(ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. މިއީ، މީލާދީން 1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19، 20، 21، މި ތިން ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެވެ.)…

 

(ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.

މިއީ، މީލާދީން 1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19، 20، 21، މި ތިން ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެވެ.)

ރިޝްވަތުގެ ބާރަށް ހެއްލިގެން ރޭވޭ ދޮގަކީ ދޭ ފަރާތާއި ހިފާފަރާތް ފިޔަވައި، ތިންވަނަ ދަރާތެއްގެ ޙައްޤުން އެއްޗެއް ފޭރިގަތުމަށް ޓަކައި ހެދޭ ދޮގަކަށް ވާނަމަ، ރިޝްވަތު ދޭ ފަރާތާއި ހިފާ ފަރާތުގެ މަސްއޫލިއްޔަތާއި ކުށް، ވަކިން އިތުރުވާނޭ ކަމެއްކަން ވަންހަނާ ވެގެންނެއް ނުވެއެވެ. އާދަވެގެން މީހުން ދޮގުހަދައި، އުޅެނީ ދުނިޔޭގެ މަޞްލަޙަތެއް ގެނައުމަށެވެ. ނުވަތަ ގެއްލުމެއް ދަފާ ކުރުމަށެވެ. އަދި ވާހަކައިގެ މަޖާ ގެނައުމަށް ނުވަތަ އަޑުހައާން ތިބި ބަޔަކު ހެއްވައިލުމަށް ވެސް މީހަކު ދޮގުހަދައި ފާނެއެވެ. އަދި ރުޅިއަރާ މީހަކަށް ބޮނޑިއެއް ދޭން ނުވަތަ ކެހިވެރިކަމުގެ މަޅިފައްޗެއް ބަރާބަރުކޮށްލުމަށް ވެސް މީހުން ދޮގުހަދައި ފާނެއެވެ. މިއިން އެއް ރޮނގަކުން ވެސް ދޮގެއް ހެދުމަކީ ނަތީޖާ ރަނގަޅުކަމަކަށް ނުވާނެއެވެ. ދޮގުގެ ނުބައިކަމުގެ ވަޒަނާއި ޢުޤޫބާތުގެ މިންވަރު އުފުލެމުންދާނީ އެ ދޮގުގެމައްޗަށް ތަރުތީބުވާ ގެއްލުމެއްގެ ނިސްބަތުންކަން އެނގެއެވެ. ދީނުގައި ދޮގުހެދުން ހުއްދަވާނީ ދެމެދެއްގައިވާ ފަސާދައެއް ފިލުވައިލުމުގައްޔާއި، އަނބިދަރިންގެ މެދުގައި ޞުލްޙައެއް ގެނައުމަށް ޓަކައެވެ. މިފަދަތަނއްގައި ވެސް ދޮގު ބޭނުން ކުރުން ހުއްދަވާނީ ކިރިޔާ ފުދޭ މިންވަރަށް ވިހަޔާއި ޒަހަރު ބޭނުންކުރާ ގޮތުގެމަތީންނެވެ. ދެން ދުޝްމިނުންނާއި ދެމެދުގައި ހިނގާ ހަނގުރާމައިގައި، ހަތިޔާރެއްގެ ގޮތުން ދޮގުބޭނުން ކުރުން ބައެއްޙަލަތުގައި ހުއްދައެވެ. އެހެންނާ ދޮގުހެދުމަކީ ދީނީ ގޮތުން، މީހާ އެކިވަރުވަރުން ފާފަވެރިވާ ޙަރާމް ކަމެކެވެ. އަދި އެކަމަކީ މުޅި ޖަމާޢަތަށް އެކި ފަރާތަށް އެކި މިންވަރަށް އަނދިރި އެޅި ގެއްލުން އުފެދޭ ކަމެކެވެ.

މުނާފިޤުކަމަކީ ޝަރީކު ކުޅައިންފަދަ ނުވަތަ އެއަށްވުރެވެސް ސުންޕާކަމެކެވެ. އެހެންކަމާއެކުގައި މުނާފިޤުންގައި އެންމެ ޚާއްޞަކަން ބޮޑު ސިފައަކީ ދޮގުހެދުމެވެ. ދުލުންނާއި ޢަމަލުންނެވެ. އެއީ ދޮގާއި ނުލައި ނިފާޤުކަމުގެ ދައުރު ހިންގޭނޭ މަގެއް ޢަމުދުން ވެސް ނުއޮންނާތީއެވެ. ވުމާއެކު ކޮންމެ މުނާފިޤަކީ ދޮގުވެރިއެކެވެ. ކޮންމެ ދޮގުވެރިއެއްގައި މުނާފިޤުކަން ނެތި ދިއުމީ ވެސް އެކަށީގެންވާ ކަމަކަށް ނުވެއެވެ.

ތެދުބުނުމާއި ދޮގުހެދުމާއި، އެއީ އިދިކޮޅު ދެ ސިފައެކެވެ. ދެސިފަ މެދުގައިވާ ތަފާތަކީ އުޑާ ބިމުގެ ތަފާތެވެ. ކަޅު އަނދިރި ރޭގަނޑާއި ސާފު އުޖާލާ ދުވާލާއި މެދުގައި ހުންނަ ތަފާތެވެ. ވުމާއެކު މި ދެ ސިފަ އެއްގަލަކަށް އެރުވޭނޭ މަންތަރެއް އަޅުގަނޑަކަށް ނުފެނެއެވެ.

އެއީ ވެސް އިންސަނުންނެވެ. މާތް ﷲގެ އަޅުންނެވެ. ހަމައެކަހަލަ އިންސާނުން މެއެވެ. ވުމާއިއެކު ސާހިބުވަންތަ ރަސްކަލާނގެ ޙަޟްރަތުގައި ދެބައި މީހުންގެ ތަފާތެއް އޮތްތޯ ވިސްނައި ބަލައިލުން ރަނގަޅެވެ. މީސްތަކުންގެ ގާތުގައި އޮތް ތަފާތެއް ހޯދުމަކަށް މާނައެއް ނެތެވެ. އެގޮތަކީ ދުނިޔެވީ މުޖުތަމަޢުތަކުގައި ދެބައި މީހުންގެ މެދުގައި މާބޮޑު ތަފާތެއް އޮންނަ ކަމަކަށް ނުފެނެއެވެ. ޚާއްޞަކޮށް ދިވެހި މުޖުތަމަޢުގައި ގިނަފަހަރަށް ތަރުޙީބު ލިބި ޤަދަރު އުފުލޭކަމަށް މިހައިތަނަށް ވެސް ފެންނަނީ ދޮގުވެރީންނާއި ދެފުށްދެގޮތް މީހުންނެވެ. ޢަމުދުން ރިވެތި ފަށުވި ބަސްތަކުން ގަތައިލެވޭ ލާދަލެއްގެ އަނެއް ފުށުގައި ތިބޭން ލިބުނިއްޔާއެވެ. ފޭރާން ދޯހަޅިކަމުން ކަޅިއެއްލާ މީހުންނަށް، ދެފުށް އެއްފަހަރާ ފެންނަކަމަށް ވިޔަސް ހަމައެވެ. މިހެންވެ އަޅުގަނޑުމެންނަށް މިތާގައި އައުލާކަން ބޮޑީ ﷲގެ ޙަޟުރަތުގައި ތަފާތެއް އޮތްތޯ، އެއީ ދެމެދުގެ ރާސްތާގައި ކިހާފުޅާކަމެއް އޮތްތޯ ބަލައިލުމެވެ. ބަލައިހޯދަން އޮތީ ހަމަ އެންމެ ދެ މަގެވެ. އެއްވަނައީ ހަމަސީދާ ﷲގެ ބަސް ވަޙީއާއި ކަލާމްފުޅެވެ. ކީރިތި ޤުރްއާނުގެ އަލި އުޖާލާ މަގެވެ. ދެން އިތުރު ބަޔާނާއި ޤުރްއާނުގެ ތަފްޞީލާއި ޝަރަޙަ އުނގަންނަވައިދެއްވުމަށް ވަހީގެ ވަސީލަތް ދެއްވާފައި ފޮނުއްވި ރަސުލާއި ސުންނަތާއި ޙަދީޘްފުޅުތަކެވެ. ދެ ފަރާތަށް ބަލައިލުމުން ހޯދަން އުޅޭ ޙަޤީޤަތް އެއްވެސް ނިވަލަކާއި ނުލައި މިއޮތީ ފެންނާށެވެ. والحمدلله އެވެ.


(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment