ދުވަސްވަރަކީ ސިލޯނުގައި ތަޢުލީމު ޙާޞިލުކުރާ ކުދީން ދެވަނަ ބަހެއްގެ ގޮތުގައި، އެކުދީންގެ ބަސް(ދިވެހިބަސް) ކިޔަވަމުން ގެންދިޔަ ދުވަސްވަރެވެ. ހަމަ ދޭތެރެ ދޭތެރެއިން އެކުދިންގެ ޓީޗަރުންގެ ގޮތުގައި، މާލެއިން ކޮންމެވެސް މީހަކަށް އޮންނަނީ ފުރާންޖެހިފައެވެ. އަނެއްކާ ފުރައިގެން މިދަނީވެސް، އަޅުގަނޑުގެ ނުހަނު ގާތް އެކުވެރި ރަޙްމަތްތެރީންނެވެ. ދުވަހަކުވެސް އަޅުގަނޑަކާ ލައްވާލާތަނެއްނައެވެ. އެކަމާ ދެރަވެއެވެ. ހިތާމަވެސް ކުރަންމެއެވެ. ނަމަވެސް އަޅުގަނޑަށް އަޅުގަނޑުގެ މިންވަރު އެނގޭނެނޫންތޯއެވެ. އަޅުގަނޑަކަށް، އަޅުގަނޑުގެ މިންވަރެއް ނޯޅެއެވެ. ނަމަވެސް މައްސަލައަކީ، ސިލޯނަށް ދާހިތް ހަމަ ނުކެނޑުނުކަމެވެ. ހަމަ…

ދުވަސްވަރަކީ ސިލޯނުގައި ތަޢުލީމު ޙާޞިލުކުރާ ކުދީން ދެވަނަ ބަހެއްގެ ގޮތުގައި، އެކުދީންގެ ބަސް(ދިވެހިބަސް) ކިޔަވަމުން ގެންދިޔަ ދުވަސްވަރެވެ. ހަމަ ދޭތެރެ ދޭތެރެއިން އެކުދިންގެ ޓީޗަރުންގެ ގޮތުގައި، މާލެއިން ކޮންމެވެސް މީހަކަށް އޮންނަނީ ފުރާންޖެހިފައެވެ. އަނެއްކާ ފުރައިގެން މިދަނީވެސް، އަޅުގަނޑުގެ ނުހަނު ގާތް އެކުވެރި ރަޙްމަތްތެރީންނެވެ. ދުވަހަކުވެސް އަޅުގަނޑަކާ ލައްވާލާތަނެއްނައެވެ. އެކަމާ ދެރަވެއެވެ. ހިތާމަވެސް ކުރަންމެއެވެ. ނަމަވެސް އަޅުގަނޑަށް އަޅުގަނޑުގެ މިންވަރު އެނގޭނެނޫންތޯއެވެ. އަޅުގަނޑަކަށް، އަޅުގަނޑުގެ މިންވަރެއް ނޯޅެއެވެ. ނަމަވެސް މައްސަލައަކީ، ސިލޯނަށް ދާހިތް ހަމަ ނުކެނޑުނުކަމެވެ. ހަމަ އިރުއިރުކޮޅުން މި ޚިޔާލު ހިތަށް އުނދަގޫ ކުރަނީއެވެ. ދެން ކުރާނެ ކަމެއް ނެތިގެން، އަލްފާޞިލް ޙުސައިން ފަހުމީގެ އަރިހަށް ހިނގައްޖައީމެވެ. އޭނާ އަޅުގަނޑުގެ އަތް ބައްލަވާލައްވާފައި ވިދާޅުވީ،

ބޭރުދަތުރެއް ނެތްކަމަށެވެ. (އޭރު، ބޭރުދަތުރަކީ ކޮބައިކަމަށްތޯއެވެ. ސިލޯނު ދަތުރެވެ. ބޮމްބޭ، ސިންގަޕޫރު، ހޮންގކޮނގ މިތަންތާނގެ ދަތުރެއް

ހިތަށްވެސް ނުވެއްދޭނެއެވެ.)އާދެ! އޭނާގެ އަރިހަށް ދިއައިރުވެސް އަޅުގަނޑުގެ ނަސީބު އެހާ ރަނގަޅު ނުވާނެކަން އެނގެއެވެ. އެކަމަކު އިރުކޮޅަކަށްނަމަވެސް ހިތް ކިޔަމަން ކޮށްލުމުގެ ގޮތުން ގޮސްލީއެވެ. ދެން ދުވަސްގަނޑެއްވަންދެން، ހިތް މަޑުމަޑުން އޮވެއްޖެއެވެ.

އަޅުގަނޑު، އޭރު މަސައްކަތްކުރަނީ، ޞިއްހަތުގެ އޮފީހުގައެވެ. ވަރަށް މަޖާ އޮފީހެކެވެ. އެއޮފީހުގެ ނުހަނު މަޖާ ދެ ސެކްރެޓަރީއިންނަކީ، އަލްފާޞިލް އިސްމާޢީލު ޝަރީފާއި އަލްފާޞިލް އަލްމަރްޙޫމް ޙުސައިން ރަޝީދެވެ. އެއީ އަޅުގަނޑުގެ ޢަރަބި މުދައްރިސު ފުނަބައިގެ މުރްޝިދު ބަގީޗާގޭ މުޙަންމަދު ރަޝީދުގެ ބޭފުޅެކެވެ. (އޭރު އެއޮފީސް ހުންނަނީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު ވަރަށް ފަހަކާޖެހެންދެން ހުރިތާނގައެވެ.)

އަނެއްކާވެސް ސިލޯނަށް ދާހިތް ގަދަވާން ފަށައިފިއެވެ. ހަމަ ހަދާނެ އެއްގޮތެއްވެސް ނޭނގިގެން އަނެއްކާވެސް ދެވުނީ އަލްފާޞިލް ޙުސައިން ފަހުމީގެ އަރިހަށެވެ. އަޅުގަނޑުގެ އަތް ބައްލަވާލެއްވުމާއެކު އޭނާ ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވެއްޖެއެވެ. ދެން ލަހެއްނުވެ “ދަތުރެއް” ލިބިދާނެއެވެ…. އަޖައިބެއް ނޫންތޯއެވެ؟… ހަމަލަސްތަކެއް ނުވެ ޞިއްޙަތު އޮފީހުން އަޅުގަނޑު މަޖީދިއްޔާގެ މުދައްރިސަކަށް ބަދަލު ކުރައްވައިފިއެވެ. އެދުވަސްކޮޅު ދިމާވާ ކޮންމެ ރައްޓެއްސަކު ބުނެލާހަދައެވެ. “ދެން ތިޔަ ސިލޯނު ދަތުރު ލިބުނީއެވެ!” ތެދެކެވެ.”މީހުންގެ ދުލަކީ ޙައްޤުގެ ގަލަންކޮޅެވެ…”

ކުއްލިއަކަށް އެއްދުވަހަކު އަޅުގަނޑަށް، ވަޒީރުލްއަޢުޡަމްގެ އޮފީހަށް ދާން އަންގަވައިފިއެވެ. އޮފީހަށް ދިޔަތަނާ އެއޮފީހުގެ ހިންގާސެކްރެޓަރީ

(އަލްފާޞިލް ފިހާރަދޮންކަލޭފާނު) އެންގެވީ މިހާރު ބަނދަރުގައި އޮތް “ޖޯޖިއަސް ކޭ” އިން ސިލޯނަށް ދާން ދަތުރު ހެދުމަށެވެ… މީ އުފަލުގެ ކޮޅެއް ނެތެވެ. އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވީ، އަލްފާޞިލް ޙުސައިން ފަހުމީއަށް ސައިފޮދެއް އެރުވުމަށެވެ.ދެން އެއާއެކު އެހެން ރަޙްމަތްތެރިންނަށެވެ.

އެތައް ދުވަހަކުއްސުރެ ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީއެވެ. އަޅުގަނޑު އުފާވީ، އާދައިގެ ކުންނާރުގަހެކޭ ހީކޮށްހުރި ގަހަކުން އާފަލުތަކެއް ނުކުންނާން ފެށީމާ އުފާވާހާ މިންވަރަށެވެ.

ކޮންމެއަކަސް ވަރަށް އަތްމަތި ހަލުއިކޮށްލައިގެން ޖޯޖިއަސް ކޭ ގައި ސިލޯނަށް ދާން ފުރައިފީމެވެ. އެތައް ދުވަހަކުއްސުރެ ދާހިތުންހުރި ސިލޯނުގެ ފަސްގަނޑުގައި އަޅުގަނޑުގެ ފައިތިލަ ޖެހުމާއެކު އިޙްސާސްވެގެން ދިޔަ ފޮނި އުފަލެއް އަޅުގަނޑުގެ ގަލަމަކުން އެއްގޮތަކަށްވެސް ބަޔާނެއް ނުކުރެވޭނެއެވެ.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑަށް ހުންނަން ދިމާވީ، ސޯސަންވިލާގައެވެ. އެއީ، ދެން ގާތްގަނޑަކަށް މާލެއެވެ. މުޅި ޖައްވުން ފެންނަނީ ދިވެހީންނެވެ. ކެއިންބުއިންވެސް ދިވެހި ގޮތަށެވެ. ހިސާބަކަށް މާލެއާ ތަފާތު ބައެއް ކެއިންބުއިން ދޭތެރެ ދޭތެރެއިން ނުލިބެއެކޭވެސް ނުދެންނެވޭނެއެވެ. ސޯސަންވިލާގައި އުޅުނުއިރު އެއްރެއަކު އަޅުގަނޑަށް ފޯނެއް އައިމާ އަޑުއަހާލިއިރު، ސުވާލުކުރައްވަނީ، ވައިޖެހޭގޭ އިބްރާހީމް ރަޝީދެވެ.

އޭނާ އެއްސެވިއެވެ. ޞިއްހަތު އޮފީހުގައި އުޅުނުއިރު ވަޒީރުލްއައުޒަމަށް ސިޓީއެއް ފޮނުވި ހަނދާންވޭ ހެއްޔެވެ؟ އެސިޓީގައި ސިލޯނަށް ދެވޭނެ ފުރުޞަތެއް ދެއްވުމަށް ދެންނެވި ހަނދާންވޭހެއްޔެވެ؟

އަޅުގަނޑު ހަނދާންކޮށްލާފައި ދެންނެވީމެވެ. އާދޭހެވެ. ހަނދާންވެއްޖެއެވެ. ދެންނެވީމެވެ.

ދެން ވިދާޅުވިއެވެ. ވިދާޅުވެގެން އެވާހަކަ ބުނެލީއެވެ. މިހާރު އެކަންތައް ހަމަޖެހިއްޖެ ނޫންހެއްޔެވެ؟ މިހިސާބުން ފޯނު ބާއްވަވައިފިއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. މިއީ ހާދަ އާދަޔާ ޚިލާފުގޮތަކަށް ކުއްލި ޙައިރާންކަމެއް، ކުއްލި އުފަލެއް ލިބުނުގޮތަކަށް ކޮށްދެއްވި ކަމެއްތާއެވެ! ދެން ވަރަށް ޝުކުރުކޮށް ހެޔޮދުޢާކުރީމެވެ.

ހައެއްކަމަސްދުވަސް ވަންދެން ސޯސަންވިލާގައި އުޅުމަށްފަހު، ބޮރެއްލާއަށް ބަދަލުވެއްޖައީމެވެ. އަޅުގަނޑު ހުންނަ ގެއަކީ ރެކްސް ތިއޭޓަރާ ދާދި ކައިރީގައި ހުރި ގެއެކެވެ. ގޭގެ މީހުން ވަރަށް ހެވެވެ. އަޅުގަނޑަށް ދިވެހި ކިޔަވައިދޭން ދާންޖެހެނީ ކޭރީ ކޮލެޖަށާއި ވެސްލީ ކޮލެޖަށެވެ.

އަޅުގަނޑު މުޅީންވެސް ދަތުރުކުރަނީ ބަހުގައެވެ. އެހެން އުޅޭންޖެހުމުގެ ސަބަބުން އެމީހުން ކިޔާނުކިޔާ އެއްޗެތި ވަރަށް އަވަހަށް އެނގޭން ފަށައިފިއެވެ. އަޅުގަނޑު ހުރީ 121 ނަންބަރު ކިންސީ ރޯޑުގައެވެ.

ދުވަސްކޮޅަކުން އެމްބަސީން އަޅުގަނޑަށް އިންޖީނުލީ ބައިސްކަލެއް ފޮނުއްވައިފިއެވެ. ނަމަވެސް އެއީ ވަރަށް އެހެން ކަހަލަ ގޮތަކަށް ދިމާވިކަމެއް އިނގޭތޯއެވެ. އަޅުގަނޑަކީ “އަތަށް” މާބޮޑަށް އީމާންވެވޭ މީހެކެވެ. ކުރިން ހިނގައި މިދިޔަ ކަންތައްތަކަށް ވިސްނާލާއިރުވެސް އެހެން ވެދާނެކަން ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނޫންތޯއެވެ!

