    ދެރަކަންތަކަށް ހިތާމަކުރުން ނެތްކަމަށް ހަދައި

       ދެރަކަންތަކަށް ހަޖޫ ކިޔަމުން ހީނ ހަދާށެވީ

          ރޯނަމަ ރުއިން އޮތީ ބަލަ، މޮޔަޔާ ތިމާއަށޭ

             ހޭނަމަ ހެނޔޭ މިދުނިޔެ އެކީ، ހީނހަދާށެވީ

                            -ނިމުނީ-


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment