(ޖޫން މަހުގެ 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ) ވިލިގިނލި ރަށާ ކައިރިއަށް ދެވުނުދެވުނުހެން، ހިތުގައި ހިނގަމުން ދިޔައީ އަޖައިބެއް ކަހަލަ ޝުޢޫރުތަކެކެވެ. އެއްކޮޅުން އަޅުގަނޑުގެ ކުށަށް ލިބޭނެ އަދަބެވެ. އަނެއް ކޮޅުން ނުފެނި އެތައް ދުވަހެއް ވެފައިވާ އަޅުގަނޑުމެންގެ އަޚުންތަކެއް، އެބައެއްގެ ޙާލާއެކު ފެންނާނެގޮތް ދިމާވާ ކަމެވެ. އޭގެ ހިތްހަމަޖެހުމެވެ. މިއީވެސް ބަލާލަން ބޭނުން ރަށެކެވެ. މިއީ ޝުކުރުކުރާވަރުގެ އިއްތިފާޤެކެވެ. އަޅުގަނޑުމެން، ފާލަންމައްޗަށް ބާލައިފިއެވެ. ގެންގޮސް ރުކެއްގެ ހިޔަލުގައި ކޮޅަށް ބައިތިއްބައިފިއެވެ. ލައްކަ ގިނައިރު އެގޮތަށް…

(ޖޫން މަހުގެ 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ)


ވިލިގިނލި

ރަށާ ކައިރިއަށް ދެވުނުދެވުނުހެން، ހިތުގައި ހިނގަމުން ދިޔައީ އަޖައިބެއް ކަހަލަ ޝުޢޫރުތަކެކެވެ. އެއްކޮޅުން އަޅުގަނޑުގެ ކުށަށް ލިބޭނެ އަދަބެވެ. އަނެއް ކޮޅުން ނުފެނި އެތައް ދުވަހެއް ވެފައިވާ އަޅުގަނޑުމެންގެ އަޚުންތަކެއް، އެބައެއްގެ ޙާލާއެކު ފެންނާނެގޮތް ދިމާވާ ކަމެވެ. އޭގެ ހިތްހަމަޖެހުމެވެ. މިއީވެސް ބަލާލަން ބޭނުން ރަށެކެވެ. މިއީ ޝުކުރުކުރާވަރުގެ އިއްތިފާޤެކެވެ.

އަޅުގަނޑުމެން، ފާލަންމައްޗަށް ބާލައިފިއެވެ. ގެންގޮސް ރުކެއްގެ ހިޔަލުގައި ކޮޅަށް ބައިތިއްބައިފިއެވެ. ލައްކަ ގިނައިރު އެގޮތަށް ކޮޅަށް ތިބޭން ޖެހުނެވެ. އެއީ ސިފައިންގެ އޮފީހުގެ ކުރިމައްޗެވެ. ކުޑަކަމުދާންވެގެން ބުނުމުން ގޮނޑުދޮށަށް ފޮނުވައިފިއެވެ. މީހަކު ބަލަން ހުރެއެވެ. ނިމުމުން ގެނެސް، އިހަށްވެސް ހުރިތާނގައި ބަހައްޓައިފިއެވެ. ވަރަށް ކަޅުކޮށް ތިބި މީހުންތަކެއް، ވަރަށް ކުޑަގޮތަކަށް އޮރިޔާން ނިވާކޮށްލައިގެން ތިބި ބައެއް، އެބަ ފެނެއެވެ. އެއީ މަސައްކަތްކުރާ މީހުންނެވެ.