ހަމަ ސިލޯނަށް ދިޔަތަނާހެން މީހަކު އަޅުގަނޑުގެ އަތް ބަލައިފިއެވެ. އޭނާ ބުނީ އަޅުގަނޑު އެކްސިޑެންޓެއް ވާނެ ކަމުގައެވެ. އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ބިރުގެންޖައީމެވެ. ވީމާ ބައިސްކަލަށް އެރޭތޯ ދެފަހަރަކު އުޅެލާފައި ބައިސްކަލް ނުދުއްވޭނެކަމަށް ދަންނަވައިފީމެވެ. މިއީ ކިހާ ސާދާ ކަމެއްތޯއެވެ؟ ނަމަވެސް…

އަޅުގަނޑަށް ސިލޯނުގައި އުޅެވޭން ފެށުމުން އެންމެ އަސަރާއެކީ އިޙްސާސްވީ އެއް ހިތާމައަކީ ބޭރުބަހެއް ނޭނގޭކަމުގެ ހިތާމައެވެ. އެއީ އަޅުގަނޑުގެ އެންމެ ނަޞީބުވެރި ފުރުޞަތު ގެއްލުނުކަމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑަށް ލިބިފައިވާ އުނިކަމެކެވެ. ދުވަހަކު ފޫބެދޭން ނެތް

އުނިކަމެކެވެ. ނަމަވެސް ސިލޯނަށް އާދެވި މިހެން އުޅޭން ދިމާވުމުން، ޓީޗަރަކު ހޯދައިގެން އިނގިރޭސި ކިޔަވާން ފަށައިގެންފީމެވެ. ވަރަށް ހެޔޮ ވަރަށް ރަނގަޅު ޓީޗަރެކެވެ. އޭނާ އަޅުގަނޑަށް ޔަޤީންކޮށްދިނީ ދެއަހަރެއްހައި ދުވަހުން ގާތްގަނޑަކަށް އިނގިރޭސިބަސް މުޅީންހެން ފުރިހަމަކޮށްދެވިދާނެކަމަށެވެ. އަޅުގަނޑުވެސް ކުޑައިރު ގެއްލުނު ފުރުޞަތު “އަނބުރާލިބޭން” އުޅޭތީ، ނުހަނު އުފަލާއެކު ހިތްވަރާއެކު އިނގިރޭސި ކިޔަވާން ފަށައިފީމެވެ. އަޅުގަނޑުގެ ޓީޗަރަކީ، އޮޅުންފިލުވައިދޭން ދަންނަ ޓީޗަރެކެވެ. ތަޖްރިބާ ހުރި ޓީޗަރެކެވެ. އަދި އިތުރު ގަޑީގައި ޒާހިރު ނަޞީރު ގާތުންވެސް ކިޔަވާން މަސައްކަތް ކުރަނީއެވެ. ނަޞީބު ރަނގަޅުކަމުން، އަޅުގަނޑާއި އޭނައާ މިތިބެނީ އެއްގެއެއްގައެވެ.

އަޅުގަނޑު ސިލޯނަށް ދިޔަތާ އަދި މިއުޅެނީ އަހަރެއްހައި ދުވަސްވެސް ނުވެގެންނެވެ. ކުއްލިއަކަށް ވަރަށް ނުބައި އޮއިވަރެއް ހިނގައިގެންފިއެވެ. ބިދޭސީންގެ އަތުން ނެގޭ ޓެކްސް މާބޮޑުވީއެވެ. އަޅުގަނޑު ހަނދާންވަނީ ބޮލަކަށް -/400 ރުފިޔާ ދައްކާންޖެހޭ ކަމެވެ. މިމައްސަލައިގައި ވަރަށް ދިގު ބަހުސްތައް ހިނގުމަށްފަހުވެސް ހަމަ އެނޫން ގޮތެއް ނެތްކަމަށް ވެގެން، ކިޔަވައިދޭން ތިބި ދިވެހި ޓީޗަރުންގެ ތެރެއިން ކޮންމެވެސް ޢަދަދަކަށް ޓީޗަރުން މަދުކޮށްލާން ޖެހިއްޖެއެވެ.

މިވާހަކަ އަޅުގަނޑުމެން އުޅޭ ހިސާބަށް ވެސް އަތުވެއްޖެއެވެ. އޭރު އަޅުގަނޑުމެންނަށް އުޅޭންޖެހިފައިވަނީ، ވަރަށް އަވަދިނެތި އުޅުމެކެވެ.އެގޮތަކީ

ޞ.ސ.އަލްފާޟިލް އާދަމް ނަޞީރުމަނިކު ވަރަށް އާލާސްކަންފުޅާ އުޅުއްވުމާއެކު އޭނާ ހުންނަވަނީ ސިލޯނު ސޯސަންވިލާގައެވެ. ސިލޯނުން ވަރަށް ގިނަ ތަންތަން އަޅުގަނޑަށް ފެނުނީ އޭނާ ސިލޯނަށް ވަޑައިގަތުމުގެ ސަބަބުންނެވެ.

ކޮންމެއަސް އަޅުގަނޑު، އިނގިރޭސި ކިޔެވުން މިހިރީ، ބާރަށް ކުރިޔަށް ގޮސްގޮހެވެ. ގެއްލުނު ރަނުގެ ފުރުޞަތެއް އަނބުރާ ލިބިފައިވާތީ، ރެއެއް ދުވާލެއް ނެތި ހިންމަތާއެކު މަސައްކަތް ކުރަނީއެވެ. ސްކޫލުން އަވަދިވެގެން ހުންނަ ކޮންމެއިރަކީ، ކިޔެވުމުގެ ވަގުތު އިނގޭތޯއެވެ!

އަނެއް ދުވަހު ހަމަ ކުއްލިއަކަށް އަޅުގަނޑަށް އެންގެވީ(އުތީމުން) މާލެދާން ފުރުމަށެވެ. އަޅުގަނޑާ އެކުގައި އިތުރު ހަތަރު ޓީޗަރުންވެސް މާލެދެއެވެ. އަޅުގަނޑަށް މާލެދާން މިޖެހުނީ، ދެކޮލެޖަށް ދާންޖެހިފައި އޮތުމާއެކު ބައިސްކަލް ދުއްވާން ނޭނގުމުގެ ސަބަބުންނެވެ. ނަސީބަށް ކަތިކަމެއް އަންނާންވެއްޖިއްޔާ އެންމެ ކުޑަކުޑަ އަލިފާން ކަންޏަކުން ރަށެއްވެސް އަނދައިގެން ހިނގައިދާނެއެވެ. ކަންތައް ވާގޮތް ދެކިވަޑައިގެން

ބައްލަވާށެވެ.

އަޅުގަނޑަށް ބައިސްކަލް ދުއްވާން ނުކެރުނު ގޮތްވެސް، ކުރީން ދެންނެވީމެއް ނޫންތޯއެވެ. އަތްބަލާމީހަކު ބުނި ވަރުގަދަ ބުނުމަކަށް ބިރުންނެވެ! ނަމަވެސް އެކަންވީގޮތްވެސް ވަރަށް ހެއްވައެވެ. މިކަން އޮޅުންފިލީއްސުރެ އަޅުގަނޑު އިންނަނީ، ޒާހިރު ނަޞީރުގެ މޮޓޯ ސައިކަލުގެ ފަހަތުގައެވެ. އެވަރުން އުޅެނިކޮށްވެސް، އެއްދުވަހަކު އަޅުގަނޑުމެންގެ މޮޓޯސައިކަލު ކާރެއްގައި ޖެހިފައި ދެގޮލާ ވިއްސައިގެން ގޮސް އޮތީ މާދުރަށް ޖެހިފައެވެ. މޮޓޯސައިކަލުންވެސް ތަންތަން ބަނޑިބަނޑިވިއެވެ. ދެން ބަނޑުން ވެލިފޮޅާލައިގެން ތެދުވެ، ކޮރުޖަހަމުން އަޅުގަނޑުމެން މޮޓޯސައިކަލު ދަމާފައި ގޮސްވަނީ، ކައިރީގައި ހުރި އެކަހަލަ އެއްޗެތި ހަދާ ބުޓިކް އަކަށެވެ. އެތަނުން އެހައްދައިގެން އާދެވުނީ ވަރަށް ހާލުގައެވެ. ބައްލަވާށެވެ. އެކްސިޑެންޓްވެސް ވީނޫންތޯއެވެ.

އާދެ، އެމް.ވީ އުތީމުން މާލެދާން އަންގަވައިފިއެވެ. އޭރު އަޅުގަނޑަށް ކޮޅުނބުން ބަލާލެވިފައި އޮތީ ހަމަ އެކަނި އެސަރަޙައްދުގެ ތަންތަނެވެ.

މާދުރަކަށް އަދި ނުދެވެއެވެ. ކަން މިހެންވެފައި ވަނިކޮށް ހިކިފިނިފެންމާގޭ ސަލީމާ އަޅުގަނޑާ ބައްދަލުކުރާން އަތުވެއްޖެއެވެ. އެއީ އަޅުގަނޑަށް ވަރަށް ހެޔޮ އެހާމެ ގާތް އެކުވެރިއެކެވެ. އޭރު ރައްޒާޤަކީ ކަމީނާމޮޓޯގެ ސޯލް އެޖެންޓޭ ހަނދާންވެއެވެ. އެއީ ބޮލުގެ އިސްތަށިގަނޑު ރަނގަޅު ކުރާ ތެލެއް ކަހަލަ އެއްޗެކެވެ. އޭނާ، އޭގެ ސާމްޕަލް އަޅުގަނޑުމެންނަށް ދިނެވެ. އޭރު، ރައްޒާޤާއި ސަލީމާގެ “ކަމީނާމޮޓޯ މުސްތަޤްބަލް ރޭވެމުންދެއެވެ.” އެހެންކަމުން އެދެމީހުންނަކީވެސް އަޅުގަނޑުގެ ރައްޓެހިންކަމުގައި ވެއްޖެއެވެ.

މާލެ ދާންއުޅޭ ވާހަކަ އެނގުމުން ސަލީމާއާއި ރައްޒާޤު އަޅުގަނޑަށް ކޭންޑީއާއި ނޫރަލީ ދައްކާލަން ނިންމައިފިއެވެ. ރައްޒާޤުގެ އަމިއްލަ ކާރުގައެވެ.

ފުރަން އޮތް ދުވަހުގެ ކުރީދުވަސް އެކަމަށް މުޅިން ހުސް ކޮށްފިއެވެ. ސަލީމާ އެރޭ ނިދީވެސް އަޅުގަނޑުމެން(ދެޒާހިރާއާއި ޒާހިރު ނަޞީރާއި އަޅުގަނޑު) ކޮޓަރީގައެވެ. އެރޭ ކޭރީ ކޮލެޖާއި ވެސްލީ ކޮލެޖުގެ ދަރިވަރުން އަޅުގަނޑުގެ ކިބައިން އެދުނީ، އެކުދިން ޕިކެޑްލީގައި ތައްޔާރުކުރާ ވަދާޢުގެ ޕާޓީއެއްގައި ބައިވެރިވުމަށެވެ. އަޅުގަނޑުގެ ހިތް ސީސޯއެއްގެ މެދުގައި ތެޅެން ފަށައިފިއެވެ. މިކޮޅަށް ޖެހިލާއިރަށް އެކޮޅު މައްޗަށް އަރައެވެ. އެކޮޅަށް ޖެހިލާއިރަށް މިކޮޅު މައްޗަށް އަރައެވެ.

އެއްކޮޅުން އެ ލޮބުވެތި ކުދީންކޮޅު، ހިތްހެޔޮކަމާއެކު ހިތުން ރުހުމުން އަތުން ޗަންދާ ނަގައިގެން ތައްޔާރުކުރާ ޕާޓީއެކެވެ.އެކުދީންނަށް ހޮސްޓެލުން ބޭރަށް ނުކުތުމަކީވެސް ވަރަށް ބޮޑު ކަމެކެވެ. އެކަމަކު އެކަންތައްވެސް ބިރު ކަނޑުވާލާފައި އެކުދީން ކުރާނެއެވެ.

އަނެއް ކޮޅުން ފުރަން މިޖެހުނީ، ސިލޯނުގެ ތަންތަން ބަލާވެސްނުލައެވެ. މިއޮތީ އެ ފުރުސަތު ލިބިފައެވެ. ހަމަ ހިލެއެވެ. އަދި ދެން އެނބުރި ސިލޯނަށް އާދެވޭނެ ކަމެއްވެސް ނޭނގެއެވެ. ކަންބޮޑުވެ ހާސްވެއްޖެއެވެ. ކުދީން ތިބީ އަޅުގަނޑުގެ ގާތަކު ނޫނެވެ. އަޅުގަނޑުގެ ގާތުގައި ހުރީ ސަލީމާއެވެ. ސަލީމާ ޔަޤީންކޮށްދިނީ، ފަތިހު ދަތުރު ގޮސްލާފައި ތަންތަން ބަލާލާފައި ހަވީރަށް އާދެވިދާނެކަމަށެވެ.މިޔަޤީންކަން ދިނީމާ އެންމެ ފަހުން އެގޮތަށް ދީލާލައިފީމެވެ.

އޭރު ކޭރީ ކޮލެޖުގައި ތިބި ކުދީންނަކީ، ސިއްކަ މުޙައްމަދު އިސްމާޢީލް މަނިކާއި، މުޙައްމަދު މުސްޠަފާ ޙުސައިނާއި، އަޙްމަދު ސަލީމް(ގަދަގެ)

އިބްރާހީމް އަޙްމަދު މަނިކު(އިބްރޭ)އެވެ.

ވެސްލީ ކޮލެޖުގައި ތިބި ކުދީންނަކީ، ޙަބީބު، އަޙްމަދު ނަސީމު، (ކެރަފާ) އަހްމަދު ރަޝީދު(ކުޑަދަހަރާގޭ)، ހުސައިން ޝިހާބު، އިމާދު، އެންޑީ އަޒީ، މުޙައްމަދު ނަޢީމް(ޕައިލެޓް ނަޢީމް)، މުޙައްމަދު އާމިރެވެ.

ކެންޑީއަށާއި ނޫރަލީއަށް ދިޔަ މަގުމަތީގައި ތަންތަނަށް ހުއްޓައި ސައިބޮއި ކައިބޮއި ހަދަމުން ގެންދިޔައީމެވެ.މި ދަތުރުގައި ބައިވެރިވަނީ، ސަލީމާއާ، ރައްޒާޤު، ޒާހިރާ، އާއި ޞާދިޤު އަދި ހައްވާ ޒާހިރެވެ. ޒާހިރު ނަޞީރު ބައިވެރިވެލެއްވި ހަނދާނެއްވެސް ވެއެވެ. ވޯޓަރ ފޯލްތަކާއި ރީތި ލޭކުތަކާއި ބައެއް ބަގީޗާ ބަލާލާފައި ކޮޅުނބަށް އަންނަން މިސްރާބު ޖެހުނުއިރު، މާ ލަސްވެއްޖެއެވެ.މިހާރު އަޅުގަނޑުވެސް

ހަމަ ހަޤީޤަތުގައި ވަރަށް ދެރަވެއްޖެއެވެ. ތެދެއްމެއެވެ. ކޮންމެވެސް އެއްކަމެއް ކުރެވުނީއެވެ. ރީތި ތަންތަން ބަލާލެވުނީއެވެ. ނަމަވެސް މުސްތަޤްބަލަށްޓަކައި އަޅުގަނޑަށް ތައްޔާރު ކުރެވުނު ކުދިންކޮޅުގެ ހިތް ހަލާކު ކޮށްލެވުނީއެވެ.

ދަތުރަށް ފުރަން އުޅުނުއިރު ބައެއް ކުދިން ބުންޏެވެ. ވީކްއެންޑްގައި ނޫނީ ދުލެއް ނުކުރާނެއެވެ. ހުއްދަ ހޯދަން ޖެހޭނީ ސިއްރުންނެވެ.(މާނައަކީ، ހުއްދައެއް ނުލިބޭނެއެވެ.) އަދި މުޞްތަފާ ވިދާޅުވިއެވެ. ތިޔަ ކުރައްވާ ކަންތައް ވަރަށް ދެރައެވެ. ޞާދިޤް މުސްތަޤްބަލުގައި އުޅުއްވަން ޖެހޭނީ، އަޅުގަނޑުގެ އެހީގައި ނޫންކަމެއްވެސް ނޭނގެއެވެ. އެވިދާޅުވި އެއްޗެއް އޭރަކު ނޭނގެއެވެ. އެހެން ނަމަވެސް މިހާރު އެވާހަކަ ދޭހަވެއްޖެއެވެ. އެބޭފުޅުން އުފެއްދެވި އީ.ޕީ.އެސް ގައި އަޅުގަނޑު 28 އަހަރު ވަންދެން އުޅުނީމެވެ. އަދިވެސް އަނެއް ބައި ކުދިން ބުނެއެވެ. އަހަރުމެންނަށް ދޭނެ އެއްޗެއް ނުލިބޭތީ، އެއްޗެއް ދެވޭވަރުގެ މީހުންނާ އެކުގައި ތަންތަނަށް ދެވޭނެތާއެވެ! އެކަމަކު އަހަރުމެންގެ ހިތުގައި މުދައްރިސަށް މިއުފެދިފައިވާ ލޯބީގެ އަގު މާ ބޮޑުވާނެއެވެ.

ދަތުރު ނިންމާލުމުގެ ކުރިން ވެސްލީ ކޮލެޖަށް ވަދެލާފައި ޚަބަރު ބަލާލާފައި އަންނަން ނިންމައިފީމެވެ. ކޮލެޖުގެ ގޯތިތެރެއަށް ވަނުމާއެކު ދިވެހި ދެކުދިންނާ ދިމާވެއްޖެއެވެ. އަޅުގަނޑު ވާހަކަ ދައްކަދައްކާ އެއްކުއްޖަކުވެސް އަނގައަކުން ނުބުންޏެވެ. އެއްކުއްޖެއްގެ ލޮލުން ހިސާބަކަށް ކަރުނައިގެ އަސަރުވެސް ފެނިއްޖެއެވެ. އިރުކޮޅަކުން އެހެން ކުއްޖަކާ ދިމާވެއްޖެއެވެ. މިހާރު ވެގެން މިއުޅޭ ގޮތް އެނގިއްޖެއެވެ. އެކުދިން ތިބީ

އަޅުގަނޑު ދެކެ ރުޅިއައިސްފައެވެ. އަޅުގަނޑަށް ހިތްނުބައިވެފައެވެ. އެކުދިން އެވަރަށް ޚަރަދުކޮށްގެން އެހާ މަސައްކަތުން ޕިކެޑްލީގެ މަތީބުރީގައި

ބޭއްވި އެފަދަ ޕާޓީއަށް އަޅުގަނޑަށް ނުދެވުނީމާ އެކުދިން އެތިބީ ހަމަހިމޭން މުޒާހަރާއެއް ކޮށްގެންނެވެ. އަޅުގަނޑުވީ ދެރައިން ބުނެފީމެވެ. ދެން އަވަހަށް ކިންސީ ރޯޑަށް އަޅުގަނޑުމެން އުޅޭ ގެއަށް ދަމާ ހިނގާށެވެ. އަޅުގަނޑު ވަރަށް ހިތުގައި ޖެހުނެވެ. ވަރަށް ދެރަވިއެވެ. އެރޭ ނިދަން އުޅެއުޅެ ނުވެސް ނިދުނެވެ. ނަމަވެސް މިއޮތީ ފުރަން ޖެހިފައެވެ. މި އުފާވެރި ދުވަސްކޮޅުގެ ހަނދާން ކުރަން މިޖެހުނީ ވަރަށް ހިތި ގޮތަކަށެވެ. ހަމަގައިމުވެސް ހިތަށް މިހެރުނު ކަށިތަކެއް ފަސޭހައެއްކޮށް އުފުރައެއް ނުލެވޭނެއެވެ.

ކަން މިހެންވެފައި ވަނިކޮށް ކުޑަސިއްކަ(ސިއްކަ މުޙައްމަދު އިސްމާޢީލް މަނިކު) އަނެއް ދުވަހު އައިސް އަޅުގަނޑުގެ ފޮށްޓަށް އެއްޗެހި އަޅައިދީ، ދަތުރަށް ތައްޔާރު ވުމުގެ ހުރިހާ ކަމެއް ނުހަނު ޢިޚްލާސްތެރިކަމާއެކު ކޮށްދިނެވެ. ނަމަވެސް އިއްޔެގެ ދަތުރާ ބެހޭގޮތުން، ދޭތެރެދޭތެރޭން ބަސްބަހުން ޖަހާލައެވެ. މިހާރު އިރުކޮޅަކުން ބޯޓަށް ދާންވީއެވެ. މިއީ ކަނޑުމަގުން ދަތުރުކުރުމުގެ ދުވަސްވަރެވެ.

އެހެންކަމުން ވަރަށް އަވަހަށް ފުރަން ދާންވެސް ޖެހެއެވެ. އެވަގުތުކޮޅުގެ ތެރޭގައި އެކި ކުދިންނާ ވަކިވަކިން ފޯނުން ގުޅައި އެކަމަށް މާފުއެދިހެދީމެވެ. ބައެއް ކުދިން ހިތްހެޔޮކުރި ވާހަކަ ބުންޏެވެ. އަނެއްބައިކުދިން ހަމަ އެތިބި ގޮތަށް ތިބީއެވެ. ބައެއް ކުދިން ހިސާބަކަށް ހަދިޔާ ދިނެވެ. އަނެއްބައިކުދިން ބަޚަބަރެވެ. އަދި އޭގެ އިތުރަށް އިއްޔެގެ ޕާޓީއަށް ހުއްދަ ނުހޯދައި ނިކުމެގެން ބައެއް ކުދިން ސަސްޕެންޑް ކުރި ވާހަކަވެސް ބައެއް ކުދިން ބުންޏެވެ.

ކޮޅުނބު ބަލާލަން ކުރި ދަތުރު ކިތަންމެހާވެސް އުފާވެރިއެވެ. ނަމަވެސް އެ ދަތުރު ނިމުން ނުހަނު ހިއްޗެވެ. އެ ދަތުރު ހަނދާންކޮށްލީމާ ހިތަށް ހެރެނީ، ވަރަށް ތޫނު ކަށިތަކެކެވެ.

އެމް.ވީ. އުތީމުގެ ދަތުރަށް ތައްޔާރުވެއްޖެއެވެ. ރަހްމަތްތެރިންނާއި ހެޔޮއެދޭމީހުން ހިތާމައާއެކު އަލްވަދާޢު ކިޔަމުން ގެންދިޔައެވެ. އެއީވެސް

ހަނދާނުގެ ވަރަށް ތޫނު ކަށްޓަކަށް ވެގެން ދިޔައެވެ.

ހިތި އެތައް އަސަރާއެކު އުތީމުން މާލެއައުމަށް ފުރައިފީމެވެ. އަޅުގަނޑުގެ ދުވަހަކު ބަދަލުވުމެއްނެތް ބަދުނަސީބުގެ މައްޗަށް އަޅުގަނޑު ކަރުނަ އަޅަމުން ހިތާމަކުރަމުންނެވެ.

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment