ދުވަހަކީ އޮފީހުގެ މަސައްކަތް ވަރަށް ބޮޑު ދުވަހެކެވެ. އެއީ 1968 ވަނަ އަހަރުގެ މާރޗް 5 ވަނަ ދުވަހެވެ. އާދެ ދުވަހަކީ، ދިވެހި ސަރުކާރާ އިދިކޮޅު ޢަމަލުތަކެއްކޮށް ސަރުކާރު ބަދަލުކޮށްލަން އުޅުނު ކުށްވެރިންތަކެއް، އަރުވާލުމުގެ ދުވަހެވެ. އެ ކުށްވެރިންގެ ސަރިޔަތް ނިމި ސަރިއަތުން ކަނޑައެޅުނު ޙުކުމް ތަންފީޒުކުރުމަށްޓަކައި އޭރުގެ ވުޒާރަތުއް ދާޚިލިއްޔާ (އ) އަށް އެބައިމީހުން ދައްކައިފިއެވެ. މުޅި އެހިސާބުގަނޑާއި ވުޒާރަތުއް ދާޚިލިއްޔާގައި ވަނީ، އާދަޔާ ޚިލާފު ހަމަހިމޭން، ނަމަވެސް ހަލަބޮލިކަމެއް ހިނގައިގެންފައެވެ. ކުށްވެރިންގެ ތެރޭގައި، ސިއްކަ…

ދުވަހަކީ އޮފީހުގެ މަސައްކަތް ވަރަށް ބޮޑު ދުވަހެކެވެ. އެއީ 1968 ވަނަ އަހަރުގެ މާރޗް 5 ވަނަ ދުވަހެވެ. އާދެ ދުވަހަކީ، ދިވެހި ސަރުކާރާ އިދިކޮޅު ޢަމަލުތަކެއްކޮށް ސަރުކާރު ބަދަލުކޮށްލަން އުޅުނު ކުށްވެރިންތަކެއް، އަރުވާލުމުގެ ދުވަހެވެ. އެ ކުށްވެރިންގެ ސަރިޔަތް ނިމި ސަރިއަތުން ކަނޑައެޅުނު ޙުކުމް ތަންފީޒުކުރުމަށްޓަކައި އޭރުގެ ވުޒާރަތުއް ދާޚިލިއްޔާ (އ) އަށް އެބައިމީހުން ދައްކައިފިއެވެ. މުޅި އެހިސާބުގަނޑާއި ވުޒާރަތުއް ދާޚިލިއްޔާގައި ވަނީ، އާދަޔާ ޚިލާފު ހަމަހިމޭން، ނަމަވެސް ހަލަބޮލިކަމެއް ހިނގައިގެންފައެވެ. ކުށްވެރިންގެ ތެރޭގައި، ސިއްކަ އަޙްމަދު މަނިކާއި، ޢަބްދުލްމަޖީދު މާހިރު ހިމެނެއެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ރައީސް ޞާޙިބުލް ފަޚާމާ ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ އިންނެވި އެންމެ އަންހެން ދަރިކަނބަލުން އަމީނާ މުޙައްމަދު އަމީން ވެސް ހިމެނިވަޑައިގަނެއެވެ. އެދުވަހު އޭނާ ތުރުކުރައްވައިގެން ހުންނެވީ، ގަދަނޫކުލައިގެ ހެދުން ކޮޅެކެވެ. ތެދު ތެދަށް ދަންނަވަނީނަމަ އޭނާގެ މޫނުފުޅުމަތިން ހާސްވެވަޑައިގަތުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އާދޭހެވެ. “އެންމެ ކުޑަކުޑަ ލޭތިއްކެއް ލިބުނަސް ފަރާތުން ދޮންލުއީ، އެންމެ މަތިވެރި އަންހެން ދަރިއެއްކަން” ކޮންމެ ކަމެއްގައި ވެސް އޭނާ ހާމަކުރައްވަނީއެވެ. ކުށުގެ ވަގުތުގައިވެސް މެއެވެ.