ދަންނަވަންތޯއެވެ. އެއީ ވެސް ކުށްވެރީންނެވެ. މިތިބީ ކުޑަކުޑަ ކުދީންކޮޅެކެވެ. ހޮކީ ކުޅުމުގައި ގެއްލިފައެވެ. މިއީވެސް، އިޞްލާޙް ނުވެގެން މިތަނަށް ގެނެސްފައި ތިބި ކުދީންނެވެ. ފަހުން އަޅުގަނޑަށް ދަސްވިގޮތުގައި، ޖަލުމީހުން އެކުދިންނަށް ކިޔަނީ، “ރޮނޑުބިސް” މިހެންނެވެ. މަސައްކަތުމީހުންނާއެކު ކޮންމެ ދުވަހަކު ހެނދުނު، ފާރޮށިގޯނިތަކުގައި ތިބޭ މީދާ މެރުމުގައިވެސް، މިކުދިން ބައިވެރިވާނެއެވެ. މަސައްކަތްކުރާ މީހުންގެ ތެރޭގައި އަޅުގަނޑުގެ އެކުވެރި ސިއްކަގޭ ނަސީމް ހުއްޓަތީވެސް ފެނެއެވެ. ނިކަން ކަޅެވެ.

އިރުކޮޅަކުން ޢަބްދުﷲ ލުޠުފީ ގެނެސް ބިޑިއަޅައިފިއެވެ. އޭނާ ފެންފޮދަކަށް އެދުމުން ގެނެސްދީފިއެވެ. ނަމަވެސް ވަރަށް ހޫނު ފެނެވެ. ފަހުން އަޅުގަނޑަށް ވިސްނުނެވެ. ހުރިހާ ޖަލުމީހުންނަށްވެސް ދެނީ ކެއްކިފެނެވެ. ވަރަށް ރަނގަޅު ކަމެކެވެ. ހުރާ ޢަބްދުއްސައްތާރުވެސް ފެންބޮނިކޮށް ފެނުނެވެ. ވާރޭވެހެން ފެށުމުން އެތާހުރި އުނދޯލިގެއަކަށް އަޅުގަނޑުމެން ވައްދައިފިއެވެ.


ފާސްކުރުން

ޖަލަށް ލުމަށްޓަކައި، ޢަބްދުއްސައްތާރު ގެންގޮސްފިއެވެ. ތާކިހާ ދައްކައިފިއެވެ. އޮފީހުގެ ކުރިމަތީ އެތާ ތިބި ދެމީހަކަށެވެ. ދެން ގަމީހެވެ. ދެން މުންޑެވެ. އަދި ފަހުން ޖަނގިޔާ ބާލާފައި ޖަނގިޔާވެސް ދެއްކިއެވެ. އެތަކެތީގެ ދެފަށް ދޭތެރެއަށް ދާންދެން ހާވައިގެން ބަލާފައި އިހަށް ހުރިތަނަށް ފޮނުވައިފިއެވެ. ދެން އަޅުގަނޑެވެ. ބަލަން ހުންނަނީ ހީނާޑި އަބޫއެވެ. އެއީ ކުޑަދުވަހުއްސުރެ ރަޙްމަތްތެރިއެކެވެ. ގޭމީހެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ދެމީހުން ހާދަ ދުރެވެ! އެއީ ސިފައިންގެ މީހެކެވެ. އަޅުގަނޑު މިއީ ކުށްވެރިއެކެވެ. ކުރީގެ ޞާދިޤާއި އަބޫއަކާ ނުވަތަ “ކަޅުހުއްތު”އަކާ ނޫނެވެ. ފާސްކޮށްފައި އިހަށް ހުރިތަނަށް ފޮނުވައިފިއެވެ.

އިރުކޮޅަކުން ގެންގޮސް، ޖަލުގެ ގަވައިދު އަންގައިދީފިއެވެ. ޖަލުން ދޭ އެއްޗެއްގެ އިތުރު އެއްޗެއް އަމުރަކާ ނުލައި ނުކެއުމަށާއި، ފޯރިއަށް ހުންނަ މީހާގެ އަމުރާ ނުލައި، އެއްވެސް ކަމެއް ނުކުރުމަށެވެ. ޖަލުތެރޭގައި އަޑުގަދަ ނުކުރުމަށެވެ. ޢިމާރާތަށް ގެއްލުންވާ ކަހަލަ އެއްވެސްކަމެއް ނުކުރުމަށެވެ. އަޅުގަނޑުމެން ގޮވައިގެން ސިފައިންގެ މީހަކު އައިސް، އެތާހުރި ތޮށަލިތަކުން ދެތޮށަލި ނަގަން އަމުރުކުރިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ދެތޮށަލި ހިފައިގެން އޭނާއާއެކު ހިނގައިގެންފީމެވެ. ދުރުންމާދުރުދުރުން، ޙުސައިން ޚާލިދާއި އަދިވެސް ކޮންމެވެސް އެހެން މީހަކު ގޮވައިގެން ސިފައިން ދަނިކޮށް ފެނުނެވެ.

އަޅުގަނޑުމެން ގެންގޮސް އެތާނގައިހުރި ޗެންޗޭނު ޖަހާފައިވާ ހިސާބަކުން ކުރިމަތީގައިވާ ޢިމާރާތަކަށް އެބަ ވައްދައެވެ. އެއްވެސް ދޮރަކު ދޮރުފަތެއް ނެތެވެ. ހުރީ ތޭރިތަކެއްގެ ގޮތަށެވެ. އެތަނުން ބޯދީގެން، އަޅުގަނޑުމެން ގެންދާ މަންޒަރު ބަލަން ތިބި މީހުންގެ މައްޗަށް ބަލާލެވިއްޖެއެވެ. އެމީހުން ގޮވައެވެ. “ހާދަ ނުވައްތަރު ކަމެކެވެ. ހާދަ ނުވައްތަރު ކަމެކެވެ.”

އެކަކީ މައިޒާން ޢުމަރޭއެވެ. އާދަމް އިބްރާހީމެވެ. ކެރަފާ ޢަބްދުލްޙަކީމެވެ. ސިފައިންގެ މީހާ، އަޅުގަނޑުމެން ގެންގޮސް އެންމެ އުތުރުބުރިއަށް ވައްދައިފިއެވެ. އަދި ތިބެންވީ ޖާގަވެސް ދައްކައފިއެވެ.

އެއީ ރާނައި އުވަޖަހާފައިވާ އުސް އިމާރާތެކެވެ. އަށްޓެއްވެސް ހުއްޓެވެ. އުސްކޮށް ރާނާފައި އޮށްގަލާއެކު، އާދެ މައްޗަށް އޮށްގާ އަޅާފައި އެތަން އޮތީ ހިމުން ދޮންވެލި އަޅާފައެވެ. އަޅުގަނޑުމެން ތޮށަލިތައް ފަތުރާލައިގެން ތިބެންވީ މި ދޮންވެލިގަނޑު މަތީގައެވެ. ވަށައިގެން މީހުންތައް ޖަމާވެގަތެވެ. ޚަބަރުތައް އަހައިގަތެވެ. ހީވީ އަޅުގަނޑުމެންވެސް ކާލަފާނެހެންނެވެ. ކޮންބައެއްކަމަށްތޯއެވެ. ނައިފަރު ޢަބްދުއްލަޠީފެވެ. ވަރަށް ތުނބުޅި ދިގުކޮށް އިން އެކަކީ ކެތްކުޅަ ކަޅުތުއްތުއެވެ. ފަޓުލޫނެއް ލައިގެން މަޖާ ގަމީހެއް ލާފައި އެއިނީ ކެރަފާ ޢަބްދުލްޣަނީއެވެ. ވައިޖެހޭ (މިހާރު މަންދު) މުޙައްމަދު ވަޙީދެވެ. އެއްގަމުގޭގައި އުޅުނު އިބްރާހީމް ދީދީއެވެ. ބަނޑޮހު ކުއްޖެކެވެ. ހިސާބަކަށް ފެންކަޅިވެލާފައި އިނދެ އެމީހުންނާ ވާހަކަ ދެއްކޭތޯ އުޅުނީމެވެ. ނަމަވެސް ހިތްވަރު ވަރަށް ދެރައެވެ. ވަރަށް ބަނޑުހައިވެސް ހުރީ ވެފައެވެ. ކެއުމުގެ ވާހަކަ ބުނިނަމަ ލިބުނީހޭ އެމީހުން ބުނެއެވެ.

މީހުންތައް ތިބިގޮތް ފެނިފައި ވަރަށް ދެރަވިއެވެ. ހެދުންތައް ތަތްވެފައެވެ. ތުނބުޅި މަތިމަސް ދިގުވެފައެވެ. ބޯވެސް ދިގުވެފައެވެ. ހިސާބަކަށް ޚަބަރު ކިޔައިދީފީމެވެ. ދެން މީހުންތައް ދުރަށް ޖެހިލައިފިއެވެ. މާލޭގެ ޚަބަރުތައް ވެސް އަހަނީއެވެ. ކުޑައިރުކޮޅަކުން ކާން ގެނެސްފިއެވެ. ބޮޑު ބަތްތައްޓެކެވެ. ގަރުދިޔަ މަސްބުރިއަކާއި ގަރުދިޔައެވެ. ހުރިހާމީހުން ކެނޑިނޭޅި ނަސޭހަތް ދެނީއެވެ. އެބަތްތަށި ކާލައިފީމެވެ. އެމީހުން ވަރަށް ސާބަސްދިނެވެ. ނާގޫރު ތުއްތުމަނިކު ބުނަނީ “މިއީ ޙަޔާތުގެ ފިކުރު ނެތް ތަނެއްކަމަށް، މަރެއްގެ ޚިޔާލު ނެތްތަނެއްކަމަށް” ހަދާލުމަށެވެ. ހިނިވެސް އައެވެ.

ދެން ގޮސް ތަށިދޮވެލާފައި ބާއްވައިފީމެވެ. ވަޅުދޮށުގައި ހުރި އޮށިހަރުގަނޑެއްގެ މަތީގައެވެ. އަބަދު ނަސޭހަތް ދެނީއެވެ. އިރުކޮޅަކުން އަޅުގަނޑުވެސް ފެނަށް ދިރޭ ގޮތް ވާންފަށައިފިއެވެ. އިރުއޮއްސޭންވީއިރަށް ލައްކަތަން ރަނގަޅުވެއްޖެއެވެ. ޢަބްދުއްސައްތާރު ލީ އަޅުގަނޑުމެންނާ ޖެހިގެން ދެކުނަށް ހުރި ބުރިއަށެވެ. ޖަލުގައި ތިބި އެންމެ މަޖާ މީހުން ދަސްވީ އަނެއް ދުވަހުއެވެ. “ނާގޫރޭ” އާއި ހިތްތަލަގޭ ޢަލީއެވެ. އަދި ފިނިފެންޖަންބުގޭ އިސްމާޢީލެވެ. އެމީހުންގެ ސަބަބުން ވަރަށް ބޮޑަށް މުނިފޫހި ފިލާން ފަށައިފިއެވެ. އަބަދުމެ ވާހަކަދައްކަނީ، އެހާ ހެއްވާ ޢިބާރާތުން އެހާ ލާނެތް ބަހުރުވައިންނެވެ. އެންމެ ނުބައި ވާހަކަތައް ބުނެލާއިރުވެސް ހީވަނީ ވާރޭފެންފޮދެއް ބޯލާހެންނެވެ.

ނައިފަރު ޢަބްދުއްލަޠީފު ގޮވައިލީމާ އެދިމާއަށް ޖެހިލީމެވެ. ޖަލުގެ ޚަބަރާއި އޭނާގެ ކުށުގެ މައްސަލަ ކިޔައިދިނެވެ. ލަހެއް ނުވެ އެކި ކުށްވެރިން އެމީހުންގެ ދާސްތާން ކިޔައިދިނެވެ.


“ފޯރި!” ފާޚާނާއަށް

އަޅުގަނޑުމެން ފާޚާނާއަށް ދާންވެއްޖެނަމަ، ދޮރުންބޭރަށް ބޯދިއްކޮށްލާފައި ގޮވާލަން ޖެހެނީ އެހެންނެވެ. އޭނާ އިޝާރާތަކުން ނުވަތަ އަނގައިން، ދާން ބުނީމާ ނޫނީ ގޮސްގެން ނުވެއެވެ. ފާޚާނާ ހުންނާނީ، ދޮރެއް ނެތި، ހައެއްކަ ތޮށަލި ތިރިތިރިކޮށް ޖަހާލައިގެން، ތަންކޮޅެއް ހަދާލާފައެވެ. އެތާނގައި ހުންނަނީ ޓިނުން ހަދާފައި ހުންނަ ޓައްޕެކެވެ. ދެކަމުދާން ޖެހެނީ އެޓައްޕަށެވެ. އަދި އެތާނގައި އެއަށްވުރެ ކުޑަ ޓައްޕެއް ހުރެއެވެ. އެއީ ތާހިރުވާން ފެން ބޭނުންކުރާ ޓައްޕެވެ. ދެން އެތަނުން ދަނޑިއެއްގެ ކުރީގައި އޮންނަނީ ދަޅެކެވެ. ފެން ނަގަން ޖެހެނީ އެދަޅުންނެވެ. ފާޚާނާއިން ނިމިގެން އައިސް “ފޯރި ވަންނަންވީ” މިހެން ގޮވާލާފައި ވަދެއްޖައީމެވެ. ވުޟޫކުރާ ގަޑިޖެހުމުން ވުޟޫކުރަން ނުކުމެވޭނީވެސް އެހެން ގޮވާލާފައެވެ.

ކޮންމެ ނަމާދު ވަގުތެއްގެ އެއްގަޑިއިރު ކުރިން، “ވަޅު ހުޅުވޭނެ” އެވެ. އެއްގޮޅީގައި ތިބޭ ބައަކަށް، ކިތަންމެ ވަރަކަށްވެސް ވާހަކަ ދައްކައި މަޖާނަގާ ހެދެއެވެ. ނަމަވެސް އަނެއް ގޮޅީގެ މީހަކަށް، އެހެން ގޮޅިއެއްގެ މީހަކާ، ވާހަކައެއް ނުދެއްކެއެވެ. އެހެން އެއްޗެއް ބުނާންވެއްޖެނަމަ، ފާޚާނާއަށް ދާ މަގުމަތީގައި ބުނަން ބޭނުން މީހެއްގެ ގާތުގައި ބުނެލާފައި، އެމީހަކު ދާކޮޅަކަށް ހިނގައިދާނެއެވެ. ޖަވާބު ދެވޭނީވެސް އެކަހަލަ ގޮތަކަށެވެ. އެތާނގައި، ބިޑިބޮއި ހެދުމަކީވެސް މުޅިން މަނާކަމެކެވެ. ނަމަވެސް ހައިރާންވާހައި ވެއެވެ. ފެންބަލާދާ ދިއުމުގަޔާއި، “ޓައްޕު” އުކާލަން ދާދިއުމުގައި ސިފައިން ބަލަންތިއްބާމެ، ކޮންމެވެސް މަކަރެއް ހަދާލައިގެން ޖަލު މީހުން ބިޑިބުރި ގެނެސް ބޮއިހަދައެވެ. އަލިފާން ނެތްނަމަ، ގޮނޑިފޮއި އަޅާވެސް ހަދައެވެ. ބޮޑެތި އަދަބު ލިބެނީވެސް މަދެއްކޮށް ނޫނެވެ. ނަމަވެސް ކުށްވެރިން ވާނީ، ކުށްވެރިންނަށް ނޫންތޯއެވެ؟

އަޅުގަނޑުމެން ދެބުރިއެއްގެ މީހުންނަށް ވާހަކަދައްކާ އުޅެން އަމުރު އޮތަސް، އެއްގޮތަކަށް ވާހަކަދައްކާއުޅެން އަމުރު ނެތް މީހުންގެ ގޮޅިއެއްވެސް އެތާނގައި ވެއެވެ. އެގޮޅިއަށް ކިޔަނީ،”ބޯ ނުހިއްލާ ގޮޅި”، “އަނގައިން ނުބުނާ ގޮޅި”، “ވެލާ ގޮޅި” މިއިން ނަމެކެވެ. އެމީހުން ވާހަކަދައްކާތޯ ބަލަން އެތާނގައި އަބަދުމެ މީހަކު ހުރެއެވެ. އެއިން މީހަކު ވަޅުދޮށަށް ދިޔަޔަސް، ސިފައިންގެމީހަކު އެއިން މީހަކާއެކު ވަޅުދޮށަށް އައިސް ހުންނާނެއެވެ. އިޝާރާތެއް އަހަރެމެންގެ މީހަކަށް ކޮށްލިއަސް ނިމުނީއެވެ. ވީމާ ގޮޅީގައި ތިބޭ ރަޙްމަތްތެރިން ވަޅުދޮށަށް އައިމާ އަޅުގަނޑުމެން ތިބެނީ، ވަރަށް ރައްކާތެރިވެގެންނެވެ. އޭގެ ތެރޭގައި ބިޑިއަޅާފައި ތިބޭ މީހުންވެސް މަދެއްނޫނެވެ. ފެން ނަގައި ފެންވަރައި، ވުޟޫކޮށް، ތަށިދޮވެ ހަދަނީވެސް އެގޮތަށް ތިބެއެވެ. ވަޅު ހުންނަނީ އަޅުގަނޑުމެން ތިބޭ ބުރިއާ ދިމާކުރިމަތީގައެވެ. މިދަންނަވާ ވަރަށް ބަލަހައްޓައި، މަނާކޮށްފައި އޮންނައިރުވެސް އެގޮޅީގެ މީހުން އެއްޗެހި ބުނެލައި ހަދައެވެ. ބިރެއް ޖެހިލުމެއް ނެތިއެވެ.

ދެން އޮންނަނީ މުޅިން އެހެން ހިސާބެކެވެ. ބޮޑެތި ކުށްވެރިންގެ ގޮޅިތަކެވެ. ފަސްފޫޓު ފަސްފޫޓުގެ ގޮޅިތަކެކެވެ. އޭގެ ގޮޅިއެއްގައި އޮންނާނީ އެންމެ މީހެއް އެކަންޏެވެ. ރޭގަނޑުވެސް އެތާކު އިލެކްޓްރިކެއް ނުހުންނާނެއެވެ. ހުންނާނީ ފުޅިބައްތިއެވެ. އަޅުގަނޑުމެން ތަންތަނަށް ފުޅިބައްތި ގެންނާނީ ދިހައެއް ޖަހާލާ އެހާކަށްހައި އިރުއެވެ. މިބުނާ ގޮޅިތަކަށް ކިޔަނީ ގަރާޖެވެ. އެތަނުން އިބްރާހީމް މަނިކު ދޮންމަނިކު، ކެނެރީ ޢަބްދުއްސައްތާރު، ޙުސައިން ޚާލިދު ކަހަލަ މީސްމީހުން ފާޚާނާއަށް ނެރެގެން ގެންދާތަން ހާލުހާލުން ފެނެއެވެ. އަބަދު ކައިރީގައި ސިފައިން ތިބެއެވެ. ފާޚާނާއަށް އަޅުގަނޑުމެން ގޮސް ތިބޭއިރު މިބުނާ ގަރާޖުތަކުން މިފަރާތަށް އަޅުގަނޑުމެންނަށް އަތްހޫރައި، ފޮތިގަނޑު ހޫރައި ހަދައެވެ. ނަމަވެސް ބެލިއަސް އެއީ ކާކުކަން އެނގޭވަރެއް ނުވެއެވެ. އެތަންތާނގައި އެކަނި ތިބެންވީމާ، ބުއްދި ޚަރާބުވެ، ކެތްމަދުވެ، ޚިޔާލުގޯސްވެގެން ބައެއް މީހުން ބޭރަށް ނުކުމެގެން ދުއްވައިވެސް ގަނެއެވެ. މިހެންވެއްޖެ ނަމަ، ސިފައިން ތަޅާފޮޅައިގަނެ “ހަންމަތަ” ކޮށްލައެވެ. ނަމަވެސް ދެން އެޖެހުނީ ވަރަށް ގިނަ ދުވަހުގެ ހިތާމަވެރި ބައްޔެކެވެ.

ގަރާޖުތަކުގައި ތިބޭ މީހުން އަތްހޫރައި ޙަރަކާތްކޮށް ހަދާތަން އަޅުގަނޑުމެންނަށް ފެންނާތީ، ފަހުން ބޮޑު ފުޅައްގަނޑެއް އަޅައި އެދޭތެރެ ނިވައިކޮށްފިއެވެ. ދެނެއް ނުފެނެއެވެ.

އަޅުގަނޑުމެންނަށް ތިބިތަނުން ބޭރަށް ނިކުމެލެވޭން އޮންނަނީ ފާޚާނާއަށް، ޓައްޕު އުކައިލަން، ފެންބަލާ ދާން، ވުޟޫކޮށްލަން، ތަށި ދޮންނަން، ކޮއްތު ބަލައިދާން، މިއިން ކަމަކަށްޓަކައެވެ. ވަރަށް ގިނައިން މިތަނުން މިކަހަލަ ސަބަބު މެދުވެރިކޮށްގެން މީހުން ނުކުމެ އުޅޭނެއެވެ. ފަހުން އަޅުގަނޑަށްވެސް އެއުކުޅު ހަދާން ދަސްވެއްޖެއެވެ.

އަޅުގަނޑުމެން މީސްމީހުންނަށް ކިޔާފައި ހުންނަ ނަންތައް މީހަކަށް އަޑުއިވުނަސް ހީނހީނ އަވަދިވެދާނެއެވެ. “އަރުކާނު ގުއްބު”….. ވިލިގިނލީ ދޮންމަނިކާ އެމީހުން ކުރާ ސަމާސާތައްވެސް ހަނދާން ނައްތައިލެވޭ ވަރެއް ނޫނެވެ. އޭނާގެ ހަށިގަނޑާއި ވާހަކަތަކަށް ދަންދެން އެމީހުން ދިމާކޮށް ހަދައެވެ.

އަޅުގަނޑު އެއްފަހަރަކު އަތިރިމައްޗަށް ގޮސްލާހިތުން ލޮނުޅަހުއްތާއެކު ޓައްޕު އުކައިލަން ދިޔައީއެވެ. އެކަމާ ނާގޫރޭ ވަރަށް ބޮޑަށް ރުޅިއައިސްގެން އެންމެންނަށް އެއްޗެހިގޮވައި ހެދިއެވެ. އޭނާ ބުނެއެވެ. “އަހަރެމެން މިއުޅެނީ ޞާދިޤަށް އެއްވެސް ކަމެއް ނުޖައްސައި މިކަން ނިމެންދެން އުޅެވޭތޯއެވެ. އޭނާއަށް އޮންނާނީ ނަމާދުކޮށްލައިގެން، ކާލައިގެން ވާހަކަދައްކައިލަން އިނުމެވެ. ކަލޭމެން (އަނެއް ގޮޅިއާ މުޚާޠަބުކޮށް) ޢަބްދުއްސައްތާރުމެން ލައްވާ ކޮންމެ ފަދަ މަސައްކަތެއް ކުރުވިއަސް އަހަރެމެން މިއީ އެހެން އުޅޭ ބައެއް ނޫނެވެ”

ދޭތެރެއަކުން ނައިފަރު ޢަބްދުއްލަޠީފުމެން، މާލެ ގެންގޮސްފިއެވެ. އަނެއްކާ ގޮއިދުއަށް އަރުވާލާފައި ތިބިބައަކު، މުއްދަތު ހަމަނުވެ އޮތީތީ ވިލިނގިއްޔަށް މުއްދަތު ހަމަކުރަން ގެނެސްފިއެވެ. އެމީހުންވެސް ތިބީ، އަޅުގަނޑުމެން ގާތުގައެވެ. އޭނާ ގޮވައިލަނީ “ފޯރީ ފޭޚާނާއަށް” މިހެންނެވެ. އެކަމާ ނާގޫރޭއާއި ޢަލީ ދިމާކޮށްގެން އޭގެފަހުން އެމީހުން މުޅީންވެސް ގޮވައިހަދަނީ އެހެންނެވެ.

                     (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment