000(ޖޫން 8، 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) ތޮށަލި ތަންމަތީގެ ނިދި އަޅުގަނޑަށް އެތާނގެ ކެއުންބުއިންވެސް ރަނގަޅެވެ. ހެނދުނު، ދެ ޖޯޑު ފާރޮށި (މަޑު ފާރޮށި ނުވަތަ ހަރު ފާރޮށި) ސައިތައްޓެއް، މެންދުރު، މުގުރިހަޔާއި ބަތާ ނުވަތަ ރިހާކުރު ދިޔަ ނޫނީ ގަރުދިޔައާއި ބަތާ، ރޭގަނޑުވެސް މިކަހަލަ ކޮންމެވެސް އެއްޗަކާއި ބަތެވެ. ހަވީރުގެ ސަޔަކީ، ޓައްޕުން ބޮއިލާ ފެންފޮދެކެވެ. އޭރުވެސް މެންދުރަށް ގެންނަ ހޫނުކުރި ފެންޓައްޕު ހުންނާނީ ހަމަ ހޫނުކޮށެވެ. މި ހުރިހާ ކަމެއް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

(ޖޫން 8، 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)


ތޮށަލި ތަންމަތީގެ ނިދި

އަޅުގަނޑަށް އެތާނގެ ކެއުންބުއިންވެސް ރަނގަޅެވެ. ހެނދުނު، ދެ ޖޯޑު ފާރޮށި (މަޑު ފާރޮށި ނުވަތަ ހަރު ފާރޮށި) ސައިތައްޓެއް، މެންދުރު، މުގުރިހަޔާއި ބަތާ ނުވަތަ ރިހާކުރު ދިޔަ ނޫނީ ގަރުދިޔައާއި ބަތާ، ރޭގަނޑުވެސް މިކަހަލަ ކޮންމެވެސް އެއްޗަކާއި ބަތެވެ. ހަވީރުގެ ސަޔަކީ، ޓައްޕުން ބޮއިލާ ފެންފޮދެކެވެ. އޭރުވެސް މެންދުރަށް ގެންނަ ހޫނުކުރި ފެންޓައްޕު ހުންނާނީ ހަމަ ހޫނުކޮށެވެ. މި ހުރިހާ ކަމެއް ވެސް ރަނގަޅެވެ.

ނަމަވެސް ރޭގަނޑުގެ ނިދުން ވަރަށް ބޮޑެވެ. އެއް ސަބަބަކީ، ބުރަކަށީގައި އެއްޗެއް ޖައްސާލައިގެން އެއްފަރާތަށް އަރިއަށް ކަހަލަ ގޮތަކަށް އޮވެގެން ނޫނީ އަޅުގަނޑަށް ނުނިދޭކަމެވެ. މިތާނގައި، އެހެން އެއްޗެއް ޖައްސައިލެވޭވަރަށް ވުރެ ތަންކޮޅު ހަންޏެވެ. އަނެއްކާ އެހާ މަކުނު ގިނައެވެ. އެންމެ މަކުނެއް ހެފުމަކީވެސް، އަޅުގަނޑަށް އެހާ އުނދަގޫކަމެކެވެ. ވީއިރު މިހާ ގިނަ މަކުނު ހަފާއިރު… ދެން އަޅުގަނޑުމެން ހަދާ ގޮތަކީ، ތޮށައްޔަށް ޓައްޕުން ހޫނުފެން އަޅައި، ތޮށައްޔާ ދިމާ ފާރަށްވެސް ފެންޖަހައި، ތޮށަލި ފާރުގައި ތަޅައި، ތޮށަލި ބާއްވާފައި އޭގެ ދެފަރާތު ވެލިގަނޑުގައި ފުންކޮށް ދިގު ވަޅުގަނޑެއް އާދެ، ކަންޒެއް ކޮންނަނީއެވެ. އޭގެ ތެރެއަށް ވަރަށް ގިނަ މަކުނުތައް ވެރި، ނޭރިފައި ތިބެއެވެ. ރޭގަނޑު ހަމަ އެންމެ ރެއަކުވެސް، ރަނގަޅަކަށް ނުނިދެއެވެ. ދަންވަރުވެސް ހޭލެވެއެވެ. ރޭގަނޑު ހުންނަނީ ޓައްޕު އެތެރެއަށްލާފައި ދޮރު ތަޅުލާފައެވެ. އަޅުގަނޑުމެން ވިސްނައިގެން ބަލައިގެން ރޭގަނޑު ޓައްޕަށް ހަމަ އެއްގޮތަކަށްވެސް ބޮޑުކަމު ނުދަނީއެވެ.

ރޭގަނޑު ނިދޭ ފަހަރުފަހަރު، ތިމާގެ މީހުންނާއި ރަޙްމަތްތެރިން ވަރަށް ގިނައިން ހުވަފެނުން ފެނެއެވެ. އަޖައިބެއް ކަހަލަ ހުވަފެނެއްވެސް ފެނުނެވެ. ފެންނަނީ އަޅުގަނޑުގެ “އެންމެ ގާތް އެކުވެރިޔާ” ދޯޕައްޓާއިން ބޯ ނިވާކޮށްލައިގެން ކިޔަވަން އިންދައެވެ. ބައްދަލު ނުވެވޭތީ އެވާހަކަތައް ދައްކާހަދާފައި ވަކިވުމުން ހުވަފެން ނިމުނީއެވެ. އަނެއް ހުވަފެނަކީ، ހަމަ އެހުވަފެނުގައި، އަޅުގަނޑު އޭނާ ގާތުގައި ބުނަނީއެވެ.”ބަލަ، އަހަރެން ހުވަފެނަކުން ދެކިގެން މިހެންމިހެން ވާހަކަދެއްކީމެވެ.” ދެން އަހަރެމެން ވަރަށް ވާހަކަދައްކައި ހިތާމަކޮށް ހަދާފައި އޮއްވާ އެބަ ހޭލެވުނެވެ. އެ ދެކަންތައްވެސްވީ، ހުވަފެނަކަށެވެ. ހާދަ ދެރައެވެ. ހާދަ އަސަރެއްކުރިއެވެ.


މާލޭގެ މަންޒަރު

މާލެ އޮންނަނީ، ޖަލުގޭ ދޮރުމައްޗަށް އެރީމާ ރީތިކޮށް ފެންނާށެވެ. ޙައްޖު ދުވަހު އަލިރަސްގެފާނު ޒިޔާރަތުގައި ނަގާފައިހުރި ދިދަވެސް، ރީތިކޮށް ފެންނާން ހުއްޓެވެ. ލޮރީ އެއްޗެހީގެ ބަރުގޮނު އަޑު އިވި، ދުވެފައި ދާތަންވެސް ފެނެއެވެ. ބައިސްކަލް ދުއްވާފައި ދާތަންވެސްމެއެވެ. ރޭގަނޑު ކުލަކުލައިގެ ބޮކިތައް ފިޔަޖަހަޖަހާ ހުންނަތަންވެސް ފެނެއެވެ. ދޭތެރެ ދޭތެރެއިން ކާރު ލޮރީފަދަ އެއްޗެހި ދުވެފައިދާއިރު ހެޑްލައިޓްގެ އައްޔާއެކު ގޯޅިއަޅާތަންވެސް އެބަ ފެނެއެވެ. ޢީދު ދުވަހު އަޅުގަނޑުމެން ކެއީ، ރިހާކުރުދިޔައެވެ. އެއްވެސް ހިތާމައެއް ލިބޭގޮތެއް ނުވެއެވެ. އެކަކު ގޮވާލާނެއެވެ. އަހަންނަށް މިއޮތީ ބަކަރީގެ ބޮލެވެ. އަނެކަކު، މިކެވެނީ .ބަކަރީގެ މޭގަނޑެވެ. އަނެކަކު، އަނހާ މިއޮތީ ބަކަރީގެ ލަގޮނޑިއެވެ. ދެން ޒާތްޒާތުގެ ސަމާސާގެ ތެރޭގައި ރަނގަޅަށް ކައި ނިންމާލެވިދެއެވެ. އަޅުގަނޑުމެންގެ ޢަޒުމަކީ، ގެންނަ އެތިކޮޅު ހުސްކޮށްލުމެވެ. ދެން ލިބޭނެ ގޮތެއް ނޯންނާނެތީއެވެ.


ވަޅުޢީދު ދުވަހު މާލެއަށް

އަޅުގަނޑުމެން ކޮންމެ ދުވަހަކު ދެއިރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ، ސިފައިންގެ ލާންޗަށެވެ. އެލާންޗް މާލޭން ފުރީއްސުރެ މީހުން ފައިބާ ނިމެންދެން، ހުރިހާ ކަމެއް ހެން އަޅުގަނޑުމެން ތިބެނީ ބަލަބަލައެވެ. އަލަށް މީހަކު ގެނޭތޯ، މީހަކު ބަލާ ސިފައިންގެ މީހަކު އާދޭތޯ، ގަރާޖަށް ސުވާލުކުރާނޭ މަތީ ސަރުދާރަކު ދޭތޯ މިހިރީ އަބަދުވެސް ބަލަބަލާ ތިބޭ ކަންކަމެވެ. އިރުކޮޅަކުން ފެނުނީ، ޖަލާ ދިމާއަށް މީހަކު އަންނަ ތަނެވެ. ވަސްވާހެއް ނެތެވެ. މީހަކު ބަލައެވެ. އެމީހަކު އައިސް ޢަބްދުއްސައްތާރު ހުންނަ ބަޔަށް ވަދެ އޭނާ ތައްޔާރުކުރުވައިފިއެވެ. އިރުކޮޅަކުން އައިސް އަޅުގަނޑު ތައްޔާރު ކުރުވައިފިއެވެ. ދެން އަޅުގަނޑުމެން ދެމީހުން ގޮވައިގެން ސިފައިންގެ އޮފީސް ދޮށަށް ހިނގައްޖެއެވެ. ރުކެއްގެ ދޮށުގައި ކޮއްޅަށް ބައިތިއްބައިފިއެވެ. އިރުކޮޅަކުން ބޯކޮށާ ދައްޗެއް ހިފައިގެން މީހަކު ދުވެފައި އައިސް މަތިމަހާއި ތުނބުޅީގައި އަވަސްއަވަހަށް އެހިންގާލައިފިއެވެ. ކަސްމަތި ޖަހާ ހަދާލައިފިއެވެ. ދެން އޮފިސަރަކު އައިސް ލާންޗަށް އަރަން އަންގައިފިއެވެ. ޖަލުން ނުކުންނަން ފެށީމާ މީހުންތައް ދެން އިރާދަކުރެއްވިއްޔާ ނާންނާނެއޭ ގޮވައި ލެވި ހަޅޭތައް ހިތަށްވައްދައި، ހިސާބަކަށް އުފާވެސް ވެއެވެ. ނަމަވެސް މާބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ.

މާލެ އާދެވި، ސިފައިންގެ އޮފީހަށް ގެންދެވިއްޖެއެވެ. އެތާނގައި ބައިތިއްބާފައި ބަނޑޭރިގޭތެރެއަށް ވައްދައިފިއެވެ. އެތާނގައި ތިއްބާ 1:30 ވީތަނާ ސިފައިންގެ މީހަކު އަޅުގަނޑުމެންނަށް ކާއެއްޗެހި ގެނެސްދީފިއެވެ. ބޮޑު ބަތްތައްޓަކާއި ބަކަރި ރިހަ ބޯތައްޓެއް ކޮންމެ މީހަކަށް ހުއްޓެވެ. އަޅުގަނޑު، ފާޚާނާއަށް ދާންބޭނުން ވާހަކަ ބުނުމުން އަޅުގަނޑު ގޮވައިގެން ސިފައިންގެ މީހަކު ފާޚާނާއަށް ހިނގައްޖެއެވެ. ދިޔަ މަގުމަތީގައި، ދާޚިލިއްޔާ (އ) ހުޅުވައިފިކަން އެނގިއްޖެއެވެ. ސެކްރެޓެރީއާއި ޕިޔޯނު އެތާނގައި ތިބީތީ ފެނިއްޖެއެވެ. ފާޚާނާއިން އައިސް ވަރަށް ބޮޑަށް ކެވޭތޯ އުޅުނީމެވެ. ނަމަވެސް ދޫކޮށްލާފާނެހެން ހީވާތީ، އޭރުން ކެވިދާނެތާއޭ! ހީވެ، އެއްގޮތަކަށްވެސް ކާހިތެއް ނުތްވެވެ. ކައި ނިމުމުން ދާޚިލިއްޔާއަށް ދައްކައިފިއެވެ. އިރުއިރުކޮޅާ ހުންނަނީ ގިފިއްޔަށް ދާންވެފައެވެ. ހީވަނީ ނުހިނގާ ތިބެފައި ހިނގާލަން ލިބުމުން ވާގޮތެއް ހެންނެވެ. ހިތްވެސް ހުންނަނީ ހާދަ އަވަސްވެފައެވެ.

އިރުކޮޅަކުން ޙުސައިން ޒަކީ ވަޑައިގެންފިއެވެ. އަނެއްކާވެސް ސުވާލުތަކެވެ. ހަމަ ކުރީގެ ސުވާލުތަކެވެ. މިއަދުވެސް އަޅުގަނޑު ޖަވާބުދިނުމުން، އަޅުގަނޑުގެ ޖަވާބުގައި ސޮއިކުރުވައިފިއެވެ. އަދިވެސް ތެދުނުބުނާކަމަށް ފެނިވަޑައިގަންނަވާތީ މިއަދުވެސް ދާން ޖެހޭނީ ވިލިނގިއްޔަށްކަން އެނގިއްޖެއެވެ. އަވަހަށް އެގޮތަށް ހިތްހަމަޖައްސާލައިފީމެވެ. ޖަލުގައި ތިބި ރަޙްމަތްތެރިންނާ ބައްދަލުވެވޭތޯއެވެ. ނަމަވެސް މާލެއާއި މާލޭގެ ރަޙްމަތްތެރިން ހިތަށް ވަނުމުން ބޭއިޚްތިޔާރުގައި، ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އަދިވެސް ސިފައިންގެ ލާންޗުގެ އިންޖީނު ނިވައެއް ނުލައެވެ. އެއަޑުވެސް ހާދަ ހިތަށް އުނދަގޫވާ އަޑަކަށް ވެއެވެ. އިރުކޮޅަކުން ގެންގޮސް ސިފައިންގެ އޮފީހާ ޙަވާލުކޮށްފިއެވެ. އޮފީހުގެ ދެޕިޔޯނުން ދިޔައެވެ.

އަދި އަޅުގަނޑު ދަންނަވާން ހަނދާން ނެތުނީއެވެ. މާދަމާއަކީ ބައިސްކަލު ރޭހުގެ ދުވަހެވެ. އެކަމަށް ތައްޔާރުކުރުމުގެ ގޮތުން އޮފީހުގެ އެހެން އަކުރު އަކުރު ވެސް ހުޅުވައިގެން އެބައުޅެއެވެ. ކުދިލުނބޯއަށް އަޅުގަނޑުމެންނާ ދިމާއަށް ބަލާލެވުމާއެކު، އަވަހަށް އަނެއް ދިމާއަށް މޫނު އަނބުރާލައިފިއެވެ. އިރުކޮޅަކުން މުޙައްމަދު ޞާދިޤު (އަޅުގަނޑުގެ އެންމެ ގާތް އަޚު) ވެސް އޮފީހަށް ވަންނާތީ ފެނުނެވެ. އޭނާއަށްވެސް ބަލާލާކަށް ނުކެރުނެވެ. ތުރުކީ ނަޢީމް ހެމުންހެމުން ސިޑީން މައްޗަށް އަރާފައި އަޅުގަނޑުމެން ފެނުމާއެކު، ހިނިކޮޅު ވީތަނެއްވެސް ނޭނގުނެވެ. ކޮންމެއަކަސް ސިފައިންގެއާ ޙަވާލުކުރެވި، އަނެއްކާވެސް އެއްކަލަ ލާންޗަށް ގެންގޮސް ލައިފިއެވެ. ވަރަށް ހިތުގައި ޖެހުނެވެ. އެތާނގައި ބަހައްޓާފައި ހުރިއިރު މާރަނގަޅެވެ. މާލެ ދައްކާލާފައި ގެންދިއުން މިއީ، ވަރަށް ބޮޑު ވޭނެކެވެ. އަދި އިތުރަށް ސުވާލުކޮޅެއް ކޮށްލިނަމަ، އެހެން ގޮތަކަށް ދަންނަވައިގެންވެސް މާލޭގައި ހުރެވޭތޯ ބެލީމުހޭ ހިތަށް އެރިއެވެ. ޚިޔާލުތައް ތަޅާ ބުރުވާލައިފީމެވެ. ކަރުނަތައް ލޮލުގެތެރެއަށް ވައްދާލައިފީމެވެ. ދެން ބަލަންފެށީ މާލޭގެ މަންޒަރުތަކުން ވަކިވަކި ތަންތަން، ވިލިނގިލީގައި ތިބޭއިރު ފާހަގަކުރެވޭނެ ގޮތެއް ވޭތޯއެވެ. އެތަންތަން ފާހަގަކުރަން އިންދާ، ވިލިނގިއްޔާ ވަރަށް ކައިރިއަށް ދެވިއްޖެއެވެ. ބޯޓުގައި ކޮންމެ ދަތުރަކު، އަޅުގަނޑާއި ޢަބްދުއްސައްތާރާ ދެމީހުން އެކަކު އަނެކަކަށް ބަލައިލާ ގޮތް އެއީވެސް ހަނދާން ހުންނަ މަންޒަރެކެވެ. ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް އޭނާވެސް ބުނާކަހަލައެވެ. ސޯދުއެވެ! ދެރަނުވާށެވެ. ހިތްވަރު ކުރާށެވެ.

މިފަހަރުވެސް ފާސްކޮށްލާފައި ގެންގޮސް، ޖަލުގައި އެމީހަކު ހުރި ގޮޅިއަކަށް އެމީހަކު ލައިފިއެވެ. ވަރަށް ހިތްވަރު ދެރަވެފައި އިނީމެވެ. ރަޙްމަތްތެރީން އައިސް ވައްތަރު ވައްތަރުގެ ވާހަކަތައް ދައްކައިގެންފިއެވެ. އިރުކޮޅަކުން، އަޅުގަނޑުވެސް ރަނގަޅުވެއްޖެއެވެ. ބުނެލީމެވެ. ކޮބާ ނާގޫރޭއެވެ! ކަލޯ، މިއައީ އެއްކަލަ ބަކަރި ބޮލުގައި ބައްދާފައެވެ. އެހެންނަމަވެސް ކަލޭމެންނާ ވަކިންވީމާ ކެވޭގޮތެއް ނުވިއެވެ. އެމީހުން ބުންޏެވެ. ތިޔައީ އަހަރެމެންނަށްވެސް ހަމަ ވާގޮތެވެ. ނުކެވޭނެއެވެ. އެތައް އެއްޗެއް ހުންނާނެއެވެ. އެއްގޮތެއްވެސް ނުވާނެއެވެ. ވީއްލުނީމާ ކާނީއޭ ހިތަށް ވަންނާނެއެވެ.

އެރޭ ނިދޭވަރެއްވެސް ނުވިއެވެ. އަޅުގަނޑު އަމިއްލަ ޚިޔާލަށް ގެނބި، “ހުވަފެންތަކުގެ ރާނީ” އާއެކު، ގެއްލިގެން އުޅެއުޅެފައި ނިދުނުތަނާ އަދި މާރީއްޗެއްކޮށް ފެނުނެވެ. އެއީ ހާދަ ހިތްދަތިކޮށްލި ކަމެކެވެ. ނަމަވެސް ކެތްކުރުން ނޫން ގޮތެއް ނެތެވެ.

ޖަލުގައި ގިނަ ވަގުތު ހޭދަކުރަނީ، ޢަބްދުލްޣަނީއާ ޢިލްމީ ޚިޔާލާތު ބަދަލުކުރުމުގައެވެ. އޭނާއަކީ ސައިންސްގެ ޠާލިބެއްނަމަވެސް އަދަބިއްޔާތުގެވެސް ލައްކަ ގިނަ ފޮތް މުޠާލިޢާކޮށްފައިވާ ކުއްޖެކެވެ. އަޅުގަނޑުގެ އަދަބިއްޔާތަށް، އޭނާގެ ޖޯޝީ ވާހަކައިން އައު ފުރާނައެއް އަޅުވައިލިއެވެ. ވަރަށް ހަރުދަނާ ޠާލިބެކެވެ.
ޖަލަށްލީ ފަހަކުން އެއްވެސް ނަމާދެއް ނާޅަމެވެ. އެންމެންވެސް ނަމާދުކުރެއެވެ. ތަކުބީރު ތެރޭގައި، ހަމަ ބާރަށް ތަކުބީރު ކިޔައިވެސް ހަދަމެވެ. ޢަބްދުއްލަޠީފް ޢަބްދުލްޙަކީމް ދިއުމުން، މުދިމަކީ ކެތްކުޅަ ކަޅުތުއްތުއެވެ. ރޭގަނޑު ވާހަކަ ކިއުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އުފަލެކެވެ. ދުވާލު ހިސާބަކަށް ރައިވަރުވެސް ކިޔުއްވާ ހައްދަމެވެ. އެއީވެސް ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ދީނީ ވާހަކަތައް ދައްކާލާވެސް ހަދަމެވެ. މިހެންގޮސް ހުސްވަގުތު ހަމަ ވަރަށް ނުދީވޭތޯ އުޅެމެވެ.

ޙައްޖު ދުވަހާއި ޢީދު ދުވަސް ކަހަލަ ދުވަސްތަކުގެ ހަނދާން ހިތަށް ވަދެގަތީމާ ކޮންމެވެސް ލާނެތް އެއްޗެހިތަކެއް އެއްކޮށް ވާހަކަދައްކައިގަނެގެން އޭގެ އަޞްލު ކުލައާއެކު ހަނދާންވިޔަނުދެނީއެވެ. އެކަމާ އަސަރުކޮށްގެން މީހަކު އެއްޗެއް ބުންޏަސް، އެކަމާ އެއްޗެހިގޮވައި ހީނ ހަދާލުމުން އެކަން ހިނގައިދެއެވެ.

އާއެނކެވެ. ޢީދު ދުވަސް ދިޔައީއެވެ. ރޫޓްމާޗްތަކާއި ކުލަކުލައިގެ ހެދުންތަކުގެ ހަނދާނަކީ މާކުރީގެ ހުވަފެނެއްކަމަށް ހަމަޖައްސާލީއެވެ. އަޅުގަނޑުގެ “ވަހީ” އެތަންތާނގައި އުޅޭނެތާއެވެ! ހިތަށް އަރުވާލުމުން… ބައިސްކަލު ރޭހުގެ ދުވަސް އަތުވެއްޖެއެވެ. އެދުވަހު ހެނދުނު ޢަބްދުއްސައްތާރު ގެންދިޔައިމާ އަނެއްކާ ވަރަށް އުފާވިއެވެ. ހަމަ ދާންޖެހެނީކަމަށް ހީކޮށް ވަރަށް ޚާއްސަ އުފަލަކާއެކު އުޅެއުޅެ ހުއްޓާ ހަވީރު އޭނާ އެބަ އައެވެ. ދެން ވީ ހިތްދައްޗެއް ބުނަންވެސް ނޭނގުނެވެ. އެފަހަރު ޢަބްދުލްޣަނީ ގާތަށްގޮސް ދެއްކުނު ނުދެއްކުނު ވާހަކައެއްވެސް ނޭނގުނެވެ. ނަމަވެސް އޭނާގެ ހަރު ހިލަގަނޑެއްކަހަލަ އަޒުމާއި ދުނިޔެ ހާމަކޮށް ދިނުމުން ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެއެވެ.


ޖަލުން މެސެޖު އަންނަގޮތް

އެބައަކު ތިބޭ ގޮޅީގެ މެދުފާރުގައި އަނެއް ފަރާތުން ދެފަހަރަކު ތަޅާލައިފިނަމަ، އެމެސެޖު އަންނަނީއެވެ. ދެން ކުޑަދޮރު ކައިރީގައި ހުއްޓާ ކޮންމެވެސް މީހަކު ފާޚާނާއަށް ދާން ނުކުންނާތީ ފެނިދާނެއެވެ. އެމީހަކު ހިނގާފައިދާނީ ހަމަ ހުރިދިމާއަށް މޫނުލައިގެންނެވެ. ނަމަވެސް ކުޑަދޮރާ ހަމަވުމުން ހަމަ އެހުރިގޮތަށް ދަމުން ދޭން އޮތް މެސެޖެއް ދޭނެއެވެ. ފާޚާނާއިން އަންނައިރުވެސް މިފަދަ މެސެޖެއް ލިބިދާނެއެވެ. ޢަބްދުﷲ ވަޖީހު ބައްދަލުކުރައްވަން އެދިވަޑައިގަތީވެސް މިފަދަ މެސެޖަކުންނެވެ.

ޢަބްދުﷲ ވަޖީހުގެ އެދިވަޑައިގަތުމަކަށް އެރޭ ފަތިހު ޓައްޕު އުކާލަން ދާން ވަޢުދުވެއްޖައީމެވެ. އެއީ އަޅުގަނޑު މާލެ ގެންދަން އޮތް ދުވަހުގެ ރެއެވެ. އޭނާ ވިދާޅުވިއެވެ. މިތަނުން ކުރިން މާލެ ދެވޭނީ ކާކަށްކަމެއްވެސް ނޭނގެންޏާއެވެ! ޞާދިޤަށް ކުރިން މާލެ ދެވިއްޖެއްޔާ ގަދަވެ ހުރި ވާހަކައާ، ހުރިހާކަމެއްވެސް ރަނގަޅުވާހަކަ، ބުނެދޭން ވާނެއެވެ. ކޮންމެއަކަސް އެގޮތަށް ހަމަޖައްސައިފީމެވެ. އެރޭ ނިދިފައި އޮއްވާ ހުވަފެނުން ފެނުނީ އަޅުގަނޑު ލޯބިވާ ދޮންކަމަނަ ކޮއްކޮއާއި އަޅުގަނޑާ ދެބޭން ބައްދަލުވެ ރޮއިހަދާ މަންޒަރެވެ. މި ހުވަފެން ފެނުމުން އަޖައިބެއް ކަހަލަ އުންމީދެއް ހިތުގައި އާވެއްޖެއެވެ. އިއްޔެ ހަވީރަކީ ފީބޯ ޙަސަންމަނިކާއި މަޑުއްވަރީ ކުޑަ މުޙަންމަދުފުޅާއި ކުޓީ ބަކުރު ގެނައި ދުވަހެވެ. އޭގެ ކުރީ ދުވަހު، ކޮނޑޭ ތުއްތުމަނިކެވެ. އެމީހުންނާ އަދި ޚިޔާލު ބަދަލުވެސް ނުކުރެވި އޮތީއެވެ. މުންޑު ރީއްޗަށް އަނދެލައި ހަދައިގެން ބޭރަށް ނުކުމެއްޖައީމެވެ. ފީބޯ ޙަސަން މަނިކުމެންވެސް އަޅުގަނޑުމެންނާއެކު ގެނެވެއެވެ. އަދި ކޮލި ޙަސަން އަޙްމަދު މަނިކު ވެހެވެ.

ސިފައިންގެ ދޮރުމަތީގައި ލައްކައިރު ބައިތިއްބާފައި ލާންޗަށް އަރުވައިފިއެވެ. މާލެ ފޭބިއިރު މާލިމީ މުޙަންމަދު މަނިކުވެސް ދުށީމެވެ. ވަޒީރުލް އަޢުޡަމް އޮފީހުގެ ކާތިބުންތައް ބަލަން ތިބީތީ ފެނުނެވެ. ކަސްޓަމުންވެސް ވަރަށް ގިނަ ރަޙްމަތްތެރިން ދުށީމެވެ. އަޅުގަނޑާއި ޢަބްދުއްސައްތާރު ފޮނުއްވީ ދާޚިލިއްޔާއަށެވެ. ދެން ތިބިމީހުންނާއެކު ސިފައިންގެ މީހާ ދިޔައީ ސިފައިންގެ އޮފީހަށެވެ. އަޅުގަނޑުމެން މައްޗަށް އެރުވިތާ މާގިނައިރެއް ނުވެއެވެ. އެއީ ޙައްޖުމަހު 13 ވަނަ ދުވަހު ހެނދުނު 8:30 އެހާކަށްހާއިރުއެވެ. ޕިޔޯނު އައިސް އަޅުގަނޑުމެން ދެމީހުން އެކުގައި ދާޚިލިއްޔާ(އ) އަށް ގެންގޮސްފިއެވެ. ސެކްރެޓެރީ ސައިކުރާ ޖަޢުފަރު އެންގެވީ މިމަހުގެ 12 ވަނަ ދުވަހު ކަލޭމެން ސަރުކާރުން ވަކިކުރައްވައފިކަމަށް ވަޒީރުލްއަޢުޡަމް އޮފީހުން އަންގަވައިފިކަމަށެވެ. މިހާރު ޖަލުން ނަންގަވައި ގޭގައި ބަންދުކުރެއްވީއެވެ. ލޮނު ޅަހުއްތު އަތްބަލާފައި ބުނީ، ކިހާބޮޑު ތެދެއްހެއްޔެވެ؟ ސާދަ ފަނަރަ އަހަރު އުޅުނު ސަރުކާރުން މިއަދު ވަކިކުރެއްވީއެވެ. އެވަގުތު ޢަބްދުއްސައްތާރު ފެންކަޅިވީތަން އަޅުގަނޑު ދުށީމެވެ. ވަކިވި ތާރީޚުވެސް އަހާލައިގެން ނޯޓުކުރަނިކޮށް ދުށީމެވެ. އަޅުގަނޑު ކުރެން ވަކިވި ތާރީޚު ބޭނުންތޯ އެއްސެވުމުން ބޭނުމެއްނޫނޭ ނަންގަތީމެވެ. މިހާ ދުވަހު ސަރުކާރުގައި އުޅެފައި އަޅުގަނޑު ނޯޓުކުރަންވީ ވަކިވި ތާރީޚުހެއްޔޭ ހިތަށްއެރިއެވެ. ސަރުކާރުން މިވަކިވީއެވެ. ދެން އެކަން އެދިޔައީއެވެ.

ޕިޔޯނު އަޅުގަނޑު ގެނެސް ގެއަށް ލައިފިއެވެ. އަޅުގަނޑުގެ ބޮޑުބޭބެ ހިންގަމުންދާ ވަޑާންގޭތެރޭގައި މަންމަ ހުއްޓެވެ. ދޮންކަމަނަ ކުނިކަހަން އުޅެއެވެ. އަޅުގަނޑު ފެނުމާއެކު ދޮންކަމަނަ އައިސް، ހުވަފެނުގައި ހަމަ ފެނުނު ގޮތަށް އަޅުގަނޑާ އޮޅުލައިގަތެވެ. މަންމަވެހެވެ. ޙަމީދުކޮއްކޮވެހެވެ. އަޅުގަނޑަށްވެސް ރޮވިއްޖެއެވެ. އަޅުގަނޑު ބުނީމެވެ. “މަންމާއެވެ. ދެން ރޯނެކަމެއް ނެތެވެ. މިކަންތައް މިނިމުނީއެވެ.” އިރުކޮޅަކުން ދޮންކަމަނަ އިނދެގެންއުޅޭ ޙަސަން މަނިކު ފެނިއްޖެއެވެ. މިއޮތް ހުރިހާ ދުވަހު އަޅުގަނޑުގެ ބަރު އުފުލީ އޭނާއެވެ. އަޅުގަނޑަށް އޭނާއާ ހިފައިގަނެ ރޮއިގަނެވިއްޖެއެވެ. މިއޮތްހާ ދުވަހު ހިފަހައްޓައިގެން ހުރި ކަރުނައެއް މިއަދު އޮހޮރާލަން ޖެހުނީއެވެ.

ބޯކޮށާލައިގެން، ފެންވަރާލައިގެން ވަޑާންގެ ބަލާލާފައި އައިސް އެނދުގައި އޮށޯވެލައިގެން ވަރުބަލި ފިލުވާލަން އޮތީމެވެ. މެންދުރު ވިތަނާ ލޯ ހުޅުވާލެވުނީ ފެހި ހެދުމެއް ކުރިމަތީގައި ހުއްޓައެވެ. އެއީތޯއެވެ؟ އަޅުގަނޑުގެ ރެޔާއި ދުވާލުގެ ހުވަފެނެވެ. ޙަޤީޤަތުގެ ޢާލަމުން ފެނުނީއެވެ. ހިތަށް ލިބުނު ހިތާމަވެރި އުފަލެއްގެ ސަބަބުން އެއްގޮތަކަށްވެސް ނުހިފެހެއްޓިގެން އަނެއްކާވެސް ކަރުނަތައް ފައިބައިގަތެވެ.

About the author
Leave Comment