ކުށްވެރިންގެ ގާތުގައި ފޯރިއަށްތިބި ސިފައިން، ކުށްވެރިންގެ އަތުން ބިޑި ނައްޓަނީއެވެ. އަމީނާ މުޙައްމަދު އަމީން ކަޅިޖައްސަވާނުލައްވާ ބައްލަވާން އިންނެވިއެވެ. އޭނާގެ އޭރުގެ ފިރިކަލުން އަލްއަޚް ޢަބްދުލްމަޖީދު މާހިރުގެ އަތްޕުޅުން ބިޑި ނައްޓާލެވުނު މަންޒަރެވެ. ދެމަފިރިކަނބަލުން އެ ތިއްބެވީ ކިހާ ކައިރީގައިތޯއެވެ! ދެމެދުގައި ފޫޓެއްވެސް ނެތެވެ. ނަމަވެސް ޢަޖައިބު ޤުދުރަތެވެ! އެ ދެމަފިރިކަނބަލުން އެތިއްބެވީ ކިހާ ދުރެއްގައިތޯއެވެ! ޤާނޫނާއި ސަރިއަތުގެ ހަމަތައް އެތައްހާސް މޭލެއް އެދެމެދަށް ހުރަސްއަޅާފައިވެއެވެ. ކިތަންމެ ވަރަކަށް ބައްލަވާލެއްވުނަސް އެއްވެސް އެއްޗެއް ވިދާޅުވުމަށް ދޫފުޅު ކިތަންމެ ކުޑަ ޙަރަކާތެއްވިއަސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކުރެއްވޭކަށް ނެތެވެ.

މިހާރު ސިއްކަ އަޙްމަދު މަނިކުގެ އަތުން ބިޑި ނައްޓާލެވިއްޖެއެވެ. ޗަންޕާ އަޙްމަދު މޫސާގެ އަތުންވެސް ބިޑި ނައްޓާލެވިއްޖެއެވެ. ޔުނީފޯމްގައި ފޯރިއަށް ތިބި ސިފައިން އެމީހުންގެ ވާޖިބު އަދާކޮށް ނިމުނު ހިނދު، ތިރިއަށް ފޭބުމަށްޓަކައި ސިޑިއާދިމާއަށް ހިނގައިގެންފިއެވެ. އޭރު ކުށްވެރިން ގޮވައިގެން ފުރުމަށްޓަކައި ކަނޑިންމަ މަތީގައި ހަތަރު ބައްތެލި ތައްޔާރަށް އޮތްކަމަށް ވެއެވެ.

މާހިރު ގެންދެވިއްޖެއެވެ. ޗަންޕާ ގެންދެވިއްޖެއެވެ. އަމީނާވެސް މެއެވެ. މިހާރު އިނީ، ހަމަ އެކަނި ސިއްކަ އަޙްމަދު މަނިކެވެ. އޭނާގެ ދެފަރާތުގައިވެސް އެގޮނޑީގައި މީހުން އިށީނދެގެން ތިއްބެވެ. އަޅުގަނޑަށްވެސް އެތަނަށް ދެވިއްޖެއެވެ. އެތައް ދުވަހަކު ޖަލުގައި އިނުމާއި، ސަރިއަތުން އަދަބު ލިބުމާ އަދިވެސް އެތައް ސަބަބަކާހުރެ މޫނުމަތިން ވަރަށް ބޮޑަށް ވަރުދެރަކަން ހާމަވޭވެ ހުއްޓެވެ. އަޅުގަނޑަށް އެހިސާބަށް ދެވުމާއެކު ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ހިތްދަތި އަޑަކުން އޭނާ ބުނެލިއެވެ.

“އަހަރެންގެ ކުދީންކޮޅަށް ބަލާލަދޭތި އިނގޭއެވެ! ބޭރަށް ނިކުމެ އުޅުނަ ނުދޭށެވެ! ގޭގައި އެހެން ބުނެދޭށެވެ. ދުނިޔޭގައި އުޅެންޏާ ކަންތަކާވެސް ދިމާވާނެއެވެ!” މިހިސާބަށް ބުނެވުމާއެކު އިސްމާޢީލް މާހިރުވެސް އެތަނަށް ވަޑައިގެންފިއެވެ. އަޅުގަނޑުމެން އެތާނގައި އިށީނދެލައިފީމެވެ. އަޅުގަނޑާއި އިސްމާޢީލް މާހިރާވެސް ވާހަކައެއް ދައްކާލައިފީމެވެ. އަޅުގަނޑު އަތުގައި އޮތް އޭނާގެ އުރުދޫ ފޮތްކޮޅެއްގެ ވާހަކައެވެ. ދެން ސިއްކައާ ބައްދަލުވެވުނު ވާހަކަ (ހ) ކޮޓަރީ، މުޙައްމަދު ޞާދިޤުގެ މޭޒުދޮށުގައިވާ އަޅުގަނޑުމެންގެ އަކުރު (ބ) ގެ ސެކްރެޓަރީ ފުއްލާ ޢަލީ ޙުސައިން ގާތުގައިވެސް އަޅުގަނޑު ބުނެލައިފީމެވެ. ހިނގީ، ހަމައެކަނި މި އާދައިގެ ހާދިސާއެވެ. ޤުދުރަތުގެ ޢަޖައިބެވެ! މިއާއެކު އަޅުގަނޑުގެ ނަސީބު މުޅިން ބަދަލުވީއެވެ! އަޅުގަނޑުތޯއެވެ! ވަރަށް ތެދުވެރިކަމާއެކު ސިޔާސީ ކުށެއް ނުކޮށް ސަރުކާރުގައި އުޅެވޭތޯ ހިންމަތްކުރި މުވައްޒަފެކެވެ. ސޯޅަ، ސަތާރަ އަހަރަށްވުރެވެސް ގިނަދުވަސްވަންދެންނެވެ. ނަމަވެސް އާދޭހެވެ. ވަރަށް ބޮޑު ތެދެކެވެ. “ބެދޭ މަޅިއެއް ނުފެންނާނެއެވެ.”

“ކުދިލުނބޯ”މެން ތަޙްޤީޤެއްގައި

އެދުވަހު އޮފީސް ނިމެން ދާދި ކައިރިވެފައި ހުއްޓާ، އަޅުގަނޑުމެން ސިއްސުވާލީ ސިއްކަ ވަޙީދާއި ކުދިލުނބޯ މުޙައްމަދު މަނިކަށް ދިމާވި މައްސަލައެވެ. އެދެމީހުންނަށް ދާޚިލިއްޔާ (އ)ން ސުވާލުތަކެއް އެބައާދެއެވެ. ތަޙްޤީޤެއްގެ ސިފައިގައި ކަންތައްގަނޑެއް އެބަ ހިނގަމުން ދެއެވެ. މެންދުރުފަހުން އޮފީހަށް އައިއިރު ވެސް ހަމަ އެތަޙްޤީޤެއް އެގޮތަށް ޖާރީވެފައިއޮތެވެ. މައްސަލައަކީ ޢަބްދުއްސައްތާރު ޙަސަން ހުރާ، ސިއްކައާ ވާހަކަދެއްކި މައްސަލައެވެ. އަޅުގަނޑަށްވެސް ކުއްލި ޝޮކެއް އަތުވެއްޖެއެވެ. އަނެއްކާ އަޅުގަނޑުމެންގެ ކަންތައް ކިހިނެއްވާނެބާވައޭ ހީވެއްޖެއެވެ. އެއީ، ހަމަ ފާޅުގައި އޭނާގެ ގާތުގައި އަޅުގަނޑުމެން އިށީނދެ ތިބިތަން އެތައް ބައަކަށް ފެންނާނެތީއެވެ. ކަން ހިނގި ނުހިނގި ގޮތް އެމީހުންނަށް ނޭނގޭނެތީއެވެ. ހަވީރު އޮފީސް ނިމިގެން މަދަރުސަތުލް އަމަލް(އާމިނަތު ޒާހިރާ ހިންގަވާ އަމިއްލަ މަދަރުސާ) ހިންގަމުން ގެންދާ، ގ. ގްރީންލިންއަށް އަޅުގަނޑު ހިނގައްޖައީމެވެ. އެތާނގައި އަޅުގަނޑު އަދާކުރަން ހުރި ބައެއް ވާޖިބު އަދާކޮށްލާފައި އެނބުރި ގެއަށް އަތުވެއްޖައީމެވެ.

އާދައިގެ ރެއެކެވެ. ކާލައިގެން ވަރުބަލި ފިލުވާލަން އެނދުގައި ޖައްސާލައިފީމެވެ. ކުއްލިއަކަށް މީހަކު ގޮވާލީމާ ބޭރު ބަލާލިއިރު ހުރީ ދާޚިލިއްޔާ (އ)ގެ ޕިޔޯނެކެވެ. އައިސް ހުރީ އަޅުގަނޑު ބަލައެވެ. އެއްވެސް ވަސްވާހެއް ނެތެވެ. މައްސަލަ ޖެހުނީއެވެ. ޒަމާން އޮތްގޮތުން މިބާވަތުގެ ކަމެއްގައި ތުހުމަތެއް ވެލިއަސް ނަސީބު އަލްވަދާޢުކީއެވެ. ވީމާ، ހަމަޖެހިލައިގެން އޭނާއާއެކު ހިނގައްޖައީމެވެ. އޮފީސްތެރެއަށް ވަދެ ދިގުގޮނޑީގައި އިށީނދެލައިގެންއިންދާ ދާޚިލިއްޔާ (ބ)ގެ ސެކްރެޓަރީ ފުއްލާ ޢަލީ ޙުސައިން ދުރުވެ އޭނާއަށްވެސް ދެފަހަރަކު ސުވާލު އައިވާހަކަ ބުނުއްވާލެއްވިއެވެ.

އިރުކޮޅަކުން އަޅުގަނޑު ގެންދެވިއްޖެއެވެ. ސުވާލުކުރެއްވީ އަލްފާޟިލް ޙުސައިން ޒަކީއެވެ. ދާޚިލިއްޔާ (އ) (މިހާރު ނަމަ ޕްރިޒަން ޑިވިޜަން)ގެ ޚާއްސަ ވަކީލެވެ. މިރޭ ސުވާލު ކުރައްވަން އިންނެވީ ދާޚިލިއްޔާގެ އެންމެ ހުޅަނގު ކޮޓަރީގައެވެ.އެއީތޯއެވެ؟ މާލޭ ރޭޑިއޯ ދުނިޔޭގެ އަލިކަން ދުށް ކޮޓަރިއެވެ. އަޅުގަނޑުގެ ކޮންފަދަ ތާރީޚީ ހަނދާންތަކެއް އެކުލެވިފައިވާ ކޮޓަރިއެއްތޯއެވެ؟ މާލޭ ރޭޑިއޯގައި އެކޮޓަރީގައި އަޅުގަނޑު މަސައްކަތްކޮށްފައި ހުންނާނީ ހަމަ އެކަނި އެނައުންސަރެއްގެ ގޮތަކުން ނޫނެވެ. އަދި ކީއްތޯއެވެ؟ ޕޮގްރާމްތައް ރާވާ ރޭޑިއޯއަށް ޑްރާމާ ލިޔެދީ ހެދި މީހެއްގެ ގޮތުންވެސްމެއެވެ. އަދިވެސް އެތައް ރޮނގަކުންނެވެ. އަޅުގަނޑުމެން ރޭޑިއޯ މަސައްކަތުގައި، ނުކައި ނުބޮއިވެސް މަސައްކަތުގައި ދެމިތިބީމުއެވެ.

އަލްފާޞިލް ޙުސައިން ޒަކީގެ ސުވާލުތައް ދިމާކުރެއްވީ މުޅިންވެސް އަޅުގަނޑު ދެންނެވި ރޮނގުންނެވެ. ދެވާހަކައެއް ދެންނެވޭއިރަށް އަޅުގަނޑު ކުށްވެރި ވެއްޖެއެވެ. ނަމަވެސް އެރޭ ދޫކޮށްލެއްވިއެވެ. މައްސަލާގެ ހޫނުކަން އަޅުގަނޑަށް ރަނގަޅަށް ވިސްނިއްޖެއެވެ. ދެން އެތަނުން އަޅުގަނޑު އަވަސްވީ ބައެއް ރަޙްމަތްތެރިން ގާތުގައި އެވާހަކަ އެރޭ ބުނެލުމަށެވެ. އެހެންނޫނީ ޗާންސެއް ނުލިބޭނެތީއެވެ. އެތަންތަނަށް ގޮސް ބުނެލައި ހަދައިފީމެވެ. ބައެއް ގޭގޭގައި، މާދަމާ ޖަލަށްލާނެ ވާހަކަވެސް ބުނީމެވެ. އަދި ބައެއް ގޭގެއިން އަލްވަދާޢުގެ ކާއެތިކޮޅެއްވެސް ލިބިގަތީމެވެ.

އަދިވެސް ތަޙްޤީޤުގައި

ހެނދު އޮފީހަށް ގޮސް އިށީންތަނާ، އަނެއްކާވެސް ބޭރަށް ނުކުތުމަށް ދާޚިލިއްޔާ (އ) އިން އަންގަވައިފިއެވެ. ބޭރު ގޮނޑީގައި އިށީނދެލައިފީމެވެ. ޙުސައިން ޒަކީ ވަޑައިގަތުމުން ތަޙްޤީޤު ހިނގައިގެންފިއެވެ. ވަރަށް ދިގު ޗުއްޓީއަކަށް އަޅުގަނޑު ހުރީ އިންތިޒާރުކޮށްގެންނެވެ. އާދެ، ހައްޖު މަހުގެ 9، 10، 11، 12، 13 އަށެވެ. މިއަދަކީ މާރޗް 7 ވަނަ ދުވަހެވެ. ނަމަވެސް އެދުވަހު އޮފީސް ބަންދުވުމުގެ ވަގުތު އަންނަންވީއިރު، އަޅުގަނޑު ކޮބައިތޯއެވެ؟

އަމަންޢާންމުގައި

ދިހައެއް ޖަހަން ކައިރިވެފައި ހުއްޓާ ޕިޔޯނާއި ފޮތަކާއެކު އަޅުގަނޑާއި ހުރާ ޢަބްދުއްސައްތާރު އަމަންޢާންމަށް ފޮނުވައިފިއެވެ. އަޅުގަނޑު ހީކުރީ އަމަންޢާންމާ އަޅުގަނޑުމެން ޙަވާލު ކުރީ ކަމަށެވެ. ނަމަވެސް އިރުކޮޅަކުން އެތަނުގެ ޕިޔޯނަކު، އަޅުގަނޑުމެން ގޮވައިގެން ސިފައިންގޭ ފެހިކޮޓަރިއަށް ހިނގައްޖެއެވެ. އަޅުގަނޑުމެން އެތަނަށް ގެންދެވުނުއިރުވެސް، ތަޙްޤީޤެއް ކުރެވެމުންދާ އަޑުއިވެއެވެ. އެތަނަށް ތަޙްޤީޤުކުރަން ގެންދާނީ ބާވައޭ ހީވެހީވެ އިނީމެވެ. ޢަބްދުއްސައްތާރު އިނީ އަޅުގަނޑާ ވަކިކޮށްފައެވެ. ދުރުގައި ހުރި ގޮނޑިއެއްގައެވެ.

އިރުކޮޅަކުން ފޯރި ބަދަލުވަމުން ދެއެވެ. ފެންފޮދަކަށް އެދުމުން، ސިފައިންގެ މީހަކު ފެންޖަގެއް ހިފައިގެން އައިސް ފެން ދީފިއެވެ. އަޅުގަނޑުމެންނާއެކު އެތާނގައި އަންހެނަކުވެސް އިނެވެ. އޭނާގެ މޫނުމަތިންވެސް ހިތާމައިގެ އަސަރެއް ނުފެނެއެވެ. ވީއިރު އަޅުގަނޑުގެ ހިތަށް ޖަމާވަމުން މިދާ ހިތާމަވެރި ޝުޢޫރުތަކަށްޓަކައި އަޅުގަނޑު ވަކީން ރޯންވީ ކީއްވެގެންހޭ ހިތަށް އެރިއެވެ. އެހިނދު ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ލޮލުތެރެއަށް އޮއްބާލައިފީމެވެ. އެންމެ ބޮޑަށް ހިތަށް ވަންނަނީ ބަލިޙާލުގައިވާ އަޅުގަނޑުގެ މަންމައެވެ. މަންމައަކީ ވަރަށް ބަލި މީހެކެވެ. މިއިން ޚަބަރެއް ލިބިއްޖެނަމަ ވާނެގޮތް… އަސްތާއެވެ.

ނަމަވެސް ކުރާނީ ކީއްތޯއެވެ. މާތްރަސްކަލާނގެއާ ވަކީލެވެ. އިރުއިރުކޮޅާ ހިތް ފުރިގެން އައުމުން، އަނގައިން އެދުއްވާލެވޭ މާނޭވާތައް އެއީ މުޅި ޢުމުރުގައިވެސް މިހާތަނަށް އަދި އަޅުގަނޑަށް ތަޖުރިބާ ނުކުރެވޭކަހަލަ ނޭވާތަކެކެވެ. ހާދަ ހިތި، ހާދަ ވޭނީ ނޭވާއެކެވެ! އެއީ މުޅިންވެސް ބޭއިޚުތިޔާރުގައި ލެވޭ ނޭވާއެކެވެ. ދެން، މިއީ މިތަންވެސް ބަލާލެވޭ ފަހަރޭ ހިތަށް ވައްދާލީމެވެ.

ޖޭމުގަހުގައި ރަތްވެފައި އޮތީ ހުސްޖޭމެވެ. އެތާނގައި ތަޙްޤީޤަށް ގެނެވިފައިހުރި މުސްކުޅިވަރެއްގެ ބީރައްޓެއްސަކު ދެޖޭމެއް ހޮވާލައިގެން ކާލައިފިއެވެ. ކުއްލިއަކަށް ސިފައިންގެ މީހާ، އެކަން މަނާކޮށްފިއެވެ. އެތަންވަޅު އަނެއްކާވެސް ކުޑަ ހިނިކޮޅެއް އަތުވެއްޖެއެވެ. ނަމަވެސް އަޖައިބަކީ، ހިނިކޮޅެއްވެސް އަދި އެހެން އެބާވަތުގެ އަސަރެއްވެސް، މާގިނައިރު ދެމިހުންނަގޮތެއް ނުވެއެވެ. ވަރަށް އަވަހަށް ކެނޑިދެއެވެ. އޮންނަނީ މިޚިޔާލެވެ! ދެން ވާން މިއުޅެނީ ކިހިނެއްބާވައެވެ؟ އަޅުގަނޑަށް ހީވަނީ، އެޚިޔާލާހުރެ އެހެން އުފާވެރި އަސަރަކަށްވެސް ދެމިނޯވެވެނީހެންނެވެ.

ހާދަދެރައެވެ! އަޅުގަނޑުވެސް މިއީ ފިނޑި މީހަކީ ބާވައެވެ! ނޫނެކެވެ. ކަންތަކާ ދިމާވާނީ ފިރިހެނުންނާއެވެ! އަނެއްކާވެސް ހިތްވަރު ލިބިގެންފީމެވެ. މިފަހަރު ހިތަށް ވަދެގަތީ އަޅުގަނޑު އެންމެ ލޯބިވާ ރަހްމަތްތެރިޔާގެ އިޚްލާޞްތެރި މޫނެވެ. މަދަރުސާ ކުދިންކޮޅުގެ ހަނދާންތަކެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ދެލޯ ފުރިގެން އެދިޔައީ ހާދަ ހިތި ކަރުނައަކުންނެވެ. ކުއްލިއަކަށް ލޯ ފުހެލައިފީމެވެ. ހެޔޮހައި އެއްޗެއް ކިޔުން ނޫން ގޮތެއް ނެތެވެ. މިއުޅެނީ ދެން ހާދަ ދެރަގޮތެއް ވާށެވެ.

ކުއްލިއަކަށް އެދިމާ ބޭރުން އިވުނީ “ގަރުމާގަރަމް” ގެ އަޑެވެ. ފަނޑު ހިނިކޮޅެއް އެވަގުތު އަޅުގަނޑުގެ ތުންފަތްމައްޗަށް ވެރިވިއެވެ. މޮޓޯސައިކަލް ކާރު އެއްޗެހީގެ އަޑުވެސް، ބޭރުން އިވެއެވެ. މެންދުރުވަގުތާ ދާދިކައިރިވެފައި ހުއްޓާ މީހަކު އަތުވެއްޖެއެވެ. ބޭރަށް ނުކުތުމަށް އަޅުގަނޑުމެންނަށް އަންގާލިއެވެ.

ސިފައިންގެމީހާގެ ފަހަތުން ނުކުމެވުނީ ނ.ތ. ޙަސަންދީދީއާއި، ޙުސައިން ޒަކީގެ ކުރިފުޅުމައްޗަށެވެ. އެބޭފުޅުން އޮފީހުން ނިމިވަޑައިގެން، ގެއަށް ވަޑައިގަންނަވަނީއެވެ. އަޅުގަނޑުމެން ގޮތް ނޭނގޭ ދަތުރަށް ފެށުމަށް ނުކުންނަނީއެވެ. ނ.ތ. ޙަސަން ދީދީ އެއީ، އަޅުގަނޑު ހާދަ ލޯބިވާ ބޭފުޅެކެވެ. އޭނާގެ ހިތްޕުޅަށް ހަމަގައިމުވެސް އެވަގުތު ތެދުވެރި ހަމްދަރްދީ ނޫން ދެވަނަ ދޭއްޗެއް ނުވަންނާނެއެވެ. އެހެންނަމަވެސް އެއިން މީހަކަށް މިއަދު ކުރެވޭން އޮންނާނީވެސް ކީއްތޯއެވެ؟

އިބްރާހީމީ މައިދާން ހުރަސްކޮށް އިބްރާހީމިއްޔާއާ ދިމާއަށް ދަނީއެވެ. އޮފީހަށް ވަދާޢީ ކަޅިއެއް އެއްލީމެވެ. ކުދިލުނބޯއާއި ބައެއް ރަހްމަތްތެރިން ބައިސްކަލުގައި އަތްއަޅާލައިގެން ތިބީތީ ފެނުނެވެ. ސިފައިންގެ “ޕައްޕައް ބޯޓު” އޮތީ ތައްޔާރަށެވެ. އިސްޓާޓުވެސް ކޮށްފައެވެ. އެހިނދު އެތާނގައި ތިބި އެންމެންގެ ކަޅި ހުއްޓިފައިވަނީ އަޅުގަނޑުމެންގެ މައްޗަށެވެ. ސިފައިންގެ މީހެއްގެ އޯޑަރަށް އަޅުގަނޑުމެން ލާންޗަށް އަރައިފީމެވެ. ލާންޗް މާލޭ ފަޅުން ބޭރުކޮށްލުމަށްޓަކައި ކަނޑިންމައާ ދިމާއަށް ދުއްވައިގެންފިއެވެ.

ލާންޗުގައި ދަތުރުކުރުމަކީ އަޅުގަނޑު ހާދަ ކުރާހިތްވާ ކަމެކެވެ. އަޅުގަނޑަކީ އެކަމާ ހުރެ “މަރުވާ” މީހަކީމެވެ. ނަމަވެސް މިއަދުގެ މިދަތުރުން ލިބޭ އެއްވެސް ހިތްގައިމުކަމެއް ނެތެވެ. އެނބުރި މާލެއާ ދިމާއަށް ބަލާލައިފީމެވެ. ގިނިދޮންބެއާއި ފީބޯ ޙަސަން މަނިކު، އަޅުގަނޑުމެންނާއި ދިމާއަށް ބަލަން ތިބެތިބެފައި، އެމީހުންގެ މޮޓޯސައިކަލަށް އަރައިގެން ދުއްވާލައިފިއެވެ.

މާލެ އޮވެގެން ދުރަށްދެއެވެ. ގެރިކަށިގަނޑު ފަސްދީފިއެވެ. މިހާރު މާލެ ފަހަތަށް ހިނގައްޖެއެވެ. އެހެރީ ނެދުންގޭ ބަދިގޭ ދުންހޮޅިއެވެ. އެހެރީ އަހަރުމެން ކާން ސައިބޯން ތިބޭ ތަނެވެ. އެހެރީ ސިއްކަމެން ގެއެވެ. އަހަރެމެން މިއޮއް ނުރައްކާ ދަތުރު މިކުރަނީ، އެމީހުންނާ ނުހަނު ބޮޑަށް ގުޅިފައިވާ މައްސަލައަކާ ބެހޭ ގޮތުންކަން އެމީހުން ދަންނާނެބާވައެވެ؟

                        (ނުނިމޭ)


 

 

 

 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment